ހޯމަ20201019

އާކުރެވުނީ: 08:43:52

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވޭތަ؟

މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވޭތަ؟

shooraaއަންގައިދޭ ޝޫރާއާއި ލާޒިމުވާޝޫރާ

ޝޫރާގެ (މަޝްވަރާ) ބާބުގައި މިޒަމާނުގައި ވަރަށް ބޮޑަށް ބަހުސްކުރެވޭ އެއް ސުވާލަކީ، ޝޫރާއަކީ އަންގައިދޭ އެއްޗެއްތޯ ނުވަތަ ލާޒިމުވާ އެއްޗެއްތޯ، މި މިސުވާލެވެ. މާނައަކީ ވެރިއަކު ނުވަތަ ރައީސަކު މަޝްވަރާދޭ މީހުންނާ މަޝްވަރާކޮށްފިއްޔާ، އެމީހުން ދިން މަޝްވަރާއާއި ރައުޔަކީ، އެއީ އޭގައި ހިފުން އޭނާގެ މައްޗަށް ލާޒިމުއެއްޗެއްހެއްޔެވެ؟ ނުވަތަ އެއީ ލާޒިމުނުވާ، މަޝްވަރާދޭ މީހުންނަށް ފެންނަގޮތެއް އަހާ ބެލުމަށްފަހު، މަޝްވަރާއަށް އެދުނު މީހާއަށް ފެންނަ ގޮތަކަށް، -ދިން މަޝްވަރާއާ އެއްގޮތަށް ނުވަތަ އިދިކޮޅަށް ނަމަވެސް- ނިންމުންހެއްޔެވެ؟

ކުރީގެ ގިނަ ފިޤުހުވެރިންނާއި މުފައްސިރުންގެ ވާހަކައިން ދޭހަވަނީ، ވެރިމީހާ ޝޫރާވެރިންނާ މަޝްވަރާކުރުމަށްފަހު، ރަނގަޅުކަމަށް އޭނާއަށް ފެންނަ، ބޮޑަށް ބުރަވޭކޮޅުކަމަށް އޭނާއަށް ހީވާ، އަދި އޭނާގެ ނަޒަރުގައި ޙައްޤު ނުވަތަ ޙައްޤާއި އެންމެ ގާތް ކަމަށް ފެންނަ  ގޮތަކަށް ކަންކުރީމާ ނިމުނީއެވެ. ވީމާ މަޝްވަރާކުރުމަށްފަހުވެސް، ގޮތް ކަނޑައަޅައި ވަކިކޮޅަކަށް ބުރަވަނީ އޭނާގެ ރައުޔާއި މިންކުރުމުންނެވެ. އަންގައިދޭ ޝޫރާއޭ ބުނެވޭ މާނައަކީ މިއީއެވެ.

ނަމަވެސް މޒަމާނުގެ އިސްލާމީ ޢިލްމުވެރިންނާއި މުފައްކިރުންގެ ތެރެއިން ގިނަމީހުން ބުރަވާ ގޮތަކީ، އަދި ތާއީދުކުރާމީހުން ގިނަވާ ގޮތަކީ، މަޝްވަރާކުރި އެންމެން ނުވަތަ ގިނަމީހުން އިއްތިފާގުވި ގޮތް ވެރިމީހާގެ މައްޗަށް ލާޒިމުވެ، އެގޮތަކަށް ޢަމަލުކުރަން ޖެހުމެވެ. ލާޒިމުވާ ޝޫރާގެ މާނައަކީ މިއީއެވެ....

އަނެއް ބައި ޢިލްމުވެރިން ވަނީ މިމައްސަލަ ތަފްޞީލުކޮށް، ބައެއް ޙާލަތްތަކުގައި ޝޫރާ ލާޒިމުވާނެކަމަށާއި އަނެއްބައި ހާލަތްތަކުގައި ލާޒިމުނުވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިގޮތުން ޑޮކްޓަރ ޤަޙްޠާން އައްދޫރީ ދެކެވަޑައިގަތް ގޮތުގައި، ނައްޞެއް ނެތް އިޖްތިހާދީ މައްސަލައެއްގައި ވެރިމީހާއާއި ޝޫރާ މަޖްލިހާއި ދެމެދު،  ޚިލާފުއުފެދިއްޖެނަމަ، ވެރިމީހާއަކީ މުޖްތަހިދެއްނަމަ ވަކިކޮޅަކަށް ބުރަވުން އޮތީ ވެރިމީހާ އަތުގައެވެ. އެއީ އަޣްލަބިއްޔަތާ އެއްގޮތަށް ނަމަވެސް ނުވަތަ ޚިލާފަށް ނަމަވެސް ވެހެވެ. ވީމާ ނައްޞެއް އައިސްފައި ނެތް ކަންކަމުގައި، ޤާނޫނު ހެދުމާއި ޤާނޫނަށް ބަދަލުގެނައުމާއި އުވާލުން ފަދަ ކަންކަމަކީ، މަޝްވަރާކުރުމަށްފަހު ވެރިމީހާ އަށް ފެންނަ ގޮތަކަށް ކުރެވޭނެ ކަންކަމެވެ.

ނަމަވެސް ވެރިމީހާއަކީ މުޖްތަހިދެއް ނޫންނަމަ، ނުވަތަ އެއީ މުޖްތަހިދަކަށް ވިޔަސް އޭނާގެ ވަކި ރައުޔެއް ނެތްނަމަ، މަޝްވަރާ މަޖްލިހަކަށް އެކަން ހުށައެޅުނީމާ، މަޖްލިހުގެ މީހުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، ނަގަންޖެހޭނީ އަޣްލަބިއްޔަތު ކޮޅެވެ.

ޙަޤީޤަތަކީ ކުރީގެ ފިޤުހުވެރިންނާއި މުފައްސިރުންނާއި އަދި އެ ނޫން ޢިލްމުވެރިންވެސް، މި މައްސަލަ އެކަށީގެންވާ ފުންކޮށް ބަހުސްކޮށްފައި ނެތެވެ. އަދި ޝޫރާއަކީ އަންގައިދޭ އެއްޗެއްކަމަށް ވެސް ނުވަތަ އެއީ ލާޒިމުވާ އެއްޗެއްކަމަށް ވެސް ދަލީލެއް ދައްކަވާފައި ނެތެވެ. މަޝްވަރާއަކީ ލާޒިމު އެއްޗެއް ނޫންކަމަށް އެބޭކަލުން ދެއްކެވިހާވެސް ދަލީލަކީ ނަބަވީ މަޝްވަރާއެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ މަޝްވަރާއަކަށް އަދި މަޝްވަރާދޭ މީހުންގެ ރައުޔަކަށް ބޭނުންޖެހިވަޑައިގަންނަވާނެ ބޭކަލެއް ނޫންކަމަށެވެ. ވީއިރު، އެމީހުންދޭ މަޝްވަރާއެއް ލާޒިމާވެނެ ގޮތެއް ވެސް ނޯންނާނެއެވެ!

ނަމަވެސް މިދެންނެވި ފިޤުހުވެރިން ފަހަނައަޅައި ގޮސް އެއަށްވުރެ ކުރީގެ ދުވަސްވަރަކަށް ދާނަމަ، އާދެ! ނަބަވީ ސިޔަރަތާއި ޚުލަފާއުއް ރާޝިދީންންނާއި އަދި ޖުމްލަކޮށް ޞަޙާބީން ހިންގެވި މަގަށް ބަލާއިރު، އަހަރެމެންނަށް ފެންނާނީ، މަޝްވަރާ އަކީ ލާޒިމު އެއްޗެއްކަމަށާއި މަޝްވަރާދިން މީހުން އިއްތިފާގުވާ، ނުވަތަ ގިނަމީހުން އިއްތިފާގުވާ ގޮތެއްގައި ހިފަންޖެހޭކަމަށް، އެބޭކަލުން ދެކެވަޑައިގަތްތަނެވެ.

ޝޫރާ ލާޒިމުވާ މައްސައްލައަކީ، އަޣްލަބިއްޔަތުގެ މައްސަލައާ ވަރަށް އެއްގޮތް ނުވަތަ ބަރާބަރަށް އެއްގޮތް މައްސަލައަކަށް ވާތީ، މިތާ އަހަރެން އަލިއަޅުވާލާނީ ދޭތިވެސް ޝާމިލުވާ ދަލީލުތަކަށެވެ.

ޝޫރާގެ ނަތީޖާއަށް ޢަމަލުކުރަން ޖެހޭ ކަމަށް ހުރި ބައެއް ދަލީލުތައް މިތަނުގައި ގެނެސްދޭނަމެވެ.

ފުރަތަމަ ދަލީލަލީ، ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު ޤުރުއާނުގައި ނުވާ އަދި އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެސް ނުވާ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެއްތޯ، ޢަލީގެފާނު ރަސޫލާ އަރިހު ދެންނެވީމާ ޙަދީޘްކުރެއްވި މި ބަސްފުޅެވެ: {واجعلوه شورى بينكم ، ولا تقضوا فيه برأي واحد} މާނައަކީ: "... އެކަމެއް ކަލޭމެންގެ މެދުގައި މަޝްވަރާގެ މަތިން ކުރާށެވެ! އަދި އެކެއްގެ ރައުޔަށް އެކަމެއް ނުނިންމާށެވެ!"

ޖަމާޢީ މަޝްވަރާއާއި ރައުޔަށް ތަބާވާންޖެހޭނެކަމާއި، ފަރުދީ ރައުޔަށް ތަބާވެގެން ނުވާނެކަމާއި، މި ޙަދީޘުން ވަރަށް ސާފެވެ. އެހެނީ، ކަލޭމެން މަޝްވަރާކޮށްފައި ވެރިއަކަށް ހުރި މީހަކަށް ފެނުނުގޮތަށް ކަންތައްކުރާށޭ، އިތުރު އެކަލޭގެފާނު ޙަދީޘެއް ނުކުރައްވައެވެ. ކިއެއްތަ، އެކަނި ފަރުދެއްގެ ރައުޔަށް ކަންތައް ކުރުން މަނާވެސް ކުރެއްވިއެވެ.

އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާ ދެބޭކަލުންނަށް އިރުޝާދުދެއްވީ: "ކަލޭމެން ދެބޭކަލުން މަޝްވަރާއެއްގައި އިއްތިފާޤުވެވަޑައިގެންފިނަމަ، ތިމަންކަލޭގެފާނު ތިދެބޭކަލުންނާ ޚިލާފުވެވަޑައިނުގަންނަވާނަމެވެ." ކީރިތި ރަސޫލާއަށް ތަބާވެވަޑައިގަންނަވާ، އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަންނަވާ ދެބޭކަލަކާ ދިމާއަށް މިފަދައިން ޙަދީޘްކުރައްވާފައިވާއިރު، ގިނަފަހަރަށް ތިމާއާ އެއްފެންވަރެއްގެ ބަޔަކުމީހުންނާ މަޝްވަރާކުރާ މީހަކު އެ ދިން މަޝްވަރާއަކަށް ތަބާވާންނުޖެހޭނީ ކިހިނެއްހެއްޔެވެ؟

އަބޫދާއޫދު އަލްމަރާސީލުގައި ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން ބިން އަބީ ޙުސައިންގެ ކިބައިން ރިވާކޮށްފައިވާ ޙަދީޘެއްގައިވަނީ: "މީހަކު ކީރިތި ރަސޫލާ އަރިހު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ބަރާބަރަށް ކަމެއް ކުރުމަކީ ކޮބައިތޯއެވެ؟ ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ: ބުއްދިވެރިއަކާ މަޝްވަރާކުރުމެވެ." އަދި އެހެން ރިވާޔަތެއްގައިވަނީ، ބުއްދިވެރިއަކާ މަޝްވަރާކުރުމަށްފަހު އޭނާގެ ބަސް ޤަބޫލުކުރުމެވެ."

ބުއްދިވެރި އެކަކާ މަޝްވަރާކުރާ މީހެއްގެ މައްޗަށް ލާޒިމުވާ ގޮތަކީ، ނުވަތަ ޢަމަލުކުރުން އައުލާކަން ބޮޑު ގޮތަކީ، މިއީ ކަމަށް ވާއިރު، އުއްމަތުގައި ތިބި އެންމެ ހެޔޮލަފާ އެންމެ ބުއްދިވެރި ޢިލްމުވެރިންގެ ޖަމާޢަތަކާ މަޝްވަރާކުރުމަށްފަހު، އެ މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރުން މާ އައުލާކަންބޮޑެވެ. ޚުލަފާއުއް ރާޝިދީން، ޚައްޞަކޮށް އަބޫބަކުރުގެފާނާއި ޢުމަރުގެފާނު، ކުރައްވާފައިވާ މަޝްވަރާތަކުން ވެސް ފެންނަނީ މިކަމެވެ. މިސާލަކަށް އަބޫބަކުރުގެފާނު ޢަމްރުބިން އަލްޢާޞް އައް ވެސް އަމުރުކުރެއްވީ: "މީހުންނާ މަޝްވަރާކުރައްވާށެވެ! އަދި މީހުންނާ ޚިލާފުވެވަޑައިނުގަންނަވާށެވެ!"

ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ކިބައިން ރިވާވެގެންވަނީ، މަދީނާގެ ވެރިއަކަށް އައްޔަންކުރެވުނީމާ އެތަނުގެ ދިހަ ފިޤުހުވެރިން ގެންނަވާފައި ވިދާޅުވިއެވެ: ތިމަން ތިޔަބޭކަލުން މިގެންނެވީ ތިޔަބޭކަލުންނަށް ދަރުމަހުރި ކަމެއްގައެވެ. އަދި ޙައްޤަށް ވާގިވެރިވާނެ ބައެއްކަމުގައި ތިޔަބޭކަލުން ވެވަޑައިގަންނަވާށެވެ. ތިޔަބޭކަލުންގެ ރައުޔަށް މެނުވީ އަހުރެން އެއްވެސްކަމެއް ނުކުރާނަމެވެ."

ދެން ވެރިމީހާއަކީ މުޖްތަހިދެއްނަމަ އޭނާ މަޝްވަރާކުރުމަށްފަހު ތަބާވާނީ –މަޝްވަރާ މަޖުލިހުގެ ރައުޔާ ޚިލާފުވިޔަސް- އަމިއްލައަށް ފެންނަ ގޮތަކަށް ކަމަށާއި، ނައްޞެއް ނެތް ކަންކަމުގައި އަމިއްލައަށް ޤާނޫނޫތައް ކަނޑައެޅިދާނެކަމަށާއި، ޑޮކްޓަރ ދޫރީ ވިދާޅުވެފައި ވަނީ، ހީވާގޮތުން މުޖްތަހިދަކު އެހެން މުޖްތަހިދުން ނަކަލުކޮށްގެން ނުވާނެކަމަށާއި، އޭނާ ތަބާވާންޖެހޭނީ އޭނާގެ އިޖްތިހާދު ދާ ދިމާއަކަށް ކަމަށް، އުޞޫލީން ބުނާ ބުނުމުގެ މައްޗަށް ބުރަވެވަޑައިގެންނެވެ.

ނަމަވެސް ފާހަނގަކޮށްލަން ޖެހޭ ކަމަކީ، މިގޮތަށް މިކަން އޮންނާނީ، ހަމައެކަނި ޢިލްމީ އިޖްތިހާދުތަކުގައެވެ. އެހެނީ ވަކި ޢިލްމަކަށް ޚާއްޞަވެފައިވާ ޢިލްމުވެރިއަކު ޢަމަލުކުރަން ޖެހޭނީ އޭނާގެ ޢިލްމުން ވާސިލުވެވޭ ނަތީޖާއަކަށް ބިނާވެއެވެ. އަދި އެ އިޖްތިހާދަކީ އާއްމު މީސްތަކުންގެ މައްޗަށް ލާޒިމުވާނެ އިޖްތިހާދެއްވެސް ނޫނެވެ. ވީމާ ކަމަކާމެދު ވަކިގޮތަކަށް ފެންނަ މީހަކު، އޭނާގެ ވިސްނުމާއި އިޖްތިހާދުން ވާސިލުވި ނަތީޖާއަކަށް ޢަމަލުކޮށް އެއާ އެއްގޮތަށް ފަތުވާދީ، އަދި އެ ރައުޔު ދިފާޢުކުރުމަކީ، ލިބިގެންވާ ހައްޤެކެވެ. ބޭނުން މީހަކު އެއަށް ތަބާވެ، އަދި ބޭނުން މީހަކު އެހެން ރައުޔަކަށް ތަބާވާންވީއެވެ.

ނަމަވެސް އަހަރެމެން މި ވާހަކަދައްކާ މައްސަލައަކީ، އެންމެހާ މީހުންގެ މައްޗަށް ތަންފީޒުކުރެވޭ އާއްމު ޤާނޫނު، އޭގެ މައްޗަށް ބިނާވާ ރައުޔެއްގެ މައްސަލައެވެ. އަދި މީސްތަކުންގެ ދިރިއުޅުމުގެ ކަންކަމާއި އެމީހުންގެ މަޞްލަހަތާ ގުޅިފައިވާ، ވެރިމީހާގެ ބާރުން ތަންފީޒުކުރެވޭ ރައުޔުގެ މައްސަލައެވެ. ވީމާ މިތަނުގައި، މުޖްތަހިދަކު އެހެން މުޖްތަހިދެއް ނަކަލުކުރުމުގެ މައްސަލަ އައިސްގެން ނުވާނެއެވެ. އަދި މުޖްތަހިދުން ނަކަލުކުރުމުގެ ޙުކުމް މިތަނަށް ފެއްތިނަމަވެސް، ބުނަންޖެހެނީ: މަޝްވަރާ ދިން މީހުންގެ ރައުޔުގައި ނުހިފައި، މުޖްތަހިދުގެ ރައުޔުގައި އޭނާ އަމިއްލައަށް ހިފަހައްޓައިގެން ހުރެވިދާނެއެވެ. އަދި އޭނާގެ ރައުޔު އެއީ ރަނގަޅު ރައުޔުކަމަށާއި، އަދި އެ ބަޔާންކޮށްދީ އޭގެ ޢިލްމީ ދިފާޢުގައި ވާހަކަވެސް ދެއްކިދާނެއެވެ. މިހާވަރުން އޭނާ އެހެން މުޖްތަހިދަކު ނަކަލުކުރީކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

ނަމަވެސް އުއްމަތް ނުވަތަ މުޖްތަމަޢުގެ މައްޗަށް ތަންފީޒުކުރުމަށްޓަކައި، ހިފަންޖެހޭނެ ރައުޔަކީ އެހެން މައްސަލައެކެވެ. މިފަދަ ހާލަތްތަކުގައި ހިފަންޖެހޭނީ މަޝްވަރާ މަޖްލިހުގެ ރައުޔުގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.