ތަފާތު ބާވަތްތަކުގެ ފެހިކަން ގަދަ ފަތްތައް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 22 އެޕްރީލް 2006
- ފެހި ކަން ގަދަ ނުވަތަ ފެހިކުލަ ގަދަ ފަތްތަކަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިން އަދި ތަފާތު މައުދަން ތައް އެކުލެވޭ ބާވަތްތަކެކެވެ. މަސް ފަދަ ޕްރޮޓީން ހިމެނޭ ބާވަތެއް ކެއުމުގައި ނުހިމަނާ ފަހަރަކު ފަތް ބޭނުންކުރުމުން ޕްރޮޓީންގެ ބައި ހޯދައިދޭނެއެވެ.
- ފަތުގެ ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ މައުދަންތަކުގެ ތެރޭގައި ދަނގަޑު، ކެލްސިއަމް، ޕޮޓޭސިއަމް، އަދި މެގްނީޒިއަމް ހިމެނެއެވެ. ދަނގަޑަކީ ލޭގައި ހިމެނޭ ދަނގަޑުގެ ބައި ''ހީމޯގްލޯބިން'' އުފެދުމަށް ވަރަށް ބޭނުންތެރި މައުދަނެކެވެ. ކެލްސިއަމް އަކީ ކަށިވަރުގަދަ ކޮށްދޭ މިތުރެކެވެ.
- ފަތުގެ ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ ވިޓަމިންތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ބީ، އަދި ވިޓަމިން ސީ ހިމެނެއެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވިޓަމިންގެ ބާވަތްތަކަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި ހަތިޔާރެކެވެ.
- ފަތުގެ ބާވަތްތަކުގައި ފައިބަރު ވެސް މަތީ އަދަދަކަށް އެކުލެވިގެން ވެއެވެ. ފައިބަރ އަކީ ބަނޑުހިކުން ފަދަ މައްސަލަތައް ހައްލުކުރުމުގައި އެހީވެދޭ އައްޑަނަ އެކެވެ. އެހެން ކަމުން ކެއުމުގައި ވީވަރަކުން ފަތުގެ ބާވަތްތައް ހިމެނުމަކީ އެދެވިގެން ވާ ކަމެކެވެ.
* ފައިދާހުރި ކާނާގެ ބައެއް ބާވަތްތައް (މައި ޞަފްޙާ)