އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ހަންގަޑު ކަޅުވަނީ ކީއްވެ؟

މާބަނޑު ދުވަސްވަރު ހަންގަޑު ކަޅުވަނީ ކީއްވެ؟

hangadu-kalhuvanee-keeve-99* މާބަނޑު ދުވަސްވަރު މޫނުގައި ކަޅު ލައްގަޑު ނެގުމަކީ ޠިބީޢީ ކަމެއްތަ؟

* މާބަނޑު ދުވަސްވަރު ބަޑުގައި ދިގަށް ކަޅުކުލައިގެ ރޮގު ހުންނަނީ ކީއްވެ؟

* މާބަނޑު ދުވަސްވަރު ހަންގަޑު ކަޅުވިޔަ ނުދޭން ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

* ވިހެއުމަށްފަހު ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީކޮބާ؟

* މިކަޅު ލަފުތަކަކީ އެއްވެސް ނުރައްކަލެއް ނުވަތަ ބައްޔެއްގެ އަލާމާތެއްތަ؟

މާބަނޑު ދުވަސްވަރު މޫނުގައި ކަޅު ލައްގަޑު ނެގުމަކީ ޠިބީޢީ ކަމެއްތަ؟

މޫނުގައި އަދި ހަށިގަނޑުގެ އެހެނިހެން ތަންތަނުގައިވެސް ހަންގަޑުގައި ކަޅުކުލައިގެ ނުވަތަ އަދިރި ލަފު ނެގުމަކީ ބަލިވެއިނުމުން ބައެއް އަންހެނުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. މިއީ ގާތްގަޑަކަށް ބަލިވެއިންނަ މީހުންގެ ތެރެއިން 70% މީހުންނަށް ދިމާވާ ކަމެކެވެ. އާއްމުގޮތެއްގައި ހަނގަޑުގެ ކުލަ ކަޅު ނުވަތަ އަދިރި މީހުންނަށް މިހެންދިމާވާލެއް ގިނައެވެ. އަދި ހަމުގެ ކުލަ އަލި ނުވަތަ ދޮން މީހުންނަށް މިހެންދިމާވާލެއް މަދެވެ. ނަމަވެސް ދޮންމީހުންނަށް އަދި ކަޅު މީހުންނަށްވެސް މިހެން ދިމާވެދާނެއެވެ. އަދި މިކަން ބަލިވެއިންނަ ކޮންމެފަހަރަކުވެސް ކުރީފަހަރަށްވުރެ ބޮޑަށް ދިމާވުމަކީ ވަރަށް އާއްމު ކަމެކެވެ.

އާއްމުގޮތެއްގައި މިގޮތަށް ކަޅު ލަފު ނަގަނީ މަތީތުންފަތުގެ ވަށައިގެން، ނޭފަތުގައި، ކޮލުގައި އަދި ނިއްކުރީގައެވެ. އަދި ބައެއްފަހަރު ކޮލުގެ މަތީގައި އަދި ދަތްދޮޅިގައިވެސް މިހެންވެފައި ހުރެއެވެ. ހަމައެއާއިއެކު އަތުގެ މުލައްދަޑީގައި އަދި ހެދުން ނުޖެހި ހުންނަ ހިސާބު ނުވަތަ އިރުގެ އަވި ޖެހޭ ތަންތަނުގައިވެސް ހަންގަޑުގައި ކަޅު ލަފުނަގައެވެ.

އެންމެބޮޑަށް މިގޮތަށް ހަންގަޑު ކަޅުވެފައި ހުންނަނީ ހަށިގަނޑުގައި ޠަބީޢީގޮތުންވެސް އެހެންތަންތަނަށްވުރެ ކަޅުކަންގަދަ ހަންގަޑުގައެވެ. މިސާލަކަށް ވަށްގަޑުގައި އަދިވަށްގަޑުގެ ވަށައިގެންވާ އަދިރި ހަންގަޑުގައި، ކުރިމަތިފަރާތުގައި އަދި ލަކުނު، އުފަންލަފު ފަދަ ތަންތަނުގައި ބަލިވެއިނުމުން ހަންގަޑު ބޮޑަށް ކަޅުވެއެވެ. އަދި ގިނަގިނައިން ޖެހިހަދާ ތަންތަނުގައިވެސް ހަންގަޑު ބޮޑަށް ކަޅުވެއެވެ. މިސާލަކަށް ފައިގެ ފަލަމަސްގަޑު ހިގާއިރު ޖެހޭތަން ބޮޑަށް ކަޅުވެއެވެ. އަދި ކިހިލިފަތްދަށުގައިވެސް މިގޮތަށް ބޮޑަށް ކަޅުވެއެވެ.

މިގޮތަށް ބަލިވެއިނުމުން ހަންގަޑު ބޮޑަށް ކަޅުވަނީ ހަށިގަނޑުގެ ހޯމޮންތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އެއީ ބަލިވެއިނުމުން ހަށިގަނޑުގައި އިތުރަށް އުފެދޭ މިލަނިން ކިޔާ ހޯމޯނެއްގެ ސަބަބުންނެވެ. މިއީ ބަލިވެއިނުމުގެ ކުރިންވެސް ހަށީގަނޑުގައި ހުންނަ ހޯމޯނެކެވެ. ހަމުގަޔާއި، އިސްތަށީގައި އަދި ލޮލުގެ ކަޅުކަޅީގައި ކުލަޖައްސައިދެނީ މިހޯމޯންގެ ސަބަބުންނެވެ. ބަލިވެއިނުމުން މިހޯމޯން އުފައްދާވަރު ގިނަވެ ހަންގަޑު އިތުރަށް ކަޅުވަނީއެވެ. ވުމާއެކު ވިހެއުމަށްފަހު މަޑުމަޑުން މިކަންތައް ދާނީ ރަނގަޅުވަމުންނެވެ. އަދި ބަލިވެއިނުމުގެ ކުރިން ހުރި ގޮތަށް ގިނަފަހަރު ބަދަލުވާނެއެވެ. ނަމަވެސް ބައެއް އަންހެނުންގެ މިގޮތަށް ކަޅުވެފައި ހުންނަތަންތަން އެއްކޮށް މުޅިން ރަނގަޅުވެ ރީތި ނުވުމަކީ ވެދާނެކަމެކެވެ.

މާބަނޑު ދުވަސްވަރު ބަޑުގައި ދިގަށް ކަޅުކުލައިގެ ރޮގު ހުންނަނީ ކީއްވެ؟

މިއީ ބަލވެއިނުމުން އުފެދޭ ޠަބީޢީ ރޮގެކެވެ. މިރޮގަށް ކިޔަނީ ބަބުރު ރޮގު (Linea Nigra) އެވެ. ބަލިވެއިނުމުގެ ކުރިން މިރޮގުގެ ބަދަލުގައި ހަމާއި އެއްކުލައިން ރޮގެއް އިންނާނެއެވެ. ނަމަވެސް މިކަން ފާހަގަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ހަމައި އެއްކުލައިން އިންނާތީއެވެ. ބަލިވެއިނުމުން އިތުރުވާ މިލަނިން ހޯމޯންގެ ސަބަބުން މިރޮގުގެ ކުލަގަދަވެ ބަބުރު ރޮގަށް ބަދަލުވަނީއެވެ. އާއްމުގޮތެއްގައި މިރޮގުވެސް ވިހެއުމަށްފަހު އެތައްމަސްދުވަހުގެ ތެރޭ މަޑުމަޑުން ފަޑުވަމުން ފަޑުވަމުންގޮސް ބަލިވެއިނުމުގެ ކުރިން ހުރި ގޮތަށް ބަދަލުވާނެއެވެ.

މާބަނޑު ދުވަސްވަރު ހަންގަޑު ކަޅުވިޔަ ނުދޭން ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

އާއްމުގޮތެއްގައި ބަލިވެއިނުމުން ހަނގަޑު ކަޅުވުން ނުވަތަ އުފެދޭ ލަށްތައް ވިހެއުމަށްފަހު މަޑުމަޑުން ފަޑުވަމުންގޮސް ބަލިވެއިނުމުގެ ކުރިން ހުރި ގޮތަށް ބަދަލުވާނެއެވެ. މާބަނޑު ދުވަސްވަރު މިކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ހުރެއެވެ. ތިރީގައި އެވަނީ މިގޮތުނވ ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

- އަތްވަށް ވީވަރަކުން ނުނިކުމެ އުޅޭށެވެ. އެއީ އަވީގެ އަލީގައި ހުންނަ އަލްޓްރާ ވައިލެޓު ދޯދީގެ ސަބަބުން މިގޮތަށް އުފެދޭ ކަޅުލައްތައް އިތުރަށް ކަޅުވެއެވެ. ވުމާއެކު އަތްވަށް ނުކުންނަނަމަ އަލްޓްރާ ވައިލެޓު ދޯދިން ހަންގަޑު ހިމާޔަތްކޮށްދޭފަދަ ލޯޝަނެއް ނުވަތަ ކުރީމެއް ބޭނުން ކުރެވިދާނެއެވެ. އަދި އަތްވަށް ނުނިކުތަސް ހެދުނު މިފަދަ ލޯޝަނެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ. އެއީ އަތްވަށް ނުނިކުތަސް ކުޑަދޮރުކައިރިން ނުވަތަ ގަހުގެ ހިޔަލުންވެސް މިދޯދޮ ފޭދިގެން އަންނަކަމަށް ދިރާސާތަކުން ދައްކާތީއެވެ. އަދި ބޭރަށް ނިކުންނަނަމަ އިސްލާމީ ފޭރާމެއް ނުވަތަ އަތްދިގު އަދި ބޯ ފޮރުވޭފަދަ ފޭރާމެއް ލުން ރަނގަޅުވާނެއެވެ. އަދި އަވީގައިވާ ވަގުތު ވީވަރަކުން މަދުކުރާށެވެ. ހާއްސަކޮށް ހެދުނު 10 އިން ފެށިގެން މެންދުރު ފަހު 3 ޖަހަންދެން ވީވަރަކުން ބޭރަށް ނުނިކުމެ ވޭތޯ ބަލާށެވެ.

- ހަންގަޑު އޮމާންކޮށް ތެތްކޮށް ހުންނަ ފަދަ ލޯޝަނެއް ނުވަތަ ކުރީމެއް ބޭނުން ކުރާށެވެ. ހަންގަޑު ކުރަކިވުމާއި ހިކުމަކީ ބޮޑަށް ކަޅުވާނެ ކަމެކެވެ.

- ވަރުގަދަ މޭކަޕު އެއްޗެތި ބޭނުން ނުކުރާށެވެ. އަދި ހަންގަޑު ސާފުކުރަން ބޭނުން ކުރާ ބާރުގަދަ އެއްޗެތި އެއްގޮތަކަށްވެސް ބޭނުން ނުކުރާށެވެ.

ވިހެއުމަށްފަހު ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ވިހެއުމަށްފަހުވެސް ވީވަރަކުން އަތްވަށް ނުނިކުމެވޭތޯ ބަލާށެވެ. އަދި އަތްވަށް ނިކުންނަ ނަމަ ކުރިން ބޭނުން ކުރިފަދަ ލޯޝަނެއް ނުވަތަ ކުރީމެއް ބޭނުން ކުރާށެވެ. އަދި އަތްވަށް ނިކުންނަ ނަމަވެސް ހަށިގަނޑު ވީވަރަކުން ނިވައި ކުރާށެވެ. އިސާހިތަކު މަޑުމަޑުން ކަޅުކޮށް ހުރިތަންތަން ފޭދެމުން ފަޑުވަމުންގޮސް ބަލިވެއިނުމުގެ ކުރިން ހުރި ގޮތަށް ބަދަލުވެދާނެއެވެ.

ވަރަށް މަދު ބައެއް އަންހެނުން ވިހެއުމަށްފަހުވެސް މިގޮތަށް ކަޅުވެފައި ހުންނަ ތަންތަން މުޅިން ރަނަގަޅު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ދޭތެރެ ދުރުކުރުމަށް އެސްޓްރޯޖަން ފަދަ އެއްޗެއް ބޭނުން ކުރާނަމައެވެ. ވުމާއެކު ވިހެއުމަށްފަހު ހަނގަޑު ކުރިން ހުރިގޮތަށް ބަދަލު ނުވާނަމަ ދޭތެރެ ދުރުކުރުމަށް އެހެން ވައްތަރެއްގެ ވަސީލަތެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ.

ވިހެއުމަށްފަހު އެތައްމަހެއް ފާއިތުވެގެންދާއިރުވެސް އަދި ދޭތެރެ ދުރުކުރުމަށް އެއްވެސް ވަސީލަތެއް ބޭނުން ނުކުރާއިރުވެސް ހަމުގެ ކުލަ ރީތި ނުވާނަމަ ޑޮކުޓަރަށް ދައްކައިގެން މިކަން ރަނގަޅު ކުރުމަށް ބޭހެއް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މިފަދަ ބޭހެއް ބޭނުން ކުރާނަމަ ބޭނުން ކުރުމުގެ ކުރިން ގާތުން ދޭކަން ނުވަތަ ނޫންކަން ޑޮކުޓަރުގާތު ބުނަން ޖެހޭނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އިތުރު ކުއްޖަކު ހޯދަން ބޭނުންނަމަވެސް ޑޮކުޓަރުގާތު ބުނަންވާނެއެވެ. އެއީ މިގޮތަށް ބޭނުން ކުރާ ބައެއް ބޭހަކީ ގާތުން ދޭއިރު އަދި ކައިރި މުސްތަގުބަލެއްގައި ބަލިވެ އިންނަން ބޭނުންނަމަ ބޭނުން ކުރުން ރަނގަޅު ބޭހެއް ނޫނެވެ.

މިފަދަ ބޭހެއް ބޭނުން ކުރިނަމަވެސް މާއަވަހަށް ހަންގަޑު ރަނގަޅުވެ ރީތިވާނެ ކަމަށް އުއްމީދު ނުކުރާށެވެ. މިކަމަށް ދުވަސްނަގާނެއެވެ. އަދި ބޭސް ބޭނުން ކުރުމުންވެސް ރަނގަޅު ނުވިނަމަ ލޭޒަރ ބޭނުން ކޮށްގެންވެސް ހަންގަޑު ރީތި ކުރެވެން މިހާރު ހުރެއެވެ.

މިކަޅު ލަފުތަކަކީ އެއްވެސް ނުރައްކަލެއް ނުވަތަ ބައްޔެއްގެ އަލާމާތެއްތަ؟

މިގޮތަށް ހަންގަޑުގައި އުފެދޭ ބައެއް ކަޅު ލަފުތަކަކީ ކެންސަރަށް ބަދަލުވާ އެއްޗެކެވެ. އަދި މިނޫނަސް ތަފާތު ބަލިތަކުގެ އަލާމަތުގެ ގޮތުގައިވެސް މިގޮތަށް ދިމާވެއެވެ. ވުމާއެކު ހަންގަޑުގެއި މިގޮތަށް އިފެދޭ ކަޅު ލަފުތަކުގައި ތަދުވާނަމަ، ރަތްވެފާ ހުންނަނަމަ ނުވަތަ ލޭއަންނަނަމަ ޑޮކުޓަރަށް ދައްކާށެވެ. އަދި މާއަވަހަށް މިލަފުތަކުގެ ކުލަ ނުވަތަ ސިފަ ބަދަލުވާނަމަ ނުވަތަ މާއަވަހަށް ބޮޑުވެ ނުވަތަ ކުޑަވާނަމަވެސް ޑޮކުޓަރަށް ދައްކާށެވެ. އަދި އަންނަ ބަދަލުތަށް ޑޮކުޓަރަށް ކިޔައިދޭށެވެ. އެއީ މިފަދަ ބައެއް ބަދަލުތަކަކީ ކެއްސަރުގެ އަލާމާތެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.