އާދީއްތަ20180708

އާކުރެވުނީ: 08:43:52

މާބަނޑު ދުވަސްވަރު - ހަމަށް އަންނަ ބަދަލުތައް

maabadu hamah anna badhalu

މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

• ސްޓްރެޗް މާކު އުފެދުން
• ހަމުގެ ކުލައަށް ބަދަލުއައުން
• ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން
• ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން
• ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން

ސަބަބު

މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، އަދި ހަށިގަނޑުގެ ލޭދައުރުވުމަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. މިގޮތަށް އަންނަ ގިނަ ބަދަލުތައް ވިހެއުމަށްފަހު މަޑުމަޑުން ފިލައިދާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބައެއް ބަދަލުތަކަކީ މިސާލަކަށް ސްޓްރެޗް މާކު އުފެދުން، ހަމުގެ ކުލައަށް ބަދަލުއައުން (ހަމުގެ ކުލަ ކަޅުވެ، އަނދިރިވުން) ފަދަ ކަންކަމަކީ އާއިލާގެ ތެރޭގައި ދައުރުވަމުން އަންނާތީ ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. ޚާއްޞަކޮށް މަންމަ، ދައްތަ ފަދަ މީހެއްގެ ހަމަށް މާބަނޑު ދުވަސްވަރު މިފަދަ ބަދަލުތައް އައިސްފައިވާނަމަ، އެމީހަކަށް މާބަނޑު ދުވަސްވަރު ހަމުން އެފަދަ ބަދަލުތައް ފެނުމަކީ ގާތް ކަމެކެވެ.

މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތަކަކީ ނުރައްކާތެރި ކަމެއްތަ؟

މާބަނޑު ދުވަސްވަރު އާންމުކޮށް ހަމަށް އަންނަ ބަދަލުތަކަކީ އޭގެ ސަބަބުން ނުރައްކަލެއް ދިމާވާނޭ ކަމެއް ނޫނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހަމުގައި ބިހިނަގައި، ރަތްވެ، ދުޅަވެ، ފިތްނަގައި، ކަހައި ހިރުވައި، ފޮޅުނަގައި، ފާރުވެ، މިފަދަ ކަމެއްވެގެން ގިނަ ދުވަސްވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ބައެއް ފަހަރު ދިމާވާ ހަމުގެ ހާލަތްތަކާއި ގުޅިގެން "އެންޓިހިސްޓަމިން" ނޫނީ އުގުޅާ ބޭހެއް ބޭނުންކުރަން ޖެހިދާނެއެވެ. ނަމަވެސް މިފަދަ ބޭހެއް ވެސް ޑޮކްޓަރުގެ އިރުޝާދާ ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ބައެއް ފަހަރު ހަމުގެ މައްސަލަތަކުގެ ސަބަބުން އަންނަ ބަދަލުތައް މާބަނޑު ދުވަސްވަރު ފެނިގެން ދިއުމަކީ ވެސް ވެދާނެ ގޮތެއް ކަމަށް ވިސްނުމުގައި ބެހެއްޓުން މުހިއްމެވެ.

މާބަނޑު ދުވަސްވަރު ހަމުގެ ކުލަ އަނދިރިވެ ކަޅުވުން

މާބަނޑު ދުވަސްވަރު ހަމުގެ ކުލަ އަނދިރިވެ ކަޅުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ބަލިވެއިނުމުން އެންމެ ފުރަތަމަ ފެންނަ ކަމެއްގެ ގޮތުގައި ވެސް ހަމުގެ ކުލަ އަނދިރިވެ ކަޅުވުން ހިމެނިދާނެ އެވެ. ހަމުގެ ކުލަ ކަޅު މީހުންގެ ފުށުން މިކަން ފާހަގަވުމުގެ ފުރުޞަތު ބޮޑެވެ. ވަށްގަނޑާއި، ވަށްގަނޑުގެ ވަށައިގެންވާ އަނދިރި ހަމުގެ ކުލަ އިތުރަށް އަނދިރިވެ، ކަޅުވާކަން ފާހަގަ ކުރެވިދާނެ އެވެ.

މާބަނޑުވުމާއި ގުޅިގެން ހަމުގައި ހުންނަ ކަޅުތިލަ، ލަފު، ލައް ފާޑުގެ ތަކެތީގެ ކުލަ ވެސް އިތުރަށް އަނދިރިވެ ގަދަވުމަކީ ވެދާނެ ގޮތެކެވެ. ފޫޅު ވަށައިގެންވީ ހިސާބު، ފައިގެ ފަލަމަސްގަނޑުގެ އެތެރޭ ކައިރި، ކިހިލިފަތް ދޮށުގެ ހަމުގެ ކުލަ، އަނދިރިވެ، ކަޅުވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިހިސާބުތަކުގައި އުފެދޭ ކަޅުކަން ނޫނީ އަނދިރިކަން ވިހެއުމަށްފަހު މަޑުމަޑުން ފިލައި އަލިވެދެއެވެ. ނަމަވެސް ވިހެއުމަށްފަހު ވެސް ވަށްގަނޑުގެ ކުލަ ކުރިން ހުންނަ ވަރަށް ވުރެ، އަނދިރިކޮށް، ކުލަ ގަދަގޮށް ހުރުމަކީ ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު މޫނުގައި ލައްޖެހުން

މޫނުގައި ތިކިތަކެއްގެ ސިފައިގައި ލައްޖަހައި، ކުލަބަދަލުވުމަކީ ވަރަށް އާންމުކަމެކެވެ. މިގޮތަށް ބަދަލުވާއިރު ނިއްކުރިއާއި، ނޭފަތް ކޯ،އަދި ލޯ ވަށައިގެން މުށިކުލައިގެ ތިކިތަކެއް ނޫނީ ލައްތަކެއް ފާޅުވެއެވެ. މޫނުގެ ހަމަށް އަންނަ މިބަދަލުތަކަށް ''ކްލޯސްމާ'' (Chloasma)އޭ ކިޔައެވެ. ހަމުގެ ކުލަ ކަޅުމީހުންނަށް ކްލޯސްމާގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. ކްލޯސްމާ ކުރިމަތިވަނީ މާބަނޑުވުމުން "މެލަނިން" ހޯރމޯން އުފެއްދުން އިތުރުވުމުންނެވެ. ބަލިވެ އިންނަ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު މޫނުގައި ލައްޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ބޭރަށް ނިކުމެއުޅޭއިރު ސަން ސްކްރީން ލޯޝަނެއް ބޭނުންކުރުން ( މިސާލަކަށް SPF 15)

  • ބޭރަށް ނިކުމެ އުޅޭއިރު އަވިން ނިވާވުމަށް ކުޑައެއް ފަދަ އެއްޗެއް ބޭނުންކުރުން

  • މާބަނޑު ދުވަސްވަރު ބަނޑުގައި މުށިކުލައިގެ ރޮނގުތަކެއް ފާޅުވުން

ވަރަށް ގިނަ އަންހެނުންގެ ހަށިގަނޑުގައި ފޫޅުން ތިރިއަށް ކުރިމަތިފަރާތާއި ދިމާލަށް ދަށްބަނޑުގައި އަނދިރި މުށިކުލައިގެ ރޮގެއް ފާޅުވެއެވެ. މިރޮގަށް ކިޔަނީ ''ލީނިއާ ނިގްރާ''(Linea nigra)އެވެ. މިރޮނގުގެ ފުޅާމިނުގައި އެއް ސެންޓިމީޓަރު ވަރު ވެސް ހުރެދާނެ އެވެ. ބައެއް ފަހަރު ފޫޅަށްވުރެ މައްޗަށް ގޮސްފައި ވެސް ހުރެދާނެއެވެ. އާންމު ގޮތެއްގައި މުށިކުލައިގެ މިރޮނގު ފެންނަށް ފަށަނީ މާބަނޑުވުމަށްފަހު ދެވަނަ 3 މަސް ފެށުމަށްފަހު ގައެވެ. މާބަނޑުވާ ކޮންމެ މީހަކަށް މުށިކުލައިގެ މިރޮނގު ފާޅުވެ ފެންނާކަން ނުޖެހެއެވެ. މުށި ކުލައިގެ މިރޮނގަކީ ވެސް ބެލެވޭ ގޮތުގައި މާބަނޑުވުމާއި ގުޅިގެން ހޯރމޯން ތަކަށް އަންނަ ބަދަލާއި ގުޅިގެން ދިމާވާ ކަމެކެވެ. ވިހެއުމަށް ފަހު މިރޮގުވެސް މަޑުމަޑުން ފަނޑުވެ ނެތިދެއެވެ.

މާބަނޑުވުމުން ހަމުގެ ވިދުން އިތުރުވުން

މާބަނޑުވުމަކީ ހަމުގައި ހުންނަ ތެތްކަން އިތުރުކޮށްދޭ ކަމެކެވެ. ހަމަށް ވާންކަން ގެނެސްދީ، ހަން އޮމާންކޮށްދީ، ހަމުގެ ވިދުން އިތުރުކޮށްދޭ ކަމެކެވެ. ހަމުގައި ހުންނަ ރޫތަކާ، ކޫރުންތައް ފިލުވައިދޭ ކަމެކެވެ. ހޯރމޯންތަކަށް އަންނަ ބަދަލާއި ގުޅިގެން، ލޭދައުރުވުން އިތުރުވެ، ހަމުގެ ކުލަ ފިޔާތޮށި ރަތްކުލައަކަށް ބަދަލުވެ، ކޮންމެ ވެސް މިންވަރެއްގެ ހޫނު ކަމެއް ވެސް އިހުސާސް ކުރެވިދާނެ އެވެ.

މާބަނޑުވުމުން ކޯތާފަތް މަތީގައި ލޭނާރުތައް ފާޅުވެ ފެންނަށްހުރުން

ކޯތާފަތް މަތީގެ ހަމުގެ ލޭނާރުތައް ފާޅުވެ ފެންނަށް ހުރުމަކީ މާބަނޑު ދުވަސްވަރު ވެދާނެ ގޮތެކެވެ. މިގޮތަށް ހާމަކޮށް ފެންނަ ހުންނަ ލޭނާރުތަކަކީ ހަމުގެ ތެރޭގައި "ފަޅައިގެން ގޮސްފައި" ހުންނަ ކުދިކުދި ހިމަހިމަ ލޭހޮޅިތަކެވެ. މިލޭނާރުތަކަށް ކިޔަނީ "ސްޕައިޑާ ނީވައި"(spider naevi) އެވެ. މިލޭނާރުތައް މިގޮތަށް ހާމަވެ ފާޅުވާން ހުންނަ ސަބަބުތަކުގެ ތެރޭގައި މާބަނޑުވުމުން ހަށިގަނޑުގައި ލޭދައުރުވުން އިތުރުވުމާއި، ހޯރމޯން އަށް އަންނަ ބަދަލުތައް ހިމެނެއެވެ. ވިހެއުމަށްފަހު މިގޮތަށް ހާމައަށް ފެންނަށް ހުންނަ ލޭނާރުތައް ވެސް މަޑުމަޑުން ފިލައިދެއެވެ.

ކޯތާފަތް މަތީގެ ހަމުގެ ލޭނާރުތައް ފާޅުވެ ފެންނަށް ހުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

• ވިޓަމިން ސީ ބޭނުންކުރެވޭ މިންވަރު އިތުރުކުރުން : ވިޓަމިން ސީ އެކުލެވޭ ޖޫސް ބޭނުންކުރެވިދާނެ އެވެ.

• ތަނެއްގައި އިށީދެގެން އިންނައިރު އެއްފައި މައްޗަށް އަނެއްފައި ލައިގެން ފައި ހުރަސްކޮށްގެން ނީނުން

މާބަނޑު ދުވަސްވަރު އޮށާޅަނެގުން މާބަނޑު ދުވަސްވަރު އޮށާޅަ ނެގުމަކީ ވެސް ދިމާވެދާނެ ކަމެކެވެ. އެގޮތުން އެތައް ދުވަހަކު އޮށާޅަ ނުނަގައި ހުރުމަށްފަހު މާބަނޑުވުމުން އޮށާޅަ ނަގާގޮތް ދިމާވެދާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު އޮށާޅައިގެ އަސަރު ފެންނަށް ފެށި ނަމަވެސް އެންމެ ގޯސްވަނީ ފަހު 3 މަހުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.

އޮށާޅަނަގަން ދިމާވަނީ މާބަނޑުވުމާއި ގުޅިގެން އިތުރުވާ ހޯރމޯންތަކުގެ ސަބަބުން ހަމުގެ ތެޔޮކަން އިތުރުވުމުންނެވެ. އާންމުކޮށް އޮށާޅަ ނަގާމީހުންނަށް، މާބަނޑު ދުވަސްވަރު އެކަން އިތުރަށް ގޯސްވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އޮށާޅައާއި ގުޅިގެން ކޯތާފަތާއި، ނޭފަތާއި، ދަތްދޮޅީގެ ހަމުގައި ރަތްކަން އުފެދޭގޮތް ވެއެވެ. އޮށާޅަ ނެގުން އިތުރަށް ގޯސްވެދާނެ ކަންތައްތަކުގެ ތެރޭގައި މާބޮޑަށް ފިނިވުން، މާބޮޑަށް ހޫނުވުން، ގިނައިރު އަވީގައި އުޅުން، ބަނގުއާވި ބޭނުންކުރުން، އަދި ތެޔޮ، ނޫނީ ކުޅި ހަވާދުލީ ތަކެތި ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މާބަނޑު ދުވަސްވަރު ނަގާ އޮށާޅައިގެ އުނދަގޫ ކުޑަކުރުމަށް ޑޮކްޓަރުގެ އިރުޝާދާއި ނުލައި އަމިއްލައަށް އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އޮށާޅަނެގުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

• ގަވާޢިދުން މޫނު ދޮވެ ސާފުކުރުން : އެގޮތުން ކޮންމެ ދުވަހަކު ހެދުނާއި ރޭގަނޑު މޫނު ދޮވެ ސާފުކުރެވިދާނެ އެވެ.

• މޫނުގައި ހުންނަ ތެޔޮކަން ފިލުވުމަށް ޚާއްޞަ "އެސްޓްރިންޖެންޓް" އެއް ބޭނުންކުރެވިދާނެ އެވެ.

• ތެޔޮ ނުހުންނަ މޮއިސްޗަރައިޒަރ އެއް ބޭނުންކުރުން

މާބަނޑު ދުވަސްވަރު ސްޓްރެޗް މާކު އުފެދުން

ބަލިވެއިންނަ %90 މީހުންނަށް ސްޓްރެޗް މާކު އުފެދުން ކުރިމަތިވެއެވެ. މާބަނޑު ދުވަސްވަރު ހަމުގައި ރަތް،ފިޔާތޮށި ނުވަތަ ދަބުކުލައިގެ ރޮގުތަކެއް (ސްޓްރެޗް މާކު) ފާޅުވާން ފަށައެވެ. މިރޮނގުތައް އާންމު ގޮތެއްގައި ހުންނަނީ އުރަމައްޗާއި، ބަނޑާއި، ފިދުމަސްގަނޑާއި، ފައިގެ ފަލަމަސްގަނޑުގައެވެ. މިފަދަ ރޮގުތައް ފާޅުވަނީ ހަންގަނޑަށް ދެމި،ވާންވުމުން ހަމުގެ އެތެރޭ ފަށަލައިގެތެރޭގައި ހުންނަ ''ކޮލެޖަން ފައިބާރސް'' ތައް ވަކިވެ، ހަމުގެ ދަށުގައި ހުންނަ ލޭއެކުލެވޭ ޓިޝޫތައް ފެންނަށް ހުރުމުންނެވެ. މި ފަދަ ރޮނގުތަކަށް ކިޔަނީ ''ސްޓްރިއާ ގްރެވިޑޭރަމް''(Striaegravidarum)އެވެ. މާބަނޑު ދުވަސްވަރު އިތުރުވާ ހޯރމޯންތަކުގެ ސަބަބުން ހަމުގައި ހުންނަ ޕްރޮޓީންތަކުގެ ހަމަހަމަކަން ގެއްލި، ހަމުގެ ފަށަލަތައް އިތުރަށް ތުނިވުމަކީ ވެސް ސްޓްރެޗް މާކު ތައް އުފެދުމުގައި އިތުރު ބާރެއް ފޯރުކޮށްދޭ ކަމެކެވެ.

މިރޮގުތަކުގެ ކުލަ ވިހެއުމަށް ފަހު ގާތްގަނޑަކަށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުދުކުލައަށް ބަދަލުވެއެވެ. ހުދުކުލައަށް ބަދަލުވުމުން މިރޮގުތަކަށް ކިޔަނީ ''ސްޓްރިއާ އަލްބިކަންސް''(Striaealbicans)އެވެ.ނަމަވެސް މިގޮތަށް ރޮގުތައް ފާޅުވާން ފަށާއިރު އޭގެކުލަ ބިނާވެފައި އޮންނަނީ އެމީހެއްގެ ހަންގަނޑުގައި ހުންނަ ކުލައެއްގެ މައްޗަށެވެ.

ސްޓްރެޗް މާކުގެ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

• ގަވާއިދުން ކަސްރަތުކުރުން
• ވިޓަމިން އީ ހުންނަ ލޯޝަނެއް ބޭނުންކުރުން

މާބަނޑު ދުވަސްވަރު ހަމުގެ ނާޒުކުކަން އިތުރުވުން

މާބަނޑު ދުވަސްވަރު ހަމުގެ ނާޒުކުކަން އިތުރުވަނީ މާބަނޑުވުމާއި ގުޅިގެން ހަށިގަނޑުގައި ލޭދައުރުކުރުން އިތުރުވުމާއި، މާބަނޑުވުމާއި ގުޅިގެން މަތިވެގެންދާ ހޯރމޯންތަކުގެ ސަބަބުންނެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު މަސައްކަތްކުރާ ގޮތަށް ރިއާޔަތްކޮށް، ބަލިވެއިނުމުގެ ކުރިން ހުރި ހަމުގެ ބައްޔެއް ނުވަތަ ހާލަތެއް އިތުރަށް ގޯސްވެ، ނޫނީ ރަނގަޅުވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ބަލިވެއިނުމުގެ ކުރިން ހަމުގެ ބައްޔެއް ކަމުގައިވާ "ސޮރައިއެސިސް" ހުރިނަމަ، ބަލިވެއިނުމުން އާންމު ގޮތެއްގައި ސޮރައިއެސިސް ގެ އުނދަގޫތައް ކުޑަވެ ލުއިވުމަކީ ވެދާނެ ގޮތެކެވެ. އެއީ ސޮރައިއެސިސް ކުރިމަތިވުމުގައި ދިފާޢީ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކުގެ މިންވަރު މާބަނޑުވުމުން ދަށްވާތީ އެވެ. ނަމަވެސް ބައެއް މީހުންނަށް މަދުން ނަމަވެސް ބަލިވެއިނުމުން ސޮރައިއެސިސްގެ ހާލަތު އިތުރަށް ގޯސްވުމަކީ ވެސް ވެދާނެ ގޮތެކެވެ. ހަމުގެ ބަލިތައް ކަމުގައިވާ "އެކްޒީމާ" ، "ލޫޕަސް" ފަދަ ބަލީގެ ވައްތަރުތައް ގިނަ ފަހަރު ބަލިވެއިނުމުން އިތުރަށް ގޯސްވެގެންދާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު އަތްވަށް ނިކުތުމުން ހަން އަދާހެން ވެސް ހީވެދާނެ އެވެ.

މާބަނޑު ދުވަސްވަރު ގައިހިރުވައި ކެހުން

މާބަނޑު ދުވަސްވަރު ގައިގައި ބިހިނަގައި، ހިރުވައި ކެހުމަކީ ދޭތެރެ ދޭތެރެއިން ދިމާވެދާނެ ކަމެކެވެ. ބައެއް ފަހަރު ކަނޑައެޅިގެން ވަކި ސަބަބެއް ނޭނގި ވެސް މިހެން ދިމާވެދާނެ އެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު މުޅިގައިގައި ހިރުވައި ކެހުމަކީ އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު މިއީ ހަމުގެ ވަކި ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެ އެވެ. ފަހަރުގައި މިއީ މާބަނޑުވުމުން ހަމަށް ލޭފޮނުވައިދިނުން އިތުރުވުމުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. ނޫނީ ދަރިފުޅު އުފެދެމުން އަންނަ ވަރަކަށް ބަނޑުބޮޑުވުމުން ހަމަށް ދެމި ވާންވުމުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.

މާބަނޑު ދުވަސްވަރު ފުރަމެޔަށް ދިމާވާ ޚާއްޞަ ހާލަތެއް(obstetric cholastasis) ގެ ސަބަބުން މުޅި ހަށިގަނޑުގައި އާދަޔާ ޚިލާފަށް ކަހައި ހިރުވުމަކީ ވެދާނެ ގޮތެކެވެ. މިހާލަތުގައި ޚާއްޞަކޮށް ފައި ދަށްފުށާއި، އަތުގެ ހުދުހަމުގައި ހިރުވައި ކެހުމަކީ ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ވަކި ހިސާބެއްގައި ނޫނީ މުޅި ހަށިގަނޑުގައި ފިތްނަގައި ހިރުވައި ކެހުމަކީ ވެދާނެ ގޮތެކެވެ. ފިތް ނަގާފައި އޭގެ ޒާތުގައި ރަނގަޅުވެދާނެ އެވެ. ބައެއް ފަހަރު ދެތިން ގަޑިއިރު ވަންދެން، ނޫނީ ދެތިން ދުވަސްވަންދެން ވެސް ފިތް ނަގާފައި ހުރެދާނެ އެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އުފެދޭ ހިރުވުމާއި ކެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

• މޮއިސްޗަރައިޒަރ އެއް ބޭނުންކުރުން
• ކެލަމިން ލޯޝަން ފަދަ އެއްޗެއް ބޭނުންކުރުން
• "އޯޓު މީލް ބާތު" އެއް ނެގުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.