ބުދަ20200701

އާކުރެވުނީ: 08:43:52

ދުވަސްނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުން.

gaathun-dhinun-29* ދުވަސްނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުމުގައި އެގުން މުހިއްމު ކަންތައްތަކަކީ ކޮބާ؟

* ދުވަސްނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުމުގައި ދިމާވާ އުދަގޫ ތަކަކީ ކޮބާ؟

* މިކަންތައްތައް ހައްލު ކުރާނީ ކިހިނެއް؟

ދުވަސްނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުމުގައި އެގުން މުހިއްމު ކަންތައްތަކަކީ ކޮބާ؟

މައިމީހާގެ ކިރަކީ ހުރިހާ ކުޑަކުދިންނަށްވެސް ވަރަށް މުހިއްމު ބޭނުންތެރި ކާނާއެކެވެ. ދުވަސްނުފުރާ ވިހާ ކުދިންނަށް އެހެން ކުދިންނަށްވުރެ ބޮޑަށް މިކިރު މުހިއްމުވެފާ ބޭނުންތެރިއެވެ. އެއީ ދުވަސްނުފުރާ ވިހާ ކުދިންނަށް އެންމެ އެކަށިގެންވާ ގޮތަށް އެންމެ ފުރިހަމައަށް ގުދުރަތީ ގޮތުން މައިމީހާގެ ހަށިގަނޑުގައި ކިރު އުފައްދައިދެއެވެ. މިކިރުގައި ދަރިފުޅަށް އިތުރަށް ބޭނުންވާ ހަކަތައާއި، ވިޓަމިނާއި އަދި ޕްރޮޓިން ވަރަށް ފުރިހަމައަށް ގުދުރަތީގޮތުން އުފެދިފައި ހުރެއެވެ.

އަދި މިއަށްވުރެވެސް މުހިއްމު މާއްދާ އަކީ މައިމީހާގެ ކިރުގައި މިފަދަ ކުދިންނަށް ހާއްސަކޮށް އުފެދިފައި ހުންނަ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ސީދާގޮތުން އެހީތެރިވެދޭ ދިރޭ ހަތާތަކެވެ. މިކަމުގެ ސަބަބުން މިފަދަ ކުދިންނަށް ބެކުޓީރިޔާފަދަ ދިރޭ އެއްޗެތިން ޖެހޭ ބަލިތަކުން ހިމާޔަތްކޮށްދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. ދުވަސްނުފުރާ ވިހާ ކުދިންގެ ހަށިގަނޑުގައި ދިފާއީ ނިޒާމު ވަރަށް ބަލިކަށިވާނެއެވެ. ވުމާއެކު ބަލިތައްޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. ނަމަވެސް ގާތުންދޭނަމަ މިކަމުން ދަރިފުޅު ހިމާޔަތް ކޮށްދޭނެއެވެ.

ތެދެކެވެ. ދުވަސްނުފުރާ ވިހާކުދިންނަށް ދެވޭ ސިނާޢީ ކިރު މިހާރު ފަސޭހަކަމާއި އެކު ލިބެން ހުރެއެވެ. ނަމަވެސް މިފަދަ ސިނާއީ އެއްވެސް ކިރަކުން މައިމީހާގެ ކިރުން ލިބޭ ފައިދާއާއި ގާތްކުރާވަރަށްވެސް ދަރިފުޅަށް ފައިދާއެއް ނުލިބޭނެއެވެ. އެއީ މިފަދަ ކިރަކުން ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައި އެއްވެސް އެހީތެރިއެއްވެ ނުދޭނެއެވެ. އަދި މައިމީހާގެ ކިރުގައި ހުންނަ ފަދައިން ދިރޭ ހަރާ ތަކެއްވެސް ނުހުންނާނެއެވެ. އަދި މީގެއިތުރުން ހަޖަމް ކުރުމާއި އަދި ހަށިގަނޑަށް ނެގުމުގައިވެސް މިފަދަ ކިރު މައިމީހާގެ ކިރަށްވުރެ އުދަގޫވާނެއެވެ.

މައިމީހާގެ ކިރަކީ ކިތައްމެ މުހިއްމު ބޭނުންތެރި ކިރެއް ނަމަވެސް ދަރިފުޅު ވިހާއިރު ދަރިފުޅުގެ އުމުރުގެ ސިއްހީ ހާލަތުގެ މައްޗަށް ބިނާކޮށް ގާތުން ނުދެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިފަދަ ހާލަތުގައި ގާތުން ނުޖެއްސުނު ނަމަވެސް މައިމީހާގެ ކިރު ފެލައިގެން މިކިރު ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. މިގޮތުން ދޭއިރު ބުއްފުޅިން ނުވަތަ ނޭފަތުން ހޮޅިގުޅައިގެން ނަމަވެސް މިކިރު ދެވިދާނެއެވެ. މިގޮތަށްވެސް މައިމީހާގެ ކިރު ދިނުން ސިނާއީ ކިރު ދިނުމަށްވުރެ ރަނގަޅުވާނެއެވެ.

ދަރިފުޅަށް ގާތުން ދެވެން ފެށުނުހައި އަވަހަކަށް ރަނގަޅީ ގާތުން ދިނުމެވެ. އެހެންނަމަވެސް ކުރީކޮޅު މިފަދަ ދުވަސް ނުފުރާ ވިހާ ކުދިންނަށް މާގިނައިންނެއް ގާތަކުން ނުބޮވޭނެއެވެ. ވުމާއެކު މިފަދަ ކުދިންނަށް ގާތްގާތުން ގާތން ޖައްސަން ޖެހޭނެއެވެ. އަދި ގާތުން ދިނުމަށްފަހު އުރަމަތީގައި ހުރި ކިރުތަށް ފެލައި ހުސް ކުރަން ވާނެއެވެ. އެއީ ހުސްނުކޮށްފިނަމަ ކިރު އުފެދޭމިންވަރު މަދުވާނެއެވެ. އަދި އުރަމަތި ދުޅަވެ ކިރު ކުނިވުމަކީ އެކަށީގެންވާ ކަމެކެވެ.

ދުވަސްނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުމުގައި ދިމާވާ އުދަގޫ ތަކަކީ ކޮބާ؟

ދުވަސް ނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުމުގައި މައިންނަށް ދިމާވާ އެންމެ ފުރަތަމަ އުދަގުލަކީ އެކުއްޖަކީ މާކުޑަކުއްޖެއްނަމަ އުރަމަތީގައި ކިރުއުފެއްދުމާއި ކިރުއުފެއްދުން ދެމެހެއްޓުމަށް ދަތިވުމެވެ. އެއީ ދަރިފުޅަށް މައިމީހާގެ ވަށްގަޑުގައި އަނގަ ޖަހައިގެން ގާތުން ނުބޮވޭނަމަ ކިރުއުފެއްދުމަށްޓަކައި ބޭނުންވާ ހޯމޯން ޕްރޮލެކުޓިން ހޯމޯން އުފެއްދުމަށް ސިކުޑިއަށް ފޮނުވާ ސިގުނަލް ކުޑަވާނެއެވެ. ވުމާއެކު ކިރު އުފެދޭމިންވަރު ދުވަހުން ދުވަހަށް ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް އުރަމަށްޗަށް އެރިފައި ހުންނަ ކިރު ނުފެލައި ޖަމާވެފައި ހުންނަ ނަމަ މިކަން އިތުރަށް ގޯސްވެގެންދެއެވެ. މިކަން ހައްލުކުރުމަށް އެންމެ ރަނގަޅު ގޮތަކީ އުރަމަތިން ކިރުފެލުމަށް ރަނގަޅު ފެންވަރެއްގެ ޕަންޕެއް ބޭނުން ކުރުމެވެ. އެއީ ދަރިފުޅަށް ވަށްގަޑުގައި އަނގަޖަހައިގެން ބުއް ނުބޮވޭނަމައެވެ. އަދި ދަރިފުޅަށް ރަނގަޅަށް ބުއްބޮވެން ފެށެންދެން މިގޮތަށް އުރަމަތިން ކިރު ފެލަމުން ގެންދަން ޖެހޭނެއެވެ.

ދަރިފުޅަށް ރަނގަޅަށް ބުއްބޮވޭވަރު ވުމާއެކު ގާތުން ޖެއްސުން ވީވަރަކުން ގިނަކުރާށެވެ. އަދި ގާތުން ޖައްސާއިރު ދަރިފުޅު ބާއްވާނެ ގޮތާއި މައިމީހާ އިންނަން ނުވަތަ އޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ޑޮކުޓަރާއި މަޝްވަރާ ކޮށްގެން ހޯދާށެވެ. ގާތުން ޖެއްސުމުން އުރަމައްޗަށް ކިރުއެރޭވަރު ގިނަވަން ފަށާނެއެވެ. އެއީ ދަރިފުޅުގެ ތުންފަތް ވަށްގަޑުގައި ޖެހުމުން ސިކުޑިއަށް ފޮނުވާ ހާއްސަ ސިގުނަލެއްގެ ސަބަބުން ހަށިގަނޑުގައި ޕްރޮލެކުޓިން ހޯމޯން އުފެދޭ މިންވަރު ގިނަވެގެން ދެއެވެ. މިއީ ކިރުއުފެއްދުމުގައި އެހީތެރިވެދޭ ހޯމޯންއެވެ. އާއްމުގޮތެއްގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ގާތުންދަމަން ވަރަށް އުދަގޫވާނެއެވެ. ނުވަތަ ދަމަން ނޭގޭނެއެވެ. ހާއްސަކޮށް ދުވަސް ފުރުމުގެ 8 ހަފުތާ ކުރިން ނުވަތަ ބަނޑަށް 32 ހަފުތާގައި ނުވަތަ އެއަށްވުރެ ކުރިން ވިހައިފިނަމައެވެ. މިއީވެސް މިފަދަ ކުދިންނަށް ގާތުން ދިނުމުގައި ދިމާވާ ވަރަށް ބޮޑު ދައްޗެކެވެ.

ދުވަސްނުފުރައި ވިހާ ކުދިންނަށް ގާތުން ދިނުމުގައި އަދި ހާއްސަ އެހީ ދިނުމުގައި ސަމާލުކަންދޭން ޖެހޭ އެއްކަމަކީ ދަރިފުޅު ވީވަރަކުން ރުޔަނުދިނުމެވެ. ދރިފުޅު ހައިވިޔަނުދިނުމެވެ. އެއީ ދަރިފުޅު ރޯރުއިމުގެ ސަބަބުން ދަރިފުޅުގެ ކުޑަކުޑަ ހަށިގަނޑުން ވަރަށް ގިނަ ހަކަތަ މަދުވެގެންދާނެއެވެ. މިހަކަތައަކީ ދަރިފުޅު ބޮޑުވުމަށް ނިހާޔަތަށް ބޭނުންވާ ހަކަތައެކެވެ. ވީމާ އަބަދުވެސް ގާތުން ދިނުމަށް އަދި ބުއްޖެއްސުމަށް ތައްޔާރުގައި އިންނާށެވެ.

މިކަންތައްތައް ހައްލު ކުރާނީ ކިހިނެއް؟

ދަރިފުޅުގެ ރުއިން މަދުކުރުމަށާއި ބުއްބޯމިންވަރު އިތުރު ކުރުމަށްޓަކައި ދަރިފުޅު ބުއްބޯން ބޭނުންވަނީ ކޮންވަގުތެއްގައިކަން ދެނެގަންނާށެވެ. އަދި ދެންދަރިފުޅު ބުއްބޮވޭނީ ކިހާއިރަކުކަންވެސް އަމިއްލައަށް ދެނެގަންނާށެވެ. މިއީ ފަސޭހަ ކަމެއްނޫނެވެ. ހާއްސަކޮށް ދުވަސް ނުފުރާ ވިހާ ކުޑަކުދިންގެ މިކަންތައް ދެނެގަތުމަކީ ވަރަށް އުދަގޫ ކަމެކެވެ. އެއީ ދުވަސްފުރާ ވިހާ ކުދިންނާ ޚިލާފަށް މިފަދަ ކުދިން ބަނޑުހައިވުމުން ގިނަފަހަރު މަޑުމައިތިރިވެ ހަމަހިމޭންވާތީއެވެ. އާއްމުގޮތެއްގައި މިފަދަ ކުދިން ބަނޑުހައިވެއްޖެކަން ނުވަތަ ބުއްބޯން ބޭނުން ވެއްޖެކަން އެނގޭނެ ހަމައެކަނި ގޮތަކީ ނުނިދައި ހޭލައި އޮތުމެވެ.

ދަރިފުޅަށް ބުއްދީ ނިމުމަށްފަހު ކޮންމެ ފަހަރަކުވެސް އުރަމަތީގައި ބާކީ ހުންނަ ކިރު ފެލަން ހަދާން ކުރާށެވެ. އަދި މިކަން ފަރުވާތެރި ކަމާއި އެކު ކުރާށެވެ. އެއީ ބާކީހުންނަ ކިރު ފެލުމަކީ އިތުރަށް އުރަމައްޗަށް ކިރުއެރޭނަ ކަމެވެ. އަދި މިކިރު ނުފެލާނަމަ ކިރުއެރޭ މިންވަރު ދާނީ މަދުވަމުންނެވެ. އަދި އުރަމަތީގައި ކިރު ކުނިވުމަކީވެސް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ދަރިފުޅަށް ގާތުން ދަވާ މިންވަރު ބެލުމަށްޓަކައި ޑިޖިޓަލް ކައްޓާއެއް ބޭނުން ކުރެވިދާނެއެވެ. މިގޮތަށް ދަރިފުޅު ކިރުބޯވަރު ބެލުމަށްޓަކައި ބުއްބުއިމުގެ ކުރިން އަދި ބުއްބުއިމަށްފަހު ދަރިފުޅު ކިރުމުން ބުއްބޮއި މިންވަރު އެނގޭނެއެވެ.

ދުވަސްނުފުރާ ވިހާ ކުއްޖަކަށް ދުވާލަކު މަދުވެގެން 8 ފަހަރު ނުވަތަ ލަސްވެގެން 3 ގަޑިން 3 ގަޑިން ބުއްދޭން ޖެހޭނެއެވެ. އަދި މިވަރު ނުފުދޭނަމަ ދެގަޑިންދެގަޑިން ނުވަތަ ދުވާލަކު 12 ފަހަރުވެސް ދޭން ޖެހިދާނެއެވެ. ދަރިފުޅު ނިދާފައި އޮތްނަމަވެސް ހޭލައްވައިގެން ބުއްދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މާގިނައން ނިންޖައް އުދަގޫ ކުރާނަމަ ބުއްދަމާވަރު ކުޑަވުމަކީ ވެދާނެ ކަމެކެވެ.

މިފަދަ ކުޑަކުއްޖެއްގެ ދުވަސް ބެހިގެންދާނީ ނިދުމާއި ބުއްބުއިމުގައެވެ. އަދި ދަރިފުޅު ބުއް ނުބޯނަމަ ބުއްދެވޭނެ ނުވަތަ ދަރިފުޅު ބުއް ބޯނެ ގޮތަކާއިމެދު ވިސްނަން ޖެހޭނެއެވެ. މިގޮތުން ދރިފުޅު ބުއް ނުބޯނަމަ ދަރިފުޅުގެ ހެދުމާއި އެއްޗެތި ބޭލުމަކީ ކުރެވިދާނެކަމެކެވެ. އެއީ މިއީ ދަރިފުޅު އިތުރަށް ހަމަޖެހުމަށްޓަކައި ބުއްބޯނެ ސަބަބެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.