ހޯމަ20200914

އާކުރެވުނީ: 08:43:52

ގާތުންދޭން ފަށައިގަތުން

gaathun-dhyn-fashaigathun-28ވިހެއުމަށްފަހު ވީހާވެސް އަވަހަކަށް ދަރިފުޅުގެ ތުންފަތް މައިމީހާގެ ވައްގަޑުގައި ޖެއްސޭތޯ ބަލާށެވެ. ދަރިފުޅު ދުނިޔެއަށް އަންނައިރު މައިމީހާގެ އުރަމަތީގައި އަދި ރަނގަޅަށް ކިރެއް ނުއުފެދޭނެއެވެ. ނަމަވެސް ފުރަތަމަ ދެތިން ދުވަހު އުރަމަތިން އަންނަ ރީދޫ ކުލައިގެ ކިރަކީ މަދު އެހެނަސް ދަރިފުޅަށް ވަރަށް ފައިދާ ހުރި ކިރެކެވެ. އަދި ކިތައްމެ މަދު ނަމަވެސް އެއިން ދަރިފުޅަށް ފުރަތަމަ ދެތިން ދުވަހު ފުދޭނެއެވެ.

gaathun-dhyn-fashaigathun-28* ގާތުންދޭން ފަށާނީ ކިހިނެއް؟

* ގާތުންދޭން ޖެހޭނީ ކިހާ އަވަސްއަވހަކަށްތަ؟

* ގާތުންދޭއިރު ހަށިގަޑަށް އަރާމު ހޯދާނީ ކިހިނެއް؟

* ގާތުންދޭ މަޔަކު ކާންޖެހޭނީ ކޮންބާވަތްތަކެއްގެ ކާނާއެއްތަ؟

* ގާތުންދޭ މަޔަކަށް ދިމާވެދާނެ މައްސަލަތަކަކީ ކޮބާ؟

* ގާތުންދޭއިރު ކުރެވޭނީ ކޮންކަހަލަ އިހުސާސް ތަކެއްތަ؟

ގާތުންދޭން ފަށާނީ ކިހިނެއް؟

ވިހެއުމަށްފަހު ވީހާވެސް އަވަހަކަށް ދަރިފުޅުގެ ތުންފަތް މައިމީހާގެ ވައްގަޑުގައި ޖެއްސޭތޯ ބަލާށެވެ. ދަރިފުޅު ދުނިޔެއަށް އަންނައިރު މައިމީހާގެ އުރަމަތީގައި އަދި ރަނގަޅަށް ކިރެއް ނުއުފެދޭނެއެވެ. ނަމަވެސް ފުރަތަމަ ދެތިން ދުވަހު އުރަމަތިން އަންނަ ރީދޫ ކުލައިގެ ކިރަކީ މަދު އެހެނަސް ދަރިފުޅަށް ވަރަށް ފައިދާ ހުރި ކިރެކެވެ. އަދި ކިތައްމެ މަދު ނަމަވެސް އެއިން ދަރިފުޅަށް ފުރަތަމަ ދެތިން ދުވަހު ފުދޭނެއެވެ. މިކިރަކީ ގައިންގަޔަށް އަރާ ވަރަށް ގިނަ ބަލިން ދަރިފުޅު ހިމާޔާތް ކޮށްދޭ ކިރެކެވެ.

ފުރަތަމަ ގާތުން ޖައްސާއިރު ދަރިފުޅަށްވެސް އަދި މައިމީހާއަށްވެސް ދަތިއުދަގޫވެދާނެއެވެ. އަދި ދަރިފުޅު ރަނގަޅަށް ގާތުން ނުބުއިމަކީ ދުރުކަމެއް ނޫނެވެ. ކަންބޮޑުނުވާށެވެ. އެއީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. އަދި މަދުނޫން މައިންނަށް އަލަތު ކުއްޖާއަށް ބުއްޖައްސާއިރު ދިމާވާ ކަމެކެވެ. ގާތުން ޖެއްސުމަކީވެސް ގިނަކަންތައްތައް ފަދައިން ފަރިތަކުރަން ޖެހޭ ކަމެކެވެ. އެއްވެސްމަޔަކު ފުރަތަމަ ގާތުން ޖައްސާއިރު މިކަމުގެ ތަޖުރިބާކާރަކަށް ނުވާނެއެވެ. ވުމާއެކު ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ގާތުން ޖައްސާއިރު ޑޮކުޓަރުގެ ނުވަތަ ތަޖުރިބާހުރި މައިންގެ އިރުޝާދު ހޯދަން ލަދު ނުގަންނާށެވެ. ގާތުން ޖައްސާއިރު އެމީހުންނަށް ދައްކަން ޖެހިލުން ނުވާށެވެ. އެމީހުންގެ ފަރާތުން ވަރަށް ގިނަ އެހީތެރިކަން ލިބިދާނެއެވެ.

ގާތުން ޖައްސާއިރު ހަދާން ކުރާށެވެ. މިއީ ތަދުވާ ކަމެއްނޫނެވެ. ދަރިފުޅު ގާތުންބޯން ފަށާއިރު އުރަމައްޗަށް ކުރެވެނީ ކޮންކަހަލަ އިހުސާސެއްތޯ ބަލާށެވެ. ދަރިފުޅުގެ ތުންފަތުން ވައްގަޑުގެ ވަށައިގެންވާ އަދިރި ހަންގަޑުގެ ބޮޑުބައެއް އޮންނަންވާނީ ފޮރުވިފައެވެ. އަދި ވައްގަޑު އޮންނަންވާނީ ވަރަށް ބޮޑަށް ދަރިފުޅުގެ އަގައިގެ އެތެރެއަށް ވަދެފައެވެ. ދަރިފުޅަށް ރަގަޅަށް ބުށް ނުބޮވޭހެން ހީވަނންޏާ ކުޑަވާއިނގިލި ދަރިފުޅުގެ ދެހިރުގަޑު ދޭތެރެއަށް ލައްވައި އެހަށް ބުށްދިނުން މެދުކަޑާލާށެވެ. އަދި ދެވަނަފަހަރަށް ރަނގަޅަށް ޖެއްސޭތޯ ބަލާށެވެ. ރަނގަޅަށް ޖެއްސުމުން ބާކީބައި ދަރިފުޅު ފުރިހަމަ ކުރާނެއެވެ.

ގާތުންދޭން ޖެހޭނީ ކިހާ އަވަސްއަވހަކަށްތަ؟

ގިނަގިނައިން ގާތުންޖައްސާށެވެ. ގިނައިން ޖެއްސިވަރަކަށް ކިރުއެރޭލެއް އަވަސްވެފައި ކިރުއެރޭވަރު ގިނަ ވާނެއެވެ. ދުވާލަކު 8-12 ފަހަރު ދެފަރާތުން ކުރެ ކޮންމެ ފަރާތަކުން 10-15 މިނެޓު ވަންދެން ޖައްސާށެވެ. މިވަރު ކޮންމެ ދުވަހަކުވެސް ކުރެވޭތޯބަލާށެވެ. ގާތުންޖައްސާއިރު ކުޑަދަރިފުޅު ބަޑުހައިވެފައިވާ ކަމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ދެވުނީ ކިތައްފަހަރުތޯ ކޮންމެހެން ބެލުމެއްނެތި ގާތުން ދެވޭތޯ ބަލާށެވެ. ހަރަކާތްތައް ގިނަވުމާއި އަނގަ ވަށައިގެން އެނބުރުމާއި ހާއްސަކޮށް އުރަމައްޗާއި ދިމާވާގޮތަށް އެބުރުމަކީ ދަރިގފުޅު ބަނޑުހައިވެފައިވާ ކަމުގެ އަލާމާތް ތަކެވެ. ރުއިމަކީ ވަރަށް ފަހުގެ އަލާމާތެކެވެ. އެހެންގޮތަކަށް ބުނާނަމަ ދަރިފުޅު ރޯންފެށުމުގެ ކުރިން ގާތުން ޖައްސަން ޖެހޭނެއެވެ.

ކުރީކޮޅުގައި ގާތުން ޖައްސާއިރު ދަރިފުޅު ނިދައިފައިވާނަމަ މަޑުމަޑުން ހޭލައްވާލަން ޖެހިދާނެއެވެ. އަދި ގާތުން ދެމުން ދަނިކޮށް ދަރިފުޅު ނިދުމަކީވެސް ވެދާނެކަމެކެވެ. ދަރިފުޅަށް ގާތުން ޖެއްސުމަށްފަހު 4 ގަޑިއިރުވަންދެން ބުއްނުބޮއި ނިދައިފިނަމަ ދަރިފުޅު ހޭލެއްވުމަށްފަހު އަލުން ބުއްދޭން ޖައްސާށެވެ. އަދި ގިނައިރުވަންދެން ގާތުން ނޮބޮއި ދަރިފުޅު ނިދުމަށްފަހު ދަރިފުޅު ނުތަނަވަސްވެ އުޅޭހެން ހީވާނަމަ މަދުވެގެން ކޮންމެ 3 ގަޑިއަކުން ގާތުން ޖައްސާށެވެ. އަދި ރޭގަޑަށްވުރެ ގިނައިން ދުވާލު ގާތުންދޭށެވެ

ގާތުންދޭއިރު ހަށިގަނޑަށް އަރާމު ހޯދާނީ ކިހިނެއް؟

ގާތުންޖައްސާއިރު ބައެއްފަހަރު 40 މިނެޓު ވަންދެންވެސް ޖައްސައިގެން އިންނަން ޖެހިދާނެއެވެ. ވުމާއެކު ކޮންމެ މީހަކުވެސް އެމީހަކަށް އެންމަ އަރާމު ގޮތަކަށް ބުއްޖައްސާށެވެ. އަދި ބުރަކަށްޓާއި އަތަށް ތަދުނުވާނެ ގޮތަކަށް އިންނާށެވެ. އިށީދެއިދެގެން ބުއްދޭނަމަ ބާލީހެއްގެ މަތީގައި ދަރިފުލު ބާއްވައިގެން ބުއްދެވިދާނެއެވެ. އަދި ކުޑަ ތިރި ގޮޑިއެއްފަދަ އެއްޗެއްގެ މައްޗަށް ދެފައި ލައިގެން އިނުން ރަނގަޅުވާނެއެވެ. އިށީދެ ނުވަތަ އޮށޯވެގެން ބުއްދިން ނަމަވެސް މައިމީހާއާއި ދަރިފުޅަށް އެންމެ އަރާމު އެންމެ ފަސޭހަ ގޮތެއް އިހުތިޔާރު ކުރާށެވެ.

ގާތުންދޭ މަޔަކު ކާންޖެހޭނީ ކޮންބާވަތްތަކެއްގެ ކާނާއެއްތަ؟

ގާތުންދޭ މަޔަކު ކޮންމެހެން އެހެން މީހުންނާ ތަފާތު ކާނާއެއް ކާކަށް ނުޖެހެއެވެ. ހަމަ އާދައިގެ ސިއްހީ ކާނާ ކެއުމުން ފުދޭނެއެވެ. ބައެއް ޑޮޚުޓަރުން ވިދާޅުވާ ގޮތުގައި ގާތުން ދޭމައިން އެހެން މީހުންނަށްވުރެ އިތުރަށް 400-500 ކެލޮރީގެ ކާނާ ކާން ޖެހެއެވެ. ނަމަވެސް ފަހުގެ ބައެއް ތަޖުރިބާއިން ދައްކާ ގޮތުގައި އެއީވެސް ކޮންމެހެން ލާޒިމް ކަމެއް ނޫނެވެ. ހަމައެކަނި ހަށިގަނޑަށް ފައިދާހުރި ކާނާގެ ހުރިހާ ބާވަތެއްވެސް ހިމެނޭގޮތަށް ޠަބީޢީކޮށް ކެއުމުން ފުދޭނެއެވެ. ނަމަވެސް ގާތުންދޭ ދުވަސްވަރު ބައެއް ކަހަލަ ކާނާއާއި ދުރުހެލިވާން ޖެހޭނެއެވެ. ފުރިހަމަގޮތުގައި ދަރިފުޅަށް ގާތުން ދިނުމަށްޓަކައެވެ.

ދަރިފުޅަށް ގާތުންދޭ ދުވަސްވަރު ކޮފީ، ޗޮކުލެޓު އަދި ކުޅި އެއްޗެތި ކެއުން ރަނގަޅެއް ނޫނެވެ. އަދިވެސް ކިރުގެ ޒަރީއާއިން ދަރިފުޅަށް ގެއްލުންވާ ނުވަތަ އުދަގޫތައް ކުރިމަތިވާ ބައެއް އެހެނިހެން ކާނާވެސް ކެއުން ރަނގަޅެއް ނޫނެވެ. އަބަދުވެސް ހަނދާން ކުރާށެވެ. ގާތުންދޭއިރު ވީހާވެސް ގިނައިން ދިޔާތަކެތި ބުއިމަކީ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެހެން ކިރު ބޯކަށެއް ނުޖެހެއެވެ. ޖޫސް ފަނި ފަދަ ދިޔާއެއްޗެތި ރަނގަޅުވާނެއެވެ.

ވިސްނާށެވެ. ގާތުންދޭން ފުރަތަމަ ފަށާއިރު އުދަގޫތައް ކުރިމަތިވާނެއެވެ. ނަމަވެސް ވަގުތާއެކު ހުރިހާކަމެއްވެސް ދާނީ ރަނގަޅު ވަމުންނެވެ. ރައްޓެހިންނާއި ތަޖުރިބާ ލިބިފައިވާ މައިންނާ އަދި ޑޮކުޓަރުންގެ އެހީ ހޯދާށެވެ.

ގާތުންދޭ މަޔަކަށް ދިމާވެދާނެ މައްސަލަތަކަކީ ކޮބާ؟

ގާތުންދޭ މައިންނަށް ބައެއްފަހަރު ބައެއްކަހަލަ ބަލި ނުވަތަ މައްސަލަތައް ދިމާވެއެވެ. ހާއްސަކޮށް ގާތުން ދޭންފަށާތާ ފުރަތަމަ ދޮޅުމަހެއްހާ ދުވަހު މިފަދަ ކަންތައްތައް ދިމާވުން އެހެން ދުވަސްތަކަށް ވުރެ އިތުރުވެފާ ގިނައެވެ. މިގޮތުން ދިމާވާ ބައެއް ކަންތައްތައް ތިރީގައި އެވަނީއެވެ.

- އުރަމަތި ފުރިބާރުވުން.

- ވައްގަޑުފާރުވުން.

- އުރަމަތި ދުޅަވެ ރިއްސުން.

އިސްވެދިޔަ ކަންތަކުގެ ތެރެއިން އެއްވެސް ކަމެއް ދިމާވެއްޖެނަމަ މަޑުނުކޮށް އަވަހަށް ޑޮކުޓަރަށް ދައްކައިގެން ފަރުވާ ހޯދާށެވެ.

ގާތުންދޭއިރު ކުރެވޭނީ ކޮންކަހަލަ އިހުސާސް ތަކެއްތަ؟

ގާތުންދިނުމަކީ ބައެއް މައިނަށް އެންމެ ފުރަތަމަ ފަހަރުވެސް މާބޮޑު އުދަގުލެއް ދިމާވާ ކަމެއް ނޫނެވެ. އަދި ހަށިގަނޑަށާއި ނަފުސަށްވެސް މާބޮޑު އަސަރު ކުރާ ކަމެއްނޫނެވެ. ނަމަވެސް ގިނަމައިންނަށް މިއީ ދަސްކުރަން ނުވަތަ ފަށައިގަންނައިރު ވަރަށް އުދަގޫވާ ކަމެކެވެ. ނުތަނަވަސްކަން އިހުސާސް ކުރެވޭ ކަމެކެވެ. ވީމާ މިފަދަ ގޮތަކަށް މެދުވެރިވިޔަސް ވިސްނާށެވެ. މިއީ އާއްމުގޮތެއްގައި ގިނަމީހުންނަށް ލުރިމަތިވާ ކަމެކެވެ.

ކުރީކޮޅު ދަރިފުޅު ބޭނުންވާވަރަށް ގާތުން ޖެއްސުމުގައި ވަރުބަލިކަން އިހުސާސް ކުރެވުމަކީ އާދައިގެ ކަމެކެވެ. އެންމެންނަށްވެސް ދިމާވާ ކަމެކެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ވަގުތާއެކު އާދަވެދާނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.