Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިހެއުމަށްފަހު ރޭކުރާއިރު ތަދުވާނެތަ؟

ވިހެއުމަށްފަހު ރޭކުރާއިރު ތަދުވާނެތަ؟

reykuiru-thadhuvnetha-133ވިހެއުމަށްފަހު ރޭކުރާއިރު ތަދުވުމަކީ ނުވަތަ ރިއްސުމަކީ ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. ވިހާއިރު ކުރިމަތި ފަރާތް ކަފައިލާން ޖެހުނު ނަމަ ނުވަތަ ވީދައިގެން ދިޔަނަމަ އެތަން ފަސޭހަވާއިރު އިންނަ ލަކުނުގައި އެތައް ހަފުތާއެއްވަންދެން އަދި ބައެއްފަހަރު އެތައް މަހެއްވަންދެން ރޭކުރާއިރު ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. 

ވުމާއެކު ލަކުނު މުޅިން ފަސޭހަވަންދެން ރޭނުކޮށް މަޑުކޮށްލުން ރަނގަޅުވާނެއެވެ. އާއްމުގޮތެއްގައި ވިހާތާ 40 ދުވަހުގެ ތެރޭގައި ލަކުނު މުޅިން ފަސޭހަވާނެއެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ގިނަދުވަސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ލަކުނު ފަސޭހަވިޔަސް ޖިންސީ ގުޅުން ހިންގާއިރު ލަކުނަށް ހިސާބަކަށް އުދަގޫ ވުމަކީ އެކަށީގެންވާ ކަމެކެވެ. ލަކުނު މުޅިން ފަސޭހަވުމަށްފަހުވެސް ޖިންސީ ގުޅުން ހިންގާއިރު ރަނގަޅު ގޮތަކީ އަރިއަކަށްތިބެގެން ނުވަތަ އަނބިމީހާ މަތީގައި އޮވެގެން ޖިންސީ ގުޅުން ހިންގުމެވެ. އެއީ ފަސޭހައިން އަނބިމީހާއަށް ޖންސީގުޅުން ހިންގާއިރު ތަދުވާނަމަ ފަސޭހައިން ފިރިމީހާގެ ޒަކަރު ބޭރުކުރުމަށް ފުރުޞަތު ދިނުމަށްތަކައެވެ.

ވިހެއުމަށްފަހު އާއްމުގޮތެއްގައި ގިނައަންހެނުންގެ ހަށިގަނޑުގައި އަންހެން ހޯމޯން އެސްޓްރޯޖަން ނިސްބަތުން މަދުވާނެއެވެ. ހާއްސަކޮށް ގާތުންދޭނަމަ މިހޯމޯން މާބޮޑަށްވެސް މަދުވާނެއެވެ. މިހޯމޯން މަދުވުމަކީ ފަރުޖުގެ ހަންގަޑުގެ ތެތްކަން ކުޑަވެ އަދި ތުނިވާ ސަބަބެކެވެ. މިއީވެސް ޖިންސީ ގުޅުން ހިންގާއިރު ތަދުވުމަށް ދިމާވާ އެއް ސަބަބެވެ. ވުމާއެކު ޖިންސީ ގުޅުން ހިންގާއިރު ފަރުޖުގެ ތެތްކަން ކުޑަކަމަށް ފާހަގަ ކުރެވޭނަމަ ޖިންސީ ގުޅުން ހިންގާއިރު ބޭނުން ކުރުމަށް ތައްޔާރު ކޮށްފައި ހުންނަ ކުރީމެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ. މިގޮތަށް ކޮންމެ ކްރީމެއް ބޭނުން ކުރުން ރަނގަޅެއް ނުވާނެއެވެ.

އެއީ ބައެއް ވައްތަރުގެ ކްރީމް ބޭނުންކުރުމުން ބައެއް ކަހަލަ ޖަރާސީމުފަދަ ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ސުއްނީއުރަ ނުވަތަ ހުރަސް ބޭނުން ކުރާނަމަ ބައެއް ކުރީމު ބޭނުން ކުރުމުން ހުރަސް ފަޅައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މާބޮޑަށް ފަރުޖު ހިކިވެފައިވާނަމަ ޑޮކުޓަރެއްގެ ލަފަޔާއިއެކު އެސްޓްރޯޖަން ކުރީމް ބޭނުން ކުރެވިދާނެއެވެ.

ގާތުންދޭ މައެއްނަމަ ޖިންސީ ގުޅުން ހިންގާއިރު އުރަމަތިން ކިރުފޭބުމުގެ ސަބަބުން އުދަގޫވުމަކީ ވަރަށް ގާތް ކަމެކެވެ. މިފަދަ ހާލަތުގައި ޖިންސީ ގުޅުން ހިންގާއިރު ގާތުންދާއިރު އަޅާވައްތަރުގެ ބުރާ އެޅުން ރަނގަޅުވާނެއެވެ. ފަހަރުގައި މިއީ އެދުންވެރިކަމަށް އުނިކަން ގެނެސްދޭ ކަމަކަށްވެދާނެއެވެ. މިފަދަ ހާލަތުގައި ޖިންސީ ގުޅުން ހިންގާއިރު ގާތުގައި ތުވާއްޔެއް އެއްޗެއް ބޭއްވިދާނެއެވެ. އަދި އުރަމަތިން ކިރު ލީކުވާނަމަ ތުވާލިން ފުހެލެވިދާނެއެވެ.

Comments