Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ސުވާލާއިޖަވާބު ޓީވީ .. މަސްތެއްތަ؟ ނޫނީ މުނިފޫހި ފިލިވުމެއްތަ ؟

ޓީވީ .. މަސްތެއްތަ؟ ނޫނީ މުނިފޫހި ފިލިވުމެއްތަ ؟

tv-belunޓީވީތަކުން ދައްކާ ބައެއް، މުނިފޫހި ފިލުވުމާއި މަޢުލޫމާތުގެ ޕްރޮގްރާމްތަކަކީ ، ފައިދާހުރި ހިތްހަމަޖެހުންތަކެއް ގެނެސްދޭ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް ކޮންމެކަމަކަށްވެސް ވަކި ހައްދެއްވެއެވެ. އެއިން ބޭރުވެއްޖެނަމަ އެއީ ގެއްލުންހުންނަ ނުވަތަ ދެވިހިފާ އެއްޗަކަށްވެދެއެވެ.

ހަމަ ޙަޤީޤަތުގައިވެސް ޓީވީބެލުމަކީ ބައެއްމީހުން ދެވިހިފާފައިވާ ކަމަކަށް ވެއްޖެއެވެ. މަސްތުވާތަކެތި ބޭނުން ކުރާމީހުންނަށް ވަގުތީ ހިތްހަމަޖެހުމަކާއި، އުފާތަކެއް ގެނެސްދޭހެން މިހާރަކަށް އައިސް ޓީވީއަކީވެސް މީހުން ހިތްހަމަޖެހުން ހޯދުމަށް ނުވަތަ ބޯހާސްކަން ކަޑުވާލުމަށް ''ބޭނުންކުރާ'' އެއްޗަކަށް ވެއްޖެއެވެ.

މިވޭތުވެދިޔަ ވިހިއަހަރުތެރޭގައި ޢިލްމުވެރިން ވަނީ ޓީވީ ބެލުމުން މީހުންނަށް ކުރާ ޞިއްޙީ އަދި ނަފުސާނީ އަސަރު ހޯދާ ބަލަން ވަރަށް ގިނަ ހޯދުންތަކަކާއި ދިރާސާތަކެއް ކޮށްފައެވެ. މީގެ ނަތީޖާތައް ދައްކާގޮތުން އެމެރިކާ، ޔޫރަޕްގައި ޓީވީ ބަލާމީހުން ދުވާލަކު އާދަވެގެން 3ގަޑި ނުވަތަ 4 ގަޑި އެބެލުމުގައި ހޭދަކުރެއެވެ. އެއީ ނިދުމާއި މަސައްކަތްކުރުން ނުވަތަ މަދަރުސާގައި ކިޔަވާ ވަގުތު ނަގާފައި ދެން ބާކީ އޮންނަ ހުސްވަގުތުގެ ދެ ބައިކުޅައެއްބައެވެ. ހުސްވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ހޭދެކޮށްމިލަނީ ހަމައެކަނި ފޮޓޯ ފޮށި ބެލުމުގައެވެ. މީގެ މާނައަކީ މި މިނަށް ޓީވީ ބަލާމީހެއްނަމަ 75 އަހަރު ވަންދެން ދުނިޔޭގައި އުޅުނިއްޔާ ހުންނާނީ 10 އަހަރު ޓީވީ ބަލާފައެވެ. ޢުމުރުގެ ދިހައަހަރު ޓީވީ ބަލަން އިށީދެގެން ދުއްވާލަނީއެވެ. ނިކަން ބައްލަވާށެވެ.

ތާރީޚުގެ ތެރެއިން ޓީވީ ދެއްކުން

1929 ގެ އޯގަސްޓު 20 ގައި ޓެސްޓެއްގެ ގޮތުން ބީބީސީ އިން، އަޑުނުލައި ހަމައެކަނި ފޮޓޯ ދެއްކި ބްރޯޑްކާސްޓެއް ދެ މިނިޓް ވަންދެން ފޮނުވިއެވެ. މި މުހިންމު ފިޔަވަޅުގެ ފަހަތުގައި ހުރީ އިގިރޭސިވިލާތުގެ ޢިލްމުވެރިއެއްކަމުގައިވާ ޖޯން ލޮގީ ބެއާރޑް އެވެ. އޭގެފަހުން 1930 ގައި ބެއާރޑްގެ ސްޓޫޑިއޯއިން އެންމެ ފުރަތަމަ ތަމްސީލު ޓީވީ މެދުވެރިކޮށް ދެއްކިއެވެ. އަދި 1936ގައި ބީ.ބީ.ސީ އިން ތަންޒީމުކޮށް ޓީވީ ދުރަށް ދައްކަން ފެށިއެވެ. އޭރު ހުރީ އެންމެ 400 ޓީވީ ކަމަށް ވެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ޓވީ ދުރަށް ފޮނުވުން ވަގުތީގޮތުން މެދުކަނޑާލުމަށފަހު 1946 ގައި އަލުން ދައްކަންފެށިއެވެ. 1980 އާއި ހަމައަށް އައިއިރު ދުނިޔޭގެ ހުރިހާޤައުމެއްގައިގަހެން ވަނީ ޓީވީ ބޭނުން ކުރަން ފަށާފައެވެ.

ޓީވީއަކީ ދެވިހިފުވާ އެއްޗެއްކަމަށް ޤަބޫލު ކުރައްވަންތޯ؟ ކުރެއްވިއަސް ނުކުރެއްވިއަސް ޢިލްމުވެރިން ވިދާޅުވަނީ ޓވީއަކީ މަސްތުވާތަކެއްޗަށް މީހަކު ދެވިހިފާހެން ދެވިހިފާ އެއްޗެއްކަމަށެވެ. ޓީވީއަށް ދެވިހިފާފައިތިބޭ މީހުން އެދުވަހަކު ޓީވީ ނުބަލައިފިނަމަ އުނިކަން އިޙުސާސް ކުރެއެވެ. ކޮންމެވެސް ކަމެއްނުކުރޭވޭހެން ހީވެއެވެ. އަދި ބަލަން ހުއްޓާ މިސާލަކަށް ކަރަންޓު ދިޔައިމާ މަސްތުވާ ތަކެތި ބޭނުން ކުރާމީހަކު އެ ނުލިބުނީމާ ވާހެން ސިކުނޑިއަށްވެއެވެ. ގިނަމީހުން ޓީވީ ބަލަންފައްޓަނީ ހުސްވަގުތު ދުއްވާލާށެވެ. ނުވަތަ ކުރާނެ ކަމެއްނެތީމައެވެ. ނަމަވެސް ފަހުން ޓީވީ ވެފއި އޮންނަނީ އެހެން އެއްވެސް ވަގުތެއް މީހާގެ އަތުގައި ނުބާއްވާ އެއްޗަކަށެވެ. ޓީވީ ބެލުމަކީ ކޮންމެދުވަހަކުވެސް ކޮންމެހެން ކުރަން ޖެހޭ އަސާސީ ކަމެއްގެ ގޮތުގައި ވެދެއެވެ.

ގިނައިން ޓީވީ ބަލާމީހުންގެ ސިނކުޑީގެ ކަންތައް ހުންނަނީ ކިހިނެއްތޯ ބަލަންވެގެން، ތަޖުރިބާކުރެވުނު މީހުންގެ ހިތުގެ ވިންދު ޖަހާ ރޭޓާއި، ސިކުނޑީގެ ކަރަންޓު ރާޅުތައް ދަތުރުކުރާ ގޮތް ބެލިއެވެ. ނަތީޖާ ދެއްކިގޮތުން ޓީވީ ބަލާވަގުތު އެމީހުންގެ ސިކުނޑީގެ މަސައްކަތް ވަރަށްބޮޑުތަން ދަށްވެއެވެ. ޓީވީ ނިއްވާލުމުން ކުރިންވެސް ހުރި ހިތްހަމަނުޖެހުމަކާއި ފޫހިކަމެއް އަބުރާ އާދެއެވެ. ވީމައި ހިތްހަމަ ޖެއްސުމައްޓަކައި ޓީވީ ބެލުމަކީ އެދެވޭ ނަތީޖާއެއް ހުރިކަމެއްނޫނެވެ. އަދި މީގެ އިތުރުން ގިނައިން ޓީވީ ބަލާމީހުންގެ ވިސްނައި ފިކުރުކުރުމުގެ ބާރު ދަށްވެއެވެ. ތަޖުރިބާ ކުރެވުނު މީހުން ބުނާ ގޮތުން ކުޅިވަރެއް ކުޅެފައި ނުވަތަ ހޮބީއަކަށް ކޮންމެވެސް ކަމެއް ކުރުމުން މިޒާޖަށް އަންނަ ރަނަގަޅު ބަދަލު ޓީވީ އަކުންނާދެއެވެ.

އަނެއްކޮޅުން ގިނައިން ޓީވީ ބެލުމަކީ މަސްތުވާތަކެތި ބޭނުންކުރާމިހުންނަށްވެސް ވާހެން، މީހާގެ އިޖުތިމާޢި ޙަޔާތަށް ބުރޫތަކެއް އަރާކަމެކެވެ. އަބަދު ޓީވީ ބަލަން ގޭތެރޭގައި ހޭދަކުރުމުން ރައްޓެހިންނާއި މެދު އޮންނަ ގުޅުން ކުޑަވެ ، ގެއިން ބޭރުގައި ހިގާކަންތައްތައް އޭނާއަކަށް ނޭގެއެވެ. އަދި މީހުންދެކެ ލަދުގަތުން އިތުރުވެ ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރު ކެނޑެއެވެ. ގިނައިން ޓީވީ ބެލުމުގެ ގެއްލުން މިހިސާބުން ނިމުނީކީ ނޫނެވެ. ގިނަވަގުތު އެއްތަނެއްގައި އިށީދެގެން ނުުވަތަ އޮށޯވެގެން ތިބެ ޓީވީ ބެލުމަކީ ގިނަބެއްގެ އާދައެކެވެ. ނަތީޖާއަކީ ބުރަކައްޓައް ތަދުވުމާއި ލޮލުގެ މައްސަލަތައްވެސް ކުރިމަތިވުމެވެ. ހަމައެހެންމެ ހަރަކާތްމަދުވެ، ކޮންމެވެސް ޗިޕްސީ އެއްނުވަތަ ޕޮޕްކޯންފަދަ އެއްޗެހި ކެއުމުގެ ސަބަބުބް މިނަށްވުރެ ފަލަވުމަކީވެސް ނުރައްކަލުގެ އިންޒާރެކެވެ.

ކުޑަކުދިންނަށް ބަލާއިރު ވަރަށް ނޭދެވޭ އަސަރުތަކެއް ޓީވީ ބަލަން ދެވިހިފުމުން ކުރެއެވެ. އަނިޔާވެރި ފިލްމުތަކުން ފެންނަ ތަޅާފޮޅާ މަންޒަރު ތަކަކީ ކުޑަކުދިންގެ ކިބައިގައި ނޭއްގާނީކަން އަށަގަންނުވާ އެއްޗެކެވެ. ފިލްމެއް ބަލައިފިއްޔާ މުޅި އެދުވަހު ނުވަތަ ހަފްތާގައި އޮންނާނީ ފިލްމުން ބެލި މަންޒަރުތައް ގޭގައި ތަމްސީލު ކުރުމެވެ. ޅަ ކުދިން ގިނައިން ޓީވީ ބެލުމުން އަތުންކުރެވޭ ތަފާތު ހުނަރުވެރި މަސައްކަތަށް ނުފަރިތަވެއެވެ.

މީގެ އިތުރުން ވަގުތަށް ކަމޭހިތުން ދަށްވުމާއި، ހަށިގަޑަށް ބޭނުންވާ ހެލިފެލިވުން ނެތިގެންދެއެވެ. ހަމައެހެންމެ ޓީވީ ތަކުން ދައްކާ އިޝްތިހާރު ތަކަކީ މީހުން އެޔަށް ހައްލުވުލާލަން ދައްކުވާ އެއްޗެކެވެ. ކުޑަކުދިން ނުވަތަ ފުރާވަރުކުދިން މިކަންތަކަށް ހެއްލޭ މިންވަރު މަތިވާނެއެވެ. ނަތީޖާއަކަށްވަނީ އިޝްތިހާރުގައި ދައްކާ އެއްޗެހި ގަނެދޭން މައިންބަފައިންނަށް ކުދިން މަޖުބޫރުކުރުވައެވެ. އެހެންވުމުގެ ސަބަބުން ޢާއިލާގެ އިޤްތިޞާދަށް އޮބިނޯންނަވަރަށް ޚަރަދުމައްޗަށް ދާ ފަހަރުވެސް އާދެއެވެ.

ގިނައިން ޓީވީ ބެލުމަކީ މީހާއަށް ޖިސްމާނީ ގޮތުން އަދި ނަފުސާނީ ގޮތުން ގެއްލުން ހުރިކަމެކާ ހެލްތު މިނިސްޓްރީ އިން ނުވަތަ ޑަބްލިއު .އެޗް . އޯ އިން ބަޔާނެއްނެރުމުގެ ކުރިން މިކަމާއިމެދު ފުންކޮށްވިސްނަލުމަކީ ބުއްދިވެރިކަމެކެވެ.

Comments