ބުރާސްފަތި20180913

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑުދުވަސްވަރު ..... އަރާމުގައި ނިދުމަށް ކުރެވިދާނެ ކަންތައްތައް

މާބަނޑުދުވަސްވަރު ..... އަރާމުގައި ނިދުމަށް ކުރެވިދާނެ ކަންތައްތައް

nidhumai-kanthai-115* ކެއިންބުއިމުގައި ބޭނުންކުރާ ކާނާއާއި ވަގުތުތައް ބަލާށެވެ.

* އަރާމުކުރާން ދަސްކުރާށެވެ.

* ނިދުމުގެ އާދަކާދަ ރަނގަޅު ކުރާށެވެ.

* އެދުގައި އެތައްއިރަކު އޮންނައިރުވެސް ނިދި ނައިސްފިނަމަ ދެންހަދާނީ ކިހިނެއް؟

ބަލިވެއިނުމުން ވަރަށް ގިނަފަހަރު ވަރަށް ގިނަ މައިންނަށް ނިދުމަށް އުދަގޫވާ ވަރަށް ގިނަ ކަންތައްތައް ކުރިމަތި ވެއެވެ.

މިގޮތުން ދިމާވާ ކަންތަކުގެ ތެރޭގައި މޭނުބައިވުމާއި، މެއިންގިނިއެރުމާއި، ފައިގައި ރިއްސުމުގެ އިތުރުން ނިދީގައި ގުގުރިދެމުންވެސް ހިމެނެއެވެ. ވަރަށް ގިނަފަހަރު މިކަންތަކުގެ އުދަގޫ ބޮޑުވެގެންދަނީ ބަލިވެއިނުމުގެ ކުރިން ނިދުމުގެ އާދަކާދަ ގެންގުޅޭ ގޮތުގެ ސަބަބުންނެވެ. ތިރީގައި އެވަނީ ރަނަގަޅަށް އަރާމުގައި ނިދުމަށްޓަކައި ބެލިދާނެ އަދި ކުރވިދާނެ ބައެއް ކަންތަކެވެ.

ކެއިނބުއިމުގައި ބޭނުންކުރާ ކާނާއާއި ވަގުތުތައް ބަލާށެވެ.

- ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާ ތަކެއްޗާއި މުޅިން ދުރުހެލިވާށެވެ.

ދުންފަތުގައި ހުންނަ ނިކޮޓިން އާއި މަސްތުވާ ތަކުތިން ގެއްލުންވަނީ ހަމައެކަނި ބަނޑުގައިވާ ދަރިފުޅަށް އެކަންޏެއްނޫނެވެ. އަދި ކިޔެއްތަ މިއިން މައިމީހާގެ ނިދުމަށްވެސް ހުރަސް އަޅައެވެ. އަދި ގޭގައި މައިމީހާ ނޫނަސް އެހެންމީހަކު ވިޔަސް ދުންފަތުގެ އިސްތިއުމާލް ކޮށްގެން ނުވާނެއެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ގެއްލުންވަނީ ހަމައެކަނި އެބޭނުން ކުރާ މީހާއަށް އެކަންޏެއްނޫނެވެ. ދުމުގެ އަސަރު ކުރާ ހުރިހާމީހުންނަށްވެސް މިކަމުން ގެއްލުން ލިބެއެވެ.

- ކޮފީއާއި ކަޅުސައިބުއިން ހުއްޓާލާށެވެ.

ކެފެއިން ހުންނަ ކާބޯތަކެއްޗާއި ދުރުވާށެވެ. ކެފެއިން ހުންނަ ކާބޮތަކެތީގެ ތެރޭގައި ކޮފީ، ކަޅުސަޔާއި ކިރުސައި އަދި ޗޮކުލެޓު ހިމެނެއެވެ. މިތަކެތި ބޭނުން ކުރުން ހުއްޓާލާށެވެ. ހާއްސަކޮށް މެންދުރުފަހު އެއްގޮތަކަށްވެސް ބޭނުން ނުކުރާށެވެ.

- ރޭގަނޑު ދިޔާއެއްޗެތި ބުއިން މަދުކުރާށެވެ.

މާބަނޑު ދުވަސްވަރު ގިނައިން ދިޔާއެއްޗެތި ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ވީމާ ނިދަން އުދަގޫވާ މައިން ހެނދުނު ގިނައި ދިޔާއެއްޗެތި ބުއިމާއެކު ރޭގަނޑާއި ހަވީރު ދިޔާއެއްޗެތި ބުއިން މަދުކޮށްލިޔަސް ރަނގަޅުވާނެއެވެ.

- ނިދުމުގެ ކުރިން ބަރުކާނާ އަދި ކުޅި ކާނާ ނުކާށެވެ.

ނިދުމުގެ ކުރިން ބަރުކާނާއާއި ޓޮމާޓޯ ފަދަ އެސިޑު ގިނައިން ހުންނަ ކާނާއާއި ކުޅި ކާނާ ކެއުމަކީ ހަޖަމް ކުރަން އުދަގޫވެ މެއިން ގިނިނެގުމުގެ ފުރުޞަތު އިތުރު ކުރާ ކަމެކެވެ. ވީމާ ނިދުމުގެ ކުރިން ލުއިލުއިކޮށް ކެއުމަކީ މުހިއްމު ކަމެކެވެ.

- މޭނުބައިކުރުން ކުޑަކުރުމަށް ފާރޮށި ކްރިމްކޭކަރު ބިސްކޯދުފަދަ އެއްޗެއްކާށެވެ.

މާބަނޑުދުވަސްވަރު އަދި ހާއްސަކޮށް ބަނޑަށް ކުރީކޮޅު އެންމެ އުދަގޫވާ އެއްކަމަކީ މޭނުބައިކުރުމާއި ހޮޑުލެވުމެވެ. ފާރޮށި ކްރިމްކޭކަރު ބިސްކޯދުފަދަ ކާނާއިން މިކަންތައް ކުޑަކޮށްދޭނެއެވެ. ވީމާ ނިދުމުގެ ކުރިން މިފަދަ ކާނާއެއް ބޭނުން ކުރެވިދާނެއެވެ.

އަރާމުކުރާން ދަސްކުރާށެވެ.

- ދުވާލު ގަޑިއެއްހާއިރު ނިދާލާށެވެ.

ދުވާލު ގަޑިއެއްހާއިރު ނިދާލުމަކީ ފިކުރުބޮޑުވުމާއި ވަރުބަލިވުމާއި ދުރުކޮށްދޭ ކަމެކެވެ. ނަމަވެސް މިގޮތަށް ނިދާއިރު މާފަސްކޮށް ނިދުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ރޭގަނޑުގެ ނިންޖަށް މިކަމުން ބުރޫ އަރައިދާނެތީއެވެ. ވީމާ އަސުރުގެ ކުރިން މެންދުރުފަހު ނިދާލުމަކީ އެންމެ ރަނގަޅު ގޮތެވެ.

- ހަވީރާއި ރޭގަނޑު ހަށިގަނޑަށް ބުރަކަމެއް ނުކުރާށެވެ.

ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތަކީ މުހިއްމު އެއްޗަކަށް ވިޔަސް ހަވީރާއި ރޭގަނޑު ރަނގަޅީ ލުއިލުއިކޮށް އުޅުމެވެ. ވީމާ ހަށިގަނޑަށް ބުރަ ކަމެއްވިޔަސް އަދި ކަސްރަތެއްވިޔަސް ކުރަންޏާ ކުރަންވާނީ ހެނދުނުއެވެ.

- ނުތަނަވަސްވާ ކަންތަކާއި ފިކުރުތަކާއި ވީވަރަކުން ދުރުވާށެވެ.

ފިކުރުބޮޑުވެ ނުތަނަވަސްވާ ފަދަ ކަމަކާއި ދިމާވެފައިވާނަމަ ނިދުމުގެ މަދުވެގެން ގަޑިއެއްގެ އިރު ކުރިން މިކަމާއި ދުރުވެވޭތޯ ބަލާށެވެ.

ނިދުމުގެ އާދަކާދަ ރަނގަޅު ކުރާށެވެ.

- ނިދާގަޑިއާއި ހޭލާގަޑި އަބަދުވެސް އެއްވަގުތަކަށް ހެދޭތޯބަލާށެވެ.

ކޮންމެދުވަހަކުވެސް އެއްގަދިއެއްގައި ނިދަން އޮށޮންނާށެވެ. އަދި ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި ނިދައިތެދުވަން އާދަކުރާށެވެ.

- އަބަދުވެސް ނިދުމުގެ ކުރިން އެއްކަންތަކެއް ކުރަން އާދަކުރެވޭތޯ ބަލާށެވެ.

ނިދުމުގެ ކުރިން އަބަނދުވެސް އެއްކަމެއް އެއްވަގުތެއްގައި ކުރަން އާދަކުރާށެވެ. މިސާލަކަށް ކޮންމެރެޔަކުވެސް ނިދުމުގެ ބައިގަޑިއެއްހާއިރު ކުރިން ވާހަކައެއް ކިޔާށެވެ. ނުވަތަ ފެންވަރާށެވެ. މިގޮތަށް އާދަކޮށް ކަންތައް ކުރުމުން ސިކުޑީގައިވާ ބަޔޮލޮޖިކަލް ގަޑިން ނިދާގަޑި ހަމަޖައްސައި ލޮލަށް ނިދިއައުމުގެ މަގު ފަހިކޮށްދޭނެއެވެ.

- އެނދު ކޮޓަރީގެ އެންމެ ފިނިވާ ދިމާލަކު ބަހައްޓާށެވެ.

ބަލިވެއިނުމުން ހަށިގަނޑަށް ހޫނު އިހުސާސް ކުރެވޭ މިންވަރު އިތުރުވެއެވެ. ވީމާ ކޮޓަރި ތަރުތީބު ކުރާއިރު އެނދު އެންމެ ފިނިވާ ދިމާލަކު ބެހެއްޓުން ރަނގަޅުވާނެއެވެ. އަދި ކޮޓަރިއަށް ވީވަރަކުން އަޑާއި އަލި ނުވަންނާނެ ގޮތް ހަދާށެވެ. އެއީ ނިދިބަލިކޮށް ނިދައިފައި އޮންނައިރު މިކަމުގެ ސަބަބުން ވަރަށް ފަސޭހައިން ހޭލެވި ނިދި ފިލައިދާނެތީއެވެ.

- ނިދާކޮޓަރި ހަމައެކަނި ނިދުމަށް ބޭނުން ކުރާށެވެ.

ނިދާކޮޓަރި ހަމައެކަނި ނިދުމަށާޢި ރޭކުރުމަށް ބޭނުން ކުރާށެވެ. ކޮޓަރީގައި ޓީވީބެލުމާއި މުނިފޫހިފިލުވާ ކަންތައް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެނދު ބޭނުން ކުރަންވާނީ ހަމައެކަނި ނިދުމަށާއި ރޭކުރުމަށް އަދި ބައެއް ފަހަރު ވާހަކަ ފޮތެއް ކިޔާލުމަށެވެ.

- ވާތްފަރާތަށްއޮވެ ނިދާށެވެ.

ނިދާއިރު ވާތްފަރާތް މައްޗަށްވާ ގޮތަށް ނިދާށެވެ. އެކަމަށް އާދަވެފައިނެތް ނަމަ މިހާރުއްސުރެ އާދަކުރެވޭތޯ ބަލާށެވެ. މިގޮތަށް ނިދުމުން ބަނޑުގައިވާދަރިފުޅަށް ކާނާއާއި ލޭ ގެންގޮސްދިނުމަށް ފަސޭހަވެއެވެ. އަދި މައިމީހާގެ ހަށިގަނޑުގެ ލޭހިނގުންވެސް ފުރިހަމަކޮށްދެއެވެ. ހަމައެއާއިއެކު ގުރުދާ ނުވަތަ ކިޑުނީން ލޭސާފުކުރުމާއި ލޭގައިހުންނަ ހަޑި ބައިތައް ކުޑަކަމުދާ އެއްޗިއްސަށް ގެންގޮސް ދިނުމަށް އިތުރަށް ފަސޭހަވެގެން ދެއެވެ.

އެނދުގައި އެތައްއިރަކު އޮންނައިރުވެސް ނިދި ނައިސްފިނަމަ ދެންހަދާނީ ކިހިނެއް؟

- އެނދުން ތެދުވާށެވެ.

ނިދަންއޮށޯވެ 20 މިނެޓު ބައިގަޑިއިރުވާއިރުވެސް ނުނިދުނުނަމަ އެނދުން ތެދުވެ ފެންޑާގެއަށް ނިކުމެލާށެވެ. ނުވަތަ އެހެން ކޮޓަރިއަކަށް ގޮސްލާށެވެ. އަދި ވާހަކަ ފޮތެއް ނުވަތަ މަޖައްލާއެއް ނަމަވެސް ކިޔާލާށެވެ. ފޮތްކިޔާ ފޫހިވުމުން ދެން އެނދަށްގޮސް އޮށޯވެލާށެވެ. ލަސްތަކެއްނުވެ ނިދިދާނެއެވެ.

- ދަންވަރުގަޑީގައި ހޭލެވުނަސް ފިކުރުބޮޑު ނުވާށެވެ.

ދަންވަރުގަޑީގައި ހޭލެވުނަސް ފިކުރުބޮޑުނުވާށެވެ. މާބަނޑު ދުވަސްވަރު މިހެން ދިމާވުމަކީ އާދައިގެ ކަމެކެވެ. ބަލިވެއިނުމަށްފަހު ރޭގަނޑު އެއްކޮށް ނިދުމަހީ ގިނަފަހަރު ފަސޭހަކަމެއް ނޫނެވެ. ވަގުތާއެކު މިކަންތައް ހަމަޔަކަށް އެޅިދާނެއެވެ.


ގުޅުންހުރި:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.