ހުކުރު20201030

އާކުރެވުނީ: 08:43:52

އެޕްރިކޮޓް

apricot-1އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ އެޕްރިކޮޓް ބޭނުންކުރުމަށްފަހު، ދަތްޕިލަ ރަގަޅަށް ސާފުކުރުމަކީ މުހިއްމު ކަމެކެވެ.

ދިވެހި ނަން : އެޕްރިކޮޓް
އިގިރޭސި ނަން : Apricot
ޢިލްމީ ނަން : Prunus Armeniaca

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
1 މިލިގްރާމް ސޯޑިއަމް 50 ކިލޯކެލަރީ ހަކަތަ
259 މިލިގްރާމް ޕޮޓޭސިއަމް 11 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.4 ގްރާމް ޕްރޮޓީން
13 މިލިގްރާމް ކެލްސިއަމް 0.12 ގްރާމް ފެޓް
0 މައިކްރޯ ގްރާމް ކޮޕަރ 0.4 ގްރާމް ފައިބަރު
0.39 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
10 މިލިގްރާމް މެގްނީޒިއަމް 9 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.077 މިލިގްރާމް މެންގަނީޒް 0.600 މިލިގްރާމް ނިއެސިން
23 މިލިގްރާމް ފޮސްފަރަސް 0.240 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.054 މިލިގްރާމް ޕައިރިޑޮކްސިން
0.2 މިލިގްރާމް ޒިންކް 0.040 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.030 މިލިގްރާމް ތިއެމިން
19 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 1926 އައިޔޫ ވިޓަމިން އޭ
1094މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 10 މިލިގްރާމް ވިޓަމިން ސީ
104 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0 މިލިގްރާމް ވިޓަމިން އީ
89 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 3.3 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

އެޕްރިކޮޓުން ލިބޭ ޞިއްޙީ ފައިދާތައް

ބަނޑުހިކުމަށް ފަރުވާކުރުން : އެޕްރިކޮޓް ގައި "ސެލިއުލޯސް"(Cellulose) އަދި "ޕެކްޓިން"(Pectin) އެކުލެވޭތީ މިއީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށް ވެއެވެ. ބަނޑުހިކިފައިވާ މީހަކު ދުވާލަކު 8-6 ވަރަކަށް އެޕްރިކޮޓް ބޭނުންކުރާނަމަ، ބަނޑުހިކުމުގެ މައްސަލަ ހައްލުވެގެންދާގޮތް ވެއެވެ. ސެލިއުލޯސް އަކީ ގޮހޮރުގެ ހަރަކާތް އަވަސް ކުރުމަށް އެހީތެރިވެދޭ މާއްދާ އަކަށްވާއިރު، ޕެކްޓިން އަކީ ގޮޮހޮރުގެ ތެރޭގައި ފެންހަރުލައި ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން އެޕްރިކޮޓްގައި ޑައެޓްރީ ފައިބަރު ހުރުމަކީ ވެސް ބަނޑުހިކުން ފަސޭހަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލައެއް ކަމުގައިވާ "ޑައިވާޓިކިޔުލައިޓިސް"(Diverticulitis) އަދި މައިދާގެ ކެންސަރުން ރައްކާތެރިވުމަށް ވެސް ފައިބަރަކީ ބޭނުންތެރި މާއްދާ އެކެވެ.

ހަޖަމުކުރުމަށް ފަސޭހަވުން : އެޕްރިކޮޓް ބޭނުންކުރުމަކީ ހަށިގަނޑުގައި "އަލްކަލައިން ރިއެކްޝަން" އުފައްދާ ކަމެއްކަމަށް ވުމުން ކެއުމުގެ ކުރިން ދެތިން އެޕްރިކޮޓް ބޭނުންކުރުމުން، އޭގެ ފަހުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. މިދެންނެވި އަލްކަލައިން ރިއެކްޝަންގެ ސަބަބުން އެސިޑްތައް ނިއުޓްރަލައިޒް ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. އަދި ކެއުމުގެ ކުރިން މާގިނައިން އެޕްރިކޮޓް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން އަސްލު ކާވަގުތުގައި ކެއުމަށް ތައްޔާރުކުރެވިފައި ހުރިތަކެތި ރަގަޅަށް ނުކެވިދާނެތީ އެވެ.

apricot-2ލޭމަދުވުން : ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުން އެޕްރިކޮޓް ބޭނުންކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ. ސަބަބަކީ އެޕްރިކޮޓްގައި ދަގަނޑުގެ ބައި ގިނަ އަދަދަކަށް ހުންނާތީ އެވެ. ޚާއްޞަކޮށް ހިއްކާފައި ހުންނަ އެޕްރިކޮޓް ގައި ދަގަނޑުގެ ބައި އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި އެޕްރިކޮޓްގައި ކޮޕަރ މަދުން ހިމެނިފައި، ހުރުމަކީ ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ ކަމެކެވެ. ދިގުމުއްދަތަކަށް އެކަށޭނަ މިންވަރަކަށް އެޕްރިކޮޓް ބޭނުންކުރުމަކީ، ލޭގައި ހިމޮގްލޯބިން އުފެއްދުން އިތުރުވެގެންދާނެ ކަމެކެވެ. މިސަބަބާހުރެ، މައްސަރު ކަންތައް ޖެހުމުން އާދަޔާ ޚިލާފަށް ގިނައިން ލޭފައިބާ އަންހެނުން، މައްސަރުކަންތަކުގެ ތެރޭގަޔާއި އޭގެ ފަހުން، އެޕްރިކޮޓް ބޭނުންކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ.

ހުންތިރިކުރުން : ހުންއައުން ކުރިމަތިވެއްޖެނަމަ، އެޕްރިކޮޓް ފަންޏާއި، ގުލްކޯޒު ނުވަތަ މާމުއި އެއްކޮށްގެން ބޭނުންކުރުމުން، ހަށިގަނޑުގެ ހޫނުމިން ދަށްވެ ތިރިވާގޮތް ވެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ހަށިގަނޑަށް ބޭނުންވެފައި އިތުރުވާ ބައި، ހަށިގަނޑުން ބޭރުކޮށް ދެއެވެ. އަދި މިއީ މިމޭވާގައި ހިމެނޭ ތަފާތު މަޢުދަންތަކާއި، ވިޓަމިންތަކުގެ ސަބަބުން، ހިތާއި، ނާރުތަކާއި، ފުރަމޭގެ މަސައްކަތަށް ދިރުން ގެނެސްދޭ މޭވާ އެކެވެ.

ހަމުގެ ބަލިތައް : އެޕްރިކޮޓް ގަހުގެ ފަތަކީ ހަމުގެ ބައެއް ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވުނު އެއްޗެކެވެ. އެގޮތުން އަވިން ފިހުން، ކަސްއެޅުން، ފިނީގެ ސަބަބުން ގައިކަހައި ހިރުވުން، އަދި އެކްޒީމާ ފަދަ ހަމުގެ ބަލިތަކަށް މިގަހުގެ ފަތުން ފަރުވާ ކުރެވިފައި ވެއެވެ. މީގެ އިތުރުން އެޕްރިކޮޓް ގައި މަތީ މިންވަރަކަށް ވިޓަމިން އޭ ހުރުމަކީ ވެސް ހަމުގައި ނަގާބިހިތައް ސާފުކޮށް،އޮށާޅަނެގުން ކުޑަކޮށްދީ، ހަމުގެ މައްސަލަތަކަށް އެޕްރިކޮޓް ބޭނުންކުރުމުން ލުއިކަން ގެނެސްދޭ ސަބަބެކެވެ. މިސަބަބާހުރެ މޫނު ދޮންނަށް ބޭނުންކުރާ ވަރަށް ގިނަ ފޭޝަލް ސްކްރަބް ތަކުގައި އެޕްރިކޮޓް ހިމަނާފައި ހުރެއެވެ.

ލޮލުގެ މައްސަލަތައް : އެޕްރިކޮޓްގައި ވިޓަމިން އޭ މަތީ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ އަކީ ފްރީ ރެޑިކަލް އިން ހަށިގަނޑަށް ލިބޭ ގެއްލުމުން މިންޖުކޮށްދޭ، ބާރުގަދަ އެންޓި-އޮކްސިޑެންޓެކެވެ. ފްރީ ރެޑިކަލްތަކުގެ ސަބަބުން ލޮލަށް ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި، "މެކިޔުލަރ ޑިޖެނެރޭޝަން"(Macular Degeneration) ލޯފުސްވުން، އަދި ލޮލުގެ ހިސާބުތަކަށް ލޭފޯރުކޮށްދިނުން ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން ވިޓަމިން އޭ ހިމެނޭ ކާނާ ބޭނުންކުރުމުން ބަޔާންކުރެވުނު ކަންކަމުން ރައްކާތެރިވެ ހުރުމަށް އެހީއަކަށް ވެއެވެ.

ލައިކޯޕީން : އެޕްރިކޮޓްގައި ލައިކޯޕީން އެކުލެވިގެން ވެއެވެ. މިއީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ހަށިގަނޑުގައި ސަރުބީ އިތުރުވުން ފަދަ މައްސަލަތަކުން މިންޖުވެ، ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މިއީ ގޮހޮރުގައި ހުންނަ ފަނިތައް މަރާލުމުގެ ބާރު ލިބިފައިވާ މޭވާއެއް ވެސް މެއެވެ. މީގެ އިތުރުން ފިތުގައި އުފެދޭ ހިލަ ވިރުވައި ބޭރުކުރުމުގައި ވެސް އެޕްރިކޮޓް ބޭނުން ހިފިދާނެ ކަމަށް ބުނެވެއެވެ.

apricot-3ތަފާތު މަޢުދަންތައް : އެޕްރިކޮޓް ގައި ވަރަށް ގިނަ ވައްތަރުގެ މަޢުދަންތައް ހުރެއެވެ. މިކަމުގެ ސަބަބުން ލޭމަދުވުން، ލޭވިހަވުން، ކެއްސުންބަލި، ނޭވާހިއްލުން، ވައިނޮޅި ދުޅަވުން، ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި އެހީއަކަށް ވެއެވެ. އަދި މިކަމުގެ ސަބަބުން، އަޑުފޮށި، އަރުތެރެ، ކާތަކެތި ހިނގާހޮޅި، އަދި ފުއްޕާމޭގެ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރެއެވެ.

އެޕްރިކޮޓްގެ މަދު : އެޕްރިކޮޓްގެ އޮށުގެ ތެރޭގައި އޮންނަ މަދަކީ ޕްރޮޓީން އާއި ފެޓް ވަރަށް ގިނައިން ހުންނަ އެއްޗެކެވެ. އަދި މީގައި "ވިޓަމިންބީ17" (Laetrile)ވެސް ހުރެއެވެ. ގަވާޢިދުން ކޮންމެ ދުވަހަކު އެޕްރިކޮޓްގެ މަދު ކެއުމަކީ ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ބައެއް ލިޔުންތަކުގައި ބުނެފައި ވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ވިޓަމިންބީ17ގެ މަތީ ޑޯޒެއް ނުވަތަ ގިނަ މިންވަރެއް ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ މީހުންނަށް "ލައެޓްރައިލް ކެންސަރ ތެރަޕީ"(Laetrile Cancer Therapy) ދިނުމުން އެމީހުންގެ ހަށިގަނޑުގައި ކެންސަރުގެ ސަބަބުން އުފެދިފައިވާ ޓިއުމަރު ނުވަތަ ގަނޑު ހިނދިގެން ގޮސްފައި ވެއެވެ. ނަމަވެސް މާގިނައިން ބޭނުންކޮށްފިނަމަ އޭގައި ހިމެނޭ ހައިޑްރޯޖަން ސައިނައިޑް(Hydrogen Cyanide) ކިޔާ މާއްދާއެއްގެ ސަބަބުން ވިހަވުމުގެ ފުރުޞަތު އޮންނަ ކަމަށް ބުނެއެވެ. އެހެންކަމުން މީގެ މަދު ބޭނުންކުރުމުގައި ފަރުވާތެރިވާންޖެހެއެވެ. އަދި މަދު ރޯސްކޮށްގެން ނުވަތަ ހަނާކޮށްގެން ބޭނުންކުރުމުން އޭގައި ހިމެނޭ ހައިޑްރޯޖަން ސައިނައިޑް ހަލާކުވެ ނެތިދާ ކަމަށް ވެއެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.