ބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... އަރާމުގޮތަކަށް އޮށޯވެ އޮންނަން ދަތިވުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިހެން ދިމާވަނީ ކީއްވެ؟
އެނދުގައި އަރާމުގޮތަކަށް ހަމަޖެހިލައިގެން އޮށޯވެ އޮތުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެ ބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަންޑުން ނުވަތަ އުއްޑުން ނިދަން އާދަވެފައިވާ މީހަކުނަމައެވެ. މިދެގޮތަކީވެސް މާބަނޑު ދުވަސްވަރު ނިދުމުގައި މައްސަލަތަކެއް ކުރިމަތި ކުރުވާ ގޮތްތަކެކެވެ.
ބަލިވެއިންނަތާ ކުރީކޮޅުގައި ބަނޑުން އޮވެނިދާއިރު ބޮޑުވަމުންދާ އުރަމައްޗާއި ބަނޑުގެ ސަބަބުން ދަތިވާނެއެވެ. ފަހަރުގައި ކުރީކޮޅު ބަނޑުގެ ސަބަބުން ބަންޑުން ނިދަން މާބޮޑު ދަތިތަކަކާއި ކުރިމަތި ނުވެދާނެއެވެ. ނަމަވެސް މިދުވަސްވަރަކީ އުރަމަތި އާދަޔާ ޚިލާފަށް ބޮޑުވަމުން ދާ ދުވަސްވަރެކެވެ. ވުމާއެކު ނިދާއިރު ނޫނަސް އުރަމައްޗަށް ތަދުވުމަކީ ވަރަށްގިނަ މާބަނޑު މީހުންނަށް ކުރިމަތިވާ ކަމެކެވެ. އެހެންކަމުން ބަންޑުން ނިދާނަމަ މިކަމުގެ އުދަގޫ ވަކިން ބޮޑަށް އިތުރުވާނެއެވެ.
އުއްޑުންއޮވެ ނިދާނަމަ ދިމާވާއެންމެ ބޮޑުމައްސަލައަކީ ރަހިމާއި ރަހިމުގައިވާ ދަރިފުޅުގެ ބަރަށް ހިމަގޮހޮރާއި ހިތައްލޭގެންގޮސްދޭ މައިލޭހޮޅި ފިތޭގޮތްވުމެވެ. ހަމައެއާއިއެކު އުއްޑުން ނިދާނަމަ ބުރިކަށީގައިރިއްސުމާއި، ފުރަގަސްފަރާތުބަލި ޖެހުން ނުވަތަ ފުރަގަސްފަރާތުން ލޭފެއިބުމާއި، ކާއެއްޗެތި ރަނގަޅަށް ހަޖަމްނުވުމާއި، ނޭވާލާން އުދަގޫވުމާއި ހިތުގެހިގުމަށް ބަދަލުއައުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަދި ބަނޑަށް 4 މަސްވުމަށްފަހު އުއްޑުން ނިދާނަމަ ލޭގެ ޕުރެޝަރަށްވެސް ބަދަލުއައުމަކީ ވަރަށް ގާތް ކަމެކެވެ. ބައެއްމީހުންގެ ލޭގެ ޕުރެޝަރ ދައްވެ މޫނުމައްޗަށް އަދިރިއަޅާގޮތްވާއިރު ބައެއްމީހުންގެ ލޭގެ ޕުރެޝަރ މައްޗަށްވެސް ދެއެވެ.
މިކަން ހައްލު ކުރާނީ ކިހިނެއް؟
ބަލިވެއިންނަތާ ކުރީކޮޅު ވީވަރަކުން ވާތްފަރާތަށްއޮވެ ނިދާށެވެ. އަދި މިގޮތަށް އާދަކުރެވޭތޯބަލާށެވެ. ދަރިފުޅަށް އެންމެފުރިހަމައަށް ލެޔާއި ކާނާ ލިބެނީ މައިމީހާ މިގޮތަށްއޮވެ ނިދުމުންނެވެ. ހަމައެގޮތަށް މިއީ މައިމީހާއަށްވެސް ނިދުމުގައި ވަރަށް ފައިދާ ހުރިގޮތެކެވެ. އެއީ މިގޮތަށްއޮވެ ނިދުމުން ގުރުދާ ނުވަތަ ކިޑުނީ އަށްވެސް ކުރާ ފައިދާ ބޮޑުވާނެއެވެ. އެއީ ގުރުދާއަށް ގިނަ ލޭގެންގޮސްދިނުމުން ލޭގައިހުންނަ ބޭކާރު މާއްދާތަށް ސާފުކޮށް ކުޑަކަމުދާ އެއްޗެތީގެ ތެރެއަށް ފޮނުވައިދޭނެއެވެ. އަދި ހަށިގަނޑުގައި އިތުރުވާ ދިޔާއެއްޗެތިވެސް ސާފުކޮށްދޭނެއެވެ. ވުމާއެކު އަތްފައި ދުޅަވުން ކުޑަކޮށްދޭނެއެވެ.
ކަނާތްފަރާތައްއޮވެ ނިދުމަކީވެސް ގެއްލުންހުރި ކަމެއްނޫނެވެ. ވުމާއެކު ވާތްފަރާތައްއޮވެ ވާޅުވެއްޖެނަމަ ނުވަތަ އުދަގޫވެއްޖެނަމަ ކަނާތްފަރާތަށް އޮވެނިދުމަކީ މައްސަލައެއްނޫނެވެ.
ތިރީގައިއެވަނީ އަރިޔަކަށް އޮވެނިދުމުގައި އެހީއެއްގެ ގޮތުން ބޭނުންކުރެވިދާނެ ބައެއްވައްތަރުގެ ބާލީހުގެ ނަމުނާއެވެ.