އަންގާރަ20201027

އާކުރެވުނީ: 08:43:52

އަނބު

anbu-1އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ.

ދިވެހި ނަން : އަނބު
އިގިރޭސި ނަން : Mango
ޢިލްމީ ނަން : Mangifera Indica

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
2 މިލިގްރާމް ސޯޑިއަމް 70 ކިލޯކެލަރީ ހަކަތަ
156 މިލިގްރާމް ޕޮޓޭސިއަމް 17 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.5 ގްރާމް ޕްރޮޓީން
10 މިލިގްރާމް ކެލްސިއަމް 0.27 ގްރާމް ފެޓް
0.110މައިކްރޯ ގްރާމް ކޮޕަރ 1.8 ގްރާމް ފައިބަރު
0.13 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
9 މިލިގްރާމް މެގްނީޒިއަމް 14 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.027 މިލިގްރާމް މެންގަނީޒް 0.584 މިލިގްރާމް ނިއެސިން
- ފޮސްފަރަސް 0.160 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.134 މިލިގްރާމް ޕައިރިޑޮކްސިން
0.4 މިލިގްރާމް ޒިންކް 0.057 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.058 މިލިގްރާމް ތިއެމިން
17 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 765 އައިޔޫ ވިޓަމިން އޭ
445 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 27.7 މިލިގްރާމް ވިޓަމިން ސީ
11 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 1.12 މިލިގްރާމް ވިޓަމިން އީ
0 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 4.2 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

އަނބުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

• ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުން : އަނބުގައި ވަރަށް ގިނަ ވައްތަރުގެ ފީނޮލިކް ކަމްޕައުންޑް ތައް ހުރެއެވެ. އޭގެ ތެރޭގައި "ކްއެރެސްޓިން" ، "އައިސޯކްއެރެސްޓިން" ، "އެސްޓްރެގެލިން" ، "ފިސެޓިން" ، "ގެލިކް އެސިޑް"، އަދި "މީތައިލް ގެލޭޓް" ހުރެއެވެ. މީގެ އިތުރުން ވަރަށް ގިނަ އެންޒައިމްތައް ހުރެއެވެ. މިހުރިހާ މާއްދާތަކެއް ގައި ވެސް ކެންސަރުން ރައްކާތެރިވުމުގެ ބާރު ހުރެއެވެ. ފަސޭހައިން ފެނަށްގިރޭ ފައިބަރުގެ ވައްތަރެއް ކަމުގައިވާ "ޕެކްޓިން" ވެސް އަނބުގައި ހުރެއެވެ. ފައިބަރު ގިނައިން ކެއުމުގައި ހިމެނުމާއި، ހަޖަމުކުރާ ނިޒާމްގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަވުމާއި ދެމެދު ގުޅުމެއް ވާކަމަށް ސައިންސްވެރިން ވަނީ ހޯދާފައެވެ.

ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ 76 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ވެސް ބާރުގަދަ އެންޓި އޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދީ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކޮށް، މުސްކުޅިވުން ލަސްކޮށްދެއެވެ.

anbu-2• ލޮލުގެ ދުޅަހެޔޮކަން : އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 25 އިންސައްތަ ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ސާފުކޮށްދީ ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާނަމަ، ރޭގަނޑު ރޯނާވުން، ލޮލުން ފެންއައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.

• ހަޖަމުކުރުމަށް އެހީތެރިވުން : ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމް ތައް އަނބުގައި ހުރެއެވެ. މިގޮތުން އަނބުގައި ހުންނަ ހަޖަމުވުމަށް އެހީތެރިވެދޭ މާއްދާތަކުގެ ތެރޭގައި، "އެސްޓަރ"ތައް، "ޓަރޕީން"ތައް، އަދި "އެލްޑެހައިޑް" ތައް ހިމެނެއެވެ. މިއީ ކާތަކެތީގައި ހިމެނޭ ޕްރޮޓީން ތައް ބައިކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އަދި ބަނޑުގައި ވައިހެދުން ކުޑަކޮށްދީ، ހަޖަމުކުރުމުގެ މަސައްކަތް ފަސޭހަކޮށް ހަލުވިކޮށް ދެއެވެ. މީގެ އިތުރުން އަނބުގައި ފައިބަރު ގިނައިން ހުރުމަކީ ބޮޑުކަމުދިއުން ފަސޭހަވެ، ބަނޑުހިކުމުން ދުރުކޮށްދޭނެ ކަމެކެވެ.

• ހަމަށް ލިބޭ ފައިދާ : އަނބު ބޭނުންކުރުމަކީ ހަންގަނޑު އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދަ މައްސަލަތަކުން ކުރިމަތިވާ އުދަނގޫ ކުޑަކޮށްދޭނެ ކަމެކެވެ. އެގޮތުން އަނބު ފޮތިކޮށްލުމަށްފަހު، 10 ވަރަކަށް މިނިޓް ވަންދެން އޮށާޅަ ނަގާފައިވާ ހިސާބު އުގުޅިދާނެ އެވެ. މިއީ ހަންގަނޑު އަލިކޮށް، ދޮންކޮށްދޭ ކަމެއް ވެސް މެއެވެ.

• ހަކުރު ބަލި : އަނބު ފަތަކީ ލޭގައި އިންސިއުލިން ގެ މިންވަރު ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. ރޯ އަނބު ފަތްތަކެއް ފެނުގައި ކެއްކުމަށްފަހު، ހެދުނު ވަންދެން ބަހައްޓާށެވެ. ހެދުނުވުމުން އެފެން ފުރާނާލައިގެން ބޯށެވެ. މިއީ ހަކުރު ބަލީގެ މީހުންނަށް ލޭގެ ހަކުރުގެ މިންވަރު ދަށްކުރުމަށް ގޭގައި ކުރެވިދާނެ ކަމެކެވެ. އަނބަކީ ގްލައިސިމިކް އިންޑެކްސް ދަށް މޭވާއަކަށްވުމުން، އަނބު ކެޔަސް، ލޭގައި ހަކުރުގެ މިންވަރު އާދަޔާ ޚިލާފަށް މަތިވެގެނެއް ނުދާނެ އެވެ.

• ޖިންސީ ހަޔާތް ރަގަޅުކުރުން : އަނބުގައި ގިނަ އަދަދަކަށް ހުންނަ ވިޓަމިން އީ އަކީ ޖިންސީ ހޯރމޯންގެ މަސައްކަތް އިންތިޒާމްކޮށް ބަލަހައްޓައިދޭ މާއްދާ އެކެވެ. މިއީ ޖިންސީ ހަޔާތް އާރޯކޮށް، ތާޒާކަން ގެނެސްދޭ މާއްދާ އެކެވެ. އަދި މީގައި ހިމެނޭ ވިޓަމިން ސީ އަކީ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ މަސައްކަތްތަކަށް ބޭނުންތެރި މާއްދާ އެކެވެ. އެމެރިކާގެ ޔުނިވަސިޓީ އޮފް މެރީލޭންޑް ގެ މެޑިކަލް ސެންޓަރުން ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ވިޓަމިން ސީ އަކީ ޖިންސީގުނަވަނުގައި ވަރުނުޖެހުން (ކޮޅުނުވުން)، އަވަހަށް މަނިބޭރުވުން (އަވަހަށް ވެރުން) ނުވަތަ އެދުންވެރިކަން ފުދުން، އަދި ޖިންސީ އެދުންވެރިކަން ކުޑަވުން ފަދަ ހާލަތްތައް ރަގަޅުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

• ލޭމަދުވުން : އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މިއީ މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ޖެހިފައިވާ އަންހެނުންނާއި، އަދި އެނޫން ގޮތަކުން ނަމަވެސް، ލޭމަދުވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ. އަދި އަނބުގައި ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދޭ މާއްދާ އެކެވެ. އިއްދައިން ކެނޑުމުން ވަރަށް ގިނަ އަންހެނުން ވަރުބަލިވާގޮތް ވެއެވެ. މިހެންވާނަމަ އަނބު ބޭނުންކުރެވިދާނެ އެވެ. ސަބަބަކީ ގިނަފަހަރު ވަރުބަލިވަނީ ލޭގައި ދަގަނޑުގެ ބައި މަދުވެ، ލޭދަށްވާގޮތް ވުމުންނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މާބަނޑު އަންހެނުން މާގިނައިން އަނބު ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫންކަން ހަދުމަ ބެހެއްޓުން ރަގަޅެވެ.

• ހަދާނުގެ ބައި ރަގަޅުކުރުން : އަނބުގައި ގުލުޓަމިން އެސިޑް ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަދާނުގެ ބައި ރަގަޅުކޮށްދީ، އެކަމުގައި ޝާމިލްވާ ސެލްތައް ހީވާގި ކަމާއެކު ބަހައްޓައިދޭ މާއްދާ އެކެވެ. އެހެންކަމުން ކިޔެވުމުގައި ރަގަޅަށް ކިޔަވާދޭ ތަކެއްޗަށް ސަމާލުކަންނުދޭ ކުޑަކުދިންނަށް އަނބުދީގެން ރަގަޅުކުރެވިދާނެ ކަމަށް ދިރާސާތަކުން ހާމަވެފައި ވެއެވެ.

• ހޫނުވެގެން ސްޓްރޯކް ޖެހުމާއި ދުރުކޮށްދިނުން : ނިލި، ޅަ އަނބުގައި ޕެކްޓިން ވަރަށް ގިނައިން ހުރެއެވެ. މިފަދަ އަނބު، އާވިން ހޫނުކޮށްފައި، ހަކުރު، ލޮނު، އަދި ދިރި އެއްކޮށް ފަނިގިރައިގެން ބޭނުންކުރުމުން، ހޫނުވުމުން ސްޓްރޯކް ޖެހުން، އަދި ހޫނުގެ ސަބަބުން ވަރުބަލިވުން ފަދަ ކަންތައްތަކުން ދުރުކޮށް ދެއެވެ.

• ބަރުދަން އިތުރުކުރުން : ބަރުދަން އިތުރުކުރަން ބޭނުންވާ މީހުންނަށް އަނބަކީ ބޭނުންތެރި މޭވާއަކަށް ވެދާނެ އެވެ. 100 ގުރާމްގެ އަނބުގައި 75 ކިލޯ ކެލޮރީ ހުރެއެވެ. އަދި ރޯ އަނބުގައި ހުންނަ ސްޓާރޗް ދޮންވުމުން ހަކުރަށް ބަދަލުވެގެން ދެއެވެ. އެހެންކަމުން ދޮންއަނބު ކިރާއެކު ބޭނުންކުރުމުން ވަރަށް ފަސޭހައިން ބަރުދަން އިތުރުވާ ކަމަށް ވެއެވެ.

• ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކުރުން : އަނބުގައި ހިމެނޭ ޑައެޓްރީ ފައިބަރު އަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރާ އެއްޗެކެވެ. މިއީ ލޭހޮޅިތަކުގެ އެތެރޭގައި ތަތްވެ، ޖަމާވެ، ލޭހޮޅި ބައްދައި ހަރުކޮށްލުމުގެ ދައުރު އަދާކުރާ ސަރުބީ ގެ ވައްތަރެވެ. އެހެންކަމުން އަނބު ބޭނުންކުރުމަކީ ސަރުބީގެ މިންވަރު ދަށްވެ، ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުން (ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ) ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ލޭގެ ސަރުބީ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.

• ހިތުގެ ބަލިތައް : އަނބުގައި ޕޮޓޭސިއަމް ވަރަށް ގިނައިން ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ، ލޭމައްޗަށްދިއުން ފަދަ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން އީ އަދި ސިލެނިއަމް އަނބުގައި ހުރުމަކީ ވެސް ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއްކަމަށް ވެއެވެ. ސަރުބީގެ މިންވަރު ޕެކްޓިންގެ ސަބަބުން ދަށްވުމަކީ ލޭހޮޅިތައް ބެދި، ލޭމައްޗަށް ގޮސް ހިތުގެ މައްސަލަތައް ދިމާވުން ދުރުކޮށްދޭނެ ކަމެކެވެ.

މައުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.