އާދީއްތަ20180909

އާކުރެވުނީ: 08:43:52

ލޭހޮޅި

ley-holhi-3ލޭހޮޅި (Blood vessels)ތަކަކީ ހިތާއި ލޭހޮޅިތަކުގެ ނިޒާމް، ނުވަތަ ލޭދައުރުވާ ނިޒާމްގެ މުހިއްމު ބައިތަކެކެވެ. ލޭނާރު ނުވަތަ ލޭހޮޅިތަކުގެ ވަޒީފާ އަކީ ހިތުން ހަށިގަނޑު އެކި ހިސާބުތަކަށް ލޭ ފޯރުކޮށް ދިނުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަނބުރައި ހިތަށް ފޮނުވުމެވެ. ލޭހޮޅިތަކުގެ ތަފާތު ވައްތަރުތައް ވެއެވެ.

ލޭހޮޅިތަކުގެ ވައްތަރުތައް

• ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) : މިލޭހޮޅިތަކުން ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން (ސާފުވައި) ލެޔާއެކު ފޮނުވައިދެއެވެ. މިބުނި އުސޫލުން އެއްކިބާވާ އެއް ލޭހޮޅި ވެއެވެ. އެއީ ހިތުން ފުއްޕާމެޔަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary artery) ނުވަތަ ''ޕަލްމޮނަރީ އާޓަރީ'' އެވެ. މިލޭހޮޅިތައް އުފެދިފައިވަނީ ހޮޅި މަހުންނެވެ. މިއީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ "ސިމްޕެތެޓިކް ނާރވަސް ސިސްޓަމް" ގެ އިރުޝާދުގެ ދަށުން ލޭދައުރުކުރުމުގެ ތެރޭގައި، ހަނިވެ، ފުޅާވަމުންދާ ވަމުންދާ ލޭހޮޅިތަކެކެވެ. މިލޭހޮޅިތަކުގެ މަސައްކަތަކީ:-
o ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވުން
o އޮކްސިޖަން އެކުލެވޭލޭ (ޕަލްމޮނަރީ އާޓަރީ ފިޔަވައި) ހަށިގަނޑުގެ ޓިޝޫތަކަށް ފޮނުވުން

• ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ކުދި ލޭހޮޅި (Arteriole) : މިއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގެ ކުދި ގޮފިތަކެވެ. ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކާއި، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތައް ގުޅުވައިދޭ ކުދިކުދި ލޭހޮޅިތަަކާއި ގުޅެނީ މިކުދި ލޭހޮޅިތަކެވެ. މިއީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ "ސިމްޕެތެޓިކް ނާރވަސް ސިސްޓަމް" ގެ އިރުޝާދުގެ ދަށުން ލޭދައުރުކުރުމުގެ ތެރޭގައި، ހަނިވެ، ފުޅާވަމުންދާ ވަމުންދާ ލޭހޮޅިތަކެކެވެ. މިލޭހޮޅިތަކުގެ މަސައްކަތަކީ:-

o ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތައްކަމަށްވާ އާޓަރީ ތަކުން ކުދިކުދި ލޭހޮޅިތައް ކަމުގައިވާ ކެޕިލަރީ ތަކަށް ލޭގެންގޮސްދެނީ މިލޭހޮޅިތަކުންނެވެ.
o ލޭދައުރުވުމާއި، ލޭގެ ޕްރެޝަރު ރެގިޔުލޭޓްކުރާ މައިގަނޑު ލޭހޮޅިތަކަކީ މިލޭހޮޅިތަކެވެ.

ley-holhi-2• ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކާއި، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތައް ގުޅުވައިދޭ ކުދިކުދި ލޭހޮޅިތަައް (Capillaries) : ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery) ތަކުން، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ތަކަށް ނުވަތަ ''އާޓަރީ'' ތަކުން ''ވެއިން'' ތަކަށް ލޭ ވާޞިލްވަނީ އެދެވައްތަރުގެ ލޭހޮޅިތައް ގުޅުވައިދޭ ކުދިކުދި ލޭހޮޅިތައް(Capillaries) މެދުވެރި ވެގެންނެވެ. މިއީ ވަރަށް ހިމަ ލޭހޮޅިތަކެކެވެ. މިލޭހޮޅިތަކުގެ ދިގު ހުރަސް ވަށަމިނުގައި ހުންނަނީ ގާތްގަނޑަކަށް 20-5 މައިކްރޯމީޓަރެވެ. ހަށިގަނޑުގެ ހުރިހާ ޓިޝޫތަކާއި، ގުނަވަންތަކުގައި ވެސް މިކުދިކުދި ލޭހޮޅިތަކުން އުފެދިފައިވާ ވިއުގަތައް ވެއެވެ. ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ކުދި ލޭހޮޅިތަ (Arterioles)ކުން، މިލޭހޮޅިތަކަށް ލޭ ފޯރުކޮށްދޭއިރު، ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ކުދި ލޭހޮޅިތަކު(Venules) ގެ ޒަރީޢާއިން މިކުދި ލޭހޮޅިތަކުން އަނބުރާ ހިތާއި ދިމާލަށް ލޭ ފޮނުވައިދެއެވެ. މިކުދި ލޭހޮޅިތަކުގެ މަސައްކަތަކީ:-

o ލޭގެ ޒަރީޢާއިން ހަށިގަނޑުގެ ހިސާބުތަކަށް ބޭނުންވާ ބައިތައް ފޯރުކޮށްދިނުމާއި، އެބައިތަކުން ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވުން

o އޮކްސިޖަން، ކާބަންޑައިއޮކްސައިޑް، ލޮނު، ފެން ފަދަ މާއްދާތައް ލެޔާއި ހަށިގަނޑުގެ އެހެން ޓިޝޫތަކާއި ދެމެދު ބަދަލުކުރުން

• ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ކުދި ލޭހޮޅި (Venules) : މިއީ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގެ ކުދި ގޮފިތަކެވެ. ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިއެއް އުފެދެނީ މިފަދަ ކުދި އެތަކެއް ލޭހޮޅިތަކެއް ގުޅިގެންނެވެ. ކެޕިލަރީ ތަކުގައި ހުރި ލޭ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ލޭ ވާޞިލްވަނީ މިކުދިކުދި ލޭހޮޅިތައް މެދުވެރިވެގެންނެވެ. ނުވަތަ މިލޭހޮޅިތަކުގެ ތެރެއިން ދައުރުވަމުން ގޮހެވެ. މިލޭހޮޅިތަކުގެ މަސައްކަތަކީ:-

o ކެޕިލަރީ ތަކުގައި ހުރިލޭ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ފޮނުވުން

• ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) : މިލޭހޮޅިތަކުން އޮކްސިޖަނާއި އެކުނުވާ ނުވަތަ ސާފުވައި އެކުނުލެވޭ ލޭ އަނބުރައި ހިތަށް ފޮނުވައެވެ. މިބުނި އުސޫލުން އެއްކިބާވާ ލޭހޮޅިތަކަކީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Pulmonary vein) އަދި ''ޕޯރޓަލް ވެއިން''(Portal vein) ތަކެވެ. މިލޭހޮޅިތަކުގައި އާޓަރީގައި ހުންނަ ވަރަށްވުރެ ހިމަ، އިލާސްޓިކްކަން ކުޑަ 3 ފަށަލަ ހިމެނެއެވެ. އަދި މިލޭހޮޅިތަކުގައި ވޭލްތައް ވެސް ހުރެއެވެ. މިވޭލްތަކުގެ ބޭނުމަކީ ލޭދައުރުކުރުމުގެ ތެރޭގައި ހިތާއި ދިމާލަށް ފޮނުވަމުން ގެންދާ ލޭ އަނބުރާ ހިތާއި ދުރަށް ދިޔަނުދީ ހިފެހެއްޓުމެވެ. މިލޭހޮޅިތަކުގެ މަސައްކަތަކީ:-

o ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވުން
o އޮކްސިޖަން އެކުނުލެވޭ ލޭ (ޕަލްމޮނަރީ ވެއިން ފިޔަވައި) ހަށިގަނޑުގެ ހިސާބުތަކުން ހިތަށް ފޮނުވުން

އާޓަރީ އާއި ވެއިން ގެ ތަފާތު

ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި(Vein) ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅި(Artery)
ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވުން ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވުން
އޮކްސިޖަން އެކުނުލެވޭ ލޭފޮނުވުން(ޕަލްމޮނަރީ ވެއިން ނޫން)ދ އޮކްސިޖަން އެކުލެވޭ ލޭފޮނުވުން (ޕަލްމޮނަރީ އާޓަރީނޫން)ދ
ލޭހޮޅި ފުޅާވާނެ ލޭހޮޅި ހަނިވާނެ
ނިސްބަތުން މަހާއި އިލާސްޓިކް ޓިޝޫ މަދު ނިސްބަތުން މަހާއި އިލާސްޓިކް ޓިޝޫ ގިނަ
ދަށް ޕްރެޝަރުގައި ލޭފޮނުވުން (އާޓަރީއަށްވުރެ)ދ މަތީ ޕްރެޝަރުގައި ލޭފޮނުވުން (ވެއިންއަށްވުރެ)ދ
މައި ހުރިހާ ވެއިން ތަކުގައި ވޭލް ހުރޭ ވޭލް އެއް ނުހުންނާނެ (ޕަލްމޮނަރީ އާޓަރީ/އެއޯޓާ ފިޔަވައި)ދ

މުހިއްމު ބައެއް ލޭހޮޅިތައް

އެއޯޓާ (Aorta): މިއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި އެވެ. މިލޭހޮޅި ކުރިފަޅައި ނިކުމެފައި އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. މިގޮތުން މިލޭހޮޅީގެ ޒަރީޢާއިން ހަށިގަނޑަށް ފެތުރިގެންދާ ލެޔަކީ ''އޮކްސިޖަން އިން މުއްސަދި'' ލެޔެކެވެ.

އެއޯޓާ ބެހިފައިވާ ބައިތައް

އެއޯޓާ ކުރިފަޅައި ބެހިގެން ގޮސްފައިވާއިރު މައިގަނޑު 3 ބަޔަކަށް ބެހިފައި ވެއެވެ.

* ހިތުން އެއޯޓާ ނިކުތުމަށްފަހު މައްޗަށް ގޮސްފައި އޮންނަ ބައި (Ascending aorta) : މިއީ އެއޯޓާ ގައި ހިތުން ނިކުމެފައިވާ ހިސާބުން ފެށިގެން އެއޯޓާގެ މަތިން ތިރިއަށް އިންނަ ލަނބާލުމާއި ދެމެދުގައިވާ ބަޔެވެ. މިބައިގެ ދިގުމިނަކީ ގާތްގަނޑަކަށް 5 ސެންޓިމީޓަރު އެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފުރަތަމަ ބައޭ ވެސް ބުނެވިދާނެއެވެ. އެއޯޓާ ހިތުން ނިކުމެފައިވާ އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. އެއޯޓާގެ މިބައިން ކުރިފަޅައި ނިކުމެފައިވާ ދެ އާޓަރީ އަކީ ހިތުގެ ދެފަރާތަށް ގޮސްފައިވާ ދެ ''ކޮރަނެރީ އާޓަރީ''(Coronary artery) އެވެ. މިއީ ހިތުގެ ބައިތަކަށް ލޭ ފޯރުކޮށްދޭ މައިގަނޑު ދެ ލޭނާރެވެ.

* އެއޯޓާ އިން މައްޗަށް ގޮސްފައި އިންނަ ބައިން މަތިން ތިރިއަށް އިންނަ ލެނބުން (Arch of aorta) : މިއީ މައްޗަށްއަރާ އެއޯޓާ އާއި ތިރިއަށްފައިބާ އެއޯޓާ އާއި ދެމެދުގައިވާ އެއޯޓާގެ ބައެކެވެ. މިބައި އިންނަނީ ''ޔޫ އަކުރު'' އިދިކޮޅަށް ބެހެއްޓުމުން ހުންނަ ފަދަ ގޮތަކަށް މަތިން ތިރިއަށް ވާގޮތަށް ލަނބާލާފައެވެ. މާނައަކީ މެދަށް ވަށްކޮށް ގުދުކޮށް ދެކޮޅަށް ލެބިފައި އިންނަ ގޮތަށެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ދެވަނަ ބަޔޭވެސް ބުނެވިދާނެއެވެ. އެއޯޓާގެ މިލަނބާލުމުގެ މަތީ ބޯޑަރުގެ ދިގުމިނުގައި 2.5 ސެންޓިމީޓަރު ވަރުހުރެއެވެ.

* އެއޯޓާ މަތިން ތިރިއަށް ލަނބާލުމަށްފަހު ތިރިއަށް ގޮސްފައި އޮންނަ ބައި(Descending aorta) : މިއީ އެއޯޓާ ތިރިއަށް ލެނބިފައިވާ ލެނބުމުގެ ނިމޭ ހިސާބުން ފެށިގެން ގޮސް ''ކޮމަން އިލިއެކް އާޓަރީ'' ތަކަށް ކަފިވަންދެން އެއޯޓާގައި މަތިން ތިރިއަށް ވާގޮތަށް އޮންނަ ބައެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފަހު ބަޔޭވެސް ބުނެވިދާނެއެވެ. މޭގެ ގުނަވަންތަކާއި، ހަޖަމުކުރާ ނިޒާމްގެ ގުނަވަންތައް ވަކިކޮށްދޭ ''ޑައަފްރަމް''އަށް ރިޢާޔަތްކޮށް އެއޯޓާގެ މިބައި ދެބަޔަކަށް ބަހާލެވެއެވެ. އެއީ:-

• އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން މޭމައްޗާއި ހިސާބު އޮންނަ ބައި (Thoracic aorta) : މިއީ އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން ''ޑައަފްރަމް'' އަށްވުރެ މަތީގައިވާ ބަޔެވެ. އެހެން ކަމުން މިބައި އޮންނާނީ މޭގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 4 ވަނަ ކަށިކޮޅުގެ ތިރީ ބޯޑަރާއި ހަމައިންނެވެ. ނިމެނޭ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ.

• އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން ބަނޑާއި ހިސާބު އޮންނަ ބައި (Abdominal aorta) : މިއީ އެއޯޓާގެ ތިރިއަށް ގޮސްފައި އޮންނަ ބައިން ''ޑައަފްރަމް'' އަށްވުރެ ތިރީގައިވާ ބަޔެވެ. އެހެން ކަމުން މިބައި އޮންނާނީ ހަޖަމުކުރާ ނިޒާމްގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ. މިބައި ނިމޭ ހިސާބުން އިންނަނީ ''ކޮމަން އިލިއެކް އާޓަރީ''(Common iliac artery) ތަކަށް ކަފިވެގެން ގޮސްފައެވެ.

ވީނާ ކޭވާ : (Venae Cavae) ވީނާ ކޭވާ އަކީ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭފޮނުވައިދޭ މައިގަނޑު ދެ ލޭހޮޅި އެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުން ނުސާފުލޭ (އޮކްސިޖަން އެކުނުލެވޭ) ހިތުގެ ކަނާތު އެޓްރީއަމް އަށް ފޯރުކޮށްދެނީ މި ދެލޭހޮޅީގެ ޒަރީޢާއިންނެވެ. ހިތަށް އޮކްސިޖަން އެކުނުލެވޭ ލޭ ވަނުމަށްފަހު، ފުއްޕާމެޔަށް ފޮނުވާލައެވެ. ފުއްޕާމޭގައި އޮކްސިޖަން އާއި އެއްވެ، އަނބުރާ ހިތަށް ފޮނުވާލައެވެ. އަދި އޮކްސިޖަން އާއި އެއްވެފައިވާ ލޭ، ހިތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭހޮޅިތަކުގެ ޒަރީޢާއިން އަނެއްކާ ވެސް ފޮނުވާލައެވެ. އޭގެ ފަހުން އޮކްސިޖަން އެކުނުލެވޭ ލޭ ހަށިގަނޑުގެ އެކި ހިސާބުތަކުން އަނބުރާ ހިތަށް ފޮނުވާލައެވެ. މިއުސްލޫބުގެ ދަށުން ހަށިގަނޑުގައި ލޭދައުރުވެ، ދައުރުވެ، ހުރެއެވެ.

ހަށިގަނޑުގެ ހިތަށްވުރެ މަތީބައިގެ ހިސާބުތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިއަށް ކިޔަނީ "ސްޕީރިއާ ވީނާ ކޭވާ"(Superior venae cavae) އެވެ. އަދި ހަށިގަނޑުގެ ހިތަށްވުރެ ތިރީބައިގެ ހިސާބުތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅިއަށް ކިޔަނީ "އިންފީރިއާ ވީނާ ކޭވާ"(Inferior venae cavae) އެވެ. ހަށިގަނޑުގައިވާ ހިތަށްވުރެ މަތީގައިވާ ހިސާބުތަކުންނާއި، އަދި ހިތަށްވުރެ ތިރީގައިވާ ހިސާބުތަކުން ވެސް ހިތަށް ފޯރުކޮށްދޭ ލޭ ހިތުގެ އެތެރެއަށް ވާޞިލްވަނީ ހިތުގެ ކަނާތް ފަރާތުގައި އިންނަ ކަނާތު އެޓްރީއަމް ހުރަސްކޮށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.