Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ބަނޑުގައި ދަރިފުޅު އުފެދެނީ ކިހިނެއް؟

ބަނޑުގައި ދަރިފުޅު އުފެދެނީ ކިހިނެއް؟

dharifulhu-ufedhenee-kihiney-59* އޯވަރީން ބިސް ބޭރުވަނީ ކިހިނެއް؟

* ދަރިފަނި އުފެދެނީ ކިހިނެއް؟

* ޖިމާއު ވަމުންދާއިރު ކަންތައްތައް ވަމުންދަނީ ކިހިނެއް؟

* ދަރިފުޅު އުފެދެނީ ކިހިނެއް؟

ދަރިފުޅު އުފެދެނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ދެމަފިރިން ރޭކުރުމަށްފަހު ނުވަމަހާއި ނުވަދުވަސް ފުރައި ކުއްޖަކު ލިބޭކަން އެނގެއެވެ. ނަމަވެސް އެހުރިހާ ކަންތައްތަކެއް ހިގާގޮތް ތަފުޞީލުކޮށް އެނގޭހެއްޔެވެ؟ ދަރިފަނި އުފެދެނީ ކޮންތާކުކަން އެނގޭހެއްޔެވެ؟ ބިސްއުފައްދައި ބޭރުކުރަނީ ކޮންތާކުކަން އެނގޭހެއްޔެވެ؟ ދަރިން އުފެދެނީ ލޮލަށް ނުފެންނަވަރުގެ މި ކުޑަކުޑަ ދޭތި ގުޅިގެންކަން އެނގޭހެއްޔެވެ؟ އަދި ކޮންމެ މަހަކު ބަލިވެ އިނުމުގެ ފުރުޞަތު އޮންނަނީ އެންމެ %20 އަށްކަން އެނގޭހެއްޔެވެ؟

އޯވަރީން ބިސް ބޭރުވަނީ ކިހިނެއް؟

ބަލިވެއިނުމުގެ ހުރިހާކަމެއް ފެށެނީ އަންހެނުންގެ ޖިންސީ ގުނަވަނެއް ކަމުގައިވާ އޯވަރީންނެވެ. ރަހިމުގެ ދެފަރާތު ދައޫވަރީ އިނދެއެވެ. އަންހެން ކުއްޖަކު ދުނިޔެއަށް އުފަންވާއިރު އުފެދޭނެވަރަށް އޯވަރީގައި ހުންނަނީ ބިސް އުފެދިފައެވެ. ދުނިޔެއަށް އައުމަށްފަހު އިތުރު ބިހެއް ނުއުފެދޭނެއެވެ. އުފަންވާއިރު އޯވަރީގައި ގާތްގަޑަކަށް 10ލައްކަ (1މިލިއަން) ބިސް އުފެދިފައި ހުރެއެވެ. މީގެތެރެއިން ގިނަބިސް އުފަންވުމާއިއެކު މަރުވެގެންދެއެވެ. ނަމަވެސް ކަންބޮޑު ނުވާށެވެ. ބަލިވެއިންނަ އުމުރަށް އެކަށީގެންވާ ވަރަށް އޯވަރީގައި ބިސް ހުންނާނެއެވެ. އަންހެނުންގެ އޯވަރީން ބަލިވެއިންނަ އުމުރުގައި ގާތްގަޑަކަށް 400 ބިސް ކޮއްޓައެވެ. އެއީ އެންމެފުރަތަމަ މައްސަރުކަންތައް ފެށޭ ދުވަހުން ފެށިގެންގޮސް އިއްދައިން ކެޑެންދެނެވެ. ގާތްގަޑަކަށް އުމުރުން 45 އަހަރު ނުވަތަ 55 އަހަރުވަންދެނެވެ.

ގާތްގަޑަކަށް މައްސަރުކަންތައް ދިމާވާ ދެދޭތެރޭ މެދުގައި ދެއޯވަރީންކުރެ އެއްއޯވަރީގައި ބިސް އުފައްދައި ބޭރުކުރެއެވެ. އެއީ އާއްމުގޮތެއްގައި ދެދޭތެރޭގެ 12 ވަނަ ދުވަހާއި 16 ދުވަހާއި ދޭތެރޭގައެވެ. ބިސްއޯވަރީން ބޭރުކުރުމާއިއެކު އެބިސް ޖެހިގެން އިން ފެލޯޕިއަންޓިއުބަށް ނުވަތަ ބިސް ހޮޅިއަށް ދެއެވެ. މިއީ ގާތްގަޑަކަށް 4 އިންޗީގެ ދެ ޓިއުބެވެ. ރަހިމުގެ ދެފަރާތު ދެޓިއުބެވެ. ބިސް ކޮއްޓުމާއިއެކު ބަލިވެ އިނުމަށް އަނބިމީހާ ތައްޔާރުވީއެވެ. އާއްމުގޮތެއްގައި ބިސް ކޮއްޓުމަށްފަހު ދިރިހުންނަނީ އެންމެ ގިނަވެގެން 24 ގަޑއިރުގައެވެ. ވުމާއެކު ބަލިވެއިންނަން ބޭނުންނަމަ މިމުއްދަތުގެ ތެރޭގައި ސިއްހަތު ރަނގަޅު ދަރިފަންޏެއް ބިހާއި ބައްދަލު ކުރަން ޖެހޭނެއެވެ. މިދޭތި ބައްދަލު ވުމާއިއެކު އާ އިންސާނަކު އުފެއްދުމުގެ މަސައްކަތް ފަށައެވެ.

ބިސްއޯވަރީން ބޭރުވާތާ 12-24 ގަޑިއިރުގެ ތެރޭގައި ދަރިފަނި ބިހާބައްދަލު ނުވެއްޖެނަމަ ބިސް މަރުވެއެވެ. އަދި ރަހިމަށް ގޮސް ހަށިގަނޑަށް ފޭދިގެންދެއެވެ. ބިސް މަރުވުމާއެކު އޯވަރީން ބަލިވެއިނުމަށްޓަކައި އުފައްދަމުންދާ އަންހެން ހޯމޯން އެސްޓްރޯޖިން އާއި ޕްރޮޖެސްޓެރޯން އުފެއްދުން ވަގުތީގޮތުން ހުއްޓާލައެވެ. ވުމާއެކު ބޯވެފައިވާ ރަހިމުގެ އެތެރޭގެ ފަށަލަ ލެޔާއިއެކު ފައިބައެވެ. މައްސަރުކަންތަކުގައި އަންނަ ލެޔަކީ މިއީއެވެ.

ދަރިފަނި އުފެދެނީ ކިހިނެއް؟

އޯވަރީގައި އުފަންވުމަށްފަހު އިތުރ ބިހެއް ނުއުފެދުނު ކަމުގައިވީ ނަމަވެސް ފިރިހެނުންގެ އޮށަކީ މެދުނުކެޑި ދަރިފަނި އުފައްދާ މެޝިނެކެވެ. ވަރުބަލިކަމެއް ނެތި މުޅިއުމުރުގައި ދެއޮށުން ދަރިފަނި އުފައްދައެވެ. އަންހެނުންގެ އޯވަރީގައި ބިސްކޮއްޓަނީ ދެއޯވަރީންކުރެ އެއްއޯވަރީގައި މަހަކު އެންމެ ބިހެއް ކަމުގައި ވީނަމަވެއް ފިރިހެނުންގެ ދެއޮށުގައި އަބަދުވެއް އެތައް ލައްކަ ދަރިފަންޏެއް އުފައްދައެވެ. ނަމަވެސް ފުރިހަމަ ދަރިފަންޏެއް އުފެއްދުމަށް 64 - 72 ދުވަސް ހޭދަވެއެވެ. ދަރިފަނި އުފެދުމަށްފަހު ފިރިހެނާގެ ޖިންސީ ގުވަންތަކުގެ ތެރޭގައި މަދު ހަފުތާކޮޅެއް ވަންދެން ދިރި ހުރެއެވެ. ނަމަވެސް އަންހެނާގެ ހަށިގަނޑަށް ދިއުމަށްފަހު 2-3 ދުވަހުގެ ތެރޭގައި ބިހާއި ބައްދަލު ނުވެއްޖެނަމަ ދަރިފަނި މަރުވެއެވެ. ޖިމާއުވާ ކޮންމެ ފަހަރަކު ފިރިމީހާގެ ހަށިގަނޑުން ގާތްގަޑަކަށް 300 ލައްކަ އާއި 3000 ލައްކައާއި (30 މިލިޔަނާއި 300 މިލިޔަނާއި) ދެމެދުގެ ދަރިފަނި ބޭރުވެއެވެ.

ދަރިފަނި އުފައްދާ ދެއޮށް އިންނަނީ އެތެރެހަށިންބޭރު އުރަވަޅީގައެވެ. އެއީ ސިއްހަތު ރަނގަޅު ދަރިފަނި އުފެއްދުމަށް ދެއޮށުގައި ހުންނަން ޖެހޭ ހޫނު މުނަކީ 35 ޑިގުރީއެވެ. މިއީ އެތެރެހަށީގެ ހޫނު މިނަށްވުރެ ގާތްގަޑަކަށް 2 ޑިގުރީ ދަށް އަދަދެކެވެ. ވުމާއެކު ޖައްވުގެ ހޫނުމިން އަދި ހަށިގަނޑުގެ ހޫނުމިން މަތިވާވަރަކަށް އުރަވަޅި ދޫވެ ދެއޮށް ތިރިވާވަރު ބޯދުވާނެއެވެ. އަދި އުރަވަޅިއަށް ފިނިވާނަމަ ބާރުވެ ދެއޮށް ހަށިގަނޑާ ކައިރިވާނެއެވެ.

ދަރިފަނި އުފެދި ފުރިހަމަވުމަށްފަހު އުފެދުނު ދަރިފަނިތައް ރައްކާ ކުރެވިފައި ހުންނަނީ އޮށުގެ އެއްކޮޅުގައި އިންނަ އެޕިޑިޑެމިސް ކިޔާ ތަނެއްގައެވެ. އެތަނަށް ދަރިފަނިތައް ދިއުމަށްފަހު މަނިބޭރުވާއިރު ދަރިފަނި އެއާއި އެކުވެއެވެ.

ޖިމާއުވާ ކޮންމެފަހަރަކު އެތައްލައްކަ ދަރިފަންޏެއް ފަރުޖަށާއި ރަހިމަށް ދިޔަކަމުގައި ވިޔަސް ބިހުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބެނީ އެންމަ ދަރިފަންޏަކަށެވެ. އެއީ އެއްމާބަނޑު ކުދިން ލިބުނު ކަމުގައިވިޔަސް ކަންތައްވާ ގޮތެވެ. ދަރިފަނި ބިހުގެ ތެރެއަށް ވަނުމާއިއެކު ދަރިފުޅު އުފެދެން ފަށައެވެ.

ދަރިފުޅުގެ ޖިންސް ކަޑައަޅަނީ ދަރިފަންޏެވެ. އެއީ އިންސާނުންގެ ޖިންސް ބިނާވެގެންވަނީ ޖިންސީ ކްރޮމޮޒޯމް ޖޯޑުގެ މައްޗަށެވެ. ކްރޮމޮޒޯމް ޖޯޑަކީ (XX) ކަމުގއިވާނަމަ އެއީ އަންހެނެކެވެ. އަދި (XY) އެއީ ފިރިހަނެކެވެ. އަންހެނުންގެ އޯވަރީގައި ކޮއްޓާ ބިހުގައި އަބަދުވެސް ހުންނާނީ (X) ކްރޮމޮޒޯމް އެވެ. ނަމަވެސް ދަރިފަނި ހުންނާނީ (X) ކްރޮމޮޒޯމް އުފުލާ ދަރިފަންޏާއި (Y) ކްރޮމޮޒޯމް އުފުލާ ދަރިފަންޏެވެ. (X) ކްރޮމޮޒޯމް އުފުލާ ދަރިފަނި ބިހާއި ގުޅިއްޖެނަމަ ލިބޭނީ އަންހެން ކުއްޖެކެވެ. އެއީ ބިހާއި ގުޅިގެން އުފެދޭނީ (XX) އެވެ. (Y) ކްރޮމޮޒޯމް އުފުލާ ދަރިފަނި ބިހާއި ގުޅިއްޖެ ނަމަ ލިބޭނީ ފިރިހެން ދަރިއެކެވެ. އެއީ ބިހާއި ގުޅިގެން އުފެދޭނީ (XY)އެވެ.

ނޯޓް: ވަކިޖިންސެއްގެ ކުއްޖަކު ނުލިބިގެން އަނބިމީހާ ވަރިކޮށްގެން ނުވާނެއެވެ. އެއީ ވަކި ޖިންސެއްގެ ކުއްޖަކު ނުލިބެނީ އަނބިމީހާގެ ސަބަބުންނެއް ނޫނެވެ. ފިރިމީހާގެ ސަބަބުންނެވެ.

ޖިމާއު ވަމުންދާއިރު ކަންތައްތައް ވަމުންދަނީ ކިހިނެއް؟

ޖިމާއުވާއިރު އަނބިމީހާގެ ފަރުޖުގެ ތެރެއިން ރަހިމުގެ ކަރުކައިރިއަށް ފިރިމީހާގެ ޒަކަރުން ގަޑިއަކު 16 ކިލޯމީޓަރުގެ ބާރުމިނުގައި މަނިބޭރުކޮށްލައެވެ. އަދި މިއާއިއެކު ދަރިފަނިތައްވެސް ދެއެވެ. މިއީ ބިސް ހޯދުމަށް ދަރިފަނި ދަތުރުފަށާ ހިސާބެވެ. މަހެއްގެ ސިފަވާ ދަރިފަނީ ފަތާފައި ރަހިމުގެ ތެރެއިން ފެލޯޕިއަންޓިއުބަށް ދެއެވެ. މިކަމުގައި އަނބިމީހާގެ ރަހިމުގެ ހަރަކާތްތައް ދަރިފަންޏަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޖިމާއުވާއިރު ގެނެވޭ ހަރަކާތްތަކާއެކު ދަރިފަނި އެތެރެއަށް ދިއުމަށް ފަސޭހަވެއެވެ. އަދި ރާޅުބާނި ތަކާއިއެކު ދަރިފަނީގެ ދަތުރު އަވަސް ވެގެންދެއެވެ.

ޖިންސީ ގުޅުން ހިންގާއިރު ތިބެންވީ ކިހިނެއް ހެއްޔެވެ؟ ގުޅުން ހިންގާން އެންމެ ރަނގަޅީ ކޮންދުވަހެއްގައި ހެއްޔެވެ؟ މިއީ ވަރަށް ގިނަ ދެމެފިރިންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޖިންސީ ގުޅުންހިންގާއިރު ތިބެން އެންމެ ރަނގަޅު ގޮތަކީ ފިރިމީހާ މަތީގައި އޮތުމެވެ. އެއީ ފަރުޖުގެތެރެއަށް ޒަކަރު ވަންނަ ވަރު މިގޮތަށް އޮތުމުން ބޮޑުވާނެއެވެ. ވުމާއެކު ދަރިފަނި ވީހާވެސް އެތެރެއަކަށް ފޮނުވާލެވޭނެއެވެ. ދުވަހަށް ބަލާނަމަ ދެދުވަހުން އެއްދުވަހު ޖިމާއުވުމުން ފުދޭނެއެވެ.

ދަރިފުޅު އުފެދެނީ ކިހިނެއް؟

ބަލިވެއިންނަނަމަ ޖިމާއުވާތާ މާގިނައިރެއްނުވެ ދަރިފަނި ބިހާއި ބައްދަލު ކުރާނެއެވެ. އަދި ބިހުގެތެރެއަށް ވަދެ އާ އިންސާނަކު އުފެއްދުމުގެ މަސައްކަތް ފަށާނެއެވެ. ވުމާއެކު ތަޖުރިބާކާރު ޑޯކުޓަރުން ވިދާޅުވަނީ ޖިމާއުވުމަށްފަހު އަނބިމީހާ ބައިގަޑިއެއްހާއިރު ވަންދެން އުއްޑުން އޮތުމަށެވެ. އެއީ ބިމުގެ ދަމާބާރާއި އެކު ދަރިފަނި ބިހާއި ހަމައަށް ވާސިލްވުމަށް ފަސޭހަވަނެތީއެވެ.

ޖިމާއުވެ ފަރުޖުގެ ތެރެއަށް މަނި ބޭރުކޮށްލުމުން ޒަކަރުން ނިކުމެގެންދާ އެތައްލައްކަ ދަރިފަނި ބިސްހޯދުމުގެ ދިގު ރޭސް ފަށައެވެ. މިރޭހުގައި ވަރަށް ގިނަ ދަތި އުދަގޫތައް ދިމާވެއެވެ. އެންމެ ފުރަތަމަ ހުރަހަކީ ފަރުޖުގައި ހުންނަ އެސިޑެވެ. މިއެސިޑު ވަކިވަރަކަށްވުރެ މަތިނަމަ ދަރިފަނި މަރުވެގެން ދެއެވެ. ދެންދިމާވާ ހުރަހަކީ ރަހިމިގެ ކަރުގައި އުފެދޭ އޮލައެވެ. މިއޮލައިގެ ތެރެއިން ހުރަސްކޮށް ދިއުމަކީ ވަރަށް އުދަގޫ ކަމެކެވެ. ވުމާއެކު އެންމެ ވަރުގަދަ ފެތުންތެރިން ނޫން ދަރިފަނިތައް ރޭހުން ވަކިވެގެންދެއެވެ. މިހާހިސާބުން ނިމުނީއަކީ ނޫނެވެ. މިއޮލަ ހުރަސް ކުރުމަށް ފަހު ދެން އޮންނަނީ ބިހާއި ހަމައަށް ދިއުމަށް އޮންނަ ދިގު ރާސްތާއެވެ. އެއީ ގާތްގަޑަކަށް 7 އިންޗީގެ ދިގު ރާސްތާއެކެވެ. ކުރުރާސްތާއެއް ކަމުގައި ހީވިޔަސް އެއީ އެ ކުޑަކުޑަ ދަރިފަންޏަށް ވަރަށް ދިގު ރާސްތާއެކެވެ. އެއީ އެންމެ ބާރަށް ފަތާ ދަރިފަންޏަށް ފެތެނީ 15 މިނެޓުން އެންމެ އިންޗިއެއްގެ މިންވަރެވެ. އެންމެ ބާރާށް ފަތާ ދަރިފަނި ވަރަށް އަވަހަށް ގާތްގަޑަކަށް 45 މިނެޓު ތެރޭ ރޭސް ނިންމަފާނެއެވެ. ނަމަވެސް ބައެއް ދަރިފަނި 12 ގަޑިއިރުވަންދެން ދަތުރު ކުރެއެވެ. ރޭސް ނިންމުމަށްފަހު އެންމެ ފުރަތަމަ ރޭސް ނިންމި ދަރިފަނި ބިހުގެ ތެރެއަށް ވަދެއެވެ. އަދި ބިސް ނެތް ނަމަ ގާތްގަޑަކަށް 3 ދުވަސްވަންދެން ބިހަށް އިންތިޒާރު ކުރެއެވެ.

ދިގު ދަތުރަކަށްފަހު ރޭސް ފުރިހަމަ ކުރެވެނީ މަދު ދަރިފަންޏަކަށެވެ. ބައެއް ދަރިފަނި ވަކި ހިސާބަކުން މަރުވެގެން ދެއެވެ. އަދި ބައެއް ދަރިފަނި ނުބައި ފެލޯޕިއަން ޓިއުބަށް ގޮސް ބިސް ނެތުމުން މަރުވެއެވެ. ދަތުރު ފުރިހަމަކޮށް ބިހާއި ބައްދަލު ވުމުގެ ނަސީބު ލިބުނު ދަރިފަނިތަކަށް އެހިސާބުން ނިމުނީއެއް ނޫނެވެ. ރޭހުގެ ފަހު މަރުހަލާއަކީ ބިހާއި ބައްދަލު ކުރުމަށް ފަހު ބިހުގެ ބޭރު ފަށަލަ ތޮރުފައި އެތެރެއަށް ވަނުމެވެ. މިނަސީބު ލިބެނީ އެންމެ ދަރިފަންޏަކަށެވެ. އެއީ އެންމެ ކުރިން ތޮރުފާލައި އެތެރެއަށް ވަދެވުނު ދަރިފަންޏަކަށެވެ. މިދަރިފަނި އެތެރެއަށް ވަނުމާއި އެކު ބިހުން އުފައްދާ ހާއްސަ މާއްދާއެއްގެ ސަބަބުން ދެންހުރި ހުރިހާ ފަނިތަކަށް މަގު ބަނންދު ކޮށްލައެވެ. މިއީ އެތެރެއަށް ވަތް ދަރިފަނި ހިމާޔަތް ކުރަން ބިހުގެ ބޭރުގައި ލެވޭ އައްޑަނައެކެވެ.

މިހާހިސާބުން ހަގީގީ މަސައްކަތް ފެށުނީއެވެ. ދެން ކުރިއަށް އޮތް 24 ގަޑިއރުގެ ތެރޭގައި ބިހުގެތެރެއަށް ވަތް ދަރިފަނީގެ ވިރާސީ މާއްދާތަކާއި ބިހުގެ ވިރާސީ މާއްދާތައް ގުޅިލާމެހިގެން ދެއެވެ. އަދި މިގުޅުމުގެ ސަބަބުން އާ ހަތަޔެއް އުފެދެއެވެ. މިހަތާ ވަރަށް އަވަހަށް ބައިވެ އިތުރު ވަމުންދެއެވެ. އަދި މި ފެލޯޕިއަންޓިއުބުގެ ތެރެއިންލާފައި ރަހިމަށް ދަތުރު ފަށައެވެ. ބަލިވެއިންކަމުގައި ބެލެވެނީ މި ހަތާތައްގޮސް ރަހިމާއި ގުޅުމުންނެވެ. މިދަތުރަށް 3 ދުވަސް ވަރު ނަގައެވެ. އަދި ބައެއްފަހަރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބައެއްފަހަރު ރަހިމުން ބޭރުގައި ބަލިވެއިނުމަކީ ނުވަތަ ދަރި އުފެދުމަކީ ވެދާނެ ކަމެކެވެ. މިހެންދިމާވަމީ ބިހާއި ދަރިފަނި ގުޅިގެން އުފެދޭ ހަތާ ރަހިމާއި ދިމާލަށް ދިއުމުގެ ބަދަލުގައި އެހެން ދިމާލަކަށް ދިއުމުންނެވެ.

ޖިމާއުވުމަށްފަހު މައްސަރުކަންތައް ލަސްވެއްޖެ ނަމަ ނުވަތަ ބަލިވެއިނުމުގެ އަލާމާތް ތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެ ނަމަ ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރެވިދާނެއެވެ.

Comments