އަނަރޫފަ ވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ނޫނެކެވެ. ކޮންމެހެން މިހެންވުން ލާޒިމެއް ނޫނެވެ. އާއްމުގޮތެއްގައި ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުންދާނަމަ އަނަރޫފަ ވުމަކުން ނުވަތަ ހަށިގަނޑުގައި ސަރުބީ މަދުވުމަކުން ބިސް ބޭރުވުމަކަށް ހުރަހެއް ނާޅާނެއެވެ. ވުމާއެކު ބަލިވެއިނުމަށްވެސް އާއްމުގޮތެއްގައި އުދަގުލަކާއި ދިމާލެއް ނުވާނެއެވެ.
ގަވައިދުން ބިސް ބޭރުވުމަށްތަކައި ފުރާވަރު އަންހެނެއްގެ ގައިގާ ހަށިގަނޑުގެ ނިސްބަތުން 17% ސަރުބީ ހުންނަން ޖެހޭނެއެވެ. ވުމާއެކު މިއަށްވުރެ ސަރުބީ މަދުވުމަކީ ބިސް ފުރިހަމަވެ ބިސްރަވައިން ބޭރުވުމުގައި އުދަގޫތަކަކީ ކުރިމަތި ވާކަމެކެވެ. ވީމާ ވަރުބަލިވާ ކަހަލަ ކުޅިވަރުތައް ކުޅޭ މީހުންނާއި ހަށިގަނޑުން ހިކި މީހުންނަށް ގަވައިދުން ބިސް ބޭރުވަމުން ނުދިއުމަކީ ވަރަށް ގާތްކަމެކެވެ. ހަށިގަނޑުގައި މާބޮޑަށް ސަރުބީ މަދުވުމަކީ ސިކުޑީގައި އުފައްދާ ހޯމޯންތައް ތިރިއަށް ދިއުމަށް ހުރަސްއަޅާ ކަމެކެވެ. ބިސްރަވައިގާ ހުންނަ ބިސްތައް ބޭރުވަނީ މިހޯމޯންތައް މިހިސާބަށް ދިއުމުން މީގެ އަސަރުންނެވެ. ވީމާ ބިސްރަވައިގާ އެކަށީގެންވާ ވަރަށް ބިސް ހުއްޓަސް ހަށިގަނޑުގައި ސަރުބީ މަދުވުމަކީ މިބިސްތައް ބޭރުވެ ބަލިވެއިނުމަށް ތައްޔާރު ވުމަށް ހުރަސް އަޅާ ކަމެކެވެ.
ހަށިގަނޑުން ލުއި މީހަކު ގަވައިދުން މައްސަރުކަންތައް ދިމާވަމުން ނުދާނަމަ އާއްމުގޮތެއްގައި ދޭހަކޮށްދެނީ ހަށިގަނޑުން އަންދާ ހަކަތަ ގިނަވެ ކާނާ ހަށިގަނޑަށް ބޭނުންވާ ވަރަށް ލިބެމުން ނުދާކަމެކެވެ. ވީމާ މިފަދަ ހާލަތުގައި އަރާމު ކުރުން ގިނަކޮށް ކެއުން އިތުރު ކުރާށެވެ. މިގޮތުން ހަށިގަނޑުގެ ސަރުބީ ހުންނަވަރުވެސް އެކަށީގެންވާ ވަރަށް ގެންނާށެވެ. ހަށީގަނޑުގެ ބަރުދަން އިސްކޮޅުގެ ނިސްބަތުން ހުންނަން ޖެހޭވަރަށް އެރުމަށްފަހު އަދި ސަރުބީ ނިސްބަތުން ހުންނަންޖެހޭ ވަރަށް އިތުރު ވުމަށްފަހު އާއްމުގޮތެއްގައި ޠަބީއީކޮށް މައްސަރުކަންތައް އިންތިޒާމު ވާނެއެވެ.
ހަށިގަނޑުގެ ބަރުދަން ރަނގަޅުވެ ސަރުބީ ހުންނަން ޖެހޭ ވަރަށް އިތުރުވުމަށްފަހުވެސް މައްސަރުކަންތައް އިންތިޒާމު ނުވާނަމަ ޑޮކުޓަރަކަށް ދައްކައިގެން ފަރުވާ ހޯދާށެވެ. އާއްމުގޮތެއްގައި މިފަދަ ހާލަތުގައި އިތުރު އެހެން މައްސަލައެއް ހުރުމަކީ ވަރަށް ގާތްކަމެކެވެ.
މައްސަރުކަންތައް ބަރާބަރަށް ވަމުންދިޔަޔަސް ބަލިވެއިނުމުގެ ކުރިން ހަށިގަނޑުގެ ބަރުދަން ރަނގަޅުކުރަން ޖެހޭނެއެވެ. އެއީ ބަލިވެއިންނައިރު ހަށިގަނޑުން ލުއި މީހުން ނުވަތަ އަނަރޫފަ މީހުންނަށް ލިބޭ ކުދިން އުފަންވާ އިރު ހުންނަންޖެހޭ ބަރުދަން އާއްމުގިތެއްގައި ނުހުންނާނެއެވެ. ވުމާއެކު ބަލިވެއިނުމުގެ ކުރިން ބަރުދަން ރަނގަޅު ކުރާށެވެ. އަދި ބަރުދަން ރަނގަޅު ނުކުރަނިސް ބަލިވެއިދެއްޖެ ނަމަ ވީއެންމެ އަވަހަކަށް ޑޮކުޓަރުގެ ލަފަޔާއި އެކު ބަރުދަން ހުންނަން ޖެހޭ ވަރަށް ގެނެވޭތޯ ބަލާށެވެ.