ހޮނިހިރު20201128

އާކުރެވުނީ: 08:43:52

މުރާކި

muraaki-1މުރާކި އަކީ ހުތް ފޮނި ރަހައެއްލާ ކުޑަ ފަސް އޮށެއްގެ ސައިޒެއް އޮންނަ، މޭވާ އެކެވެ. މިއީ އާންމުކޮށް ރަށްރަށުގެ ޖަންގަލި ތެރޭގައި ހެދޭ ގަހެކެވެ. މިއީ ވެސް ކެއުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ބޭރު ގައުމުތަކުގައި ޖޭމް ފަދަ ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރުމަށް ވެސް މުރާކި ބޭނުންކުރާ ކަމަށް ވެއެވެ. ދަނޑު ގޮވާންކުރާ އުޞޫލުން ދިވެހިރާއްޖޭގައި މުރާކި ހައްދައެއް ނޫޅެއެވެ.

ދިވެހި ނަން : މުރާކި
އިގިރޭސި ނަން : Cape Gooseberry
ޢިލްމީ ނަން : Physalis Peruviana

މުރާކިން ލިބޭ ޞިއްޙީ ފައިދާތައް

· މުރާތްކަކީ ވިޓަމިން އޭ، ވިޓަމިން ބީގެ ބާވަތްތައް (ޚާއްޞަކޮށް ތިއެމިން، ރައިބޯފްލެވިން، އަދި ނިއެސިން) ، އަދި ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. ނާރިނގަށްވުރެ ނިސްބަތުން ވިޓަމިން ސީ މުރާކީގައި ގިނައެވެ. މީގެ އިތުރުން ޑައެޓްރީ ފައިބަރު ވެސް މުރާކީގައި ހުރެއެވެ. ދޮން މުރާކީގައި ބީޓާ ކެރޮޓީން ހުންނަ މިންވަރު މަތިކަމަށް ވެއެވެ.

· މުރާކީގައި ކެލްސިއަމް، އަދި ފޮސްފަރަސް ހުރެއެވެ. ފޮސްފަރަސް އަކީ ކެއުމުގެ ތެރެއިން ހަށިގަނޑަށް ވަންނަ ކާތަކެތި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ މާއްދާ އެކެވެ. މީގެ އިތުރުން ކެލްސިއަމް އާއި، މެގްނީޒިއަމް އާއި ގުޅިގެން ދަތްތަކާއި، ކަށިތައް ބިނާކޮށް ވަރުގަދަ ކުރުމުގައި ފޮސްފަރަސް ބައިވެރި ވެއެވެ.

· މުރާކީގައި ބަޔޯފްލޭވޮނޮއިޑް އެއް ކަމުގައިވާ "ވިޓަމިން ޕީ"(Vitamin P) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުންނަ މާއްދާ އެކެވެ. އަދި މިއީ ލޭދިޔާކުރުމަށް ބޭނުންކުރެވިދާނެ ގުދުރަތީ މާއްދާ އެކެވެ. އަދި މިއީ ހޯދިފައިވާ ގޮތުން ލޭސާފުކޮށްދިނުމުގެ ބާރު އެކުލެވިގެންވާ މާއްދާ އެކެވެ.މީގެ އިތުރުން މުރާކީގައި "ޕެކްޓިން"(Pectin) ވެސް ހުރެއެވެ. އަދި ޕްރޮޓީން ވެސް ގިނަ އަދަދަކަށް ހުރެއެވެ.

· އިންޑިޔާގެ ސައިންސްވެރިން ވަނީ މުރާކި ފަތުން ސްޓީރޮއިޑްގެ މާއްދާއެއް ކަމަށްވާ "ފައިސަލޯލެކްޓޯން ސީ"(Physalolactone C) ކިޔާ މާއްދާއެއް ހޯދާފައެވެ.

· މުރާކީގައި ތަފާތު އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ހުންނަ އެންޓި އޮކްސިޑެންޓް ތަކުގެ ތެރޭގައި ކެރޮޓިނޮއިޑް އަދި ޕޮލީފީނޯލް ތައް ހިމެނެއެވެ. ބްރެޒިލްގައި ވަރަށް ފަހުން ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި، މުރާކި އަކީ "ކެރޮޓިނޮއިޑް"(Carotenoids) އެކުލެވޭ ރަގަޅު މަޞްދަރެކެވެ. މިއީ ކެންސަރުގެ ބާވަތްތަކުންނާއި، ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގައި އެހީތެރިވެދާނެ މާއްދާ އެއްކަމަށް ބެލެވެއެވެ.

muraaki-2· ކުރީ ޒަމާނުގައި ކެންސަރު، މެލޭރިޔާ، ނޭވާހިއްލުން، ރާއްޖެބަލި، ހަމުގެ މައްސަލަތައް، އަދި ފުރަމޭ ދުޅަވުން ފަދަ މައްސަލަތަކަށް، ފަރުވާކުރުމަށް މުރާކި ބޭނުންކޮށްފައި ވެއެވެ. ނަމަވެސް ސައިންސްގެ ހެކިތަކުން މިކަން އަދި ސާބިތުކުރެވިފައެއް ނުވެއެވެ. އަދި ކުރިން ވާހަކަ ދެއްކުން ލަސްވާކުދިންނަށް ވެސް މުރާކި ދީއުޅުނުކަމަށް ވެއެވެ.

· މުރާކި އަކީ ތެލާއި ސަރުބީ މަދު، ސޯޑިއަމް އެއްގޮތަކަށް ވެސް ނުހުންނަ މޭވާ އަކަށްވުމުން މިއީ ހަށިގަނޑަށް ފައިދާހުރި މޭވާއެއްގެ ގޮތުގައި އަބަދު ވެސް ބެލެވެއެވެ.

· އިންވިޓްރޯ ގައި ކޮށްފައިވާ ބައެއް ތަޖުރިބާތަކުން މިއީ ހަކުރު ބައްޔާއި، ލޭމައްޗަށްދިއުމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޚާއްޞިއްޔަތު ލިބިފައިވާ މޭވާއެއްކަން ހޯދިފައި ވެއެވެ.

· މުރާކި ގަހާ ގުޅޭ ދިރާސާތަކުން އެގަހުން "ވިތެނޮލައިޑްސް"(withanolides) ހޯދިފައި ވެއެވެ. މިއީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުންނަ މާއްދާ އެކެވެ.

· މީދާ ބޭނުންކޮށްގެން ހެދި ދިރާސާއަކުން ފުރަމޭގެ ކެންސަރާއި ދެކޮޅަށް މަސައްކަތްކޮށްފާނެ ކަމުގެ އަސަރެއް ފެނިފައި ވެއެވެ.

· މުރާކި ގަހާ ގުޅޭ ދިރާސާތަކުން އެގަހުން "މިލެޓޯނިން"(Melatonin) ފެނިފައި ވެއެވެ. މިލެޓޯނިން ބޭނުންކުރުމަކީ ފަހަރުގައި އުމުރުން ދުވަސްވުމުން ދިމާވާ ބައެއް މައްސަލަތަކަށް ލުއިކަން ލިއްބައިދީފާނެ ކަމެއްކަމަށް ބެލެވެއެވެ.

· އެހެނިހެން ބައެއް ފައިދާތައް:-

o ގުރުދާގެ ތެރެއިން "އަލްބުމިން"(Albumin) ހަށިގަނޑުން ބޭރުކުރުން

o ލޮލުގެ މައިނާރު މަރާމާތުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން

o ކަރުތެރެ، އަދި ޕްރޮސްޓޭޓް ގްލޭންޑްގެ މައްސަލަތަކަށް ފަރުވާކުރުމުގައި އެހީތެރިވުން

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.