ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

މިނިވަންކަމަކީ ދީނުގައި ޟަރޫރަތެއް

human rights minivankan bird

އަޅުންވެތިކުރުމުގެ އާދަ ނައްތާލަން އިސްލާމްދީން މަސައްކަތްކުރި
ރަސޫލުބޭކަލުންގެ ރިސާލަތުގެ ތެރެއިން ފާހަނގަވާ މުހިއްމު މަޤްޞަދުތަކެއް:
މިނިވަންކަމަށް ދީފައިވާ ޤުދުސިއްޔަތު
މަންހަޖީ ޝައްކު

އިންސާނާގެ މިނިވަންކަމަކީ، އެއީ ފަރުދީ ނުވަތަ ޖަމާޢީ ނުވަތަ އިޖިތިމާޢީ މާނައިގައި ކަމުގައިވިޔަސް، އިސްލާމްދީން ދެކެނީ އެއީ އެކައްޗެއް ކަމުގައެވެ. އަދި މިދީން ދެކެނީ މިއީ އިންސާނާގެ އިންސާނިއްޔަތުކަން ފުރިހަމަކުރުމަށް ބޭނުންވާ ޟަރޫރަތްތަކުގެ ތެރެއިން އެންމެ މުހިއްމު ޟަރޫރަތް ކަމަށެވެ. ކިއެއްތަ، އިންސާނާގެ ޙަޤީޤީ ދިރިހުރުން ލިއްބައިދޭ، އަދި އެ ނެތިއްޖެނަމަ މަރުވުމެކޭ އެއްފަދަވުން ކަމަށް، ދެކޭ އެއްޗަކީ މިނިވަންކަން ކަމަށް، އިސްލާމްދީން ދެކެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިނިވަންކަން ގެއްލިފައިވާ މީހަކީ، ޖަނަވާރުންހެން ކައިބޮއެ އުޅުނަސް، ބިމުގައި ހިނގައިބިނގައިވެ އުޅުނަސް، ޙަޤީޤީ ދިރުމެއްވާ މީހެއް ނޫނެވެ.

އިސްލާމްދީން ފާޅުވި މުޖްތަމަޢުގައި ފެތުރިފައި އޮތް މީހުން އަޅުންވެތިކުރުމުގެ އާދަ، މަޑުމަޑުން ނައްތާލަން އިސްލާމްދީން މަސައްކަތްކުރިއެވެ. އަދި ރަނގަޅު ނަތީޖާއެއްވެސް އެކަމުގައި ހާސިލުކުރިއެވެ. މިކަމާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށް އަޅުން މިނިވަންކޮށްގެން، އިސްލާމްދީން ދިރުވި އިންސާނިއްޔަތު ފެންނަން އެބަ އޮތެވެ. އެ ދީނުގައި އަޅުން މިނިވަންކުރުމަކީ، ދައުލަތުގެ ފައިސާ ހޭދަކޮށްގެންވެސް ކުރަންޖެހޭކަމެކެވެ. އަދި އަޅުންމިނިވަންކުރުމަކީ، މާތް ﷲ އާ ވެވޭ ކުއްތަންވުމެކެވެ. މުސްލިމުންގެ ފާފަތަކުގެ ކައްފާރާއެކެވެ.

އަޅުންވެތިކުރުމުގެ އާދަ ނައްތާލަން އިސްލާމްދީން މަސައްކަތްކުރި

އިސްލާމްދީން ފާޅުވި މުޖްތަމަޢުގައި އެކިއެކި ނަސްލުތަކުގެ އެކިއެކި ޤައުމުތަކުގެ އަޅުން ތިއްބެވެ. އޭގެ ތެރޭގައި އެފްރިކާގެ ކަޅުމީހުންނާއި ރޫމީ ދޮންމީހުންނާއި ފާރިސީންނާއި އަދި މި ނޫންވެސް އެތައް ބަޔަކު ތިބިއެވެ. އަދި މިއަށްވުރެ މުހިއްމު ކަމަކީ، އެ މުޖްތަމަޢުގައިވާ އަޅުންގެ 'ކޯރަށް' އެކިދިމަދިމާއިން ފެން ފޯރުކޮށްދޭ އާރުތައް ހުއްޓެވެ. އަބަދަށް ދާއިމަށް މި ކޯރަށް، މި ދެންނެވި އަޅުންގެ އާރުތަކުން ހުންނަނީ އަބަދުވެސް އަޅުން ލިބިލިބިއެވެ. އެހެންވެ ކޯރު ހުންނަނީ އަބަދުވެސް ބަނޑުންވާހާ ވެފައެވެ. ނަމަވެސް އިސްލާމްދީން އައިސް މަސައްކަތްކުރީ، މަރުހަލާތަކަކުން މި ނިޒާމް އުވާލާށެވެ. އިސްލާމްދީނަށް ފެނުނީ، މެދުކެނޑުމެއް ނެތް ޤަބީލާތަކުގެ ހަނގުރާމަތައް އެއީ މީހުން އަޅުވެތިކުރެވޭ މަޞްދަރަކަށް ވެފައިވާތަނެވެ. ޤަބީލާތަކުގެ އަދި ވަކިވަކި ފަރުދުންގެ އާދަކާދައަކީ ވެސް އިތުރު މަޞްދަރެކެވެ. ފެތުރި އާއްމުވެފައި އޮތް ފަޤީރުކަމުގެ ސަބަބުން، މީހުން ދަރަނި ނަގަން މަޖްބޫރުވެ އެ ދަރަނީގެ ސަބަބުންވެސް އަޅުވެތިވަމުންދިޔައެވެ. ދަރަންޏަށް އިތުރުވަމުންދާ އެތައް ގުނައެއްގެ ރިބާ ނުދެއްކުނީމާ، ފައިސާވެރިން ފަޤީރުން އަޅުންނަށް ހަދާލައެވެ. އިޖްތިމާޢީ ޢަދުލުވެރިކަމެއް ނެތް މި މުޖްތަމަޢުގައި ފެތުރިފައި އޮތް ރިބާގެ މުޢާމަލާތަކީ، ގިނަ ބަޔަކު، އަޅުންގެ ކޯރަށް ވެއްޓޭ ސަބަބެއްކަމުގައި ވިއެވެ. އަދި އަނެއްކޮޅުން، ފަޤީރުން އުޅެމުންދިޔަ ނިކަމެތިކަމާއި، ވާހަކައަކުން ސިފަކުރެވޭ ވަރަށް ވުރެ ދެރަ ހާލަކީ، ވެސް މީހުން އަޅުވެތިކަމުގެ ކަސްތަޅުގައި ބެދޭ ސަބަބަކަށް ވެފައި ވިއެވެ. ބައްޕައަކަށް އޭނާގެ ދަރިން އަޅުންގެ ގޮތުގައި ވިއްކާލުމަކީ އޭރު މައްސަލައެއް ނޫނެވެ. ކާންބޯން ނުލިބިއްޖެއްޔާ ވެސް އޭނާ ކޮންމެވެސް މީހެއްގެ އަޅަކަށް ވަނީއެވެ. މަގުފޭރިގެންވެސް މިނިވަނަކު ހިފާ ހައްޔަރުކޮށްފައި، އެހެން ރަށެއްގެ އަޅުންގެ ބާޒާރަށް ވިއްކާލުމަކީ އާދައިގެ ކަމެކެވެ.

އިސްލާމްދީން އައިސް، މުޖަތްމަޢުގައި ފެތުރިފައި އޮތް މި ނުބައި އާދަ ހުއުޓުވަން، އޭރު ނެގެން އޮތް ޘައުރީ(އިންޤިލާބީ) ފިޔަވަޅު އެޅިއެވެ. މިގޮތުން އަޅުންގެ ކޯރަށް އާ އަޅުން އަންނަ އާރުތައް ބަންދުކުރިއެވެ. ބަންދުނުކޮށް ބޭއްވީ ހުއްދަ ހަނގުރާމައިގެ އާރެވެ. ހަނގުރާމައިގެ އަސީރުން އަޅުންނަށް ހެދިދާނެއެވެ. ނަމަވެސް އިސްލާމްދީން ބާރުއެޅީ  ފިދުޔައަތުލާފައި  އަސީރުން މިނިވަންކުރުމަށެވެ.

 އަދި އަނެއްކޮޅުން އަޅުންގެ ކޯރު ބަންޑުންވާ ކޮޅު ފުޅާކުރުމުގެ ގޮތުން، އަޅުން މިނިވަންކުރުމުގެ ދޮރު އިންތިހާއަށް ހުޅުވާލިއެވެ. އަޅުން އަމިއްލައަށް ވެސް މުކާތަބާކޮށްގެން މިނިވަންވެވެއެވެ.  އަޅުން މިނިވަންކުރުމަކީ ޘަވާބާއި ދަރުމަ ހޯދަން ބޭނުންމީހަކަށް އިރުޝާދު ދެވޭ ކަމެކެވެ. މިގޮތުން އިސްލާމްދީން އަންގާފައިވަނީ، މީހަކު އަޅެއް މިނިވަންކޮށްފިއްޔާ، އެއަޅުމީހާގެ ކޮންމެ ގުނަވަނަކަށް، މިނިވަންކުރިމީހާގެ ގުނަވަނެއް، ނަރަކައިގެ އަޒާބުން މިންޖުވާނެ ކަމަށެވެ. ވަރަށް ގިނަ އާއްމު ކުދި ފާފަތަކާއި، އަދި ބޮޑެތި ފާފަތަކުގެ ކައްފާރާއެއް ކަމުގައިވެސް، އަޅުވެތިކަމުން އަޅުން މިނިވަންކުރުންކަމުގައި ހަމަޖެއްސިއެވެ. އިސްލާމްދީނަކީ އިޖްތިމާޢީ އަދުލުވެރިކަމާއި އިންސާނީ ހައްޤުތައް ހޯދައިދޭނެ ދީނެއްކަން އެނގޭތީ، ގިނަ އަޅުންތަކެއް އެދީނަށް ވަނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންނަށް ޤުރައިޝުވަންހައިގެ ބޮޑުންގެ ފަރާތުން، ބޮޑެތި އަނިޔާތަކެއް ލިބެމުންވެސް ދިޔައެވެ. މިހެންވެ އިސްލާމްދީނުގައި ހަމަޖައްސާފައިވަނީ، އަޅުން މިނިވަންކުރުމަކީ، ބައިތުލް މާލުން ޚަރަދުކޮށްގެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. { إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ} " ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ." (ތައުބާ:60)

މިއާޔަތުން އެނގޭ ކަމަކީ، އަޅުން މިނިވަންކުރުމަކީ، މާތް ﷲ ފަރުޟުކުރައްވާފައިވާ ކަމެއް ކަމެވެ. ދަރަނިވެރިވެފައި ތިބޭ މީހުންނަށް އެހީތެރިވުމާއި، ފަޤީރުންނާއި މިސްކީނުންނަށް އެހީވެ އިޖްތިމާޢީ ބައިވެރިވުން މުޖްތަމަޢުގައި އޮތުމަކީވެސް، އަޅުން މަދުވަނެ ކަމެއްކަން ޔަޤީނެވެ.

އަދި ޤުރުއާނުގައި މުސްލިމުންނަށް އަންގަވާފައިވަނީ، ޙަޤީޤީ ހެޔޮކަމަކީ، ދުޢާކުރުމަށާއި ނަމާދުކުރުމަށް ހުޅަނގަށް ނުވަތަ އިރުމައްޗަށް އެނބުރުން ނޫންކަމަށެވެ. އެކަމަކު ޙަޤީޤީ ހެޔޮކަމަކީ، އެއަށްވުރެ މާ މުހިއްމު ކަންތައްތަކެކެވެ. އޭގެ ތެރޭގައިވެސް އަޅުން މިނިވަންކުރުން ހިމެނެއެވެ. { يْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ } " ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ. " (ބަޤަރާ:177)

ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރު ކުރާ މީހަކަށް ފާހަނގަވާނެ އަނެއް ކަމަކީ، ޤުރުއާނުގައި އަޅުންގެ ވާހަކަ ދައްކާއިރު ބޭނުންކޮށްފައިވާ ލަފްޒަކީ 'ރަޤަބާ' (ކަނދުރާ) އެވެ. 'ޢަބްދު' (އަޅު) އެއް ނޫނެވެ. އަދި މި ލަފްޒު އަބަދުވެސް ގުޅިފައިވަނީ މިނަވަންކުރުމާއެވެ. { وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ اللَّـهِ ۗ وَكَانَ اللَّـهُ عَلِيمًا حَكِيمًا } (ނިސާ:92)

{ لَا يُؤَاخِذُكُمُ اللَّـهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ} (މާއިދާ:89)

 { وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ } (މުޖާދިލާ:3)

 { فَكُّ رَقَبَةٍ ﴿١٣﴾ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ﴿١٤﴾ يَتِيمًا ذَا مَقْرَبَةٍ ﴿ ١٥﴾ أَوْ مِسْكِينًا ذَا مَتْرَبَةٍ } (އަލްބަލަދު: 13-16)

އަޅުންގެ ކޯރަށް ފެންލިބޭ ގިނަ އާރުތައް ބަންދުކޮށް ހުއްޓުވައި، އަދި ކޯރު ބަންޑުންވާ ކޮޅު ފުޅާކޮށް ތަނަވަސްކޮށްފައި އިސްލާމްދީން އެހިސާބުން ފުއްދާލީއެއް ނޫނެވެ. ކުރިން އަޅުންނަކީ މުއްސަނދިވުމާއި ފައިސާ އިތުރުކުރުމަށް އޮތް ވަސީލަތެއްގެ ބަދަލުގައި، އިސްލާމްދީން އައުމުން، އަޅުންގެންގުޅުމަކީ، އަޅުންގެ މިލްކުވެރިންނަށް އިޤްތިޞާދީގޮތުން ބުރަ، އަދި ގެއްލުންހުރި ކަމަކަށް ހެދިއެވެ. އެއީ އަޅުންގެންގުޅޭ މީހުންގެ މައްޗަށް، އަޅުންގެ ޙައްޤުތަކެއް ކަނޑައަޅައި ވާޖިބުކޮށްގެނެވެ. އެންމެ ފަހުން އަޅުންނާއި އެމީހުންގެ ވެރިންނަށް ވެސް ލިބިފައި އޮތީ ދާދި އެއްވަރެއްގެ ޙައްޤުތަކެކެވެ. އެހެންވެ އަޅުންގެންގުޅޭ މީހުންނަށް ވެސް، އެއީ އިޤްތިޞާދީ ގޮތުން މާ ފައިދާ ބޮޑު ކަމަކަށް ނުވާތީ، މަޑުމަޑުން އަޅުން ގެންގުޅުމާ ދުރަށް ޖެހެން ފެށިއެވެ. އަދި އަނެއްކޮޅުން އަޅުން މިނިވަންކުރުމަކީ އެހާބޮޑު ސަވާބުތަކެއް ލިބޭ ކަމަކަށް ވާހިނދު، އަޅުން މިނިވަންކުރުން އެއީ، މީހުންނަށް އިޤްތިޞާދީ ގޮތުން މާ ބުރަ ކަމަކަށް ނުވިއެވެ.

 ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: [لِلْمَمْلُوكِ طَعَامُهُ وَكِسْوَتُهُ بِالْمَعْرُوفِ , وَلا يُكَلَّفُ مِنَ الْعَمَلِ مَا لا يُطِيقُ] "އަޅުމީހާއަށް އޭނާގެ ކެއުމާއި އަންނައުނު، އެކަށީގެންވާ ހެޔޮގޮތުގައި ދޭންވާނެއެވެ. އަދި އޭނާއަށް ނުކުޅަދާނަވަރަށް މަސައްކަތް ޖައްސައިގެން ނުވާނެއެވެ"

އަދި މިވަރުން ފުއްދާނުލާ، 'ޢަބްދު' 'އަމަތު' ފަދަ އަޅުވެތިކަން ދޭހަކޮށްދޭ ލަފްޒުތައް، އިޖްތިމާޢީ ހަޔާތުގައި ބޭނުންކުރުންވެސް މަނާކުރެވުނެވެ. މިގޮތުން ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: [لا يقولن أحدكم عبدي وأمتي، كلكم عبيد الله وكل نسائكم إماء الله، ولكن ليقل غلامي وجاريتي وفتاي وفتاتي.] "އެއްވެސް މީހަކު، ތިމަންނާގެ އަޅުފިރިހެނާއޭ، ތިމަންނަގެ އަޅުއަންހެނާއޭ ނުކިޔާށެވެ. ތިޔަބައިމީހުން އެންމެންނަކީ ވެސް ﷲ ގެ އަޅުފިރިހެނުންނެވެ. އަދި ތިޔަބައިމީހުންގެ ހުރިހާ އަންހެނުންނަކީ ވެސް އެކަލާނގެ އަޅުއަންހެނުންނެވެ. އެކަމަކު، އަހަރެންގެ ފިރިހެންކުއްޖާއޭ ނުވަތަ އަންހެންކުއްޖާއޭ ކިޔާށެވެ. ނުވަތަ އަހަރެންގެ ޒުވާން ފިރިހެންކުއްޖާއޭ ޒުވާންއަންހެންކުއްޖާއޭ ކިޔާށެވެ."

އަދި އަޅުވެތިކަން ނައްތާލުމަށްޓަކައި އިސްލާމްދީންވަނީ، މުކާތަބާ ހުއްދަކުރައްވާފައެވެ. އެއީ އަޅުމީހާ އޭނާގެ މިނިވަންކަން، ވެރިމީހާއަށް ފައިސާ ދީފައި ގަތުމެވެ. އަދި މިނިވަން ސާހިބުމީހާއަށް އަޅުއަންހެނަކު ވިހާފައިވަނިކޮށް ސާހިބުމީހާ މަރުވުމުން، ނުވަތަ 'ތަދްބީރު' ކުރުން ފަދަ ގޮތްގޮތަކީ ވެސް، އަޅުން މަދުކުރުމަށް އިސްލާމްދީން އެޅި ފިޔަވަޅުތަކެކެވެ. އަދި އަޅުމީހާއަށް އަނިޔާތަކެއް ލިބޭނަމަ، ވެރިމީހާގެ ކިބައިން ގަދަކަމުން މިނިވަންކުރުމަކީވެސް، މުސްލިމުންގެ ވެރިއަކަށް ހުންނަ މީހަކަށް ދެވިފައިވާ ބާރެކެވެ. އެއީވެސް އަޅުން މިނިވަންކުރެވޭ އެއްގޮތެވެ.

ކީރިތި ޤުރުއާނުގައި، އޮޅިގެން މީހަކު މެރުމުގެ ކައްފާރާއެއްގެ ގޮތުން އަޅަކު މިނިވަންކުރަން އަމުރުކުރައްވާފައި އޮތުމުން، އަހަރެމެންނަށް ދޭހަވަނީ ދިރިހުރުމާއި މިނިވަންކަމާއި އެއްފަދަ ވުމެވެ. މާތް ﷲ ވަޙީކުރައްވަނީ: {وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ} " އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. " (ނިސާ:92)

މާނައަކީ، އިންސާނެއްގެ ޙަޔާތުގެ 'ފުރާނަ ނެތިކޮށްލުމުގެ' ބަދަލުގައި، އަޅެއް 'މިނިވަންކޮށް ދިރުވުމެވެ.' އެހެނީ މީހަކު އަޅުވެތިވުމަކީ އޭނާގެ މަރުވުންފަދަ ކަމެކެވެ. އަދި މިނިވަންކުރުމަކީ ދިރުމެކެވެ. އިމާމް އައްނަސަފީ (710ހ-1310މ) އަށް މިކަން ވިސްނިވަޑައިގެން، ޤުރުއާނުގެ މި އާޔަތް ތަފްސީރުކުރައްވަމުން ވިދާޅުވެފައިވެއެވެ: "މުއުމިން ނަފްސެއް، ދިރިތިބި މީހުންގެ ތެރެއިން، ޤާތިލު ނެރެލީމާ އޭނާގެ މައްޗަށް  ވާޖިބުވެގެންވަނީ، އެފަދަ މުއުމިން ނަފްސެއް މިނިވަނުންގެ ތެރެއަށް ވެއްދުން، ލާޒިމުކުރެވެއެވެ. އެހެނީ، މީހަކު އަޅުވެތިކަމުން ސަލާމަތްކުރުމަކީ، އޭނާ ދިރުވުންފަދަ ކަމެކެވެ. އަޅުންނަކީ މަރުވެފައިތިބޭ ބައެއްފަދަ ބައެކެވެ. ސަބަބަކީ އަޅުވެތިކަމަކީ ކުފުރުގެ އަސަރުތަކުގެ ތެރެއިން އަސަރެކެވެ. ކުފުރަކީ ޙުކުމުން މަރެކެވެ. {أَوَمَن كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَن مَّثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا ۚ} "كافر ކަމުން މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟ " (އަންޢާމް:122)

ފަހެ އިސްލާމްދީން މީހަކަތަށް ތެދުމަގު ދެއްކީމާ އޭނާ މިނިވަންކުރަނީއެވެ. އަދި އޭނާ މިނިވަންކުރީމާ، ހަޔާތުގެ މާނަ ހާސިލުވުމަށްޓަކައި ޟަރޫރީ ކަމެއް ފުރިހަމަކޮށްދެނީއެވެ."..

ރަސޫލުބޭކަލުންގެ ރިސާލަތުގެ ތެރެއިން ފާހަނގަވާ މުހިއްމު މަޤްޞަދުތަކެއް:

ކީރިތި ޤުރުއާނުގައި، ރަސޫލުބޭކަލުންގެ ރިސާލަތުގެ މަޤްޞަދާ ބެހޭގޮތުން ވާހަކަދައްކާއިރު ފާހަނގަވާ މުހިއްމު މަޤްޞަދުތަކެއްވެއެވެ. އެއީ:

ހ- އިންސާނާ އޭނާގެ އުއްމަތާއި އަދި މުޖްތަމަޢުގެ ކަންކަމާ ހެދި އުޅެންޖެހެއެވެ. މިގޮތުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތަކުން ނަހީކޮށް ހަދަންޖެހެއެވެ.

ށ- ދުނިޔޭގައިވާ އެއްޗެއްސާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން އިންތިޒާމުކޮށް، ޙަލާލު އެއްޗެއްސާއި ހަރާމް އެއްޗެހި ވަކިކޮށްދިނުން

ނ- ކަސްތޮޅުތަކާއި ޤައިދުތަކުން އިންސާނާ މިނިވަންކުރުން.

މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ރިސާލަތަކީ ކޮބައިކަން ހާމަކުރެވިފައިވާ އާއްމު މަޤްޞަދަކީ ކޮބައިކަން ބަޔާންކުރައްވަމުން، މާތް ﷲ ވަޙީކުރައްވަނީ: {الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ} " އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި (رسول އާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. " (އަޢްރާފް:157)

މިނިވަންކަމަށް ދީފައިވާ ޤުދުސިއްޔަތު

އިސްލާމްދީނުގައި މިނިވަންކަމަށް ދީފައިވާ ޤުދުސިއްޔަތު ހުރި މިންވަރަކީ، މާތް ﷲގެ ޒާތުފުޅު ވޮޑިގެންވާކަން އެނގުމުގެ މަގަކީ އިންސާނާގެ ބުއްދަކަމުގައި ހެދުމެވެ. މިގޮތުން އީމާންކަމަކީ މާއްދީ މުޢްޖިޒާތްތަކާއި، ނައްޞުތަކުގެ ބާރުގެ ދަށުންވާ އެއްޗެއްކަމުގައި އިސްލާމްދީން ނުދެކެއެވެ. ކިއެއްތަ، ރަސޫލުންނާއި ނަބީންގެ ބާރުގެ ދަށުގައި އޮންނަ އެއްޗަކަށް ވެސް ނުހަދައެވެ. ފަހެ މުޤައްދަސް ނައްޞުތަކުގެ ޙުއްޖިއްޔަތު ބިނާވެފައިވަނީ އެ ގެނެސްދެއްވާ ރަސޫލުންގެ ތެދުކަމަށެވެ. އަދި ރަސޫލުންގެ ތެދުކަން ބިނާވެފައިވަނީ، އެބޭކަލުން ފޮނުއްވި ކަލާނގެއެއް ވާކަން ތެދުކުރުމަށެވެ. ވީމާ ރަސޫލުން ތެދުކުރުމާއި އެބޭކަލުން ގެންނެވި ނައްޞުތައް ތެދުކުރުމުގެ ކުރިން، އިލާހަކު ވޮޑިގެންވާ ކަން ޤަބޫލުކުރަން އެބަޖެހެއެވެ. މިކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ، ބުއްދީގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ ބާރު ފޯރުވިޔަ ނުދިނުމެވެ. އެ ފަރާތަކީ، އާދަޔާ ޚިލާފު މުޢްޖިޒާތްތައް ކަމުގައި ވިޔަސް، ނުވަތަ ރަސޫލުންގެ ބާރު ކަމަށް ވިޔަސް، ނުވަތަ ނައްޞުތަކުގެ ބާރު ކަމަށް ވިޔަސް ވެހެވެ. ދީނާއި ދީންވެރިވުމުގެ މިނިވަންކަމުގެ އިންތިހާއަކީ މިއީކަން ކަށަވަރެވެ. { لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ} " دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. " (ބަޤަރާ:256)

{قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَآتَانِي رَحْمَةً مِّنْ عِندِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَارِهُونَ} " އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން އަހުރެންނަށް رحمة އެއް ދެއްވައިފިނަމަ، ދެން އެކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވިހިނދު، ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން لازم ކުރެވިދާނެ ހެއްޔެވެ؟" (ހޫދު:28)

{ وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ} "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން إيمان ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން مؤمن ން ކަމުގައިވުމަށް مجبور ކުރައްވަނީތޯއެވެ؟" (ޔޫނުސް:99)

މާތް ﷲ އެކަލާނގެ ރަސޫލުން ފޮނުއްވީ މީސްތަކުންނަށް ހިދާޔަތާއި ރަޙްމަތެއްކަމުގައެވެ. އަދި އެބޭކަލުންގެ ރަސޫލުކަމުގެ މަސްއޫލިއްޔަތަކީ މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރުދެއްވާ، ކާފަރުންނަށް ބިރުވެރިކަމުގެ ޚަބަރުދެއްވުމެވެ. މީސްތަކުންގެ މައްޗަށް ގަދަވެވަޑައިގަންނަވާ، ނުވަތަ މަޖްބޫރުކުރައްވާ، ނުވަތަ ވަކީލެއް ކަމުގައިވެސް އެއިން ބޭކަލަކު ނުފޮނުއްވައެވެ.

{ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا } "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ." (ފަތުޙު:8)

{ فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ ﴿٢١﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ } " ފަހެ، ކަލޭގެފާނު އެއުރެންނަށް ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. * އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. " (ޣާޝިޔާ:21-22)

{نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَا أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ} "އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެއުރެންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު قرآن ން وعظ އާއި نصيحة އިއްވަވާށެވެ! " (ޤާފް:45)

{وَكَذَّبَ بِهِ قَوْمُكَ وَهُوَ الْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ } "އެއީ حق ތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ قوم ގެމީހުން އެ قرآن ދޮގުކުޅައޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކަންތަކާ حوال ވެގެންހުރި وكيل އަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. " (އަންޢާމް:66)

{قُلْ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الْحَقُّ مِن رَّبِّكُمْ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنَا عَلَيْكُم بِوَكِيلٍ} "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންގެ ގާތަށް حق އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. " (ޔޫނުސް:108)

{نَّا أَنزَلْنَا عَلَيْكَ الْكِتَابَ لِلنَّاسِ بِالْحَقِّ ۖ فَمَنِ اهْتَدَىٰ فَلِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنتَ عَلَيْهِم بِوَكِيلٍ } "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حق ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. " (ޒުމަރު:41)

މަންހަޖީ ޝައްކު

human rights minivankan doubtހުޅަނގު ޙަޟާރަތުގެ، މަދަނީ ފިކުރުގެ ތެރޭގައި 'ޝައްކުކުރުމުގެ މަންހަޖު'، ފަރަންސޭސި ފައިލަސޫފު ރެނޭ ޑެކާޓް 1596 -  1650 (René Descartes) ގެ އަތް މައްޗަށް އުފަންވިއެވެ. ނަމަވެސް އޭރުވެސް އެ ޙަޟާރަތުގެ ދީނީ ފަޅީގައި ތިބި މީހުން ދިޔައީ މި މަންހަޖާ ދެކޮޅުހަދަމުންނެވެ. ކިއެއްތަ، އެއީ ޙަރާމް އެއްޗަކަށް ހެދިއެވެ. އެމީހުންގެ ތެރޭގައި ކަން މިހެން އޮތަސް، މުސްލިމުންގެ ތެރޭގައި މިކަން އޮތީ މުޅިން ތަފާތުކޮށެވެ. އިސްލާމީ ޙަޟާރަތުގައި، އިސްލާމީ ޙަޟާރީ ފަޅިއެކޭ އެއްފަދައިން ދީނީ ފަޅިން ވެސް ވަނީ ޝައްކުގެ މަންހަޖުގައި ހިފާފައެވެ. ޔަޤީންކަމާ ހަމައަށް –އީމާންކަމަށް- ވާސިލުވެވޭނެ އަމާން ގޮތަކީ، ޝައްކުކުރުން ކަމަށް އިސްލާމްދީން ދެކެއެވެ.

އިބްރާހީމްގެފާނު 'ޝައްކު' ކުރައްވާ ސުވާލުކުރެއްވީ ހިތްޕުޅު ހަމަޖެއްސެވުމަށޭ ވިދާޅުވީމާ، ޤުރުއާނުގައި އިބްރާހީމްގެފާނަށް ޢިތާބުކުރައްވާފައި ނެތެވެ. {إِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ} "އަދި، إبراهيم ގެފާނު ދެންނެވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު إيمان ވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ إيمان ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހި إطمئنان ކަން ލިބުމަށްޓަކައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ! ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރައްވައި ހައްދަވާށެވެ! ދެން (ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ދަންނާށެވެ! " (ބަޤަރާ:260)

އަދި ﷲ ވޮޑިގެންވާ ކަމާމެދު ބައެއް ޞަޙާބީންގެ ހިތްޕުޅަށް އަރާ ވަސްވާހުގެ ސަބަބުން، އެބޭކަލުންގެ ޟަމީރަށް މި 'ފިކުރީ ހިތްހަމަނުޖެހުމުގެ ސަބަބުން' އުނދަގޫފުޅުވެ، އެބޭކަލުން ކީރިތި  ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާ ސުވާލުދެންނެވީމާ، އެކަލޭގެފާނު އެބޭކަލުން ކުށްވެރި ނުކުރައްވައެވެ. މި ކަން ހިނގައިދިޔަ ގޮތް ކިޔައިދެއްވަމުން އަބޫ ހުރައިރާ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. އެބޭކަލުން އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެވާހަކަ ދައްކަން ވެސް ބޮޑުވާ ވަރުގެ ވާހަކަތައް، އަޅުގަނޑުމެންގެ ހިތަށް ބައެއް ފަހަރު އަރައެވެ!" ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވީ: "އެއީ ޞަރީޙަ އީމާންކަމެވެ."

އިސްލާމްދީން މިފަދަ މަންހަޖުތައް ޤަބޫލުކުރާ ކަމުގެ އަނެއް ހެއްކަކީ، އިސްލާމީ ފައިލަސޫފު އަލްޖާޙިޡު 163-255ހ / 780-869މ އެވެ. ޢިލްމުވެރިންނަށް ޔަޤީންކަމާ ހަމައަށް ވާޞިލުވެވޭނީ، މަންހަޖީ ޝައްކުކޮށްގެން އެކަނި ކަމަށް، ޖާޙިޡުވެސް ބުނެފައިވެއެވެ. އޭނާ ދެކުނީ މި ވައްތަރުގެ ޝައްކަކީ އޭގެ ޒާތުގައި ބޮޑު ޢިލްމެއް ކަމަށެވެ. އަދި އެ ޢިލްމުގައި ކުރިއަރައި މޮޅުވުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން އޭނާ އޭނާގެ ދަރިވަރެއްގެ ގާތުގައި ބުނެފައިވަނީ: "ޝައްކުކުރެވޭ ތަންތަން ދެނެގަންނާށެވެ. އަދި އޭގެ ހާލަތްތަކާއި ޝައްކުކުރަންޖެހޭ ސަބަބުތައް ވެސް ހޯދާށެވެ. އެއީ ޔަޤީންވާ ތަންތަނާއި ޔަޤީންކުރެވޭ ސަބަބުތައް ހޯދައިގަތުމަށްޓަކައެވެ..."

ޖާޙިޡަށް ފަހު، ދެން އަހަރެމެންނަށް ފެންނަނީ، އިންސާނާގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވާ ކަންތަކާ ބެހޭގޮތުން ވާހަކަދައްކާފައިވާ ޢިލްމުވެރިންނެވެ. އެންމެ ފުރަތަމަ ވާޖިބުވަނީ ކޮންކަމެއްތޯ، އެއީ ޢިލްމުވެރިން ޚިލާފުވި މައްސަލައެކެވެ. އޭގެ ތެރެއިން އިމާމް އަބޫ ޢަލީ އަލްޖިބާއީ 351-303 / 984-916 ދެކެނީ، އެންމެ ފުރަތަމަ ވާޖިބަކީ 'ބެލުމެވެ.' އެއީ ޔަޤީންކަމަށް ވާސިލުކޮށްދޭނީ ބެލުމުން ކަމަށްވާތީއެވެ. އަނެއްކޮޅުން އިމާމް އަބޫ ހާޝިމް އަލްޖިބާއީ 247- 321  ދެކެނީ އެންމެ ފުރަތަމަ ވާޖިބަކީ 'ޝައްކުކުރުމެވެ.' އެއީ ބެލުމަށް މަގުފަހިކޮށްދޭނީ ޝައްކުކުރުމުން ކަމަށް ވާތީއެވެ. އަދި ޔަޤީނަށް ދެވޭ މަގަކީ ޝައްކުގެ މަގެވެ.

ޖާޙިޡާއި ދެ ޖިބާއީގެ ފިކުރަކީ، މި މައްސަލާގައި އޮތް، އިސްލާމީ ޢަޤްލާނީންގެ ފާރިސުން ކަމުގައިވާ މުޢްތަޒިލީންގެ ފިކުރު ދައްކައިދޭ ނަމޫނާތަކެކެވެ. ނަމަވެސް މިއީ ހަމައެކަނި މުޢްތަޒިލީންގެގެ ފިކުރު ހުރި ގޮތެއް ނޫނެވެ. ކިއެއްތަ، އިމާމް ޣަޒާލީ ފަދަ ބޭފުޅުން ވެސް ވަނީ މަންހަޖީ ޝައްކުގައި ހިއްޕަވާފައެވެ. ކިއެއްތަ، އެކަން ޢަމަލީ ގޮތުން އަމިއްލަފުޅަށް ތަޖުރިބާވެސް ކުރައްވާފައެވެ. މީގެ ތަފްޞީލުތައް، އޭނާގެ ފިކުރީ ތަޖުރިބާގެ ޙަޔާތް ލިޔެފައިވާ 'އަލްމުންޤިޛު މިނައްޟަލާލި' ގައި ވެއެވެ.  ވީމާ މިއިން އެނގެނީ، ވިސްނާ ފިކުރުކުރުމަކީ، އަދި ޔަޤީންކަމަށް ދިއުމަށްޓަކައި، މަންހަޖީ ޝައްކުކުރުމަކީ އިސްލާމީ އުފެއްދުމެއް ކަމެވެ.  އެ މަންހަޖު ބޮޑުވެ ފައްކާވެފައިވަނީ އިސްލާމީ ޙަޟާރަތުގައެވެ. އަދި ފަހުން ހުޅަނގު ޙަޟާރަތަށް އެ ފިކުރު ގެންދެވުނީއެވެ.

މި މަންހަޖަކީ އިސްލާމީ މަންހަޖެއްކަމުގައި ދެއްކިދާނެ ދަލީލުތައް ވަރަށް ބައިވަރެވެ. ނަމަވެސް މިތާނގައި މި ފުއްދާލަނީ، ޤުރުއާނުން ނެގޭ ބައެއް ނަތީޖާތަކަށެވެ.

ކީރިތި ޤުރުއާނުގައި ވަނީ ޞަރީޙަ ޢިބާރާތުން 'ބެލުން' މި ލަފްޒު ބޭނުންކޮށްފައެވެ. އަދި އެކަން ކުރުމަށް ބާރުއަޅާފައެވެ. ފަންސާސް ފަހަރަށްވުރެ ގިނައިން، މި ލަފްޒު އަމުރުކުރުމުގެ ޞީޣާއިން އެބައޮތެވެ.  އެއިން ދޭހަވަނީ، ބެލުމަކީ، އެއީ އިލާހީ ފަރުޟެއް ކަމެވެ.  އެއީ އިންސާނާ ކޮންމެހެންވެސް ކުރަންޖެހޭ، އަދި އޭނާގެ ޙައްޤެއް ކަމެވެ.

{فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ} "ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!" (އާލަޢިމްރާން:137)

{قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ} "ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! " (ޔޫނުސް:101)

{قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّـهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ} "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، اللَّه އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި إعادة ކުރައްވާނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. " (ޢަންކަބޫތު:20)

ކީރިތި ޤުރުއާނުގައި ވަނީ 'ވިސްނައި ފިކުރުކުރުމާ' ބެހޭގޮތުން ވެސް ވާހަކަދައްކާފައެވެ. ވިންސާ ފިކުރުކުރަން އެންގެވީމާ އޭގެ މާނައަކީ، ޤުރުއާނާ މެދުވެސް ވިސްނާ ފިކުރުކުރުމެވެ. މާނައަކީ ޤުރުއާނާއި ސުންނަތާ މެދުވެސް ވިސްނުމެވެ. ވިސްނާ ފިކުރުކުރަން ޖެހެނީ ހަމައެކަނި ޠަބީޢަތާއި ކައުނާއި ޚަލްޤުކުރެއްވި ތަކެއްޗާ ބެހޭގޮތަކުން ނޫނެވެ. ފަހެ ނަޤުލީ ދަލީލުތައް، ބުއްދިއަށް ހުށައަޅައި އެ ބުއްދިން ވިސްނާ ފިކުރުކުރުމަކީ އެއީ އިލާހީ ފަރުޟެކެވެ. އެހެނީ އިންސާނާގެ ފައިޞަލާ ކޮށްދޭ ޙަކަމަކީ ބުއްދިއެވެ. ދުނިޔެއާއި ދީނުގެ ކަންކަމުގައި ތަކްލީފު ގުޅެނީ ބުއްދިއާއެވެ.

{أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا} "ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ. " (ނިސާ:82)

{أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا} "ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟ " (މުޙައްމަދު:24)

{كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ} "(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ. " (ޞާދު:29)

ކީރިތި ޤުރުއާނުގެ ނަވާރަ ތަނެއްގައި ޙިކުމަތާ ބެހޭގޮތުން ވާހަކަދައްކާ، ބުއްދިއާ ބެހޭގޮތުން ނަވާރަ ތަނެއްގައި ވާހަކަދައްކާ، ލުއްބު ނުވަތަ ޖައުހަރާ ބެހޭގޮތުން ސޯޅަ ތަނެއްގައި ވާހަކަދައްކާ، ހަމަ އެމާނަ ދޭހަކޮށްދޭ ނުހާ އާ ބެހޭގޮތުން ދެތަނެއްގައި ވާހަކަދައްކާފައިވެއެވެ. ޤުރުއާނުގައި، ފިކުރުކުރުމަށް ބަލާފައިވަނީ، އެއީ މާތް ﷲ ފަރުޟުކުރައްވާފައިވާ ކަމެއްގެ ގޮތުގައެވެ.

ވީމާ ފިކުރުކުރުމަކީ ފަރުޟެކެވެ. އެއީ ހަމައެކަނި ޙައްޤެއް ނޫނެވެ.

ދުނިޔޭގެ ކަންކަމުގެ އިތުރުން، ދީނީ ކަންކަމުގައި ވެސް މުސްލިމެއްގެ ގޮތަކަށް ވާންވާނީ، 'ބުނީމާ ޤަބޫލުކުރުމެއް' ނޫނެވެ. އެކަމަކު 'ފިޤުހުކުރުމެވެ.'  މާނައަކީ ނައްޞުތަކުގެ ޡާހިރު މާނައަށްވުރެ ފުނަށް ފީނައި، ހުރިހާ ދިމާއަކުން އެ ނައްޞަކާ މެދު ވިސްނާ ފިކުރު ހިންގުމެވެ. މި ބުނާ ފިޤުހު ނުވަތަ ފިޤުހުކުރުމަކީ (ވިސްނުން/އެނގިގަތުން) އޭގެ އަހުލުވެރިންނަށް ޢައިނިއްޔަ ފަރުޟެކެވެ. މުޅި އުއްމަތަށް ކިފާޔަތުގެ ފަރުޟެކެވެ. {وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ} "އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، مؤمن ންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ قبيلة އަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) دين އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ قوم ގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް إنذار ކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ. " (ތައުބާ:122)

މުއުމިނުންގެ ވާޖިބަކީ މިއީއެވެ. އަދި އެބައިމީހުންގެ އެހެން މީހުންނާ ވަކިކޮށް ފާހަނގަކޮށްދޭ ސިފައަކީވެސް އެއީއެވެ. ޖާހިލިއްޔަތުގައި ތިބި މީހުންގެ ކިބައިގައި މި ބުނި، ފިޤުހާއި ތަފައްޤުހުގެ ސިފަ ނެތެވެ. { حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا } " ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ. " (ކަހުފް: 93)  އަދި މުނާފިޤުންގެ ކިބައިގައިވެސް މި ސިފަ ނުހުރެއެވެ: { وَلَـٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ} " އެހެނެއްކަމަކު منافق ންނަކަށް ނުވިސްނެތެވެ. " (މުނާފިޤޫން: 7)

ވިސްނާފިކުރުނުކުރުމުގެ ސަބަބުން އީމާންކަން ނުލިބޭ އެންމެންވެސް ދާން އޮތް ތަނަކީ ނަރަކައެވެ. { لَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَـٰئِكَ هُمُ الْغَافِلُونَ } " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ. "(އަޢްރާފް:179)

ވީމާ ފިކުރުކުރުމާއި ވިސްނުމާއި ބުއްދިހިންގުމާއި އުނގެނުމުގެ ފަރުޟު އަދާކުރުމަކީ، އެއީ އިންސާނާގެ ޚާއްޞިއްޔަތެކެވެ. އެއީ މުއުމިން އިންސާނެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެކެވެ. އެއާ ނުލާ ދުނިޔޭގެ ކާމިޔާބީއެއް، އަދި އާޚިރަތުގެ ބާއްޖެވެރިކަމެއް ނެތެވެ. ކިއެއްތަ، އެފަދަ މީހުންނަކީ އިންސާނީ ދާއިރާއިން ވެސް ބޭރުވެގޮސް، ޖަނަވާރުންނާ އެއްފަދަ ބަޔަކަށް ވެފައިވާ ބައެކެވެ.

އިސްލާމްދީނުގައި މިނިވަންކަން އޮތް މިންވަރަކީ މިއީއެވެ. އިސްލާމްދީނުގައި މިނަވަންކަމުގެ މަޤާމަކީ އަދި ދަރަޖައަކީ ވެސް މިއީއެވެ. އެއީ، އިންސާނީ ޟަރޫރަތެކެވެ. ވާޖިބެކެވެ. އިލާހީ ފަރުޟެކެވެ. އަދި އެއާ ނުލާ އިންސާނާގެ އިންސާނިއްޔަތުކަން ފުރިހަމަ ނުވެއެވެ. އެއީ އިންސާނާގެ 'ދިރިހުރުން' ފަދަ، އެއާ އެއްދަރަޖައިގައިވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.