ހޮނިހިރު20171014

އާކުރެވުނީ: 09:46:14

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (1)

ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (1)

deenai-siaasat01ޢަލްމާނީން ނުވަތަ ސެކިއުލަރ ވިސްނުމުގެ މީހުން، ދައުލަތާއި ދީނުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ނަޒަރިއްޔާ، ތަރުތީބުކޮށްފައިވަނީ އެންމެ އިސްކަމެއްގެ ގޮތުގައި ސިޔާސަތާއި ދީންވަކިކޮށް ދީނާއި ސިޔާސަތުވަކިކޮށްގެންނެވެ. އަދި އެމީހުން އަންނަވި މަޝްހޫރު ބުނުން ފެތުރިއެވެ. ސިޔާސަތުގައި ދީނެއްނުވެއެވެ. ދީނުގައި ސިޔާސަތެއްނުވެއެވެ. މިބަހަކީ ބަޙުސްކުރުމާއި ނަޤުދުކުރުމުގެ މަސްރަޙުގައި ސާބިތުނުވާނެ ބަހެކެވެ.

އަދިކިއެއްތޯއެވެ؟ މިބައިމީހުންގެ ތެރެއިން ބައެއް މީހުންނަކީ ދިރިއުޅުމާއި ދީންވަކިކުރުމަށް ގޮވާލާ މީހުންނެވެ. އެބައިމީހުން ދެކޭ ގޮތުގައި ފަރުދެއްގެ ފެންވަރުގައި އެމީހެއްގެ ޟަމީރުގައި މެނުވީ ދީނުގެ ދައުރެއް ނޯންނާނެއެވެ. ދީނުގެ ދާއިރާ އެއަށްވުރެ ތަނަވަސްކުރަން އެދޭނަމަ، މިސްކިތާއ ފައްޅިން ފުދެއެވެ. މިފަދަ ސެކިއުލަރިސަމް ނުވަތަ ޢަލްމާނިއްޔަތަށް ޑރ ޢަބްދުލްވައްހާބުލްމަސީރީ ދެއްވާ ނަމަކީ ޝާމިލު ޢަލްމާނިއްޔަތުގެ ނަމެވެ.

ސިޔާސަތުގައި ދީނެތް ނުވާނެކަމަށް ބުނެވޭ ބުނުމާމެދު ކުރެވޭ ބަޙުސް

ސިޔާސަތުގައި ދީނެއް ނެތްކަމަށް ބުނާ ބަހުގެ މުރާދަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ ސިޔާސަތަށް ދީނެއް ނެތުމުން ދީނީ އަގުކުރުންތަކާއި ޤަވާޢިދުތަކަށް ތަބާވާން ނުޖެހޭނެ ވާހަކަހެއްޔެވެ؟ އަދި ސިޔާސަތަކީ ކޮންމެ ގޮތަކުން ނަމަވެސް ފައިދާ ހޯދައިގަތުން ކަމަށް (Pragmatism) ބެލުން ހެއްޔެވެ؟ އެއީ މާއްދީ ނުވަތަ ވަޠަނީ ނުވަތަ ސިޔާސީ ނުވަތަ ކޮންމެވެސް ބާވަތެއްގެ މަންފާއެއްކަމުގައި ވަނީނަމަ ނިމުނީހެއްޔެވެ؟ އަދި އަވަސް މަޞްލަޙަތަކީ ދީނާއި އެދީނުގެ އުޞޫލުތަކުގެ މަތީގައި ވާއެއްޗެއްކަމުގައި ދެކެ، ސިޔާސަތުގެ ދުނިޔޭގައި މާތްﷲއާއި އެކަލާނގެ އަމުރުފުޅުތަކަށާއި ނަހީފުޅުތަކަށް މަޤާމެއް ނެތްކަމަށް ޤަބޫލުކުރުން ހެއްޔެވެ؟

ޙަޤީޤަތުގައި މިބަހުގެ މުރާދަކީ މޭކިޔާ ވިލީގެ ނަޒަރިއްޔާއަށް ތަބާވުމެވެ. އެއީ ސިޔާސަތާއި އަޚުލާޤު ވަކިކުރާ ނަޒަރިއްޔާއެކެވެ. އަދި މިނަޒަރިއްޔާ ބުނެދޭ ގޮތުގައި ލަނޑުދަނޑު ރަނގަޅުނަމަ، ކޮންމެ ވަސީލަތެއް ބޭނުންކުރުންވެސް ރަނގަޅުވާނެއެވެ. އެއީ ޑިކުޓޭޓަރުންނާއި އަނިޔާވެރިވެރިން އެބައިމީހުންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އެނޫން ގޮތަކަށް ސިފަކޮށްދީ އެކަންކަން ބަރީއަކުރުމަށް ބޭނުންކުރާ ނަޒަރިއްޔާއެވެ. އަދި ޚާއްޞަކޮށް އެބައިމީހުންނާ އިދިކޮޅު ފަރާތްތަކާ މެދު ހިންގާ ޖަރީމާތައް ޒީނަތްތެރިކުރަނީ މިނަޒަރިއްޔާގެ އެހީގައެވެ. ދައުލަތުގެ އަމާންކަން ދެމެހެއްޓުމުގެ ނަމުގައި ނުވަތަ ކޮންމެވެސް އެފަދަ އެހެން ބަހަނާއެއް ދެއްކުމަށްފަހު، މީހުންގެ ކޮއްތަށް ހުރަސްއަޅައި، އެކި ޒާތުގެ އަދަބުތައްދީ، މީހުންގެ ދިރިއުޅުން ދަތިކުރާކަށް އެއުރެން ޖެހިލުމެއްނުވާނެއެވެ.

އިންސާނިއްޔަތު އެސިޔާސަތަކަށް ބޭނުންވެގެންވާ އަދި އިންސާނިއްޔަތު ރަނގަޅުކުރާނެ ސިޔާސަތަކީ މިއީހެއްޔެވެ؟
ހަމަޔަގީނުން ދީނީ އަގުކުރުންތަކާއި އަޚުލާޤީ ޤަވާޢިދުތަކުން ހިފެހެއްޓިފައިވާ، ހެވާއި ނުބައިގެ މިންގަނޑާއި ޙައްޤާއި ބާޠިލުގެ ތިލަފަތް ޤަބޫލުކުރާ ސިޔާސަތެއް މެނުވީ އިންސާނިއްޔަތަށް އެކަށީގެންނެއް ނުވެއެވެ.

ސިޔާސަތު ދީނާ ގުޅުމުގެ މާނައަކީ ބެލެހެއްޓުންތެރިކަމުގައި ޢަދުލުވެރިވުމާއި މުއްސަނދިކަން ބެހުމުގައި ހަމަހަމަވުމާއި އަނިޔާވެރިޔާގެ މައްޗަށް އަނިޔާ ލިބޭ ފަރާތަށް ނަޞްރުވެރިވުމާއި، ހަމަހަމަ ފުރުޞަތުތަކެއް މީސްތަކުންނަށް ލިއްބައިދިނުމާއި، ޔަތީމުންނާއި ފަޤީރުންނާއި، މަގުގެއްލިފައިވާ މީހުންނާއި، މުޖުތަމަޢުގައި ނިކަމެތިވެގެންވާ ގިންތިތަކަށް ބަލައި އޯގާވެރިވުމެވެ. އަދި ޢާންމު ގޮތެއްގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ނެގެހެއްޓުމެވެ.

ބައެއްމީހުން ޤަބޫލުކުރާ ފަދައިން، ސިޔާސަތުގެ ތެރެއަށް ދީން ވަނުމަކީ ސިޔާސަތަށް ނުވަތަ ދީނަށް ހުރި ގެއްލުމެއް ނޫނެވެ.

އެހެނީ ޙައްޤު ދީން ސިޔާސަތުގެ ތެރެއަށް ވަންނާނީ މަގުދައްކާ ފަރާތެއްގެ ގޮތުގައެވެ. ޙައްޤު ގޮތް ބަޔާންކުރާ، މަގުފުރެދުމާއި ނުބައިކަންކަމުން ނެރެދޭ ވާގިވެރިއެއްގެ ގޮތުގައެވެ. އެދީން އަނިޔާއަކަށް ނުރުހޭނެއެވެ. މަކަރާއި ޚިޔާނަތާ އެއްބަހެއް ނުވާނެއެވެ. ފުރެދުމުގެ ކުރިމަތީ ހަނަކުން ނުހުންނާނެއެވެ. އަދި ބަލިކަށި މީހުންގެ މައްޗަށް ބާރުހުރި މީހުން ވެރިވުމަކާ އެއްބަހެއް ނުވާނެއެވެ. ބޮޑެތި ވަގުންނަށް ކަމޭހިތުމާއެކު، ކުދި ވަގުންނަށް އަދަބު ދިނުމުގެ އުޞޫލަކާވެސް އެއްބަހެއް ނުވާނެއެވެ.

ސިޔާސަތުގެ ތެރެއަށް ދީންވަދެއްޖެނަމަ، އިންސާނާގެ ނިސްބަތުގައި، އަދި މުޖުތަމަޢުގެ ނިސްބަތުގައި، މަތިވެރި ލަނޑުދަނޑިތަކެއް ހޯދައިދެއެވެ. ﷲ އެއްކައުވަންތަކުރުމާއި، ނަފްސު ޠާހިރުކުރުމާއި ރޫޙާނިއްޔަތު މަތިވެރިކުރުމާއި އަޚުލާޤު ހެޔޮމަގަށް އެޅުވުމެވެ. އަދި މާތް ﷲ އިންސާނާ އުފެއްދެވި މަޤުޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރާނެއެވެ. ﷲ އަށް އަޅުކަންކުރުމާއި ބިން އާރާސްތުކުރުމާއި މާތް ﷲ ގެ ޚަލީފާއެއްގެ ވަޒީފާ އަދާކުރުމުގެ އިތުރަށް ޢާއިލީ ގުޅުންތައް ހަރުދަނާކޮށް، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީ، އުންމަތުގެ އެއްބައިވަންތަކަން ރައްކާތެރިކޮށް، ދައުލަތުގެ ޢަދުލުވެރިކަން ޤާއިމުކޮށް އިންސާނީ މުޖުތަމަޢުގެ އެކުވެރިކަން އުފައްދާނެއެވެ.

މަތިވެރި ލަނޑުދަނޑިތަކަކަށް މަގުދެއްކުމާއެކު، އެލަނޑުދަނޑިތައް ހާސިލުކުރާނެ މަތިވެރި މަންހަޖެއްވެސް ދީނުގެ ސަބަބުން އެނގިގެންދާނެއެވެ. އަދި އެމަންހަޖަކީ ދިރިއުޅުމުގެ މައިދާނުގައި ތަންފީޛުކުރެވޭ މަންހަޖެއްކަމުގައިވާނެއެވެ. ހަމައެކަނި ޖަހައިލެވޭ މިސާލުތަކެއް ނުވަތަ ސިކުނޑީގައި ހުރި ފިކުރުތަކެއް ކަމުގައި އެކަންކަން ނުވާނެއެވެ.

އަދި ހަމައެފަދައިން ދީނުގެ ސަބަބުން ސިޔާސަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް، ހެޔޮކަންކަމަށް ނަޞްރު ދިނުމުގެ ޤާބިލުކަމާއި، ބޭނުންޖެހިފައިވާ މީހާއަށް އެހީތެރިވުމުގެ ކުޅަދާނަކަމާއި، އަދި ނިކަމެތި މީހާއަށް ވާގިވެރިވެ، އަނިޔާވެރިޔާގެ އަތުގައި ހިފަހައްޓެމުގެ ކެރިފޯރުންތެރިކަން ލިއްބައިދެއެވެ. އަދި އަނިޔާވެރިވާ މީހާ އޭނާގެ އަނިޔާވެރިކަން ދޫކުރަންދެން އޭނާގެ ކުރިމަތީ ސާބިތުވުމުގެ ޤާބިލުކަން ހޯދައިދެއެވެ. ޞައްޙަ ޙަދީސްގައި ކީރިތި ރަސޫލުﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ގެ ކިބައިން ރިވާވެގެންވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "انصر أخاك ظالما أو مظلوما". قالوا: يارسول الله، ننصره مظلوما، فكيف ننصره ظالما؟ قال: "تمنعه من الظلم، فذلك نصر له" (1)

މާނައީ: ތިބާގެ އަޚާއަށް އަނިޔާވެރިއެއްކަމުގައި އޭނާވާ ޙާލަތުގައި ނުވަތަ އަނިޔާ ލިބޭ މީހެއްކަމުގައި އޭނާވާ ޙާލަތުގައިވެސް ވާގިވެރިވެ، ނަޞްރުދޭށެވެ. އެހިނދު އެކަލޭގެފާނުގެ ޞަޙާބީން ދެންނެވިއެވެ. އަނިޔާލިބޭ މީހާއަށް ނަޞްރުވެރިވާނެ ގޮތް އަޅުގަނޑުމެން ދަންނަމުއެވެ. އެކަމަކު އަނިޔާވެރިވާ މީހައަށް ނަޞްރުވެރިވާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އޭނާ އަނިޔާވެރިވުން މަނާކުރާނީއެވެ. އެއީ އޭނާއަށް ލިބޭ ނަޞްރެކެވެ.

އަދި ހަމައެފަދައިން ދީނުގެ ސަބަބުން ސިޔާސީ މީހުންނަށް، ކުށްފާފައިގެ ސަބަބުން މަލާމާތް ރައްދުކުރާ ނަފްސު ނުވަތަ، ދިރުން ހުރި ޟަމީރު ލިބެއެވެ. އޭގެ ސަބަބުން މުދަލުގެ ތެރެއިން ޙަރާމްއެއްޗެހި ކެއުމާ ދުރުވެއެވެ. ޙަރާމްވެގެންވާ ކަންކަން ޙަލާލުކުރުމާ ދުރުވެއެވެ. ޢާންމު މުދާ ބާޠިލުގޮތުގައި ކެއުމާމެދު، ބިރުހީވެއެވެ. ހަދިޔާގެ ނަމުގައި ނުވަތަ ފީއެއްގެ ނަމުގައި ރިޝްވަތު ނެގުމާމެދު، ބިރުގަނެއެވެ.

އަދި ދީނަކީ ވެރިކަން ކުރާ ފަރާތުން ޢާންމުންގެ ކިބައިން ނަޞޭޙަތަށާއި ހަމަމަގަށް އެޅުވުމަށް އެދެން ޖެހޭ ސަބަބެވެ. "ތިމަންކަލޭގެފާނަށް ކުށެއް ކުރެއްވިއްޖެނަމަ، ހަމަމަގަށް އަޅުވާށެވެ."(2) އަދި "ތިޔަބައިމީހުންކުރެ، ތިމަންކަލޭގެފާނުގެ ކިބައިން ކަސިޔާރުކަމެއް ފެނިއްޖެ މީހާ، ތިމަންކަލޭގެފާނު ސިދާ މަގަށް އަޅުވާހުށިކަމެވެ." (3)

އަދި ޢާންމުންނަށް ޙައްޤު ބަސްބުނުމުގެ ޤާބިލުކަން ދީނުގެ ސަބަބުން ލިބެއެވެ. އަދި ވެރިންނަށް ނަސޭހަތްތެރިވުމާއި، އެމީހުންގެ ކަންކަން ބެލެހެއްޓުމާއި، މަގުން ކަސިޔާރުވާނަމަ، ހަމަމަގަށް އެޅުވުމުގެ ކުޅަދާނަކަން ޢާންމުނަށް ދީން ފޯރުކޮށްދެއެވެ. އަދި މީހަކު ކޮށްފާނެ މަލާމާތަކަށް ފުރައްސާރައަކަށް އެކަމުގައި ނުބަލައެވެ. ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ވަޢީދުގެ ތެރެއަށް ނުވަނުމަށެވެ. "واتّقُوا فتْنةً لا تُصيبَنَّ الذينَ ظَلمُوا منْكُم خاصَّة واعْلمُوا أنَّ اللهَ شَديدُ العقاب"
މާނައީ: ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނަށް ޚާއްޞަކޮށް ނާންނާނެ، ޢަޛާބަކަށް ބިރުވެތިވާށެވެ. އަދި ﷲ އަކީ ޢިޤާބު ގަދަފަދަވެގެންވާ އިލާހުކަން ދަންނާށެވެ. -ސޫރަތުލްއަންފާލު 25-

 އަދި ރަސޫލުﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ގެ އަންނަނިވި ޙަދީސްބަސްފުޅުގެ ތެރޭގައި ނުހިމެނުމަށެވެ. "إذا رأيت أمتي تهاب أن تقول للظالم: يا ظالم، فقد تُوُدِّعَ منهم" (4)
މާނައީ: ތިބާއަށް ތިމަންކަލޭގެފާނުގެ އުންމަތް، އަނިޔާވެރިޔާއަށް އޭ އަނިޔާވެރިޔާއޭ ބުނަން ނުކުޅެދިގެންވާ ޙާލުގައި ފެނިއްޖެނަމަ، އެމީހުންގެ ކިބައިން ހުރިހާ ހެޔޮކަމެއް އުފުލިއްޖެއެވެ. މާނައަކީ އަނިޔާވެރިންނާ ދެކޮޅު ހެދުމުގެ ޤާބިލުކަމެއް ނެތުމުން އެބައިމީހުން ކިބައިގައި ހެޔޮކަމެއް ނުވާނެއެވެ. އަދި އެބައިމީހުން ދުނިޔޭގައި ތިބުމެކޭ ނެތުމެކޭ އެއްހަމަވާނެއެވެ.

ސިޔާސީއަކު ދީނުގައި ހިފަހައްޓައިފިނަމަ، އޭނާ އެހިފަހައްޓަނީ އިތުބާރުހުރި ބައިވެރިއެއްގައެވެ. އަޚުލާޤީ ބަލިމަޑުކަމުން ދީން އޭނާ ރައްކާތެރިކޮށްދެއެވެ. ނިފާޤުކަމުގެ ކުނިބުނިން ހިމާޔަތްކޮށްދެއެވެ. އޭނާ ބަހެއް ބުނަނީމަ، ދޮގެއް ނަހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ، އެވަޢުދަކާ ޚިލާފުނުވާނެއެވެ. އަމާނާތެއް ހަވާލުކުރެވިއްޖެނަމަ، ޚިޔާނާތްތެރިނުވާނެއެވެ. އަދި ޢަހުދުކަށަވަރެއް ހިފައިފިނަމަ، ޣަދަރުވެރިނުވާނެއެވެ. އަދި މީހަކާ ދެބަސްވިޔަސް ހަޑިހުތުރު ބަހުރުވަ ބޭނުންނުކުރާނެއެވެ. އޭނާގެ އުޅުމާއި ސުލޫކު ހުންނާނީ މަކާރިމުލް އަޚުލާޤާއި މަތިވެރި މިސާލުދެއްކުމުގެ އިމުގައި ހިފެހެއްޓިފައެވެ.

ކާފަރުންނާއެކު، ކީރިތި ރަސޫލުﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެއްބަސްވުމެއް ވެވަޑައިގެންފައިވަނިކޮށް އެމީހުންނާ ދެކޮޅަށް އެހީތެރިކަމާއި މަދަދު ލިބިވަޑައިގަތުމުން އެމަދަދު ރައްދުކުރެއްވި އިރު އެދެއްކެވި މިސާލު ފަދައިންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "نفي لهم ونستعين الله عليهم"(5)
މާނައީ: އެބައިމީހުންނަށްޓަކައި ކުޅަ ނަފީއެކެވެ. އަދި އަހަރެމެން އެބައިމީހުންގެ މައްޗަށް ވާތްގަށް އެދެނީ މާތްﷲ ގެ ޙަޟްރަތުންނެވެ. އަދި ހަނގުރާމައެއްގައި އަންހެނަކު މެރުމާމެދު އިންކާރުކުރައްވައި ޙަދީސްކުރެއްވިއެވެ. : "ما كانت هذه لتقاتل"(6) މާނައީ: މިކަނބުލޭގެ މެރުމެއް ތިޔަބައިމީހުންނަކަށް ނުވެއެވެ.

އަދި އަންހެނުންނާއި ކުޑަކުދިން ޤަތުލުކުރުން ނަހީކުރެއްވިއެވެ.

މަކަރު ހެދުމާއި އޮޅުވާލުމާއި ނިފާޤުކަމަށް ސިޔާސަތޭ ކިޔާނަމަ، އެއީ އަހަރުމެން ޤަބޫލުކުރާނެ މުސްތަލަހެއް (ޓަރމެއް) ނޫނެވެ. އެއީ ނުބައި ފާޖިރުންގެ ސިޔާސަތެވެ. ހެޔޮކަމުގެ އެންމެހާ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ އެފަދަ ސިޔާސަތާ ދުރުހެލިވެ، އެފަދަ ސިޔާސަތު މުޖުތަމަޢިން ބޭރުކުރުމެވެ.

-ނުނިމޭ-

އަސްލު ލިޔުއްވީ: އަލްޢައްލާމާ ޑރ ޔޫސުފުލްޤަރަޟާވީ

 

1 رواه البخاري في المظالم (2444) عن أنس، وأحمد في المسند (11994).

2 އަބޫބަކުރުގެފާނު ޚިލާފަތާ ޙަވާލުވެވަޑައިގަތުމަށްފަހު، ދެއްވި ޚުޠުބާގެ ތެރެއިން ބައެއް.

3 ޢުމަރުގެފާނުގެ ބަސްފުޅެއް.

4 رواه أحمد في المسند (6786) عن عبد الله بن عمرو

5 رواه مسلم في الجهاد والسير (1787) عن حذيفة بن اليمان

6 رواه أحمد في المسند (15992) عن رباح بن الربيع

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.