އަންގާރަ20201013

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ސުވާލާއިޖަވާބު ތިމާވެއްޓާއި މަސައްކަތުގެ މާޙައުލުގެ ޞިއްޙަތު

ތިމާވެއްޓާއި މަސައްކަތުގެ މާޙައުލުގެ ޞިއްޙަތު

thimaaveshi-maskathuge-maahuluސާފުތާހިރު ވެއްޓެއް ލިބިފައިވުމަކީ މުޖުތަމައެއް ކުރިއަރައި ދިއުމުގައި ވަރަށް މުހިއްމު ކަމެކެވެ. ދުޅަހެޔޮ ޞިއްހަތެއްގައި އިންސާނާ ހެދިބޮޑުވުމަށާއި، ތަފާތު ބަލިތައް ފެތުރުން ހުއްޓުވުމަށް ސާފުތާހިރު ވެއްޓަކީ އެންމެ މުހިއްމު އެއް މަޞްދަރެވެ. އެހެންކަމުން ތިމާއާއި ތިމާގެ އާއިލާ، އަދި އެކުވެރިންނާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ލާބައާއި މަންފާއަށްޓަކައި ދިރިއުޅޭ ވެއްޓަކީ ސާފު ތާހިރު އުޅެން އެކަށޭނަ ތަނަކަށް ހަދަން މަސައްކަތް ކުރުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ބޮލުގައި ވެސް އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

ގެދޮރު އަދި ގެދޮރު ބިނާކުރުން

ކޮންމެ އާއިލާ އަކަށް އުފާވެރިކަމާއި އެކު ދިރިއުޅުމަށް ވަކި ގެއެއް ބޭނުން ވެއެވެ. އަދި ދިރިއުޅުމަށް ބޭނުންވާނެ ކަންތައްތައް އެގެއަކުން ފުރިހަމައަށް ލިބެން ހުންނަށް ޖެހެއެވެ. މިގޮތުން އަންނަނިވި ކަންތައްތައް ކޮންމެ ގެއެއްގައި ވެސް ފުރިހަމަވެފައި ހުރުމަކީ ބޭނުންތެރި ކަމެކެވެ.

- ގެ ހެދިފައި ހުންނަންވާނީ ދުމާއި ހިރަފުސް އަދި މިނޫނަސް ތަފާތު ޞިއްޙަތަށް ގެއްލުންދެނިވި މާއްދާތައް ބޭރުކުރާ ފެކްޓްރީ ތަކާއި، އަދި ގުދަން، ކާޕެންޓްރީ ފަދަ ތަންތަނާއި ދުރުގައެވެ.

- ގެ ހަދަންވާނީ ރަގަޅަށް ކޮންކްރީޓުން ބިންގާ އެޅުމަށްފަހު ތަބުތަކާއި މަތީ ބެރިތައް ކޮންކްރީޓުން އަޅައި، ފާރުގެ ދެފަރާތުގައި ސިމެންތި ޖެހުމަށްފަހު ކުލަ ލައިގެންނެވެ. ވައި އަދި އަލިކަން ގޭތެރެއަށް ފޯރު ކޮށްދިނުމަށްޓަކައި ބޮޑު އަދި ކުޑަ ދޮރުތަކާއި، ބެލްކަނި ފަދަ ތަންތައް ހުންނަން ވާނެއެވެ.

- ވަކިގެއެއް ހުރުމަކީ ކޮންމެ އާއިލާއަކަށްމެ ފުރިހަމަ މިނިވަންކަން ހޯދައިދޭ ކަމެކެވެ. އާއިލާގެ އެކިއެކި ކަންކަމުގައި މައިންބަފައިންނާއި ދަރިންއެކުގައި ތިބެ، މަޝްވަރާކޮށްލަން އެންމެ އެކަށޭނަ މާހައުލަކީ ގެއެވެ.

- ކޮންމެ ގެއެއްގައި ފެނާއި، ކަރަންޓް އަދި ނަރުދަމާގެ ޚިދުމަތް ބަރާބަރަށް ހުންނަން ވާނެ އެވެ. މީގެ އިތުރުން ގޭގައި އުފެދޭ ކުނިބުނި ކޮންމެ ދުވަހަކު ނައްތާލެވޭނެ ގޮތެއް ރޭވިފައި ހުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ވައި ބަދަލުވުން ނުވަތަ ދައުރުވުން

ތިމާ ދިރިއުޅޭ މާހައުލަށް ސާފުވައި ލިބިދިނުމަށްޓަކައި ދިރިއުޅޭ ގޯތިތެރޭގައި ނުވަތަ އިމާރާތުގެ ވަށައިގެން ގަސްހައްދާފައި ހުންނަ ސަރަހައްދެއް ބޭއްވިދާނެއެވެ. އަލަށް ރަށްތައް އާބާދު ކުރާއިރު މަސްހުނި ވެފައި ހުންނަ އިމާރާތްތަކެއް ހެދުމުގެ ބަދަލުގައި ދުރުދުރުގައި އެއްއިމާރާތާއި އަނެއް އިމާރާތުގެ ދޭތެރޭގައި ގަސްހެއްދުމަށް ނުވަތަ ދުއްވާތަކެތި ޕާރކްކުރުމަށް ތަނެއް ބޭއްވުމުގެ ބޭނުމަކީ މިއީ އެވެ.

ތިމާ ދިރިއުޅޭ ގޭގައި ކުދި އަދި ބޮޑެތި ދޮރުތައް ހުރުމަކީ ގޭތެރޭގެ ވައިބަދަލުވުން އިތުރުވެ، އުދާސްކަން ކެނޑިދިއުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ފަންކާ، އެކްޒޯސް އަދި އެއަރކޮންޑިޝަން އަކީ ގޭތެރޭގެ ވައިބަދަލު ކުރުމުގައި އެހީތެރިވެދޭނެ ވަޞީލަތްތަކެވެ.

ވައި އަދި ވައި ނުސާފުވުން

ވައި އެކުލެވިގެންވަނީ އޮކްސިޖަން، ނައިޓްރޯޖެން، ކާބަންޑައި އޮކްސައިޑް އަދި ބައެއް އެހެނިހެން ގޭސްތަކުގެ މައްޗަށެވެ. ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިއްބައިދެނީ ނޭވާލާހިނދު ހަށިގަނޑަށް ވަންނަ ވައި ގެ ޒަރީއާއިންނެވެ. ހަށިގަނޑުގެ ފިނިހޫނުމިން ވަކިވަރަކަށް ބެހެއްޓުމުގައި އެހީތެރިވެ ދިނުމުގެ އިތުރުން އިންސާނާއަށް ހިތްހަމަޖެހުމާއި އަރާމް ވައިގެ ސަބަބުން ލިއްބައި ދެއެވެ.

ވައި ނުސާފުވުން ކުރިމަތި ވަނީ އިންސާނުންނާއި، ގަސްގަހާގެހި، ދިރޭތަކެތި، މުދަލާއި ގެދޮރަށް ގެއްލުން ލިބޭ މިންވަރަށް ޖައްވުގެ ތެރޭގައި ވިހަ ނުރައްކާތެރި މާއްދާތައް އެކުލެވޭނަމަ އެވެ. އެތެރޭގެ ވައި ނުސާފުވުން ކުރިމަތިވަނީ ތިމާ ދިރިއުޅޭ ގެއާއި، މަސައްކަތް ކުރާތަން ފަދަ ތަންތަން މާބޮޑަށް ބެދި ނުވަތަ އެތަންތަން އަބަދު ލެއްޕި ވައިބަދަލު ނުވާނޭ ގޮތަކަށް ހުރިނަމަ އެވެ. މިސާލަކަށް ކާޕެންޓްރީ ފަދަ ތަންތަނުގައި އުޅޭމީހުންގެ ހަށިގަނޑަށް ކުދިކުދި ކުނޑިކޮޅުތައް ވާސިލްވުން ، ނުވަތަ ސިމެންތި ގުދަންތަކުގައި އުޅޭމީހުންގެ ހަށިގަނޑަށް ކުދިކުދި ސިމެންތި ހިރަފުސްކޮޅުތައް ވާސިލްވުން ފަދަ ކަންތައް ކުރިމަތިވުމުގެ ފުރުސަތު އެތަންތަން ލެއްޕިފައި ހުންނަނަމަ އިތުރުވެގެން ދެއެވެ. ބޭރު ތެރޭގެ ވައި ނުސާފުވުމޭ ބުނެވެނީ ޖައްވުގެ ވައި ނުސާފުވުމަށް ނިސްބަތް ކޮށެވެ. މިކަން ކުރިމަތި ވަނީ ކާޕެންޓްރީ ތަކުން ބޭރުވާ ކުދި ކުޑިކޮޅުތަކާއި، ތަފާތު ފެކްޓްރީތައް ހުންނަ ނަމަ އެތަންތަނުން ބޭރުކުރާ ދުމާއި، އަދި އަލިފާނުގެ ހާދިސާއެއް ހިނގުން ނުވަތަ ތަނެއް އެންދުމުގެ ސަބަބުން ބޭރުވެގެންދާ ދުމާއި، ހޮޓާފަދަ ތަންތަނުގެ ބަދިގެތަކުން ބޭރުވާ ދުމާއި، ދުއްވާ ތަކެތިން ބޭރުވާ ދުމާއި، އަދި ހިރަފުހާއި މިނޫންވެސް ބައެއް ކަންތައްތަކުގެ ސަބަބުންނެވެ.

ވައި ނުސާފުވުމުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ގޯތި ގެދޮރާއި މުދަލަށް ގެއްލުންވުން، ހިރަފުހުގެ ސަބަބުން ތަކެތި ހަޑިވެ، ތަކެތީގެ އަސްލު ގެއްލިގެން ދިއުން، އުޑުމަތި ނުސާފުވުން، ނުވަތަ އަދިރިވުން، ފެނުމަށް ހުރަސްއެޅުން، އެކިއެކި ޚިދުމަތްތަކަށް ހުރަސްއެޅޭގޮތްވުން، މީހުންނަށް ހިތްހަމަނުޖެހުން ކުރިމަތިކުރުވުން، ދަނޑުވެރިކަމަށް ގެއްލުން ލިއްބުން ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުން ވައި ނުސާފުވުމަކީ އިންސާނާގެ ޞިއްޙަތަށް ވެސް ވަރަށް ގެއްލުން ހުރި ނުރައްކާތެރި ކަމެކެވެ.

ވައި ނުސާފުވުމުގެ ސަބަބުން ޞިއްހަތަށް ލިބިދޭ ގެއްލުންތަކަށް ބަލާއިރު (ޚާއްޞަކޮށް މަސައްކަތުގެ މައިދާނުގައި) ތަފާތު ބަލިތައް ކުރިމަތި ކުރުވުން ހިމެނެއެވެ. ވައި ނުސާފުވުމަކީ ނޭވާހިއްލުން ފަދަ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އިތުރަށް ގޯސްކުރުވާ ކަމެކެވެ. ބައެއް ފަހަރު ވައިގެ ތެރޭގައި އެކުލެވޭ ނުރައްކާތެރި ވިހަ މާއްދާތަކުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ކުރިމަތި ކުރުވާގޮތް ވެއެވެ. ވަކިން ހުންނަ ތަނެއްގައި ކާބަން މޮނޮކްސައިޑްގެ މިންވަރު މާމަތިވެއްޖެނަމަ ހިތުބަލީގެ މީހުންނަށް ކުރިމަތިވާ މޭގައި ރިހުމުގެ ވައްތަރެއްކަމުގައިވާ ''އެންޖައިނާ'' އިތުރަށް ގޯސްވެގެން ދިއުމަށް މަގުފަހި ވެގެންދެއެވެ.

ފެން

ފެނަކީ ދިރޭ ކޮންމެ އެއްޗަކަށް ވެސް ބޭނުންވާ އެންމެ މުހިއްމު މަޞްދަރެވެ. ފެން ލިބޭނެ ވަސީލަތްތަކަކީ ވަޅުތަކުން ނަގާފެން، ވާރޭފެން، މޫދު ލޮނު ބޯންކަމުދާ ފެނަށް ބަދަލު ކުރުން މިއެވެ. ފެން ބޭނުން ކުރުމުގައި ޞިއްޙީ އާދަތައް ގެންގުޅުމަކީ ބޭނުންތެރިކަމެކެވެ. މިސާލަކަށް ރަގަޅަށް ކައްކައިގެން ފެންބޭނުންކުރުމާއި، އިސްކުރުން ފެން ނަގާއިރު ފިލްޓަރެއް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފެނުގެ ޒަރީއާއިން ތަފާތު ބަލިތައް ފެތުރެއެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުމުގެ ތަފާތު ވައްތަރުތަކާއި، ކޮލެރާ، ޓައިފޮއިޑް ހުން، ހެޕަޓައިޓިސްގެ ބައެއް ވައްތަރުތަކާއި، އަދި ބައެއް ވައްތަރު ވައިރަސް، ބެކްޓީރިއާ ޕަރަސައިޓް ފަދަ އޯގަނިޒަމްތަކުގެ ސަބަބުން ޖެހޭ ބަލިތައް ހިމެނެއެވެ.

ބޮޑެތި ވަޅު ހުންނަ ގެއެއް ނަމަ ދޭތެރެ ދޭތެރެއިން ފެންގަނޑަށް ކްލޮރިން އަޅަންވާނެ އެވެ. އެއީ މަދިރި ފަނި އަށަގަނަ ނުދިނުމަށްޓަކައެވެ. މީގެ އިތުރުން ފެންހިންދާ ވަޅުގަނޑު ނުވަތަ ޖަންކްޝަން ފަދަ ތަންތަން ހާމައަށް ހުންނަ ނަމަ އެތަންތަން ވެސް ދޭތެރެ ދޭތެރެއިން ސާފުކޮށް އަދި ފެން އުފެދިފައި ހުންނަނަމަ އެތަންތަނަށް ކްލޮރިން އެޅުމަކީ ރަގަޅު ކަމެކެވެ. ވާރޭ ފެން ރައްކާކުރުމަށް ބޮޑެތި ހަން ހުންނަމަ އޭގެ ހަރުކުރެވިފައިވާ އިސްކުރުގައި ފިލްޓަރ ކުރުމަށްޓަކައި ކޮންމެ ވެސް އެއްޗެއް ހަރުކުރުމަކީ މުހިއްމު ކަމެކެވެ.

ކުނިބުނި އަދި ނަޖިސް ނައްތާލުން

ނަޖިސް ( ބޮޑުކަމުދާތަކެތި / ކުޑަކަމުދާ ތަކެތި ) ތަކެތީގެ ސަބަބުން މީހުންނަށް ހިތްހަމަނުޖެހުން ލިބުމުގެ އިތުރުން ތަފާތު ބަލިތައް ފެތުރެއެވެ. އެއީ އެފަދަ ތަކެތި ހާމައަށް ހުރުމުން ތަފާތު ވައްތަރު އުދުހޭ ތަކެތީގެ އެހީގައި ޞަލާމަތުން ހުންނަ މީހާގެ ގަޔަށް ބަލި ފޯރުމުގެ މަގު ފަހިވެގެން ދެއެވެ. ސަބަބަކީ ބޮޑުކަމުދާތަކެތީގައި ތަފާތު ވައްތަރުގެ ބެކްޓީރިއާ، ވައިރަސް، އަދި ޕަރަސައިޓް މިނޫނަސް ތަފާތު އޯގަނިޒަމްތައް އެކުލެވޭތީ އެވެ.

ނަޖިސް ނައްތާލުމަށް ބޭނުންކުރެވޭ އެންމެ އާންމު ގޮތަކީ މީހުންގެ ގިނަރަށްރަށުގައި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމެވެ. ނަރުދަމާގެ ޚިދުމަތް ނެތްތަނަމަ ފާޚާނާގެ ހޮޅި އެކަމަށް ޚާއްޞަ ޖަންކްޝަނަކާއި ގުޅިދާނެ އެވެ. މިޖަންކްޝަން ފުރޭހާ ދުވަސްކޮށްފައި ސާފުކުރަން ވާނެއެވެ. ވަރަށް ގިނަ ރަށްރަށުގެ އަތިރި މަތީ ހޭޅިފަށާއި، ރާޅު ޖަހާ ހިސާބަށް ބޮޑުކަމުދިއުމުގެ އާދަ އަދިވެސް އޮވެއެވެ. މިފަދަ ކަންކަން ހުއްޓުވައި، އެފަދަ ކަންތަންތަކާއި މެދު އާންމުން ހޭލުންތެރި ވުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވާނެ އެވެ. ނަރުދަމާ ޚިދުމަތް ގާއިމްކޮށްފައި އޮންނަ ނަމަ ކަނޑަށް ގުޅާފައި އޮންނަ ނަޖިސްހޮޅި އޮންނަން ވާނީ ވީއެންމެ ފުންމިނެއްގެ އަޑީގައެވެ. ހޮޅި އޮންނަ ދިމާލުން މަސްފަދަ ތަކެތި ބާނައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.

ގެދޮރާއި އިމާރާތްތަކާއި ، އޮފީސް، ހޮސްޕިޓަލް ފަދަ ތަންތާގައި އުފެދޭ ކުނިބުނި ނައްތާލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކުނިބުނީގެ ސަބަބުން ކުރިމަތި ވެދާނެ ގެއްލުންތަކަށް ބަލާއިރު ބަލިތައް ފެތުރުން، ބައެއް ބާވަތްތައް ކުނިވެ ރާމާވުމުން ނުބައިވަސް ދުވުމުގެ ސަބަބުން އިންސާނާއަށް ނުތަނަވަސްކަން މެދުވެރިކުރުވުން، މީދަލާއި މިނޫންވެސް ބައެއް ކަހަލަ ބަލިފަތުރުވާ ދިރޭތަކެތި ގަޔާވާ ވެއްޓަކަށް ކުނިބުނި ޖަމާވެފައި އޮންނަ ތަންތަން ވުމުން ބަލިތައް ފެތުރިގެން ދިއުމަށް ފަސޭހަވުން، އަދި މިނޫނަސް ތަފާތު ގެއްލުން ތައް ހިމެނެއެވެ.

ގޭގައި އުފެދޭ ކުނި ކޮންމެ ދުވަހަކު ވެސް ނައްތާލަން ވާނެ އެވެ. ކުނި އުކާލަން ވާނީ ކުނިކޮށްޓަށެވެ. ނުވަތަ އެކަމަށް ޚާއްޞަކޮށްގެން ވަކި ހިސާބުތަކެއްގައި ބެހެއްޓިފައި ހުންނަ ޑަސްބިން ތަކަށެވެ. އެހެނީ މަގުމައްޗަށް ތިމާ އުކާލަން ގެންދާ ކުނިކޮތަޅު އެއްލާލުމަކީ އެކަމުގެ ސަބަބުން އެތައް ބަޔަކަށް ހިތްހަމަނުޖެހުމާއި ނުތަނަވަސް ކަން ގެނެސްދޭނެ ކަމެކެވެ.

މަގުމަތީގެ ސާފު ތާހިރު ކަމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މަގުމަތީގައި އުޅޭ އިރު ދުފާފައި ދުވާރު މައްޗަށް ކުޅުޖެހުން، ކަރުދާހާއި މިނޫނަސް އެހެން ކުނިބުނި މަގުމައްޗަށް އެޅުމުގެ އާދައިން ދުރުހެލިވާން ޖެހޭނެ އެވެ. އެއީ މަގުމަތީގެ ސާފު ތާހިރުކަމަކީ އެންމެން ގުޅިގެން ނޫނީ ދަމަހައްޓަން އުދަގޫ ކަމަކަށްވާތީ އެވެ.

ކުނިބުނި ނައްތާލެވޭ ގޮތްތަކަށް ބަލާއިރު ކުނިބުނި އެއްތާކަށް ޖަމާކޮށް އެންދުން، ބޮޑެތި ވަޅުގަނޑު ފަދަ ތަންތަން ހެދުމަށްފަހު އެތަންތަނަށް ފުރެންދެން ކުނި އެޅުމަށް ފަހު ފަސްއަޅައި ބެއްދުން ފަދަ ގޮތްތައް ހިމެނެއެވެ. ފަހުން މިބުނި ގޮތަށް ހަދާއިރު އެތަންބައްދާލުމަށް ފަހު ބަގީޗާއެއް ނުވަތަ ކުޅިވަރު ކުޅޭ ތަނަކަށް އެތަން ބަދަލުކުރެވިދާނެ އެވެ. ރާއްޖެ ތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ކުނިތައް ރަށުގެ ވަކި ހިސާބެއްގެ މޫދުގައި ތޮށިގަނޑެއް ލުމަށް ކުނިތައް ހިފެހެއްޓޭގޮތަށް ހަދައި އެތަނަކަށް ކުނި އަޅަން ބޭނުންކުރެއެވެ. މިއީ ބިންހިއްކުމަށް ކުނި ބޭނުންކުރެވޭ ގޮތެކެވެ.

ކާތަކެތި އަދި ކާތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން

ކާތަކެތީގެ ރައްކާތެރިކަމަކީ ވެސް ސަމާލުކަން ދޭންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. ބަދިގެ އަދި ކާގެ ނުވަތަ ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވިޔަސް ކާތަކެތި ބަހައްޓަން ވަނީ އެކި ފާޑުފާޑުގެ ދިރޭ ސޫފާސީފިތަކަށް ވާސިލް ނުވެވޭނެ ހެން ރައްކާތެރިކޮށް ފައެވެ. ހާމައަށް ފެންނަގޮތަށް ކާތަކެތި ބެހެއްޓުމަށްފަހު އެބޭނުންކުރުމަކީ ޞިއްޙީގޮތެއް ނޫނެވެ.

ކާތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް ބަލާއިރު ޓީބީ، ޓައިފޮއިޑް، ކަރުފޮޅު، ޕޯލިއޯ، އަދި ތަފާތު ބާވަތްތަކުގެ ބޭރަށްހިންގުމާއި، ހެޕަޓައިޓިސްގެ ބައެއް ވައްތަރުތައް، އަދި މިނޫނަސް ތަފާތު ޕަރަސައިޓްތަކުގެ ސަބަބުން ޖެހޭ ބަލިތައް ހިމެނެއެވެ.

ކާނާއާއި ކާނާގެ ބާވަތްތައް ތަފާތު ގޮތްތައް ބޭނުންކޮށްގެން ރައްކާކޮށް ގިނަދުވަހު ބެހެއްޓިދާނެ އެވެ. މިގޮތުން ފިނިކަން މަތީ ދެމެހެއްޓުން، ގަނޑުކުރުން، ހިއްކުން، ދުންއެޅުން، ލޮނުއެޅުން، ދަޅުގައި ބަންދުކުރުން، އަދި ތަފާތު ކެމިކަލްތައް އެއްކުރުން ފަދަ ކަންތައް ކޮށްގެން ކާނާ ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓިދާނެއެވެ.

ބިސްފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން އެއީ ރަގަޅު ނުވަތަ ގޯސްވެފައިވާ ބިހެއްތޯ ބަލާލަން ވާނެއެވެ. މިގޮތުން %10 ލޮނު އެކުލެވޭ ދިޔާއެއްޗަށް ބިސްލާށެވެ. ބިސްގޯސްވެފައިވާނަމަ އޮންނާނީ ފެންމަތީގައެވެ. އަޑިއަށްދަނީ ރަގަޅަށް ހުރި ބިހެވެ.

މަސައްކަތުގެ މައިދާނުގައި ކުރިމަތިވެދާނެ ބައެއް ނުރައްކާތައް

ހަށިގަނޑުގެ ހޫނުމިންމައްޗަށް ދިއުން

ވެލްޑިންގް ކުރުން، ބޭކަރީތަކުގެ ބަދިގޭ ބައިގައި މަސައްކަތްކުރުން ބައެއް ކަހަލަ އެހެން މަސައްކަތްތަކުގެ ތެރޭގައި އުޅޭ އިރު މާބޮޑަށް ހަށިގަނޑު ހޫނުމިން މައްޗަށްދާ ގޮތް ވެއެވެ. މިގޮތުން ހޫނުވުމުގެ ސަބަބުން މާބޮޑަށްވަރުބަލިވެ، ވަރުދެރަވުން، ސްޓްރޯކް ޖެހުން، ގައިގައި ރިއްސުން، ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ޖައްވުމުގެ ހޫނުމިން މައްޗަށް ދިއުމުން ބައެއް ފަހަރު ހަންގަނޑު ހިރުވައި، ކެހުން ކުރިމަތިކޮށް ރަތްވާގޮތް ވެއެވެ. ވެލްޑިންގް ފަދަ ކަންތައް ކުރާ އިރު އުފެދޭ ހޫނާއި ވިދުވަރަށް މާދިގުމުއްދަތަކަށް ހުށަހެޅޭގޮތް ވެއްޖެ ނަމަ ލޯފުސްވުން ކުރިމަތި ކުރުވައެވެ.

ޖައްވު މާބޮޑަށް ހޫނު ނަމަ ބޭރަށް ނުކުންނަ އިރު މަޑުކުލަތަކުގެ އަންނަ އުނު ބޭނުންކުރެވިދާނެ އެވެ. އެއީ އެކަމުގެ ސަބަބުން ހޫނުވާ މިންވަރު ކުޑަކޮށްދޭތީ އެވެ. އަތްވަށް ނިކުތުމުން ލޮލުގައި ރިއްސާނަމަ އަވިއައިނެއް ބޮލުގައި ރިއްސާނަމަ ތޮއްޕެއް ފަދަ އެއްޗެއް ބޭނުންކުރެވި ދާނެއެވެ. މާގިނައިރު އަވީގައި މަސައްކަތް ކުރަން ޖެހޭ މީހެއް ނަމަ ގައިގައި އަވިން ހިމާޔަތްކުރުމުގައި އެހީތެރިވެދޭ ކްރީމްއެއް އުގުޅިދާނެއެވެ. އެއީ މާގިނައިރު އަވީގައި އުޅެން ޖެހުމަކީ ހަންގަޑުގެ އެދުމުގެ އިތުރުން ހަމުގެ ކެންސަރު ޖެހުމަށް ވެސް މަގުފަހިކޮށްދޭ ކަމަކަށް ވާތީ އެވެ.

ފިންޏަށް ހުށަހެޅުން

ގަދަ ފިންޏަށް ހުށަހެޅުމުން ބައެއްފަހަރު ހަންގަޑުގައި ވަގުތީ އިންފްލެމޭޝަނެއް އުފެދެން ދިމާވެއެވެ. އަދި ބައެއް ފަހަރު މާގަދަ ފިންޏަށް ހުށަހެޅުމުން އަތާފައިގެ އިގިލިތައް ގަނޑުވެ އެހިސާބުގެ ޓިޝޫތައް މަރުވާގޮތް ދިމާވެއެވެ. މީގެ އިތުރުން ފިނިމާހައުލެއްގައި އުޅުމަކީ ނޭވާލާ ނިޒާމްގެ ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ.

އަޑުގަދަވުން

އަޑުގަދަ މާހައުލެއްގައި އާންމުކޮށް އުޅެން ޖެހުމަކީ ބައެއް ޞިއްޙީގޮތުން ގެއްލުންތަކާއި ކުރިމަތި ވެދާނެ ކަމެކެވެ. މާބާރުގަދަ އަޑަށް ހުށަހެޅުމަކީ އަޑުއިވުމަށް ހުރަސް އެޅުން ކުރިމަތިކޮށް ބައެއް ހާލަތްތަކުގައި ބީރުވުން ފަދަ ކަންތައް މެދުވެރިކުރުވާ ކަމެކެވެ.

ލޭގެ ޕްރެޝަރ މަތިވުން، ހިތުގެ ތެޅުން އަވަސްވުން، ދާހިއްލުން އިތުރުވުން، ނޭވާލުމަށް ބަދަލުއައުން، ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ސަމާލުނުވެ ހުރެއްޖެނަމަ ބައެއް ފަހަރު އެކްސިޑެންޓް ފަދަ ހާދިސާތައް ވެސް ހިގުމަކީ ދުރުކަމެއް ނޫނެވެ.

ކާޕެންޓްރީ ތަކާއި، ވޯރކްޝޮޕް، އިންޖީނުގެ ފަދަ ތަންތަނަކީ އާންމުކޮށް އަޑުގަދަ ތަންތަނެވެ. އެހެންކަމުން މިފަދަ ތަންތަނުގައި މަސައްކަތް ކުރާ އިރު ކަންފަތަށް ޕްލަގެއް ނުވަތަ އެނޫނަސް އަޑުގަދަވުން ފަދަ ކަންތަކުން ހިމާޔަތް ވުމުގެ އެހީތެރިވެދޭނޭ އާލަތެއް ބޭނުންކުރެވިދާނެ އެވެ.

ކޮޓަން ޑަސްޓް އަށް ހުށަހެޅުމުން ދިމާވާ ބައެއް މައްސަލަތައް

1- މިލް ފީވަރ: މިއީ އަލަށް ކަފައިގެ މަސައްކަތަށް ނިކުންނަ މީހާއަށް ދިމާވާ އެލާޖީރގެ ހާލަތެކެވެ. ކުޑަދުވަސްކޮޅަކަށް ދެމިހުންނަ މިހާލަތު ކުރިމަތިވުމުން ހުންއައުން، ބޮލުގައި ރިހުން، ހީކެރުވުން، އަދި ވަރުބަލިކަން ހަށިގަނޑަށް ގެނެސްދެއެވެ.

2- ފިނދާމީހުންގެ ކެއްސުން: މިއީ އަލަށް ނިކުންނަ މީހުންނާއި މަސައްކަތުގައި ދުވަސްވީ މީހުންނަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. މިކަން ކުރިމަތިވަނީ ފަންގަސް އާއި ތަޣައްޔަރުވެފައިވާ ކޮޓަން ޑަސްޓް ނޭވާލުމުގެ ނިޒާމަށް ވާސިލްވުމުންނެވެ. މޭފިތެން އުޅޭހެން ހީވުން، ކުއްލިކުއްލިއަކަށް ކެއްސުން އެރުން، ނޭވާކުރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ކާހިތްނުވުން، ބަރުދަން ލުއިވުން، އަދި ހަވީރުގަޑީގައި ހުންއައުން ފަދަ ކަންތައްތައް މިހާލަތުގައި ކުރިމަތި ކުރުވައެވެ. މަސައްކަތާއި ދުވަސްކޮޅަކަށް ދުރުހެލިވުން މިކަން ރަގަޅު ވެދެއެވެ.

3- ބިސައިނޯސިސް: މިއީ ދިގުމުއްދަތަކަށް ދާއިމީގޮތެއްގައި ކޮޓަން ޑަސްޓް އަށް ހުށަހެޅުމާއި ގުޅިގެން ފުއްޕާމެޔަށް ޖެހޭ ބައްޔެކެވެ. ކަފަ ފިނދާމީހުން، ބާލީސްފަދަ ތަކެތީގެ ކަފަ ބަދަލުކުރުމުގެ މަސައްކަތުގައި ދިގުމުއްދަތަކަށް ހޭދަކުރާމީހުން، ކަފަތައް ވަކިކުރާ މެޝިން އޮޕަރޭޓްކުރާ ނުވަތަ ސާފުކުރާ މީހުންނަށް މިފަދަ ބައްޔެއް ޖެހުމަކީ ގާތްކަމެކެވެ. ބަލިޖެހުމުން ނޭވާހިއްލުން، ނޭވާކުރުވުން، ކެއްސުން ފަދަ އަލާމާތްތައް މެދުވެރި ކުރުވައެވެ. ގަބޫލުކުރެވިފައިވާ ގޮތުގައި މިއީ ކޮޓަން ޑަސްޓް އަށް އެލާރޖިކް ވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

މީގެ އިތުރުން ވެސް މަސައްކަތުގެ ތަފާތު ދާއިރާތަކުގައި ބޭނުންކުރެވޭ ކެމިކަލްތަކާއި، ރޭޑިއޭޝަން ފަދަ މާއްދާތަކަށް ހުށައެޅުމުން ވިހަވުމާއި މިނޫނަސް އެކިކަހަލަ ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވައެވެ. އެހެން ކަމުން މިފަދަ ކަންތައްތަކުން ސަލާމަތްވެ ހުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަމަށް އަމަލީ ސިފައެއް ގެނައުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.