ބުދަ20201202

އާކުރެވުނީ: 08:43:52

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ ވެރިންނާ ދެކޮޅުހެދުން ހުއްދަވުމާއި ހުއްދަނުވުން

ވެރިންނާ ދެކޮޅުހެދުން ހުއްދަވުމާއި ހުއްދަނުވުން

siyaasa idhikolhu

ސަރުކާރާއި އަދި އިދިކޮޅުފަރާތްތައް (Government vs opposition)، މި ދޭއްޗަކީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އަދި ޙަޔާތުގެ ޟަރޫރަތެކެވެ.  އަދި އެއީ އެއަށްވުރެ ފުޅާ އިދިކޮޅު 'ދެވަންތަ' ނުވަތަ 'ޘުނާއިއްޔާ' (ޑުއަލިޒަމް/ ޑުއަލިޓީ) ގެ ސުންނަތުގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، ހިނގާ އާއްމު ޤާނޫނަކީ 'އިދިކޮޅު ޤާނޫނު' އެވެ.

އިބްނު ޤުތައިބާ ވިދާޅުވެފައިވަނީ: "އޭގެ އިދިކޮޅު ހައްދަވާފައިނުވާ އެއްވެސް އެއްޗެއް، މާތް ﷲ ޚަލްޤުކުރައްވާފައި ނުވެއެވެ.  މިސާލަކަށް އަލިކަމާއި އަނދިރިކަން، ހުދާއި ކަޅު، ކިޔަމަންވުމާއި އުރެދުން، ހެވާއި ނުބައި، ފުރިހަމަ އާއި އުނި، ކަނާތާއި ވާއަތް، ޢަދުލާއި އަނިޔާ އެވެ."

ހުރިހާ އެއްޗެއްގައިވެސް ލައްވާފައި މިވާ 'ޘުނާއިއްޔާ' (ޑުއަލިޒަމް/ ޑުއަލިޓީ)  އަކީ އިދިކޮޅު އެއްޗެހީގެ މެދުގައި ވަޒަންހަމަވެ، އިދިކޮޅު އެކަތިން އަނެކަތި ދުރުކޮށް ދިފާޢުވުމަށް އޮތް އެއް ވަސީލަތެވެ. މިކަމަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވަނީ: {وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ} "އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލު ވަންތަވެރި ރަސްކަލާނގެއެވެ. " (އަލްބަޤަރާ:251)

ހަމައެހެންމެ އިދިކޮޅު އެއްޗެހި ހުރުމަކީ، އިދިކޮޅު ޘުނާއިއްޔާތައް (ޑުއަލިޓީ)  ދެނެގަނެ ވަކިކުރުމަށާއި ފާހަނގަކުރެވޭ ސިފަތައް އެނގުމަށާއި އަދި އޭގެ ހެވާއި ނުބައި ވަކިކުރެވޭނެ ކަމެކެވެ. މިގޮތުން އިބްނު ޤުތައިބާ ވިދާޅުވަނީ:

"މާތް ﷲ ގެ ޙިކުމަތްފުޅާއި ޤުދުރަތްތެރިކަން ފުރިހަމަވަނީ އެއްޗަކާއި އޭގެ އިދިކޮޅު ޚަލްޤުކުރެއްވުމުންނެވެ. އެހެނީ ކޮންމެ އެއްޗެއްވެސް އެނގޭނީ އޭގެ އިދިކޮޅު އެނގުނީމައެވެ. އަލި އެނގޭނީ އަނދިރި އެނގުނީމައެވެ. ޢިލްމު އެނގޭނީ ޖާހިލުކަން އެނގުނީމައެވެ. ހެޔޮ އެނގޭނީ ނުބައި އެނގުނީމައެވެ. ނަފާ އެނގޭނީ ގެއްލުން އެނގުނީމައެވެ. ފޮނި އެނގޭނީ ހިތި އެނގުނީމައެވެ. {سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ} "ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުންނާއި، އެއުރެން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްޠާހިރު ވަންތަ ކަމާއެވެ!" (ޔާސީން:36)

ޖޯޑުޖޯޑުގެ މާނައަކީ، އަންހެން ފިރިހެން، އެއްގަމާއި ކަނޑު ފަދަ، އިދިކޮޅުތަކާއި ތަފާތު ވައްތަރުތަކެވެ.

{وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ} "އަދި ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ." (އައްނަޖްމު:45)

ވީމާ މި ސުންނަތަކީ ސަރުކާރު ހިންގުމާއި ވެރިކަންކުރުމުގެ ދާއިރާގެ ތެރޭގައިވެސް ހިނގާނެ ސުންނަތެކެވެ. އެއީ އިސްތިސްނާއެއް ނުއޮންނަ އިޖްތިމާޢީ ޤާނޫނެކެވެ. މިހެންވެ އަވަހާރަވެފައިވާ މަޣްރިބުގެ ރަސްގެފާނު ޙަސަން ދެވަނަ ވިދާޅުވެފައިވަނީ: "އަހަރެންނާ އިދިކޮޅު ފަރާތެއް ނުވާނަމަ، އެބަޔަކު އުފެއްދީމުހެވެ."

އިދިކޮޅު ފަރާތެއް ނުއޮންނަ ހާލަތްތައް ހުރެދާނެއޭ، މިވާހަކައިން ހީވިއަސް ކަން އޮތީ އެހެނަކުން ނޫނެވެ. އިދިކޮޅު ފަރާތްތަކަށް ދަތިކޮށް، މަނާކޮށް ޖަލަށްލައި ހަދާނަމަ، އިދިކޮޅު ފަރާތްތައް ބަދަލުވާނީ، ނުފެންނަ ނުވަތަ ފާޅުނުވާ ނުވަތަ އިންތިޒާމެއް ނެތް ނުވަތަ އިޢްތިރާފް ނުވެވޭ ފަރާތްތަކަކަށެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އެ އޮންނާނެއެވެ. އަދި އޮންނަންވެސް ޖެހޭނެއެވެ.

އާއެކެވެ! އިދިކޮޅު ފަރާތް ނުވަތަ ފަރާތްތައް ވަރުގަދަކޮށް ވެސް ނުވަތަ ބަލިކަށިކޮށް ވެސް އޮވެދާނެއެވެ. ބޮޑުކޮށްވެސް ނުވަތަ ކުޑަކޮށްވެސް އޮވެދާނެއެވެ. އެއްކޮށް އިދިކޮޅަށް ނުވަތަ ބައެއް އިދިކޮޅަށްވެސް އޮވެދާނެއެވެ. އިދިކޮޅު ފަރާތްތައް ހުންނަ ގޮތް ކަނޑައަޅައިދެނީ ވަރަށް ގިނަ ސަބަބުތަކަކުންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ސަބަބުތަކަކީ، ވެރިކަންކުރަން އޮންނަ ސަރުކާރެއްގެ ބުއްދިފުރިހަމަވުމާއި، ޢަދުލުވެރިކަމާއި، ނުވަތަ މިކަންކަން މީގެ އިދިކޮޅަށް އޮންނަ މިންވަރެކެވެ. ނަމަވެސް އެއްގޮތަކަށް ވެސް އިދިކޮޅު ފަރާތެއް ނެތުމަކީ އެއީ، މާތް ﷲ އެކަލާނގެ ޚަލްޤުތަކަށް ކަނޑައަޅުއްވާފައިވާ ކައުނީ ސުންނަތާ ޚިލާފުކަމެކެވެ. އަދި އެއީ އިޖްތިމާޢީ ޠަބީޢަތާ ވެސް ޚިލާފުކަމެކެވެ.

ވީމާ ސަރުކާރާ އިދެކޮޅުހެދުމުގައި ޝަރުޢީ ގޮތުން ހުއްދަ ވަސީލަތްތަކީ ކޮބައިހެއްޔެވެ؟ ހުއްދަވަނީ ކޮން ދާއިރާއެއްގައިހެއްޔެވެ؟ އަދި އިދިކޮޅު ފަރާތްތަކަށް ހުއްދަކަންކަމާއި ހުއްދަނޫން ކަންކަމަކީ ކޮބައިހެއްޔެވެ؟ މިކަމުގައި އޮތް ފެހި ރޮނގާއި ރަތް ރޮނގަކީ ކޮބައިހެއްޔެވެ؟

މި ޒަމާނުގެ ސިޔާސީ ބަހުރުވައިން ބުނާނަމަ: ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީތަކަށް، ސާރުކާރާ އިދިކޮޅަށް މަސައްކަތްކުރެވިދާނެހެއްޔެވެ؟ އަދި އިސްލާމީ މުޖްތަމަޢުތަކަށް އިޞްލާހާއި ހެޔޮބަދަލު ގެނައުމުގައި، އިދިކޮޅު ފަރާތްތަކަށް ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟

ދަތިގޮތާއި ތަނަވަސްގޮތް:

ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އޮތީ ދެ މަގެކެވެ. އެއް މަގަކީ ދަތި މަގެކެވެ. އަނެއް މަގަކީ ތަނަވަސް މަގެކެވެ. ދަތި މަގަކީ ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމެވެ. ތަނަވަސް މަގަކީ ގިނަ ގޯޅިތަކަކާއި އެތަކެއް ކަފިތަކެއް ހުރި މަގެކެވެ. ފަހަރެއްގައި އެއީ ދިހަ ބާރަ ގޯޅިއަށް ވެސް ވެދާނެއެވެ. ނުވަތަ އެތައް ސަތޭކަ ގޯޅިއަށް ވެސް ވެދާނެއެވެ. ނަމަވެސް މި މަގުގެ ކޮންމެ ގޯޅިއަކުން ދިޔައަސް، އެއީ ހުއްދަ ޝަރުޢީ ގޮތެކެވެ.

ހިސާބު ނަމްބަރުން ބުނާނަމަ، ސަރުކާރާ އިދިކޮޅުހެދޭ ގޮތްތަކުގެ ތެރެއިން  1% އަކީ މަނާ ގޮތެކެވެ. އެއީ ހަތިޔާރު އުފުލުމާއި ހަނގުރާމަކުރުމެވެ. އަނެއް 99% އަކީ ހުއްދަ ގޮތެކެވެ. ވީމާ ބަދަލަކަށް މަސައްކަތްކުރާ ބައެއް މީހުންނާއި، ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުން، އިސްލާހީ ބަދަލަކަށް މަސައްކަތްކުރާއިރު އެންމެ ދެތިން ދާއިރާއެއްގެ ތެރޭގައި ހަނިވެގެން ތިބުމަކީ، އެމީހުންގެ ފިކުރުގައި އާ އީޖާދުކުރުމުގެ ޤާބިލުކަން ނެތުމާއި އުދަރެސް ހަނިކަން ހާމަވާކަމެކެވެ.

ގަދަބާރު ބޭނުންކުރުން ނުވަތަ އިންތިޚާބުގައި ބައިވެރިވުން، ދީނީ ދަޢްވަތު ދިނުން ނުވަތަ ސިޔާސީ މަސައްކަތްކުރުން، ހަތިޔާރުގައި ހިފައި އިންޤިލާބެއް ގެނައުން ނުވަތަ އެތެރެއިން އިސްލާހުކުރުން... ހުރި ހަމައެކަނި އިޚްތިޔާރުތަކަކީ މިއީކަމަށް ބަލައި، ހައިރާންވެ ހުއްޓުން އަރައިފައި ތިބެގެން ނުވާނެއެވެ. އެހެނީ އިސްލާމްދީނުގައި މި ކަމަށް ހުޅުވާލާފައިވާ ދޮރުތައް ވަރަށް ގިނަވެފައި، ވަރަށް ތަނަވަހެވެ.

ހަތިޔާރުން ބަދަލުގެނައުމުގެ މައްސަލަ:

މުސްލިމުންނާ –ވެރިންނަށް ވިޔަސް ރައްޔިތުންނަށް ވިޔަސް- ދެކޮޅަށްހަތިޔާރު ބޭނުންކުރުމަކީ މަނާކަމެއްކަން ކަށަވަރުވާ، ތަވާތުރު ދަރަޖައަށް ދާވަރުގެ ސާބިތު އަދި ދޭހަ ޔަޤީންވާ، ޙަދީޘްތައް އެބަހުއްޓެވެ.

ބުޚާރީއާއި މުސްލިމް، ޖުނާދަތު ބިން އަބީ އުމައްޔާ އަރިހުން ރިވާކުރައްވާފައިވަނީ: ޢުބާދަތު ބިން އައްޞާމިތު އާލާސްކަންފުޅާ ވަނިކޮށް އަހަރެމެން ޒިޔާރަތްކުރި ފަހަރަކު ދެންނެވީމެވެ: ކަލޭގެފާނު ކީރިތި ރަސޫލާއަރިހުން އަޑުއެއްސެވި، ﷲ އެއިން މަންފާއެއް ލައްވާނެ ޙަދީޘެއް ވިދާޅުވެބައްލަވާށެވެ! ދެން ވިދާޅުވިއެވެ: ކީރިތި ރަސޫލާ އަހަރެމެން ގެންދެވީމާ، އަހަރެމެން އެކަލޭގެފާނަށް ބައިޢަތު ހިފީމެވެ. އަހަރެމެން ލައްވާ ބައިޢަތު ހިއްޕެވީ: ފަސޭހަކަންކަމާއި އުނދަގޫ ކަންކަމުގައި، އަދި ހިތްއެދޭ ކަންކަމާއި ހިތްނޭދޭ ކަންކަމުގައި، އަދި ރުހުމާއި ނުރުހުމުގައި ވެސް ވެރިންނަށް އަޑުއަހައި ކިޔަމަންވުމާއި، އަދި އަހަރެމެންގެ މައްޗަށް އިސްކަންދެވުނަސް ކިޔަމަންވުމަށާއި، ވެރިއަކަށް ހުރި މީހަކާ ވެރިކަމާހެދި ނުތޮޅުމަށެވެ. އަދި ޙަދީޘްކުރެއްވިއެވެ: "ކަނޑައެޅިގެންވާ ކުފުރެއްގެ އެއިން މީހެއްގެ ކިބައިން ފެނިއްޖެކަމުގެ ކަށަވަރު ދަލީލެއް އޮތުމުން މެނުވީއެވެ."

އަދި އިމާމް އަޙްމަދުގެ ރިވާޔަތުގައި އޮންނަނީ: ފަސޭހަކަންކަމާއި އުނދަގޫ ކަންކަމުގައި، އަދި ހިތްއެދޭ ކަންކަމާއި ހިތްނޭދޭ ކަންކަމުގައި، އަދި ރުހުމާއި ނުރުހުމުގައި ވެސް އަޑުއަހައި ކިޔަމަންވުމާއި، ވެރިއަކަށް ހުރި މީހަކާ ވެރިކަމާ ނުތޮޅުމަށާއި، އަދި ކޮންމެ ވަގުތެއްގައިވެސް އެއްވެސް މީހަކު ދެކެ ބިރުނުގަނެ ޙައްޤު ބަސްބުނުމަށް، ބައިޢަތު ހިފީމެވެ."

ޞަޙީޙް މުސްލިމުގައި އަބޫ ބަކްރާގެ އަރިހުން ރިވާވެފައިވެއެވެ. ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ހަމަނުޖެހުންތަކާއި ފިތުނަތަކެއް އަންނާނެއެވެ. ހަމަ ޔަޤީނުންވެސް ހަމަނުޖެހުންތަކާއި ފިތުނަތަކެއް އަންނާނެއެވެ! އެ ފިތުނައިގެ ދުވަސްވަރު، ހިނގާ މީހާއަށްވުރެ އިށީނދެ އިންނަ މީހާގެ ހެޔޮކަންބޮޑެވެ. އަދި ދުވާ މީހާއަށްވުރެ ހިނގާ މީހާގެ ހެޔޮކަންބޮޑެވެ. ފަހެ ދަންނާށެވެ! އެ ފިތުނަ އަތުވެއްޖެނަމަ، ޖަމަލުގެންގުޅޭ މީހެއްނަމަ އޭނާގެ ޖަމަލާއިގެން އުޅޭށެވެ. އަދި ބަކަރި ގެންގުޅޭ މީހެއްނަމަ އޭނާގެ ބަކަރިއާއިގެން އުޅޭށެވެ. އަދި ދަނޑުބިމެއް އޮތް މީހެއްނަމަ ބިމާއިގެން އުޅޭށެވެ." އެހިނދު މީހަކު ދެންނެވިއެވެ: އޭﷲ ގެ ރަސޫލާއެވެ! ޖަމަލެއްވެސް އަދި ބަކަރިވެސް އަދި ބިމެއްވެސް ނެތް މީހަކުނަމަ ހަދާނީ ކިހިނަކުންތޯއެވެ؟ ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އޭނާގެ ކަނޑި ނަގައި އޭގެ މިޔައިގައި ހިލައަކުން ޖަހައި ހަލާކުކޮށްފައި، ފިތުނައިން ސަލާމަތްވެވޭނެ ގޮތެއް ފެނިއްޖެއްޔާ ސަލާމަތްވާށެވެ! ހައްދަވާ ބޮޑުކުރެއްވި ކަލާކޮ! މިއަޅާ މިވާހަކަ ބުނެފޯރުކޮށްދީފީމެވެ! ހައްދަވާ ބޮޑުކުރެއްވި ކަލާކޮ! މިއަޅާ މިވާހަކަ ބުނެފޯރުކޮށްދީފީމެވެ! ހައްދަވާ ބޮޑުކުރެއްވި ކަލާކޮ! މިއަޅާ މިވާހަކަ ބުނެފޯރުކޮށްދީފީމެވެ!" ދެން މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަނގުރާމައިގެ ދެ ސަފުންކުރެ ސަފަކަށް، ނުވަތަ ޖަމާޢަތެއްގެ ތެރެއަށް، ގަދަކަމުން އަޅުގަނޑު ގެންދެވިއްޖެނަމަ  އަދި މީހަކު އޭނާގެ ކަނޑިން އަޅުގަނޑުގެ ގައިގައި ޖަހައިފިނަމަ ނުވަތަ ތީރެއް ޖަހައި އަޅުގަނޑު ޤަތުލުކުރެވިއްޖެނަމަ ވާނީ ކިހިނެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ކަލޭގެ ފާފައާއި އޭނާގެ ފާފައިގެ ސަޒާ އޭނާއަށް ލިބޭނެއެވެ. އަދި އޭނާ ވާހުށީ ނަރަކަވެރިންގެ ތެރެއިންނެވެ."

އަދި ބުޚާރީގައި އަބޫ ބަކްރާގެ އަރިހުން ރިވާވެފައިވެއެވެ: "ދެ މުސްލިމަކު ކަނޑިއާއިގެން ކުރިމަތިލައި މަރުވެއްޖެނަމަ، ޤާތިލާއި ޤަތުލުވިމީހާވެސް ވާނީ ނަރަކައިގައެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ތީ ޤާތިލަށް އޮތް ގޮތެވެ. އެކަމަކު ޤަތުލުވިމީހާ ކީއްވެގެންތޯއެވެ؟" ރަސޫލާ ޙަދީޘްކުރެއްވިއެވެ: އޭނާވެސް ހުރީ އަނެއް މީހާ ޤަތުލުކުރަން ހުޝިޔާރުވެއެވެ."

ކަން މިހެން އޮތްކަމުގައި ވިޔަސް، ކުރީގައިވެސް އަދ މި ޒަމާނުގައި ވެސް ހަތިޔާރުއެޅި ބައެއް ޖަމާޢަތްތަކުން، ވެރިންނާ ދެކޮޅަށް ނުކުމެ އަދި ހަނގުރާމަކޮށް އެމީހުންގެ ލޭ ހުއްދަކުރަން ބޭނުންހިފާ ވަސީލަތަކީ، ވެރިން ކާފަރުކޮށް ދީނުން ބޭރުކުރުމެވެ. ނަމަވެސް އެނގޭ އެއްޗަކީ، ޝަހާދަތް ކިޔައި އިސްލާމްކަން ފާޅުކޮށްގެން ހުރި މީހަކު، ކާފަރެއްކަމަށް ބެލުމަކީ ޝަރީޢަތުގައި ކުރެވޭނެ ކަމެއް ނޫނެވެ. އަދި މުސްލިމަކު ކާފަރުކުރުމަކީ، އޭނާ ޤަތުލުކުރުމަށްވުރެ ނުރައްކާތެރިކަން ވަކިކުޑަ ކަމެއް ނޫނެވެ. ހީވާހީވުމަކަށް  ނުވަތަ ޝުބުހާތަކާއި ތައުވީލުތަކުން  މުސްލިމުން ކާފަރުކުރުމާއި، އަދި ހަމައެހެންމެ ހީވާހީވުމަކަށް  ނުވަތަ ޝުބުހާތަކާއި ތައުވީލުން މުސްލިމުން ޤަތުލުކުރުމަކީ، ކަށަވަރުންވެސް މިއީ ދީނުން މަގުފުރެދުމެވެ. އަދި މުއުމިނުންގެ މަގުން ބޭރުވުމެވެ.

އިސްވެދިޔަސް ނަބަވީ ޙަދީޘްފުޅުތަކުގެ އިތުރުން، އިސްލާމީ މުޖްތަމަޢްތަކުގެ ތެރޭގައި ހަތިޔާރުގެ ބޭނުންހިފައި ނުވަތަ ހަނގުރާމަކޮށްގެން، އެއްވެސް ދުވަހަކު މުސްލިމުންނަށް ފައިދާއެއް ލިބި އަދި ރަނގަޅަށް ކަމެއްވެފައި ނެތެވެ. ކިއެއްތަ، ދެ ފަރާތުން މީހުން މަރުވުން ފިޔަވައި އެހެން ނަތީޖާ އެއް ފެނިފައި ނެތެވެ. އަދި އެއަށްވުރެ ނުބައިކަން ބޮޑީ، މުސްލިމުންގެ އާއްމު މަދަނީން މަރުވެ، މުސްލިމް މުޖްތަމަޢުތަކުގެ އަމަން އަމާންކަން ގެއްލި، އިޤްތިސާދު އިނދަޖެހި ސުލްހަ މަސަލަސްކަން ގެއްލުމެވެ. އަދި މީގެ އިތުރަށް އެތަކެއް ޒަމާނަށް އެތަކެއް ޖީލަށް ދިގުދެމިގެންދާ ނަފްސާނީ ޒަހަމްތަކެއް ލިބެއެވެ.

އިސްލާމީ މުޖްތަމައެއްގެ ތެރޭގައި ހަތިޔާރު އުފުލައި ހަނގުރާމަކުރުން ހުއްދަވާނެ ހަމައެކަނި ހާލަތަކީ ''ހަނގުރާމަ ހުއްޓުވަން ހަނގުރާމަކުރުން' އެވެ. މާނައަކީ އިސްވެ ހަނގުރާމަކުރާ، ބަޣާވާތް ކުރުން ހުއްޓާލަން ދެކޮޅުހަދާ ޖަމާޢަތާ ހަނގުރާމަކުރުމެވެ. ހަނގުރާމަހުއްޓަން ދެކޮޅުހަދައި، ސުލްހަވާން ދެކޮޅުހަދާނަމަ އެމީހުންނާ ހަނގުރާމަކުރުން ހުއްދަވާނެއެވެ. {وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّـهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ} "مؤمن ންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް بغاوة ކޮށްފިނަމަ، އެ بغاوة ކުރިމީހުން اللَّه ގެ أمر ފުޅަށް رجوع ވެއްޖައުމަށްދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން رجوع ވެއްޖެނަމަ، ފަހެ، عدل ވެރިގޮތުން އެދެބައިމީހުންގެ ދެމެދު صلح ކުރާށެވެ! އަދި ތިޔަބައިމީހުން عدل ވެރިވާށެވެ! ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. " (އަލްޙުޖުރާތު:9)

ޝަރީޢާތުން ބަންދުކޮށްފައިވާ، އެކަމަކު ޚަވާރިޖުންގެ ގާތުގައި އެންމެ މަޤްބޫލު، މި މަގު ނޫން ހުރިހާ މަގުތަކަކީ ހިނގުން  ހުއްދަ މަގުތަކެވެ. ސަރުކާރާ ދެކޮޅުހަދަން، ސިޔާސަތު ބަދަލުކުރުވަން، ކަންކަމަށް އަސަރުފޯރުވަން، އިޞްލާހުކޮށް ބަދަލުގެންނަން، މިހުރިހާ މަގުތަކަކީވެސް އަސާސީގޮތުން ބަލަންޏާ ހުއްދަ މަގުތަކެވެ. އެއީ ތާރީޚުގައި ކުރިން ތަޖުރިބާކުރެވިފައިވާ ކަމަކަށް ވިޔަސް ނުވަތަ މިޒަމާނުގައި ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ޢަމަލުކުރަމުންދާ ގޮތަކަށް ވިޔަސް، ނުވަތަ މުޅިން އާ ގޮތަކަށް ވިޔަސް މެއެވެ.

ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ، އިސްލާމީ ޝަރީޢަތުގައި ވަރަށް ތަނަވަސްކޮށް ހުޅުވާލާފައިވާ، އަދި އެންމެހާ މީސްތަކުންގެ މައްޗަށް ލާޒިމުކޮށް ވާޖިބުކޮށްފައިވާ ކަމެކެވެ. ކޮންމެ ޢަދުލަކީ އަދި ކޮންމެ ހެޔޮކަކަމަކީ، ކުޑަ ބޮޑު ކޮންމެ މަސްލަހަތަކީ ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮންމެ ފަސާދައަކީ އަދި ކަތިކޮންމެ މަގަކީ، ކޮންމެ އަނިޔާއަކާއި ކޮންމެ ގެއްލުމަކީ، ކޮންމެ ޚުދުމުޚުތާރުކަމަކާއި ޖައްބާރުކަމަކީ، ނުބައިކަންތައް ނަހީކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ ޖަމާޢީކޮށް ވެސް އަދި ފަރުދީކޮށްވެސް، ރާވައިގެންވެސް އަދި ނުރާވައިވެސް، ލިޔުމުންވެސް އަދި އަނގަބަހުންވެސް، ސިއްރުގައިވެސް އަދި ފާޅުގައިވެސް ކުރެވިދާނެ ކަމެކެވެ. އެއީ ބޮޑުމީހާއާއި ކުޑަމީހާގެ މައްޗަށް ވެސް އަދި ބަލިކަށިމީހާއާއި ވަރުދަގަދަ މީހާގެ މައްޗަށްވެސް ހިނގާ ޙުކުމެކެވެ. ނަމަވެސް  ބާރާއި ނުފޫޒުހުރި މީހަކަށް ހެޔޮކަމަށް އަމުރުކޮށް ނުބައިކަންތަކުން ނަހީކުރާނަމަ، އެއީ އަދި މާ މާތްކަން ބޮޑު ހެޔޮކަން އިތުރުކަމެކެވެ. ޙަދީޘްފުޅެއްގައި ވަނީ: "އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ބުނާ ޙައްޤު ބަހެވެ."

އިސްތިސްނާ ހާލަތްތަކެއްގައި ޣީބަ ބުނުން އެއީ ޢިލްމުވެރިން ހުއްދަކުރައްވާފައިވާ ކަމެކެވެ. ޢީބަ ބުނުން ހުއްދަ ކަންތަކުގެ ތެރޭގައި، އަލްޤާޟީ ޢަބްދުލްޙައްޤު އިބްނު ޢަޠިއްޔާ ވިދާޅުވެފައިވަނީ: "ފާސިޤުންނާއި އަނިޔާވެރި ވެރިންނާ ދިމާއަށް ބުނެވޭ ވާހަކަވެސް ހިމެނެއެވެ. މިފަދަ މީހުންނަށް ޣީބަބުނުމަކީ އެމީހުންގެ ނުބައިކަމުން ސަމާލުވުމަށް ދެވޭ އިންޒާރެއްކަމަށް ބެލެވެއެވެ."

ވީމާ މިފަދަ ހާލަތުގައި އެއީ ވައްތަރެއްގެ ދެކޮޅުހެދުމެކެވެ. އަދި މުންކަރާތެއް މަނާކުރުމެވެ.

އަނިޔާއާއި ފަސާދައާއި ޚުދުމުޚުތާރުކަމާއި ދެކޮޅު ހަދައި އިހުތިޖާޖުކުރުމަށް ބޭނުން ކުރެވޭ، ނޫސްބަޔާންތަކާއި ޕެޓިޝަންތަކާއި، ފަތުވާތަކާއި މަޒްމޫނުތަކާއި، މުޒާހަރާތަކާއި ހަޅުތާލު ފަދަ ތަފާތު ވަސީލަތްތަކަކީ، ބޭނުންކުރެވިދާނެ އަދި ހުއްދަ ވަސީލަތްތަކެވެ. ނަމަވެސް އެއިން ކަމަކުން އާއްމު ރައްޔިތެއްގެ  ނުވަތަ ފަރުދެއްގެ މަޞްލަހަތަކަށް އަރައިގަނެގެން ނުވާނެއެވެ.

ދެން އެއަށްފަހު އެހެން އެއްވެސް ގޮތެއް ނެތިއްޔާ، ވެރިމީހާ ޢަޒުލުވާން ގޮވާލުމަކީ ވެސް ހުއްދަކަމެކެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ ކަމުގެ ޚާއްސަ މީހުން ނުވަތަ އެކަމަށް ކުޅަދާނަ މީހުންނެވެ. އަދި މިކަން މިގޮތަށް ދުސްތޫރުތަކުގައި ލިޔެވިފައި ނުވާނަމަ، އެއީ ލިޔަންޖެހޭ ކަމެކެވެ.

ދެން މިއަށްފަހު ކޮޅުންލައިފިއްޔާ އަދި ހާލަތު ގޯހުން ގޯހަށް ހިނގައްޖެއްޔާ، ފަސާދައާއި އަނިޔާވެރިކަން ބޮޑުވެގެން ގޮސް ރައްޔިތުން 'އުތުރިއަރައިގަތުމަކަށް' (ރިވޮލިއުޝަން) ނުކުމެއްޖެއްޔާ، އެއީ ވެސް މިހާލަތުގައި ހުއްދަކަމެކެވެ. ނަމަވެސް އެކަން ހުއްދަވާނީ މީހުން މެރުމާއި ލޫޓުވުމާއި ތަންތަން ހަލާކުކުރުން ނުހިމެނޭ ގޮތަކަށް އެކަން ކުރާނަމައެވެ.

އަދި މިފަދަ ހާލަތެއްގައި، ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ކެތްނުކުރެވޭ ދަރަޖައަށް ދިއުމުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، ރައްޔިތުންގެ ނުރުހުން ފާޅުކުރަން ފެށުމުން، އެމީހުންނާ ކުރިމަތިލައި، އެމީހުން މަރަން ވެރިމީހާ އަމުރުކުރިޔަސް، އެ އަމުރަށް ކިޔަމަންގަތުން ހުއްދައެއް ނުވާނެއެވެ. އެހެނީ ޙަދީޘްފުޅުގައި ވާފަދައިން  "ކިޔަމަންވުން ވަނީ ހެޔޮކަންތަކުގައެވެ."

 ނިންމާލަމުން ފާހަނގަކޮށްލަން ޖެހޭ އެއްކަމަކީ، ބަދަލުކުރުމާއި އިޞްލާޙުކުރުމަކީ ހަމައެކަނި ވެރިންނާ ނުވަތަ ސަރުކާރާ ދެކޮޅަށް ކުރެވޭ ކަމެއް ކަމެއް ނޫނެވެ. އެއީ ރައްޔިތުންނާއި މުޖްތަމަޢްތަކާއި ސިޔާސީ ޕާޓީތަކާއި ޖަމާޢަތްތަކާއި އަދި މިނޫނަސް ހުރިހާ ގިންތިތަކެއްގެ ތެރޭގައި ހިނގަންޖެހޭ ކަމެކެވެ. ކޮންމެ މައިދާނަކީވެސް އިޞްލާޙުކުރަންޖެހޭ ތަނެކެވެ.

ނިންމާލަމުން ބުނަލެނަ ބޭނުންވަނީ މި ޙަދީޘެވެ: "މާތް ﷲ ވަނީ ބައްޔާއި އަދި ބޭސް ވެސް ބާވައިލައްވާފައެވެ. ފަހެ ކޮންމެ ބައްޔަކަށް ބޭހެއްވެއެވެ. ފަހެ ތިޔަބައިމީހުން ބޭސްކުރާށެވެ. ނަމަވެސް ޙަރާމް އެއްޗަކުން ބޭސްނުކުރާށެވެ."

ވީމާ ޑޮކްޓަރުން ނުވަތަ ބަލިމީހުން ނުވަތަ ބޭސްފިހާރައިގެ މީހުން ނުވަތަ ނަރުހުން، ބޭހެއް ބޭނުންކުރުމުގައި ފަރުވާކުޑަކޮށްފިއްޔާ ނުވަތަ ނުބައި ބޭހެއް ބޭނުންކޮށްފިއްޔާ، އެއީ އެމީހުންގެ މައްސަލައެކެވެ. އެއީ އެމީހުންގެ ކުށެކެވެ. އެއީ ފަހަރެއްގައިވެސް ބޭހެއް ނެތިގެން ނުވަތަ ބޭސް ބޭނުންކުރުމުގެ ބޭނުމެއް ނެތުމޭ ބުނެވޭނެ ކަމެއް ނޫނެވެ. އަދި ބޭސް ބޭނުންކުރުން މަނާކުރަންޖެހޭ ކަމެއްވެސް ނޫނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.