ހުކުރު20201127

އާކުރެވުނީ: 08:43:52

ފުރަގަސް ފަރާތް

furagas-farah-1ފުރަގަސް ފަރާތް (Rectum) އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު މަގާއި ދޭތެރޭގައި އިންނަ ބައެކެވެ. އެހެންކަމުން ފުރަގަސްފަރާތް އިންނާނީ ބޮޑުގޮހޮރުގެ އެންމެ ފަހުބައި ކަމުގައިވާ ސިގްމޮއިޑް ގޮހޮރާއި ޖެހިގެންނެވެ. ފުރަގަސްފަރާތް ޖެހިގެން ތިރިއަށް އިންނާނީ ފުރަގަސްފަރާތު މަގެވެ. އަދި އޭގެފަހުން ފުރަގަސްފަރާތު ދޮރެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ގުދަންކޮށް ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.

އުފެދިފައިވާގޮތް

furagas-farah-2ފުރަގަސް ފަރާތް ފެށިފައި އިންނަނީ ސެކްރަމް(Sacrum) ގެ 3 ވަނަ ކަށިކޮޅާއި ހަމައިންނެވެ. އަދި ނިމިފައި އިންނަނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭކަނަށެވެ. އެހެންކަމުން ފުރަގަސް ފަރާތް ނިމިގެން އިންނާނީ ފުރަގަސް ފަރާތު މަގު އެވެ. ފުރަގަސް ފަރާތް އިންނަނީ ސެކްރަމް އަދި ކޮކްސިކްސް (Coccyx)ކަށިގަނޑުން އުފެދިފައިވާ ލެބުމުގެ ތެރެއަށް ފެތިފައެވެ. އަދި މިގޮތުން ފުރަގަސް ފަރާތް ފެތިފައިން އިންނަ ތަނަށް ކިޔަނީ ސެކްރަލް ފްލެކްޝަރ(Sacral flexure) އެވެ. ފުރަގަސް ފަރާތުގެ އެންމެ ތިރީބައިގައި ފުޅާވުމެއް ނުވަތަ ފުފުމެއް ވެއެވެ. މިތަނަށް ކިޔަނީ ރެކްޓަލް އެމްޕިޔުލާ (Rectal Ampulla)އެވެ.

ފިރިހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެސައިކަލް ޕޯޗް(Recto-vescical pouch) އޭ ކިޔޭ ހުސް ޖާގައެއް ފަދަ ތަނެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި މަސާނާގެ މަތީބަައި، މަނި ގޮށް، މަނި ހޮޅީގެ އެމްޕިޔުލާ، ގުރުތާގެ ނިމޭ ކޮޅު، އަދި ޕްރޮސްޓޭޓް ގްލޭންޑް ހިމެނެއެވެ.

އަންހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެޖައިނަލް ޕޯޗް(Recto-vaginal pouch) އޭ ކިޔޭ ހުސް ޖާގައެކެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ފުރަގަހު ފާރެވެ.

ދެޖިންސުގެ މީހުންގެ ވެސް ފުރަގަސްފަރާތުގެ އަރިމަތިން މަތީގައި އިންނަނީ ޕެރަރެކްޓަލް ފޮއްސާ(Pararectal fossae) އެވެ. އަދި ފުރަގަސް ފަރާތުގެ އަރިމަތިން ތިރީގައި އިންނަނީ ސްޕީރިއާ ރެކްޓަލް އާޓަރީގެ ގޮފިތަކާއި، ކޮކްސިޖިއަސް މަސްގަނޑު، އަދި ލެވޭޓަރ އޭނި މަސްގަނޑު އެވެ.

ދެޖިންސުގެ މީހުންގެ ވެސް ފުރަގަސް ފަރާތުގެ ފަހަތް ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި ކޮކްސިކްސް، ސެކްރަމްގެ ތިރީބައި، މީޑިއަން ސެކްރަލް ލޭހޮޅިތައް، ގްލޯމަސް ކޮކްސީޖިއަމް މަސްގަނޑު، އަދި ނާރު ފުންޏެއް ހިމެނެއެވެ.

ބޮޑުކަމުދިއުމުގައި ފުރަގަސް ފަރާތުގެ ދައުރު

ފުރަގަސް ފަރާތަކީ ވަގުތީ ގޮތުން ބޮޑުކަމުދާ ތަކެތި ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. ފުރަގަސް ފަރާތުގައި ބޮޑުކަމުދާ ތަކެތި ޖަމާވެ ފުރުމުން، ފުރަގަސް ފަރާތު ފާރު ފުޅާވެ، ފުރަގަސް ފަރާތު ފާރުގެ ތެރޭގައި ނާރުތަކުގެ ނިޒާމް އިން އައިސްފައިވާ ސްޓްރެޗް ރިސެޕްޓަރ ތައް، މުރާލިވެ، ބޮޑުކަމުދާ ހިތްވެއެވެ. ބޮޑު ކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިފިނަމަ، ފުރަގަސް ފަރާތުގައި ޖަމާވެފައި ހުރި ބޮޑުކަމުދާ ތަކެތި އަނބުރާ ބޮޑު ގޮހޮރަށް ވާޞިލްވެއެވެ. އަދި އެބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހުރި ފެނުގެ ބައި ވަކިން ހަށިގަނޑަށް ނަގައެވެ. ބޮޑުކަމު ނުގޮސް ގިނައިރު ހުރެއްޖެނަމަ، ބަނޑުހިކުން ކުރިމަތިކުރުވައެވެ. ބަނޑުހިކުން ކުރިމަތިވެއްޖެނަމަ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޮޑުކަމުދިއުމަށް އުދަގޫވެއެވެ.

ފުރަގަސް ފަރާތުން ހަށިގަނޑުގެ ފިނިހޫނުމިން ބެލުން

ހަށިގަނޑުގެ ފިނިހޫނު މިން ހުރިނެތް މިންވަރު ފުރަގަސް ފަރާތުން ވެސް ބެލެއެވެ. މިގޮތުން ފިނިހޫނު މިން ބެލުމަށްޓަކައި، މާކަރީ ތަމޯމީޓަރު، ނުވަތަ ޑިޖިޓަލް ތަމޯމީޓަރެއް ފުރަގަސް ފަރާތު ދޮރުން ލައްވައިގެން ފުރަގަސް ފަރާތަށް ވާޞިލް ކުރުވައެވެ. ކުރިން މާކަރީ ތަމޯމީޓަރު ބޭނުންކުރި ނަމަވެސް މިހާރު މިފަދަ ތަމޯމީޓަރު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ފުރަގަސް ފަރާތުން ބަލާ ފިނިހޫމިން އާންމުގޮތެއްގައި ހުންނަނީ 38-36 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ.

ފުރަގަސް ފަރާތުން ބަލާ ފިނިހޫނުމިން ،އަނގައިން ބަލާ ފިނިހޫނު މިނަށްވުރެ ½ ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ. އަދި ކިހިލިފަތް ދޮށުން ބަލާ ފިނިހޫނު މިނަށްވުރެ، 1 ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ.ގިނަ ޑޮކްޓަރުން ކުޑަކުދިންގެ ފިނިހޫނުމިން ހުރިމިންވަރު ފުރަގަސް ފަރާތުން ބެލުމަށް އިރުޝާދު ދެނީ ކުޑަކުދިންގެ އަނގައިން ފިނިހޫނު މިން ބެލުމަކީ ގިނަފަހަރު އުދަގޫކަމަށްވާތީ އެވެ. އެއީ ކުޑަކުދިން ފިނިހޫނުމިން ބަލާގަޑީގައި މަޑުން ހަމަހިމޭނުން ނީންނާތީއެވެ. މިފަހަކަށް އައިސް ކަންފަތުން ފިނިހޫނުމިން ބެލުން އާންމުވުމުން ފުރަގަސް ފަރާތުން ފިނިހޫނުމިން ބެލުން ވަނީ މަދުވެފައެވެ.

ފުރަގަސް ފަރާތު މަގު

ފުރަގަސް ފަރާތު މަގު( Anal canal) އަކީ ހަޖަމުކުރާ ނިޒާމްގެ އެންމެ ފަހަތަށް އިންނަ ބައެވެ. ފުރަގަސް ފަރާތު މަގު އިންނަނީ ޕެލްވިކް ޑައިއަފްރަމްގެ ތިރިން، ފުރަގަސް ފަރާތާއި، ފުރަގަސް ފަރާތު ދޮރާއި، ދެމެދުގައެވެ. ފުރަގަސް ފަރާތު މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 4-2.5 ސެންޓި މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އެހެންކަމުން މިބައި ފެށިފައި އިންނާނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭ ކަނުން ނުވަތަ ހިސާބުންނެވެ. ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރަށެވެ. އަދި މިބައިގެ މަތިން އިންނާނީ ފުރަގަސް ފަރާތެވެ. އަދި ތިރިން ގޮސް ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރަށެވެ.

އުފެދިފައިވާގޮތް

ފިރިހެނުންގެ ނަމަ ފުރަގަސް ފަރާތު މަގުގެ ކުރިމަތިން އިންނާނީ ޕެރިނިއަލް ބޮޑީ އެވެ. އަދި މިބުނި ޕެރިނިއަލް ބޮޑީ(Perineal body) އަކީ ފުރަގަސް ފަރާތު މަގާއި، ކުޑަކަމުދާ ހޮޅި ވަކިކޮށްދޭ ހުރަހެކެވެ. އަންހެނުންގެ ނަމަ މިބުނި ޕެރިނިއަލް ބޮޑީ އަކީ ފުރަގަސް ފަރާތު މަގާއި، އަންހެނާގެ ޖިންސީ ގުނަވަނުގެ ނިމޭކޮޅު ވަކިކޮށްދޭ ހުރަހެކެވެ.

ފުރަގަސް ފަރާތު މަގުގެ ފުރަގަހުން އިންނަނީ އޭނޯކޮކްސިޖިއަލް ބޮޑީ އެވެ. އަދި މިބުނި އޭނޯކޮކްސިޖިއަލް ބޮޑީ(Anococcygeal body) އަކީ ފުރަގަސް ފަރާތު މަގާއި،، ކޮކްސިކްސް ކަށިކޮޅުގެ ކޮޅު ވަކިކޮށްދޭ ހުރަހެކެވެ. އަރިމަތިން ފުރަގަސް ފަރާތު މަގުގެ މަތީބައި ޖެހިފައި އިންނާނީ ލެވޭޓަރ އޭނި މަސްގަނޑު(Levator Ani) ގައެވެ. އަދި އަރިމަތިން ފުރަގަސް ފަރާތުގެ މަގުގެ ތިރީބައި ޖެހިފައި އިންނާނީ އިސްކީއޯރެކްޓަލް ފޮސާ (Ischeorectal fossa)ގައެވެ.

އޭނަލް ސްފިންކްޓަރ: އޭނަލް ސްފިންކްޓަރ (Anal Sphincter)އަކީ ފުރަގަސް ފަރާތު ވަށައިގެން ލެވިފައިވާ ސްފިންކްޓަރ ތަކެކެވެ. މިގޮތުން ދެސްފިންކްޓަރ އެއް އިނދެއެވެ. އެއީ އިންޓަރނަލް އޭނަލް ސްފިންކްޓަރ އަދި އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އެވެ.

އިންޓާރނަލް އޭނަލް ސްފިންކްޓަރ

އިންޓަރނަލް އޭނަލް ސްފިންކްޓަރ(Internal Anal Sphincter) އަކީ ފުރަގަސް ފަރާތު މަގުގެ މަތީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ ސްފިންކްޓަރ އެވެ. މިއީ އަހަރެމެންގެ އިޚްތިޔާރަކާއި ނުލައި މަސައްކަތްކުރާ މަޑު މަހުގެ ފަށަލައެކެވެ. މިފަށަލަ މަތިން ގޮސްގުޅިފައި އިންނަނީ ފުރަގަސް ފަރާތުގެ މަޑު މަސް ފަށަލަ އާއެވެ. ފުރަގަސް ފަރާތު މަގުގެ 2.5 ސމ ވަށައިގެން ވަނީ މިސްފިންކްޓަރ ލެވިފައެވެ. މިސްފިންކްޓަރ ގެ ބޯ މިނުގައި 5 މިލިމީޓަރު ހުރެއެވެ.

އިންޓަރނަލް އޭނަލް ސްފިންކްޓަރ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ މަޑު މަސް ގަނޑެކެވެ. ބޮޑުކަމުދިއުމުގެ ތެރޭގައި، ފުރަގަސް ފަރާތު ދޮރު ބައްދާލުމަށް އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އަށް މިސްފިންކްޓަރ އެހީތެރިވެދެއެވެ.

އެކްސްޓާރނަލް އޭނަލް ސްފިންކްޓަރ

އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ(External Anal Sphincter) އަކީ ފުރަގަސް ފަރާތު މަގުގެ ތިރީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ އަަހަރެމެންގެ ބާރާއި އިޚްތިޔާރުގެ ދަށުން މަސައްކަތްކުރާ ސްޓްރިއޭޓެޑް މަސް ފައިބަރު (Striated Muscle Fiber) ގަނޑެކެވެ. އެކްސްޓަރނަލް ސްފިންކްޓަރ އަށް ލޭފޯރުކޮށްދެނީ އިންފިރީއާ ރެކްޓަލް ނާރު، އަދި 4 ވަނަ ސެކްރަލް ނާރު ގެ ގޮތްޕަކުންނެވެ. އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ ގެ ދިގުމިނުގައި 10-8 ސމ ވަރުހުރެއެވެ. މިސްފިންކްޓަރ ގެ އެހީގައި ބޮޑުކަމު ނުގޮސް ގިނައިރު ހިފަހައްޓައިގެން ހުރެވިދާނެއެވެ.

ފުރަގަސް ފަރާތު ދޮރު

ފުރަގަސް ފަރާތު ދޮރު (Anus) އަކީ ފުރަގަސް ފަރާތް (Rectum) އަދި ފުރަގަސް ފަރާތު މަގުން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ.ނުވަތަ ފުރަގަސް ފަރާތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހަށިގަނޑުން ބޮޑުކަމުދާ ތަކެތި ބޭރުކުރާ ލޯވަޅެވެ. މިއީ އިންސާނާގެ ފުރަގަސްފަރާތް ނިމޭ ހިސާބުގައިވާ ދޮރެކެވެ. ނުވަތަ ހުޅުވުމެވެ. އިންސާނުން ބޮޑު ކަމުދާއިރު ބޮޑު ކަމުދާ ތަކެތި ބޭރުވަނީ މިހޮއި ނުވަތަ ލޯވަޅު ގެ ޒަރީޢާއިންނެވެ.

ފުރަގަސް ފަރާތު ދޮރު ހުޅުވިި ފޭވެ، ކައިރިވެ، ދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ''އޭނަލް ސްފިންކްޓަރ" އޭކިޔޭ މަސްކޮޅު ތަކުންނެވެ. ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑު ކަމުދިއުމުގެ ތެރޭގައި ބޮޑު ކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސް ކޮށް ހަށިގަނޑުން ބޭރު ކުރުމެވެ. އިންސާނަކު ބޮޑުވެގެން އައިސް ފުރާވަރަށް އެރުމުން ހަށިގަނޑުގެ ތަފާތު ހިސާބު ތަކުން އިސްތަށި ފަޅާ އުޞޫލުން ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ހަންގަނޑުގައި ވެސް އިސްތަށި ފަޅައެވެ.

ފުރަގަސްފަރާތު ދޮރު ސާފުކުރުން

ފުރަގަސް ފަރާތު ދޮރާއި އޭގެ ވަށައިގެންވާ ހިސާބު ބޮޑުކަމުގޮސް ނިމުމުން ރަގަޅަށް ސާފުކުރަން ޖެހެއެވެ. މިގޮތުން ސާފުކުރަންވާނީ ފެން، އަދި ސައިބޯނި ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. ސާފުކުރަންވާނީ މާބާރު ގަދަ ސާބޯންޏެއް ބޭނުންކޮށްގެނެއް ނޫނެވެ. ބާރުގަދަ ސާބޯނިތައް ބޭނުންކުރުމުން އެހިސާބުގަނޑުގެ ހަންގަނޑު ހަލާކުވާގޮތް ދިމާވެއެވެ. މިގޮތަށް ސާފުކުރަން ޖެހެނީ ފުރަގަސް ފަރާތު ދޮރު ހިމެނޭ ހިސާބަކީ ތެތް ހިސާބަކަށް ވެފައި، އެހިސާބު ނުތާހިރުކޮށް ހުރެއްޖެނަމަ ފަސޭހައިން ބެކްޓީރިޔާ އަށަގަނެ، ތަފާތު އިންފެކްޝަން ތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާނެތީ އެވެ.

* '''ނޯޓް''': އާންމުކޮށް ފުރަގަސް ފަރާތް ކިޔަނީ ފުރަގަސް ފަރާތް(Rectum) ، އަދި ފުރަގަސް ފަރާތު މަގު( Anal canal) މިދެބަޔަށް އެއްކޮށެވެ. ނަމަވެސް އެނަޓަމިކަލް (އިންސާނާގެ ހަށިގަނޑު އުފެދިފައިވާގޮތް) ގޮތުން ބަލާއިރު މިއީ ޖެހިޖެހިގެން އިންނަ ދެބަޔެވެ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.