ހޮނިހިރު20180217

އާކުރެވުނީ: 01:24:30

ފުއްޕާމޭ

fuppaamay-1
* ފުއްޕާމޭ އުފެދިފައިވާގޮތާއި، ގުޅުންހުރި ބައިތައް
* ފުއްޕާމެޔާއި ގުޅިފައިވާ ވައިދައުރުކުރާ މަގުތައް
* ފުއްޕާމޭގެ ވަޒީފާ

ފުއްޕާމޭ(Lungs) އަކީ ނޭވާލުމުގެ ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އަދި މައި ގުނަވަނެވެ. ފުއްޕާމޭ ގެ މައިގަނޑު މަސައްކަތަކީ ޖައްވުން ސާފުވައި ނުވަތަ އޮކްސިޖަން ހަށިގަނޑުގެ އެތެރެ އަށް ފޯރުކޮށްދިނުމާއި، ލޭގައި ހުންނަ ވިހަ ކާބަންޑައި އޮކްސައިޑް ފުއްޕާމޭގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުމެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ''ޕަލްމޯ،ނިއުމޯ'' (Pulmo/pneumo) މިބަސްތަކުން ދޭހަކޮށްދެނީ ފުއްޕާމެޔާ ގުޅުންހުރި މިހެންނެވެ. ފުއްޕާމޭ ބޭރުފުށުން ފެންނައިރު ހުންނާނީ ފިޔާތޮށި ކުލައެއްގައެވެ. މިއީ ސްޕަންޖްގަނޑެއް ފަދަ ފުފި، ހިނދުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ގުނަވަނެކެވެ.

ފުއްޕާމޭ އުފެދިފައިވާގޮތާއި، ގުޅުންހުރި ބައިތައް

އިންސާނާގެ ހަށިގަނޑުގައި މޭގެ ދެފަރާތުންކުރެ ކޮންމެ ފަރާތެއްގައި ފުއްޕާމެޔެއް ވެއެވެ. ކޮންމެ ފުއްޕާމެއެއްގެ ދިގުމިނުގައި 12-10 އިންޗިވަރު ހުރެއެވެ. ދެފުއްޕާމޭ އެކަތި އަނެކައްޗާއި ވަކިކޮށްދޭ އޮނިގަނޑަށް ކިޔަނީ "މީޑިއަސްޓައިނަމް"(Mediastinum) އެވެ. މީޑިއަސްޓައިނަމްގެ ތެރޭގައި ހިމެނޭ އެހެން ޓިޝޫ ތަކުގެ ތެރޭގައި، ހިތް، ވައިނޮޅި، ކާތަކެތި ހިނގާހޮޅި، އަދި ބައެއް ލޭހޮޅިތައް ހިމެނެއެވެ.

ފުއްޕާމޭގެ މަސައްކަތް އެންމެ ފުރިހަމަވާނީ ފުރާވަރުގެ އުމުރު ފުރާގަޔާއި، އުމުރުން 20ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މިބުނި އުމުރު ފަހަނައެޅުމުން ފުއްޕާމޭގެ މަސައްކަތްކުރާ މިންވަރު އަހަރަކު 1 އިންސައްތައިގެ ނިސްބަތުން ދަށްވެގެން ދެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ފުއްޕާމޭ މަސައްކަތްކުރާ މިންވަރު ނިސްބަތުން އަހަރަކު 2 އިންސައްތަ ދަށްވެގެން ދެއެވެ.

ދުވާލަކު ގާތްގަނޑަކަށް 23 ހާސް ފަހަރު ނޭވާލާއިރު، އެޔާއެކު 10 ހާސް ކްއާރޓްސްގެ ވައި ފުއްޕާމޭގެ ތެރެއަށް ވާޞިލްވެގެންދެއެވެ. ތަފާތު ގޭސްތައް ނޭވާލާއިރު އެތެރެވި ނަމަވެސް އެންމެ މުހިއްމު ގޭހަކީ އޮކްސިޖަން އެވެ. މިއީ ހަށިގަނޑުގެ ހުރިހާ ޓިޝޫތަކެއްގެ ދިރުމަށް ބޭނުންވާ މާއްދާ އެކެވެ.

fuppaamay-2ދެފުއްޕާމޭގައި ޖުމުލަ 2400 ކިލޯމީޓަރު ބޮޑުމިނުގެ "ވައިދައުރުވާ މަގު"(Airways) އެކުލެވިގެން ވެއެވެ. އަދި ފުއްޕާމޭގެ ތެރޭގައި ހިމެނޭ ކުދި ވައިކޮތަޅުތައް 500-300 މިލިޔަނާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. ފުއްޕާމޭގެ ޖުމުލަ ސާރފޭސް އޭރިޔާގައި ގާތްގަނޑަކަށް 70 ސްކެއަރ މީޓަރު ވަރުހުރެއެވެ. މިއީ އާދައިގެ ޓެނިސްކޯޓަކާއި އެއްވަރުގެ މިނެކެވެ. ފުއްޕާމޭގެ އެތެރޭގައިވާ ކުދިވައިކޮތަޅުތަކުގެ ވަށައިގެން ލެވިފައިވާ ތުނި ނުވަތަ ހިމަ ލޭހޮޅިތައް ގުޅުވާލައިފިނަމަ، އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 992 ކިލޯ މީޓަރު ހުންނާނެ އެވެ. ކޮންމެ ފުއްޕާމެއެއްގެ ބަރުދަނުގައި 1.1 ކިލޯގްރާމް ހުރެއެވެ. އެހެންކަމުން ދެފުއްޕާމޭ އެއްކޮށް ބަރުދަނުގައި ގާތްގަނޑަކަށް 2.3 ކިލޯގްރާމް ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ކަނާތް ފަރާތުގެ ފުއްޕާމޭ (Right lung): އިންސާނާގެ ހަށިގަނޑުގައި ދެފުއްޕާމޭ އޮންނައިރު ކަނާތް ފަރާތު ފުއްޕާމޭ ވާތް ފަރާތު ފުއްޕާމެޔަށްވުރެ ސައިޒުގެ ގޮތުން ބޮޑެވެ. ނަމަވެސް ކަނާތް ފަރާތު ފުއްޕާމޭ ވާތް ފަރާތު ފުއްޕާމެޔަށްވުރެ ގާތްގަނޑަކަށް 5ސެންޓިމީޓަރު ވަރު ކުރުވާނެ އެވެ. މިހެންދިމާވަނީ ކަނާތް ފަރާތުގައި ފުއްޕާމޭގެ ތިރިން މޭގަނޑުގެ ބައެއް ފުއްޕާމެޔާއި ދިމާލަށް އުފުލިފައި ހުންނާތީ އެވެ.

fuppaamay-6

ކޮންމެ ފުއްޕާމެއެއް ވެސް ހުންނަނީ ބައިތަކަކަށް ނުވަތަ ލޯބު ތަކަކަށް ބެހިފައެވެ. ކަނާތު ފުއްޕާމޭ ބެހިފައިވަނީ 3 ލޯބަކަށެވެ. ނުވަތަ 3 ބަޔަކަށެވެ.އެއީ މަތީ ލޯބު ، މެދު ލޯބު ، އަދި ތިރީ ލޯބު އެވެ. ކަނާތު ފުއްޕާމޭގައި 10 ބްރޮންކޯޕަލްމޮނަރީ ސެގްމެންޓް (Bronchopulmonary segment)އެކުލެވިފައި ވެއެވެ. އެއީ މަތީ ބަޔަށް 3 ސެގްމެންޓް، މެދުބަޔަށް 2 ސެގްމެންޓް، އަދި ތިރީ ބަޔަށް 5 ސެގްމެންޓް އެވެ.

ވާތް ފަރާތުގެ ފުއްޕާމޭ (Left lung): ވާތް ފަރާތުގެ ފުއްޕާމޭ ސައިޒުގެ ގޮތުން ކަނާތް ފަރާތުގެ ފުއްޕާމެޔަށްވުރެ ކުޑަ އެވެ. ވާތް ފަރާތު ފުއްޕާމޭ ކުޑަވާ ސަބަބަކީ އިންސާނާގެ ހިތުގެ ބޮޑުބައެއް އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައި ކަމަށްވެފައި ހިތް އޮންނަނީ ދެފުއްޕާމޭގެ ދެމެދުގައި ކަމަށްވާތީ އެވެ.މާނައަކީ ވާތްފަރާތު ފުއްޕާމޭ އޮންނަ ހިސާބުން ބައެއްގައި ހިތް އޮތުމެވެ. ވާތް ފަރާތުގެ ފުއްޕާމޭގައި ހިތް އެތަނަކަށް ފެތިފައި އިންނަ "ކާޑިއެކް ނޮޗް"(Cardiac notch) އޭ ކިޔާ އަޑިކޮޅެއް އިނދެއެވެ.

ކޮންމެ ފުއްޕާމެއެއް ވެސް ހުންނަނީ ބައިތަކަކަށް ނުވަތަ ލޯބު ތަކަކަށް ބެހިފައެވެ. ވާތު ފުއްޕާމޭ ބެހިފައިވަނީ 2 ލޯބަކަށެވެ. ނުވަތަ 2 ބަޔަކަށެވެ. އެއީ މަތީ ލޯބު އާއި ތިރީ ލޯބު އެވެ. ވާތު ފުއްޕާމޭގައި 10- 8 އާއި ދެމެދުގެ އަދަދަކަށް ބްރޮންކޯޕަލްމޮނަރީ ސެގްމެންޓް(Bronchopulmonary segment) އެކުލެވިފައި ވެއެވެ. އެއީ މަތީ ބައިގައި 5-4 ސެގްމެންޓް އަދި ތިރީ ބައިގައި ވެސް 5-4 ސެގްމެންޓް އެވެ.

ފުއްޕާމޭގެ ވަށައިގެންވާ ދުލިފަށަލަ

ކޮންމެ ފުއްޕާމެއެއްގެ ބޭރުން އިންނަނީ ތުނި ޓިޝޫ ފަށަލަ އަކުން ނުވަތަ ދުއްޔަކުން ނިވާކުރެވިފައެވެ. ހަމަމިފަދަ ފަށަލައެއް ފުއްޕާމޭގެ ބޭރުންވާ މޭގެ އެހެން ޓިޝޫތަކުގެ އެތެރެއިން ވެސް ލެވިފައިވެއެވެ. އެހެންކަމުން ފުއްޕާމޭގެ ބޭރުގައިވާ ދުލިފަށަލަ(Visceral pleura) އާއި، ފުއްޕާމޭގެ ބޭރުންވާ މޭތެރޭގައި ހިމެނޭ ޓިޝޫތަކުގެ އެތެރެއިންވާ ދުލިފަށަލަ(Parietal pleura)އާއި ދެމެދުގައި ހުސް ޖާގަ(Pleural cavity) އެއް އޮންނާނެ އެވެ. މިހުސް ޖާގައިގެ ތެރޭގައި ތެޔޮ މާއްދާއެއްގެ ގޮތުގައި ހަރަކާތެތްތެރިވާ، ދިޔާ މާއްދާ(Pleural fluid) އެއް ހުރެއެވެ. އެއީ ފުއްޕާމޭ ނޭވާލުމުގެ މަސައްކަތް ފުރިހަމަ ކުރުމުގެ ތެރޭގައި ފުފި،ހަނިވެގެންދާއިރު، ފުއްޕާމޭ ހިމާޔަތްކުރުމަށްޓަކައެވެ.

އަރިކަށިތަކުން އުފެދިފައިވާ ކޮށި

ހަށިގަނޑުގައިވާ ދެފުއްޕާމޭ ހިމާޔަތް ކޮށްދެނީ އޭގެ ވަށައިގެން އަރިކަށިތަކުން އުފެދިފައިވާ ކޮށި (Rib Cage) އެވެ. އަރިކަށިތަކުން އުފެދިފައިވާ ކޮށީގައި 12 ޖޯޑް ކަށިކޮޅު ހިމެނޭއިރު، ހަށިގަނޑުން ފަހަތުން ނުވަތަ ބުރިކަށިން މިކަށިކޮޅުތައް ގުޅިފައި ހުންނަނީ މައިބައިދައިގެ ކަށިތަކާއެވެ. އަދި ކުރިމަތިން ގުޅިފައި ހުންނަނީ ތިނަ ކަށިގަނޑު ނުވަތަ އުރަމަތީ ކަށިގަނޑާ (Sternum)އެވެ. ފުއްޕާމޭގެ ތިރީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށީގެ ތިރީގައި ވަނީ ޑައިއަފްރަމް އެވެ. މިއީ އެތެރެއަށާއި، ބޭރަށް ނޭވާލުމުގައި ފުއްޕާމޭ ފުޅާވެ، ހަނިވެގެންދާހިނދު، ފުއްޕާމެޔާއި އެއްވަރަކަށް އުފުލި، ތިރިވާ މަސްގަނޑެއް ފަދަ އެއްޗެކެވެ. އެތެރެހަށީގެ ގުނަވަންތަކާއި، ފުއްޕާމެޔާއި ވަކިކޮށްދޭ ހުރަސް ފާރަކީ ވެސް މިއެވެ.

ފުއްޕާމެޔާއި ގުޅިފައިވާ ވައިދައުރުކުރާ މަގުތައް

fuppaamay-5ދެފުއްޕާމޭގެ ދެމެދުގައި ވަނީ ވައިނޮޅި(Trachea) އެވެ. ކޮންމެ ވައިނޮޅި އެއް ދެކަފިވެ، ދެފަރާތުގެ ފުއްޕާމޭގެ ތެރެއަށް ވަދެފައި ވެއެވެ. މިއީ ވައިނޮޅީގެ ކަފި(Bronchus) ނުވަތަ ކަތްޕެވެ. ފުއްޕާމޭގެ ތެރެއަށް ވަދެފައި ހުންނަ ކަފިތައް އެތެރެއަށް ދާވަރަކަށް ކުދިވަމުންދާނެއެވެ. މިއީ ވައިނޮޅީގެ ކުދި ކަފި (Bronchioles)ތަކެވެ. ކޮންމެ ފުއްޕާމެއެއްގައި ގާތްގަނޑަކަށް 30 ހާސް ވައިނޮޅީގެ ކުދި ކަފި ހުރެއެވެ. މިއިން ކޮންމެ ކަތްޕެއްގެ ބޯމިނަކީ އިސްތައްޓެއްގެ ބޯމިނެވެ.

1- ވައިނޮޅި

ވައިނޮޅި ނުވަތަ ނޭވާހޮޅި (Trachea) އަކީ ނޭވާލާ ނިޒާމްގައި، ލަގޮނޑިން ފެށިގެން، ވައި ނޮޅީގެ ކަތްޕާއި، ހަމައަށް އިންނަ ނޭވާ ދައުރުކުރާ ނުވަތަ ނޭވާ ހިނގާ ހޮޅިއެކެވެ. އެހެންކަމުން ވައިނޮޅި ނިމިފައި އިންނަނީ ވައިނޮޅި ދެފަރާތުގެ ފުއްޕާމެޔަށް ކަފިވާ ހިސާބުންނެވެ. އެއީ ކަނާތު ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅީގެ ކަފި(Bronchus) އަދި ވާތު ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅީގެ ކަތްޕެވެ. ނޭފަތުން އެތެރެއަށް ވަންނަ ވައި ނުވަތަ އޮކްސިޖަން ފުއްޕާމެޔާއި، ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެ. އެތެރޭގެ ދިގު ހުރަސް މިނުގައި 25-20 މިލިމީޓަރު ހުންނަ މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ހުރެއެވެ. ވައި ނޮޅީގެ އެތެރޭ ބަތާނަ ފަށަލައިގައިވާ އެޕިތީލިއަމްގެ ވައްތަރަކީ ''ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް''(Pseudostratified ciliated columner epiththelium) އެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލި ފަށަލައިގައިވާ ''ގޮބްލިޓް ސެލް''(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް ލަގޮނޑި، ހުރަސްކޮށް އަރުތެރެއަށް، ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ.

ވައި ނޮޅީގެ މަތިން ތިރިއަށް ކުރިމަތިން ''ސީ އަކުރުގެ ބައްޓަމަން''(C-shaped) ހުންނަ މަޑުކަށިން އުފެދިފައިވާ ވަށްބުރު ތަކެއް ނުވަތަ ވައިނޮޅީގެ ބަދަ (Tracheal Cartilage) ތަކެއް ހުރެއެވެ. މިގޮތަށް ހުންނަ ވައިނޮޅީގެ ބަދަ ތަކުގެ އަދަދު އުޅެނީ 20-16 އާދެމެދުގައެވެ. މިބަދަތަކުގެ ބޭނުމަކީ ނޭވާ ހިގާ މަގު ފިތުނަނުދީ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އެހީތެރިވުމެވެ.

2- ވައިނޮޅީގެ ކަފި

ވައި ނޮޅީގެ ކަފި (Bronchus) އަކީ ވައި ނޮޅިިން، ފުއްޕާމެއަށް، ވައި ފޮނުވައިދިނުމަށް ވައި ނޮޅީގެ ނިމޭ ހިސާބުން ކަފިވެގެން ދެފަރާތުގެ ފުއްޕާމޭގެ ތެރެއަށް ވަދެފައިވާ ވައިދައުރުވާ ކަފި ތަކެކެވެ. މިގޮތުން ވައި ނޮޅިން ކޮންމެ ފަރާތެއްގެ ފުއްޕާމެއަށް ކަތްޕެއް ވަދެފައިވެއެވެ. ވައިނޮޅި އެކޭ އެއްފަދައިން ވައިނޮޅީގެ ކަފީގައި ވެސް ވައިނޮޅީގައި ހުރި ފަދަ މަޑުކަށީގެ ބަދަތައް އޭގެ ވަށައިގެން ސީއަކުރުގެ ބައްޓަމަށް ވަށްބުރުތަކެއް ހެން އެތުރިފައި ހުރެއެވެ.

ކަނާތު ވައި ނޮޅީގެ ކަފި ކުރުވެފައި، ފުޅާކަން ފާހަގަ ކުރެވެއެވެ. އަދި މިކަފި އިންނަނީ ،ވައި ނޮޅިއާއި ތަންކޮޅެއް ބޮޑަށް ސީދާވާގޮތަށެވެ. ކަނާތު ވައި ނޮޅީގެ ކަފި އިންނަނީ، ފުއްޕާމޭގެ ތެރޭގައި އިތުރު 3 ބަޔަށް ކަފިވެފައެވެ. ވާތު ވައި ނޮޅީގެ ކަފި އިންނަނީ، ފުއްޕާމޭގެ ތެރޭގައި އިތުރު 2 ބަޔަށް ކަފިވެފައެވެ. ވައިނޮޅީގެ ކަފިތައް ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކުދިކަފި(Bronchioles) ތަކަށް ކަފިވެގެން ނުވަތަ ބައިވެގެން ދެއެވެ.

3- ވައިނޮޅީގެ ކުދިކަފި

ވައިނޮޅީގެ ކުދިކަފި(Bronchioles) ތަކަކީ ވައިނޮޅީގެ ކަފި ފުއްޕާމެޔަށް ވަނުމަށްފަހު އޭގެ ތެރޭގައި ކަފިކަފިވެގެން ގޮސް އުފެދިފައިވާ ކުދިކަފިތަކެކެވެ. މިއީ ފުއްޕާމޭގެ ތެރޭގައި މުޅިން ހުންނަ ކަފިތަކަކަށް ވުމުން، ވައިނޮޅި، އަދި ވައިނޮޅީގެ ކަފީގެ ބޭރުގައި ހުންނަ މަޑުކަށީގެ ބަދަތައް މިކަފިތަކުގެ ބޭރުފުށަކު ނުހުންނާނެ އެވެ. ފުއްޕާމޭގެ ތެރޭގައި އިތުރު ކުދިކުދި ކަފިތަކަކަށް މިކަފިތައް ބައިބައިވެގެން ގޮސްފައި ހުރެއެވެ. އެގޮތުން ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކަފިތައް ބައިވެގެންދާއިރު، ވައިނޮޅީގެ ކުދި ކަފިތަކުގެ ފެށޭ ކަފި ތައް(Primary bronchioles) އަދި ވައިނޮޅީގެ ކުދި ކަފިތަކުގެ ނިމޭ ކަފި(Terminal bronchioles) ތައް ހުރެެއެވެ. ފަހުން މިބުނި ކަފިތައް އިތުރަށް ބައިވެގެން ގޮސް ނޭވާލުމުގައި ޝާމިލްވެ، ބައިވެރިވާ ކުދި ކުދިކަފި(Respiratory bronchioles) ތައް އުފެދިގެން ދެއެވެ. އަދި ފަހުން މިބުނެވުނު ކަފިތައް މިކަފިތަކާއި ވައިކޮތަޅުތައް ގުޅުވައިދޭ ހޮޅި(Alveolar ducts) ތައް ހުރަސްކޮށް، ގޮސް ހުސްވަނީ ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު ނުވަތަ ވައިބޮކި(Alevolus) ތަކަށެވެ.

4- ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު

ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު (Alveolus) ނުވަތަ ވައިބޮކި ތަކަކީ ފުއްޕާމޭގެ ތެރޭގައި ލެޔާއި ފުއްޕާމެޔާއި ދެމެދު ހިގާ ގޭސްތައް ބަދަލުކުރުމުގެ މަސައްކަތް(އޮކްސިޖަން ލެޔަށް ފޯރުކޮށްދީ، ކާބަން ޑައިއޮކްސައިޑް ފުއްޕާމޭގެ ތެރެއަށް ދޫކުރުން) ހިންގާ މައިމަރުކަޒެވެ.

ވައިނޮޅީގެ ކުދި ކަފިތަކުގެ ކޮޅުގައި ވައިކޮތަޅު(Alveolus) ތައް ނުވަތަ ވައިބޮކިތަކެއް ހުރެއެވެ. ފުއްޕާމޭގައި ގާތްގަނޑަކަށް 500 – 300 މިލިޔަނާއި ދެމެދުގެ އަދަދަކަށް ވައިބޮކި ހުރެއެވެ. ކޮންމެ ވައިބޮތްކެއްގެ ވަށައިގެން ކުދިކުދި، ހިމަ ލޭނާރުތަކުން ފުރިފައިވާ ދާގަނޑެއް ވެއެވެ. މިވައިކޮތަޅު ތަކުގެ ބޯމިނުގައި 0.2 މައިކްރޯމީޓަރު ހުރެއެވެ. ކުދި ވައިކޮތަޅުގެ ފާރުގައި މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.

• ފުރަތަމަ ވައްތަރުގެ ސެލް: މިއީ ވައިކޮތަޅުގެ ފާރު ބިނާވެގެންވާ ސެލްތަކެވެ. ނުވަތަ ވައިކޮތަޅުތައް ބިނާކޮށްދޭ ސެލްތަކެވެ.

• ދެވަނަ ވައްތަރުގެ ސެލް: މިސެލްތަކުން ''ސާރފެކްޓަންޓް'' (Surfactants)ކިޔާ މާއްދާއެއް ދޫކުރެއެވެ.

• ތިންވަނަ ވައްތަރުގެ ސެލް: މިއީ މެކްރަފޭޖް ތަކެވެ. މިސެލްތަކުން ބެކްޓީރިއާ ފަދަ ހަށިގަނޑާ ނުގުޅޭ މާއްދާތައް މަރައި ނެތިކޮށްލައެވެ.

ކުދި ވައިކޮތަޅުތަކުގެ މަސައްކަތް : ނޭވާލާ ނިޒާމްގެ މައިގަނޑު އެއް މަސައްކަތަކީ ގޭސް ބަދަލު ކުރުމެވެ.އެތެރެއަށް ނޭވާލުމުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް ހިގަނީ ކުދި ވައިކޮތަޅު(Alveolus) ތަކާއި އެވައިކޮތަޅު ތަކުގެ ފާރުގައިވާ ކުދިކުދި ލޭހޮޅި (Pulmonary Capillaries)ތަކާ ދެމެދުގައެވެ. ވައިކޮތަޅު ތަކުގެ ފާރަކީ ވަރަށް ތުނި އެއްޗެކެވެ. ގާތް ގަނޑަކަށް އޭގެ ބޯމިން އުޅެނީ 0.2 މައިކްރޯމީޓަރު ގައެވެ. ވައިކޮތަޅުގެ ފާރުގައިވާ ކުދި ލޭހޮޅިތަކުގެ ފާރަކީ ވެސް ތުނި އެހާމެ ތުނި އެއްޗެކެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އެދެމެދުގައި ގޭސް ބަދަލުކުރެވެއެވެ.

އެތެރެއަށް ނޭވާލުމުގެ ތެރޭގައި، ވަޔާއެކު ފުއްޕާމޭގެތެރެއަށް ވަންނަ އޮކްސިޖަން ލޭގެ ތެރެއަށް ދަނީ މިވައިބޮކިތައް ހުރަސްކޮށެވެ. އެގޮތުން ވައިބޮކިތަކުގެ އެތެރޭގައި ހުރި އޮކްސިޖަން ލޭގެތެރެއަށް ދަނީ ވައިބޮކިތަކުގެ ފާރު ހުރަސްކޮށް، އޭގެ ވަށައިގެންލެވިފައިވާ ކުދިކުދި ލޭނާރުތަކުގެ ޒަރީޢާއިންނެވެ. އެއަށްފަހު ލޭގެ ރަތް ސެލްތަކާއި އެއްވެގެން އޮކްސިޖަން ލޭގެ އާރުގެ ތެރޭގައި ދައުރުވަމުން ހިތާއި ހަމައަށް ދިއުމުން ހިތުން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ލޭގެ ޒަރީޢާއިން އޮކްސިޖަން ފޯރުކޮށްދެއެވެ. ހަމަ މިއުސޫލުން ލޭގެެތެރޭގައި ދައުރުވަމުން އަންނަ ކާބަންޑައި އޮކްސައިޑް ދައުރުވަ މުން ގޮސް، ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިބޮކިތަކުގެ ތެރެއަށް ވަދެއެވެ. އަދި ބޭރަށް ނޭވާލުމުގެ ތެރޭގައި ވަޔާއެކު މިވިހަ ގޭސް ހަށިގަނޑުން ބޭރުކުރެއެވެ.

ފުއްޕާމޭގެ ވަޒީފާ

(ހ) - ވައިދައުރުކުރުވުން : ވައިދައުރު ކުރުވުމަކީ އޮކްސިޖަން އެތެރެއަށް ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ގެނެސް (ސާފުވައި އެތެރެއަށް ގެނައުން) ، ކާބަންޑައި އޮކްސައިޑް ބޭރަށްނޭވާލާއިރު (ނުސާފުވައި ބޭރުކުރުން) ، ހަށިގަނޑުން ބޭރުކުރުމެވެ. އެހެންކަމުން ވައިދައުރުވުމުގައި ޝާމިލްވާ އެންމެ އަސާސީ ދެކަމަކީ އެތެރެއަށް ނޭވާލުމާއި ބޭރަށް ނޭވާލުމެވެ.

އެތެރެއަށް ނޭވާލުން : އެތެރެއަށް ނޭވާލުން(Inspiration) ފެށިގެން އަންނަނީ މޭމަތީގެ ކަށިތަކުގެ މެދުގައި އެތުރި ފައި ހުންނަ ''އެކްސްޓަރނަލް އިންޓަކޯސްޓަލް މަސް (External intercostals muscle) ތަކުގެ ސަޕޯޓާއެކު ''ޑައަފްރަމް''(Diaphragm) އިންނެވެ. އާންމު ގޮތެއް ގައި ( އެއްވެސް ހަރަކާތެއް ނެތި / އަރާމްކުރާ ވަގުތު ) މިނިޓަކު 20- 10 ނުވަތަ 15-25 ފަހަރާއި ދެމެދުގެ މިންވަރަކަށް ނޭވާލައެވެ. މީހަކު މިނިޓަކު ނޭވާލަނީ 15-12 ފަހަރާއި ދެމެދުގެ އަދަދަކަށް ނަމަ ދުވާލަކު 17000 ފަހަރު، އަދި އަހަރަކު 6 މިލިޔަން ފަަހަރު އެމީހަކު ނޭވާލާނެ އެވެ. ގަދަ ހަރަކާތެއްގައި ( މިސާލަކަށް ފުޓްބޯޅަ ކުޅެން ދުވުން، ބުރަ މަސައްކަތެއް ކުރުން ފަދަ ކަމެއް ) ނަމަ ނޭވާލާ މިންވަރު މިނިޓަކު 35 އަށް އަރައެވެ. މިފަދަ ޙާލަތްތަކުގައި ނޭވާލުމުގެ މަސައްކަތުގައި ''އެކްސަސަރީ ރެސްޕިރޭޓަރީ މަސަލް''(Accessory respiratory muscle) ބައިވެރިވެއެވެ. މިބުނި މަސްތަކުގެ ގޮތުގައި ބެލެވެނީ ''ސްޓާރނޯ ކްލީޑޯ މަސްޓޮއިޑް''(Sternocleido muscle)، ''ޕްލެޓީސްމާ''(Platysma)، އަދި ކަރުގެ ''ސްޓްރެޕް'' މަސްތަކެވެ.

އެތެރެއަށް ނޭވާލުން މައިގަނޑު ގޮތެއްގައި ހިންގަނީ ޑައަފްރަމް އިންނެވެ. ޑައަފްރަމް ފިތި ކުރުގެޅުމުން (ކޮންޓްރެކްޓްވުމުން) ''މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި''(Rib cage) ފޭވެ ނުވަތަ ފުޅާވެ، ''މައިދާގައިވާ ތަކެތި''(Abdominal contents) ތިރިއަށް ދެއެވެ. މިހެންވުމުން މޭމަތި ހިމެނޭ ހިސާބު އެތެރޭގައިވާ ގުނަވަންތަކާއި ބައިތައް ހުންނަ ސަރަހައްދު ނުވަތަ ''ތޮރަސިކް ކެވިޓީ''ގެ(Thoracic cavity) ސައިޒު ބޮޑުވެ، މޭމަތި އޮންނަ ހިސާބު ނުވަތަ ތޮރަކްސް(Thorax)ގެ އެތެރޭގެ ޕްރެޝަރު(Intrathoracic pressure) ދަށްވެއެވެ. މިގޮތަށް އެތެރޭގެ ޕްރެޝަރު ދަށްވުމުން ސާފު ވައި ނޭވާލާ ނިޒާމްގެ މަތީބަޔަށް ވާޞިލްވެ، ދައުރުވަމުން އައިސް ފުއްޕާމެޔަށް ފޯރައެވެ.

ގަދަ ކަމުން އެތެރެއަށް ނޭވާލާއިރު މިސާލަކަށް އަހަރެމެން ފުން ނޭވާއެއް އެތެރެއަށްލާއިރު، ''އެކްސްޓާރނަލް އިންޓަކޯސްޓަލް މަސަލް'' (External Intercostal Muscle)އަދި ''އެކްސަސަރީ ރެސްޕިރޭޓަރީ މަސަލް''(Accesory respiratory muscle) ތައް ގުޅިގެން ތޮރަސިކް ކެވިޓީ އިތުރަށް ފުޅާ ކުރުވައެވެ.

ބޭރަށް ނޭވާލުން : ބޭރަށް ނޭވާލުން (Expiration)ބެލެވެނީ ''ޕެސިވް ޕްރޮސަސް''(Passive process) އެއްގެ ގޮތުގައެވެ.ގަދަކަމުން ބޭރަށް ނޭވާލެވެނީ ބަނޑާއި،''އިންޓާރނަލް އިންޓަކޯސްޓަލް''(Internal intercostals muscle) މަސްތަކުގެ އެހީގައެވެ. ފުއްޕާމެޔަށް ތަބީޢީ ގޮތުން އިލާސްޓިކް(ދެމޭގޮތެއް) ކަމެއް ލިބިފައިވެއެވެ. އެތެރެއަށް ނޭވާލުމުގައި ކުރިމަތިވާ، ޑައަފްރަމް ފިތި، މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި، ފުޅާވުމުގެ ބަދަލުގައި ބޭރަށް ނޭވާލާއިރު ޑައަފްރަމް ހަމައަކަށް އެޅި، މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި، ހިނދި ހަނިވެގެން ދެއެވެ. އެއާއެކު ވައި ބޭރަށްލާ ނޭވަޔާއެކު ބޭރުވެގެން ދެއެވެ.

(ށ) – ލޭދައުރުކުރުވުން : ހިތުގެ ކަނާތް ފަރާތު ތިރީގައިވާ ކަނާތު ވެންޓްރިކްލް(Right ventricle) އިން ހިތުން ފުއްޕާމެޔަށް ފޮނުވާ ލޭ ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާދޭ މައި ލޭހޮޅި ޕަލްމޮނަރީ ޓްރަންކް(Pulmonary Trunk) އަށް ވާޞިލްވެ ދެއެވެ. ޕަލްމޮނަރީ ޓްރަންކް(Pulmonary Trunk) ދެ ލޭހޮޅިއަށް ކަފިވެގެން ގޮސްފައިވެއެވެ. އެއީ ކަނާތް ފަރާތު ފުއްޕާމެޔަށް ލޭގެންގޮސްދޭ ލޭހޮޅި(Right Pulmonary Artery) އާއި ވާތް ފަރާތު ފުއްޕާމެޔަށް ލޭގެންގޮސްދޭ ލޭހޮޅި (Left Pulmonary Artery)އެވެ. އަދި މިގޮތުން ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅި(Pulmonary artery) ތަކުގެ އެހީގައި ދެން ލޭ ވާޞިލްވަނީ ފުއްޕާމެއަށެވެ.

ވައި ދައުރުކުރާ މަގުގެ އެކި ހިސާބު ތަކުގައި މިލޭހޮޅިތައް ކަފިވެގެން އިތުރު ކުދި ގޮފިތައް އުފެދިފައި ވެއެވެ. ފުއްޕާމޭގެތެރޭވާ ކުދިކުދި ލޭހޮޅި (Pulmonary Capillaries)ތަކުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް(ލޭގައި ހިމެނޭ ވިހަ ކާބަންޑައި އޮކްސައިޑް ބޭރަށް ނޭވާލާއިރު،ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފުއްޕާމޭގެ ތެރެއަށް ގެނައުމާއި، އަދި އެތެރެއަށް ނޭވާލާއިރު، ފުއްޕާމެޔަށް ވާޞިލްވާ ސާފުވައި ހަށިގަނޑުގެ އެކި ހިސާބަށް ފޯރުކޮށްދިނުމަށް ލޭގެ ތެރެއަށް ދޫކުރުން) ފުރިހަމަކޮށް ނިމުމުން ފުއްޕާމެޔަށް ވާޞިލްވި ލޭ އަނބުރާ ޕަލްމޮނަރީ ވެއިން(Pulmonary Vein) ތައް ހުރަސްކޮށް ހިތުގެ ވާތް ފަރާތުގައިވާ ވާތު އެޓްރިއަމް(Left Atrium) އަށް ވާޞިލްވެއެވެ.

(ނ) - ގޭސް ބަދަލުކުރުވުން : ގޭސް ބަދަލުކުރުމަކީ(Gas exchange) ލޭގައި ހިމެނޭ ވިހަ ކާބަންޑައި އޮކްސައިޑް ބޭރަށް ނޭވާލާއިރު، ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފުއްޕާމޭގެ ތެރެއަށް ގެނައުމާއި، އަދި އެތެރެއަށް ނޭވާލާއިރު ފުއްޕާމެޔަށް ވާޞިލްވާ ސާފުވައި ނުވަތަ އޮކްސިޖަން ހަށިގަނޑުގެ އެކި ހިސާބަށް ފޯރުކޮށްދިނުމަށް ލޭގެ ތެރެއަށް ދޫކުރުމެވެ.

ނޭވާލާ ނިޒާމްގެ މައިގަނޑު އެއް މަސައްކަތަކީ ގޭސް ބަދަލު ކުރުމެވެ.އެތެރެއަށް ނޭވާލުމުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް ހިގަނީ ކުދި ވައިކޮތަޅު(Alveolus) ތަކާއި އެވައިކޮތަޅު ތަކުގެ ފާރުގައިވާ ކުދިކުދި ލޭހޮޅި (Pulmonary Capillaries)ތަކާ ދެމެދުގައެވެ. ވައިކޮތަޅު ތަކުގެ ފާރަކީ ވަރަށް ތުނި އެއްޗެކެވެ. ގާތް ގަނޑަކަށް އޭގެ ބޯމިން އުޅެނީ 0.2 މައިކްރޯމީޓަރު ގައެވެ. ވައިކޮތަޅުގެ ފާރުގައިވާ ކުދި ލޭހޮޅިތަކުގެ ފާރަކީ ވެސް ތުނި އެހާމެ ތުނި އެއްޗެކެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އެދެމެދުގައި ގޭސް ބަދަލުކުރެވެއެވެ.

ވައިކޮތަޅު ގައި ހިމެނޭ ވައި ނުވަތަ އޮކްސިޖަން ފުއްޕާމޭގެ ތެރޭގައިވާ ކުދި ލޭހޮޅިތަކު(Pulmonary Capillaries)ގެ ތެރެއަށް(ލޭގެ ތެރެއަށް) އައުމުން ، އެކުދި ލޭހޮޅިތަކުގެ ތެރޭގައި ހިމެނޭ(ލޭގައި ހިމެނޭ) ކާބަންޑައި އޮކްސައިޑް، ވައިކޮތަޅުގެ ތެރެއަށް ފޮނުވާލައެވެ. މިހާލުގައި އެކުދި ލޭހޮޅިތަކުގެ ތެރޭގައިވާ ގައިވާ ލޭ ހުންނާނީ އޮކްސިޖަން- މުއްސަދި އެއްޗެއްގެ ގޮތުގައެވެ. އަދި ކާބަންޑައި އޮކްސައިޑް ފުއްޕާމޭގައި ހިފެހެއްޓިފައި ހުރެއެވެ. އަދި ބޭރަށް ނޭވާލުމުގެ ތެރޭގައި ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކޮށްލައެވެ.

އާދައިގެ ޞިއްޙަތު ސަލާމަތުން ހުރި މީހަކު ރަގަޅަށް ހުންނައިރު ނޭވާލާ ކޮންމެ ފަހަރަކު 250މލ ގެ އޮކްސިޖަން ފުއްޕާމޭގެ ތެރެއަށް ކޮންމެ މިނިޓަކު ވަދެއެވެ. އަދި 200މލ ގެ ކާބަންޑައި އޮކްސައިޑް ކޮންމެ މިނިޓަކު ފުއްޕާމެއިން ބޭރުކޮށްލައެވެ.

ފުއްޕާމޭގެ މައިގަނޑު ނުވަތަ އަސާސީ މަސައްކަތަކީ ނޭވާލުމުގެ ހަރަކާތް ހިންގުމެވެ. ނުވަތަ ނޭވާލުމެވެ. ނޭވާލުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަކަށް ތާޒާކަމާއެކު އޮކްސިޖަން ފޯރުކޮށްދީ، ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ވިހަ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކޮށްދޭނެ ކަމެކެވެ. ޢާންމުގޮތެއްގައި މިނިޓަކު 15-25 ފަހަރާއި ދެމެދުގެ މިންވަރަކަށް ނޭވާލައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.