ހުކުރު20201016

އާކުރެވުނީ: 08:43:52

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (2)

ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (2)

deenai-siyaasat02ސިޔާސަތުގެ ތެރެއިން ދީން ނެރެލުމުގެ މާނައަކީ، ސިޔާސަތުގެ ތެރޭގައި ހުރި ހެޔޮކަންކަމަށް ބާރު އަޅާ އެންމެހައި ސިފަތަކާއި ނުބައިކަންކަމުން ދުރުކޮށްދޭ ސިފަތައް ސިޔާސަތުން ބޭރުކޮށްލުމެވެ. ސިޔާސަތާ ދީން ވަކިކުރުމަކީ ތަޤުވާއާއި ކިޔަމަންކަމަށް ފޯރުކޮށްދޭ ސަބަބުތަކުން ސިޔާސަތު އެއްކިބާކުރުމާއި، ނުބައިކަންކަމާއި ފާފަތަކަށް މަގު ފަހިކޮށްދޭ ކަންކަމުގެ ތެރެއަށް ސިޔާސަތު ދޫކޮށްލުމެވެ.

ސިޔާސަތު ދީނާ ގުޅުވައިލުމުން، ރައްޔިތުންގެ ކިބައިގައިވާ އީމާންކަމުގެ ބާރު ނުވަތަ ރޫޙާނީ ބާރު މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބެއެވެ. އެއީ އެތެރޭގެ ސިޔާސަތު، ނުބައިމަގުތަކުން ދުރުކޮށް ހެޔޮމަގަށް އަޅުވައި، ކަސިޔާރުވުމުގެ ބަދަލުގައި ހަމަމަގުގައި ސާބިތުކުރުވައި، ޙަރާމްކަންކަމުން މިންޖުވެފައިވާ ތާހިރުކަމަކަށް މަގުދައްކައެވެ.

އަދި ހަމައެފަދައިން، ޚާރިޖީ ސިޔާސަތުގައި އެވަޠަނުގެ ދުޝްމަނުންނާއި ވަޠަނާމެދު ނުބައި ރޭވުންތައް ރާވާ މީހުންނާ ދެކޮޅަށް، ވަޠަނުގެ ދިފާޢުގައި، އެރޫޙާނީ ބާރު ރުކުރުވާލެވޭނެއެވެ. އެއީ ދައުލަތުގެ މައްޗަށް ބަޔަކު އަތްގަދަކޮށްފިނަމަ ނުވަތަ ދައުލަތުގެ ކަރާމާތްތެރިކަން ގެއްލިއްޖެނަމަ ނުވަތަ ދައުލަތުގެ ޙައްޤުތައް ނިގުޅައިގަނެވިއްޖެނަމަ ބިން ހޯދުމަށެވެ. މިނިވަންކަން ލިބިގަތުމަށެވެ.

ދީނާއި ދައުލަތް ގުޅުވައިގެން މަސައްކަތްކުރި މުސްލިމުންގެ ރަން ޒަމާންތަކުގައި ފެނިފައިވަނީ އެބައިމީހުން ބިންތައް ފަތަޙަކުރި ތަނެވެ. ބޮޑެތި ބިޔަ ރަސްކަން އެބައިމީހުން ކުރިމަތީ އިދަޖެހުނެވެ. އަދި ޢަދުލުވެރިކަމާއި އިޙުސާންތެރިކަމުގެ ދައުލަތް އެބައިމީހުން ޤާއިމުކުރިއެވެ. އެއަށްފަހު ޤުރުއާނުގެ ހިޔަލުގައި ޢިލްމާއި އީމާންކަމުގެ ޙަޟާރަތު ފެތުރިއެވެ.

މިއަދު އަޅުގަނޑުމެން މިތިބީއެވެ. ޞިހުޔޫނީ ދައުލަތް ނުވަތަ އިސްރާއީލުން އެމީހުންގެ ދައުލަތް ޤާއިމުކުރުމުގައްޔާއި، އެދައުލަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޔަހޫދީންގެ މަދަދު ހޯދުމުގައި، އެބައިމީހުންގެ ދީނުގެ ބޭނުން ހިފީ ކިހިނަކުން ހެއްޔެވެ؟ އެމީހުންގެ ޢަލްމާނީންވެސް ޤަބޫލުކުރާ ގޮތުގައި ސިޔާސީކަންކަމުގައި ދީނުގެ ބޭނުންހިފަންޖެހެއެވެ. އެކަމަކު އެމީހުން ދެކޭ ގޮތުގައި ދިރިއުޅުމުގެ ކަންކަމުގައި ދީނަކީ މަރުޖިޢެއް ނޫނެވެ.

ކަނާތުފިޔައިގެ ހަރުކަށި މަސީޙީންގެ ތެރެއިން، އެމެރިކާގެ (މަޒުމޫނު ލިޔުއްވި ތާރީޚަށް ރިޢާޔަތްކުރައްވާފައި) މިހާރުގެ ރައީސް ބުޝް (ދަރި ބުޝް) އާއި އޭނާގެ ޖަމާޢަތުގެ މީހުން، އެބައިމީހުންގެ އަނިޔާވެރި ބިމުގައި ބޮޑާވެ ކިނބުރުވެރިވެގަތުމުގެ ސިޔާސަތުތައް ނެގެހެއްޓުމަށް ދީން ބޭނުންކުރަނީ ކޮންފަދައަކުންކަން އެބަފެނެއެވެ. އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނުނީ ބުޝް، އޭނާއަށް ވަޙީ ބާވާލެއްވޭކަމުގައި ދޭހަވާ ފަދަ ޢިބާރާތްތަކަކުން ވާހަކަދެއްކިތަނެވެ. އޭނާ ބުނެފައިވެއެވެ. ޢިރާޤުގައި ހަނގުރާމަކުރުމަށާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރުމަށް ތިމަންނާގެ ވެރި އިލާހު އެންގެވީއެވެ. އަދިވެސް މިނޫންއެތައް ދޮގު އިލާހީއަމުރުތަކެއް އޭނާވަނީ އިޢުލާންކޮށްފައެވެ.

ޔޫރަޕުގެ ޢަލްމާނީ ސިޔާސީ ޕާޓީތަކުންވެސް، ދީނުން ނުވަތަ ދީނަށް ނިސްބަތްވެގަނެގެން، ނުވަތަ މަސީޙިއްޔަތުގެ ނަން ބޭނުންކޮށްގެން ބާރު ލިބިގަތުމަށް މަސައްކަތްކުރާ ތަން އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. އެހެންކަމުން ކުރިސްޓިއަން އެތައް ޕާޓީތަކެއް ފެނިފައިވެއެވެ. ކުރިސްޓިއަން ޑިމޮކްރެޓިކް ނުވަތަ ކުރިސްޓިއަން ސޯޝަލިސްޓު ޕާޓީ ފަދަ ނަންނަމުގައި ޔޫރަޕުގެ އެތައް ދައުލަތެއްގައި ސިޔާސީ ޕާޓީ އުފައްދާފައިވެއެވެ. ވޯޓުލާ ފަރާތްތަކުގެ ގިނަ ވޯޓުތަކެއް މިފަދަ ޕާޓީތަކުން ކާމިޔާބުކުރެއެވެ. އަދި ބައެއްފަހަރަށް އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި ވެރިކަންވެސް ކޮށްފައިވެއެވެ.

ދީން ސިޔާސަތާ ވަކިކުރުމަށް ނުވަތަ ސިޔާސަތުގެ ކިބައިން ދީން ދުރުކުރުމަށް މުސްލިމުންގެ ކިބައިން އެކަނި އެދެވެނީ ކީއްވެ ހެއްޔެވެ؟ އެއީ އުންމަތުގެ ބާރުގެ ސިއްރާއި ވަކިވެފައިވާ ޙާލު އަދި ފިޔަކޮށާލެވިފައިވާ ޙާލު ހަތިޔާރެއްނެތް ޙާލުގައި އާރެއް ބާރެއް ނެތް ގޮތުގައި ބޭއްވުމަށްތޯއެވެ؟

تحقيق ما للهند من مقولة ނަމަކަށް ކިޔުނު މަޝްހޫރު ފޮތުގައި ފޮތުގެ މުއައްލިފު އަލްޢައްލާމާ އަލްބައިރޫނީ ވިދާޅުވެފައިވެއެވެ. (إن المُلك إذا استند إلى جانب من جوانب مِلَّة (أي دين) فقد توافى فيه التوأمان، وكمل فيه الأمر باجتماع الملك والدين) މާނައީ: މިއްލަތެއްގެ ފަރާތަށް ވެރިކަމެއް ތަބާވާނަމަ ނުވަތަ ރުޖޫޢަވާނަމަ، ނިބޫ ހަމަވާނެއެވެ. އަދި އެވެރިކަމެއްގެ ކަންތައް ފުރިހަމަވާނެއެވެ. އެއީ ދީނާއި ވެރިކަމުގެ ކަންތައް އެކުމުވުމުންނެވެ.

އިބްނުޚަލްދޫނު އޭނާގެ މަޝްހޫރު މުޤައްދިމާގައި، މުޖުތަމަޢުތަކުގެ ތެރެއިން ދެބާވަތުގެ މުޖުތަމަޢުގެ ފަރަޤު ބަޔާންކުރައްވާފައިވެއެވެ. އެދެބާވަތަކީ ހަމައެކަނި ދުނިޔަވީ މުޖުތަމަޢާއި ދުނިޔެއާއި ދީނުގެ ކަންކަން ޖަމާވެފައިވާ މުޖުތަމަޢެވެ. ދެވަނަ ބާވަތުގެ މުޖުތަމަޢު ފުރަތަމަ ބާވަތުގެ މުޖުތަމަޢުތަކަށްވުރެ ޠާހިރުވެފައި، ހެޔޮވެގެންވެއެވެ. އެއީ އިޖުތިމާޢީ ޙަޔާތުގައި ދީނުގެ އަސަރު ޤަބޫލުކުރާ މުޖުތަމަޢެކެވެ. އެހެނީ ދީނުގެ އަސަރަކީ ޢާއިލީ ނުވަތަ ޖިންސުގެ އަސަރަށްވުރެ މުހިއްމުކަން ކުޑަ އަސަރެއްނޫނެވެ. އެހެންކަމުން އިބްނުޚަލްދޫންގެ އަރިހުގައި ދައުލަތުގެ އެންމެ ހަރުދަނާ އުޞޫލަކީ ދައުލަތުގެ ކަންކަމުގައި ދީނުގައި ހިފަހައްޓާ ހިފެހެއްޓުމެވެ.

ދީނުގައި ސިޔާސަތު އެކުލެވިގެންނުވާ ކަމުގައި ބުނާ ބަހުގެ މުރާދަކީ ކޮބައިތޯއެވެ. އެބަހުގެ މާނައަކީ ދީން މީސްތަކުންގެ ސިޔާސީ ކަންކަމަށް އެއްވެސް ވަރަކަށް އަހަންމިއްޔަތުކަމެއް ނުދިނުމާއި، އިންސާނުންގެ ދިރިއުޅުމުގެ ކަންކަމާ ބެހުމެއްނުވުމާއި، އެމީހުންގެ ދިރިއުޅުގެ ކަންކަން ރޭވުމާއި އެއްބަޔަކު އަނެއްބަޔަކާމެދު އޮންނަ ގުޅުންތަކާ، ދީނާ ގުޅުމެއް ނުވުންކަމުގައިވާނަމަ، މިއީ ކުށް ހީއެކެވެ. ހުރިހާ ދީނެއްގައިވެސް މިބައިގައި ކަންކުރާނެ ގޮތްތަކަކަށް މަގުދައްކާފައިވެއެވެ. ބައެއްދީންތަކުގައި ތަންކޮޅެއް ދިގުކޮށްހުރިއިރު، އަނެއްބައި ދީންތަކުގައި އެވާހަކަތައް ހުރީ ޚުލާސާ، ކުރު ގޮތަކަށެވެ. މިދާއިރާގައި އެންމެ ގިނަ ވާހަކަތަކެއް ހުރީ އިސްލާމް ދީނުގައެވެ. އެކަމުގެ މައްޗަށް އަލިއަޅުވައިލާ، ޤުރުއާނާއި ސުންނަތުގައި ގިނަ ޢަދަދެއްގެ ނައްޞުތަކެއް ވާރިދުވެފައިވެއެވެ.

އައްޝައިޚު ޢަލީ ޢަބުދުއްރައްޒާޤު އޭނާގެ ފޮތްކަމުގައިވާ الإسلام وأصول الحكم ގައި ދުނިޔެއަކީ މާތް ﷲ ކީރިތި ޤުރުއާނުގައި އެދުނިޔޭގެ ކަންކަން ތަދުބީރުކުރާނެ ގޮތްތަކުގެ މައްޗަށް އާޔަތްތަކެއް ބާވާލައްވާ ވަރަށްވުރެ ނިކަމެތި ތަނެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ބާވައިލެއްވުނީ ދުނިޔޭގެ ކަންކަން ކުރާނެ ގޮތާމެދުގައި ކަން ޝައިޚު ހަނދުމަފުޅު ނެތިވަޑައިގަތީއެވެ. ނުވަތަ ހަނދުމަފުޅު ނައްތަވައިލެއްވީއެވެ. އެއާޔަތަކީ ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތެވެ. މިއާޔަތުގައިވަނީ ދަރަނީގެ ލިޔުން ލިޔުމާއި ހެކިވުމާ ބެހޭ ވާހަކަތަކެވެ. މިއާޔަތް މަޝްހޫރުވެފައިވަނީ މުދާޔާނާގެ އާޔަތުގެ ގޮތުގައެވެ. މުދާޔަނާއަކީ ދަރަނީގެ މުޢާމަލާތެވެ. އަދި ޢިލްމުވެރިން ބައްލަވައި ތަފްސީރު ކުރައްވާފައިވާ ޙުކުމްތަކުގެ އާޔަތްތައް ސަތޭކައިން ގުނާލެވޭކަން ވެސް ޝައިޚު ހަނދުމަފުޅުނެތީއެވެ.

އެކި ދީންތަކުގެ އަހުލުވެރިންވެސް ސިޔާސަތަށް މަގު ދެއްކުމުގައި ބައިވެރިވެފައިވެއެވެ. ޤައިޞަރަށް ޤައިޞަރުގެ ކަންކަން ދޫކޮށްލައި، ﷲ އަށް އެކަލާނގެއަށްވާ ކަންކަން ދޫކޮށްލުމަށް އިންޖީލުގައިވާކަމަށް ބުނާ މަސީޙީ ފައްޅިވެސްމެއެވެ. އަދި ޤައިޞަރުގެ ސިޔާސަތަށް ނުފޫޒު ފޯރުވައި، މަގުދެއްކުމަށް އެއުރެންވަނީ މަސައްކަތްކޮށްފައެވެ. އަދި ކިއެއްހެއްޔެވެ؟ ޤައިޞަރު ވެރިކަމުން ބާލައިފައިވެސް އެބަހުއްޓެވެ.

-ނުނިމޭ-

އަސްލު ލިޔުއްވީ: އަލްޢައްލާމާ ޑރ ޔޫސުފުލްޤަރަޟާވީ

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.