މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައި ކުރުމާއި ހޮޑުލެވުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިހެން ދިމާވަނީ ކީއްވެ؟
މިހެން ދިމާވާ ސަބަބާއިމެދު ވަރަށްގިނަ ތިޔަރީތައް ވެއެވެ. ނަމަވެސް މިއިން އެއްވެސް ތިޔަރީއަކީ މުޅިން ފުރިހަމަ ތިޔަރީއެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިވެއިނުމުން މޭނުބައިކުރުމާއި ހޮޑުލެވޭ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
ނަމަވެސް ޖިސްމާނީގޮތުން ހަށިގަނޑަށް އަންނަ ގިނަގުނަ ބަދަލުތަކަކީ މިކަމުގެ ސަބަބެވެ. މިގޮތުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކަކީ މިހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބު ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެނީ ހޯމޯނަށް އަންނަ މިބަދަލުތަކުގެ ސަބަބުން ރަހަޔާއި ވަހަށް އަދި ހަޖަމުކުރާ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ.
މާބަނޑު ދުވަސްވަރު މެއިނުބައިކުރުމާއި ހޮޑުލުމަކީ ވަރަށްގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބަލިވެއިންނަމީހންގެ ތެރެއިން ހަތަރުބައިކުޅައެއްބައި މީހުންނަށް މިކަމުގެ އުދަގޫ އެކި މިންވަރަށް ކުރެއެވެ.
ބަލިވެއިނުމުން މެއިނުބައިކޮށް ހޮޑުލާ މީހުންގެތެރެއިން ދެބައިކުޅައެއްބައި މީހުންނަށް ގާތްގަޑަކަށް ބަނޑަށް 14 ހަފުތާވުމަށްފަހު މިކަމަށް ލުއިކަންލިބި ރަނގަޅުވެއެވެ. އަދިމިމުއްދަތުގައި ރަނގަޅު ނުވާމީހުންގެތެރެއިން ގިނަމީހުން ޖެހިގެންއަންނަ މައހެއްހައި ދުވަހުގެ ތެރޭގައި ރަނގަޅުވެއެވެ. ވިހަންދެން އެއްގޮތަކަށްވެސް ރަނގަލުނުވެ ހޮޑުލާމީހުންގެ އަދަދު އެހާ ގިނައެއްނޫނެވެ. ނަމަވެސް ބައެއްމީހުން ރަނަގޅު ވުމަށްފަހު ދުވަސްކޮޅެއްފަހުން އަނެއްކާވެސް މިކަމުގެ އުދަގޫ ކުރުމަކީ ވެދާނެ ކަމެކެވެ. އަދި ބައެއް މީުންނަށް ދާނީ މިގޮތަށް ވިހަންދެންވެސް ރަނގަޅުވެލާފަ އުދަގޫވެފައެވެ.
މިކަން ހައްލުކުރާނީ ކިހިނެއް؟
މެއިނުބައިކޮށް ހޮޑުލެވެނީ ކުޑަކުޑަކޮށްނަމަ އާދައިގެ ކުޑަކުޑަ އެހީއަކުންވެސް މިކަމުން ލުއިކަން ލިބިދާނެއެވެ. ނަމަވެސް މާބޮޑަށް މިކަމުގެ އުދަގޫ ވާނަމަ ޑޮކުޓަރެއްގެ މަޝްވަރާ ހޯދާށެވެ. މިކަން ލުއިކުރުމަށް ދެވޭ ރައްކާތެރި ބޭސް ހުރެއެވެ. މާބޮޑަށް އުދަގޫނުވާނަމަ މިކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.
- ލުއިލުއިކޮށް ކާށެވެ. އެއްފަހަރާ ގިނައިން ނުކާށެވެ. އަދި ފާރޮށި ކްރިމްކޭކަރ ބިސްކޯދުފަދަ ލުއިކާނާ ނިދުމުގެ ކުރިން ކާށެވެ. ހާއްސަކޮށް މާނުބައިވެގެން ދަންވަރު ހޭލެވޭމީހުން މިފަދަ ކާނާއެއް ކެއުމަކީ ވަރަށް ބޮޑަށް ލުއިކަން ގެނެސްދޭ ކަމެކެވެ. މިގޮތަށް ހޭލެވިއްޖެނަމަ މިފަދަ ކާނާއެއް ކައިގެން ބައިގަޑިއެއްހާއިރު އެދުގާ މަޑުކޮށްލާށެވެ. ގިނައިރެއްނުވެ ނިދިދާނެއެވެ.
- ގިނައިން ފެޓު ނުވަތަ ސަރުބީ ހުންނަ ކާނާ ނުކާށެވެ. އެއީ މިފަދަ ކާނާއަކީ ހަޖަމްކުރުމަށް ވަރަށް ގިނަ ވަގުތު ނަގާ ކާނާއެކެވެ. ހަމައެފަދައިން ހުތް ކާނާއާއި ކުޅި ކާނާއާއި ހަވާދުގެ ބާވަތްތަކުން ހަދައިފައި ހުންނަ ކާނާވެސް ކެއުން ރަނގަޅެއްނޫނެވެ.















