ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

ޢަދުލުވެރިކަމަކީ ދީނުގައި ޟަރޫރަތެއް

adhulu

އަނިޔާވެރިކަމާ ދެކޮޅަށްއިސްލާމްދީން ތެދުވި:
އަނިޔާ ހުއްޓުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް:
އަނިޔާލިބިފައިތިބޭ މީހުންނަށް ނަޞްރުދިނުމަކީ ވާޖިބެއް:
ޢަދުލަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމުގައި އޮންނަ ހަމައެއް ނޫން:

ޢަދުލުވެރިކަމުގެ އަގަކީ އިސްލާމްދީނުގައި ވަރަށް ދަރަޖަ މަތިވެރި، އަދި އެދީން ގޮވާލާ ހުރިހާ އަގުތަކުގެ ސަފުގެ އެންމެ ކުރީގައިވާ އަގެވެ. އަދި އެއީ ޝަރީޢަތުގެ ފުރަތަމަ މަޤްޞަދެވެ. ޤުރުއާނުގައި ނުވަތަ ސުންނަތުގައި ވަކިވަކިން ނުބުންޏަސް، އެކަން ޙާޞިލުކުރުމަށް ދެވިދާނެ އަދި ހިނގިދާނެ ކޮންމެ މަގަކީ އިސްލާމީ ޝަރުޢީ މަގެކެވެ. އަހަރެމެން ބަލާލާއިރު 'އަލްޢަދްލު' އަކީ މާތް ﷲ ގެ އިސްމުފުޅެކެވެ. އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. ވީމާ މިވަރުން، އިސްލާމީ ފިކުރުގައި ޢަދުލުވެރިކަމަށް ދެވިފައިވާ އިސް މަޤާމް ހާމަވެގެންދެއެވެ.

އިސްލާމީ ޢުރުފުގައި ޢަދުލަކީ އަނިޔާވެރިކަމުގެ އިދިކޮޅެވެ. އެއީ އިސްލާމްދީނުގައިވާ ހުރިހާ އަގުތަކެއްގެ ޚުލާޞާ އެވެ. އަދި އިސްލާމީ ޙަޟާރަތުގެ ޚާއްޞަ ސިފައެވެ. އާދެ ޢަދުލަކީ! މެދުމިންކަމާއި ވަޒަންހަމަކޮށް، ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ ޙައްޤު ދީފައި، އަދި އޭނާ އަދާކުރަންޖެހޭ ވާޖިބު ފުރިހަމައަށް އަތުލުމެވެ.

ޢަދުލަކީ ޙައްޤެވެ. ވީމާ ޙައްޤު ފަހަނައަޅައި ދިއުމަކީ އެއީ އަނިޔާވެރިކަމެވެ. އުލޫހިއްޔަތުގެ ޢާޤީދާގައި، މީހަކު އަނިޔާވެރިވެއްޖެނަމަ އެވާނީ ކުފުރަކަށް ނުވަތަ ޝިރުކަކަށް ނުވަތަ ނިފާޤަކަށެވެ. {إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ} "ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. " އިންފަހަނައަޅައިދިޔައީ، އޭނާގެ އަޚް އިންސާނާއާ ދެމެދު އޮތް ގުޅުމެއްގައި ނަމަ، އެއަށް ކިޔެނީ އަނިޔާއެވެ. {إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلِمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ} " އެކަމަކު، ކުށްވެރިކުރުމުގެ މަގެއް އޮތްކަން ކަށަވަރީ، މީސްތަކުންނަށް އަނިޔާވެރިވެ، އަދި ބިމުގައި ޙައްޤަކާނުލައި ބަޣާވާތްތެރިވެ، ފަސާދަކުރާ މީހުންގެ މައްޗަށެވެ. "

އިންސާނާ އޭނާގެ އަމިއްލަ ނަފްސުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ނުކުރުމުން، ނުވަތަ ނުކުރަންޖެހޭ ކަމެއް ކުރުމަކީ ވެސް އިންފަހަނައަޅައި ދިއުމެވެ. އެއީވެސް އަނިޔާއެކެވެ. {فَمِنْهُمْ ظَالِمٌ لِّنَفْسِهِ} " ފަހެ، އެއުރެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. "

'އަނިޔާ' އަކީ ދީނާއި ދުނިޔޭގެ ކަންކަން ގެއްލި ހަލާލުކުރުވާ ކަމަކަށް ވާހިނދު، އެ ވެފައިވަނީ ޤިޔާމަތްދުވަހު އޮތް އަނދިރިކަމަކަށެވެ. ....

ޢަދުލުވެރިކަމަކީ، އިސްލާމީ ޝަރީޢަތުގައި ވާޖިބު ފަރުޟެކެވެ. އެއީ ޙައްޤުގެ ވެރިމީހާ ބޭނުންވުމުން، ދޫކޮށްލުން ހުއްދަ، ނުވަތަ ފަރުވާކުޑަކުރިޔަސް ފާފަވެރި ނުވާ، ޙައްޤެއް ނޫނެވެ. ކިއެއްތަ، އެއީ މާތް ﷲ، އެންމެހާ މީސްތަކުންގެ މައްޗަށް، އެއްވެސް އިސްތިސްނާއެއް ނެތި، ފަރުޟުކުރައްވާފައިވާ ވާޖިބެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ވެސް ފަރުޟުކުރެއްވި ކަމެކެވެ. { فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ ۖ وَقُلْ آمَنتُ بِمَا أَنزَلَ اللَّـهُ مِن كِتَابٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ} "އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށްވުމަށް) ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް އަމުރުކުރެއްވި ފަދައިން ސީދާވެވަޑައިގަންނަވާށެވެ! އެއުރެންއެދޭ ބާޠިލު ގޮތްތަކަށް ކަލޭގެފާނު ތަބާވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން އީމާންވެއްޖައީމެވެ. އަދި އަހުރެންނަށް އަމުރު ކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި ޢަދުލު ވެރިގޮތުގައި ކަންތައްކުރުމަށެވެ. "

އެއީ ރައްޔިތުންނާ މެދު ވެރިންގެ މައްޗަށް، އަދި ފަނޑިޔާރުގެއަށް ދާމީހުންނާމެދު ފަނޑިޔާރުންގެ މައްޗަށް ވެސް ވާޖިބުވެފައިވާ ފަރުޟެކެވެ. {إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا} " ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލު އަށް ޙުކުމް ކުރުމަށްވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢްޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. "

އަދި ކިއެއްތަ، މާތް ﷲ އަހަރެމެންނަށް އަންގަވާ ވަޙީކުރައްވާފައިވަނީ، އިންސާނާއާ އެހެން މަޚްލޫޤާތުތަކާ ހުރި މައިގަނޑު އެއް ތަފާތަކީ، އެހެން ގޮތަކަށް ބުނާނަމަ އެހެން މަޚްލޫޤާތުންގެ މައްޗަށް އިންސާނާއަށް ލިބިފައިވާ ދަރަޖަ ލިބުނީ، ހަވާލުކުރެވުނު މި 'އަމާނާތް' ބަލައިގަނެ އެ އަމާނާތް ރައްދުކުރުމުންނެވެ. {إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا} "ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނާތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާ ވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ."

ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، އެއީ މުދަލަށް އަމާނާތްތެރިވުމާއި މީސްތަކުންގެ މެދުގައި ޢަދުލުވެރިވުމުގެ އަމާނާތްކަމަށެވެ.

އިސްލާމްދީނުގައި ޢަދުލުވެރިކަމުގެ އަގަކީ ވަރަށް ވެސް ފުޅާ މާނައެއް އޮތް ވަރަށް ޝާމިލު އެއްޗެކެވެ. މިގޮތުން ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައިންބަފައިންނަށް އަމުރުކުރައްވާފައިވަނީ: "ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ." އަދި ވެރިން ރައްޔިތުންނަށް މަކަރު ހެދުން ނަހީކުރައްވާ ޙަދީޘްކުރެއްވީ: "ބަޔަކުމީހުންގެ ކަމަކާ، މާތް ﷲ ހަވާލުކުރައްވާ މީހަކު، އެމީހުންނަށް މަކަރު ހަދައިފިނަމަ، އޭނާއަށް ސުވަރުގެ ޙަރާމްކުރައްވާނެތެވެ."

އިސްލާމްދީން ދެކޭ ގޮތުގައި ޢަދުލުވެރިވާންޖެހެނީ ހަމައެކަނި އެހެން މީހުންނާ މެދަކު ނޫނެވެ. އަމިއްލަ ނަފްސާ މެދުވެސް ޢަދުލުވެރިވުމަކީ ވާޖިބެކެވެ. މިއިން އަހަރެމެން މިބުނާ ވާހަކައަށް ބާރު ލިބިދެއެވެ. އެހެނީ، ޢަދުލުވެރިކަމަކީ ހަމައެކަނި 'ޙައްޤެއް' ނަމަ، އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވުން ހުއްދަވީހެވެ. އަމިއްލަ ނަފްސަށް އަނިޔާވެރިވުމުން ފާފަވެރިއެއްވެސް ނުވާނެއެވެ. ނަމަވެސް ކަން އޮތް ގޮތަކީ، އަމިއްލަ ނަފްސަށް އަނިޔާވެރިވުމަކީ އިސްލާމްދީން ދެކޭގޮތުގައި ބޮޑު ޖަރީމާއެކެވެ. ބޮޑުވެގެންވާ އަނިޔާއެކެވެ. {إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَـٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا} "ހަމަކަށަވަރުން އެއުރެންގެ ނަފްސު ތަކަށް އަނިޔާވެރިވެގެން ތިބޭ ހާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި ހިޖުރަ ކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (ޤިޔާމަތްދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. "

މިއާޔަތުގައި މިވާފަދަ މީހުން ހީކުރަނީ، އެހެން މީހުންނަށް އަނިޔާވެރި ނުވެ، އަމިއްލަ ނަފްސަށް ލިބޭ އަނިޔާއަށް ރުހިގެން ތިބުން އެއީ ފާފައަކަށް ނުވާނެކަމަށެވެ. ނަމަވެސް ޤުރުއާނުގައި މިވަނީ އެއީ ފާފައެއް ކަމާއި، އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަން ކަނޑައަޅާ އަންގާފައެވެ. އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުންނަކީ ވެސް އަނިޔާވެރިކަމާ ރުހޭ ބަޔަކަށް ވާތީ އެމީހުންގެ ނިމިދުއުންވެސް އޮތީ ނަރަކައަށެވެ.

އަދި އިސްލާމްދީން ދެކޭ ގޮތުގައި ޢަދުލުވެރިވުން ވާޖިބީ، އެންމެންނާ މެދުގައެވެ. އެއީ ޢާއްމު ޝާމިލު އެއްޗެކެވެ. އެކުވެރި ގާތް ރައްޓެހި ދީނުގެ މީހުން ނުވަތަ 'އައުލިޔާއު' ގެ އިތުރުން، ހުރިހާ އެންމެންނާ ވެސް ޢަދުލުވެރިވާންޖެހެއެވެ. މީހާގެ ޢަޤީދާއާއި ޝަރީޢަތާއި ދީނަށް ބެލުމެއް ނެތި، ޢަދުލުވެރިވުން ވާޖިބުވެއެވެ. ވީމާ ޢަދުލުވެރިކަން ވެފައިވަނީ އިންނާސީ ފަރީޟާއަކަށް އަދި އިންސާނީ ޟަރޫރަތަކަށެވެ. އެއީ އިންސާނަކު އަނެއް އިންސާނަކީ، ހަމައެކަނި އިންސާނަކަށް ވީތީ، އޭނާއާ މެދު ވާޖިބު ކަމެކެވެ. ވީމާ ޢަދުލުވެރިކަމަކީ، މުއުމިނުންނާ މެދު ވެސް އަދި ކާފަރުންނާ މެދުވެސް ރަހުމަތްތެރިންނާ މެދު ވެސް އަދި ދުޝްމަނުންނާ މެދުވެސް، އޮތް ވާޖިބެކެވެ. {يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّـهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ} " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލު ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލު ވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. " (އަލްމާއިދާ:8)

އަމިއްލަ ނަފްސު ބޭނުންވާ ގޮތާ ޚިލާފަށް ކަމެއް ކުރަންޖެހުނަސް، ނުވަތަ ބަހެއް ބުނަންޖެހުނަސް، އަމިއްލަ މަޞްލަޙަތަކާ ނުވަތަ ތިމާގެ މީހެއްގެ މަޞްލަޙަތަކާ ފުށުއެރިޔަސް، ޢަދުލުވެރިވުން ވާޖިބެވެ. { يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ} "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންސާފު ގާއިމު ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ."

ކީރިތި ޤުރުއާނުގައި، އިންސާނުންނަށް، މާތް ﷲ ވަޞިއްޔަތްކުރައްވާފައިވާ ދިހަ ވަޞިއްޔަތާ މެދު ވިސްނާލީމާވެސް ވެސް ފެންނާނީ، އޭގެ ތެރޭގައިވެސް ޢަދުލުވެރިކަން ހިމެނިފައިވާތަނެވެ. {قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ} "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާހިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ވަސިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. "

އަނިޔާވެރިކަމާ ދެކޮޅަށްއިސްލާމްދީން ތެދުވި:

ޢަދުލުވެރިކަމުގެ ފަރީޟާއަށް އިސްލާމްދީނުގައި ދެވިފައިވާ މަޤާމަކީ މިއީ ކަމަށް ވާހިނދު، އަނިޔާވެރިކަމާ ދެކޮޅަށް ވެސް އިސްލާމްދީން ވަނީ ވަރަށް ވަރުގަދައަށް ތެދުވެފައެވެ. ޢަދުލުވެރިކަމަކީ އެންމެންނާ މެދުވެސް އޮންނަންޖެހޭ އެންމެންގެ މައްޗަށް ވާޖިބު ކަމަކަށް ވާހިނދު، އެކަކު އަނެކެއްގެ މައްޗަށް ވެސް އަނިޔާވެރިވުމަކީ ޙަރާމްކަމަކަށް ވިއެވެ. މާތް ﷲ އަކީ 'އަލްޢަދުލު' އެވެ. މުޠްލަޤު ޢަދުލުވެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުން އެކަންޏެވެ.

އަދި އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރެއްވުމުގެ އިޚްތިޔާރާއި ބާރު ލިބިވޮޑިގެންވެއެވެ. އަދި އެކަލާނގެ ކުރައްވާ ކަމަކާ ސުވާލެއްވެސް ނުވެއެވެ. ނަމަވެސް އެކަލާނގެ އަހަރެމެންނަށް އަންގަވާފައިވަނީ، މި ސަފަތައް ލިބިވޮޑިގެންވިއެއް ކަމަކު، އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑި ނުގަންނަވާނެ ކަމަށެވެ. އަނިޔާވެރިކަމަކީ އެކަލާނގެ ޒާތުފުޅަށް ޙަރާމްކުރައްވާފައިވާ ކަމެކެވެ. ވީމާ އެކަލާނގެ އެ ސިފަފުޅުން ސިފަ ޖެހެން މަސައްކަތް ކުރުމަކީ އަހަރަމެންހެ މައްޗަށްވާ ވާޖިބެކެވެ. ޤުދުސީ ޙަދީޘެއްގައި ވަޙީކުރައްވަނީ: "ތިމަންރަސްކަލާނގެ އަޅުތަކުންނަށް އަނިޔާވެރިވުން، ތިމަންރަސްކަލާނގެ ޒާތުފުޅުގެ މައްޗަށް ޙަރާމްކުރައްވައިފީމެވެ. ފަހެ ތިޔަބައިމީހުން އަނިޔާވެރިނުވާށެވެ...."

ޤުރުއާނުގެ ވަރަށް ގިނަ ތަންތާނގައި މި މާނަ ފެންނަން އެބަ އޮތެވެ. {وَمَا اللَّـهُ يُرِيدُ ظُلْمًا لِّلْعِبَادِ} "އަދި ﷲ ، އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވަތެވެ. "

{وَأَنَّ اللَّـهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ} "އަދި، ހަމަކަށަވަރުން ﷲ އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ. "

{إِنَّ اللَّـهَ لَا يَظْلِمُ النَّاسَ شَيْئًا وَلَـٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ} " ހަމަކަށަވަރުން، ﷲ ، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރެތެވެ. "

{ إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا } " اللَّه، (އެއްވެސް މީހަކަށް) ذر އެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ސަވާބު) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ."

{وَلَا يَظْلِمُ رَبُّكَ أَحَدًا} "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ."

އަނިޔާވެރިވުމަކީ އެކަލާނގެ ޒާތުފުޅުގެ މައްޗަށް ޙަރާމްކުރައްވާފައިވާ ކަމެއްކަމާއި، ޒައްރެއްގެ މިންވަރުވެސް އަނިޔާވެރިވުމަކީ އެއީ ނުވާނެ ކަމެއްކަން ބަޔާންކުރެއްވުމުން، އެއިން ދޭހަވަނީ އަނިޔާވެރިކަމުގެ ނުބައިކަމާއި ހުތުރުކަމެވެ. އަދި އަނިޔާވެރިނުވުމަށް އޮތް އިންޒާރެވެ. މިގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ: "މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އޭނާ އޭނާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި ނަޞްރުނުދީ ދޫކޮށެއް ނުލާނެއެވެ."

އަދި އެއްފަހަރަކު އެކަލޭގެފާނު ޞަޙާބީންނާއެކު، ކުރީގެ އުއްމަތްތަކުގެ ތެރެއިން ހަލާކުވެ ގޮސްފައިވާ އުއްމަތެއްގެ ރަށަކަށް ދެވުނީމާ، އަނިޔާވެރިކަމުގެ ނުބައިކަމާއި އޭގެ ހިތި ނަތީޖާއާއި އެކަމުން ދުރުވުމަށް ނަޞޭޙަތްތެރިވެވަޑައިގަތުމުގެ ގޮތުން ޙަދީޘްކުރެއްވީ: "އަނިޔާވެރިވި މީހުން އުޅުނު ތަނަށް، އެމީހުންނަށް ޖެހުނު ފަދަ މުޞީބާތެއް ކަލޭމެންނަށް ވެސް ޖެހިދާނެކަން މައްޗަށް ރޯ ހާލުގައި މެނުވީ، ކަލޭމެން ނުވާންނާށެވެ."

އަދި ޤުރުއާން އަހަރަމެންނަށް އުނގަންނައިދެނީ، އަނިޔާވެރިމީހާއަށް ލިބޭ އަޒާބަކީ ދުނިޔޭގައިވާހާ އެއްޗެއް ވެސް އެއިން ސަލާމަތްވާން ހޭދަކުރަން ޖެހިލުން ނުވާނެ، ބޮޑު އަޒާބެއް ކަމަށެވެ. { وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِي الْأَرْضِ لَافْتَدَتْ بِهِ ۗ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ ۖ وَقُضِيَ بَيْنَهُم بِالْقِسْطِ ۚ وَهُمْ لَا يُظْلَمُونَ } " އަނިޔާވެރި ކޮންމެ ނަފްސަކަށް، ބިމުގައިވާހާ ތަކެތި ލިބުނުނަމަ، (ޢަޛާބުން މިންޖުވުމަށް) އެތަކެތިން ފިދުޔަ ދިނީހެވެ. އަދި އެއުރެން ޢަޛާބު ދެކޭހިނދު، ހިތާމަވެރިކަން ހިތުތެރޭގައި އިޙްސާސް ކުރާނެތެވެ. އަދި އެއުރެންގެ މެދުގައި ޢަދުލަށް ނިޔާކުރައްވާ ހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."

{ وَلَوْ أَنَّ لِلَّذِينَ ظَلَمُوا مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ مِن سُوءِ الْعَذَابِ يَوْمَ الْقِيَامَةِ ۚ وَبَدَا لَهُم مِّنَ اللَّـهِ مَا لَمْ يَكُونُوا يَحْتَسِبُونَ } " އަނިޔާވެރިވި މީހުންނަށް، ބިމުގައިވާހާ ތަކެއްޗާއި، އެޔާއެކު އެޔާއެއްފަދަ ތަކެތި ލިބުނުކަމުގައިވީނަމަ، ޤިޔާމަތް ދުވަހުގެ ގަދަފަދަ ޢަޛާބުން މުއްތިވުމަށްޓަކައި، އެއިން ފިދުޔަ ދިނީހެވެ. އަދި އެއުރެން ހީވެސްނުކުރާ ކަންތައް އެދުވަހުން ﷲ ގެ ޙަޟްރަތުން އެއުރެންނަށް ފާޅުވާނެތެވެ. "

އަނިޔާވެރިންނަށް މާތް ﷲ ވަނީ ހަލާކުވުން މިންވަރުކުރައްވާ ލިޔުއްވާފައެވެ. {وَلَقَدْ أَهْلَكْنَا الْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا ۙ وَجَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ وَمَا كَانُوا لِيُؤْمِنُوا ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ} " އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ގާތަށް މުޢްޖިޒާތްތަކާއިގެން ރަސޫލުން ވަޑައިގަތުމުން، އެއުރެން އަނިޔާވެރިވީހިނދު، އެ އުއްމަތްތައް ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. އެއުރެންނީ އީމާންވާނޭ ބަޔަކު ކަމުގައި ނުވެތެވެ. ކުށްވެރިވި މީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ."

އެހެން ޙަދީޘްފުޅެއްގައި ވަނީ: "އަނިޔާވެރިކޮށް މީހެއްގެ ބިމުން ބައެއް ފޭރިގެންފި މީހާ، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟްރަތަށް ދާނީ، އެކަލާނގެ އޭނާދެކެ ކޯފާވެވޮޑިގެންވާ ހާލުގައެވެ."

އަނިޔާ ހުއްޓުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް:

އަނިޔާއާ ދެކޮޅަށް އިސްލާމްދީން ކޮށްފައިވާ މަސައްކަތް މިހިސާބަށް ހުއްޓާލީއެއް ނޫނެވެ. ހަމައެކަނި އަނިޔާ ޙަރާމްކޮށްފައި ނުވަތަ އެކަމަށް އިންޒާރުކޮށްފައި ނުވަތަ އެކަމުގެ ބިރުވެރި ނަތީޖާ ބުނެފައި ފުއްދާލީއެއް ނޫނެވެ. ކިއެއްތަ، އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް އަނިޔާ ހުއްޓުވުމަކީ މުސްލިމާގެ މައްޗަށް ވާޖިބެއް ކަމުގައި ހަމަޖެއްސިއެވެ. އަނިޔާ މަނާކޮށް، އެ ފިލުވުމަކީ ވާޖިބެއް ކަމުގައި ކަނޑައެޅިއެވެ. ނުބައި ބަސް ބުނުމާއި، މީހުންގެ ނުބައި ވާހަކަ ދެއްކުމަކީ، ޢާއްމުކޮށް ބަލާއިރު، އިސްލާމްދީން ރުހޭ ކަމެއް ނޫނެވެ. މިއީ މުސްލިމުން އަދި މުސްލިމުންގެ ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް އެއްކިބާވާންޖެހޭ ނުބައި ދެ ސިފައެވެ. ނަމަވެސް ނުބައިބަސް ބުނުމާއި ނުބައި ވާހަކަ ދެއްކުން ގުޅިފައިވަނީ، އަނިޔާއަކާ ނަމަ، އަނިޔާވެރިން މީހުންގެ ޙައްޤުތަކަށް އަރައިގަތުމާ ނަމަ، އެއީ ހުއްދަ ދެކަމެވެ. އެމީހުންގެ ނުބައި ވާހަކަ ދެއްކުމަކީ ވާޖިބަކަށް ވެދެއެވެ. އަދި އެ އަނިޔާއާ ދެކޮޅަށް ޢާއްމުން ތެދުކުރަން އެ ޚަބަރު ފަތުރަންވެސް ޖެހެއެވެ. { لَّا يُحِبُّ اللَّـهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ اللَّـهُ سَمِيعًا عَلِيمًا } " އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

އިސްލާމްދީނަކީ ސަލާމާއި އަމާންކަމުގެ ދީނެކެވެ. ނަމަވެސް އަނިޔާލިބޭ ފަރާތްތަކަށް އެ ދީން ގޮވާލަނީ، ސަލާމާއި ޞުލްޙަވެރިކަން ދޫކޮށް އަނިޔާވެރިންނާ ކުރިމަތިލުމަށެވެ. އެހެނީ އަނިޔާއަކީ، އުއްމަތާ ދެކޮޅަށް އިޢްލާންކުރެވިފައިވާ ހުއްދަ ނޫން ހަނގުރާމައެކެވެ. ވީމާ އެމީހުންގެ އެ އަނިޔާވެރިކަން ހުއްޓުވޭނެ ވަސީލަތެއްގެ ބޭނުން އެއީ ހަނގުރާމަ ކަމުގައި ވިޔަސް، ހިފަންޖެހެއެވެ. { أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّـهَ عَلَىٰ نَصْرِهِمْ لَقَدِيرٌ * الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّـهُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّـهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّـهُ مَن يَنصُرُهُ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ } " ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަސްރު ދެއްވުމަށް، ﷲ ކުޅަދުންވަންތަކަން ކަށަވަރެވެ. * އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲ އޭ ބުނުން މެނުވީ، އެއްވެސް ޙައްޤަކާ ނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ﷲ ދުރުކުރެއްވުން ނުވާނަމަ، ނަސާރާއިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި، ގިނަގިނައިން ﷲ ގެ އިސްމުފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲ އަށް ނަސްރުދޭ މީހަކަށް، އެކަލާނގެ ނަސްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. "

ޅެންވެރިންނާ ބެހޭގޮތުން ޤުރުއާން ވާހަކަ ދެއްކިއިރު، ކުށްވެރިކޮށްފައިވަނީ، އެމީހުންގެ ޅެންތަކުން އަނިޔާވެރިކަމަށް ނަޞްރުދީ، އަނިޔާވެރި ވެރިންގެ 'ޕްރޮޕެގެންޑާ' ފަތުރާ މީހުންގެ ގޮތުގައި ތިބި ޅެންވެރިންނެވެ. އަނިޔާވެރިންނާ ދެކޮޅަށް ތިބި ޅެންވެރިން ވަނީ، ކުށްވެރިކުރުމުން އިސްތިސްނާ ކޮށްފައެވެ. { الشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ ﴿٢٢٤﴾ أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ ﴿٢٢٥﴾ وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ ﴿٢٢٦﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّـهَ كَثِيرًا وَانتَصَرُوا مِن بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ} "ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން ކާފިރުންނަށް) ތަބާވާނީ މަގުފުރެދިގެންވާ މީހުންނެވެ. * ހަމަކަށަވަރުން، (ބަހުގެ) ކޮންމެ ވާދީއެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ * އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ. * އީމާންވެ ސާލިހު ޢަމަލުތައްކޮށް، އަދި ގިނަގިނައިން ﷲ ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، ނަސްރު ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަ ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ. "

މިއާޔަތުން އެނގޭ ގޮތުގައި، އަނިޔާއާއި އަނިޔާވެރިންނާ ދެކޮޅަށް ޅެން ހަދައި، އަދި ޙައްޤުގެ ދިފާޢުގައި ޅެން ހަދާ ޅެންވެރިންނަކީ، ޤުރުއާނުގައި ފާޑުކިޔައި ކުށްވެރިކޮށްފައިވާ، ޅެންވެރިންގެ ތެރެއިން އިސްތިސްނާވެފައި ތިބޭ ބައެކެވެ.

އަނިޔާލިބިފައިތިބޭ މީހުންނަށް ނަޞްރުދިނުމަކީ ވާޖިބެއް:

އަނިޔާލިބިފައިތިބޭ މީހުންނަށް ނަޞްރުދިނުމަކީ އިސްލާމްދީން ދެކޭގޮތުގައި ހަމައެކަނި ހުއްދަކަމެއް ނޫނެވެ. ކިއެއްތަ، އެއީ ވާޖިބު ކަމެކެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކުމީހުން އަނިޔާވެރިޔާއާ ދިމާއަށް، ކަލެއަކީ އަނިޔާވެރިއެކޭ ބުނަން، ބިރުގަނެ ޖެހިލުންވާނަމަ، ފަހެ އެމީހުން އެ ތިބީ ވަދާޢު ކީފައިވާ ބައެއްކަމުގައެވެ." މި ޙަދީޘުން އަހަރެމެންނަށް މި ދަސްކޮށްދެނީ، އުއްމަތުގެ ދިރުން ހާމަކޮށްދޭ ކަމަކީ، އަނިޔާވެރިކަމާ ދެކޮޅަށް އުއްމަތް ކުރާ މަސައްކަތް ކަމެވެ. ވީމާ އަނިޔާވެރިކަމާ ދެކޮޅަށް ބަހެއް ނުބުނެ ކަމެއް ނުކޮށް، އެކަމާ ރުހިގެން ތިބެއްޖެނަމަ، އެ އުއްމަތަކީ މަރުވެފައިވާ އުއްމަތެއް ކަމެވެ.

މިހެންވެ ޙައްޤުގެ އަހުލުވެރިންނަށް، އަދި އަނިޔާވެރިކަމާއި ޚުދުމުޚްތާރުކަމާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް، ވަރަށް އުފާވެރި ޚަބަރުތަކެއް ވެސް، ރަސޫލާގެ ސުންނަތުގައި ދެވިފައިވެއެވެ. އެއް ޙަދީޘެއްގައި ވަނީ: "މުދަލުގެ ދިފާޢުގައި މަރުވާ މީހާއަކީ ޝަހީދެކެވެ. އަދި ބިމުން ކައިވަތެއްގެ މިންވަރުވެސް އަނިޔާވެރިވެއްޖެ މީހެއްގެ ކަރުގައި ޤިޔާމަތްދުވަހު ހަތް ބިން އެޅުވޭނެއެވެ."

އިސްލާމްދީން ދެކޭގޮތުގައި އަނިޔާވެރިކަމަކީ، ބޮޑު ފާފައެކެވެ. އަދި އިޖްތިމާޢީ ހުތުރުކަން ބޮޑު ކަމެކެވެ. އެކަންކުރާ މީހާއާ ހަމައިން އޭގެ އަސަރު ހުއްޓޭ ބައެއްކަހަލަ ބޮޑެތި ފާފަތަކަށް ވުރެވެސް، އަނިޔާގެ ނުބައިކަން ބޮޑުވެފައި، އޭގެ އަސަރު ފެތުރޭލެއް ބޮޑެވެ. އެހެންވެ އިސްލާމްދީނުގައި ވަނީ ކޮންމެ ގޮތަކުންވިޔަސް، މުޖްތަމަޢުން އަނިޔާވެރިކަން ނައްތާލުމަށް ގޮވާލާފައެވެ. އެއީ ހަނގުރާމަކޮށްގެންވިޔަސް ވެހެވެ.

ވީމާ އިސްލާމްދީނުގައި ޢަދުލުވެރިކަމަކީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ބޭރުވެ، ޟަރޫރަތުގެ ދަރަޖަ ދީފައިވާ ކަމެކެވެ. އެއީ ދައުލަތްތަކާއި ވެރިކަން ޤާއިމުވުމުގެ އަސާސެވެ. ފަރުދީ އިންސާނާގެ ދިރިއުޅުން ހަމަޖެހުމަށް ކޮންމެހެން ބޭނުން ޝަރުޠެކެވެ. އަދި ޢާއިލީ ޙަޔާތާއި މުޖްތަމަޢާއި ދައުލަތާއި އަދި މުޅި އިންސާނިއްޔަތަށް ދިރުން ލިބިދޭ ޟަރޫރަތެއްވެސް މެއެވެ.

އިސްލާމްދީން ޢަދުލުވެރިކަމަށް ބަލަނީ، އެއީ ހުރިހާ އެންމެންގެ މައްޗަށް، ހުރިހާ ކަމެއްގައިވެސް ޤާއިމުކުރުމަށް މާތް ﷲ އަމުރުކުރައްވާފައިވާ މީޒާން ކަމުގައެވެ. އެއީ ރަސޫލުންނަށާއި އުއްމަތަށާއި މުއުމިނުންނަށާއި ކާފަރުންނަށާއި ތިމާގެ މީހުންނަށާއި ޢަދުއްވުންގެ މައްޗަށް ވެސް، ޙުކުމްކުރަން ބަލަންޖެހޭ، މީޒާނެކެވެ. { اللَّـهُ الَّذِي أَنزَلَ الْكِتَابَ بِالْحَقِّ وَالْمِيزَانَ} " ޙައްޤު ގޮތުގައި ފޮތާއި، ޢަދުލު އިންސާފު ބާވައިލެއްވީ ﷲ އެވެ."

{أَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ} "އަދި އެ رسول ންނާއެކު، ފޮތާއި، ޢަދުލު އިންސާފު ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައެވެ. "

މީޒާނަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ކަންކަން ބެލަންސްކޮށް ވަޒަންކޮށްދޭ އެއްޗެވެ. މި އުއްމަތުގެ ޚާއްޞަ ސިފައަކީ 'ޢަދުލު' ގެ ސިފައެވެ. وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا "އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. "(ބަޤަރާ:143) " މި އާޔަތުގައި މިވާ 'ވަސަޠު' ގެ އެއްމާނައަކީ ޢަދުލު އެވެ. ވީމާ ޢަދުލަކީ އުއްމަތުގެ ޚާއްޞިއްޔަތަކަށް ވާ، އަދި އުއްމަތުގެ ދިރިހުރުން ވާ ސިފައެވެ. ޢަދުލުވެރިކަން ނެތުމަކީ، ކީރިތި ރަސޫލާ ސިފަކުރެއްވި ފަދައިން، އުއްމަތުގެ މަރެވެ.

 ޢަދުލަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމުގައި އޮންނަ ހަމައެއް ނޫން:

އިސްލާމީ ޢަދުލަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމުގައި އޮންނަ ހަމައެއް ނޫނެވެ. އެކަމަކު އެއީ މާއްދީ އިޖްތިމާޢީ ޙަޔާތް ޝާމިލުވާ އެއްޗެކެވެ. ޝަރީއަތްކުރުމުގައި ޢަދުލުވެރިވާންޖެހޭ ފަދައިން، ޠަބީޢަތުގައި މާތް ﷲ ލައްވާފައިވާ މުއްސަނދިކަމާއި މުދަލާ މެދުވެސް ޢަދުލުވެރިވާންޖެހެއެވެ. މިތަކެތީގެ ޙަޤީޤީ މިލްކުވެރިއަކީ މާތް ﷲ އެވެ. އިންސާނާއަކީ އެ ތަކެއްޗާ ހަވާލުކުރައްވާފައިވާ، ހުއްދަމަގުން ޢަދުލުވެރިކޮށް އެތަކި މޭވާކުރަން (އިންވެސްޓުކުރަން) ލައްވާފައިވާ އެތަކެތީގެ ޚަލީފާވެރިއެކެވެ. މަންފާ ލިބޭ މިލްކެއްގެ ގޮތުގައި އަދި އިޖްތިމާޢީ ވަޒީފާއެއް އަދާކޮށްދޭ އެއްޗެއްގެ ގޮތުގައި ވެސް، މިތަކެތީގެ ބޭނުން ހިފަންޖެހޭނީ ޢަދުލުވެރިކަމާއެކުގައެވެ. ބޭނުންކުރާ މިންވަރުވެސް އަދި ބޭނުންކުރެވޭ ގޮތްވެސް ޢަދުލުވެރިވާންޖެހެއެވެ.

އިންސާނާގެ މިނިވަންކަމުގެ އަސާސްތަކާއި، އުޅޭ މުޖްތަމަޢަށާއި ވަޠަނަށް ނިސްބަތްވުމުގެ ބޭނުން ނިގުޅައިގަތުމުން ލިބޭ ފަޤީރުކަމުގެ ވަޅުގަނޑަށް ނުވެއްޓި، އިންސާނާ ސަލާމަތްކޮށްދޭނެ އެއްޗަކީ ޢަދުލުގެ ތިލަފަތެވެ. މުޅި އުއްމަތުގެ މުއްސަނިދި ކަމަކީ ހަމައެކަނި މަދު މުއްސަނދިންތަކެއްގެ އަތްމަތީގައި ދައުރުވާ އެއްޗެއްކަމަށްވުމާއި، މުޖްތަމަޢުގެ މައްޗަށް ބޮޑާވެގަނެ މުޖްތަމަޢްގެ ހައްޤުތައް ނިގުޅައިގަންނަ މަހުޖަނުންގެ ކިބައިން ރައްކާތެރިކޮށްދޭ އެއްޗަކީވެސް ޢަދުލުގެ ތިލަފަތެވެ. " އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި دور ވޭވެ ހުރިޔަނުދިނުމަށްޓަކައެވެ. " (އަލްޙަޝްރު 7) ، " ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. * އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ. (އަލްޢަލަޤު: 6-7)

ދުނިޔޭގައވާ މުއްސަނދިކަމަކާއި ހުރިހާ މުދަލެއް ޚަލްޤުކުރެއްވި ކަލާނގެ ވަޙީކުރައްވަނީ: {وَالْأَرْضَ وَضَعَهَا لِلْأَنَامِ} " އަދި خلق ތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ." އައްރަޙްމާން: 10)

{هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا} " އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ." (އަލްބަޤަރާ:29)

{وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ} " އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. " (އަލްޖާޘިޔާ:13)

ވީމާ ކޮންމެ މީހަކީ ވެސް އިންސާނަކަށް ވީތީ، މި ބިމުގައި ޚަލީފާވެރިކުރައްވާފައިވާ، އަދި މިބިމުގައި ލައްވާފައިވާ މުއްސަނދިކަމާއި މުދާ ބަލަހައްޓަން ހަވާލުކުރައްވާފައިވާ މީހެކެވެ. {آمِنُوا بِاللَّـهِ وَرَسُولِهِ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَالَّذِينَ آمَنُوا مِنكُمْ وَأَنفَقُوا لَهُمْ أَجْرٌ كَبِيرٌ } "اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خليفة ވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން إيمان ވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ! އެއުރެންނަށް ބޮޑުވެގެންވާ ދަރުމަހުށްޓެވެ. " (އަލްޙަދީދް:7)

ވީމާ މުދަލަކީ ﷲ ގެ އެއްޗަކަށް ވާހިނދު، އޭގެ އަސާސީ ބޭނުމަކަށް ވާންޖެހޭނީ، ﷲ ގެ ޚަލްޤުތަކުންގެ މަންފާއަށް ބޭނުންކުރުމެވެ. އިބްނު ޢައްބާސް، އަބޫހުރައިރާ، އަދި ޢާއިޝަތުގެފާނު، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވަނީ: " ހުރިހާ މުސްލިމުން ބައިވެރިވާ ތިނެއްޗެއް ވެއެވެ. އެއީ ފެން، ހުއި، އަދި އަލިފާނެވެ. ވީމާ އެ ވިއްކައި އަގު ހޯދުމަކީ ޙަރާމްކަމެކެވެ." އަދި އެހެން ރިވާޔަތެއްގައި ވަނީ: " ލިބުން މަނާކޮށްގެން ނުވާނެ ތިނެއްޗެއް ވެއެވެ. އެއީ ފެނާއި ހުއިއާއި، އަލިފާނެވެ."

ވާޖިބުވެގެންވާ، އަދި އިންސާނީ ޟަރޫރަތެއްކަމުގައި ވާ، 'ޢަދުލުވެރިކަމަށް' ޤުރުއާނާއި ސުންނަތުގައި ދީފައިވާ ބުރަދަނަކީ މިއީއެވެ. ނަބަވީ ދުވަސްވަރާއި، ޚިލާފަތުގެ ދުވަސްވަރު، އިސްލާމީ މި ފަލްސަފާ ތަންފީޒުކުރެވުނީމާ، މުސްލިމުން ވަނީ މި ޢަދުލުވެރިކަމުގެ ނިޢްމަތް ދެކެފައެވެ. މިދެންނެވި ޒަމާނަކީ، އިސްލާމީ ޢަދުލު 'ދޮންވެ ފައްކާވެގެން' ދިޔަ ޒަމާނެވެ.

އެ ދުވަހު ޢުމަރުގެފާނު ވެރިކަމުގައި ހުންނަވައިގެން ވިދާޅުވީ: ﷲ ގަންދީ ހުވާކުރަމެވެ! ލިބިފައި މިވާ ފައިއު މުދަލުގައި އެމީހެއްގެ ޙައްޤެއް ނުވާ އެއްވެސް މީހެއް ނެތެވެ. އެކަކަށްވުރެ ހައްޤުކަން ބޮޑު އަނެކެއް ނެތެވެ. އަދި އަހަރެންނަކީ ވެސް ހަމަ ކަލޭމެންގެ ތެރެއިން ވާ މީހެއްފަދަ މީހެކެވެ. ފަހެ ކޮންމެ މީހަކަށް ވެސް މިއިން ދެވޭނީ އެމީހަކު ދައްކާފައިވާ ހިތްވަރަކަށެވެ. އެމީހަކު މި ދީނުގައިވެފައިވާ ދުވަހަކަށެވެ. އެމީހެއްގެ ތަނަވަސްކަމާއި މުހުތާދުކަން ހުރި މިންވަރަކަށެވެ. މިއީ އެމީހުންގެ މުދަލެވެ. ޢުމަރުގެ އަދި ޢުމަރުގެ އާއިލާގެ މުދަލެއް ނޫނެވެ."

އެ ދުވަހު ޢަލީގެފާނު ވެރިކަމުގައި ހުންނަވައިގެން ވިދާޅުވީ: " ފަޤީރުންގެ ރިޒުޤު މާތް ﷲ ލައްވާފައިވަނީ ވަނީ މުއްސަނދިންގެ މުދަލުގައެވެ. ވީމާ ފަޤީރަކު ބަނޑުހައިވާނީ މުއްސަނދިމީހާ ދޭންޖެހޭ އެއްޗެއް ނުދީގެންނެވެ! .. ބީރައްޓެހިވާއިރު ތަނަވަސްކަމަކީ ވަޠަނެކެވެ. އަދި ވަޠަނުގައި ފަޤީރުވުމަކީ ބީރައްޓެހި ކަމެކެވެ... ފަޤީރަކީ އޭނާގެ ރަށުގައި އުޅޭ ބީރައްޓެއްސެކެވެ.!... ކަލޭމެންނަކީ މާތް ﷲ ގެ އަޅުތަކުންނެވެ. އަދި މުދަލީ އެކަލަނާގެ މުދަލެވެ! ކަލޭމެންގެ މެދުގައި، އެކަލާނގެ އެ ބައްސަވާފައިވަނީ ހަމަހަމައަށެވެ. އެއްވެސް މީހަކަށް ވަކި އިތުރު ހައްޤެއް އޭގައި ނުވެއެވެ."

އަދި ޚުލަފާއުއް ރާޝިދީންގެ ތެރެއިންވާ ކަމަށް ބެލެވޭ ފަސްވަނަ ޚަލީފާ، ޢުމަރުބިން ޢަބްދުލް ޢަޒީޒު ވެރިކަންކުރައްވައި، ޢަދުލުގެ ތިލަފަށް އަލުން ޤާއިމުކުރައްވައި، ޙައްޤުތައް އޭގެ ވެރިންނަށް ރައްދުކުރައްވާފައި ވިދާޅުވީ: "ދައުލަތުގެ މުއްސަނދިކަމަކީ ބޮޑު ކޯރެކެވެ. އެއިން ބޯން ތިބީ ރައްޔިތުންނެވެ."

އިޖްތިމާޢީ ޢަދުލުވެރިކަމަކީ "ވާޖިބު އަދި ފަރުޟެކެވެ. އެއީ ހަމައެކަނި "ޙައްޤެއް" ނޫނެވެ. އަދި މި ޢަދުލުވެރިކަން ނެތިއްޖެނަމަ، ރައްޔިތުންނާއި ވެރިކަންކުރާ މީހާއާ ދެމެދުވާ 'ޢަޤުދު' ގެ ތަނބުތައް ބިނދިގެން ހިނގައިދެއެވެ. އަދި މުޖްތަމަޢުގެ ގިންތިތަކުގެ މެދުގައި އޮންނަންޖެހޭ ސުލްހަވެރިކަން އުވިގެންދއެވެ. އެހެނީ މި ޞުލްޙަވެރިކަމަކީ، އުއްމަތުގެ މުޖްމަޢުގައި އުޅޭ ހުރިހާ ގުނަވަންތަކަކަށް ލިބުން ވާޖިބުވެ، ޟަރޫރަތަކަށް ވެފައިވާ، އިޖްތިމާޢީ ބައިވެރިވުމާ، ގުޅިލާމެހިފައިވާ ކަމެކެވެ. މިހެންވެ އިސްލާމީ ހިކުމަތްތެރި ބަސްތަކުގެ ތެރެއިން ބަހެއްގައި ބުނެފައިވަނީ: "މުއިމިނަކު ބަނޑުހައިވެއްޖެނަމަ، އެއްވެސް މީހެއްގެ މުދަލެއް ނުހުންނާނެއެވެ!"

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.