އަންގާރަ20180918

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ބަލިވެއިނުމުން ދިމާވާ އުދަގޫތަކުގެ ތެރެއިން.. އަނގައިގާ ކުޅު ގިނަވުން ނުވަތަ ކުޅު ދިޔާވުން.

ބަލިވެއިނުމުން ދިމާވާ އުދަގޫތަކުގެ ތެރެއިން.. އަނގައިގާ ކުޅު ގިނަވުން ނުވަތަ ކުޅު ދިޔާވުން.

agaigaa-kulhu-ginavun-51ބަލިވެއިނުމުން އަނގައިގާ ކުޅުގިނަވުމަކީ ޠަބީޢީ ކަމެއްތަ؟

އަނގައިގާ ކުޅު ދިޔާވުމާއި ކުޅު ގިނަވުމަކީ ބަލިވެއިނުމަށްފަހު ވަރަށް ގިނަ މާބަޑު މީހުންނަށް ކުރެވޭ އިހުސާސެކެވެ. ހާއްސަކޮށް މޭނުބައިކޮށް ހޮޑުލަވާނަމައެވެ. އަދި ބައެއްމަދު މާބނޑުމީހުންނަށް އާދަޔާ ޚިލާފަށް އަނގައިގާ ކުޅު ގިނަވާކަން ފާހަގަ ކުރެވެއެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަޖުބޫރުވެއެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުން އަނގައިގާ ކުޅު ގިނަވަނީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ހޮޑުލެވޭ މީހުންނަށެވެ.

އަނގައިގާ ކުޅު ގިނަވަނީ ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ކަމުގައި ބެލެވެއެވެ. އަދި މިކަމުގެ އުދަގޫ ބައެއްފަހަރު އިތުރަށް ބޮޑުވެގެންދާ އެއްސަބަބަކީ މޭނުބައިކޮށް ހޮޑުލަވާއިރު ކުލު ދިރުވަން އުދަގޫވެ ދިރުވޭވަރު މަދުވާތީއެވެ. މިހެންވުމުގެ ސަބަބުން އަނގައިގާ ކުޅު ޖަމާވެ ގިނަވާގޮތް ވެއެވެ.

އާދައިގެ ގޮތެއްގައި ދުވާލެއްގެ މައްޗަށް އެއްލިޓަރާއި ދޮޅު ލިޓަރާއި ދެމެދުގެ ކުޅު ކުޅުއުފައްދާ ގޮށްތަކުން ނުވަތަ ގުލޭންޑުތަކުން އުފައްދައެވެ. އެއީ ގާތްގަޑަކަށް ކޮންމެ މިނެޓަކަށް ކޮޑިސެންޓިމީޓަރެއްގެ މިންވަރެވެ. ނަމަވެސް އާދައިގެ ޠަބީޢީ ހާލަތުގައި މިހާގިނަ ކުޅު އުފައްދާކަމުގެ އިހުސާސެއްނުކުރެވެއެވެ. އެއީ އަބަދުވެސް އެނގުމަކާއި ނުލައި މިކުޅުތައް ދިރެމުންދާތީއެވެ. ވުމާއެކު އަނގައިގާ ކުޅު ގިނާވާކަން ފާހަގަ ކުރެވޭނަމަ އެއީ ފަހަރުގައި ކުޅު އުފެދޭވަރު ގިނަވެގެން ކަމުގައި ވެދާނައެވެ. ނުވަތަ ކުޅުދިރުވޭވަރު މަދުވެގެން ކަމުގައިވެސް ވެދާނެއެވެ. އަދި މިދެކަމުގެ ސަބަބުން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއެވެ.

އަނގައިގާ ކުޅު ގިނަވަނީ މެއިން ގިނިނަގާތީ ކަމުގައިވެސް ވެދާނެއެވެ. މިއީވެސް މަދުނޫން މާބަނޑު މީހުންނަށް ދިމާވާ ކަމެކެވެ. އެއީ މެއިން ގިނިނަގަނީ ގޮހޮރުގައި ހުންނަ އެސިޑު ގޮހޮރަށް ކާއެއްޗެތި ގެންގޮސްދޭ ހޮޅި (Esophagus) އަށް އެރުމުގެ ސަބަބުން އެހޮޅީގެ އެތެރޭގެ މަސްތަކަށް އަނިޔާ ވުމުގެ ސަބަބުންނެވެ. މިހެންދިމާވުމުން ސިކުޑިން ނާރުތައް މެދުވެރިކޮށް ކުޅުއުފައްދާ ގޮށް ނުވަތަ ގުލޭންޑުތަކަށް ކުޅު ގިނައިން އުފެއްދުމަށް އަމުރު ކުރެއެވެ. އެއީ ކުޅުގައި ގިނައަދަދަކަށް ބައިކާބޮނޭތު ހުންނާތީއެވެ. މިމާއްދާގެ ސަބަބުން ކުޅަކީ އަލްކަލައިން އެއްޗެކަށްވާތި ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅިއަށް އަރާ އެސިޑުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

ކުޅުދިރުވާލާ ކޮންމެފަހަރަކު ކުޅުން ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅި ދޮވެލަދެއެވެ. ވުމާއެކު މިހޮޅިއަށް އަރާފައި ހުންނަ އެސިޑުތައްވެސް ދޮވެލައެވެ. އަދި އެސިޑުންވާ ގެއްލުން ކުޑަކުރުމުގައި ވަރަށްބޮޑަށް އެހީތެރިވެދެއެވެ.

އެސިޑުނޫނަސް އަނގަޔާއި ކާއެއްޗެތި ގޮހޮރަށް ގެންގޮށްދޭ ހޮޅިއަށް އަނިޔާވެ ގެއްލުން ލިބޭ ކޮންމެ އެއްޗެއްގެ ސަބަބުން ކުޅު އުފެދޭ މިންވަރު އިތުރު ކުރާނެއެވެ. މިގޮތުން އަގައިގެ ބަލިތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ބައެއްވައްތަރުގެ ބޭހުގެ ސަބަބުންވެސް ކުޅު އުފެދޭ މިންވަރު އިތުރުވެއެވެ.

ކުޅު ގިނަވުމުގެ ސަބަބުން ބައެއއްފަހަރު އުދަގޫވިޔަސް ކުޅަކީ ވަރަށް ގިނަ ފައިދާ ކުރުވާ އެއްޗެކެވެ. ތިރީގައި އެވަނީ ކުޅުން ލިބޭ ބައެއް ފައިދާއާއި ކުޅުގެ ވަޒީފާއެވެ.

1- އަނގަހިކުނަނުދީ ތެތްކޮށް ބެހެއްޓުން. އަދި ކުޅަކީ އަނގައިގެ ގިނަ ބަލިތަކުން ސަލާމަތް ކުރުމަށްޓަކައި އެންމެބޮޑު އެއްދިފާއީ ރޯލުއަދާ ކުރާ އެކައްޗެވެ.

2- ހިކިކާނާ ތެތްކޮށް ހޫނުއެއްޗެތި ފިނިކުރުމުގައި އެހީތެރިވުން.

3- ދުލާއި އަނގައިގާ ހުންނަ ރަހަދެނެގަންނަ ގޮށްތަކަށް ރަގަޅު މާހައުލެއް ނުވަތަ ވެއްޓެއް ތައްޔާރުކޮށްދިނުން.

4- ކާނާއިން އަނގަޔަށް ލިބޭ ގެއްލުން ކުޑަކުރުމާއި ކާބޯތަކެތިގައިހުންނަ އެސިޑުގެ މިންވަރު ދަށްކޮށްދިނުން.

5- ކާބޯތަކެތި ހަޖަމް ކުރުމުގައި އެހީތެރިވުން. މިގޮތުން ކުޅުގައި ހުންނަ އަލްފާ އަމައިލޭޒަކީ ބައެއް ކާބޯތަކެތީގައިހުންނަ 1- 4 ގުލައިކޯސައިޑުގޮށް މޮހެލަދޭ އެއްޗެކެވެ. އަދި ކުޅުގައިހުންނަ ލައިޕޭޒަކީ ކާބޯތަކެތީގައިހުންނަ ސަރުބީ ކުދިކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

6- ޠަބީޢިކޮށް އަގައިގާ ހުންނަ ބެކުޓީރިއާތައް ކޮންޓުރޯލުގެ ތެރޭގައި ބެހެއްޓުން.

7- ދަތްތައް ވަރުގަދަ ކޮށްދިނުމާއި ހަލާކުވާތަންތަން ރަނގަޅު ކޮށްދިނުމުގައި އެހީތެރިވެދިނުން. އެއި ކުޅުގައި ގިނައަދަދަކަށްހުންނަ ކެލްސިމާއި ޕޮސްފޭތުގެ ސަބަބުންނެވެ.

8- ނުރައްކާތެރި ބެކުޓީރިއާތަކުން ދަތްތައް ހިމާޔަތް ކުރުމުގައި އެހީތެރިވެދިނުން. އެއީ ކުޅުގެ ސަބަބުން ދަތްތަކުގެ ވަށައިގެން ލެވޭ ޕްރޮޓީންފަށަލައަކީ ބެކުޓީރިއާއާއި ދެކޮޅު މާއްދާތަކެއް ހިމެނޭ ޕްރޮޓީނެކެވެ. ވުމާއެކު ކުޅުއުފައްދާ ގޮށްތަކުގައި ދިމާވާ މައްސަލަތަކަކީ ދަތްތަކުގައި ބެކުޓީރިއާ އާލާވުމަށް މެދުވެރިވާ އެންމެ މައިގަޑު އެއްސަބަބެވެ.

ތިރީގައި އެވަނީ އަނގައިގާ ކުޅު މަދުވެއްޖެނަމަ ދިމާވެދާނެ ބައެއް މައްސަލަތަކެވެ.

1- ކެންޑިޑިއެސިސް (Candidiasis) (ފަންގަސް ބައްޔެއް) އަނަގަޔަށް ޖެހުން.

2- އަނގައިގާ ބިހިނެގުން. (Oral Lichen Planus) މިގޮތުނވ ނަގާ ބިހީގައި ވަރަށް ތަދުވާނެއެވެ.

3- އަނގައިން ދިލަނެގުން ނުވަތަ ގިނިނެގުން. (Burning Mouth Syndrome)

4- އަނގަފާރުވުން. (Aphthos ulcer)

5- ދަތުގައި ބެކުޓީރިއާ އާލާވުން ނުވަތަ ހާލިހެދުން.

އަނގައިގާ ކުޅު ގިނަވާނަމަ ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

މާބަނޑު ދުވަސްވަރު އަނގައިގާ ކުޅު ގިނަވާކަން ފާހަގަ ކުރަވޭނަމަ ޑޮކުޓަރަކާއި މަޝްވަރާ ކުރާށެވެ. އަދި ކީއްވެގެންތޮ އޮޅުން ފިލުވާށެވެ. ފަހަރުގައި އެއީ މެއިނުމައިކޮށް ހޮޑުލެވޭތީ ނުވަތަ މެއިން ގިނިނަގާތީ ކަމުގައި ވުމަކީ އެކަށިގެންވާ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރާ މީހެއްނަމަ ނުވަތަ ގޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކު އުޅޭނަމަ އަވަހަށް މިކަންތައް ހުއްޓާލާށެވެ. އަދި ހުއްޓާލަން ދަތިނަމަ ހުއްޓާލުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ޑޮކުޓަރެއްގަ ލަފާ ހޯދާށެވެ. އަދި އަނގައިގެ ނުވަތަ ދަތުގެ ބައްޔެއް ހުރިނަމަ ދަތުގެ ޑޮކުޓަރަކަށް ދައްކައިގެން ފަރުވާ ހޯދާށެވެ.

މިކަންހައްލު ކުރުމަށްޓަކައި ކުރެވިދާނެ މާގިނަ ކަންތައްތަކެއް ނުހުރެއެވެ. ނަމަވެސް ތިރީގައި އެވަނީ މިކަންތަކުގެ އިދަގޫ ލުއި ކުރުމަށްތަކައި ކުރެވިދާނެ ބައެއްކަންތައްތަކެވެ.

1- ގިނަގިނައިން ދަތްއުގުޅައި އަނގަދޮވެހަދާށެވެ،

2- ގިނަގިނައިން ފެންބޯށެވެ. އަދި އަބަދުވެސް ފެންޖަގު ނުވަތަ ފެންފުޅި އަތުޖެހޭ ހިސާބު ބަހަށްޓާށެވެ. އަދި އިރުއިރުކޮޅާ ފެންބޯށެވެ.

3- ހަކުރު ނުހުންނަ ޗުއިންގަމް ފަދައެއްޗެއް ހަފަހަފާ ހުންނާށެވެ. މިއީ ކުޅު އުފެދޭމިންވަރު މަދުކުރާއެއްޗެއް ނޫނެވެ. ނަމަވެސް މިކަމުގެ ސަބަބުން ކުޅު ދިރުވާން ފަސޭހަކޮށްދެއެވެ. މިގޮތަށް ބޭނުން ކުރާއެއްޗެތީގެ ތެރޭގައި ހުތް އެއްޗެތި ބޭނުން ނުކުރާށެވެ. އެއީ ހުތްއެއްޗެތި ބޭނުން ކުރުމަކީ ކުޅު ގިނަކުރުވާ ކަމެކެވެ.

އިތުރުވާ ކުޅު ދިރުވަން އުދަގޫނޫންނަމަ އެންމެ ރަނގަޅީ ދިރުވުމެވެ. ނަމަވެސް ކުޅު ދިރުވުމުން މެއިނުބައިކޮށް ހޮޑުލެވޭނަމަ ތައްޓަކަށް ނުވަތަ ބޭރަށް ކުޅުޖެހުން ރަނގަޅުވާނެއެވެ. މިފަދަ ހާލަތުގައި ފެންބޯމިންވަރު ގިނަކުރާން ޖެހޭނެއެވެ. އެއީ ބޭރަށް ގިނައިން ކުޅު ޖެހުމަކީ ހަށިގަނޑުން ފެންމަދުވާނެ ކަމެކެވެ.

ކުޅުގިނަވުމުގެ ސަބަބުން އުދަގޫވާ ވަރަށްގިނަ މާބަނޑުމީހުން ބަނޑަށް 3 މަސް ވުމަށްފަހު މިކަމަށް ލުއިކަން ލިބިގެންދެއެވެ. ނަމަވެސް ބައެއްމީހުންނަށް ވިހަންދެންވެސް މިކަމުގެ އުދަގޫކުރެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.