ހޮނިހިރު20200808

އާކުރެވުނީ: 08:43:52

ލޭގެ ހުދު ސެލް

hudhu-cell-2ލޭގެ ހުދު ސެލް (White blood cells)އަކީ ލޭގެ ތެރޭގައި ބޮޑު ނިއުކްލިއަސްއެއް ލާފައި ހުންނަ ސެލްއެވެ. މިސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މާނައަކީ ބަލިތަކާއި ދެކޮޅަށް ހަގުރާމަކުރުމުގައި އެހީތެރިވެދެއެވެ. ލޭގެ ތެރޭގައި އަބަދުވެސް މިސެލްތައް ދައުރުވެ،ދައުރުވެ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ބައްޔެއް އުފެދުނަސް އެހިސާބަކަށް ވާސިލްވެއެވެ. ލޭގެ ހުދު ސެލްތަކަށް ''ލިއުކޯސައިޓް''(Leucocyte) އޭވެސް ކިޔައެވެ. ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި 10،000-4000 ދެމެދުގެ އަދަދަކަށް ލޭގެ ހުދު ސެލްތައް ހުރެއެވެ. އެވްރެޖްގޮތެއްގައި މިއަދަދު ހުންނަނީ 7000ގައެވެ.ލޭގެތަހުލީލު ތަކުން ލޭގެ ހުދު ސެލްތައް ލޭގައި ގިނަކަމަށް ދައްކައިފިނަމަ އޭގެ މާނައަކީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ބައްޔެއް އަށަގަތުމެވެ.

ލޭގެ ހުދު ސެލްތަކުގެ ވައްތަރުތައް

ލޭގެ ހުދު ސެލްތަކުގެ ތެރޭގައި މައިގަނޑު 5 ބާވަތެއްގެ ސެލް ހިމެނެއެވެ.
hudhu-cell-1* ނޫޓްރަފިލް – 70-50 އިންސައްތަ
* އީއަސިނަފިލް – 4-1 އިންސައްތަ
* ބޭސަފިލް – 0.4 އިންސައްތަ
* މޮނަސައިޓް – 40-20 އިންސައްތަ
* ލިމްފަސައިޓް – 8-2 އިންސައްތަ

ނޫޓްރަފިލް، އީއަސިނަފިލް، ބޭސަފިލް ތަކަށް ''ގްރެނިޔުލޯސައިޓް''(Granulocyte) އޭވެސް ކިޔައެވެ. މިހެން ކިޔަނީ މިބުނި ސެލްތަކުގެ ތެރޭގައި ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމްސް ( Digestive enzymes) އެކުލެވޭ ''ގްރެނިޔޫލް''( Granule) ތަކެއް ހުންނާތީއެވެ.ބޭސަފިލް ތަކުގައި ހުންނަނީ ދަނބުކުލައިގެ ''ގްރެނިޔޫލް'' ތަކެކެވެ. އީއަސިނަފިލް ތަކުގައި ހުންނަނީ ރަތްއޮރެންޖް ކުލައިގެ ''ގްރެނިޔޫލް'' ތަކެކެވެ. ނޫޓްރަފިލްގައި ހިމެނޭ ''ގްރެނިޔޫލް''ތައް ހުންނަނީ ނޫފިޔާތޮށި ކުލައަށެވެ.

ނޫޓްރަފިލް

ނޫޓްރަފިލް (Neutrophil)އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ ސެލްގެ ވައްތަރެވެ. ލޭގެ ހުދު ސެލްތަކުގެ 70-50 އިންސައްތަ ހިއްޞާކުރަނީ މިސެލްތަކެވެ. ބެކްޓީރިއާތަކާއި އިދިކޮޅަށް ހަށިގަނޑު ދިފާއުކުރުމުގައި އަސާސީ ދައުރެއް ނޫޓްރަފިލް އަދާކުރެއެވެ. ބެކްޓީރިއާ މަރާލުމުގެ ގޮތުން ނޫޓްރަފިލް ކުރާކަމަކީ ބެކްޓީރިއާ ''ދިރުވާލުމެވެ''. މިގޮތަށް ދިރުވާލާ ދިރުވުމަށް ނުވަތަ ކާލުމަށް ''ފޭގަސައިޓޯސިސް''( Phagocytosis ) އޭ ކިޔައެވެ. ނޫޓްރަފިލް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 20-5އާއި ދެމެދުގެ އަދަދަކަށް ބެކްޓީރިއާ ދިރުވައެވެ.

ނޫޓްރަފިލްތައް ބެކްޓީރިއާތައް ދިރުވާލުމުގައި ނުވަތަ ނައްތާލުމުގައި އަންނަނިވި މަރުހަލާތައް ކަނޑަތުކުރެއެވެ.
* ނޫޓްރަފިލް ޖަރާސީމާއި ގާތްވުން
* ނޫޓްރަފިލް ޖަރާސީމްގައި ބީހުން ނުވަތަ ތަތްލުން
* ނޫޓްރަފިލްގެ ބޭރު ފަށަލަ(Cell membrane) ދެފަރާތުން ނިކުމެ ޖަރާސީމްގެ ވަށާލުން
* ޖަރާސީމް ނޫޓްރަފިލްގެ ''ސައިޓޮޕްލާޒަމް''( Cytoplasm ) ނުވަތަ ސެލްގެ އެތެރެއަށް އައުން

ޖަރާސީމް ސެލްގެ ތެރެއަށް ވަނުމުން އެއަށް ކިޔަނީ ''ފޭގަސޯމް''( Phagosome ) އެވެ. ނޫޓްރަފިލް ގައި އެކުލެވޭ ގްރެނިއޫލްތަކާއި، ''ލައިސަސޯމް''ތައް ''ފޭގަސޯމް''ގެ ބޭރުފަށަލައިގައި ތަތްވެ، އޭގައި ހިމެނޭ '' ޕްރޮޓިއޯލިޓިކް އެންޒައިމް''( Proteolytic enzyme )ނުވަތަ ޕްރޮޓީން ބައިކުރާ އެންޒައިމް ތަކުގެ އެހީގައި ބެކްޓީރިއާ މަރާލައެވެ.

ނޫޓްރަފިލްތަކުގައި ''ނިއުކްލިއަސް''( Nucleus ) ހުންނަނީ ބައިބައިވެފައި ނުވަތަ ''މަލްޓިލޯބްޑް'' ކޮށެވެ. ލޭގައި ހިމެނޭ ފުރިހަމަނުވާ ނޫޓްރަފިލް ތަކަށް ކިޔަނީ ''ބޭންޑްސް''( Bands )އެވެ. ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެއް ހުރިނަމަ ނޫޓްރަފިލްތަކުގެ އަދަދު އިތުރުވެ، ''ބޭންޑްސް''ތައް ފެންނަށްހުރެއެވެ.

އީއަސިނަފިލް

އީއަސިނަފިލް (Eosinophil)އަކީ ދިފާޢީ ނިޒާމްގައި ބައިވެރިވާ ލޭގެ ހުދު ސެލް ގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ޕެރަސައިޓްގެ ސަަބަބުން ޖެހޭ އިންފެކްޝަން އިން ހަށިގަނޑު ދިފާއުކޮށް ހިމާޔަތްކުރުމުގައި މުހިއްމު ދައުރެއް މިސެލް އަދާކުރާކަން ފާހަގަ ކުރެވެއެވެ. ލޭގެ ހުދު ސެލްތަކުގެ 5-1 އިންސައްތަ ހިއްޞާކުރާ މިސެލްގެ ސައިޒުގައި 12-10 މައިކްރޯމީޓަރު ހުރެއެވެ. ލޭގެ ތެރޭގައި ނޫޓްރަފިލް 12-6 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ.

އީއަސިނަފިލްތައް އިތުރުވުން

އަންނަނިވި ހާލަތްތަކުގައި އީޒިނޯފިލްތަކުގެ އަދަދުއިތުރުވެ، އޭގެ ދައުރު އަދާކުރެއެވެ.
* ނުގުޅޭ އަސަރު ނުވަތަ އެލާޖީ ( Allergy )

އެލާޖީގެ ހާލަތުގައި ބޭސަފިލް ތަކުން ބޭރުކުރާ ''ހިސްޓަމީން''( Histamine ) ނޫޓްރަފިލް އެތެރެއަށް ވައްދައެވެ.އަދި ބޭސަފިލްއާއި ''މަސްޓް ސެލް'' އިން ބޭރުކުރާ ''އިންފްލެމޭޝަން'' އުފެދުމަށް އެހީވެދޭ މާއްދާތަކުގެ ބާރު ނައްތާލައެވެ. އެލާޖީއާއި ގުޅިގެން ކުރިމަތިވާ ބަލިހާލަތްތަކުގައި '' ލިއުކޯޓްރީންC4''އާއި، ''ޕްލޭޓްލިޓް އެކްޓިވޭޓިންގ ފެކްޓަރ'' ( PAF ) ނޫޓްރަފިލް ތަކުން އުފައްދައެވެ.

* ޕެރަސައިޓުން ޖެހޭ ބަލިތައް ނުވަތަ އިންފެކްޝަން ( Parasitic infection )

ޕެރަސައިޓެއް ހަށިގަނޑަށް ވަނުމުން އީއަސިނަފިލްގައި ހުންނަ ގްރެނިއޫލްތަކުގައި އެކުލެވޭ ''ހައިޑްރަލިޓިކް އެންޒައިމް''( Hydrolytic enzyme )ތަކުގެ އެހީގައި އެޕަރަސައިޓަކާއި ހަމަލާދީ ނައްތާލައެވެ.

ބޭސަފިލް

ބޭސަފިލް (Basophil)އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ މަދުން ހުންނަ ވައްތަރެވެ. ''މަސްޓް ސެލް]](Mast cell) އާއި، ބޭސަފިލް ތަކާ އެއްގޮތް ގޮތެއް ހުރެއެވެ. މިސާލަކަށް މިދެވައްތަރުގެ ސެލްގައި ވެސް ''ހިސްޓަމީން''(Histamine) ރައްކާ ކުރެއެވެ.ބޭސަފިލް ތަކުގައި ހުންނަނީ ދަނބުކުލައިގެ ''ގްރެނިއޫލް'' ތަކެކެވެ.

އެލާޖީގެ ހާލަތުގައި ބޭސޯފިލްތަކުން ''ހިސްޓަމިން''(Histamine) އާއި، ''ހެޕަރިން''(Heparin) ބޭރުކުރެއެވެ. މަދުއަދަދަކަށް ''ބްރެޑިކައިނިން''(Bradykinin) އާއި، ''ސިރޮޓޮނިން''(Serotonin) އުފައްދައެވެ. ބޭސޯފިލްތައް ''އާޓިކާރިއާ''(Urticaria) އާއި، ''ރައިނައިޓިސް''(Rhinitis) ފަދަ '' އެންޓިބޮޑީ-މީޑިއޭޓެޑް ހައިޕަސެންސިޓިވިޓީ'' (ހަށިދަމަނައެއް ހަށިގަނޑަށް ވަނުމުން ކުރިމަތިވާ ނުގުޅޭ އަސަރު)ގެ ހާލަތްތަކުގައި މުހިއްމު ދައުރެއް ހިއްސާކުރެއެވެ.

މޮނަސައިޓް

މޮނަސައިޓް (Monocyte)އަކީ ދިފާޢީ ނިޒާމްގައި ހިމެނޭ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. ލޭގެ ހުދު ސެލްތަކުގެ 40-20 އިންސައްތަ ހިއްޞާކުރަނީ މޮނަސައިޓް ތަކެވެ. ލޭގެ ޒަރީޢާއިން އުފަންވާ އިންފެކްޝަން އަށަގަންނަތާ 12-8 ގަޑިއިރުގެ ތެރޭގައި އިންފެކްޝަން އަށަގަތް ހިސާބަށް މޮނަސައިޓް ވާޞިލް ވެއެވެެ.

މޮނަސައިޓްގެ ވަޒީފާ

* މޮނަސައިޓް ތައް ޓިޝޫތަކަށް ވަނުމަށްފަހު ބޮޑުވެ، ''މެކްރަފޭޖް''( Macrophage)ތަކަށް ބަދަލުވެއެވެ. މެކްރަފޭޖް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 100ވަރަކަށް ބެކްޓީރިއާ ދިރުވާލައެވެ. ހަމަމިހެން ހަށިގަނޑުގައި މަރުވެ، ހަލާކުވެ، ނުވަތަ ދުވަސްވެފައިވާ ސެލްތައް ނައްތާލައެވެ.

* މެކްރަފޭޖް ފުރަމޭ، ހުންކޮށި،ފުއްޕާމޭ، ކުޑަގޮހޮރު، ފަދަ ގުނަވަންތަކާއި، އަދި ހަމާއި،ލިމްފްގޮށް ތަކުގައި ވެސް ހުރެއެވެ. މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި މެކްރަފޭޖް ފެތުރިފައިވާ ނިޒާމަށް ކިޔަނީ '' ރެޓިކިއުލޯ އިންޑޯތީލިއަލް ސިސްޓަމް''(RES ) އެވެ.

* ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ފަދަ ޖަރާސީމްތައް އަތުލައި މަރާލުން ނުވަތަ ނައްތާލުމުގައި ނޫޓްރަފިލްތަކާއި، މޮނަސައިޓްތައް އެކިގޮތްތައް ބޭނުންކުރެއެވެ. ފުރަތަމަ ނޫޓްރަފިލްތައް ލޭގެމަގުން އެއްކިބާވެ، ކުދިލޭހޮޅި( Capillaries ) ތަކުގެ އެތެރޭގައިވާ ތެތް ދުލިފަށަލައިގެ ބަތާނަ(Endothelium)ގައި ޖަމާވެ، ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''މާރޖިނޭޝަން''( Margination) އެވެ. އެއަށްފަހު ލޭހޮޅީގެ ހަނިމަގަކުން ހުރަސްކޮށް ޓިޝޫތަކުގެ ތެރެއަށް މިސެލްތައް ވާސިލްވެއެވެ. މިގޮތަށް ވާސިލްވުމަށް ކިޔަނީ''ޑައަޕީޑިސިސް''( Diapedesis ) އެވެ. ދެން އިންފެކްޝަން ނުވަތަ ބަލި އުފެދިފައިހުރި ދިމާލަށް މިސެލްތައް މިސްރާބު ޖަހައެވެ. މިހާލަތުގައި ސެލްތައް ހަރަކާތްކުރަނީ ''އެމީބާ''ހެން ''ސޫޑަޕޯޑިއާ''ގެ އެހީގައެވެ. މިސެލްތައް ބަލި، އިންފެކްޝަން، ނުވަތަ އިންފްލެމޭޝަން ހުރި ދިމާލަށް ގެންދަނީ ކެމިކަލް މާއްދާތަކެއްގެ އެހީގައެވެ. މިބުނި ކެމިކަލް މާއްދާތައް އުފައްދަނީ ދިފާއުކުރުމުގެ ނިޒާމުން ނުވަތަ ބެކްޓީރިއާއިންނެވެ. މިގޮތަށް ގެންދިއުމަށް ކިޔަނީ ''ކީމޯޓެކްސިސް''( Chemotaxis ) އެވެ. އެއަށްފަހު މިސެލްތައް ބެކްޓީރިއާގެ ވަށާލައެވެ. ދެން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމް ( Digestive enzyme )ތަކުގެ އެހީގައި ބެކްޓީރިއާ މިސެލްގެ ތެރެއަށް ދަމާލައެވެ. މިބީދައިން ބެކްޓީރިއާ ކާލުމަށް ނުވަތަ ދިރުވާލުމަށް ކިޔަނީ ''ފޭގަސައިޓޯސިސް''( Phagocytosis ) އެވެ.

ލިމްފަސައިޓް

ލިމްފަސައިޓް (Lymphocyte)އަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. މިއީ ސީދާ ދިފާއުކުރުމުގެ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކެކެވެ. މިސެލްތަކުގެ 3 ވައްތަރެއް ހުރެއެވެ. ލިމްފަސައިޓްގެ މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.

* ޓީ ލިމްފަސައިޓް
* ބީ ލިމްފަސައިޓް
* ނެޗުރަލް ކިލަރ ސެލް

ބީީ ލިމްފަސައިޓް

ބީ ލިމްފަސައިޓް (B-Lymphocyte)އަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ސެލް އެކެވެ. ބީ ލިމްފަސައިޓް އިން ހަށިގަނޑަށް ވަންނަ ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ(Antibodies) އުފައްދައެވެ. އެހެންކަމުން ''ހަށިދަމަނަ އުފައްދައިގެން ހަށިގަނޑު ދިފާޢުކުރުން''(Humoral immunity) ފުރިހަމަ ކުރުމުގައި ހިއްޞާވަނީ ބީ ލިމްފަސައިޓް ތަކެވެ. މިސެލްތަކަށް ބީސެލް އޭ ވެސް ކިޔައެވެ. ''ހެލްޕަރ ޓީ-ސެލް''ތައް ''ބީ-ސެލް''ތައް ހީވާގިކުރުވުމުން، ނުވަތަ ހަށިގަނޑަށް ބެކްޓީރިއާއެއް ވަދެ އެއާ ކުރިމަތިލާހިނދު ''ބީސެލް''ތައް ''ޕްލާޒްމާ ސެލް''( Plasma cells ) އޭ ކިޔޭ ސެލްތަކަކަށް ބަދަލުވެއެވެ. ''ޕްލާޒްމާ ސެލް''ތަކުން ވަރަށް މަތީ ދަރަޖައަކަށް ހަށިދަމަނަ އުފައްދައެވެ. މިހަށިދަމަނަ ތަކަށް''އިމިއުނޯގްލޯބިއުލިންް''(Immunoglobulin)އޭ ކިޔައެވެ. 5 ބާވަތެއްގެ ''އިމިއުނޯގްލޯބިއުލިން'' ހުރެއެވެ. އެއީ IgG,IgM,IgE,IgA,IgD މި5ބާވަތެވެ.

ޓީ ލިމްފަސައިޓް

ޓީ ލިމްފަސައިޓް (T-Lymphocyte)އަކީ ލިމްފަސައިޓްގެ ވައްތަރެކެވެ.ދިފާޢީ ނިޒާމުން ހަށިގަނޑު ދިފާޢުކޮށްދޭ ގޮތެއް ކަމުގައިވާ "ސެލްތައް ބޭނުންކޮށްގެން ހަށިގަނޑު ދިފާޢުކުރުން"(Cell mediated immunity)ފުރިހަމަކުރުމުގައި ހިއްސާވަނީ ޓީ ލިމްފަސައިޓް ތަކެވެ.ލިމްފަސައިޓްގެ 75 އިންސައްތަ އަކީ ޓީ ލިމްފަސައިޓް އެވެ. މިސެލްތައް ލޭގެ އެހެނިހެން ހުދު ސެލްތަކާއި ތަފާތެވެ. އެއީ ޓީ ލިމްފަސައިޓް ހަށިގަނޑަށް ވަންނަ ޖަރާސީމްތައް ފާހަގަކޮށް އޭގެ ނަމޫނާއެއް ސެލްތަކުގެ މެމޮރީގައި ރައްކާކުރާތީ އެވެ. ޓީ ލިމްފަސައިޓް ތަކަށް ''ޓީ ސެލް''(T-cell) އޭ ވެސް ކިޔައެވެ. ޓީ ލިމްފަސައިޓްގެ ތަފާތު ވައްތަރުތައް ހުރެއެވެ. ކޮންމެ ވައްތަރެއް ވެސް ހަށިގަނޑުގައި ވަކި ދައުރެއް އަދާކުރެއެވެ.

ޓީ ލިމްފަސައިޓް ގެ ވައްތަރުތައް

* ހެލްޕަރ ޓީ ސެލް
* ސައިޓަޓޮކްސިކް ޓީ ސެލް
* މެމަރީ ޓީ ސެލް
* ސަޕްރެޝަރ ޓީ ސެލް

ހެލްޕަރ ޓީ ސެލް

ހެލްޕަރ ޓީ ސެލް (Helper T cells)ތަކުގެ ބޭރު ފަށަލައިގައި ސީޑީ4 ކިޔާ ފްރޮޓީންއެއް ހުރެެއެވެ. އެހެންކަމުން މިސެލްތަކަށް ''ސީޑީ4 ޓީ ސެލް'' އޭ ވެސް ކިޔައި އުޅެއެވެ. އަދި މިސެލްތަކުން ''ސައިޓަކައިން''(Cytokine) ކިޔާ މާއްދާއެއް ބޭރުކުރެއެވެ. ސައިޓަކައިން ހަށިދަމަނަ އުފައްދާ ''ޕްލާޒްމާ ސެލް''(Plasma cell) އުފެއްދުމަށް ބީ ލިމްފަސައިޓް އަށް ބާރު އަޅައެވެ. މީގެ އިތުރުން ''ސައިޓަޓޮކްސިކް ޓީ ސެލް''(Cytotoxic T-cell) ތަކާއި އަދި ''ސަޕްރެޝަރ ޓީ ސެލް''(Suppressor T-cell) ތައް އުފެއްދުމަށް ބާރުއެޅުމާއެކު، މެކްރަފޭޖްތައް ހީވާގި ކުރުވައެވެ. އޭޑްސް ބަލީގެ ޖަރާސީމް ހަމަލާދެނީ މި ސެލްތަކަށެވެ. ނަތީޖާއެއްެގެ ގޮތުން ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ފަސޭހަކަމާއެކު ދަށްކޮށްލައެވެ.

ސައިޓަޓޮކްސިކް ޓީ ސެލް

ސައިޓަޓޮކްސިކް ޓީ ސެލް (Cytotoxic T cells)ތަކުން ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ މަރާލުމަށް އެހީވެދޭ ކެމިކަލްއެއް ބޭރުކުރެއެވެ. ސައިޓަޓޮކްސިކް ޓީ ސެލް ހަށިގަނޑުގައި ކެންސަރުގެ ސަބަބުން އުފެދޭ ޓިއުމަރު ސެލް، އަދި ވައިރަސްއާއި ތަޣައްޔަރު ވެފައިވާ ސެލްތައް ހަލާކުކޮށްލުމުގައި އެހީތެރި ވެއެވެ. ސައިޓަޓޮކްސިކް ޓީ ސެލް ތަކުގެ ބޭރު ފަށަލައިގައި ''ސީޑީ8'' ކިޔާ ގްލައިކޯ ޕްރޮޓީން އެއް ހުރެއެވެ. އެހެންކަމުން މިސެލްތަކަށް ''ސީޑީ8 ޓީ ސެލް'' އޭ ވެސް ކިޔައި އުޅެއެވެ.

މެމަރީ ޓީ ސެލް

މެމަރީ ޓީ ސެލް (Memory T cells)ތައް ހަށިގަނޑަށް ބެކްޓީރިއާއެއް ނުވަތަ ވައިރަސްއެއް ފަދަ އެއްޗެއް ވަނުމާއެކު، އޭގެ ނަމޫނާތައް ރައްކާކުރެއެވެ. އަދި އެފަދަ އެއްޗަކާއި، އިދިކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ ހަށިގަނޑުގައި އުފައްދައެވެ. މީގެ ބޭނުމަކީ ދެވަނަފަހަރަށް އެފަދަ އެއްޗެއް ހަށިގަނޑަށް ވަދެފިނަމަ، ދިފާޢީ ނިޒާމު އެއާއި އިދިކޮޅަށް މަސައްކަތްކުރާ މިންވަރު އަވަސްކުރުމެވެ.

މެމަރީ ޓީ ސެލްގެ ދެވައްތަރެއް ހުރެއެވެ. އެއީ ''ސެންޓްރަލް މެމަރީ ޓީ ސެލް'' އަދި ''އިފެކްޓަރ މެމަރީ ޓީ ސެލް'' އެވެ. މެމަރީ ޓީ ސެލް ގެ ބޭރު ފަށަަލައިގައި ''ސީޑީ4'' ނުވަތަ ''ސީޑީ8'' މިއިން ކޮންމެ ވެސް އެއް ޕްރޮޓީންއެއް އިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރެގިއުލޭޓަރީ ޓީ ސެލް

ރެގިއުލޭޓަރީ ޓީ ސެލް (Regulatory T cells)ތަކުގެ ބޭނުމަކީ ދިފާޢުކުރުމގެ ނިޒާމުގެ މަސައްކަތް ވަކިމިންވަރެއްގައި ހިފަހައްޓައި ކޮންޓްރޯލް ކުރުމެވެ. މިސެލްތަކަށް ''ސަޕްރެޝަރ ޓީ ސެލް''(Supressor T cells) އޭ ވެސް ކިޔައި އުޅެއެވެ. ރެގިއުލޭޓަރީ ޓީ ސެލްގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ''ނެޗުރަލީ އޮކަރިންގ ޓީ ސެލް''(Naturally occurring T cells) އަދި ''އެޑަޕްޓިވް ޓީ ސެލް'' (Adaptive T cells)އެވެ. ނެޗުރަލީ އޮކަރިންގ ޓީ ސެލް އާއި އެހެނިހެން ޓީ ސެލްތަކާއި ހުރި ތަފާތަކީ މިސެލްގެ ތެރޭގައި ''ފޮކްސްޕީ3''(FoxP3) ކިޔާ މޮލިކިއުލް އެއް ހުރުމެވެ.

ނެޗުރަލް ކިލަރ ޓީ ސެލް

ނެޗުރަލް ކިލަރ ޓީ ސެލް (Natural Killer T cells)އަކީ ދިފާޢީ ނިޒާމްގެ ބައިތައް ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ސެލް އެކެވެ. ނެޗުރަލް ކިލަރ ޓީ ސެލް ހީވާގި ކުރުވުމުން ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ މަރާލުމަށް އެހީވެދޭ ކެމިކަލްއެއް ބޭރުކުރެއެވެ. އަދި މިސެލްތަކުން ''ސައިޓަކައިން''(Cytokine) ކިޔާ މާއްދާއެއް ބޭރުކުރެއެވެ.

ލޭގެ ހުދު ސެލްތަކުގެ ދިރިހުރުމާއި، ދިރިހުންނަ މުއްދަތު

ލޭގެ ހުދު ސެލްގެ ބާވަތްތަކުގެ ތެރެއިން ޓީ-ލިމްފޯސައިޓްތައް ފިޔަވައި އެހެންހުރިހާ ބާވަތެއްގެ ސެލްތަކެއް އުފެދި ފުރިހަމަވަނީ ކަށީގެމަދު( Bone marrow )ގެ ތެރޭގައެވެ. ޓީ-ލިމްފޯސައިޓްތައް ވެސް އުފެދެންފަށަނީ މިތާގައެވެ. އެއަށްފަހު ''ތައިމަސް''( Thymus )އަށް ވާސިލްވެ، އޭގައިހުރެ ފުރިހަމަވެއެވެ. ތައިމަސް ހުންނަނީ ހިތާއި، ސްޓާރނަމްއާއި ދެމެދުން މޭމަތީގައެވެ.

ގްރެނިއުލޯސައިޓް ތައް ކަމުގައިވާ ނޫޓްރަފިލް،އީއަސިނަފިލް،ބޭސަފިލް ލޭގެ އާރަށް ވާސިލްވުމަށްފަހު 8-4ގަޑި އިރާއި، ދެމެދުގެ ވަގުތެން ވަންދެން ލޭގައި ދެމިހުރެއެވެ. އެއަށްފަހު އެކިއެކި ޓިޝޫތަކަށް ވާސިލްވެ، އެތާގައި 4 ނުވަތަ 5ދުވަސް ވަންދެން ދެމިހުރެއެވެ. ނުރައްކާތެރި ބަލިތަކުގެ ހާލަތުގައި މިމުއްދަތު ކުރުވެއެވެ.

މޮނަސައިޓްތައް އެވްރެޖްގޮތެއްގައި ލޭގައި ހޭދަކުރަނީ 20-10ގަޑިއިރާއި ދެމެދުގެ ވަގުތެން ވަންދެނެވެ. އެއަށްފަހު ޓިޝޫތަކަށް ވާސިލްވެ، މެކްރަފޭޖްތަކަށް ބަދަލުވެއެވެ. މެކްރަފޭޖްތައް މަސްތަކުން ފެށިގެން ގޮސް އަހަރުތައް ފާއިތުވަންދެންވެސް ދިރިދެމިހުރެއެވެ.

ލިމްފަސައިޓް ތައް ލިމްފް ޓިޝޫ (ހުންކޮށި، ލިމްފް ގޮށް، ތައިމަސް)ތަކާއި، ލިމްފް ދިޔައާއި،ލެޔާއި ދެމެދު ދައުރުވެ،ދައުރުވެ ހުރެއެވެ. ލޭގައި އެތައް ގަޑިއިރެއް ވަންދެން ލިމްފަސައިޓްތައް ދެމިހުރެއެވެ. މިސެލްތައް ވެސް ހަފްތާ،މަސް، އަދި އަހަރުތައް ފާއިތުވެދާއިރުވެސް ދިރިދެމިހުރެއެވ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.