ހުކުރު20201127

އާކުރެވުނީ: 08:43:52

ޖިންސުއްލަތީފުންނަށް ދެތިން ނަޞޭހަތެއް!

jinsulatheef-nasehai(1) ފަރުޖު ނުވަތަ ނުވަތަ އަންހެނާގެ ކުރިމަތީ ފަރާތް ބޮޑުކަމުގޮސްނިމިގެން ސާފުކުރާއިރު ކުރިމަތިން ފަހަތަށް ވާގޮތަށް ނުވަތަ މަތިން ތިރިއަށްވާގޮތަށް އަތްގެންގޮސްގެން ސާފުކުރާށެވެ. ފެނުން ނުވަތަ ޓިޝޫ ފަދަ އެއްޗަކުން ސާފުކުރިނަމަވެސް މިބީދައިން އަމަލު ކުރާށެވެ. މިބީދައިން ސާފުކުރުމުން ފުރަގަސްފަރާތުން ކުރިމަތީފަރާތަށް އެކި އެކި ޖަރާސީމްތައް ވާސިލްވުން ކުޑަކޮށްދެއެވެ.

(2) ވީވަރަކުން ބްރޯޑްސްޕެކްޓްރަމް އެންޓިބަޔޮޓިކް ބޭނުންކުރުން މަދުކުރާށެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ވެޖައިނާގައި އެކުލެވޭ ހަށިގަނޑަށްފައިދާހުރި ބެކްޓީރިއާތައް މަރުވެގެން ދެއެވެ. މިބުނި ބެކްޓީރިއާ ތަކަކީ ހަށިގަނޑަށް ގެއްލުންހުރި ބެކްޓީރިއާ އަށް ހަމަލާދީ ނެތިކޮށްލުމުގައި އެހީތެރިވެދޭ ބެކްޓީރިއާ ތަކެކެވެ. އެހެންކަމުން އެބެކްޓީރިއާތައް މަދުވެއްޖެ ހާލަތެއްގައި ވެޖައިނާގައި އިންފެކްޝަން އުފެދުމުގެ މަގުފަހިވެގެން ދެއެވެ.

(3) ފެންވަރާއިރު އެދެވިގެންވަނީ ބިލިގާއަށް އެރިގެން ފެންވެރުމުގެ ބަދަލުގައި މާގަނޑު ބޭނުންކޮށްގެން ފެންވެރުމެވެ. އެއީ ބިލިގާއަށް ފެންފުރައިގެން ފެންވަރާއިރު ބޭނުންކުރެވޭ ދިޔާ ސާބޯނި، އަދި ޝޭމްޕޫ ފަދަ ބާވަތްތަކުގައި އެކުލެވޭ އެކިއެކި ކެމިކަލްތަކުގެ ސަބަބުން ކުރިމަތިފަރާތުގައި ހިރުވައި، ފާރުވުމަށް މަގުފަހި ކުރުވާތީއެވެ.

(4) ކުރިމަތި ފަރާތް ސާފުކުރުމަށް ތަފާތު ކެމިކަލްތައް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުގެ ބަދަލުގައި ޓިޝޫ ނުވަތަ ހަމައެކަނި ތާފަނާ ފެން ފަދަ އެއްޗެއް ބޭނުންކުރާށެވެ.

(5) ގަޔަށް ނުވަތަ އުނަގަނޑަށް ބާރުކޮށް ހުންނަ ޖީންސް، ބެލްސް، މެކްސީ، ނުވަތަ ހަރުވާޅު ފަދަ ތަކެތި ބޭނުންނުކުރާށެވެ. މިފަދަ ތަކެތި ބޭނުންކުރުމުން ކުރިމަތިފަރާތް އެކުލެވޭ ހިސާބުގެ ހޫނުމިންމަތިވެ، ދާހިއްލައި، އަދި އެހިސާބުގެ ވައިބަދަލުވުމަށް ހުރަސްއެޅެއެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބުގައި އިންފްލެމޭޝަން އުފެދޭގޮތް ވެއެވެ. ހެދުން އެޅުމުގައި އެންމެ ރަގަޅީ ގަޔަށް ދޫކޮށް ހުންނަ ކޮޓަނުން ފަހާފައި ހުންނަ ހަރުވާޅު ނުވަތަ ބެލްސް ފަދަ ތަކެތި ބޭނުންކުރުމެވެ.

(6) ޖިންސީގުޅުން ހިންގަން ފަށަންވާނީ ފަރުޖުން ތެތް ނުވަތަ އޮލަދިޔައެއް ބޭރުވާން ފެށުމުންނެވެ. އެހެނީ ފަރުޖުގައި ތެތްކަމެއް ނެތް ހާލުގައި ޖިންސީގުޅުން ހިންގުމުން އަންހެނާއަށް ވޭންލިބި، ފަރުޖު ހިމެނޭ ހިސާބުގައި އިންފްލެމޭޝަން އުފެދުމަށް މަގުފަހިވެއެވެ. ޖިންސީގުޅުން ހިންގަންފެށުމުގެ ބައެއް ހާލަތްތަކުގައި ބޭބީ އޮއިލްފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.

(7) ޖިންސީގުޅުން ހިންގައި ނިމުމަށްފަހު 15ވަރަށް މިނިޓްތެރޭގައި ކުރިމަތިފަރާތް ތާފަނާފެނުން ސާފުކުރާށެވެ. ހަމަމިހެން ކުޑަކަމުދިއުމަކީ ވެސް އެދެވިގެންވާ ކަމެކެވެ. މިކަންކަމަކީ އިންފެކްޝަން އުފެދުމުން ދުރުކޮށްދޭނޭ ކަންކަމެވެ.

(8) ދޭތެރެދުރުކުރުމަށް ބޭނުންކުރެވޭ ބައެއް ކަހަލަ ވަސީލަތްތަކުގެ ސަބަބުން ވެސް އިންފެކްޝަން އުފެދޭ ކަމަށް ބައެއް ދިރާސާތަކުން ސާބިތުވެފައި ވެއެވެ. މިފަދަ ތަކެތި ބޭނުންކުރާ މުއްދަތުގެ ތެރޭގައި ތަރުކާރުކޮށް އެއްކަމެއް ( މިސާލަކަށް ކުރިމަތި ފަރާތުން ލޭ ނުވަތަ ދޮސްފަދަ އެއްޗެއް އައުން) ކުރިމަތިވާނަމަ ޑޮކްޓަރާއި މަޝްވަރާކޮށްގެން ފަރުވާ ހޯދުމަކީ އެދެވިގެންވާ ކަމެކެވެ.

(9) ގޭގައި އުޅޭ އެހެން މީހުން ބޭނުންކުރާ ތުވާލި ފަދަ ތަކެތި ބޭނުން ނުކުރާށެވެ. މީހަކު ފާޚާނާކޮށް ނިމުނު ތަނާހެން ފާޚާނާ ކުރަން ޖެހިއްޖެ ނަމަ ޓިޝޫ ނުވަތަ ފޮތިކޮޅެއް ފާޚާނާ ތަށިމަތީގައި އިށީދެއިންނަ ހިސާބުގައި އަޅާށެވެ. މިފަދަ ކަންކަމަކީ އިންފެކްޝަނަށް ހުށަހެޅުމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމެވެ.

(10) ހުއްދަނޫންގޮތެއްގައި ޖިންސީ ގުޅުން ހިންގުން ފަދަ ކަންތަކުން މަނާވެގަންނާށެވެ. އެހެނީ ޖިންސީގުޅުން ހިންގުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ އެންމެ ބޮޑު އެއްސަބަބީ މިއީ އެވެ.

(11) ޖިންސީގުޅުން ހިންގުމަށް ފުރަގަސް ފަރާތް ބޭނުންކުރުމަކީ ހަރާމްކަމެކެވެ. ޞިއްޙީގޮތުން ވެސް މިއީ އެދެވިގެންވާ ކަމެއްނޫނެވެ. އެއީ މިގޮތަށް ގުޅުން ހިންގުމުން ބައެއް ފަހަރު ދެދޮރު އެއްވާގޮތްވެ، ފުރަގަސް ފަރާތުން ކުރިމަތި ފަރާތަށް ޖަރާސީމްތައް ވާސިލްވެ، އިންފެކްޝަން އަށަގަންނަގޮތް ވެއެވެ.

(12) ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާ ބޭނުންކުރުމަށް އަބަދުވެސް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭށެވެ. ތަފާތު ވައްތަރުގެ މައުދަންތަކާއި، ވިޓަމިން ޚާއްޞަކޮށް ވިޓަމިން ސީ އަދި ވިޓަމިން ބީ ފަދަ މާއްދާތައް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ތަފާތު ބަލިތަކުން ހަށިގަނޑު ދިފާޢުކުރުމުގައި ލިބޭ ބާރެކެވެ.

(13) ސާފުތާހިރު ކަންމަތީ ދެމިހުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ކޮންމެ ދުވަހަކު ރަގަޅަށް ފެންވަރައި ސާފުވުމާއި، ފާޚާނާ ކުރާ ކޮންމެ ފަހަރަކު ކުރިމަތިފަރާތް ހިމެނޭ ހިސާބު ރަގަޅަށް ސާފުކުރާށެވެ. މައްސަރުގެ ދުވަސްވަރު ބޭނުންކުރާ ޕެޑް މާގިނައިރު ނުކޮށް ބަދަލުކުރާށެވެ. އަދި ބޭނުންކުރާ ޖަގިޔާ ފަދަ އަންނައުނު މަދުވެގެން ދުވާލަކު 1ފަހަރު ބަދަލުކުރާށެވެ.

(14) ކުރިމަތި ފަރާތުން ދިޔަ ބޭރުވުމަކީ ތަބީއީ ކަމެކެވެ. ކުރިމަތިފަރާތުގައި ހުންނަ މަޑުތެތްކަން ފިލައި ދިއުމަކީ އިއްދައިން ކެޑުމަށްފަހު ތަބީއީ ކަމެކެވެ. އެއީ މިބުނި އުމުރަށް އެޅުމުން ހަށިގަނޑުގައި ހިމެނޭ ޖިންސީ ހޯރމޯންތަކުގެ މިންވަރު ދަށްވާތީއެވެ. މިއުމުރުގެ ކުރިން ކުރިމަތި ފަރާތުގެ ތެތްކަން ފިލައި ހިކޭގޮތް ވެއްޖެނަމަ އެކަން ގުޅިފައިވަނީ ކޮންމެވެސް އެހެން ސަބަބަކާއި އެވެ. މިސާލަކަށް ފެންވަރައި ސާފުވުމުގެ ތެރޭގައި ކުރިމަތިފަރާތް ތަފާތު ކެމިކަލްތައް އެކުލެވޭ މާއްދާއަކަށް ހުށަހެޅުން ނުވަތަ އެލާރޖީއާއި ގުޅިގެން ދެވޭ އެންޓިހިސްޓަމިން ފަދަ ބޭސްތަކުގެ ސަބަބުން ވެސް މިބުނި ގޮތަށް ހިކޭގޮތް މެދުވެރިދާނެއެވެ. ކުރިމަތި ފަރާތުގެ ތެތްކަން ފިލައި ހިކިވެފައި ހުރުމަކީ އެހިސާބުގައި އިންފްލެމޭޝަން އުފެދުމުގައި އެހީތެރިވެދޭ ކަމެކެވެ.

(15) ކުރިމަތިފަރާތުން ދިޔަ މާގިނައިން ބޭރުވުން، ދޮސް ނުވަތަ ލޭފަދަ އެއްޗެއް އައުން، އަދި ބޭރުވި ދިޔައިގެ ވަސް ނުވަތަ ކުލަޔަށް ބަދަލު އައިކަން ފާހަގަވެއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެން އަވަހަށް އެކަމަށް ފަރުވާ ލިބިގަންނާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.