ބުދަ20180912

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ގެއްލުން

ދުންފަތުގެ އިސްތިއުމާލު ކުރުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ގެއްލުން

dhunfathuge-sababun-gellun-62* މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައިވާ ދަރިފުޅަށް އެހާބޮޑު ގެއްލުންވަނީ ކީއްވެ؟

* ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވަނީ ކިހިނެއް؟

* މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައިވާ ދަރިފުޅަށް އެހާބޮޑު ގެއްލުންވަނީ ކީއްވެ؟

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބައިގެންދިއުމާއި އަދިވެސް ދަރިފުޅަށް ޖެހޭ ގިނަބަލިތަކުގެ އެއްވަނަ ސަބަބެވެ. ދުވަސްނުފުރާ ވިހެއުމާއި، ވިހާއިރު ދަރިފުޅު މާކުޑަކޮށް އޮތުމާއި އަދި ވިހެއުމުގެ ކުރިން މަރުވެފައި އޮތުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ވަރަށް ހިތާމަވެރި ކަންތައްތަކެކެވެ. އަދި މިކަންތައްތައް ދިމާވާ މައިގަނޑު ސަބަބަކަށްވެސް ބެލެވިފައިވަނީ މައިމީހާ ދުންފަތުގެ އިސްތިއުމާލު ކުރުމުވެ. ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ ވެއްޓެއްގައި ނުވަތަ ދުންފަތުގެ އަސަރު ކުރާ ހިސާބެއްގައި އުޅުމެވެ.

އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަކުރުބަލި ޖެހުމާއި އަދި ލޭމައްޗަށްދިއުމުގެ ބަލިޖެހުމުގެ ފުރުޞަތުވެސް ވަރަށް ބޮޑުކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ލޭމައްޗަށް ދިއުމުގެ ބައްޔާއި ހަކުރުބަލި ބޭސްދީގެން ރަނގަޅު ކުރެވިދާނެއެވެ. ނަމަވެސް ހިތާމަޔަކީ މައިމީހާ ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ނުވަތަ ދުންފަތުގެ އަސަރު ކުރާ ހިސާބު އުޅޭނަމަ ބަނޑުގައިވާ ދަރިފުޅު އެއްވެސް ބޭހަކުން އަދި ފަރުވާއަކުން ސަލާމަތް ނުކުރެވޭނެތިއެވެ.

ދުންފަތުގައި 4000 އަށްވުރެ ގިނަވައްތަރުގެ ކެމިކަލްތައް ހުރެއެވެ. މީގެތެރޭގައި ވަރަށް ނުރައްކާތެރި ވިހައެއް ކަމުގައިވާ ސަޔަނައިޑުއާއި، ލީޑު އަދި ކެންސަރު ޖައްސާ 60 އަށްވުރެ ގިނަ ކެމިކަލްތައް ދުންފަތުގައި ހުރެއެވެ. މާބަނޑުމީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމުން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާމީހެއްގެ ގާތު ހުރުމުން ހަށިގަނޑަށް ވަންނަ ދުމުގައި ހުންނަ މިވިހަ ކެމިކަލްތައް މައިމީހާގެ ލޭގެތެރެއަށް ދެއެވެ. ބަނޑުގައިވާ ދަރިފުޅަށް ކާނާއާއި އޮކުސިޖަން ހޯދައިދޭ ހަމައެކަނި ވަސީލަތަކީ މައިމީހާގެ ލެޔެވެ. ވުމާއެކު މައިމީހާގެ ލޭ މިވިހަ ކެމިކަލްތަކުން ތަޣައްޔަރު ވުމުން ބަނޑުގައިވާ ނިކަމެތި ދަރިފުޅުގެ ހަށިގަނޑަށް މިވިހަތަކުން ވަރަށް ބޮޑެތި ެއްލުންތަކެއްވެއެވެ.

ދުންފަތުގައި ހުންނަ 4000 އަށްވުރެ ގިނަ ކެމިކަލްތަކަކީ ދަރިފުޅަށް ވަރަށް ގެއްލުން ހުރި ކެމިކަލްތަކެކެވެ. ސަޔަނައިޑާއި ލީޑުގެ އިތުރުން ދަރިފުޅަށް އެންމެ ބޮޑު ގެއްލުންދޭ އަނެއް ދެކެމިކަލަކީ ނިކޮޓިންއާއި ކާބަންމޮނޮކުސައިޑެވެ. އާއްމުގޮތެއްގައި މާބަނޑުދުވަސްވަރު ދިމާވާ ހުރިހާ އުދަގުލެއްގައި އަދި ބަނޑުގައިވާ ކުޑަދަރިފުޅަށް ލިބޭ ހުރިހާ ގެއްލުމެއްގައި މިދެމާއްދާ ހިއްސާ ކުރެއެވެ.

ދުންފަތުގެ ސަބަބުން ދަރިފުޅަށް ލިބޭ އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބައިގެން ދިއުމާއި، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުމާއި، ދުވަސް ނުފުރައި ވިހެއުމާއި އަދި ވިހާއިރު ހުންނަން ޖެހޭ ބަރުދަން ނުހުރުން ހިމެނެއެވެ. މިހެންދިމާވަނީ ނިކޮޓިން އާއި ކާބަން މޮނޮކުސައިޑާއި ގުޅިގެން ދަރިފުޅަށް ބޭނުންވާ އޮކުސިޖަން އެކަށީގެންވާވަރަށް ލިބުނަ ނުދޭތީއެވެ. ނިކޮޓިންގެ ސަބަބުން ލޭހޮޅިތައް ފިއްތައި ހިމަކުރެއެވެ. މީގެތެރޭގައި ފޫޅުގަނޑުގައި ހުންނަ ލޭހޮޅިތައްވެސް ފިއްތައް ހިމަކުރެއެވެ.

ވުމާއެކު ދަރިފުޅަށް ބޭނުންވާވަރަށް އޮކުސިޖަނާއި ކާނާ ގެންގޮސްދިނުމުގައި ލޭހޮޅިތަކަށް އޭގެ ފުރިހަމަ ދައުރު އަދާއެއް ނުކުރެވެއެވެ. މިކަން އިތުރަށް ބޮޑަށް ގޯސްވަނީ ދުންފަތުގެ ޒަރީއާއިން ލޭގެތެރެއަށް ވަންނަ ކާބަންމޮނޮކުސައިޑުގެ ސަބަބުންނެވެ. އެއީ ލޭގައި އޮކުސިޖަން އުފުލައިދޭ ހީމޯގުލޮބިންގައި އޮކުސިޖަންއިންނަ ތަނުން އޮކުސިޖަން ބޭރުކުރުމަށްފަހު ކާބަން މޮނޮކުސައިޑު އެތަނުގައި ހަރުލާތީއެވެ. ނުވަތަ ތަތްވާތީއެވެ. ވުމާއެކު ލޭގައި އޮކުސިޖަން ހުންނަ މިންވަރު މަދުވެގެންދެއެވެ. ނަތީޖާއަކީ ދަރިފުޅަށް އޮކުސިޖަން ލިބިދޭމިންވަރު އިތުރަށް މަދުވެގެން ދިއުމެވެ. ވުމާއެކު އިސްވެދިޔަ ނުރައްކާތެރި ކަންތައްތަކާއި ދަރިފުޅަށް ދިމާވެއެވެ.

އަދި އޭގެ އިތުރުން އޮކުސިޖަން މަދުވުމަކީ ވިހެއުމުގެ ކުރިން ބަނޑަށް ދަރިފުޅު ޕުއްޕުވެސް ލާ އެއްސަބަބެވެ. މިހެންވުމަކީވެސް ވަރަށް ނުރައްކާތެރިކަމެކެވެ. އެއީ ބަނޑަށް ދަރިފުޅު ޕުއްޕު ލައިފިނަމަ ނޭވާލާ ނިޒާމުގެ ތެރެއަށް ޕުއްޕު ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. އަދި ނޭވާލާ ނިޒާމުގެ ތެރެއަށް ޕުއްޕު ދިއުމަކީ ދަރިފުޅުގެ ފުރާނައަށް ނުރައްކާތެރިކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވަނީ ކިހިނެއް؟

ދަރިފުޅަށް ބޭނުންވާވަރަށް އޮކުސިޖަން ނުލިބުމަކީ ދަރިފުޅު ބޮޑުވުމާއި ފުރިހަމަ ވުމަށް ހުރަސްއަޅާ ކަމެކެވެ. އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުވަސް ނފުރައި ވިހެއުމާއި ދަރިފުޅުގެ ބަރުދަން  2.3ކިލޯއަށްވުރެ ލުއިވުމުގެ ފުރުޞަތު ދެގުނައަށް އިތުރު ކުރާކަމެކެވެ. އަދި ވިހާއިރު ދަރިފުޅު މަރުވެފައި އޮތުމުގެ ފުރުޞަތުވެސް ދެގުނައަށް އިތުރުކުރާ ކަމެކެވެ.

ބޯކޮންމަ ސިގިރޭޓަކީ ނުވަތަ ދަމާލާ ކޮންމެ ގުޑުގުޑާއަކީ ދަރިފުޅަށް އިތުރަށް ގެއްލުންދޭނެ ކަމެކެވެ. ކުޑަކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ މަޔެއްގެ ސަބަބުން ދަރިފުޅަށް ލިބޭ ގެއްލުމަށްވުރެ ބޮޑަށް ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާމައެއްގެ ސަބަބުން ދަރިފުޅަށް ލިބޭ ގެއްލުން ބޮޑެވެ. ނަމަވެސް ލިބޭ ގެއްލުމުގެ ކުޑަބޮޑުމިން ހީކުރާހާ ތަފާތުބޮޑެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ހަށިގަނޑު ދުންފަތުގައި ހިމެނޭ ވިހަމާއްދާތަކަށް ވަރަށް ނާޒުކުވާނެއެވެ. ވުމާއެކު ބޭނުންކުރާ އެއްމެ ސިގިރޭތަކުން ނުވަތަ އެންމެ ދުންގުޑުގުޑާއަކުންވެސް ލޭހޮޅިތަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ.

ވަރަށް އަވަހަށް ލޭހޮޅިތަށް ފިތި ހިމަވާނެއެވެ. ވުމާއެކު ދުންފަތުގެ އިސްތިއުމާލު ކިތައްމެ ކުޑަކޮށް ކުރިނަމަވެސް ދަރިފުޅަށް ވަރަށް ބޮޑެތި ގެއްލުންވެދާނެއެވެ. ތިރީގައި އެވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައިވާ ދަރިފުޅަށް ލިބޭ ބައެއް ގެއްލުންތަކާއި ގެއްލުން ލިބޭ ގޮތްތަކެވެ.

ބޮޑުވުމާއި ބަރުވުން.

އާދައިގެ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ދުވާލެއްގެ މައްޗަށް ދަރިފުޅު ބަރުވަންޖެހޭ ބަރުދަނުގެ ބޮޑުބައެއް އުނިވެއެވެ. މާބަނޑު ދުވަސްވަރު ޖުމުލަ 2 ފޮށި ސިގިރޭޓުގެ މިންވަރަށް ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ ދަރިފުޅުގެ ބަރުދަނުން ގާތްގަޑަކަށް 450 ގުރާމުވަރު ލުއިވެއެވެ. އަދި ވިހާއިރު ދަރިފުޅު ބޮޑުވާންވަރަށް ބޮޑުނުވެ ހުރުމަކީ ވަރަށް ގާތް ކަމެކެވެ.

ހަށިގަނޑާއި ފުއްޕާމެއި.

ހަށިގަނޑު އެކަށީގެންވާވަރަށް ބޮޑު ނުވުމަކީ ހަށިގަނޑު ފުރިހަމަ ނުވުމަށް ދިމާވާ އެއްސަބަބެވެ. ނުވަތަ ހަށިގަނޑުގެ ވަޒީފާތައް އަދާކުރުމަށް ނުކުޅެދޭ މައިގަޑު ސަބަބެވެ. ވުމާއެކު ދުވަސްފުރައި ވިހެއިކަމުގައިވިޔަސް ދަރިފުޅު އުފަންވާއިރުވެސް ފުއްޕާމެއި ނޭވާލާން ތައްޔާރު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ދަރިފުޅުގެ ފުރަތަމަ ދުވަސް ނުވަތަ ފުރަތަމަ ހަފުތާ ނާސަރީގައި އޮކުސިޖަން މާސްކު އަޅައިގެން އޮންނަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ފަހުން އަމިއްލައަށް ނޭވައިލާން ފެށިކަމުގައި ވިޔަސް މިފަދަ ކުދިން ދާއިމީގޮތެއްގައި ނޭވަޔަށް އުދަގޫ ކުރުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެއީ ފުއްޕާމެއި ފުރިހަމަވުން ލަސްވުމާއި ނިކޮޓިންގެ ވިހައިގެ ސަބަބުންނެވެ. މިފަދަ ކުދިންނަށް ނޭވާހިްއލުމުގެ ބަލި ޖެހުމުގެ ފުރުޞަތު ދެގުނައަށް އިތުރުވެއެވެ. އަދި ކުއްލިމަރުވުމުގެ ފުރުޞަތު ތިންގުނައަށް އިތުރުވެއެވެ.

ސިކުޑީގެ ވަޒީފާ.

މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުޑަދަރިފުޅުގެ ސިޚުޑި މުޅި އުމުރަށް އުނިވެދާނެ ސަބަބެކެވެ. މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރާމައިންނަށް ލިބޭ ދަރިންގެ އުގެނުމުގެ މައްސަލަތައް ދިމާވާލެއް ގިނަވާނެއެވެ. އަޚުލާގީ މައްސަލަތައް އިތުރުވާނެއެވެ. އަދި ވިސްނުމުގެ ފެންވަރު އާއްމުގޮތެއްގައި ދަށްވާނެއެވެ. ބައެއްވައްތަރުގެ ދިރޭއެއްޗެތި ޓެސްޓުކޮށްގެން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު މިފަދަ އެއްޗިއްސަށް ނިކޮޓިން ދިނުމަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުޑި މިކަމަށް ދެވިހިފާ ކަމެކެވެ. ވުމާއެކު މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ލިބޭދަރިފުޅު ފުރާވަރަށް އެރުމުން ބޭނުންކޮށްލާ އެންމެ ސިގިރޭޓަކުން ދުންފަތުގެ ދަލުގައި ޖެހިދާނެއެވެ. އަދި މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ދޮރު ހުޅުވާލަދޭ ކަމެކެވެ.

މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

އިސްވެދިޔަ ހުރިހާ ނުރައްކަލަކާއި އެކުވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މައިންނަށް އޮތް އުފާވެރި ހަބަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާލެއް އަވަސްވިވަރަކަށް ދަރިފުޅަށް ލިބޭ ގެއްލުން ކުޑަވާނެއެވެ. ވުމާއެކު ހަމަމިހާރު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާށެވެ. މިއީ ދަރިފުޅަށްޓަކައި ދެވޭ ވަރަށް ބޮޑު ހަދިޔާއެކެވެ. ދަރިފުޅަށްޓަކައި ވެވިދާނެ ގުރުބާނީއެކެވެ. ހަގީގަތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ބަލިވެއިނުމުގެ ކުރިން ހުއްޓާލާން ޖެހޭނެއެވެ.

ފުރަތަމަ ކަމަކީ މިކަމުގެ ދުންފަތުގަ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާނެ ސަބަބެކެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބަލިވެއިނުމުގެ ފުރުޞަތު 40% ދަށް ކުރާކަމެކެވެ. އަދި ދުރާލާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުން ފަދަ ކަންކަމަށް ފުރުޞަތު ލިބޭނެކަމެކެވެ. މިއީ މާބަނޑު ދުވަސްވަރު އަދި ވިހެއުމުގައި ލުއިކަން ގެނެސްދީ ފަސޭހަ ކޮށްދޭނެ ކަމެކެވެ.

ތެދެކެވެ. އެންމެންނަކީ ދުރާލައި ކަންތައްތައް ރާވައިގެން ކުރާމީހުންނެއްނޫނެވެ. ވުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާނުލަނިސް ބަލިވެ އިނުމަކީ ވެދާނެކަމެކެވެ. ނަމަވެސް މިފަދަ ގޮތަކަށް ދިމާވެއްޖެނަމަ ވަގުތުން ގޮތެއް ނިންމަން ޖެހޭނެއެވެ. ސިއްހަތުރަގަޅު ފުރިހަމަ ދަރިއަކަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާނީތޯއެވެ. ނުވަތަ އަމިއްލަ ނަފުސުގެ އެދުމާއެއްގޮތަށް ދަރިފުޅު މުޅި އުމުރަށް އުނިކުއްޖަކަށްވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރާނީ ތޯއެވެ. އަވަހަށް ގޮތެއްނިންމާށެވެ. އާއްމުގޮތެއްގައި ބަނޑަށް 14 ހަފުތާވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިނަމަ އެހެންމީހުންނެކޭވެސް އެއްފަދައިން ސިއްހަތުރަނގަޅު ފުރިހަމަ ކުއްޖަކު ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

ބަނޑަށް 14 ހަފުތާ ނުވަތަ 16 ހަފުތާވުމަށްފަހު ދަރިފުޅު ވަރަށް އަވަހަށް ބޮޑުވާން ފަށާނެއެވެ. ވުމާއެކު މިހާހިސާބަށްދާއިރުވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާ ނުލާނަމަ ދަރިފުޅުގެ ބަރުދަނަށް މިކަމުގެ ސަބަބުން އަސަރު ކުރާނެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާލެއް އަވަސްވިވަރަކަށް ދަރިފުޅަށް އޮކުސިޖަން ގެންގޮސްދިނުން ރަނގަޅުވާންފަށާލެއް އަވަސްވާނެއެވެ. އަދި ދަރިފުޅު ބޮޑުވުންވެސް ރަނގަޅުވާންފަށާލެއް އަވަސްވާނެއެވެ. މިހާރުވެސް ދުންފަތުގަ އިސްތިއުމާލު ކުރަމުން ގެންދާނަމަ ސޮކޭންކުރާއިރު ދަރިފުޅުގެ ބަރުދަން އަދި ދަރިފުޅުގެ ބޮޑުމިން ހުންނަން ޖެހޭ ވަރަށްވިޔެ ވަރަށް ބޮޑުތަން ކުޑަކަން ނުވަތަ ލުއިކަން ފާހަގަ ކުރެވޭނެއެވެ.

ބަނޑަށް 30 ހަފުތާވިކަމުގައި ވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރާމީހަކުނަމަ ހުއްޓާލުން މިހާރު އޮންނާނީ ވާނެއެއްޗެއް ވަފަޔޭ ކިޔާފާއި ހުއްޓާނުލުމަށްވުރެ ރަނގަޅެވެ. އެއި އަދިވެސް ދަރިފުޅު ބަރުވުމަށް އަދި ފުރިހަމަ ވުމަށް ފުރުޞަތު އެބައޮތެވެ. ތެދެކެވެ. ކުރިން އޮތްވަރަކަށް ނެތެވެ. އެހެނަސް ދަރިފުޅަށްޓަކައި އަދިވެސް މިއީ ކޮށްދެވޭނެ ވަރަށްބޮޑު އެހީއެކެވެ. ދަރިފުޅަށް ދެވޭނެ ވަރަށް ބޮޑު ހަދިޔާއެކެވެ.

ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތައް އެނގުނު ކަމުގައި ވިޔަސް މިކަމަކީ ހުއްޓާލަން އެހާ ފަސޭހަކަމެކއް ނޫނެވެ. ނަމަވެސް ދުންފަތުގައި ހުންނަ ނިކޮޓިންގެ ސަބަބުން ދަރިފުޅާށް ލިބޭ ބޮޑެތި ގެއްލުން ހިތައް އަރުވާލައިފާ މިއީ ހުއްޓާލަން ރަނގަޅު ވަގުތެކެވެ. އަދި މިކަމުގައި ފިރިމީހާގެ އަދި އާއިލާގެ އެހީ ހޯދުމަކީ ބޭނުންތެރި ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ޑޮކުޓަރާއި މަޝްވަރާ ކޮށްގެން އޮޅުން ފިލުވާށެވެ.

cigerate baby

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.