ހޮނިހިރު20201128

އާކުރެވުނީ: 08:43:52

ކުޑަކަމުދާ ނިޒާމް

kudakamudha-nizaam-mainކުޑަކަމުދާ ނިޒާމްގައި ހިމެނޭ މުހިއްމު ބައިތައް

ކުޑަކަމުދާ ނިޒާމްގައި ހިމެނޭ މުހިއްމު ބައިތަކަކީ ގުރުދާ، ގުރުތާ، މަސާނާ، އަދި ކުޑަކަމުދާ ހޮޅި އެވެ.

ގުރުދާ

ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ(Kidney) ވެއެވެ.އެއީ ހަށިގަނޑުގެ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ތޮޅި-އޮށެއްގެ ބައްޓަމަށް، ސާބޯނި ބުރިއެއް ވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނުވަތަ އަރިކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ''ލަމްބާރ ވާޓެބްރާ''(Lumbar Vertebrae) ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ''ޕެރިނެފްރިކް ފެޓް''(Perinephric fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ސަރުބީތަކުގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި ''އެޑްރީނަލް ގްލޭންޑް''(Adrenal gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ހޮޅީގެ(Renal artery) ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީ(Aorta)ގެ ބަނޑާވީ ހިސާބުގައިވާ ބައި (Abdominal aorta) އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. މިގޮތަށް ގުރުދާ އަށް ލޭ ވާޞިލްވުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގުރުދާގެ މައިގަނޑު މަސައްކަތަކީ ލެއިން ހަށިގަނޑަށް ބޭނުންނުވާ ފެނަށް ގިރޭ(Water soluble) މާއްދާތަށް ފުރާނާ ލައިގެން ވަކިކުރުމެވެ. ގުރުދާގެ މެދެއް ހާ ހިސާބުން އެތެރޭ ފަރާތުން ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި ގުރުތާ (Ureters) ،ނިކުމެފައި ވެއެވެ. މިހޮޅި ތިރިއަށް ގޮސްގުޅެނީ މަސާނާ އަށެވެ.

ގުރުދާ އަކީ ތަފާތު ވަޒީފާތައް ނުވަތަ މަސައްކަތްތައް ފުރިހަމަކުރާ ގުނަވަނެކެވެ. މިގޮތުން ގުރުދާ އަދާކުރާ ވާޖިބު ތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި އުފެއްދުން، ހަށިގަނޑުގައި ބައެއް ކަހަލަ މަޢުދަންތައް(Electrolytes) ، ނުވަތަ ''އިލެކްޓްރޮލައިޓް''ތަކުގެ މިންވަރު ކޮންޓްރޯލް ކުރުން، އަދި ހަށިގަނޑުގައި ''އެސިޑް-ބޭސް''(Acid-base) ގެ ހަމަ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ގުރުދާ އަދި ހަށިގަނޑުގެ އެހެން ބައިތަކުން އުފައްދާ ބައެއް ހޯރމޯންތަކުގެ އެހީގައި ގުރުދާއިން ސޯޑިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް ފަދަ ''އިލެކްޓްރޮލައިޓް''ތައް ބޭރުކޮށް އަލުން އަނބުރައި ހަށިގަނޑަށް އެނަގައެވެ. ނުވަތަ ހަށިގަނޑުގެތެރެއަށް އެމާއްދާތައް ދަމައެވެ.

އިންސާނާގެ ހަށިގަނޑުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި އުފައްދައެވެ. މިއަދަދު ނުވަތަ މިންވަރު ހަށިގަނޑުގެ ޙާލަތު ހުންނަ ނުހުންނަ ގޮތަކަށް ބަލައި ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެއީ ގުރުދާ އިން ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނާލައިގެން ވަކިކުރުން ގުޅިފައި އޮންނަނީ ގުރުދާ އަށް ވާޞިލްވާ ނުވަތަ ފޯރުކޮށްދެވޭ ލޭ، ނުވަތަ ގުރުދާގައި ލޭދައުރުވުމާއި ކަމަށްވާތީ އެވެ. ހަށިގަނޑުގައި ދިޔާތަކެތި އެކުލެވޭ މިންވަރަށް ބަދަލު އައުމަކީ ވެސް ގުރުދާގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމެކެވެ. ގުރުދާގައިވާ ''ގްލޮމެރިޔޫލަސް''(Glomerulus) ގައި ލޭދައުރުވާ މިންވަރަށް ގުރުދާގެ ތެރޭގައި އުފައްދާ ހޯރމޯންތަކާއި، އަދި ގުރުދާއިން ބޭރުން އުފައްދާ ބައެއް ހޯރމޯންތަކުގެ ސަބަބުން ބަދަލު ގެނުވައެވެ. ބައެއް ކަހަލަ ބޭސް ތަކުގެ ސަބަބުން ވެސް ސީދާކޮށްނާއި، ނުސީދާކޮށް ކުޑަކަމުދާ ތަކެތި އުފެއްދުމަށް ބުރޫ އަރުވައެވެ.

ގުރުތާ

ގުރުތާ(Ureters) އަކީ ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅިއެވެ. ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ގުރުތާ އެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަހުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ. ކޮންމެ 50 ނުވަތަ 60 ގަޑިއިރަކުން ވަރަށް ކުޑަ މިންވަރެއްގެ ވިހަ މާއްދާތައް ގުރުތާ އިން މަސާނާ އަށް އެޅެއެވެ.

ނޯޓް: ގުރުތާ އަކީ އަޅުގަނޑު ޚިޔާރުކޮށްފައިވާ ނަމެކެވެ. މިއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖުލިހުން ފާސްކޮށްފައިވާ ނަމެއް ނޫނެވެ. "ޔުރެޓަރ" އަށް ގުރުތާ މިނަން ޚިޔާރުކުރުމުގައި ގުރުދާ ގައި ހިމެނޭ "ގުރު" މި ދެއަކުރު ނެގުމަށްފަހު "ޔުރެޓަރ" ގެ ފަހަތުގައި ހިމެނޭ "ޓ"، "ތ" އަކަށް ބަދަލުކޮށް މިނަން ދިނީ އެވެ.

މަސާނާ

މަސާނާ (Bladder) އަކީ މަޑު މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އެތެރެ ހުސްކޮށް އޮންނަ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން އެޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ.

މަސާނާގެ އެތެރޭގައިވާ ތެތް ދުލިފަށް(Mucosa) ގެ ބޭރު ފަށަލަ ނުވަތަ ''އެޕިތީލިއަމް''(Epithelium)ގެ ވައްތަރަކީ ''ޓްރާންސިޝަނަލް އެޕިތީލިއަމް''(Transitional epithelium) އެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިއްބައި ދެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ނުވަތަ ޖަރާސީމުން އެއްކިބާކުރެވިފައިވާ ''ސްޓެރައިލް'' ގުނަވަނެކެވެ.

މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ''ސްފިންކްޓާރސް''(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ.

މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.

ކުޑަކަމުދާ ހޮޅި

ކުޑަކަމުދާ ހޮޅި (Urethra) ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ކުޑަކަމުދާ ނިޒާމާއި ބަލިތައް

ގުރުދާގެ ބަލިތައް ބަލައި ދެނެގަނެ، އެކަމަށް ފަރުވާކުރަނީ އެކަމަށް ޚާއްޞަ ވެފައި ތިބޭ ޑޮކްޓަރުންނެވެ. ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ގިނަ ފަހަރު ފަރުވާކުރާ ޚާއްޞަ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ ގުރުދާގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ކަމުގައިވާ ނެފްރޮލޮޖިސްޓުންނާއި، ކުޑަކަމުދާ ނިޒާމްގެ ހުރިހާ ބައްޔަކަށް ޚާއްޞަ ޑޮކްޓަރުން ކަމުގައިވާ ޔޫރުލޮޖިސްޓުންނެވެ. އަންހެނުންނަށް ކުރިމަތިވާ ކުޑަކަމުދާ ތަކެތި ނުހިފެހެއްޓުން ނުވަތަ ފަހަރުވާ ނުހިފެހެއްޓުން ފަދަ ބަލިތަކަށް ގިނަ ފަހަރު ފަރުވާކުރަނީ އަންހެނުންގެ ބަލިތަކަށް ޚާޢްޞަ ޑޮކްޓަރުންނެވެ.

ގުރުދާ ފޭލްވުން

ގުރުދާ ފޭލްވުމޭ ބުނެވެނީ ގުރުދާގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހުރަސްތަކާއި ކުރިމަތިވެ، އުދަގޫތައް އިންސާނާ އަށް ކުރިމަތި ވުމަށް ނިސްބަތްކޮށެވެ. ގުރުދާ ފޭލްވުމުގެ މައިގަނޑު ދެވައްތަރެއް ވެއެވެ. އެއީ ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން(Acute renal failure) އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން(Chronic renal failure) އެވެ. މީގެ އިތުރުން މިވައްތަރު ތައް އަދި ކުދިކުދި ބައެއް ވައްތަރުތަކަށް ބެހިގެން ދެއެވެ. އޭގެ ތެރޭގައި ''ޕްރީ-ރީނަލް ފޭލްޔަރ''، ''އިންޓްރިންސިކް-ރީނަލް ފޭލްޔަރ'' އަދި ''ޕޯސްޓް-ރީނަލް ފޭލްޔަރ'' ހިމެނެއެވެ.

ޕްރީ-ރީނަލް ފޭލްޔަރ ގެ މާނައަކީ ގުރުދާ އަށް ލޭ ފޮނުވައިދޭ ލޭހޮޅި ނުވަތަ ''ރީނަލް އާޓަރީ'' ހަނިވެ، ބެދޭގޮތް ވުމުން ގުރުދާ އަށް ލޭ ވާޞިލްވުމުގައި ނުވަތަ ފޯރުވައި ދިނުމުގައި ބުރޫ އެރުމެވެ. އިންޓްރިންސިކް ގުރުދާގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ބޭހުގެ ސަބަބުން ގުރުދާ ވިހަވުން، ނުވަތަ ބޭހާއި ނުގުޅިގެން މައްސަލަ ކުރިމަތިވުން އަދި ގުރުދާ ދުޅަވުން(Nephritis)ފަދަ ކަންތައްތަކެވެ. ޕޯސްޓް-ރީނަލް ފޭލްޔަރ އަކީ ގުރުދާގައި ހިލަ އުފެދުން(Renal stone) ފަދަ ކަމެއް ކުރިމަތިވުމެވެ. ދިގު މުއްދަތަކަށް ގުރުދާ ފޭލްވެ ނުރައްކާތެރި ޙާލަތަކަށް މީހާގެ ހަށިގަނޑު ހިގައްޖެނަމަ ގުރުދާ ބަދަލު ކުރެވެންދެން މަދުވެގެން ހަފްތާ އަކު އެއްފަހަރު ލޭ ފުރާނާ ސާފުކޮށްލުން(Dialysis) ހަދަންޖެހެއެވެ. ގުރުދާއަށް މަދުން ނަމަވެސް ގުރުދާގެ ކެންސަރުގެ ވައްތަރުތައް ޖެހެއެވެ.

ގުރުދާގެ ބަލިތައް ނޫން އެހެން ކުޑަކަމުދާ ނިޒާމްގެ ބަލިތައް

ކުޑަކަމުދާ ނިޒާމްގެ ބަލިތަކަކީ ވަރަށް ޢާންމު ބަލިތަކެވެ. އެއީ ބައެއް ފަހަރު ބޭރު ފުށުން ލިބޭ ގެއްލުމެއްގެ ސަބަބުން އެތެރެއަށް ލޭހިލުން ނުވަތަ ލޭފޭދުން(Hemorrhage) ،ދުޅަވުން، ކެންސަރު ޖެހުން، ނުވަތަ ބެކްޓީރިޔާ، ވައިރަސް، ފަންގަސް ފަދަ ޖަރާސީމެއްގެ ސަބަބުން އިންފެކްޝަން އަށަގަތުން ކަމަށް ވެސް ވެދާނެއެވެ. މީގެ އިތުރުން ކެންސަރު ވެސް ކުޑަކަމުދާ ނިޒާމްގެ ބައިތަކަށް ޖެހެއެވެ. މިފަަދަ ބައެއް ބަލިތަކުގެ މިސާލުތައް ތިރީގައި މިވަނީ އެވެ.

* ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުން

* ހިފެހެއްޓުމެއްނެތި ކުޑަކަމުދެވުން / ފަހަރުވާ ނުހިފެހެއްޓުން ( އިޚްތިޔާރަކާއި ނުލައި ފަހަރުވާ ލެވުން )

* ޕްރޮސްޓޭޓް ދުޅަވުން، އަދި ޕްރޮސްޓޭޓް ބޮޑުވާބަލި (ޕްރޮސްޓޭޓް އާދަޔާ ޚިލާފަށް ބޮޑުވުން)

* ގުރުދާގެ ކެންސަރު، މަސާނާގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު

ނޯޓް: އިގިރޭސި ބަހުގައި ކިޔައިއުޅޭ ''ޔޫރޯޕަތީ''(Uropathy) ގެ މާނައަކީ ''ކުޑަކަމުދާ ނިޒާމްގެ ބަލިތަކެވެ''. އަދި ''ނެފްރޯޕަތީ'' (Nephropathy)ގެ މާނައަކީ ''ގުރުދާ ގެ ބަލިތަކެވެ''.

ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ޓެސްޓް ކުރުން

ބަޔޯކެމިކަލް ލޭގެ ޓެސްޓް ތަކުގެ އެހީގައި ގުރުދާގެ މަސައްކަތް ހުރިނެތް ގޮތް ދެނެގަނެވެއެވެ. މިގޮތުން ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި ގުޅިގެން ލޭގައި އެމާއްދާއެއް ހުރި މިންވަރު ބެލޭ އެންމެ އާއްމު ދެމާއްދާ އަކީ ނުރައްކާތެރި ގޭހުގެ ބާވަތެއްކަމުގައިވާ ''ޔޫރިޔާ'' އަދި ''ކްރިއެޓިނިން'' އެވެ. މީގެ އިތުރުން ކުޑަކަމުދާ ނިޒާމްގެ ބަލިތައް ދެނެގަތުމަށްޓަކައި ލޭގައި ތަފާތު މަޢުދަންތައް ނުވަތަ ''އިލެކްޓްރޮލައިޓް'' ހުރި މިންވަރު ބަލައި އުޅެއެވެ.

ބަޔޯކެމިކަލް ޚާއްޞަ ޓެސްޓެއް ކަމަށްވާ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގައި ގޭސް ހުރި މިންވަރު ބެލުން (Arterial blood gas): މިއީ ލޭގައި ނުރައްކާތެރި ގޭސްތައް ހުރި މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ.

ކުޑަކަމުދާ ތަކެތި ތަޙްލީލު ކުރުން : މިއީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޕްރޮޓީން އަދި އެހެނިހެން މާއްދާތަކުގެ މިންވަރު ބެލުމަށް ހެދޭ ކުޑަކަމުދާ ތަކެތީގެ ޓެސްޓެކެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމްގެ އަސަރު ހުރިތޯއާއި، ލޭގެ އަސަރު ހުރިތޯ ވެސް ދެނެގަނެވޭނެ އެވެ.

ޔޫރޯޑައިނަމިކް ޓެސްޓްތައް : މިއީ މަސާނާގައި ކުޑަކަމުދާ ތަކެތި ގުދަން ކުރެވިފައި ހުރިވަރު ބަލައި، އަދި ކުޑަކަމުދާ ތަކެތި ބޭރުވާ މިންވަރު ބެލުމަށް ހެދޭ ޓެސްޓްތަކެވެ. ޢާއްމު ގޮތެއްގައި މިޓެސްޓްތައް ހެދެނީ ފަހަރުވާ ނުހިފެހެއްޓުން ނުވަތަ އިޚްތިޔާރަކާ ނުލައި ފަހަރުވާލެވުން(Urinary incontinence) ފަދަ ޙާލަތްތަކުގައެވެ. އަދި ކުޑަކަމުދާ ނިޒާމަށް އަސަރުކުރާ ނާރުތަކުގެ ބަލިތައް ދެނެގަތުމަށެވެ.

ސްކޭންކުރުން: މިއީ ވެސް ކުޑަކަމުދާ ނިޒާމްގެ ބަލިތައް ދެނެގަތުމަށް ކުރެވޭ ކަމެކެވެ. ސްކޭންގެ އެހީގައި ކުޑަކަމުދާ ނިޒާމްގެ އެއްވެސް ގުނަވަނެއްގައި ހިލަ އުފެދިފައިވޭތޯ ނުވަތަ އެއްވެސް ކަހަލަ ދުޅައެއް ، ގޮށެއް ، ޓިއުމަރެއް، އާދަޔާ ޚިލާފު އެއްޗެއް އުފެދެމުންދާނަމަ އެކަން ދެނެގަނެވޭނެ އެވެ.

އެކްސްރޭނެގުން

• ކަބް(KUB): މިއީ ގުރުދާ، ގުރުތާ، އަދި މަސާނާ ހިމެނޭ ގޮތަށް މުޅި ކުޑަކަމުދާ ނިޒާމްގެ އެކްސް ރޭ ނަގައިދޭ ޓެސްޓެކެވެ. މިޓެސްޓްގެ އެހީގައި ކުޑަކަމުދާ ނިޒާމްގައި ހިލަ އުފެދިފައި ހުރިނަމަ އެކަން ދެނެގަނެވެއެވެ.

• ''އިންޓްރަވީނަސް ޕައިއެލޯގްރާމް''(IVP): މިޓެސްޓްގެ އެހީގައި ކުޑަކަމުދާ ނިޒާމްގައި ހުންނަ ޢައިބުތައް ދެނެގަނެވެއެވެ. މިސާލަކަށް ބައެއްގެ ބައްޓަމަށް ބަދަލު އައިސްފައި ހުރުން ފަދަ ކަންތައްތައް ދެނެގަނެވެއެވެ.

• ސީޓީ ( ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ )ސްކޭން އަދި މެގްނެޓިކް ރިސޮނެންސް އިމޭޖިންގ: މިއީ ސީދާ ކުޑަކަމުދާ ނިޒާމްގައި ބަލިހުރީ ކޮންތާކުތޯ ޔަގީން ކަމާއެކު ބުނެދޭ ޓެސްޓެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.