ހުކުރު20181130

އާކުރެވުނީ: 08:43:52

ކުޑަދަރިފުޅު ނުކާތީ ކަންބޮޑުވޭތަ؟

kudadarifulhu nukaateeމަންމައިންގެ ކިބައިން ކުޑަކުދިންގެ ޑޮކްޓަރުންނަށް އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ކުޑަދަރިފުޅު ކެއުމާއި ދުރުވުމުގެ ސަބަބުން ފާޅުކުރާ ކަންބޮޑުވުންތަކެވެ. ވުމާއެކު މި މައުޟޫގައި ވިސްނާލަން ޖެހޭ ބައެއް ނުކުތާތަކަށް ނިކަން ކުރުކޮށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

އެންމެ ފުރަތަމަ ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ހާއްސަ ގޮތްތަކެއް ކެއުމާއި އެނޫންވެސް އެހެން ކަންކަމުގައި ހުންނާނެ ކަމެވެ. ޢާންމުކޮށް ކުދިން ވަކި ޢުމުރެއްގައި ކާންޖެހޭނެ ކަމަށް ފޮތްފޮތުގައި ބަޔާންކޮށްފައި ހުންނަ މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަކޮށް ކެއުމަކީ ވެސް މައްސަލައެއް ނޫނެވެ.

ސަބަބަކީ އެފަދަ ފޮތްފޮތުގައި ޢާންމުކޮށް ބަޔާންކޮށްފައި އެހުންނަނީ ޢާންމު އުސޫލުތަކެކެވެ. ވީމާ އަވަށްޓެރި އެހެން ކުދިން ކާވަރާއި އެކުދިން ކުދިންގެ ބަރުދަނާއި ތިމާގެ ދަރިފުޅު ގެ ކަންކަމާއި އަޅާކިއުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އަދި ހަމައެހެން މަޤްސަދަކަށް ހަދަންވާނީ ދަރިފުޅު ފަލަކުރުމުގެ ބަދަލުގައި ޠަބީޢީކޮށް ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ފައިދާގެ މިންވަރު ދަރިފުޅަށް ހާސިލުކޮށްދިނުމެވެ.

ކުއްޖާގެ ޢުމުރާ ގުޅިގެން ވެސް ކެއުމާއި ކާ މިންވަރުތަކަށް ބަދަލު އާދެއެވެ. މިސާލަކަށް ފުރަތަމަ ހަމަހުގައި ދަރިފުޅު ވަރަށް ބާރަށް ހެދިބޮޑުވަމުން އާދެއެވެ. އަދި ވިހޭއިރު ހުރި ބަރުދަނުގެ ތިންގުނަ ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި ޖައްސާލައެވެ. ނަމަވެސް ދެވަނަ އަހަރު ބަރުދަން ލުއިވުމާއި ކާހިތްވުން ކުޑަވާ ގޮތްދިމާވެއެވެ. މިގޮތުން ކޮންމެ ޢުމުރަކަށް ވެސް ކުއްޖާއަށް ބޭނުންވާ ކާއެއްޗެހީގެ މިންވަރު ތަފާތުވެއެވެ. ހަމަ އެހެން ކާހިތްވާ މިންވަރުވެސް ޢުމުރާއި ގުޅިގެން ތަފާތުވެއެވެ. މިކަމުގައި ބެލެނިވެރިން ސަމާލުވާންޖެހޭ ކަމަކީ އެ ޢުމުރެއްގައި ކުއްޖާ ޠަބީޢީކޮށް ހެދިބޮޑުވުމަށް ބޭނުންވާ މިންވަރަށް ކެއުމާއި ބުއިމުގެ މިންވަރު ދަރިފުޅު ހާސިލުކުރޭތޯ ބެލުމެވެ.

ދަރިފުޅުގެ ކެއުން ގިނަވެއްޖެ ނަމަ
ވަރަށް ގިނަ މައިންބަފައިން ކުއްޖާއަށް މާގިނައިން ކާންދީ ދަރިފުޅު ފަލަކޮށް ބެހެއްޓުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކުރެއެވެ. ނަމަވެސް ކުއްޖާއަށް އޭނާގެ ޢުމުރާއި ގުޅޭ ވަރަށް ވުރެ ކެއުން ގިނަވެއްޖެ ނަމަ ތަކުރާރުކޮށް ބަނޑުގައި ރިއްސުމާއި ހޮޑުލެވުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ. އަދި ހަމައެހެންމެ މާގިނައިން ކެއުމުގެ ސަބަބުން ކުއްޖާ އޭނާގެ ޠަބީޢީ މިންވަރަށް ވުރެ ފަލަވުމުގެ ސަބަބުން އެޔާވިދިގެން ދަރިފުޅަށް ޖެހޭ ސިއްހީ ބަލިތައް ވެސް މަދެއް ނޫނެވެ.

ދަރިފުޅުގެ ކެއުން މަދުވެއްޖެ ނަމަ
ކުއްޖާއަށް އޭނާގެ ޢުމުރާއި ގުޅޭ މިންވަރަށް ވުރެ ކެއުން މަދުވެއްޖެ ނަމަ ގިނައިން ރުއިން، ހީސްގެ މިންވަރާއި  ޕުއްޕުގެ މިންވަރު މަދުވުން، ހެދިބޮޑު ނު ވުން، ނިދި މަދުވުން ފަދަ ބައެއް ޢަލާމާތްތަކުން އެކަން ދެނެގަނެވޭނެއެވެ.

ފަހަރެއްގައި ދަރިފުޅަށް ދިމާވާ ބަލި ހާލަތެއްގެ ސަބަބުން ވެސް ކާހިތްވުން ނެތުން އެކަށީގެންވެއެވެ. މިސާލަކަށް ރަނގަޅަށް ޕުއްޕު ނުލެވުން، ހަށިގަނޑުން ދަގަޑާއި ވިޓަމިންގެ ބާވަތްތައް އެކަށީގެންވާ ވަރަށް ވުރެ މަދުވުން، ދަތްތަކުގައި ރިއްސުން، ޓޮންސިލްދުޅަވުން، ނޭވާހިއްލުން ފަދަ ބައްޔަކުން ނުވަތަ ނަފުސާނީ މައްސަލައަކުން ވެސް އެކަން އެ ގޮތަށް ދިމާވުން އެކަށީގެންވެއެވެ.

ކާހިތްނުވާ ބައްޔަށް ޑޮކްޓަރީ ބޭސް ބޭނުން ކުރުމަކީ ރަނގަޅުކަމެއްތަ؟
ބައެއް ޑޮކްޓަރުން މައިންގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ކާހިތްޖައްސުވާ ބޭސް ނުވަތަ ބަނޑުހައިކަން އިހުސާސްކުރުވާ ފަދަ ބޭސް ލިޔެދީ ހަދައެވެ. އެފަދަ ބައެއް ބޭސްތަކަކީ އޭގެ އަރިމަތީ ގެއްލުންތައް ބޮޑު އެއްޗެއްގެ އިތުރުން މައްސަލައިގެ ދާއިމީ ހައްލެއް ވެސް ނޫނެވެ.

މައްސަލައިގެ ރަނގަޅު ހައްލަކީ ކޮބާ؟
މައްސަލައިގެ ރަނގަޅު ހައްލަކީ ދަރިފުޅަށް ކާންދިނުމުގެ ނިޒާމު ރަނގަޅު ކުރުމެވެ. އޭރުން ކުއްޖާ އޭނާއަށް ބޭނުންވާ އެކަށީގެންވާ މިންވަރު ބޭނުންކުރާނެއެވެ. މި ނިޒާމު ރަނގަޅު ކުރުމަށްޓަކައި އެންމެ ފުރަތަމައަށް ކުރަންޖެހޭ ކަމަކީ މައިބަފައިންގެ ހާސްކަން މި ކަމާ މެދު ފިލުވާލުމަށް ފަހު، ދަރިފުޅު ކާހިތްނުވަނީ ބައްޔެއްގެ ސަބުންތޯ ބެލުމެވެ. އެހެން ނަމަ އެކަމާ ވިދިގެން ކުރަންޖެހޭ ކަންކަން ކުރުމެވެ.

ދަރިފުޅަށް ކާންދިނުމަކީ ހުނަރެކެވެ.
- ދަރިފުޅު ބަލިވެ އުޅެނިކޮށް އެއްވެސް އާވައްތަރެއްގެ ކެއުމެއް އަލަށް ނުދޭށެވެ. ބަލިވެފައި ހުންނައިރު އާދަވެގެން ކާ ކެއުން މަތިން ވެސް ފޫހިވާއިރު، އާކެއުމެއް ތަޖުރިބާކުރުވަން އުޅެފި ނަމަ މުޅީން އެއްކޮށް އެ އެއްޗެއް މަތީން ދަރިފުޅު ފޫހިވެދާނެއެވެ.

- ކެއުމުގެ ވަގުތު ކަނޑައަޅަން އެންމެ ރަނގަޅީ ބުއްބޯ ވަގުތުގެ ކުރިއަށެވެ. އެއީ ބަނޑުހައިވުމުގެ ސަބަބުން ޠަބީޢީ ކޮށް އުފެދޭ ކާހިތްވުން އޭނާގެ ކިބައިގައި އެންމެ ބޮޑުވާނެ އެއްވަގުތަށް އެގަޑި ވާތީއެވެ.

- ކުއްޖާއަށް އަލަށް އެއްޗެއް ކާންދޭން ފަށާނަމަ އެއިން ކުޑަކުޑަ ފޮދުވަރަކުން ކުއްޖާއަށް ފުރަތަމަ ރަހަދައްކާލާށެވެ. ކޮންމެހެން އެ އެއްކޮށް ހުސްކުރާނެ ކަމަށް އުންމީދުނުކުރާށެވެ. މަގުސަދަކަށްވާންވާނީ ދަރިފުޅަށް ކެއުމުގައި އިތުރު ވައްތަރުތައް މަޑުމަޑުން ތަޢާރަފުކޮށްދިނުމާއެކު އެކަން އާދަކުރުމެވެ.

- ދަރިފުޅަށް ދޭ އެއްޗެހީގެ ރަހަ ވެސް ތިމާ ކާއެއްޗެހީގެ ރަހަޔާއި އެއްވަރަށް ބަހައްޓާށެވެ. މިސާލަކަށް ފޮނިއެއްޗެއް ނަމަ ދަރިފުޅަށް ދޭއިރު އެޔަށް އިތުރަށް ހަކުރު އެޅުން އެއީ ވަރަށް ގިނަ މައިން ހަދާ ބޮޑު ގޯހެކެވެ.

- ދަރިފުޅު ވަކި އެއްޗެއް ކެއުމާ ދެކޮޅު ހަދާނަމަ އެއިން ލިބިދޭ ފައިދާ ލިއްބައިދޭ އެހެން ކާނާއެއް ހޯދާށެވެ. އެއް ފައިދާއެއް ލިއްބައިދޭ ތަފާތު ކާނާތައް ވަރަށް ވެސް ގިނައެވެ. މަގުސަދަކަށް ވާންވާނީ ވަކި ނަމެއް ކިޔާ އެއްޗެއް ކާންދިނުމުގެ ބަދަލުގައި ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާނޭ މާއްދާ ދަރިފުޅުގެ ހަށިގަނޑަށް ވާސިލުކޮށްދިނުމެވެ.

- ދަރިފުޅުގެ ކެއުމުގައި ދަނގަޑުގެ ބާވަތް ހިމެނޭ ކާނާ އާއި ތަރުކާރީއާއި މޭވާ ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ.

- ކުއްޖާއަށް މަކަރުން ކާންދޭން ނޫޅޭށެވެ. އަދި ކުއްޖާ ގެ އަސްލު ކެއުމާ ދުރުވާ ނަމަ އެހެންގޮތަކުން އެއްޗަކަށް ނުވާ އެއްޗެއް ކައިގެން އޭނާ ބަނޑުފުރިއްޖެ ކަން އިހުސާސްވިޔަ ނުދޭށެވެ. ޗޮކްލެޓް ފަދަ ތަކެތި ވީވަރަކުން އޭނާޔާއި ދުރުކުރާށެވެ.

- ދަރިފުޅަށް މަޖުބޫރުކޮށް ގަދަކަމުން ކާންދޭން ނޫޅޭށެވެ. އަދި ހަރުކަށިކޮށް އެކަމުގައި އޭނާއާ މުޢާމަލާތު ނުކުރާށެވެ. ފަހަރުގައި އޭގެ ސަބަބުން އޭނާ ކާހިތްވުން ކުރިން ހުރި ވަރަށް ވުރެ ވެސް ދަށްވުމާއި ގަދަކަމުން އަމިއްލައަށް ހޮޑުލައިގެންވެސް ކާއެއްޗެހި ބޭރުކުރަން އުޅެފާނެއެވެ.

- ކާންޖެހޭ ސަބަބުތައް އެކުއްޖާ ޝައުޤުވެރިވާ ކަހަލަ ޢިބާރާތްތަކުން ބުނެދީ ހަދާށެވެ. ނުކަންޏާ ބޮޑު ނުވާނެ ކަމަށް ވެސް ބުނާށެވެ. މިކަމުގައި މައިންނަކީ ކުޅަދާނަ ބައެކެވެ.

- އެއް ޢުމުރުގެ ކުދިން ކާ ތަނަށް ޖަމާކޮށް ހުރިހާކުދިން އެކީ ކެއުން ބާއްވާށެވެ. ނުވަތަ ގޭ އެންމެން ކާ ގަޑި އެއީ އޭނާގެ ވެސް ކާ ގަޑި އަށް ހަދާށެވެ.

- ވީވަރަކުން އޭނާ އަމިއްލައަށް ކެއުމުގެ މިނިވަންކަންދޭށެވެ.

- ގާތުން ބުއިމުގެ މަރުހަލާ ކުއްޖާ ކަޑައްތުކޮށް ހަރުތަކެތި ކާން ފަށާފައި ވާނަމަ، ކުރީގައި ގާތުން ބޮއިގެން ތިން ހަތަރުގަޑިއިރުން ބަނޑުހައިވާ ކުއްޖާ، މިހާރު ބަތްކައިގެން އޭނާ ބަނޑުހައި ނުވެ ފަސްހަގަޑިއިރަށް ވެސް ހުރެދާނެކަން ގަބޫލުކުރާށެވެ.

- ބޯ މިންވަރާއި ކާ މިންވަރު އަޅާކިއުމުގެ ބަދަލުގައި ކުއްޖާއަށް ބޭނުންވާ މާއްދާ އޭނާއަށް ބުއިމުގެ ޒަރީއާއިން ވިޔަސް ކެއުމުގެ ޒަރީއާ ވިޔަސް ދެވޭތޯ ބަލާށެވެ.

- ކުއްޖާގެ ނުރުހުމުގައި ގަދަކަމުންކާން ދިނުމަކީ އޭގެ އިދިކޮޅު ނަތީޖާގައި އޭނާވެސް ބޮޑާހޭކުމާއި ރުޅިދެއްކުން ދައްކާނެ ވަރަށް ވެސް ނުބައި އާދައެއްކަން އަބަދުވެސް ހަދާންކުރާށެވެ.

- ކުއްޖާ ވަރަށް ޝައުޤުވެރިވާ ކަމެއްގައި އިންދާ އެކަން ހުއްޓުވާފައި ކާންދޭން ނޫޅޭށެވެ.

- ކުއްޖާ ރުޅިއައިސްފައި ހުއްޓާ ކާންދޭން ނޫޅޭށެވެ.

- ކެއުމުން އޭގެ ބަދަލުދީ އިނާމުދޭނެ ކަމަށް ވައުދުނުވާށެވެ. އޭރަށް އޭނާ އެކަން އެގޮތަށް ފަރިތަކުރާނެއެވެ.

- ކުއްޖާ ނުކެޔަސް އެކަމަށް އޭނާއަށް އަދަބުދީ ރުޅިމޫނު ހެދުމުގެ ބަދަލުގައި އެކަން ދެނެހުރިކަމަށް ނުހަދާށެވެ.

- ޢުމުރުން ދެއަހަރާއި ތިން އަހަރުގެ ކުދިންނާ މުޢާމަލާކުރުމުގައި ވަކީން ޚާއްސަކޮށް އޭނާގެ އެ ޢުމުރަކީ އިދިކީލަކަން ދެއްކުމުގެ އުމުރުކަން ދެނެގަންނާށެވެ. މި އުމުރުގައި އޭނާގެ އަމިއްލަ ގޮތްތައް ފާޅުކޮށް އޭނާގެ ކިބައިން އެދޭ ކަންތަކާއި އިދިކޮޅަށް ކަންތައްކޮށް އުޅޭނެއެވެ. މި ހާލަތުގައި މީނާއާ މުޢާމަލާތުކުރަން އެންމެ ރަނގަޅީ ހަމަ އެއްގޮތަށް އޭނާ ޖަހާ ސަކަރާތް ދެނެހުރި ކަމަށް ނުހެދުމެވެ.

-ނިމުނީ-

މަޢުލޫމާތު:

http://www.lahaonline.com
http://www.gulfkids.com

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.