އާދީއްތަ20201018

އާކުރެވުނީ: 08:43:52

ވިލާތު ހިމަބިހި German measles (Rubella)

vilaathu-himabihi-91* ވިލާތު ހިމަބިއްސަކީ ކޮބާ؟

* ވިލާތު ހިމަބިހީގެ އަލާމާތްތަކަކީ ކޮބާ؟

* ވިލާތު ހިމަބިހިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބާ؟

* މާބަނޑު ދުވަސްވަރު މިބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

* މާބަނޑު ދުވަސްވަރު ވިލާތު ހިމަބިހި ޖެހިއްޖެނަމަ ދަރިފުޅަށް ލިބިދާނެ ގެއްލުންތަކަކީ ކޮބާ؟

ވިލާތު ހިމަބިއްސަކީ ކޮބާ؟

މިއީ ހިމަބިހީގެ ވައްތަރެކެވެ. މިބަލި ޖެހެނީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހޭތާ 2-3 ހަފުތާ ފަހުންނެވެ.

ވިލާތު ހިމަބިހީގެ އަލާމާތްތަކަކީ ކޮބާ؟

1- ހުންއައުން: އާއްމުގޮތެއްގައި މިބަލީގެ ފުރަތަމަ އަލާމާތަކީ ހުންއައުމެވެ. ގާތްގަނޑަކަށް 1-2 ވަންދެން އާދައިގެ ވަރަކަށް ހުން އައިސްފައި ހުރެއެވެ. އާދައިގެ ހިމަބިއްސާއި ޚިލާފަށް އެއްގޮތަކަށް ހުން ނައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހުންއަޔަސް 38.5 ޑިގުރީއަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

2- ބިހިނެގުން: ހުންނައިސް ފުރަތަމައިންވެސް ބިހިނަގަން ފެށުމަކީ ވެދާނެކަމެކެވެ. އެންމެފުރަތަމަ ބިހިނަގަން ފަށަނީ މޫނުގައެވެ. އަދި ވަރަށް އަވަހަށް ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި މުޅިހަށިގަނޑަށް ފެތުރިގެންދާނެއެވެ. އަދި ގާތްގަޑަކަށް 3 ދުވަހުގެ ތެރޭގައި އެއްވެސް އަސަރެއްނެތި އާއްމުގޮތެއްގައި ބިހިތައް ފިލައިގެންދާނެއެވެ. ބިހިތައް ހުންނާނީ އާދައިގެ ހިމަބިއްސާއިވެސް އެއްފަދައިން ކުދިކުދިކޮށެވެ.

ވިލާތު ހިމަބިހިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބާ؟

ވިލާތު ހިމަބިއްސަކީ ވައިރަސްއެއްގެ ސަބަބުން ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށްޓަކައި ދެވައްތަރެއްގެ ވަކުސިނެއްދެވެއެވެ. އެއީ އެމްއާރު ނުވަތަ އެމްއެމްއާރު އެވެ. ނަމަވެސް ދެރައީ މިދެވެކުސިނުން ކުރެ އެއްވެސް ވެކުސިނަކީ މާބަނޑު ދުވަސްވަރު ދިނުން ހުއްދަ ވެކުސިނެއް ނޫނެވެ. ވުމާއެކު ކުރިން ވެކުސިން ޖަހައިފައި ނެތްނަމަ މިބަލި ޖެހިފައިވާ މީހުންނާއި މުޅިން ދުރުހެލިވާށެވެ. އަދި ބަލިން ރަނގަޅުވާތާ ހަފުތާއެއް ނުވަނީސް ގެޔަށް ނުވައްދާށެވެ. އަދި އެފަދަ މީހަކު އުޅޭ ހިސާބަށް ނުދާށެވެ.

ވިލާތު ހިމަބިހި ރަށުތެރޭ އުޅޭ ދުވަސްވަރެއްނަމަ އާއިލާގެ ހުރިހާ މެންބަރުންނަށް ވެކުސިން ދެވިފައިވޭތޯ ޔަގީން ކުރާށެވެ. އަދި އާއިލާގެ އެއްވެސް މެންބަރަކަށް ނުވަތަ ރައްޓަސަކަށް އަދި ތިމާގެ މީހަކަށް ވިޔަސް މިބަލި ޖެހިފައިވާނަމަ އެމީހަކު އެހެންމީހުން އުޅޭހިސާބަށް ދިއުން މަނާކުރާށެވެ. ހާއްސަކޮށް މާބަނޑު މީހަކު އުޅޭ ހިސާބަކަށް އެމީހަކު ދިޔަދީގެން ނުވާނެއެވެ.

ވިހެއުމަށްފަހު ލަސްނުކޮށް އެމްއާރު ނުވަތަ އެމްއެމްއާރު ވެކުސިން ޖަހާށެވެ. އޭރުން ދެވަނަފަހަރަށް ބަލިވެއިންނައިރު މިބަލީގެ ނުރައްކަލުގެ ބިރުވެތިކަމުގައި ހުންނާކަށް ނުޖެހޭނެއެވެ. މިވެކުސިން ޖެހުމަކީ ގާތުންދިނުމުގައި އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ބަލިވެއިންނަން ބޭނުންނަމަ ބަލިވެއިނުމުގެ ދޮޅުމަސްކުރިން މިވެކުސިން ޖަހަންޖެހޭނެއެވެ. އޭގެފަހުން ވެކުސިން ޖެހުމަކީ ބަލިވެއިދެއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ވަރަށް ގެއްލުންވާނެ ކަމެކެވެ.

މާބަނޑު ދުވަސްވަރު މިބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

ވެކުސިންޖެހިޔަސް މިބަލިޖެހުމުގެ ފުރުޞަތު ކިތައްމެ ކުޑަކޮށްނަމަވެސް އޮވެއެވެ. މިބަލި ޖެހިއްޖެ ނަމަ ނުވަތަ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަދި ބަލިޖެހިފައިވާ މީހަކު ގޭހައި އުޅޭނަމަ ނުވަތަ ގެއަށް ޒިޔާރަތް ކުރިނަމަ އަވަހަށް ޑޮކުޓަރެއްގެ ލަފާހޯއްދަވާށެވެ. ޑޮކުޓަރަށް ދައްކަން ދާއިރު ކުރިން އެނގިފައި ދިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އޭރުން މާބަނޑު އެހެން މީހަކު ޑޮކުޓަރަށް ދައްކަން ގޮސްނެތް ވަގުތެއްގައި ޑޮކުޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެހެން މައިންގެވެސް ސަލާމަތަށްޓަކައެވެ.

ޑޮކުޓަރަށް ދެއްކުމުން ވިލާތު ހިމަބިހި ޖެހިފައިވޭތޯ ބެލުމަށް ލޭގެ ޓެސްޓެއް ހައްދާނެއެވެ. އެއީ މިބަލިޖެހުމުން ހަށިގަނޑުގައި މިބައްޔާއި ދެކޮޅަށް އުފައްދާ ހާއްސަ އެންޓިބޮޑީ ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށެވެ. ޓެސްޓުން ނެގެޓިވު ނަތީޖާ އައިނަމަ އަނެއްކާވެސް 3 ހަފުތާ ފަހުން ޓެސްޓު ކުރަންޖެހޭނެއެވެ. ދެވަނަ ޓެސްޓުގެ ނަތީޖާއިންވެސް ނެގެޓިވު ނަމަ ބަލީގެ ބިރުވެރިކަމެއް ނެތެވެ. ނަމަވެސް ދެވަނަ ޓެއްޓުން ޕޮޒިޓިވެ ނަތީޖާ އަތުވެއްޖެ ނަމަ މާނައަކީ މައިމީހާއަށް ވަނީ ބަލިޖެހިފައެވެ. އަދި ބަލީގެ ނުރައްކާ ދަރިފުޅަށް ވަރަށް ބޮޑެވެ. ވުމާއެކު ޑޮކުޓަރުން ލަފާދެއްވަނީ ދަރިފުޅު ވައްޓާލުމަށެވެ.

މާބަނޑު ދުވަސްވަރު ވިލާތުހިމަބިހި ޖެހިއްޖެނަމަ ދަރިފުޅަށް ލިބިދާނެ ގެއްލުންތަކަކީ ކޮބާ؟

މާބަނޑުދުވަސްވަރު މައިމީހާއަށް ވިލާތު ހިމަބިހި ޖެހުމަކީ ބަނޑުގައިވާ ދަރިފުޅަށް އެކަމުގެ ސަބަބުން ވަރަށް ނުރައްކާތެރި ބޮޑެތި ގެއްލުންވާ ކަމެކެވެ. އަދި މިކަންތަކަކީ އެއްވެސް ފަރުވާއެއްވެސް ހުރި ކަންތައްތަކެއް ނޫނެވެ. މިގޮތުން ދިމާވާ ގެއްލުންތަކުގެ ތެރޭގައި:-

1- ބީރުވުން ނުވަތަ މަންމަން ވުން.

2- ލޯފަންވުން.

3- ހިތުގައި އުފެދުމުގެ އައިބުތައް ހުރުން.

4- ބޮޑުނުވުން.

5- ސިކުޑި އުނިވުން (ގަމާރުވުން ނުވަތަ އަދޮޅުވުން.)

މީގެއިތުރުންވެސް ވަރަށް ގިނަ އުނިސިފަތަށް މިފަދަ ކުދިންގެ ހުންނާނެއެވެ. ހަމައެއާއި މިބަލިޖެހިގެން އުފަންވާ ކުދިންނަކީ ގާތްގަޑަކަށް ދެއަހަރުދުވަސް ވަންދެން މިބަލި އެހެން މީހުންނަށް ފަތުރާ ކުއްޖެކެވެ. (އާދައިގެ މީހަކަށް މިބަލި ޖެހިއްޖެ ނަމަ ބަލިފަތުރަނީ ބިހިތައް ނަގަން ފެށުމުގެ 7 ދުވަސް ކުރިން ފެށިގެންގޮސް ބިހިތައް ރަނގަޅުވާތާ 5 ދުވަސް ވަންދެނެވެ. ގަތްގަޑަކަށް 2 ހަފުތާ ވަންދެނެވެ.)

ބައިގެންދިއުމާއި ދުވަސްނުފުރާ ވިހެއުމާއި ވިހާއިރު ދަރިފުޅު މަރުވެފައި އޮތުމަކީވެސް މާބަނޑު ދުވަސްވަރު މައިމީހަށް ހިމަބިހި ޖެހިއްޖެ ނަމަ ދިމާވާ ކަންތައްތަކެކެވެ. ނަމަވެސް ބަލިޖެހުން ލަސްވާ ވަރަކަށް ދަރިފުޅަށް ބަލީގެ ސަބަބުން ލިބޭ ގެއްލުން ކުޑައެވެ. ބަނޑަށް ފުރަތަމަ މަހުގައި މައިމީހާއަށް ވިލާތު ހިމަބިހި ޖެހިއްޖެނަމަ ދަރިފުޅަށް ބަލިޖެހުމުގެ ފުރުޞަތު %90 އަށް އަރައެވެ. އަދި ބަލީގެ ނުރައްކާ ނުވަތަ ދަރިފުޅަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ދެވަނަމަހުގައި މިފުރުޞަތު %25 އަށް ތިރިވެއެވެ. އަދި ތިންވަނަމަހަށްފަހު މިފުރުޞަތު ގާތްގަޑަކަށް %5 ތިރިވެއެވެ. އަދި ދަރިފުޅަށް ވާ ގެއްލުންވެސް ނިސްބަތުން ކުޑަވެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.