އާދީއްތަ20180909

އާކުރެވުނީ: 08:43:52

ފޮނިކެކުރި (މެލަން)

foni-kekuriފޮނިކެކުރި ނުވަތަ މެލަން އަކީ ބޮޑުކެކުރި ނުވަތަ ކިއުކަމްބާ އާއިލާއަށް ނިސްބަތްވާ މޭވާ އެކެވެ. މަޑު ފޮނިރަހައެއް ހުންނަ، ފޮނިކެކުރިއަކީ، މޭވާއެއްގެ ގޮތުގަޔާއި، ފަނި ގިރައިގެން، އަދި ވެސް ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްގެން ބޭނުންކޮށްއުޅޭ މޭވާއެކެވެ. ފޮނިކެކުރީގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ފޮނިކެކުރި އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ކާނާގެ މާއްދާތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ދިވެހި ނަން : ފޮނިކެކުރި (މެލަން)
އިގިރޭސި ނަން : Cantaloupe / Melon
ޢިލްމީ ނަން : Cucumis Melo

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
1 މިލިގްރާމް ސޯޑިއަމް 34 ކިލޯކެލަރީ ހަކަތަ
267 މިލިގްރާމް ޕޮޓޭސިއަމް 8.6 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.84 ގްރާމް ޕްރޮޓީން
9 މިލިގްރާމް ކެލްސިއަމް 0.19 ގްރާމް ފެޓް
41 މައިކްރޯ ގްރާމް ކޮޕަރ 0.9 ގްރާމް ފައިބަރު
0.21 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
12 މިލިގްރާމް މެގްނީޒިއަމް 21 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.041 މިލިގްރާމް މެންގަނީޒް 0.734 މިލިގްރާމް ނިއެސިން
- ފޮސްފަރަސް 0.105 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.072 މިލިގްރާމް ޕައިރިޑޮކްސިން
0.18 މިލިގްރާމް ޒިންކް 0.026 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.017 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 3382 އައިޔޫ ވިޓަމިން އޭ
2020 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 36.7 މިލިގްރާމް ވިޓަމިން ސީ
1 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.05 މިލިގްރާމް ވިޓަމިން އީ
26 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 2.5 މައިކްރޯ ގްރާމް ވިޓަމިން ކޭ
- ލައިކޯޕީން

ފޮނިކެކުރިން ލިބޭ ޞިއްޙީ ފައިދާތައް

• ވިޓަމިން ސީ ގިނައިން ހުރުން : ފޮނިކެކުރީގައި ޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-

o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.

• ލޮލުގެ ދުޅަހެޔޮކަން : ފޮނިކެކުރި އަކީ ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން އިން މުއްސަދި މޭވާ އެކެވެ. މިއީ ލޮލުގެ ފެނުމާއި، ލޮލުގެ މަސައްކަތްތައް ދުޅަހެޔޮކަމާއެކު ބެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. ބީޓާ ކެރޮޓީން ވެސް ހަށިގަނޑަށް ނެގުމުން ވިޓަމިން އޭ އަށް ބަދަލުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުގެ ޒުވާން ދުވަސްވަރު ފޮނިކެކުރި ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޯފުސްވުމާއި ލޮލަށް ނުފެނުމުގެ މައްސަލަ އިން ދުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން އޭ އެންމެ ގިނައިން ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފޮނިކެކުރި ހިމެނެއެވެ.

- ފޮނިކެކުރި އާއި އަދި ވެސް އެހެނިހެން ތަރުކާރީއާއި މޭވާގައި ހިމެނޭ "ޒިއެޒެންތިން"(Zeaxanthin)، އަކީ ޑައެޓްރީ ކެރޮޓިނޮއިޑް އެކެވެ. މިމާއްދާ ކާނާގެތެރެއިން ލެޔަށް ވާޞިލްވެ، އޭގެ ފަހުން ލޮލުގެ އަލިދުލީ(Retina) ގެ "މެކިޔުލާ ލުޓިއާ"(Macular Lutea) އަށް ވާޞިލްވެ، އެތަނުގައި އެންޓި އޮކްސިޑެންޓެއްގެ ހައިސިއްޔަތުން ލޮަލަށް އެޅޭ އަލި ފުރޭނުމުގެ މަސައްކަތުގައި ރައްކާތެރިކަން ލޮލަށް ހޯދައި ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވުމުން ދިމާވާ ލޮލަށް ނުފެނުމުގެ މައްސަލަ(Age-related macular degeneration) އިން ރައްކާތެރިކަން ހޯދައިދެއެވެ.

• ދިފާޢީބާރު ރަގަޅުކުރުން : ފޮނިކެކުރި އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައް ކަމުގައިވާ ލޭގެ ހުދުސެލްތަކުގެ މަސައްކަތަށް ބާރުއަޅައި، ވާގިވެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓަކަށް ވުމުން، ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށް ދެއެވެ. އަދި އެކަމުގެ ސަބަބުން މުސްކުޅިވުން ލަސްކުރުވައެވެ.

• ފުއްޕާމޭގެ ދުޅަހެޔޮކަން : ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންވެފައިވާ ފަރާތްތައް ބޭނުންކުރުމަށް ފޮނިކެކުރި އަކީ ވަރަށް ރަގަޅު މޭވާ އެކެވެ. އެއީ ފޮނިކެކުރީގައި ހިމެނޭ ވިޓަމިން އޭގެ މަތީ މިންވަރުގެ ސަބަބުންނެވެ. ފޮނިކެކުރި ބޭނުންކުރުމުން ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުން އުނިވެ، ބީވެގެން ގޮސްފައިވާ ވިޓަމިން އޭ، އަލުން އަނބުރާ ހަށިގަނޑަށް ހޯދައިދިނުމަށް އެހީތެރި ވެދެއެވެ. ދިރާސާތަކުން ހޯދިފައިވާގޮތުގައި، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އޭގައި ހިމެނޭ ނުރައްކާތެރި ވިހަ ކެމިކަލް ތަކުގެ ސަބަބުން، ހަށިގަނޑުން ވިޓަމިން އޭ އުނިވުން(Vitamin A deficiency) މެދުވެރިކުރުވާ ކަމެކެވެ.

• މަރުވެފައިވާ ސެލްތަކުގެ ބަދަލުގައި އާސެލްތައް އުފެއްދުން : ފޮނިކެކުރީގައި ވަރަށް ގިނައިން ފޮލިކް އެސިޑް ހުރެއެވެ. މިއީ ހަށިގަނޑުގެ މަރުވެފައިވާ ސެލްތަކުގެ ބަދަލުގައި އާސެލްތައް އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ (ފޮލިކް އެސިޑް ގިނައިން ހުރުމަކީ) ހަންގަނޑަށް ވެސް ވަރަށް ފައިދާހުރި ކަމެކެވެ. މިކަމުގެ ސަބަބުން ހަންގަނޑު ސާފުވެ، އާސެލްތައް އުފެދި، ހަންގަނޑަށް އަލިކަމާއި އޮމާންކަން ގެނެސްދެއެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައ ޢައިބު އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ.

• ކެންސަރުން ރައްކާތެރިކޮށްދިނުން : ފޮނިކެކުރީގައި ބާރުގަދަ އެންޓި އޮކްސިޑެންޓްގެ ގޮތުގައި ގުނާލެވޭ، ވިޓަމިން ސީ އަދި ބީޓާ ކެރޮޓީން ހުރެއެވެ. މީގެ އިތުރުން "ލޫޓީން"(Lutein)، "ޒިއެޒެންތިން"(Zeaxanthin)، އަދި "ކްރިޕްޓޯޒެންތިން"(Cryptoxanthin) ހުރެއެވެ. މިމާއްދާތަކުގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކަކީ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށް، ހަށިގަނޑުގެ އެކި ހިސާބުގައި ކެންސަރަށް މަގުފަހިކުރުވަނިވި ގަނޑުތައް އުފައްދާ މާއްދާ ތަކެކެވެ. ފާހަގަކުރެވިފައިވާ ގޮތުގައި ކުރިން ބަޔާންކުރެވުނު އެންޓި އޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާތަކުގެ ސަބަބުން ފުއްޕާމޭ، ގޮހޮރު، ޕްރޮސްޓޭޓް، އުރަމަތި، ޗިސްމޭ، އަދި ރަހިމުގެ ފާރުގެ ކެންސަރުން ދުރުކޮށްދެއެވެ.

• ހިތުގެ ދުޅަހެޔޮކަން : ފޮނިކެކުރީގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދުޖެހުން ހަމަހަމަކަންމަތީ ބަހައްޓައި، ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ސޯޑިއަމްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށް، ލޭމައްޗަށް ދިއުމުން މިންޖުކޮށް ރައްކާތެރިކޮށް ދެއެވެ. މީގެ އިތުރުން "ލޭގަނޑުކުރުމާއި ދެކޮޅަށް މަސައްކަތްކުރާ"(Anti-Coagulant) މާއްދާއެއްގެ ގޮތުގައި ހަރަކާތްތެރިވެ، ލޭއޮލަވުން ކުޑަކޮށް، "ގަނޑުލޭކޮޅު"(Blood clot) ލޭގެ އާރުގެ ތެރޭގައި އުފެދުމުން ދުރުކޮށް ދެއެވެ. ނަތީޖާއެއްގެ ގޮތުން ހާރޓް އެޓޭކް ޖެހުމާއި ސްޓްރޯކްޖެހުން ފަދަ މައްސަލަތަކުން ހިމާޔަތްކޮށް ދެއެވެ.

- ފޮނިކެކުރީގައި ހިމެނޭ ވިޓަމިން ސީ އަކީ ލޭހޮޅިތައް ހަރުވުން ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭ މާއްދާ އެކެވެ. ލޭހޮޅިތައް ހަރުވެ ބެދުމަކީ ލޭމައްޗަށްދިއުމާއި ހާރޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކަށް މަގުފަހިވާނެ ކަމެކެވެ. ފޮލިކް އެސިޑް ފޮނިކެކުރީގައި ހުރުމަކީ ވެސް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ.

- ފޮނިކެކުރީގައި "އެޑިނޯސީން"(Adenosine)ކިޔާ މާއްދާއެއް ހުރެއެވެ. އެޑިނޯސީން އަކީ އާންމުކޮށް ހިތުގެބަލި ހުންނަ މީހުންނަށް ދީއުޅޭ ބޭހެއް ފަދަ އެއްޗެެކެވެ. އެޑިނޯސީން އަކީ ލޭދިޔާކުރުމުގެ ބާރު(Blood-thinning properties) ލިބިފައިވާ މާއްދާއެއް ކަމުން ލޭއޮލަވެ ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު އެޑިނޯސީންގެ ސަބަބުން ކުޑަވާނެއެވެ.

• މައްސަރުކަންތަކުގެ އުދަގޫ ކުޑަކުރުން : ފޮނިކެކުރީގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން މައްސަރު ކަންތައް ގަވާޢިދުން ގެންގޮސްދިނުމާއި، މައްސަރު ކަންތަކުގެ ތެރޭގައި ބަނޑުގައި ރިހުމުގެ އުދަގުލަށް ލުއިކަން ގެނެސްދެއެވެ. މައްސަރު ކަންތައް ޖެހުމުން ގަވާޢިދުން ފޮނިކެކުރި ބޭނުންކުރާނަމަ، ލޭބޭރުވުން ތަންޒީމުކޮށްދީ، ގަނޑުލޭ ފައިބާ މިންވަރު ކުޑަކުރެއެވެ.

• މާބަނޑު އަންހެނުންނަށް ލިބޭ ފައިދާ : ފޮނިކެކުރީގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ ޚާއްޞަކޮށް، މާބަނޑު އަންހެނުންނަށް ރިޢާޔަތްކުރާއިރު ބޭނުންތެރި ކަމެކެވެ. ފޮލިކް އެސިޑް އަކީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ހަށިގަނޑުގައި އިތުރުވާ ސޯޑިއަމް ހަށިގަނޑުން ބޭރުކޮށްގެން ހަށިގަނޑުގައި ފެންޖަމާވެ، ފޮއްސިވާ މިންވަރު ، މާބަނޑު ދުވަސްވަރު ފޮނިކެކުރި ބޭނުންކުރާނަމަ، ދަށްވާނެ އެވެ.

• ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވުމަށް އެހީތެރިވުން : ދުންފަތުގެ އިސްތިއުމާލު ކުރުމަކީ "ނިކޮޓީން"(Nicotine) އަށް ދެވިހިފާ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ފުރަތަމަ ދުވަސްކޮޅު އެމީހަކަށް ތަފާތު އުދަގޫތައް ވާނެއެވެ. ފޮނިކެކުރީގައި ވިޓަމިން އާއި މައުދަންތައް ގިނައަދަދަކަށް ހުރުމުން މިގޮތަށް ދުންފަތު އިސްތިއުމާލުކުރުން ހުއްޓާލުމުން މެދުވެރިވާ އުދަގޫތަކުގެ އަސަރު ކުޑަކޮށް ދެއެވެ. އަދި ފޮނިކެކުރި ބޭނުންކުރުމުން ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުން އުނިވެ، ބީވެގެން ގޮސްފައިވާ ވިޓަމިން އޭ، އަލުން އަނބުރާ ހަށިގަނޑަށް ހޯދައިދިނުމަށް އެހީތެރި ވެދެއެވެ.

• ފިއްތުންތައް ކުޑަކުރުން : ފޮނިކެކުރީގައި "ސްޕީރޮކްސައިޑް ޑިސްމިއުޓޭޒް"(Superoxide dismutase) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ފިއްތުންތައް ކުރިމަތިވުމުން މަތިވެގެންދާ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑުގެ ނާރުތަކުގެ މަސައްކަތްތައް ހަމައަކަށް އަޅުވާލައި، މީހާއަށް ހަމަޖެހުން ގެނެސްދޭ މާއްދާއެކެވެ. އަދި "އޮކްސިޑޭޓިވް ސްޓްރެސް"(Oxidative stress) ގެ ސަބަބުން ސެލްތައް މަރުވެގެންދިއުމުން ވެސް ރައްކާތެރިކޮށް ދެއެވެ. ފޮނިކެކުރީގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ވެސް ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ވިންދުޖެހުން ހަމައަކަށް އަޅުވައި، ސިކުނޑިއަށް އޮކްސިޖަން ފޯރުވުން އިތުރުކުރެއެވެ. މިކަންކަމަކީ ފިއްތުންތައް މެދުވެރިވުމުން އިތުރުވާ ކަންތައްތައް ކަމަށްވުމުން އެފަދަ ހާލަތުގައި ފޮނިކެކުރި ބޭނުންކުރުމުން މަންފާ ލިބެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.