ހޯމަ20181119

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ދަގަނޑު މަދުވުމުގެ ސަބަބުން ލޭމަދުވުން (Iron-deficiency anemia in pregnancy)

މާބަނޑު ދުވަސްވަރު ދަގަނޑު މަދުވުމުގެ ސަބަބުން ލޭމަދުވުން (Iron-deficiency anemia in pregnancy)

ley-madhuvun-66* ބަލިވެއިނުމުން ލޭމަދުވުމުގެ ފުރުޞަތު ބޮޑުވަނީ ކީއްވެ؟

* ހަށިގަނޑުގައި ލޭމަދުވެއްޖެކަން އެނގޭނެ އަލާމާތްތަކަކީ ކޮބާ؟

* މިކަމަށް ފަރުވާ ކުރާނީ ކިހިނެއް؟

* ގިނައިން ދަގަނޑު ބޭނުންކުރުމަކީ އެއްވެސް ނުރައްކަލެއް ވެދާނެ ކަމެއްތަ؟

* ލޭމަދުވުމުގެ ސަބަބުންމައިމީހާއާއި ދަރިފުޅުގެ ސިއްހަތަށް ކުރާ އަސަރުތަކަކީ ކޮބާ؟

* ދަނގަޑު މަދުވުމުގެ ސަބަބުން ލޭމަދުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ބަލިވެއިނުމުން ލޭމަދުވުމުގެ ފުރުޞަތު ބޮޑުވަނީ ކީއްވެ؟

ބަލިވެއިނުމުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މިންވަރު ވަރަށްބޮޑުތަން އިތުރުވެގެން ދެއެވެ. ދަގަނޑަކީ ހީމޮގުލޮބިން އުފެއްދުމަށްތަކައި ކޮންމެހެންވެސް ބޭނުންވާ މާއްދާއެކެވެ. ހީމޮގުލޮބިންއަކީ ލޭގެ ރަތްހަތާތަކުގައި ހުންނަ ޕްރޮޓީންއެކެވެ. ހަށިގަނޑުގެ ހަތާތަކަށް ބޭނުންވާ އޮކުސިޖން ގެންގޮސްދެނީ މިހީމޮގުލޮބިން އިންނެވެ. ބަލިވެއިނުމުން ހަށިގަނޑުގައި ވަރަށްގިނައިން ލޭއިތުރުވެގެން ދެއެވެ. މިގޮތުން ގާތްގަޑަކަށް ބަލިވެއިނުމުގެ ކުރިން ހުރި މިންވަރަށްވުރެ 50% އިތުރަށް ބަލިވެއިނުމުން ލޭ އުފައްދައެވެ. އިތުރުވެގެންދާ މިލޭގައި ހިމެނޭ ހީމޮގުލޮބިން އުފެއްދުމަށްޓަކައި އިތުރަށް ދަގަނޑު ބޭނުންވެއެވެ. މީގެއިތުރުން ރަހިމުގައި ބޮޑުވަމުންދާ ދަރިފުޅަށާއި ދަރިފުޅުގެ މަހަށްވެސް އިތުރު ދަގަނޑު ބޭނުންވެއެވެ.

ވަރަށް ގިނަފހަރު ވަރަށްގިނަ އަންހެނުން ބަލިވެއިންނައިރު ހަށިގަނޑުގައި ހަށިގަނޑުގައި އިތުރަށް އުފައްދާން ލެޔަށް ބޭނުންވާވަރަށް ދަގަނޑު ރައްކާކުރެވިފައެއް ނުހުރެއެވެ. ހާއްސަކޮށް ދެވަނަ ތިންމަހާއި ފަހުތިންމަހުބޭނުންވާވަރަށް ދަގަނޑު ހަށިގަނޑުގައި ރައްކާކުރެވިފައެއް ނުހުރެއެވެ. ހަށިގަނޑުގައި ހުރިދަގަނޑުން އިތުރަށް އުފައްދާ ލޭގައި ހުންނަ ހީމޮގުލޮބިން އަށް ބޭނުންވާވަރަށް ނުވަތަ ހޯމޮގުލޮޕބިމް އުފެއްދުމަށް ބޭނުންވާވަރަށް ދަގަނޑު ނުލިބުނުނަމަ އެހިސާބުން ލޭމަދުވާން ފަށައެވެ.

މިގޮތުން ލޭމަދުވުމުގެ ފުރުޞަތު މޭނުބައިކޮށް ހޮޑުލެވޭނަމަ އިތުރަށް ބޮޑުވެގެންދެއެވެ. ހަމައެފަދައިން ގާތްގާތުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބަލިވެއިންނަ ނަމަވެސް ލޭމަދުވުމުގެ ފުރުޞަތު ބޮޑުވެއެވެ. ހާއްސަކޮށް ދަގަނޑުގިނަ ކާނާ ކެއުން މަދުނަމައެވެ. އަދި ބަލިވެއިނުމުގެ ކުރިން މައްސަރުކަންތަކުގެ ލޭމައިނައިން ފައިބާނަމަވެސް ލޭމަދުވުމުގެ ފުރުޞަތު އިތުރަށް ބޮޑުވެއެވެ.

މިސަބަބުތަކާހުރެ ބަލިވެއިނުމުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މިންވަރު ދުވާލަކަށް 27 މިލިގުރާމަށް އިތުރުވެގެންދެއެވެ. ބަލިވެއިނުމުގެ ކުރިން ދުވާލަކަށް ހަށިގަނޑަށް ބޭނުންވަނީ ގާތްގަޑަކަށް 18 މިލިގުރާމު ދަގަނޑެވެ. ދުވާލަކަށް ބޭނުންވާ 27 މިލިގުރާމު ދަގަނޑު ހަމައެކަނީ ކާބޯތަކެތިން ހޯދުމަކީ ދަތިކަމެކެވެ. (ނޯޓު: ކާބޯތަކެތީގައި ހުންނަ ނުވަތަ ބޭނުންކުރާ ހުރިހާ ދަގަނޑެއް ހަށިގަނޑަކަށް ނުނަގައެވެ. ބޭނުންކުރާ ދަގަނޑުގެ ވަރަށްބޮޑުބައެއް ނަޖިހާއިއެކު ބޭރުވެގެން ދެއެވެ.) ވުމާއެކު ޑޮކުޓަރުގެ ލަފަޔާއިއެކު ދުވާލަކު 30 މިލިގުރާމުގެ ދަގަނޑުގެ ޑޯޒެއް ނެގުމަކީ ބޭނުންތެރި ކަމެކެވެ. ބަލިވެއިނުމުން ބޭނުންކުރަންދޭ ވަރަށް ގިނަބޭސްތަކުގައި ދަނގަޑު ހުންނާނެއެވެ.

އާއްމުގޮތެއްގައި ހަށިގަނޑުން ލޭމަދުވާ އެންމެ އާއްމު ސަބަބަކީ ހަށިގަނޑުން ދގަނޑު މަދުވުމެވެ. ނަމަވެސް މިއީ ލޭމަދުވާ ހަމައެކަނި ސަބަބެއް ނޫނެވެ. ފޯލިކު އެސިޑު މަދުވުން، ވިޓަމިން ބީ12 މަދުވުން، ހަށިގަނޑުން ގިނައިން ލޭބޭރުވުން އަދި ތެލެސީމިއާފަދަ ބައެއް ބަލިތަކަކީވެސް ލޭމަދުވުމަށް ދިމާވާ ސަބަބުތަކެކެވެ. ލޭމަދުވުމަށް ފަރުވާ ކުރުމުގައި ސަބަބަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ ލޭމަދުވުމަށް ފަރުވާކުރެވޭނީ ލޭމަދުވުމަށް ދިމާވާ ސަބަބު ނައްތާލައިގެންނެވެ. ލޭމަދުވާ ކޮންމެ ފަހަރަކު ގިނައިން ދަގަނޑު ބޭނުން ކުރުމަކުން ލޭރަނގަޅެއް ނުވާނެއެވެ.

ހަށިގަނޑުގައި ލޭމަދުވެއްޖެކަން އެނގޭނެ އަލާމާތްތަކަކީ ކޮބާ؟

އާއްމުގޮތެއްގައި ބަލިވެއިނުމުން ޑޮކުޓަރަށް ދައްކާ ފުރަތަމަ ފަހަރު ލޭމަދުތޯ ބެލުމަށްޓަކައި ލޭ ޓެސްޓު ކުރާނެއެވެ. މިގޮތުން ޓެސްޓު ކުރާއިރު ލޭގައި ރަތްހަތާހުރި ނިސްބަތް ބެލުމަށްޓަކައި ކުރާ ހިމަޓޮކުރިޓު ޓެސްޓާއި ހީމޮގުލޮބިން ހުރިއަދަދު ބެލުމަށް ކުރާ ހީމޮގުލޮބިން ޓެސްޓު ހިމެނެއެވެ. ބަނޑު ބޮޑުވަމުންދާވަރަކަށް ލޭމަދުވުމުގެ ފުރުޞަތު އިތުރުވުމަކީ އާއްމު ކަމެކެވެ. ފުރަތަމަ ކުރާ ޓެސްޓުން ލޭރަނގަޅުކަމަށް ދެއްކި ކަމުގައި ވިޔަސް 4 ވަނަ މަސް ފެށުމުން އަދި 7 ވަނަ މަސް ފެށުމުން މިޓެސްޓު ތަކުރާރު ކުރަން ޖެހޭނެއެވެ. ދެވަނަ ތިންމަހު ހީމަޓޮކުރިޓާއި ހީމޮގުލޮބިން ކޮންމެވެސްވަރަކަށް ދަށަށް ދިއުމަކީ ޠަބީޢީ ކަމެކެވެ. އެއީ މިދުވަސްވަރު ހަށިގަނޑުގައި އާދަޔާ ޚިލާފަށް އިތުރަށް ލޭއުފައްދާއިރު ލޭގައި ހިމެނޭ ހަތާތަކަށްވުރެ އަވަހަށް ލޭގައި ހިމެނޭ ޕްލާޒްމާ ނުވަތަ ފެނުގެ ބައި އުފައްދާލެއް އަވަސްވާތީއެވެ. ނަމަވެސް މިފަދަ ހާލަތުގައިވެސް ޙިމަޓޮކުރިޓާއި ހީމޮގުލޮބިން މާބޮޑަށް ދަށަށްގޮސްގެން ނުވާނެއެވެ.

ލޭމަދުވާ ކޮންމެފަހަރަކު މިކަމުގެ އަލާމާތްތަކެއް ނުފެންނާނެއެވެ. ހާއްސަކޮށް ކުޑަކުޑަކޮށް ލޭމަދުވެފައިވާނަމައެވެ. ނަމަވެސް ލޭމަދުވެއްޖެނަމަ ވަރުބަލިވުން، ވަރުނުހުރުން އަދި ބޯއެބުރުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު ލޭމަދުނުވިޔަސް މިހެން ކޮންމެވެސް ހިސާބެއްގައި ވުމަކީ ވަރަށް އާއްމު ކަމެކެވެ. އާދައިގެ ވަރަކަށް ނުވަތަ އެއަށްވުރެ ބޮޑަށް ލޭމަދުވެއްޖެނަމަ އިސްވެދިޔަ އަލާމާތްތަކުގެ އިތުރުން ހިތްހިގުން އަވަސްވުމާއި، ނޭވާލާން އުދަގޫވުމާއި ވިސްނަން އުދަގޫވުމުމާއި ހަށިގަނޑު ދޮންވުން ނުވަތަ ހުދުވުން ފަދަ އަލާމާތްތައް ފެނުމަކީ ވެދާނެކަމެކެވެ. ހާއްސަކޮށް އަތުގެ ނިޔަފަތިތަކާއި، ލޮލުފިޔައިގެ ދަށްފުށާއި އަދި ތުންފަތުގެ އެތެރެބައި ބޮޑަށް ހުދުވާނެއެވެ. ނުވަތަ ދޮންވާނެއެވެ. ދަގަނޑު މަދުވުމުގެ ސަބަބުން މާބޮޑަށް ލޭމަދުވެއްޖެ ނަމަ ކާއެއްޗެތި ނޫން އެއްޗެތި ކާހިތްވުމަކީ ވެދާނެ ކަމެކެވެ. މިސާލަކަށް މިފަދަ މީހުން ކަރުދާސް، ގާ، ވެލި، ފަންސުރު ފަދަ އެއްޗެތި ކާހިތްވާނެއެވެ. މާބަނޑު އަންހެނަކު މިފަދަ އެއްޗެތި ކާނަމަ މިކަން މަނާކުރާށެވެ. އަދި ޑޮކުޓަރަށް ދައްކައިގެން ލޭޓެސްޓު ކުރާށެވެ.

މިކަމަށް ފަރުވާ ކުރާނީ ކިހިނެއް؟

ޓެސްޓުތަކުން ދަގަނޑު މަދުވުމުގެ ސަބަބުން ލޭމަދުވެފައިހުރިކަމަށް ދައްކާނަމަ ދަގަނޑު ބޭސް ބޭނުން ކުރަން ފަށަން ޖެހޭނެއެވެ. މިގޮތުން ދުވާލަކު 60-120 މިލިގުރާމުގެ ދަގަނޑުބޭސް ބޭނުން ކުރަން ޖެހޭނެއެވެ. އެއީ މިވަރު ބޭނުން ކުރުމުން ހަށިގަނޑަށް ބެނުންވާވަރު ގޮހޮރުން އާއްމުގޮތެއްގައި ހަށިގަނޑަށް ނަގާނެއެވެ. ( ނޯޓު: ބޭނުންކުރާ ހުރިހާ ދަގަނޑެއް ހަށިގަނޑަކަށް ނުނަގާނެއެވެ. ބޮޑުބައެއް ނަޖިހާއި އެކު ބޭރުވެގެން ދާނެއެވެ.) ދަގަނޑު ބޭސް ބޭނުން ކުރުން ރަނގަޅީ ކެއުމުގެ ކުރިން ގޮހޮރު ހުސްކޮށް ހުއްޓައެވެ. އެއަށްފަހު އޮރެންޖު ޖޫސްތައްޓެއް ބުއިން ރަނގަޅެވެ. އެއީ ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ނަގާމިންވަރު އިތުރު ކުރާއެއްޗެކެވެ. އޮރެންޖުގައި ވަރަށް ގިނައިން ވިޓަމިން ސީ ހުންނާނެއެވެ. ދަގަނޑު ބޭސް ބޭނުންކުރުމަށްފަހު ކިރުބުއިން ބުއްދިވެރިއެއް ނޫނެވެ. އެއީ ކިރުގައި ހިމެނޭ ކެލްސިއަމަކީ ދަގަނޑު ހަށިގަނޑަށް ނަގާ މިންވަރު މަދު ކުރާއެއްޗެކެވެ.

އިސްވެދެންނެވުނު 60-120 މިލިގުރާމުގެ ޑޯޒަކީ ސާފުދަގަޑުގެ ޑޯޒުބޭނުން ކުރަން ޖެހޭމިންވަރެވެ. އާއްމުގޮތެއްގައި ދަގަނޑު ބޭސް ތައްޔާރު ކުރެވިފައި ހުންނަނީ ފައްކާ ނުވަތަ ސާފު ދަގަނޑު އެކަނި ބޭނުން ކޮށްގެނެއް ނޫނެވެ. މިސާލަކަށް ދަގަނޑު ބޭސް ތައްޔާރު ކުރާއިރު ފީރަސްސަލްފޭރު ނުވަތަ ގުލުކޯނޭޓު ސަލްފޭތުގެ ގޮތުގައިވެސް ތައްޔާރު ކުރެވެއެވެ. ވުމާއެކު ޑޯޒު އިތުރަށް ބޭނުްނ ކުރަން ޖެހޭނެއެވެ. މިސާލަކަށް 325 މިލިގުރާމް ފީރަސް ސަލްފޭޓުގައި ސާފުދަގަނޑުގެން މިންވަރު ހުންނާނީ ގާތްގަޑަކަށް 06 މިލިގުރާމެވެ. އަދި 300 މިލިގުރާމު ފީރަސް ގުލުކޯނޭޓުގައި ސާފުދަގަނޑު ހުންނަ މިންވަރަކީ ގާތްގަޑަކަށް 34 މިލިގުރާމެއެވެ.

ދަގަނޑުބޭސް ބޭނުން ކުރާމައިން މިބޭސް ކުޑަކުދިންގެ އަތުނުޖެހޭ ހިސާބު ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. ބޮޑުމީހަކު ބޭނުންކުރާ އާދައިގެ ޑޯޒަކުން ކުޑަކުއްޖަކު ފުރާނައަށް ގެއްލުންވާވަރަށް ވިހަވުމަކީ އެކަށީގެން ވާކަމެކެވެ.

ގިނައިން ދަގަނޑު ބޭނުންކުރުމަކީ އެއްވެސް ނުރައްކަލެއް ވެދާނެ ކަމެއްތަ؟

ގިނައިން ދަގަނޑު ބޭނުން ކުރުމަކީ ބަނޑުގެ އުދަގޫތައްވުން އެކަށީގެންވާ ކަމެކެވެ. މިގޮތުން އެންމެ އާއްމުކޮށްދިމާވާ އެއްކަމަކީ ބަނޑުހިކުމެވެ. ބޮޑުމަކުދާން އުދަގޫވުމެވެ. މިއީ މިބޭސް ބޭނުން ކުރުމުގެ ކުރިންވެސް ވަރަށްގިނަ މާބަނޑު މީހުންނަށް ދިމާވާކަމެކެވެ. ވުމާއެކު މިކަމުގެ އުދާގޫ އިތުރަށް ބޮޑުވެއެވެ. ބަނޑުހިކުމުގެ އުދަގޫވާނަމަ ގިނައިން އޮރެންޖުޖޫސް ލިބޯފަނި ފަދަ ވިޓަމިން ސީގިނަ ކާނާ ބޭނުން ކުރުން ރަނގަޅުވާނެއެވެ. މިއީ ބަނޑުހިކުމުގެ އުދަގޫ ކުޑަކޮށް އަދި ދަގަނޑު ހަށިގަނޑަށް ނަގާ މިންވަރު އިތުރުކުރާ އެއްޗެކެވެ. ބަނޑު ހިކުމުގެ އިތުރުން މޭނުބައިކުރުމާއި އަދި ވަރަށް މަދު ބައެއް ފަހަރު ބޭރަށް ހިންގުމަކީވެސް އެކަށީގެންވާ ކެމެކެވެ. އަދި މިކަންކަމުގެ އުދަގޫ ބޮޑުވާނަމަ ނިދާގަޑީގައި ދަގަނޑު ބޭސް ބޭނުން ކުރާށެވެ.

އޮރެންޖު ޖޫސް ބޭނުން ކުރުމަށްފަހުވެސް އަދި ނިދާގަޑީގައި މިބޭސް ބޭނުން ކުރުމުންވެސް ބަނޑުގެ އުދަގޫތަކަށް ލުއިކަމެއް ނައިނަމަ ޑޯކުޓަރާއި ވާހަކަ ދައްކައިގެން ބޭސް ބޭނުން ކުރާމިންވަރު މަދު ކުރާށެވެ. އަދި މަޑުމަޑުން ބޭނުން ކުރާމިންވަރު އިތުރު ކުރަމުން ގެންދާށެވެ. މިގޮތަށްގޮސް ދުވާލަކަށް ބޭނުން ކުރަން ޖެހޭމިންވަރަށް އިތުރު ކުރާށެވެ. ނުވަތަ ދުވާލަކަށް ބޭނުން ކުރަންޖެހޭ ޑޯޒު ދުވާލުގެ ވަގުތުތަކަށް ބަހާލައިގެން ބޭނުން ކުރާށެވެ.

ދަގަނޑު ބޭސް ބޭނުން ކުރާނަމަ ބޮޑުކަމުދާއެއްޗެތީގެ ކުލަ ކަޅު ކުލައަށް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. މިހެން ވިޔަސް ހާސް ނުވާށެވެ. މިއީ އެއްވެސް ނުރައްކަލެއް ހުރި ކަމެއް ނޫނެވެ. މިއި މިބޭސް ބޭނުން ކުރާ މީހުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ.

ލޭމަދުވުމުގެ ސަބަބުން މައިމީހާއާއި ދަރިފުޅުގެ ސިއްހަތަށް ކުރާ އަސަރުތަކަކީ ކޮބާ؟

މައިމީހާގެ ހަށިގަނޑުގައި ދަގަނޑު މަދުވިޔަސް ވަރަށް ބޮޑަށް މަދުނުވާނަމަ ދަރިފުޅަށް ބޭނުންވާ ބައި ދަރިފުޅު މައިމީހާގެ ހަށިގަނޑުން ނަގާނެއެވެ. ވުމާއެކު މިކަމުގެ ސަބަބުން ދަރިފުޅަށް ގެއްލުންވާނީ ވަރަށް ބޮޑުވަރު ވުމުންނެވެ. އެހެންނަމަވެސް ފުރަތަމަ ހަމަހުގެ ތެރޭގައި ލޭމަދުވުމަކީ ދުވަސްނުފުރައި ވިހެއުމާއި އަދި ވިހާއިރު ދަރިފުޅު ބަރުނުވުމުގެ ފުރުޞަތު ވަރަށް ބޮޑު ކުރާކަމެކެވެ. ވުމާއެކު ބައެއްފަހަރު މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި މާބޮޑަށް މައިމީހާގެ ަހށިގަނޑުގައި ދަގަނޑު މަދުނަމަ ދަރިފުޅު ވިހާއިރު ދަރިފުޅުގެ ހަށިގަނޑުގައި ބޭނުންވާވަރަށް ދަގަނޑު ރައްކާކުރެވިފައެއް ނުހުންނާނެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަދަރިފުޅުގެ ހަށިގަނޑުން ލޭމަދުވުމަކީ ވަރަށް ގާތްކަމެކެވެ. މިއީ ދަރިފުޅު ބޮޑުވުމާއި ފުރިހަމަ ވުމަށް ހުރަސް އަޅާކަމެކެވެ.

ލޭމަދުވުމަކީ މައިމީހާގެ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކުރާކަމެކެވެ. މިއީ ހަށިގަނޑުގައި ހަކަތަމަދުކޮށް ބަލިތަކުން ރައްކާތެރި ވުމުގެ ބާރު ކުޑަކުރާކަމެކެވެ. އަދި ބަނޑަށް ހަމަހަށްފަހު ލޭމަދުނަމަ އަދި ވިހާއިރު ގިނައިން ލޭފައިބާނަމަ ވަރަށް ނުރައްކާ ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލޭމަދުވުމަކީ ބޯއެބުރުމާއި، މޫނުމައްޗަށް އަދިރި އެޅުމާއި، ހިތްހިގުން އަވަސްވުމާއި އަދި ނޭވާލަން އުދަގޫވުން ފަދަ ކަންތައްތައް ދިމާވެދާނެ ކަމެކެވެ. ވުމާއެކު ހޮސްޕިޓަލުގައި އެއްދުވަސް ދެދުވަސްވަރު ނުވަތަ އެއަށްވުރެ ގިނަދުވަހު އޮންނަން ޖެހުމަކީ އެކަށިގެންވާ ކަމެކެވެ. އަދި މާބޮޑަށް ލޭމަދުނަމަ ލޭއަޅަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދަނގަޑު މަދުވުމުގެ ސަބަބުން ލޭމަދުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

މާބަނޑު ދުވަސްވަރު ބޭނުންކުރަން ޖެހޭ ވިޓަމިން ބޭނުން ކުރުމާއި އެކު ފައިދާހުރި ތަފާތު ކާނާ ކައިބޮއި ހަދާށެވެ. އެއްގަމުމަހަކީ މިގޮތުން ބޭނުން ކުރަން އެންމެ ރަނގަޅު ކާނާއެވެ. މީގެއިތުރުން ކުކުޅުމަހާއި ކަނޑުމަހުގައިވެސް ދަގަނޑު ހުންނާނެއެވެ. މަހުގެ ބާވަތްތަކުގެ އިތުރުން ދަގަނޑު ގިނަ ކާނާގެ ތެރޭގައި ފެހިކުލަގަދަ ފަތް، އެޕްރިކޮޓު، އަލުވި އަދި ބީންފަދަ ބާވަތްތަކަކީވެސް ދަގަނޑު ގިނައިން ހުންނަ ބާވަތްތަކެކެވެ. ނަމަވެސް ވިސްނާށެވެ. މަހުގެ ބާވަތްތަކުގައި ހުންނަ ދަގަނޑު މިނޫންބާތްތަކުގައި ހުންނަ ދަގަނޑަށް ވުރެ މާފަސޭހައިން ހަށިގަނޑަށް ނަގާނެއެވެ. އެއީ މަހުގަ ބާވަތްތަކުގައި ހުންނާނީ ހީމް ދަގަނޑެވެ. އެހެން ބާވަތްތަކުގައި ހުންނާނި ހީމް ނޫން ދަގަނޑެވެ. ހީމް ދަގަނޑު ވަރަށް ފަސޭހައިން ހަށިހގަނޑަށް ނަގައެވެ.

ދަގަނޑު ގިނަ ކާނާ ބޭނުންކުރާއިރު ވިޓަމިން ސީ ގިނައިން ހުންނަ ކާބޯތަކެތި ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ވިޓަމިން ސީއަކީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާއެކެވެ. ވިޓަމިން ސީގިނަ ކާބޯތަކެތީގެ ތެރޭގައި އޮރެންޖު ޖޫސް، ވިލާތުބަށި، ސްޓޯބެރީ އަދި ގުރޭޕު ފުރުޓު ފަދަ ކާނާ ހިމެނެއެވެ.

ކެލްސިއަމް ގިނަ ކާބޮތަކެތި ގިނައިން ބޭނުން ކުރުމަކީ ކާބޯތަކެތީގައި ހުންނަ ދަގަނޑު ހަށިގަނޑަށް ނަގާ މިންވަރު މަދު ކުރާކަމެކެވެ. ވުމާއެކު ލޭމަދުވެގެން ދަގަނޑު ބޭސް ބޭނުން ކުރާ ދުވަސްވަރު މިފަދަ ކާނާ ގިނައިން ބޭނުން ކުރުމަކި ރަނގަޅު ކަމެއް ނޫނެވެ. ވުމާއެކު ދަގަނޑުބޭހާއި އެކު ކިރު ފަދަ ކާނާ ބޭނުން ނުކުރާށެވެ. ކިރު ބޭނުން ކުރާނަމަ ދަގަނޑު ބޭސް ކެއުމަށްފަހު ތަންކޮޅެއްފަހުން ދެތިން ހަތަރު ގަޑިއިރު ފަހުން ކިރު ބޭނުންކުރާށެވެ. ހަމައެފަދައިން ސަޔާއި ކޮފީއަކީވެސް ދަގަނޑު ހަށިގަނޑަށް ނަގާމިންވަރު މަދުކުރާ ދެބާވަތެކެވެ. ވުމާއެކު ދަގަނޑު މަދުވުމުގެ ސަބަބުން ލޭމަދުވެފައިވާ މީހުން ސަޔާ ކޮފީ ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.