ރަހިމުގައި ގޮށްލުން ނުވަތަ ފައިބްރޮއިޑް އުފެދުން(Uterine Fibroid)
- ޑރ. މުޙައްމަދު ފައިޞަލް
- 26 ނޮވެމްބަރު 2009
* ފައިބްރޮއިޑް އުފެދުމަކީ ކޮބާ؟
* ފައިބްރޮއިޑް އުފެދެނީ ކީއްވެ؟
* ފައިބްރޮއިޑް ހުރިތޯ ބަލައި ދެނެގަންނާނީ ކިހިނެއް؟
ފައިބްރޮއިޑަކީ ރަހިމުގެ މަސްގަޑުގައި އުފެދޭ ޓިއުމަރގެ ވައްތަރެކެވެ. ރަހިމުގައި އުފެދޭ ފައިބްރޮއިޑަށް މަޔޯމާ އަދި ލިއޯމަޔޮމާވެސް ކިޔައެވެ. މިއުފެދި ބޮޑުވަނީ ރަހިމުގެ މަސްގަޑުގެތެރޭގައި ނުވަތަ ދެފުރާތުގައެވެ. މީގެ ބޮޑުމިން ތަފާތު މިންވަރަށް ހުރެއެވެ. ކުޑަ ފަސްއޮށެއްވަރުގެ ފައިބްރޮއިޑް ހުންނައިރު ބަރަބޮލެއްވަރު ފައިބްރޮއިޑްވެސް ހުރެއެވެ. ކިތައްމެ ބޮޑުވިޔަސް މިވައްތަރު ޓިއުމަރ ކެންސަރަކަށް ބަދަލެއް ނުވާނެއެވެ.
ފައިބްރޮއިޑް ވަކިވަރަކަށް ވުރެ ބޮޑުވެއްޖެ ނަމަ ރަހިމު އެއްފަރާތަކަސް ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ވަށައިގެންވާ އެތެރެހަށީގެ ގުނަވަންތަކަށް ބާރު ބޮޑުވެއެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އުދަގޫތަކާއި ކުރިމަތި ވެއެވެ. އޭގެތެރޭގައި މަސާނާއަށް ފިތި ބާރު ބޮޑުވުމުން އަވަސްއަވަހަށް ކުޑަކަމުދާން ޖެހެއެވެ. ހިމަގޮހޮރަށް ފިތި ބާރު ބޮޑުވުމުން ބޮޑުކަމުދާން އުދަގޫވެ ދައްބަނޑުގައި ރިއްސާގޮތް ވެއެވެ. އަދި މައްސަރު ކަންތަކުގެ ދުވަސްވަރު ގިނައިން ލޭފައިބާގޮތް ވެއެވެ. މީގެ އިތުރުން ބަލިވެއިނދެއްޖެނަމަ ވިހަން އުދަގޫވެ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ޖެހިދެއެވެ.
ފައިބްރޮއިޑް އުފެދޭ ހަގީގީ ސަބަބެއް ނޭގެއެވެ. ނަމަވެސް ހަށިގަނޑުގައި ހުންނަ އަންހެން ހޯމޯން އީސްޓްރޯޖިންގެ މިންވަރު މައްޗަށް ދިއުމަކީ ފައިބްރޮއިޑް ޖެހުމުގެ ފިރުޞަތު އިތުރުވާ ސަބަބެކެވެ. އަދި ފައިބްރޮއިޑް ބޮޑުވަމުންދާ ބާރުމިންވެސް އަވަސްވެއެވެ. މިސާލަކަށް ބަލިވެއިދެ އީސްޓްރޯޖިން ހޯމޯން މައްޗަށްދާން ފެށުމުން ފައިބްރޮއިޑް ބޮޑުވާލެއް އަވަސްވެއެވެ. އަދި އިއްދައިންކެޑި މިހޯމޯން ދަށަށް ދިއުމުން ފައިބްރޮއިޑް ކުޑަވެ ކަމީނާވެއެވެ. އަދި އެއްކޮށް ނެތިދިޔުމަކީވެސް ވާކަމެކެވެ.
ބަލިވެއިންނަ އުމުރުގެ %25 މީހުންގެ ރަހިމުގައި ފައިބްރޮއިޑް ހުރެއެވެ. ފައިބްރޮއިޑް އެންމެ ގިނައިން ހުންނަނީ 35 އަހަރާއި 50 އަހަރާ ދެމެދުގެ އަނހެނުންގެ ރަހިމުގައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެއްކުއްޖަކަށްވުރެ ގިނަކުދިން ވިހާ މައިންގެ ރަހިމުގައި ފައިބްރޮއިޑް އުފެދުމަކީ ވަރަށް ނުވާކަމެކެވެ.
ރަހިމުގައި ފައިބްރޮއިޑް ހުންނަ ގިނަ މީހުންނަށް އެއްވެސް އުދަގުލެއް އަލާމާތެއް ނުފެނެއެވެ. ނަމަވެސް ބައެއް އަންހެނުންނަށް ތިރީގައިވާ އަލާމާތް ތަކުން އަލާމާތެއް ނުވަތަ އަލާމާތް ތަކެން ފެނިދާނެއެވެ.
- މައްސަރު ކަނތައް ދިމާވާއިރު ދަތުވުން.
- މައްސަރުކަންތައް ދިމާވާއިރު ގިނައެިން ލޭފޭބުން. (މިކަމުގެ ސަބަބުން ލޭދައްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
- އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން ނުވަތަ ކުޑަކަމުދާއިރު އުދަގޫވުން.
- ދައްބަނޑަށް ބާރުބޮޑުވެ ރިއްސުން.
- ބުރަކަށީގައި ރިއްސުން.
- ބޮޑުކަމުދާން އުދަގޫވުން.
- ބަލިވެއިނުން ލަސްވުން.
ފައިބްރޮއިޑް ހުރިތޯ ބަލައި ދެނެގަންނާނީ ކިހިނެއް؟
ގިނަފަހަރަށް ރަހިމުގައި ފައިބްރޮއިޑް ހުރިކަން އެނގެނީ ޑޮކުޓަރަށް ދެއްކުމުން ޑޮކްޓަރު ދަށްބަނޑު ބެލުމުންނެވެ. ޑޮކުޓަރު ފައިބްރޮއިޑް ހުރިކަމަށް ޝައްކު ކުރާނީ ދައްބަނޑު ބަލާއިރު ރަހިމުގެ ސިފައަށް ބަދަލުއައިސް ގޮށްގޮށް ލައިފައި ހުންނަ ނަމައެވެ. މިގޮތަށް ހުރެއްޖެ ނަމަ ސްކޭން ކޮށްގެން އެއީ ފައިބްރޮއިޑެއްތޯ ބަލަންޖެހޭނެއެވެ. އަދި އެއީ އޯވަރީގެ ޓިއުމަރއެއް ނޫންކަން ޔަގީން ކުރަން ޖެހޭނެއެވެ.
މިއީ ގިނަފަހަރަށް ފަރުވާ ކުރަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ރަހިމުގައި ފައިބްރޮއިޑް ހުންނަނަމަ ތިރީގައި އެވާ ކަންތައްތަކަށް ބަލަން ޖެހޭނެއެވެ.
- މައްސަރުކަންތައް ދިމާވާއިރު ލޭފައިބާވަރާއި ތަދުވާވަރު.
- ފައިބްރޮއިޑް ބޮޑުވަމުންދާ އަވަސްމިން.
- އުމުރު (އެއީ އިއްދައިން ކެޑުމަށްފަހު ފައިބްރޮއިޑް ކުޑަވެ ކަމީނާ ވަމުންދެއެވެ.)
- ބަލިވެއިންނަން ބޭނުންތޯ ނުވަތަ ނޫންތޯ (އެއީ ފައިބްރޮއިޑަކީ ކުޑަކޮށް ނަމަވެސް ބަލިވެއިނުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އެހެނަސް ފައިބްރޮއިޑަށް ކުރާ ބައެއް ފަރުވާއަށް ފަހު ދަރިން އެއްގޮތަކަށްވެސް ނުލިބޭނެއެވެ.)
އިސްވެދިޔަ ކަންތައްތަކަށް ބެލުމަށްފަހު ފަރުވާ ކުރަންޖެހޭނަމަ ފަރުވާދެވޭ ދެގޮތެއް އޮވެއެވެ. އެއީ:-
1- އޮޕަރޭޝަން ކޮށްގެން ފައިބްރޮއިޑް ނެގުން.
މިގޮތަށް ފަރުވާ ކުރުމުން ލިބޭ ފައިދާއަކީ ރަހިމު ސަލާމަތުން ބެހެއްތުމާއެކު ބަލިވެއިނުމުގެ ފުރުޞަތު އޮތުމެވެ. ނަމަވެސް ދެވަނަފަހަރަށް ފައިބްރޮއިޑް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.
2- އޮޕަރޭޝަން ކޮށްގެން ރަހިމު ނެގުން.
މިގޮތަށް ފަރުވާ ކުރުމުން ބަލިވެއިނުމުގެ ފުރުޞަތު އެއްކޮށް ގެއްލުނީއެވެ. ނަމަވެސް މިފަދަ އޮޕަރޭޝަނެއްގެ ފައިދާއަކީ ދެން އިތުރު ފައިބްރޮއިޑެއް ނުއުފެދޭނެއެވެ.
އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ހަށިގަނޑުން އަންހެން ހޯމޯން މަދުކުރުމަށް ބޭސް ކެއުމަކީވެސް ފައިބްރޮއިޑް ކުޑަވެ ކަމީނާވާ ކެމެކެވެ. މީގެއިތުރުން ފައިބްރޮއިޑަށް ލޭގެންގޮސްދޭ ލޭހޮޅިތައް ބަންދުކޮށްގެން ފައިބްރޮއިޑް ކަމީނާ ކުރުމަކީވެސް ދެވޭ ފަރުވާއެކެވެ. ނަމަވެސް ފައިބްރޮއިޑަށް އެންމެ ރަނގަޅު ފަރުވާއަކީ ރަހިމު ނެގުމެވެ. އެއީ އޮޕަރޭޝަން ކޮށްގެން ހަމައެކަނި ފައިބްރޮއިޑު ނެގިކަމުގައިވީ ނަމަވެސް މިފަދަމީހުންގެ ރަހިމުގައި އިތުރު ފައިބްރޮއިޑް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.