އާދީއްތަ20201018

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ލޭ ރަނގަޅު ކުރުމަށް ދަގަނޑުހުންނަ ކާނާ ބޭނުން ކުރާށެވެ.

ލޭ ރަނގަޅު ކުރުމަށް ދަގަނޑުހުންނަ ކާނާ ބޭނުން ކުރާށެވެ.

dhagadu-kaanabeynun-67* މާބަނޑު މީހުންނަށް ދަގަނޑު ބޭނުންވަނީ ކީއްވެ؟

* މާބަނޑު މީހުންނަށް ކިހާ ދަގަނޑެއް ބޭނުންވޭ؟

* ކާނާގެ އިތުރުން ދަގަނޑު ބޭނުން ކުރަން ޖެހޭނެތަ؟

* ދަގަނޑު ގިނައިން ލިބޭ ކާނާތަކަކީ ކޮބާ؟

* ދަނގަޑު ބޭނުން ނުކުރާނަމަ ވާނީ ކިހިނެއް؟

* ދަގަނޑު މަދުވުމުގެ ސަބަބުން ލޭދައްވެއްޖެކަން އެނގޭނީ ކިހިނެއް؟ އަދި އެކަމަށް ފަރުވާ ކުރާނީ ކިހިނެއް؟

* ދަގަނޑު ގިނައިން ބޭނުންކޮށްފިނަމަ އެއްވެސް ގެއްލުމެއް ލިބިދާނެތަ؟

މާބަނޑު މީހުންނަށް ދަގަނޑު ބޭނުންވަނީ ކީއްވެ؟

ލޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ ހިމޮގުލޮބިން އުފެއްދުމަށް ދަނގަޑަކީ ކޮއްމެހެންވެސް ބޭނުންތެރި މާއްދާއެކެވެ. ހިމޮގުލޮބިން އަކީ ލޭގެ ރަތްހަތާގައި ހުންނަ ޕްރޮޓީންއެކެވެ. ހަށިގަނޑުގެ އެކިހިސާބުތަކަށް އޮކުސިޖަން ގެންގޮސްދެނީ ހިމޮގުލޮބިން މެދުވެރިކޮށެވެ. އަދި ހަށިގަނޑުގެ މަސްތަކުގައި ހުންނަ ހުންނަ ޕްރޮޓީނެއް ކަމުގައިވާ މަޔޯގުކލޮބިން އުފެއްދުމަށްވެސް ދަގަނޑަކީ ކޮންމެހެން ބޭނުން ތެރި މާއްދާއެކެވެ. މިއީ މަހުގެ ހަތާތަކަށް ހަކަތަ ހޯދުމަށްޓަކައި އޮކުސިޖަން ގެންގިސްދޭ އުޅަދެވެ. އަދިވެސް ކަށްޓާއި މަޑުކަށީގައި ހިމެނޭ މާއްދައެއް ކަމަށްވާ ކޮލޭޖެން އުފެއްދުމަށާއި ހަށިގަނޑުގައި ހުންނަ ވަރަށް ގިނަ އެންޒައިމް ތައް އުފެއްދުމަށްވެސް ދަގަނޑު ބޭނުން ވެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކަންމަތީ ބެހެއްޓުމަށްވެސް ދަގަނޑު ބޭނުން ވެއެވެ.

މާބަނޑު އަންހެނުންނަށް ބޭނުންވާ ދަގަނޑުގެ މިންވަރު އެހެން ހުރިހާ މީހުންނަށްވުރެ މައްޗެވެ. އަދި ބޭނުންވާ މިންވަރު ބަލިވެއިދެ އިތުރުވަމުންދާ ކޮންމެ ދުވަހަކާއިއެކު ވަރަށް ބޮޑަށް އިތުރު ވެގެންދެއެވެ. ފުރަތަމަ ސަބަބަކީ ބަލިވެ އިނުމުން ހަށިގަޑުގައި ލޭހުންނަ މިންވަރު %50 އިތުރު ވެއެވެ. ހަށިގަނޑަށް އިތުރުވާ މި ލޭ އުފެއްދުމަށް ދަގަނޑު ބޭނުން ވެއެވެ. ދެވަނަސަބަބަކީ ރަހިމުގައި ބޮދުވަމުން އަންނަ ދަރިފުޅާއި ދަރިފުޅުގެ މަހަށް ގިނައަދަދަކަށް ދަގަނޑު ބޭނުންވާތީއެވެ. ގިނައަންހެނުން ބަލިވެއިންނައިރު ހަށިގަނޑަށް އިތުރަށް ބޭނުންވާ ދަގަނޑު ލިއްބައިދޭ މިންވަރަށް ދަގަނޑު ރައްކާ ކުރެވިފައެއް ނުހުރެއެވެ. ހާއްސަކޮށް ބަނޑަށް 4 މަސްވުމަށް ފަހުގައެވެ. އަދި ބަނޑަށް 4 މަސް ވުމަށް ފަހު ހަށިގަނޑަށް އިތުރަށް ބޭނުންވާ ދަގަނޑު ހަމައެކަނި ކާ ކާނާއިން ލިއްބައެއް ނުދެއެވެ.

މާބަނޑު މީހުންނަށް ކިހާ ދަގަނޑެއް ބޭނުންވޭ؟

މާބަނޑު އަންހެނުންނަށް ދުވާލަކު 27 މިލިގުރާމު ދަގަނޑު ބޭނުންވެއެވެ. އަދި ބަލިވެއިނުމުގެ ކުރިން ދުވާލަކު 18 މިލިގުރާމު ދަގަނޑު ބޭނުންވެއެވެ.

ކާނާގެ އިތުރުން ދަގަނޑު ބޭނުން ކުރަން ޖެހޭނެތަ؟

ކާކާނާގެ އިތުރުން ދަގަނޑު ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ހާއްސަކޮށް 4 ވަނަ މަހުންފެށިގެންނެވެ. ކާކާނާގައި ހުންނަ ދަގަނޑުގެ ތެރެއިން ހަށިގަނޑަށް ނަގަނީ ވަރަށް މަދު މިންވަރެކެވެ. ބޮޑުބައެއް ބޭރުވެގެން ދަނީ ހަށިގަނޑަށް ފައިދާ ކުރުމެއްނެތި ނަޖިހާއިއެކުގައެވެ. ނަމަވެސް ބަލިވެއިނުމުން ކާ ކާނާގއި ހުންނަ ދަގަނޑުން ހަށިގަނޑަށް ފައިދާ ކުރާވަރު އިތުރު ވެއެވެ. ބޮޑުބައެއް ހަށިގަނޑަށް ނަގައެވެ.

އާއްމުގޮތެއްގައި މިނެރަލްގެ ގިނަބާވަތް ތަކަކީ ހަށިގަނޑަށް ބަލިވެއިނުމުން ބޭނުންވާ ވަރު ހަމައެކަނި ކާކާނާއިން ހޯދައިދޭން ވަރަށް އުދަގޫ ބާވަތް ތަކެކެވެ. ވުމާއެކު ރަނގަޅު ގޮތަކީ ބަލިވެއިނުމުން ދަގަނޑު ހުންނަ ބޭސް ނެގުމެވެ. މިގޮތުން ނަގާއިރު 30 މިލިގުރާމުވަރު ނެގުން ވަރަށް ރަނގަޅު ވާނެއެވެ. ތެދެކެވެ. މިއީ ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ 27 މިލިގުރާމަށް ވުރެ ގިނަ މިންވަރެކެވެ. އަދި ކިއެއްތަ ކާބޯތަކެތީގައިވެސް ދަގަޑު ހުންނާނެއެވެ. ނަމަވެސް ކުރިންވެސް ދެންނެވުނު ފަދައިން ބޭނުންކުރާ ދަގަނޑު އެއްކޮށް ހަށިގަނޑަކަށް ނުނަގައެވެ. އެއިން ވަރަށް ބޮޑު މިންވަރެއް ބޭރުވެގެންދެއެވެ.

ދަގަނޑު ގިނައިން ލިބޭ ކާނާތަކަކީ ކޮބާ؟

އެއްގަމުމަސް، މޭ، ކަނޑުމަސް ފަދަ ބާވަތްތަކަކީ ދަގަނޑު ވަރަށް ގިނަ ބާވަތް ތަކެކެވެ. ހާއްސަކޮށް މޭމިއީ ދަގނޑު އެންމެ ގިނައިން ލިބޭ އެއް ކާނާއެވެ. ނަމަވެސް މާބަނޑު މީހުން ގިނައިން މޭ ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އެއިން ދަގަނޑު ގިނައިން ލިބުނު ކަމުގައި ވިޔަސް މޭގައި އާދަޔާ ހިލާފަށް ގިނައިން ވިޓަމިން އޭ ހުރެއެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ ގިނައިން ވިޓަމިން އޭ ބޭނުން ކުރުމަކީ ވަރަށް ގެއްލުންވާ ކަމެކެވެ. މާނައަކީ ދިވެހިރާއްޖެ ފަދަ ފަތްޕިލާވެލި ކެއުން މަދު ގައުމެއްގައި އެއްގޮތަކަށްވެސް މޭނުކާށެކޭއެއް ނޫނެވެ. ނަމަވެސް މޭ ކެއުން ގިނަ ނުކުރާށެވެ.

އެއްގަމުމަހާއި ކަނޑުމަހުން ހީމް ކިޔާ ދަގަނޑުގެ ބާވަތެއް ހަށިގަނޑަށް ލިބެއެވެ. މިއީ ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ހަށިގަނޑަށް ނަގަން ފަސޭހަ ފައިދާ ބޮޑު ވައްތަރެކެވެ. މިއާއި ހިލާފަށް ފަތްޕިލާވެލީގައި ހުންނަ ދަގަނޑަށް ކިޔަނީ ނޮންހީމް ނުވަތަ ހީމްނޫން ދަގަނދެވެ. މިވައްތަރު ދަގަނޑަކީ ހަށިގަނޑަށް ނަގަން އުދަގޫ ފައިދާ ކުޑަ ދަގަނޑެކެވެ. ވުމާއިއެކު ހަމައެކަނި ފަތްޕިލާވެލި ކައިބޮއިހަދާ މީހުންނަށް ދަގަނޑު ލިބޭމިންވަރު ވަރަށް މަދުވާނެއެވެ. އެއީ ކިތައްމެ ގިނައިން ދަގނޑު ހުންނަ ފަތްޕިލާވެލި ކެޔަސްވެހެވެ.

ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދައި ރައްކާ ކުރުމަށް ކޮންމެ ދުވަހަކު ކޮންމެހެން ކެއިން ބުއިމުގައި އާދަޔާ ހިލާފަށް މަސް ބޭނުން ކުރާކަށް ނުޖެހެއެވެ. ކޮންމެވެސް ވަރަކަށް މަސްބޭނުން ކުރުމާއިއެކު ވިޓަމިން ސީ ގިނަ ބާވަތެއްގެ ކާނާއެއް ބޭނުން ކުރުން ވަރަށް ރަނގަޅު ވާނެއެވެ. އެއީ ވިޓަމިން ސީއަކީ ކާނާގައި ހުންނަ ދަގަނޑު ހަށިގަނޑަށް ނަގައިދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވީމާ މަހުގެ ބާވަތަކާއި އެކު އޮރެންޖު ފަނި، ލުބޯފައި ނުވަތަ ސްޓޯބެރީ ފަދަ އެއްޗެއް ބޭނުން ކުުރން ވަރަށް ރަނގަޅު ވާނެއެވެ.

ކާކާނާގައި ހުންނަ ދަގަނޑު ހަށިގަނޑަށް ނެގުމަށްޓަކައި ބައެއްވައްތަރުގެ އާދަތަކާއި ދުރުވަން ޖެހެއެވެ. ކޮފީ ނުވަތަ ސައިބޯން އާދަވެފައިވާ މީހަކު މިއާދަ ހުއްޓާލުން ބުއްދިވެރިވާނެއެވެ. އެއީ ކޮފީއާއި ސައިގާ ހުންނަ މާއްދާއެއް ކަމަށްވާ ފީނޯލް އަކީ ދަގަނޑު ހަށިގަނޑަށް ނެގުމަށް ހުރަސްއަޅާ އެއްޗެކެވެ. ހަމައެފަދައިން މާބަނޑު ދުވަސްވަރު ބޭނުންކުރާ ކެލްސިއަމްވެސް ބޭނުން ކުރުން ރަނގަޅުވާނީ ކެއުމުގެ ދެގަޑިއެއް އިރު ފަހުންނެވެ. އެއީ ކެލްސިއަމަކީވެސް ދަގަނޑު ހަށިގަޑަށް ނެގުމުގައި އުދަގޫތައް ކުރިމަތި ކުރާ އެއްޗެކެވެ.

ތިރީގައި އެވަނީ ދަގަނޑު ގިނައިން ލިބޭ ބައެއް ކާނާއެވެ.

* ހީމް ދަގަނޑު ގިނައިން ލިބޭ ކާނާ

- ގެރިމަސް (100 ގުރާމުގައި ގާތްގަޑަކަށް  3.8މިލިގުރާމު ހުރެއެވެ.)

- ކަނޑުމަސް (100 ގުރާމުގައި ގާތްގަޑަކަށް 1 މިލިގުރާމް ހުރެއެވެ.)

- ކުކުޅު މަސް (100 ގުރާމުގައި ގާތްގަޑަކަށް 1.3 މިލިގުރާމު ހުރެއެވެ.)

- ޓާރކީ މަސް (100 ގުރާމުގައި ގާތްގަޑަކަށް 2 މިލިގުރާމު ހުރެއެވެ.)

* ހީމްނޫން ދަގަނޑު ލިބޭ ކާނާ

- ސްޕެނިޗް ( ތައްޓެއްގައި ގާތްގަޑަކަށް 6 މިލިގުރާމު ހުރެއެވެ.)

- ކިޑުނީ ބީންސް (ތައްޓެއްގައި ގާތްގަޑަކަށް 5.2 މިލިގުރާމު ހުރެއެވެ.)

ދަނގަޑު ބޭނުން ނުކުރާނަމަ ވާނީ ކިހިނެއް؟

މާބަނޑު އަންހެނުން އެކަށީގެންވާ ވަރަށް ދަގަނޑު ބޭނުން ނުކުރާނަމަ ހަށިގަނޑުގައި ރައްކާ ކުރެވިފައި ހުންނަ ދަގަނޑު ދުވަހެއް ދުވަހަކަށް ދާނީ މަދުވަމުންނެވެ. މިގޮތަށް މަދުވަމުން ގޮސް ހީމޮގުލޮބިން އުފެއްދުމަށް ބޭނުންވާ ވަރަށް ވުރެ ދަގަނޑު ހުންނަ މިންވަރު މަފުވުމުން ލޭދައްވާން ފަށައެވެ. މިގޮތަށް ދަގަނޑު މަދުވުމުގެ ސަބަބުން ލޭދައްވުމަށް ކިޔަނީ އަޔަން ޑިފިޝެންސީ އެނީމިއާ (Iron deficiency anemia) އެވެ. ނުވަތަ ދަގަޑުމަދު ލޭދައްވުމެވެ. މިބަލި ޖެހުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތައެއް ހޯދައެއް ނުދޭނެއެވެ. އަދި އެހެނިހެން ބަލިތައް ޖެހުން ފަސޭހަވެ ހަށިގަނޑަށް ވަރަށް ގިނަގުނަ އުދަގޫތައް ދިމާވާނެއެވެ. މީގެއިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ ގައިނގަޔަށް އަރާ ބަލިތައް ޖެހުން ފަސޭހަ ވެގެން ދެއެވެ. ބައިގެން ދިއުމާއި ވިހާއިރު ދަރިފުޅުގައި ހުންނަން ޖެހޭ ބަރުދަން ނުހުރުމަކީވެސް މައިމީހާގެ ލޭދައްވުމުން ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ބަލިވެއިންނަ އިރު ދަގަނޑު މަދުވުމުގެ ސަބަބުން ލޭ ދައްވާނަމަ އައިވީ ގުޅައިގެން ދަގަނޑު ދޭން ޖެހިދާނެއެވެ.

ބަނޑުގައި ދަރިފުޅު އޮންނައިރު މައިމީހާގެ ހަށިގަނޑުން ދަގަނޑު މަދު ވިޔަސް އާއްމު ގޮތެއްގައި ދަރިފުޅަށް ބޭނުންވާ ދަގަނޑު މއިމީހާގެ ހަށިގަނޑުން ދަރިފުޅު ނަގައެވެ. ނަމަވެސް މައިމީހާގެ ހަށިގަނޑުން މާބޮޑަށް ދަގަޑު މަދުނަމަ ދަރިފުޅަށްވެސް މިކަމުން އަސަރު ކުރަން ފަށައެވެ. އަދި އުފަންވާއިރު އެކަށީގެންވާވަރަށް ދަގަނޑު ރައްކާ ކުރެވިފައި ނުހުރުމަކީ ވަރަށް ގާތް ކަމެކެވެ. ނަތީޖާ އަކަށް ވަނީ ދަރިފުޅުގެ ލޭވެސް ދައްވޭ ގޮތް ވުމެވެ. މިއީ ދަރިފުޅު ބޮޑުވުމާއި ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެކެވެ.

ދަގަނޑު މަދުވުމުގެ ސަބަބުން ލޭދައްވެއްޖެކަން އެނގޭނީ ކިހިނެއް؟ އަދި އެކަމަށް ފަރުވާ ކުރާނީ ކިހިނެއް؟

ވަރަށް ގިނަފަހަރު ހަށިގަނޑުން ލޭމަދުކަން ނޭގުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއްވެސް އަލާމާތެއް ނުފެނި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ލޭޓެސްޓު ކުރާއިރު ލޭދައްކަން އެގެއެވެ. ނޫނީ ވަރުބަލިވުމާއި ވާޅުވުން އަދި ތުރުތުރުއެޅުން ފަދަ ބައެއް އަލާމާތް ތައް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ހަށިގަނޑު އާއްމުކޮސް ހުންނަ ވަރަށްވުރެ ދޮންވެ ހުދު ވުމަމަކީވެސް ވުން ވަރަށް ގާތް ކަމެކެވެ. ހާއްސަކޮށް ނިޔަފަތިތަކާއި ތުންފަތް ހުދުކަން ނުވަތަ ދޮން ކަން ފާހަގަ ކުރެވިދާނެއެވެ. އަދި ހިތުގެ ހިގުން އަވަސްވެ ހިތް ހިތްތެޅުމާއި ނޭވައި ކުރުވުމާއި ވަކިކަމަކާއިމެދު ފުންކޮށް ވިސްނަން އުދަގޫވުން ވެސް އިހުސާސް ކުރެވިދާނެއެވެ.

އަދި ދަގަނޑު މަދުވުމުގެ ސަބަބުން ލޭ ދައްވުމަކީ ކާއެއްޗެތި ނޫން ބައެއް ތަފާތު ވައްތަރުގެ އެއްޗެތި ކާހިތްވެސް ވެދާނެ ކަމެކެވެ. މިގޮތުން ގާ ނުވަތަ ވެލި ކާހިތް ވުމާއި ފަންސުރު ތުޑު ކާހިތް ވުން ފަދަ ކަންތައް ބައެއް ފަހަރު ދިމާވެއެވެ.

ދަގަނޑު މަދުވުމުގެ ސަބަބުން ލޭދައްވުމަކީ މުޅި ދުނިޔޭގައިވެސް ވަރަށް އާއްމު ބައްޔެކެވެ. ހާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުންނެވެ. ވުމާއެކު ބަލިވެއިނުމުން ލޭޓެސްޓު ކުރުމަކީ ކޮންމެހެން ވެސް ބޭނުން ތެރި ކަމެކެވެ. ޓެސްޓުން ލޭދައކަމަށް ދައްކައިފިނަމަ ދުވާލަކު 60-120 މިލިގުރާމު ދަގަނޑުވެސް ނަގަން ޖެހިދާނެއެވެ. ނަމަވެސް ލޭދަށްކަން އެގުނަސް ޑޮކުޓަރެއްގެ ލަފާނެތި ދަގަނޑު އިތުރަށް ބޭނުން ކޮށްގެން ނުވާނެއެވެ. ދަގަނޑު ނަގާއިރު ހުސްބަނޑާއެކު ނެގުން ވަރަށް ރަނގަޅު ވަނެއެވެ. އަދި ނެގުމަށް ފަހު އޮރެންޖު ފަނި ނުވަތަ ކިރުފަދަ ބުއިމެއް ބުއިން ވަރަށް ރަނގަޅުވާނެއެވެ. އެއީ އޭރުން ނަގާ ދަގަނޑުގެ ބޮޑުބައެއް ހަށިގަނޑަށް ނަގާނެއެވެ.

ދަގަނޑު ބޭނުންކުރާ މަޔަކު ކުޑަކުދިން ތިބި ނަމަ އެކުދިންގެ އަތު ނުޖެހޭ ހިސާބު މިފަދަ ގުޅަބޭސް ބެހެއްޓުމަކީ ވަރަށް ވިސްނައި ފަރުވާތެރިވާން ޖެހޭނެ ކަމެކެވެ. އެއީ ބޮޑެތިމީހުން ނަށް ތައްޔާރު ކޮށްފައި ހުންނަ އެންމެ ގުޅަޔަކުން ދަރިފުޅުގެ ފުރާނައަށް ނުރައްކާތެރި ވެދާނެއެވެ.

ދަގަނޑު ގިނައިން ބޭނުންކޮށްފިނަމަ އެއްވެސް ގެއްލުމެއް ލިބިދާނެތަ؟

ދަގަނޑު ހިސާބަށް ވުރެ ގިނައިން ބޭނުން ކުރުމަކީ ގޮހޮރަށް ގެއްލުންވާ ކަމެކެވެ. ދަގަނޑު ގިނައިން ބޭނުން ކުރުމުން ފެންނަ އެންމެ އާއްމު އަލާމާތަކީ ބަނޑު ހިކުމެވެ. ބޮޑުކަމުދާން އުދަގޫ ވުމެވެ. މީގެއިތުރުން ހޮޑުލެވުމާއި އަދި ބޭރަށް ހިންގުމަކީވެސް ވެދާނެ ކަމެކެވެ. ވުމާއިއެކު ދަގަނޑު ބޭނުން ކުރާނަމަ ކުރީކޮޅު މަދުމިންވަރަކުން ފަށާށެވެ. އަދި ބޭނުން ކުރާ ގަޑިއެއްކަމުގައި ނިދުމުގެ ކުރިން ކަމުގައި ހަމަޖައްސާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.