ހޮނިހިރު20171014

އާކުރެވުނީ: 09:46:14

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ތިމާވެށި ޠަބީޢީ ކާރިޘާތަކުގެތެރެއިން ހަރިކޭން

ޠަބީޢީ ކާރިޘާތަކުގެތެރެއިން ހަރިކޭން

hurricane Katrina main

ނޯޓް: މިއީ 2005 ޑިސެމްބަރުގައި ކަވާސާގައި ޝާއިޢުކުރެވިފައިވާ ލިއުމެކެވެ. ނަމަވެސް 2010 ވަނަ އަހަރުން ފެށިގެން ލިޔުން ގެއްލިފައި އޮތުމަށްފަހު، 2017 ގައި އަލުން ޝާއިޢުކުރެވުނީއެވެ. އެހެން ކަމުން، އޭގެ ފަހުން އައިސްފައިވާ ބޮޑެތި ހަރިކޭންތަކާ ބެހޭ ވާހަކައެއް ނެތެވެ. 

ހަރިކޭން (Hurricane) އަކީ، ޚައްޠު އިސްތިވާ ކައިރީގައި، ކަނޑުގެ ހޫނުކަން މައްޗަށްދާ ސަރަހައްދުތަކުގައި އުފެދޭ، އެނބުރެމުންދާ ވަރުގަދަ ޠޫފާންތަކަށް ކިޔާ ނަމެކެވެ. ހަރިކޭންއަށް ކިޔާ އުޅޭ އަނެއް ނަމަކީ ޓްރޮޕިކަލް ސައިކްލޯން (Tropical Cyclone) އެވެ.

ހަރިކޭންގެ ތެރޭގައި، އެނބުރެމުންދާ ވަރަށް ބާރުގަދަ ވަޔާއި، (އެންމެ މަދުވެގެންވެސް ގަޑިއަކު 74 މޭލުގެ ބާރުމިނުގައި ވައިޖެހެމުންދާނެ) ބޯވިއްސާރައާއި، ވައިގެ ދަށް ޕްރެޝަރާއި (Low air pressure) ގުގުރި އާއި ވިދުން އެކުލެވެއެވެ. ހަރިކޭންގެ ޠޫފާނީ ރޯޅިތައް އެނބުރެމުންދާނީ ގަޑީގެ ކަށިއެނބުރޭ ކޮޅާއި އިދިކޮޅަށް، މެދުގައިވާ ލޮލޭ ކިޔޭ ހިމޭން ސަރަހައްދުގެ ވަށައިގެންނެވެ.

މިކަހަލަ ޠޫފާނެއް ހުޅަނގު ޕެސިފިކް ކަނޑުގައި އުފެދިއްޖެނަމަ އެއަށް ކިޔައި އުޅޭ ނަމަކީ ޓައިފޫން (Typhoon) އެވެ.

ކަނޑުގައި މިގޮތަށް އުފެދޭ ޠޫފާންތައް، އައްސޭރިފަށަށާއި، ހިކިފަސް ސަރަހައްދުތަކަށް ދަތުރުކޮށް، އޭގެ ވިއްސާރައާއި، ގަދަވަޔާއި، އެއިން އުފައްދާ ބޮޑެތި ރާޅުތަކުން މީހުންނަށާއި ތަންތަނަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރެއެވެ. ނަމަވެސް، އެއްގަމަށް އެރުމުން، ނުވަތަ ކަނޑުގެ ފިނި ހިސާބަށް ދިއުމާއިއެކު، ހަރިކޭންގެ ބާރު ވަރަށް އަވަހަށް ދަށަށްޖެހި، ރޫޅިގެންދެއެވެ. އެއީ މިފަދަ ޠޫފާންތައް ދެމިއޮތުމަށް ބޭނުންވާ ދަރަކީ، ހޫނުފެންކަމަށް ވާތީއެވެ.

ދުނިޔޭގައި އަހަރަކު ގާތްގަނޑަކަށް 100 ޓްރޮޕިކަލް ސައިކްލޯނު އުފެދެއެވެ. އޭގެތެރެއިން 12 އެއީ އެޓްލާންޓިކް ކަނޑުގައި އުފެދޭ ޠޫފާންތަކެވެ. 15 އެއީ އިރުމަތީ ޕެސިފިކް ކަނޑުގައި ހެދޭ ޠޫފާންތަކެވެ. ބާކީބައި އެއީ އެހެނިހެން ސަރަހައްދުތަކުގައި އުފެދޭ ޠޫފާންތަކެވެ.

މޫސުން ކިޔައިދޭ ޗާޓުތަކުގައި ހަރިކޭންއަށް ބޭނުންކުރެވޭ ރަމްޒަކީ hurricsym1 މިއެވެ. 

ހަރިކޭންއެއްކަން އަންގައިދިނުމަށް ކަނޑުމަތީގައި ބޭނުންކުރެވޭ ދިދަ ހުންނާނީ hurricsym2 މިހެންނެވެ.


ހަރިކޭން އުފެދެނީ ކިހިނެއް؟

ހަރިކޭންއެއް އުފެދުމަށް އަންނަނިވި ކަންކަން ބޭނުންވާނެއެވެ.

- ވައިގެ ދަށް ޕްރެޝަރ
- ފިނިހޫނުމިން މައްޗަށް ދިއުން
- ކަނޑުގެ ވައިގެ ތެތްކަން މައްޗަށްދިއުން
- އިސްތިވާއީ ވައިޖެހުން (ޚައްޠު އިސްތިވާއާއި ކައިރި ސަރަހައްދެއް ކަމުގައިވުން)

ހަރިކޭން އުފެދެނީ، ޓްރޮޕިކް ސަރަހައްދުތަކުގައި، ކަނޑުގެ ސަޠަޙައިގެ ހޫނުމިން އެންމެ މަދުވެގެންވެސް 27 ޑިގްރީ ސެންޓިގްރޭޑަށް ގޮސްފައިވާ، 8 ދަރަޖައާއި 20 ދަރަޖައާއި ދެމެދުގެ ލެޓިޓިއުޑް ތަކުގައެވެ.

ޢާންމުގޮތެއްގައި މި ޠޫފާން އުފެދެނީ ޖޫންމަހާއި ނޮވެމްބަރ މަހާއި ދެމެދުގައެވެ. މިދުވަސްވަރަށް ހަރިކޭން މޫސުމްއޭ ކިޔައިއުޅެއެވެ. މިވަރުގަދަ ޠޫފާންތައް ދަމަހައްޓައިދެނީ، ފެނުގެ އާވި ކޮންޑެންސްވާއިރު ބޭރުވާ ހޫނު ހަކަތައިގެ ސަބަބުންނެވެ.

ހަރިކޭން އެއް އުފެދޭއިރު އެތަށް މަރުހަލާއެއް ކަޑައްތުކުރެއެވެ. އެއީ:

- ހަރިކޭން ފުރަތަމަ ފެށްޓެނީ ޓްރޮޕިކަލް ރާޅެއްގެ (wave Tropical) ގޮތުގައެވެ. އެއީ ހުޅަނގަށް ދަތުރުކުރާ ވައިގެ ދަށް ޕްރެޝަރގެ ސަރަހައްދެކެވެ.

- ވައިގެ ދަށް ޕްރެޝަރގެ ސަރަހައްދުގައި، ކަނޑުތަކުގެ މަތީގައި ހުންނަ ހޫނުވައި މައްޗަށް އަރައިގެންދާއިރު، މަތީގައި ހުންނަ ފިނިވައި، ހޫނުވައި ކުރިން ހުރިތަން ފުރަން އާދެއެވެ. މިކަމުގެ ސަބަބުން ވައިގެ ވަރުގަދަ ކަރަންޓާއި، ބޯ ވާރެއާ، ގުގުރިވިލާތައް އުފައްދައެވެ. މިހާލަތަށް ކިޔައިއުޅެނީ ޓްރޮޕިކަލް ޑިސްޓާބޭންސް ((Tropical disturbance) އެވެ.

- ވައިގެ ޕްރެޝަރ ދަށަށް ދަމުންގޮސް، ވައިޖެހޭ ބާރުމިން ގަޑިއަކު 38 މޭލުގައި ސާބިތުވުމުން އެއަށް ކިޔެނީ ޓްރޮޕިކަލް ޑިފްރެޝަން  (depression Tropical) އެވެ.

- ޠޫފާނީ ވައިގެ ބާރުމިން ގަޑިއަކު 39 މޭލާއި 73 މޭލާއި ދެމެދަށް ދިއުމުން، އެމަރުހަލާއަށް ކިޔައިއުޅެނީ ޓްރޮޕިކަލް ސްޓޯރމް (Tropical storm) އެވެ. ހަރިކޭންއަކަށް މިޠޫފާނުގެ ނަން ބަދަލުވާނީ ގަޑިއަކު 73 މޭލަށްވުރެ ވައިގެ ބާރުގަދަވުމުންނެވެ.

ހަރިކޭން ނިމުން:

އެއްގަމަށް ނުވަތަ ފިނިފެން އެކުލެވޭ ސަރަހައްދުތަކަށް ހަރިކޭން ދިއުމުން، އެ ދަމަހައްޓަން ބޭނުންވާ ހަކަތަކަމުގައިވާ ހޫނުފެން ގެއްލި، ޠޫފާނުގެ ބާރު ވަރަށް އަވަހަށް ދެރަވެ، ނިމިގެން ދެއެވެ.

ހަރިކޭންގެ އެކުލެވުން:

ހަރިކޭންގެ ވައި ޖެހެމުންދާނީ، އޭގ މެދުގައި ވަށްކޮށް ހުންނަ، ވަށައިގެންވާ ސަރަހައްދުތަކަށްވުރެ ބާރުދެރަ ނުވަތަ ހިމޭން ސަރަހައްދުގެ ވަށައިގެން، ގަޑީގެ ކަށި އެނބުރޭ މިސާރާބާއި އިދިކޮޅަށެވެ. ކުރިން ދެންނެވުނު މެދުގައިވާ ސަރަހައްދަށް ކިތަނީ ހަރިކޭންގެ ލޯ (Eye) އެވެ. ގާތްގަނޑަކަށް 20 މޭލާއި 30 މޭލު ފުޅާމިނުގެ ލޮލުގެ ސަރަހައްދު ނިސްބަތުން މައިތިރިވެފައި، ވާރޭއެއް ނުހުންނާނެއެވެ. ނުވަތަ ހުއްޓަސް ހުންނާނީ ވަރަށް މަދުންނެވެ. ޠޫފާނުގެ އެންމެ ހޫނުތަނަކީ އޭގެ ލޮލެވެ.

ލޮލުގެ ވަށައިގެންވަނީ ލޮލުގެ ފާރު ނުވަތަ އައިވޯލްއެވެ. މިއީ ގުގުރި އެކުލެވޭ ވިލާތަކެކެވެ. ޠޫފާނުގެ އެންމެ ބޯ ވިއްސާރައާއި، އެންމެ ގަދަފަދަ ވައި ހިމެނެނީ މިބައިގައެވެ. ވަރުގަދަ ޠޫފާންތަކުގައި، މިހިސާބުގައި ހުންނަވައި ގަޑިއަކު 255 މޭލަށްވެސް އަރައިގެން ހިނގައިދާނެއެވެ. ލޯކުޑަވިވަރަކަށް، ޠޫފާނުގައި ހިމެނޭ ވައިގެ ބާރުގަދަވާނެއެވެ. ވައި އެނބުރެމުންދާނީ، ޠޫފާނުގެ ޕްރެޝަރ ދަށް ސަރަހައްދުކަމުގައިވާ ލޮލާއި ދިމާއަށް، ގަޑީގެ ކަށްޓާއި އިދިކޮޅަށެވެ.

ވާރޭ ވިލާތަކުގެ ދިގު ބޭންޑުތައް، ލޮލުގެ ފާރާއި ދިމާއަށް އެތެރެއަށް ދަތުރުކުރަމުންދާނެއެވެ. މިއަށް ކިޔަނީ، ސްޕައިރަލް ރެއިންބޭންޑްސް  (rainbands Spiral) އެވެ. ހަރިކޭންއެއްގެ ފުޅާ މިނުގައި އެތަށް ސަތޭކަ މޭލެއް ހުރެދާނެއެވެ.

ޢާންމުގޮތެއްގައި ހަރިކޭން އެއްގަމުގައި ނުވަތަ ކަނޑުގައި ދަތުރުކުރަމުންދާނީ ނިސްބަތުން މަޑު ދުވެއްޔެއްގައެވެ. ގާތްގަނޑަކަށް ގަޑިއަކު 20 އާއި 25 މޭލުގައެވެ.

hurricsym strcތިބާ، ހަރިކޭން ދަތުރުކުރަމުންދާ ކޮޅަށް އެނބުރިގެން އިންނަމަ މިކަންތައް ހަނދާނުގައި ބަހައްޓާށެވެ. މައިގަނޑުގޮތެއްގައި އޭގެ އެންމެ ބާރުވައި ހުންނާނީ، އޭގެ ކަނާތްފަރާތުގައެވެ. އެންމެ ބޯ ވިއްސާރަ ހުންނާނީ އޭގެ ވާތްފަރާތުގައެވެ.

ހަރިކޭން ކެޓަގަރީ ކުރުން

ހަރިކޭންގެ ވައިޖެހޭ ބާރުމިނަށް ބަލައިގެން 5 ބަޔަކަށް ނުވަތަ ކެޓަގަރީއަކަށް މިޠޫފާން ބަހާލެވެއެވެ. މިބައިކުރުމަށް ކިޔައި އުޅެނީ، ސަފިރް-ސިމްޕްސަން ހަރިކޭން މިންގަނޑެވެ. އެއީ މިމިންގަނޑު އީޖާދުކުރި ހާރބް ސަފިރްއާއި ރޮބަރޓް ސިމްޕްސަންގެ ނަމަށް ނިސްބަތްކޮށްގެންނެވެ.

ކެޓަގަރީ 1 : ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 74 މޭލާއި 95 މޭލާއި ދެމެދުގައި.
ކެޓަގަރީ 2 : ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 95 މޭލާއި 110 މޭލާއި ދެމެދުގައި.
ކެޓަގަރީ 3 : ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 111 މޭލާއި 130 މޭލާއި ދެމެދުގައި.
ކެޓަގަރީ 4 : ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 131 މޭލާއި 155 މޭލާއި ދެމެދުގައި.
ކެޓަގަރީ 5 : ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 155 މޭލަށްވުރެ މަތީގައި.

ވައިގެ ބާރުމިން ކެޓަގަރީ
ގަޑިއަކު 74 މޭލާއި 95 މޭލާއި ދެމެދުގައި 1
ގަޑިއަކު 95 މޭލާއި 110 މޭލާއި ދެމެދުގައި 2
ގަޑިއަކު 111 މޭލާއި 130 މޭލާއި ދެމެދުގައި 3
ގަޑިއަކު 131 މޭލާއި 155 މޭލާއި ދެމެދުގައި 4
ގަޑިއަކު 155 މޭލަށްވުރެ މަތީގައި 5

 

ކެޓަގަރީ 5 އަށް އަރާ ހަރިކޭންތައް އުފެދެނީ، ނަޞީބަކުން ވަރަށް މަދުންނެވެ. އަދި މިދަރަޖައަށްދާ ޠޫފާނެއްވިޔަސް، ވަރަށް ކުރު މުއްދަތަކަށްނޫނީ ދެމިއެއް ނޯވެއެވެ. އެޓްލާންޓިކް ކަނޑުގައި ފަހަކަށް އައިސް އުފެދިފައިވާ ކެޓަގަރީ 5 ގެ ބައެއް ޠޫފާންތައް ތިރީގައި އެވަނީއެވެ.

އެރިތަން
އަހަރު
ނަން
   ބަހާމާސް އަށާއި އެމެރިކާގެ ގަލްފް ކޯސްޓް (2005) ކެޓްރީނާ
ޖެމެއިކާ، މްކްސިކޯ، އެމެރިކާގެ ޓެކްސަސް (2005 ) އެމިލީ
 ކެރީބިއަން، ވެނެޒުއޭލާ،  އެމެރިކާގެ ގަލްފް ކޯސްޓް (2004 ) އިވާން
 ބަހާމާސް އަށާއި އެމެރިކާގެ އިރުމައްޗަށް (2003) އިޒަބެލް
 ހޮންޑިއުރާސްއަށާއި، ނިކަރާގުއާއަށާއި، އެލްސަލްވަޑޯރއަށާއި، ގުއަޓިމާލާއަށް ( 1998 ) މިޗް
  ފްލޮރިޑާގެ ދެކުނަށާއި ލުއިޒިއާނާގެ އިރުދެކުނަށް ( 1992 ) އެންޑްރޫ
 ކެރީބިއަން އަދި އެމެރިކާގެ އިރުމަތި (1989 ) ހޫގޯ
 ޖެމެއިކާއަށާއި މެކްސިކޯއަށް ( 1988 ) ގިލްބަރޓް
 ނިކަރާގުއާއަށް ( 1971) އެޑިތު
 މިސިސިޕީއަށާއި، ލުއިޒިއާނާގެ އިރުދެކުނަށާއި، ވަރޖީނިއާއަށް ( 1969 ) ކެމީލް
މެކްސިކޯއަށާއި ކެރީބިއަންއަށް ( 1955 ) ޖެނެޓް
ފްލޮރިޑާއަށް ( 1935 ) ލޭބާޑޭ ހަރިކޭން

 

ނޯޓް* އެމެރިކާއަށް މިއަހަރުގެ އޮގަސްޓްމަހުގައި އައި ކެޓްރީނާ ޠޫފާނު އެއްގަމަށްއައިއިރު ހުރީ ކެޓަގަރީ 4 ގައެވެ. ނަމަވެސް މިހާތަނަށް އެމެރިކާއަށް ކުރިމަތިވި އެންމެ ގެއްލުންދިން ހަރިކޭންއަކަށްވެފައިވަނީ ކެޓްރީނާކަމަށް ކަމާއިބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ.

ހަރިކޭން ދަތުރުކުރާގޮތް ހޯދާނީ ކިހިނެއް؟

ހަރިކޭންއެއް އުފެދިފައިވާ ސަރަޙައްދު ސައިންސްވެރިންނަށް ވަރަށްފަސޭހައިން ހޯދާލެވެއެވެ. އެކަމަކު ހަރިކޭންގެ މިސްރާބާއި، ދުވެއްޔާއި ބާރުއެއީ ހަމަ ކުއްލިއަކަށްވެސް ބަދަލުވަމުންދާ ކަންކަންކަމުން، ކެނޑިނޭޅި، އެއަށްވަމުންދާގޮތް ބެލުންވާނީ އެހާ ފަސޭހަކަމަކަށް ނޫނެވެ. އެހެންކަމުން، މިވެނި ހިސާބަކަށް ޠޫފާން އަރާފާނޭ އެކަމާއިބެހޭ މީހުން ބުނިކަމުގައިވިޔަސް، ކުއްލި ބަދަލަކާއިއެކު އެހެން ދިމާއަކަށް ހަރިކޭން ބަދަލުވުމަކީވެސް އެކަށީގެންވާކަމެކެވެ.

ހަރިކޭން ދަތުރުކުރާ މަގު ހޯދަނީ ސެޓެލައިޓް ފޮޓޯތަކުންނާއި ރާޑަރ އިންނެވެ.

 ޠޫފާން ދަތުރުކުރަމުންދާ ގޮތުގެ މަންޒަރު ޗާޓުން ބަލައިގެން، އެހަރިކޭން އެވަނީ ކޮންތަނެއްގައިކަން ބަލާލެވިދާނެއެވެ. ހަރިކޭންގެ މެދު ނުވަތަ އޭގެ ލޮލުގެ ލެޓިޓިއުޑްއާއި ލޮންގިޓިއުޑް ފާހަގަކޮށްލާށެވެ. ( ޗާޓުގައި ލެޓިޓިއުޑް ރޮނގުތައް ހުންނާނީ އިރަށާއި ހުޅަނގަށެވެ. ލޮންގިޓިއުޑް ރޮނގުތައް ހުންނާނީ އުތުރަށާއި ދެކުނަށެވެ.)

 ޠޫފާނެއްގެ ތަން ދައްކުވައިދޭ ކޯރޑިނޭޓުތައް ހުންނާނީ މިކަހަލަ ގޮތަކަށެވެ. hurricane cord   ފުރަތަމަ ކޯރޑިނޭޓްއަކީ، ޠޫފާނުގެ މިހާރުގެ ލެޓިޓިއުޑްއެވެ. ދެވަނަ ކޯރޑިނޭޓްއަކީ އޭގެ ލޮންގިޓިއުޑްއެވެ.

މޫސުމް ކިޔައިދޭއިރު ހަރިކޭންއަށް ބޭނުންކުރެވެނީ hurricsym1 މިފާހަގައެވެ. ޓްރޮޕިކަލް  ޠޫފާނެއްނަމަ ބޭނުންކުރެވޭނީ hurricsym3 މިފާހަގައެވެ.

 ހަރިކޭންއެއް ދަތުރުކުރަމުންދާ މަގު ބަލަމުންދާނީ ކިހިނެއް؟

 އެކިވަގުތުތަކުގައި، ހަރިކޭން ޙަރަކާތްކުރަމުންދާ މަގު ބަލައި ޗާޓުގައި ފާހަގަކުރުމަށްޓަކައި މިހެން ހަދާށެވެ.

1- ޠޫފާންގެ ލެޓިޓިއުޑް ހޯދާފައި ޗާޓުން އެތަން ފާހަގަކޮށްލާށެވެ. ލެޓިޓިއުޑް

1-އެއީ އެންމެފުރަތަމަ އެން ނުވަތަ އެސް އަކުރާއިއެކު އޮންނަ ކޯރޑިނޭޓްއެވެ. ލެޓިޓިއުޑްއިން އަންގައިދެނީ، އެތަނެއް އޮންނަނީ ޚައްތު އިސްތިވާގެ އުތުރުން ނުވަތަ ދެކުނުން ކިހާ ދުރުމިނެއްގައިކަމެވެ.

2- ޠޫފާންގެ ލޮންގިޓިއުޑް ހޯދާފައި ޗާޓުން އެތަން ފާހަގަކޮށްލާށެވެ.

ލޮންގިޓިއުޑް އެއީ ދެވަނައަށް ޑަބްލިޔޫ ނުވަތަ އީ އަކުރާއިއެކު އޮންނަ ކޯރޑިނޭޓްއެވެ. ލޮންގިޓިއުޑްއިން އަންގައިދެނީ، އެތަނެއް އޮންނަނީ ޕްރައިމް މެރިޑިއަންގެ ހުޅަނގުން ނުވަތަ އިރުން ކިހާ ދުރުމިނެއްގައިކަމެވެ.

3- ހަރިކޭންއެއްނަމަ، ފާހަގަކުރި ތަނުގައި   ކުރަހާލާށެވެ. ޓްރޮޕިކަލް ސްޓޯރމްއެއްނަމަ   ކުރަހާލާށެވެ.

4- ޠޫފާން އެހެންތަނަކަށް ބަދަލުވެގެން އަނެއްކާ ކޯރޑިނޭޓުތަކެއް ދެވިއްޖެނަމަ އެތަން ހޯދުމަށް 1 އިން ފެށްޓިގެން 3 އަށް ބުނެދެވިފައިވާ ފިޔަވަޅުތައް ތަކުރާރުކޮށްލާށެވެ.hurric trac

މަތީގައިވާ ކޯރޑިނޭޓުތައް ފާހަގަކުރުމުން، ޠޫފާން އައިސްފައިވާތަނަކަށް ފެންނަނީ ކިއުބާ

 
ހަރިކޭންއަށް ތައްޔާރުވާނީ ކިހިނެއް؟

މޫސުމާއިބެހޭ ފަރާތްތަކުން، ހަރިކޭންއެއް އަންނަން އުޅޭކަމަށްވާނަމަ އެކަމާއިބެހޭ އިންޒާރު ދޭނެއެވެ. މިފަދަ ކަމެއް އުޅޭނަމަ އަބަދުވެސް މޫސުމަށް ވަމުންދާގޮތް ބަލަމުންދާން ޖެހޭނެއެވެ. ޚަބަރު އަޑުއެހުމަށް އެންމެ ރަނގަޅުވާނީ ބެޓެރި ލައްވާ ރޭޑިއޯއެއް ގެންގުޅުނިއްޔާއެވެ. އެއީ ޠޫފާނުގައި ކަރަންޓު  ކެނޑުމާއި ، ފޯނުފަދަ މުވާޞަލާތީ ވަސީލަތްތައް ފެއިލުވުމަކީ ވަރަށް ޢާންމުކަމެއްކަމަށްވާތީއެވެ.

 ޠޫފާނެއް ކުރިމަތިވެއްޖެނަމަ ކަންތައް ކުރާނެގޮތް ކުރީބައިގައި ރާވާލާފައި އޮންނަންވާނެއެވެ. އޭގެތެރޭގައި، ތަންދޫކޮށްފައި ދާންޖެހިއްޖެނަމަވެސް ހެދޭނެގޮތްތައް ހޯދާފައި ބަހައްޓަންވާނެއެވެ.

ގިނައިން ބޯފެނާއި، ކާނެ އެއްޗިހި އެއްކުރާށެވެ. އަލިކުރަން ޓޯޗު ބައްތިފަދަ

އެއްޗިހި ގެންގުޅޭށެވެ. ގޭގެ ބިއްލޫރި ދޮރުތަކުގައި ޕްލައިވުޑް ފިލާ ހަރުކޮށް ދޮރުތައް ސަލާމަތްކުރެވޭނެ ގޮތްތައް ހަދާށެވެ. ގެ މައްޗަށް ވެއްޓޭގޮތަށް ކައިރީގައި ގަސް އެއްޗިހި ހުރިނަމަ އެކަމަށްވެސް ޙައްލެއް ހޯދަން ޖެހޭނެއެވެ. ގޮނޑިފަދަ އެއްޗިހި ގޭތެރެއަށް ވައްދާފައި ބަހައްޓާށެވެ.

ވަރުގަދަ ހަރިކޭންއަކަށްވެފައި، ދިރިއުޅޭ ސަރަޙައްދުގެ ކަނޑުގެ އައްސޭރިއަކީ ތިލަތަނެއްކަމަށްވާނަމަ، ޠޫފާނާއިއެކު ބިޔަ ރާޅުތައް އައިސް ފެންބޮޑުކޮށްލާނެކަމަށް ވިސްނަން ޖެހޭނެއެވެ.

 ޠޫފާނުގެ ރާޅު

ހަރިކޭންއެއް އައްސޭރިފަށަށް އައިސް، އެއްގަމާއި ދިމާއަށް ދަތުރުކުރަން ފެށްޓުމުން އިނގިރޭސިބަހުން އެއަށްކިޔައި އުޅެނީ ލޭންޑްފޯލްއެވެ.

ޠޫފާނުގެ ރާޅަކީ، އޭގެ ގަދަ ވަޔާއިއެކު އުފައްދާ ބިޔަ ރާޅުތަކެކެވެ. ތިލަ އައްސޭރިއެއްނަމަ މިގޮތަށް އަންނަ ރާޅުގެ އުސްކަން ބޮޑުވާނެއެވެ. އަދި ބިންތިރި ހިސާބެއްނަމަ، މިފަދަ ރާޅުތަކުގެ ސަބަބުން ރަށުތެރޭގައި ވަރަށްފުނަށް ފެންބޮޑުވުމުގެ ނުރައްކާ އޮންނާނެއެވެ. ހަރިކޭންގެ ސަބަބުން ފުރާނައަށް އެންމެބޮޑަށް ގެއްލުންލިބެނީ މިގޮތަށް ފެންބޮޑުވުމުގެ ސަބަބުންނެވެ. ޠޫފާން އަންނަވަގުތާއި ދިޔަވަރު ބޮޑުވާ ވަގުތާއި ދިމާވުމަކީވޭސް، ރަށުތެރެއަށް ރާޅުތައް ބިންދާލުމަށް ފުރުޞަތު ބޮޑުވެގެންދާ ކަމެކެވެ. ގަދަ ޠޫފާންތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް ފޫޓަށް ރާޅުހުރެއެވެ. އެއަށްވުރެ ބާރުގަދަ ޠޫފާނެއްނަމަ މާއުސްކޮށްވެސް ރާޅުއުފެދިދާނެއެވެ.

1985 ވަނަ އަހަރު ފްލޮރިޑާއަށް އައި އޯޕަލް ހަރިކޭންގައި، 24 ފޫޓުގެ ރާޅު އުފެދުނެވެ.

 ޓްރޮޕިކަލް ޠޫފާންތަކާއި ހަރިކޭންތަކަށް ނަން ކިޔަނީ ކިހިނެއް؟

 ހަފުތާއަކަށް ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހަށް ހަރިކޭންއެއް ދެމިއޮވެދާނެއެވެ. އަދި ހަމަ އެއްވަގުތެއްގައި އެއް ޠޫފާނަށްވުރެ ގިނަ ޠޫފާންތައްވެސް އުފެދިދާނެއެވެ. އެހެންވެ އެއް ޠޫފާނާއި އަނެއް ޠޫފާން އޮޅުންއެރިޔަނުދިނުމަށްޓަކައި މޫސުން ކުރިއަށްލަފާކުރާ ފަރާތްތަކުން ކޮންމެ ޠޫފާނަކަށްވެސް ޚާއްޞަނަމެއް ބޭނުންކުރެއެވެ. ކޮންމެ އަހަރެއްގެ މޫސުމުގައިވެސް އަންނަ އެންމެފުރަތަމަ ޓްރޮޕިކަލް ޠޫފާންއަކަށް ދެވެނީ އޭ އަކުރުން ފެށްޓޭ ނަމެކެވެ. އެއާއިވިދިގެން ދެވަނައަށް އުފެދޭ ޠޫފާނަށް ނަންދެވެނީ ބީ އިން ފެށްޓޭ ނަމަކުންނެވެ. މިގޮތަށް، ޠޫފާންތަކަށް ކޮންމެ އަހަރަކުވެސް ނަންދެވެނީ އިނގިރޭސި އަލިފުބާގެ އަކުރުތަކުގެ ތަރުތީބުން، ޖިންސަކަށްފަހު އަނެއްޖިންސުގެ ނަމެއް އަންނަގޮތަށެވެ.

ޠޫފާންތަކަށްދޭނެ ނަންތައް ކުރީބައިގައި ތައްޔާރުކޮށް ލިސްޓުކުރަނީ، ދުނިޔޭގެ މީޓިއޯރޯލޮޖިކަލް އޮގަނައިޒޭޝަން އިންނެވެ.

ޠޫފާންގެ ވައިގެ ދުވެލި ގަޑިއަކު 39 މޭލަށް ނުވަތަ އެއަށްވުރެ މައްޗަށް ހިނގައްޖެނަމަ އެއަށް އަވަހަށް ނަންދެވެއެވެ. މިގޮތަށް ނަންކިޔާއިރު، އެޠޫފާނެއްގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިކުރާ ވަރުގަދަ ޠޫފާންތަކުގެ ނަންތައް،( މިސާލަކަށް އެންޑްރޫއާއި، ކެމީލް އާއި ހޫގޯ ފަދަ ނަންތައް ) އޭގެ ފަހުން އަންނަ ޠޫފާންތަކަކަށް ދެނެއް ބޭނުމެއް ނުކުރެވެއެވެ.

1940ގެ އަހަރުތަކާއި ހަމައަށް އަންނަންދެން ހަރިކޭންތަކަށް މިހާރު މިކިޔާހެން، ރަސްމީކޮށް ނަން ކިޔައެއް ނޫޅެއެވެ. އޭރު ހަމައެކަނި ނަންދެވެނީ ބޮޑެތި ޠޫފާންތަކަށެވެ. އަދި ޢާންމުގޮތެއްގައި އެއަށް ނަންދެވެނީ، އޭގެ ސަބަބުން އެންމެބޮޑަށް ގެއްލުންލިބުނު ތަނެއްގެ ނަމުން، ނުވަތަ އެޠޫފާނެއް އެރި ވަގުތަކަށް ނިސްބަތްކޮށެވެ. މިސާލަކަށް 1900 ވަނަ އަހަރުގެ ގަލްވެސްޓަން ހަރިކޭންއާއި، 1935 ގެ މަސައްކަތްތެރިންގެ ދުވަހުގެ ހަރިކޭން އެވެ.

ދެވަނަ ބޮޑުހަނގުރާމައިގެތެރޭގައި، ޕެސިފިކް ކަނޑުގައި މަސައްކަތްކުރަމުންދިޔަ އެމެރިކާގެ މީޓިރިއޯލޮޖިސްޓުން، ޓްރޮޕިކަލް ޠޫފާންތަކަށް، އެންމެފުރަތަމަ ނަންދޭން ފެށްޓީ، އެއްފަހަރާ ގިނަ ޠޫފާންތަކެއް ފޮލޯކޮށް ބަލަންޖެހުމުގެ ސަބަބުންނެވެ. ކޮންމެ ޠޫފާނެއްގެ ސަރަޙައްދު އަޑުއަހައިގެން އެހެން ޠޫފާންތަކާއި އެޠޫފާން ވަކިކޮށް ނަގައިގަތުމަށް، ވަކި ޚާއްޞަ ނަމެއް ދިނުމުން ފަސޭހަކަން އެމީހުންނަށް ފާހަގަކުރެވުނެވެ.

އެމެރިކާއިން ( ނުރަސްމީކޮށް ) ޠޫފާނަކަށް އެންމެ ފުރަތަމަ ދީފައިވާ ނަމަކީ ޖޯރޖްއެވެ. އެއީ 1947ގައި އެރި ޠޫފާނެކެވެ. ޖޯރޖްއަށްފަހު ދެން ނަންދިނީ 1949ގައި އައި ޠޫފާނަކަށެވެ. އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ހެންރީ ޓްރޫމަންގެ އަނބިކަނބަލުންގެ ފެށްޓޭނަން ބެސް ގެ ނަމުންނެވެ.

1953 ގައި، ޠޫފާންތަކަށް އަންހެން ނަންނަމުން ނަންދިނުމަށް އެއްބަސްވެވުމުގެ ކުރިންވެސް، ޠޫފާންތަކަށް ނަންކިޔާނެ ގޮތްތަކާއިބެހޭގޮތުން، އެކި އެއްބަސްވުންތައް ގެންގުޅެވުނެވެ. 1953ގައި ޠޫފާންތަކަށް ކިޔުމަށް ކަނޑައެޅުނު ނަންތަކަކީ، އެލައިސްއާއި، ބާރބަރާއާއި، ކެރޮލްއާއި، ޑޮލީއާއި، އެޑްނާއާއި، ފްލޯރެންސްއާއި، ގިލްޑާއާއި، ހޭޒެލްއާއި، އައިރިންއާއި، ޖިލްއާއި، ކެތަރިންއާއި، ލޫސީއާއި، މަބެލްއާއި، ނޯރމާއާއި، އޯރްފާއާއި، ޕެޓްސީއާއި، ކްއީންއާއި، ރޭޗަލްއާއި، ސުސީއާއި، ޓީނާއާއި، އުނާއާއި، ވިކީއާއި ވަލިސްއެވެ.

ޓްރޮޕިކަލް ޠޫފާންތަކަށް ކިޔުމަށް، 1953 އާއި 1979އާއިދެމެދު މުޅިންވެސް ބޭނުންކުރެވިފައިވަނީ އަންހެން ނަންނަމެވެ. 1979 އިން ފެށްޓިގެން، ފަހަރަކު ޖިންސަކަށް ބަދަލުވާގޮތަށް ފިރިހެން ނަންނަމާއި އަންހެން ނަންތައް ޠޫފާންތަކަށް ދޭން ފެށްޓުނެވެ.

 2005 ގެ ހަރިކޭންތަކަށް ދޭން ކަނޑައެޅިފައިހުރި ނަންލިސްޓުގެ ބައެއް:

އާރލިން ، ބްރެޓް ، ސިންޑީ ، ޑެނިސް ، އެމިލީ ، ފްރެންކްލިން، ގާރޓް، ހާރވީ،  އައިރިން، ހޯސޭ، ކެޓްރީނާ، ލީ، މާރިއާ، ނޭޓް،  އޮފީލިއާ، ފިލިޕް، ރިޓާ


 2005 ވަނަ އަހަރުގެ ކަވާސާ ސްކްރީން ޝޮޓެއް:

hurricane old screen cap1

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.