ހުކުރު20180921

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ދިމާވާ އުދަގޫތަކުގެ ތެރެއިން ... ކުރިމަތި ފަރާތުން ދިޔާ އެއްޗެތިފޭބުން

މާބަނޑު ދުވަސްވަރު ދިމާވާ އުދަގޫތަކުގެ ތެރެއިން ... ކުރިމަތި ފަރާތުން ދިޔާ އެއްޗެތިފޭބުން

dhiyaa-echehi-feybun-122މިއީ ހީވާ ހީވުމެއްތަ ނޫނީ ހަމަ ހަގީގަތުގައިވެސް ގިނައިން ދިޔާއެއްޗެތި ފައިބަނީތަ؟

މިއީ ހަމައެކަނި ހީވާހީވުމެއްނޫނެވެ. މާބަނޑުދުވަސްވަރު ގިނައިން ދިޔާއެއްޗެތި ފެއިބުމަކީ ވަރަށްގިނަ މައިންނަށް ދިމާވާ ކަމެކެވެ.

ބަލިވެއިނުމުގެ ކުރިން ޖަނގިޔާބާލާއިރު ޖަނގިޔަލުގައި ބައެއްފަހަރު ކިރުކުލައިގެ ވަހެއްނެތް ނުވަތަ މަޑުވަހެއްހުންނަ އޮލަ ދިޔާއެއްޗެތި ހުންނަތަން ފެންނާނެއެވެ. އެއީ ޠަބީޢީގޮތުން ބައެއްފަހަރު އަންހެނުންގެ ކުރިމަތިފަރާތުން ފައިބާ ދިޔާއެއްޗެކެވެ. ބަލިވެއިނުމުން މިގޮތުން ފައިބާ ދިޔާއެއްޗެތި ފައިބާ މިންވަރު އިތުރުވެގެންދެއެވެ. މިހެންދިމާވަނީ ހަށިގަނޑުގައި އިތުރުވެގެންދާ އަންހެންހޯމޯނުގެ ސަބަބުންނާއި ހަށިގަނޑުގައި ދައުރުވާ ލޭ ގިނަވުމުގެ ސަބަބުންނެވެ. މިދިޔާއެއްޗެތި އުފެދެނީ ފަރުޖުންނާއި ރަހިމުގެ ކަރުންނެވެ.

ވިހެއުމުގެ ދުވަސް ކައިރިވާވަރަކަށް މިގޮތުން ފައިބާ ދިޔާއެއްޗެތި ފައިބާވަރު އިތުރުވާކާން ގިނަފަހަރު ފާހަނގަ ކުރެވޭނެއެވެ. އަދި ކުރިން ފައިބަމުން ދިޔަ ދިޔާއެއްޗިއްސާ ފަހުން ފައިބާ ދިޔާއެއްޗިއްސާ ތަފާތުކަންވެސް އިހުސާސް ކުރެވޭނެއެވެ. ބަލިވެއިންނަތާ ކުރީކޮޅު ރަހިމުގެ ކަރުގައި އުފޭދޭ މިދިޔާއެއްޗެތިން ރަހިމުގެ ކަރުގައި އުނގުރިއެއް އުފެދެއެވެ. މިއުނގުރިއަށް ކިޔަނީ މިއުކަސް ޕްލަގް އެވެ.

ވިހެއުން ގާތްވާވަރަކަށް ރަހިމުގެ ކަރު ތުނިވެ ފުޅާވަމުންދެއެވެ. ނަތީޖާއެއްގެ ގޮތުން ރަހިމުގެ ކަރުގައި އުފެދިފައިވާ އުނގުރި ދޫވެ ފައިބާގޮތް މެދުވެރިވެއެވެ. ވުމާއެކު ފައިބާ ދިޔާއެއްޗެތިވެސް ވަރަށް ބޮޑަށް އިތުރު ވެގެންދެއެވެ. މިގޮތުން ފައިބާ ދިޔާއެއްޗެތި ބޮޑަށް ވައްތަރުވާނީ ބިހުގެ ހުދުކަންޏާއެވެ. އަދި ގުޅަގުޅައަށް ފެއިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދިބައެއްފަހަރު މިހެންފައިބާ ދިޔާއެއްޗެތީގައި ލޭކުލަ ނުވަތަ ލޭތިކި ހުރުމަކީވެސް ވެދާނެކަމެކެވެ.

ކުރިމަތިފަރާތުން ދިޔާއެއްޗެތި ފައިބާނަމަ ޑޮކުޓަރަކަށް ދައްކަންޖެހޭނެތަ؟

ކުރިމަތިފަރާތުން ދިޔާއެއްޗެތި ފޭބުމަކީ ޠަބީޢީ ކަމެއްކަމުގައި ވީނަމަވެސް ފައިބާ ދިޔާއެއްޗިއްސަކީ އެއްވެސް އޮލަކަމެއްނެތް ދިޔާ ފެންހެން ހުންނަ އެއްޗެއްނަމަ އެއީ ޠަބީޢީގޮތުން ފައިބާ ދިޔާއެއްޗިއްސައް ނުވުމަކީ ގާތްކަމެކެވެ. އަދި އެއީ ރަހިމުގެ ފެންދުލި ފަޅައިގެންދިޔުމުގެ ސަބަބުން ފައިބާ ފެނަށް ވުމަކީވެދާނެ ކަމެކެވެ. ވީމާ އެއްވެސް ގޮތަކަށް ޝައްކެއް ކުރެވޭނަމަ ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

މިގޮތުން ދިޔާއެއްޗެތި ފައިބާ މިންވަރަށް ބަދަލު އަޔަސް އަދި ވައްތަރަށް ބަދަލުއަޔަސް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ. އެއީ މާއޮލަވިޔަސް ނުވަތަ މާދިޔާވިޔަސް އަދި ކުލައަށް ބަދަލުއައިނަމަވެސް އެވެ. އެއީ މިއީ ދުވަސް ނުފުރާވިހެއުމުގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ އަވަހަށް ޑޮކުޓަރެއްގެ ލަފާ ހޯދުން ރަނގަޅުވާނެއެވެ.

ހަމައެފަދައިން ހުދުކުލައިގެ އޮލަދިޔާއެއްޗެއް ފޭބުމާއިއެކު ހިރުވާނަމަ ނުވަތަ ކުޑަކަމުދާއިރު ތަދުވާނަމަ ނުވަތަ ކުރިމަތިފަރާތް ރަތްވެފައިވާނަމަ އެއީ ޔީސްޓް އިންފެކްޝަންގެ ސަބަބުން ކަމުގައި ވުމަކީ ވެދާނެކަމެކެވެ. ވިމާ މިފަދަ އަލާމާތެއް ހުރި ނަމަ ޑޮކުޓަރަށް ކިޔައިދޭންވާނެއެވެ.

ފައިބާ ދިޔާއެއްޗެތިން ނުބައިވަސް ދުވުމާއިއެކު ކުލަ ރީދޫ، ފެހި ނުވަތަ އަޅިކުލަޔަކަށް ހުންނަނަމަ އެއީ ކުރިމަތިފަރާތަށް ނުވަތަ ކުޑަކަމުދާ ނިޒާމަށް އިންފެކްޝަނެއް ޖެހުމުގެ ސަބަބުން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިންގަޔަށް އަރާ ބައްޔަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ހިރުވުން ނުވަތަ ކުޑަކަމުދާއިރު ރިއްސުން ފަދަ ކަމެއް ދިމާ ނުވިޔަސްވެހެވެ.

މިއިން ކޮންމެ ފަދަ ހާލަތެއްގައިނަމަވެސް އަމިއްލައަށް ފަރުވާ ކުރަން މަސައްކަތް ނުކުރާށެވެ. އެއީ ޑޮކުޓަރަކައިދައްކައިގެން ވެފައިހުރިގޮތެއް ބެލިމަކީ ފަރުވާ ކުރުމުގެ ކުރިން ކުރަން ޖެހޭނެކަމެކެވެ. އެއީ ބައްޔާއި ނުގުޅޭ ފަރުވާއެއް ކުރެވިއްޖެނަމަ ބަލި އިތުރަށް ގޯސްވުމާއިއެކު ފަހުން ފަރުވާކުރަން އުދަގޫ ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކުރިމަތިފަރާތުން ފައިބާ ދިޔާއެއްޗެތި މަދުކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތަކަކީކޮބާ؟

މިކަންތައް ހުއްޓުވުމަށް އަމިއްލައަށްކުރެވޭނެ ކަމެއް ނެތެވެ. ނަމަވެސް ސާފުކަމާއި ސަލާމަތްކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ވީމާ ތިރީގައި އެވާ ކަންތަކަށް ފަރުވާތެރިވާށެވެ.

- ކުރިމަތިފަރާތް ދޮންނައިރު އަބަދުވެސް ކުރިމަތިންފެށިގެން ފަހަތަށް މަތިން ތިރިއަށް ދޮންނާށެވެ.

- ކޮޓަން ޖަގިޔާ ލާށެވެ. ބާރު ނުވަތަ ނައިލޯނު ޖަގިޔާ ނުލައްވާށެވެ.

- ކުރިމަތި ފަރާތް ސާފުކުރުމަށް ޓޮއިލެޓް ޕޭޕަރ ނުވަތަ ޓިޝޫ ކަރުދާސް ބޭނުން ނުކުރާށެވެ.

- ކުރިމަތި ފަރާތް ސާފުކުރުމަށް ތައްޔާރުކުރެވިފައި ހުންނަ އެއްވެސް ބާވަތެއްގެ ސްޕްރޭއެއް ބޭނުން ނުކުރާށެވެ.

- ވައްތަރުވައްތަރުގެ ގޮތްނޭގޭ ސައިބޯނި ބާތު ފަދަ ތަކެތިން ކުރިމަތި ފަރާތް ނުދޮއްނާށެވެ.

- ކުރިމަރިފަރާތް ސާފުކުރުމާއި ބެކްޓީރިއާފަދަ ތަކެތި މެރުމަށް ތައްޔާރު ކުރެވިފައި ހުންނަ ބޭސް (ވަޖައިނަލް ޑަޗް) ބޭނުން ނުކުރާށެވެ. އެއީ ޑޮކުޓަރެއްގެ ލަފަޔާ ނުލައި ބޭނުން ކުރެވޭ މިފަދަ ބައެއް ބޭހުން ކުރިމަތި ފަރާތުގައި ޠަބީޢީ ގޮތުން ހުންނަ ބައެއް ބެކުޓީރިއާތައްވެސް މަރާލައެވެ. މިފަދަ ބެކުޓީރިއާ ތަކަކީ ބަލިޖައްސާ ބެކުޓީރިއާއާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. ވީމާ މިޠަބީޢީ ބެކުޓީރިއާތައް މަރުވުމަކީ ކުރިމަތި ފަރާތައް ތަފާތު ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވާނެ ކަމެކެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި މިގޮތައް ބޭނުން ކުރެވޭ ބައެއް ބޭހުގެ ސަބަބުން ކުރިމަތިފަރާތުގެ އެތެރެއިންލާފާ ލޭހޮޅިތަކަށް ވަރަށް މަދުންނަމަވެސް ބައެއްފަހަރު ވައި ވަންނަގޮތް މެދުވެރިވެއެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމެއްނަމަވެސް މިއީ ދިމާވެއްޖެ ނަމަ ވަރަށް ނުރައްކާވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.