އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ފޯލިކް އެސިޑް : މާބަނޑު ދުވަސްވަރު ހޯދުން މުހިއްމު ވިޓަމިނެއް

ފޯލިކް އެސިޑް : މާބަނޑު ދުވަސްވަރު ހޯދުން މުހިއްމު ވިޓަމިނެއް

folic-acidމައިމީހާއާއި ބަނޑުގައި އޮންނަ ކުޑަދަރިފުޅުގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، މައިމީހާ ރަނގަޅު ކާނާ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވަކިން ޚާއްޞަގޮތެއްގައި މާބަނޑު ދުވަސްވަރު މިކަމަށް ދޭންޖެހޭ ފަރުވާތެރިކަން އިތުރުކުރަން ޖެހެއެވެ.

ބީ ވިޓަމިންގެ ތެރޭގައި ހިމެނޭ ފޯލިކް އެސިޑަކީ މިގޮތުން، މާބަނޑުއިރު، ކާނާގައި ހިމަނަން ޖެހޭ މުހިއްމު މާއްދާއެކެވެ.

މި ވިޓަމިނަށް ފޮލޭޓްއާއި، ފޮލާސިންއާއި ބީ9 ވެސް ކިޔާ އުޅުއެވެ.

 

ލޭގައި ހިމެނޭ ރަތް ސެލްތައް އުފެއްދުމަށާއި، ނާރވަސް ސިސްޓަމްގެ ދެ ކެމިކަލް ޓްރާންސް މީޓަރ ކަމުގައިވާ އެޕިނެފްރިންއާއި ނޯރ އެޕިނެފްރިން އުފެއްދުމަށް މިމާއްދާ ބޭނުންވެއެވެ. ހަމަ އެފަދައިން ޑީ.އެން.އޭ (ޑިއޮކްސީ ރައިބޯ ނިއުކްލިއެކް އެސިޑް) އުފެއްދުމަށާއި، ސިކުނޑީގެ ވަޒީފާތައް އާދައިގެ ޙާލަތުގައި ބެހެއްޓުމުގައި ވެސް ފޮލޭޓް އަކީ މުހިއްމު އެއްޗެކެވެ. ސިކުނޑިއާއި ސްޕައިނަލް ކޯޑުގައި ހުންނަ ދިޔާ މާއްދާއެއްކަމުގައިވާ ސީ.އެސް.އެފް ( ސެރެބްރޯ ސްޕައިނަލް ފްލުއިޑް) ގައި ވެސް ފޯލިކް އެސިޑް ހިމެނެއެވެ.

ސްޕައިނާ ބިފިޑާ ފަދަ ބައެއް އުނި ސިފަތައް ނުވަތަ އައިބުތަކާއިއެކު، ކުދިން އުފަންވުމަށް މެދުވެރިކުރުވާ ބަލިތަކުން ސަލާމަތްވުމަށްވެސް ފޯލިކް އެސިޑަކީ މުހިއްމުކާނާއެކެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލްއިން ހާމަކުރާގޮތުގައި، ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ މިންވަރަށް ފޯލިކް އެސިޑްގެ ޑޯޒް ނަގާ މައިން ވިހާ ކުދިންގެ ގައިގައި އުނިސިފަތައްހުރުން، 50% އަށް މަދުކޮށްދެއެވެ. ހަމައެފަދައިން އެކަށީގެންވާ މިންވަރަށް، ފޯލިކް އެސިޑް ނުލިބެއްޖެ ކަމުގައިވާނަމަ، ހައްޔަރުން ނެއްޓުން ނުވަތަ ބައިގެންދިއުމުގެ ފުރުސަތު އިތުރެވެއެވެ.

ބޭނުންވަނީ ކިހާ މިންވަރެއް؟

ބަލިވެ އިނުމުގެ ކުރިން، އެއްމެ މަދުވެގެން 400 މައިކްރޯގްރާމް ފޯލިކް އެސިޑް ހިމެނޭ މަލްޓިވިޓަމިނެއްބޭނުންކުރުން ރަނގަޅެވެ. ބަލިވެ އިންނަ ދުވަސްވަރު ބޭނުންކުރާ ވިޓަމިންގައި (ޕްރީ ނޭޓަލް ވިޓަމިން) ފޯލިކްއެސިޑްގެ 800 މައިކްރޯގްރާމް ހުންނަނަމަ އަދި އެއަށްވުރެ ރަނގަޅެވެ.

ފޯލިކް އެސިޑަކީ ފެނުގެތެރެއަށް ގިރިގެންދާ ވިޓަމިނެކެވެ. އެހެންކަމުން މި ވިޓަމިން މާގިނައިން ނެގިއްޖެއްޔާ، ގިނަވާބައި ފެނާއިއެކުވެގެން ހަށިގަނޑުން ބޭރުވާނެއެވެ. އެހެންނަމަވެސް ބައެއް

އަންހެނުންނަށް މިގޮތަށް ކަންތައްދިމާނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް ހަމައެކަނި ތަރުކާރީ ކައިގެން އުޅޭ މީހުންނަށް މާގިނައިން ފޯލިކް އެސިޑް ބޭނުންކުރެވެންޏާ، ވިޓަމިން ބީ-12 ހަށިގަނޑުން މަދުވެދާނެއެވެ. އެހެން ކަމުން ، ފޯލިކް އެސިޑް ގިނައިން ބޭނުންކުރުމުން ލިބިދާނެ ގެއްލުމަކާއިމެދު ބިރު ހީވާ މީހުން ޑޮކްޓަރާއި މަޝްވަރާކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ބަލިވެ އިންނައިރު، ދުވާލަކު މަދުވެގެން 600-800 މައިކްރޯގްރާމްއާއި ދެމެދުގެ މިންވަރަށް ފޯލިކް އެސިޑް ހަށިގަނޑަށް ބޭނުންވާނެކަމަށް ގިނަ ޑޮކްޓަރުން ބުރަވެއެވެ.

ކޮންކަހަލަ ކާނާއެއް؟

ސްޕިނަޗް ފަދަ ފަތްފެޅި ފެހި ތަރުކާރީ އަކީ ފޯލިކްއެސިޑްގެ ވަރަށް ރަނގަޅު މަޞްދަރެކެވެ. އެހެން ކަމުން ފޯލިކް އެސިޑް ހަށިގަނޑަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެދުވަހެއްގެ ކެއުމުގައިވެސް، މިފަދަ ތަރުކާރީއިން ހެދިފައިވާ ސަލަޑްއެއް ހިމެނިދާނެއެވެ. ފުށާއި،ޕަސްޓާއާއި، ހަނޑުލާއި، ކުކުޅާއި ގެރީގެމެއާއި،ކުކުޅު ބިހުގެ ގޮބޮޅިއާއި، ފަޅޮލަކީވެސް ފޯލިކް އެސިޑްހިމެނޭ އެއްޗިއްސެވެ.

ތަރުކާރީ މާގިނައިރު ނުވަތަ މާހޫނުކޮށް، ނުވަތަ މާގިނައިން ފެން އަޅައިގެން ކެއްކުމުގައި އޭގައި ހިމެނޭ ފައިދާ ދަށަށް ދެއެވެ. އެހެންކަމުން ތަރުކާރީބޭނުން ކުރަން ރަނގަޅީ މާހޫނުނުކޮށް ކައްކައިގެން، ނުވަތަ ރޯ ކޮށެވެ.

ޢަލާމަތްތަކަކީ ކޮބާ؟

ފޯލިކް އެސިޑް މަދުވުމުން ހަށިގަނޑުން ފެންނާނެ ޢަލާމާތްތަކުގެ ތެރޭގައި ފޮލޭޓް މަދުވުމުންޖެހޭ އެނީމިއާއާއި، ދަގަނޑުމަދުވުމުން ޖެހޭ އެނީމިއާހިމެނެއެވެ. އޭގެ އިތުރުން އަވަހަށް ރުޅިއާދެވުމާއި، ކަންކަމުގައި މާއަވަހަށް ހާސްވުމަކީވެސް ފޮލޭޓް މަދުވުމުން ފާހަގަކުރެވޭނެ ކަންކަމެވެ.

ލިންކް ތަފުސީލްތައް

- ނާރވަސް ސިސްޓަމްއަކީ ތަފާތުކަންކަމަށް ހަށިގަނޑު ޖަވާބުދިނުމަށް، ނުވަތަ އެކަންކަމަށް ހަށިގަނޑު ޙަރަކާތްކުރާ ޙަރަކާތްތައް ކޯޑިނޭޓްކޮށް، ކޮންޓްރޯލްކުރާ، ސެލްއާއި ޓިޝޫތަކެވެ. އޭގެތެރޭގައި ހިމެނެނީ، ސިކުނޑިއާއި، ސްޕައިނަލް ކޯޑްއާއި، ނާރުތަކާއި އޭގެ މަރުކަޒުތަކެވެ.

- ސްޕައިނާ ބިފިޑާ އަކީ އުފަންވާއިރު ކުއްޖާގެ ސްޕައިނަލް ކޯޑް ރަންގަޅަށް އުފެދިގެން ނުއައުމެވެ. އެއްމެ ނުރައްކާތެރި ޙާލަތްތަކުގައި ސްޕައިނަލް ކޯޑް ބުރަކަށިން ބޭރަށް ހަންގަނޑާއި ހަމައަށް ނުކުމެފައިވެސް ހުރެއެވެ.

ބެލެވޭ ގޮތުގައި އެމެރިކާގައި އުފަންވާ ކޮންމެ ދެހާސް ކުއްޖަކުން އެއްކުއްޖަކީ ސްޕައިނަލް ކޯޑްގައި މި އުނިސިފަ ހުންނަ ކުއްޖެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.