ހޮނިހިރު20171014

އާކުރެވުނީ: 09:46:14

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ތަރުބަވީ ޘަޤާފަތް 1: ގަރުބަތުމުގެ ކުރިން!

ތަރުބަވީ ޘަޤާފަތް 1: ގަރުބަތުމުގެ ކުރިން!

Tharubavee sagaafaiއަޅުގަނޑުމެން ކުރެ މީހަކުޒަމާނީ އާ އާލަތެއް ގަނެއްޖެނަމަ، އެއާލާތް ބޭނުންކުރާނެ ގޮތް ބަލައި ދަސްކުރަނީ އެއާލަތާއެކީ ލިބޭ ލުއި ފޮތުންނެވެ. ނުވަތަ ކެޓަލޮގުންނެވެ. ނުވަތަ ކުރިން އެއާލާތް ބޭނުންކޮށްފައިވާ ފަރާތްތަކާ ވާހަކަދައްކައިގެން އެއާލާތް ބޭނުންކުރާނެގޮތް އޮޅުންފިލުވަމެވެ. އެކަށީގެންވާ މިންވަރަށް އެއާލާތް ބޭނުންކުރުމާ ގުޅޭ މަޢުލޫމާތު ނުލިބި އެއާލާތް ބޭނުންނުކުރުމަށް އާލާތް އުފެއްދި ފަރާތުން ވަރަށް ގިނަފަހަރު އެދިފައި ހުރެއެވެ.

އެފަދަ އުފެއްދުންތައް ބޭނުންކުރާނޭ ގޮތުގެ މަޢުލޫމާތު ނެތި ބޭނުންކުރުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް އެއާލާތްތައް ހަލާކުވެ، މަރާމާތުކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހިފައި ހުރެއެވެ.

މިދެންނެވުނު ފަދަ އާލާތެއް ބޭނުންކުރުމަށްވުރެ ކުޑަކުއްޖަކު، ބެލެހެއްޓުމާއި ބިނާކުރުން މާ އުދަގުލެވެ. ދަރިއަކު ރަނގަޅަށް ތަރުބިއްޔަތުކޮށް ބަލައި ބޮޑުކުރުމަކީ ނުހަނު ބޮޑު ޙިކުމަތްތެރިކަމާއި އުގެނުމަށް ބޭނުންވާކަމެކެވެ. އެހެންނަމަވެސް ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންނަށް އޮންނަނީ އެކަން ޤަބޫލުނުކުރެވިފައެވެ. އެހެންކަމުން އެކަކު 7 ކުދިން 8 ކުދިން އެއްވެސް ޖެހިލުމެއްނެތި ހޯދައެވެ. އެއީ އާއިލާ ބިނާކުރުމާ ގުޅޭ މައުލޫމާތެއް ހޯދާލުމެއްނެތިއެވެ. ކަމާގުޅޭ ދިރާސާއެއް ބަލައިލުމުގެ ވިސްނުމެއް ސިކުނޑީގައި ނެތިއެވެ. އަޅުގަނޑުމެން މިހާރުވެސް މިދަނީ މިކެރުމާއި ޖޯޝުގެ ހިތި މޭވާ ބިންނަމުންނެވެ. މި ފަރުވާކުޑަކަމުގެ ނަތީޖާއަކީ ފުރާވަރުގެ އެތައް ކުދިންނެއް މަގުން ކަސިޔާރުވުމެވެ. އަދި އޭގެތެރެއިން އެތައް ކުދިންނެއް ކިޔެވުމާއި ޢަމަލީ މައިދާނުގައި ނާކާމިޔާބުވުމެވެ. އެހެންނަމަވެސް މިފަދަ އާންމު މަޢުލޫމާތާއި ހެޔޮ ތަރުބިއްޔަތުގެ މުހިއްމުކަން ބައެއް ޒުވާން މަންމައިންނާއި ބައްޕައިންނަށް އެގެމުން އަންނަކަމީ އުފާކުރުން ޙައްޤުކަމެކެވެ.

މި ވެށީގެ އޮއިވަރު އޮތީ މިކަހަލަ ގޮތަކަށް ކަމުގައިވާތީ، ދަރިފުޅު ގަރުބަގަތުގެމުގެ ކުރިން މައިންބަފައިން ކިބައިގައި ހުންނަންޖެހޭ ތަރުބަވީ ޘަޤާފަތާ ގުޅޭގޮތުން އަޅުގަނޑު އަންނަނިވި ކަންކަން ފާހަގަކޮށްލަން ބޭނުމެވެ.

ހ- ތަރުބަވީ ވެށި ބިނާކުރުމުގައި ބޭނުންވާ މަޢުލޫމާތާއި ޢަމަލީ ތަޖުރިބާއަށް އަޅުގަނޑުމެން މިކިޔަނީ ތަރުބަވީ ޘަޤާފަތެވެ. އެއީ ދަރިން ތަހުޒީބު ބައެއްގެ ގޮތުގައި ބޮޑުކޮށް ޞާލިޙު ބައެއްކަމުގައި ހަދައި އެކުދިންނަށް ކުރެވޭ ކުށްތަކާއި ކުރިމަތިވާ މައްސަލަތަކާ މުޢާމަލާތްކުރާނެ ގޮތުގެ ޢިލްމާއި ހުނަރެވެ.

ނުވަތަ ތަރުބަވީ ޘަޤާފަތަކީ ތަރުބިއްޔަތުގެ ޙަޤީޤަތް އެގިގަތުން ކަމުގައި މާނަކުރެވިދާނެއެވެ. އެގޮތުން ތަރުބިއްޔަތަކީ ދަރިންނާއި މައިންބަފައިންގެ މެދުގައި ހިނގާ މުޢާމަލާތެއްކަމާއި އެމުޢާމަލާތް ބިނާވެފައިވަނީ ޖަމާޢިއްޔަތުގެ ރޫޙު ނުވަތަ އެއްބައިވަންތަކަމުގެ ރޫޙުގެ މައްޗަށްކަން އެނގެން ޖެހެއެވެ. މިދެންނެވުނު މުޢާމަލާތް ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މަފްހޫމުތަކާއި (ކޮންސެޕްޓު) މަބްދައުތަކާއި (ޕްރިންސިޕަލްސް) އަދި މި މަސައްކަތުގައި ވާންޖެހޭ ޤުރުބާނީތަށް ދެނެގަނެވުން އެހާމެ މުހިއްމެވެ. މިދެންނެވި ބައިތަކަކީ ފުރިހަމައަށް އުގެނި ދަސްކުރެވޭ ކަހަލަ ކަންތައްތަކެއްނޫނެވެ. ދަރިފުޅު ބޮޑުވެގެން އަންނައިރު ދިމާވާ ބައެއްކަންކަމަކީ އަޅުގަނޑުމެން އެކަމުގައި ނިންމަންވީ ނިންމުމާމެދު ޙައިރާންވެ ސުވާލުތަކެއްގެ ތެރެއަށް އެއްލާލާ ކަހަލަ ކަންކަމެވެ. އެހެންވަނީ ތަރުބިއްޔަތަކީ އޭގެ ޒާތުގައި ކަވި އުނދަގޫ މަސައްކަތެއްކަމުގައިވާތީއެވެ. ނަމަވެސް ދަރިއަކު ދުނިޔެއަށް އުފަންކުރުމުގެ ކުރިން ދަރިފުޅުގެ ތަރުބިއްޔަތަށް ބޭނުންވާ އަސާސީ ވިސްނުންތަކާއި ފިކުރު އަޅުގަނޑުމެން ކިބައިގައި ހުންނަން ޖެހެއެވެ. މިދާއިރާގައި ލިޔެވިފައިހުރި ލިޔުންތަކާއި ޢިލްމީ ދިރާސާތަކާއި ލުއި ފޮތްތައް ބަލައި ކިޔައި ހަދަންޖެހެއެވެ.

ށ-ތަރުބިއްޔަތަކީ ބުރަ،އެކަމަކުމުނިއަވަސްފިލުވައިދެނެވިމަސައްކަތެކެވެ. މިމަސައްކަތުގެ ބުރަކަމާއި އުނދަގޫކަން އިޙުސާސްކުރެވެނީ އެމަސައްކަތުގައި އަޅުގަނޑުމެން ޤުރުބާނީތައްވާތީއެވެ. ހޭދަތައް ކުރާތީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭ މިންވަރުގެ ބަދަލެއް ދަރިފުޅުގެ ކިބައިން ނުފެންނާތީއެވެ. ނުވަތަ އެޤުރުބާނީއާއި ހޭދައިގެ އަސަރުތައް ދަރިންގެ ޝަޚުޞިއްޔަތުންނާއި ސުލޫކުން ފާޅުނުވާތީއެވެ. މިތަނުގައި އަޅުގަނޑު ހަދާނަށް ގެންނަން ބޭނުންވަނީ ޗައިނާ ބޭންބޫގެ ސިފައެކެވެ. އެގަސް އިންދުމަށްފަހު ހަތަރުވަރަކަށް އަހަރުވަންދެން ބިމުގެ އަޑިއަށް މޫލައެވެ. ބޭރަށް ފެންނަނީ ހަމައެކަނި ނިރެކެވެ. އެހެންނަމަވެސް ފަސްވަނަ އަހަރު އެގަހުގެ ދިގުމިން 80 ފޫޓަށް އަރައިގެން ދެއެވެ.

މިއީ ތަރުބިއްޔަތުގައި ކަންކުރަން ޖެހޭ ގޮތުގެ މައްޗަށް ހުރި ދަލީލެކެވެ. އެކަށީގެންވާ ނަތީޖާތަކެއް ނުފެނުނު ނަމަވެސް އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންވަނީ ތަރުބަވީ މަސައްކަތުގައި ކުރިއަށް ދިއުމެވެ. އަޅުގަނޑުމެންނަށް އިޙުސާސްނުކުރެވުނު ނަމަވެސް ބަދަލުތަކެއް ދަރިފުޅަށް ދާނީ އަންނަމުންނެވެ. ބައެއްފަހަރު އެބަދަލުތައް ކުއްލިގޮތަކަށް ފާޅުވެއެވެ. އެހެންކަމުން ތަރުބިއްޔަތުގެ މައިދާނުގައި ފޫހިވެ ނާއުންމީދުވާން ޖެހޭ ސަބަބެއް ނެތެވެ.

ނ- އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކުގައި ކުދި އަދި އާދައިގެ މުޖުތަމަޢުތަކުން، ތަނަވަސް ބޮޑެތި މުޖުތަމަޢަތަކަށް އަޅުގަނޑުމެންގެ މުޖުތަމަޢުތައް މިދަނީ ހަލުއިކަމާއެކު ބަދަލުވަމުންނެވެ. މިދެންނެވުނު ބަދަލަކީ ދަރިން ތަރުބިއްޔަތުކުރުމުގެ މަސައްކަތަށް ވަރަށް ގިނަ ރޮގުން އަސަރުކުރުވަނިވި ކަމެކެވެ.

ކުދި މުޖުތަމަޢުތަކުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި އެއްބައެއްގެ ދިރިއުޅުމުގައި އަނެއް ބައަކު ޙިއްސާވުން އޮންނަނީ ބޮޑެތި ތަނަވަސް މުޖުތަމަޢުތަކުގައި އެކަންކަން އޮންނަ މިންވަރަށްވުރެ ބޮޑަށެވެ. ސަބަބަކީ އެފަދަ މުޖުތަމަޢުތަކުގައި އެއްބައަކު އަނެއްބައަކާ އޮންނަ ގުޅުން ބަދަހިވުމެވެ. އަދި އެއްބައަކު އަނެއްބައެއްގެ ކެކުޅުމާއި އުދާސްތައް އިޙުސާސްކުރާ މިންވަރުވެސް ބޮޑުވުމެވެ. އެހެންކަމުން އެފަދަ މުޖުތަމަޢެއްގައި އުޅޭ އަފުރާދުން އެމީހުންގެކިބައިގައި، އަވައްޓެރިންނާއި އެކުވެރިންނާއި ގާތް ތިމާގެ މީހުންގެ ދަރިންގެ ތަރުބަވީ ޙަޔާތުގެ ޒިންމާއެއް އޮންނަ ކަމުގައި ދެކެއެވެ. މިދެންނެވި ބަހުގެ މިސާލުތައް އަތޮޅު ތެރެއިން މިއަދުވެސް ފެންނާނެއެވެ. އެހެންކަމުން އެފަދަ މުޖުތަމަޢުތަކުގައި އެންމެން ތަރުބަވީ މަސައްކަތުގައި ހިއްސާވެ އެހީތެރިވެއެވެ.

ނަމަވެސް މުޖުތަމަޢުތައް ތަރައްޤީވެ ތަނަވަސްވެ ބައިބޯވާ މިންވަރަކުން މިދެންނެވި އާދަތަކާއި ގާތްކަން ފަނޑުވަމުން ނެތިވަމުން ދެއެވެ. އެއީ ތަނަވަސް ފުޅާ މުޖުތަމަޢުތަކުގައި މީހާގެ އަމިއްލަ ކަންކަމުގެ ގޮތުގައި ބެލޭ ދާއިރާ ނުވަތަ ޒާތީ ކަންކަމުގެ އިން ފުޅާވެގެންދިއުމުގެ ސަބަބުންނެވެ. އަދި މިދެންނެވުނު ފަދަ މުޖުތަމަޢުތަކުގައި މައިންބަފައިން އެމީހުންގެ ދަރިންގެ ތަރުބަވީ ކަންކަމުގައި އެހެން މީހުންގެ އެއްވެސް ހިއްސާއެއް އޮތުމާ ދެކޮޅުހަދާތީއެވެ. މިފަދަ މުޖުތަމަޢުތަކުގައި އެއްބައަކު އަނެއްބައަކާ ވަކިވެ، އެކަހެރިވުން އޮންނަނީ ނިކަން ބޮޑު ކޮށެވެ. އަމިއްލައަށް ފުދިގެން އެހެންމީހުންނާ ވަކިން އުޅުމުގެ ރޫޙު މިދަނީ ބޮޑުވަމުންނެވެ. ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ކުރިމަތިލާފައިވަނީ އިތުރު އެކަހެރިކަމުގެ ތެރެއަށް ދިއުމަށެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ދަސްކުރަންވީ އިހުގައި ދަރިންގެ ތަރުބިއްޔަތުގައި ލިބުނު އިޖުތިމާޢީ އެހީތެރިކަން ނެތި އަމިއްލައަށް ދަރިންގެ ތަރުބިއްޔަތުގެ ކަންކަން ހަމަޖެއްސުމަށެވެ. މާލެ ފަދަ ބޮޑެތި މުޖުތަމަޢުތަކުގައި މިހާރުވެސް މިކަން އޮތީ މިހެންނެވެ. ދަރިންގެ ތަރުބިއްޔަތުގައި މުޖުތަމަޢުގެ ބައިވެރިވުމެއް މިހާރަކު ނެތެވެ. އެކަމުގެ ބުރައާއި ތަކުލީފަކީ މިފަދަ މުޖުތަމަޢުގައި ހަމައެކަނި މައިންބަފައިންގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާއެކެވެ.

ހަރުދަނާ ބަދަހި ޢާއިލާތަކެއް ނެތި ދަރިންގެ ތަރުބިއްޔަތު އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވޭނެއެވެ. އެހެންކަމުން ދަރިއެއް ހޯދުމުގެ ކުރިން ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ އަސާސްތަކެއްގެ މަތީގައި ބިނާކުރަން ޖެހެއެވެ. ކާވެނީގައި ޖެހޭ މައްސަލަތަކާއި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ބޭނުންކުރާނެ ހަމަވިސްނުމުގެ (ރޭޝަނަލް) ނިޒާމެއް ދެމަފިރިންގެ ވިސްނުމުގައި އެކަށައެޅެންޖެހެއެވެ. ދަރިންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެއްކަމުގައި ހެދުމަށް ބޭނުންވާ ތަނަވަސްކަމާއި ޤާބިލްކަން ހޯދުމަށްފަހު މެނުވީ ދަރިން ހޯދުމަކީ ބުއްދިވެރިކަމެއްނޫނެވެ.

ބ-އެކި މީހުން ދަރިން ތަރުބިއްޔަތުކުރުމުގެ ބުރަ އުފުލަނީ އެކި މިންވަރަށެވެ. ބައެއް ދަރިންނަކީ އިލާހިއްޔަ ބޮޑު ހަދިޔާއެއްކަމުގައި އެކުދިންގެ ޢާއިލާތަކަށް އިޙުސާސްކުރެވެއެވެ. އެކުދިންގެ ވިސްނުންތޫނުކަމާއި ބަސްއެހުމާއި އެކުދިންގެ ކޮއްކޮމެންގެ ތަރުބިއްޔަތުގައި މައިންބަފައިންނަށް އެހީތެރިވެދޭ މިންވަރުގެ ބޮޑުކަމުންނެވެ. އަނެއްބައިކުދިންނަކީ އެތައް އަހަރެއްވަންދެން އެކުދިންގެ ޢާއިލާތަކުގެ އުފާވެރިކަމަށް ހުރަސްއަޅާ ބައެއް ކަމުގައި ދެކެވޭތަންވެސް އާދެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދަރިންނަށް ތެދުމަގު ދައްކަވައިތޯ ގިނަގިނައިން ދުޢާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

އަޅުގަނޑު މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ތަރުބިއްޔަތުކުރުމުގައި އުދަގޫ ޠަބީޢަތްތައް ހުންނަ ކުދިންނަކީ އަޅުގަނޑުމެންގެ ތަރުބަވީ ޘަޤާފަތް ތަނަވަސްކުރުމުގެ ތަޅުދަނޑިތަކެއްކަމުގައި ހަދަމާ ބަހީއެވެ. މިސާލަކަށް ދަންނަވާނަމަ، ބޯހަރު ބަސްޤަބޫލުނުކުރާ ކުއްޖަކާ ދިމާވެއްޖެނަމަ، އެކަމުގައި އަޅުގަނޑުމެންނަށް އޮތީ ޝަކުވާކުރުމެއްނޫނެވެ. އެހެންނަމަވެސް އެފަދަ ކުއްޖަކާ މެދު މުޢާމަލާތްކުރާނެ ގޮތްތައް ބަޔާންކޮށްފައި ހުންނަ ދިރާސީ މަޢުލޫމާތު ހޯދައި ކިޔުމެވެ. ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި އިރުޝާދު ހޯދުމެވެ. އެހެންކަމުން މިފަދަ އުދަގޫ ޙާލަތްތަކަކީ އަޅުގަނޑުމެންގެ ތަރުބަވީ ޘަޤާފަތް ތަނަވަސްކުރުމަށް ލިބޭ އަގުހުރި ފުރުޞަތުތަކެއްކަމުގައި ދެކެމާ ބަހީއެވެ.

ޅ- އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި އަދި ޢާއިލީ ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ، އެހެން މީހުންވެސް ވިސްނާނީ އަޅުގަނޑުމެން ވިސްނާ ބީދައިން ކަމުގައި ޤަބޫލުކުރުމެވެ. އަދި އެމީހުންނަށް ކަންކަމާއި އެއްޗެހި ފެންނަންވަނީ އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ކަމުގައި ޤަބޫލުކުރެވުމެވެ. މިއީ ވަރަށް ބޮޑު ކުށެކެވެ. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ކުރެވޭ ކުށެކެވެ.

އަޅުގަނޑުމެންގެ ނަފްސުތަކާއި ވިސްނުންތައް ތަފާތުވާ ތަފާތުވުމަކީ އަޅުގަނޑުމެންގެ މޫނުތައް ތަފާތުވުންހާ ޙަޤީޤީ އަދި ތަބީޢީވެސް ކަމެކެވެ. މޫނުތައް ތަފާތުވުމަކީ އެކަމުގައި ގުނައި ޢަދަދު ނުކުރެވޭ މިންވަރުގެ ފައިދާއާއި ނަފާ ހުރި ކަމެކެވެ. ހަމައެފަދައިން ވިސްނުމާއި ފިކުރުގެތަފާތަކީ އެކަމުގައިވެސް އެތައް ފައިދާއެއް ލައްވާފައިވާ ކަމެކެވެ. އެހެންކަމުން ދަރިންގެ ތެރެއިން އެއްކުއްޖަކާ މުޢާމަލާތްކުރުމުގައި އަޅުގަނޑުމެން ބޭނުންކުރާ އުސްލޫބަކީ އެހެން ކުއްޖަކާ މުޢާމަލާތްކުރުމަށް އެކަށީގެންވާ އުސްލޫބެއްކަމުގައި ނުވެދާނެއެވެ. ހަމައެފަދައިން އަޅުގަނޑުމެންގެ ތަރުބިއްޔަތުގައި އަޅުގަނޑުމެންގެ މައިންމައިންނާއި ބައްޕައިން ބޭނުންކުރި އުސްލޫބުތަކަކީ އަޅުގަނޑުމެންގެ ދަރިންނާ އެކަށީގެންވާ އުސްލޫބުތަކެއްކަމުގައި ނުވެދާނެއެވެ.

އެހެންކަމުން ބޭނުންވަނީ އަޅުގަނޑުމެންގެ ތަރުބަވީ ޘަޤާފަތް މުއްސަނދިކުރުމެވެ. އެކި ކަހަލަ މިޒާޖުގެ އެކި ވިސްނުމުގެ ކުދިންނާ އެކަށީގެންވާ ތަރުބަވީ އުސްލޫބުތަކާއި އުކުޅުތައް ދަސްކުރުމެވެ. މިއީ އެހާ ފަސޭހަކަމެއް ނޫންކަން އަޅުގަނޑަށް އެގެއެވެ. އެހެންނަމަވެސް މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަން އެގޮތުގައި ނުކުރެވުނުނަމަ، މުޅި މުޖުތަމަޢު ނާކާމިޔާބުވެދާނެއެވެ. އެއް ކުއްޖަކާ މުޢާމަލާތްކުރުމުގައި ކާމިޔާބު ތަރުބަވީ އުކުޅެއް، އެހެން ކުދިންނާ މުޢާމަލާތްކުރުމުގައި ނުކުޅެދުންތެރިވުމުން ޙައިރާންވާ މައިންބަފައިން އަޅުގަނޑަށް ވަރަށް ގިނައިންފެނެއެވެ. އަޅުގަނޑު ހިތުން ޙައިރާންވާންވީ މައިންނަށް އެހާ ހަނިވިސްނުން ވިސްނޭތީއެވެ. ނުވަތަ ހުރިހާ ކުދިންނާމެދު މުޢާމަލާތްކުރުމުގައި ކާމިޔާބު އެއް އުސްލޫބު ފެނިއްޖެނަމައެވެ.

ނިންމުން:

ތަރުބަވީ ޘަޤާފަތާ ގުޅުންހުރި ފޮތްތައް ބަލައި ދިރާސާކުރުމުން އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭނީ މިކަމުގެ ބުރަކަމެވެ. މައިންބަފައިން ކިބައިން އެދެވޭ ކަންކަމުގެ ބޮޑުކަމެވެ. އެކަންކަމުގެ ބުރަކަމެވެ. ތަރުބިއްޔަތަކީ ހަފްތާގެ 7 ދުވަހު ދުވާލުގެ 24 ގަޑިއިރު ކުރަން ޖެހޭ މަސައްކަތެކެވެ. އެހެންނަމަވެސް މިކަމުގައި އަޅުގަނޑުމެން ހަދާން ބަހައްޓަންވީ މައިގަނޑު ދެނުކުތާއެކެވެ. އެއީ:

1-      ދަރިން ތަރުބިއްޔަތުކޮށް އެކުދިންނަށް ރަނގަޅު މަގު ދެއްކުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަކީ ހެޔޮ ދަރުމައާއި އަޖުރަ ލިބޭނެ ކަމެކެވެ. އެކުދިން ވުޖޫދަށް އައުމަށް މެދުވެރިވި ސަބަބަކީ އަޅުގަނޑުމެންނީމުއެވެ. އެކުދިންނަށް ހެޔޮ ގޮތް ބުނެދީ އެގޮތަށް ކަންކަންކުރުމަށް ބާރުއެޅުމުގައި އަޅުގަނޑުމެން ދެމިތިބެމުއެވެ. އެކުދިންގެ ހިތްތަކުގައި މާތްﷲއާއި އެކަލާނގެ ނަބިއްޔާގެ ލޯބި އުފެއްދުމަށް ގަދައަޅައި މަސައްކަތްކުރަމުއެވެ. އެކުދިންނަކީ ރަނގަޅު ޚުލްޤުހެޔޮ ބަޔަކުކަމުގައި ހެދުމަށް ނުހަނު ބޮޑެތި ޤުރުބާނީތައް ވަމުއެވެ. އެހެންކަމުން މާތްﷲ އެކުދިންގެ ހެޔޮ ޢަމަލުތައް އަޅުގަނޑުމެންގެ ފަތްތަކުގައި ހެޔޮ ޢަމަލުގެ ގޮތުގައި ހިމަނުއްވާނެއެވެ. އަދި މަރުވުމަށް ފަހުގައިވެސް އަޅުގަނޑުމެންނަށް އެކުދިންގެ ހެޔޮ ދުޢާއިން ދަރުމަ ލިބޭނެ ގޮތް މިންވަރުކުރައްވާނެއެވެ. މިއީ އެކުދިން ތަރުބިއްޔަތުކުރުމުގައި އަޅުގަނޑުމެން އުފުލާ ބުރައާއި ކުރާ މަސައްކަތުގެ އަގެވެ.

2-      އަޅުގަނޑުމެން ހަދާން ބަހައްޓަންވީ މިއަދު އަޅުގަނޑުމެން ކިބައިން އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ކުރަން އެދެވޭ ކަންކަމަކީ އިއްޔެ އަޅުގަނޑުމެންގެ މައިންބަފައިންގެ ކިބައިން އަޅުގަނޑުމެންނަށްޓަކައި ކުރަން އެދެވުނުކަންތަކެވެ. އަދި މާދަމާ އަޅުގަނޑުމެންގެ ދަރިން ކިބައިން އެކުދީންގެ ދަރިންނަށްޓަކައި ކުރުމަށް އެދެވޭނެ ކަންތަކެވެ. މިއީ ލިބިގަތުމާއި ދިނުމުގެ މައްސަލައެކެވެ. އެއްޖީލުން އަނެއްޖީލަށް އުފުލައިދޭ އިންސާނީ އަމާނާތެކެވެ.

ކެތްތެރިކަމާއި އެއްބައަކު އަނެއްބައަކާ ގުޅިގެން އަޅުގަނޑުމެންނަށް ވަރަށް ގިނަކަންކަން ކުރެވޭނެއެވެ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން އެކަންކަން ކުރާނަމުއެވެ. މިދެންނެވި ނުކުތާތަކަކީ ދަރިއަކު ހޯދުމުގެ ކުރިން އަޅުގަނޑުމެންކުރެ ކޮންމެ މީހެއްގެ ވިސްނުމާއި ފިކުރުގައި ހުންނަންޖެހޭ ކަންތައްތަކެއްކަމުގައި އަޅުގަނޑު ދެކެމެވެ. ދަރިންނަކީ އަމާނާތެކެވެ. އެމާނާތާ ޙަވާލުވާންވާނީ ތައްޔާރުވެ ތިބެގެނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.