ބުދަ20200930

އާކުރެވުނީ: 08:43:52

ފިތް

fih-2* ފިތުގެ ވަޒީފާ
* ފިތަށް ޖެހޭ ބައެއް ބަލިތައް
* އޮޕަރޭޝަންކޮށްގެން ފިތްނެގުން

ފިތް (Gall bladder) ނުވަތަ ފިތަކީ އިންސާނާގެ މޭގަނޑުގެ ތެރެއަށް ނާސްޕާތީ އެއްގެ ބައްޓަމަށް ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް

ކަމުގައިވާ ބައިލް(Bile) ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނ(4-3އިންޗި)، ނުވަތަ 12-7 (10.2-7.6) ސެންޓި މީޓަރެވެ. ފިތުގެ ފުޅާމިނުގައި 2.5 ސެންޓިމީޓަރު ނުވަތަ 1 އިންޗި ހުރެއެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ މޭގަނޑު، އަދި އަދި ހިމަގޮހޮރު ގެ ފުރަތަމަ ބަޔާއި ގުޅިފައެވެ.

ފިތަކީ މޭގަނޑު ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ މޭގަނޑުގައި ޖެހިފައެވެ.

ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ފަލަ ގޮހޮރުން ހުރަހަށްވާގޮތަށް އޮންނަ ބައި އަދި ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ.

ބައިލް ދައުރުކުރާ ނިޒާމްގައި ފިތާއި ގުޅުންހުރި ބައެއް ހޮޅިތައް

fih-1ކޮމަން ހެޕަޓިކް ޑަކްޓް (Common hepatic duct): ކޮމަން ހެޕަޓިކް ޑަކްޓް އަކީ ގާތްގަނޑަކަށް 1 އިންޗީގެ ދިގުމިން ހުންނަ ކުރު ޑަކްޓެކެވެ. މިޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން މޭގަނޑަށް ލޭފޯރުކޮށްދޭ ލޭހޮޅީ ގެ ކަނާތް ފަރާތުންނެވެ. އަދި ފިތުން ނިކުމެފައިވާ ސިސްޓިކް ޑަކްޓް(Cystic duct) އާއި އެކުވެގެން، ކޮމަން ބައިލް ޑަކްޓް(Bile duct) އުފެދެއެވެ.

ސިސްޓިކް ޑަކްޓް (Cystic duct) : ސިސްޓިކް ޑަކްޓް އަކީ ½ 1 އިންޗީގެ ދިގުމިން ހުންނަ ޑަކްޓެކެވެ. ސިސްޓިކް ޑަކްޓް ނިކުމެފައި އިންނަނީ ފިތުގެ ކަރު ނިމޭ ހިސާބުންނެވެ. ސިސްޓިކް ޑަކްޓް ކޮމަން ހެޕަޓިކް ޑަކްޓް އާއި ގުޅިގެން ކޮމަން ބައިލް ޑަކްޓް އުފެދިގެން ދެއެވެ.

ކޮމަން ބައިލް ޑަކްޓް (Common bile duct): ކޮމަން ބައިލް ޑަކްޓް އުފެދެނީ ސިސްޓިކް ޑަކްޓް އަދި ކޮމަން ހެޕަޓިކް ޑަކްޓް ގުޅިގެންނެވެ. މިޑަކްޓްގެ ދިގުމިނަކީ 3 އިންޗި އެވެ. ބައިލް ޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން މޭގަނޑަށް ލޭފޯރުކޮށްދޭ ލޭހޮޅީ ގެ ކަނާތް ފަރާތުންނެވެ. އެއަށްފަހު ހިމަ ގޮހޮރުގެ ފުރަތަމަބައިގެ ފުރަގަހުން ގެސްޓްރޯޑުއަޑީނަލް އާޓަރީގެ ކަނާތް ފަރާތުން ތިރިއަށް ދެއެވެ. އެއަށްފަހު ޗިސްމޭގެ ބޮލުގެ ފުރަގަހުގައި އިންނަ ކުޑަ އަޑިކޮޅެއްގެ ތެރެއިން ގޮސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ވަދެއެވެ. އަދި އެތަނުގައި ޕެންކްރީއެޓިކް ޑަކްޓް އާއި ގުޅި، ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ (Ampulla of vater) އުފެދެއެވެ.

ފިތުގެ ވަޒީފާ

ފިތުން އަދާކޮށްދޭ ވަޒީފާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) - ބައިލް ރައްކާކުރުން : އިންސާނުން އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި ދޭތެރޭގައި ސްފިންކްޓަރ އޮފް އޯޑި ހުންނަނީ އާދައިގެ ވަރެއްގައި ކޮންޓްރެކްޓް ވެވިވެވި އެވެ. އެހެން ކަމުން ބައިލް ފަހަތަށްގޮސް މައްޗަށްގޮސް ސިސްޓިކް ޑަކްޓް ހުރަސްކޮށް ފިތަށް ވާޞިލްވެ، އޭގެތެރޭގައި ގުދަން ކުރެވެއެވެ.

ބައިލް(Bile) އަކީ މޭގައި ނުވަތަ މޭގަނޑުގައި ހުންނަ ހެޕަޓަސައިޓް ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން ތަބީޢަތް އެކުލެވޭ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި، ދޭތެރޭގައި ބައިލް ހުންނަނީ ފިތުގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ހިމަގޮހޮރުގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.

ބައިލް ހިމަ ގޮހޮރުގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ވަނުމުގެ ކުރިން އެތަނުގައިވާ ސްފިންކްޓަރ އޮފް އޯޑި ބަންދުވެފައި އިންނަމަ ހިމަ ގޮހޮރުގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ބައިލް ވަނުމުގެ ބަދަލުގައި އަނބުރާ ފިތުގެ ތެރެއަށް ބައިލް ދެއެވެ. އަދި ފިތުގެ ތެރޭގައި ބައިލް ރައްކާކޮށް ގުދަންކުރެވިފައި ވެއެވެ. އަދި އެތަނުގައި ބައިލް ކޮންސެންޓްރޭޓް ވެސް ވެއެވެ.

ކައިމް(Chyme) ގެ ގޮތުގައި ކާނާ މައިދާ އިން ހިމަ ގޮހޮރުގެ ފުރަތަމަ ބަޔަށް(Duodenum) ފޮނުވާލުމުން ފިތުގެ ތެރޭގައި ރައްކާކޮށްފައި ހުންނަ ބައިލް ވެސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ފޮނުވާލައެވެ. އެއީ ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ(Duodenum) ތެރޭގައި ހިނގާ ހަޖަމުކުރުމުގެ މަސައްކަތުގައި އެހީތެރިވެ، ބައިވެރިވުމަށްޓަކައެވެ.

(ށ) - ބައިލް ކޮންސެންޓްރޭޓް ކުރުން : ފިތުގެ ކެޕޭސިއަކީ ގާތްގަނޑަކަށް 60-20 މިލިލީޓަރުގެ މިންވަރެކެވެ. އެހެންކަމުން މޭގަނޑުން ފިތުގެ ތެރެއަށް އަންނަ ބައިލްގެ ބޮޑު މިންވަރެއް ފިތުގެ ތެރޭގައި ބެހެއްޓުމަށްޓަކައި ބައިލް ކޮންސެންޓްރޭޓް ކުރަންޖެހެއެވެ.

(ނ) - ބައިލް އެސިޑިފިކޭޓް ކުރުން : ބައިލް އެސިޑިފިކޭޓްވަނީ ބައިލް ކޮންސެންޓްރޭޓް ކުރުމުގެ ތެރޭގައި ބައިކާބޮނޭޓް އަލުން ހަށިގަނޑަށް ދެމުމުންނެވެ. މިގޮތަށް ބައިކާބޮނޭޓް ހަށިގަނޑަށް ދެމުމުން، ފިތުގައި ހުރި ބައިލްގެ ޕީއެޗް 7.4-7 އާއި ދެމެދުގެ މިންވަރަކަށް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ޖަމާވެ، ފިތުގައި ހިލަ އުފެދުން މަނާކޮށްދެއެވެ.

(ރ) - ބައިލް ޑަކްޓްތަކުގައި ހުންނަ ޕްރެޝަރު ދަށްކުރުން : ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު ދަށްކުރަނީ މޭގަނޑުން އުފައްދައި ބޭރުކުރާ ބައިލް ގެ ބޮޑުމިންވަރެއް ފިތުގައި ރައްކާކޮށްގެންނެވެ. ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު މަތިވެއްޖެ ނަމަ ބައިލް ދޫކުރުން ހުއްޓި، މޭގަނޑުގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ.

(ބ) - ހުދުބައިލް އުފެއްދުން : ހުދު ބައިލް ބޭރުކުރަނީ ފިތުގެ އެތެރޭގެ ދުލިފަށަލައިގެ ތެރޭގައި ހުންނަ ދަވަދޫކުރާ ގޮށް(Mucus gland) ތަކުންނެވެ.

ފިތުގެ ބަލިތަކާއި ގުޅިގެން ނުވަތަ ފިތުގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް

(ހ) – ބަނޑު ސްކޭންކުރުން : ފިތުގެ އެތެރެއާއި، ފިތުގައި ހިލަ އުފެދިފައި ހުރިތޯ ބެލުމަށް އެންމެ ބޭނުންތެރި ޓެސްޓަކީ ބަނޑުގެ ސްކޭނެއް ހެދުމެވެ.

(ށ) – ފިތް ސްކޭންކުރުން : މިއީ ފިތުގެ މަސައްކަތްހުރި ނެތްގޮތް ބެލުމަށް ހެދޭ ނިއުކްލިއަރ ސްކޭނިންގ ޓެސްޓެކެވެ. މި ސްކޭންގެ އެހީގައި ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިތަކުގެ ތެރޭގައި އެއްވެސް ކަހަލަ ހުރަހެއް (ބެދިފައި) ނުވަތަ ހޮޅިއެއް ބެދިފައި (ހިލައެއްގެ ސަބަބުން) ހުރިނަމަ، އެކަން ދެނެގަނެވޭނެ އެވެ. މިޓެސްޓްހެދުމަށްޓަކައި، ރޭޑިޔޯއެކްޓިވް ޑައި އެއް ލޭގެ ތެރެއަށް ފޮނުވާލަން ޖެހެއެވެ.

(ށ) – މެގްނެޓިކް ރިސޮނެންސް އިމޭޖް : މިޓެސްޓްގެ އެހީގައި ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިތަކުގެ ތެރޭގައި، އަދި ޗިސްމެޔާއި، ފިތުގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިނަމަ އެކަން ފަސޭހަ ކަމާއެކު ދެނެގަނެވެއެވެ.

(ނ) – އިންޑޯސްކަޕީގެ އެހީގައި ސްކޭންކުުރުން : މިއީ ވެސް ފިތުގައި ހިލަ އުފެދުން ފަދަ ޙާލަތްތަކުގައި މަދުން ނަމަވެސް ހަދައިއުޅޭ ޓެސްޓެކެވެ.

(ރ) – ބަނޑުގެ އެކްސްރޭނެގުން : އާންމުގޮތެއްގައި ފިތުގައި ހުންނަ މައްސަލަތަައް ބަނޑުގެ އެކްސްރޭ އިން ދެނެއެއް ނުގަނެވޭނެ އެވެ. ނަމަވެސް މަދު ޙާލަތެއްގައި ފަހަރުގައި ފިތުގައި އުފެދިފައި ހުންނަ ހިލަ އެކްސްރޭ އިން ދެނެގަނެވިދާނެ އެވެ. މިއީ ވަރަށް ނާދިރު ކަމެކެވެ. ފިތުގެ މައްސަލަތައް ދިމާވުމުން ބަނޑުގެ އެކްސްރޭ ނަގަނީ ބަނޑުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިހުރިތޯ ބެލުމަށްޓަކައެވެ.

ފިތަށް ޖެހޭ ބައެއް ބަލިތައް

fih-3ކޮލެސްޓެސިސް (Cholastasis): މިއީ ހަޖަމުކުރާ ނިޒާމަށް ބައިލް ގެންގޮސްދޭ މަގުގައި ނުވަތަ މޭގަނޑުން ބައިލް އުފައްދައި، ފިތުގައި ރައްކާކޮށް، ހިމަގޮހޮރުގެ ތެރެއަށް ބައިލް ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިތަކުގެ ތެރެއިން، ހޮޅިއެއްގައި ކޮންމެވެސް ހިސާބަކުން ބެދިފައި ހުރުމެވެ. މިގޮތަށް ބެދިފައި މޭގަނޑުގެ ތެރޭގައި އަދި މޭގަނޑުން ބޭރުގައި ވެސް ހުރެދާނެއެވެ. މިދެންނެވި ބައިލް ދަތުރުކުރާ މަގުން ބައެއް ބެދިއްޖެނަމަ ރީނދޫވުން، ކުރިމަތިވެ، އަދި ބިލިރޫބިން ގެ މިންވަރު މަތިވެގެން ދާނެއެވެ.

ފިތުގައި ހިލަ އުފެދުން (Gall stone): ފިތު ހިލަ ހުންނަމީހުންގެ 25 އިންސައްތަ މީހުންގެ ހިލަ އެކުލެވިގެންވަނީ ބައިލް އެސިޑް އަދި ލެސިތިން ގެ މައްޗަށެވެ. ފިތު ހިލައިގެ ސަބަބުން ކޮމަން ބައިލް ޑަކްޓް ބެދިއްޖެނަމަ ރީނދޫވުން އަދި މޭގަނޑުގެ ސެލްތައް ހަލާކުވުން ކުރިމަތި ކުރުވައެވެ. ބަނޑުގެ ކަނާތް ފަރާތުން މަތީގައި ރިހުމާއި، މޭނުބައިކުރުމަކީ މިހާލަތުގައި ދިމާވެދާނެ ބައެއް އުދަގޫތަކެވެ.

ފިތް ދުޅަވުން (Cholecystitis): ފިތް ދުޅަވުން ކުރިމަތިވެއްޖެ ނަމަ ހުންއައުމާއެކު، ބަނޑުގައި ރިއްސާނެއެވެ. އާންމު ގޮތެއްގައި ރިއްސާނީ ބަނޑުގައި ކަނާތް ފަރާތުން މަތީގައި ފިތް އަދި މޭގަނޑު އޮންނަ ހިސާބުގައެވެ. 90 އިންސައްތަ މީހުންނަށް ފިތް ދުޅަވުން ކުރިމަތިވަނީ ފިތުގައި ހިލަ އުފެދުމުގެ ސަބަބުންނެވެ.

ފިތުގެ ކެންސަރު (Cancer gall bladder): ފިތުގެ ކެންސަރަކީ މަދު ބަޔަކަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ބަނގުރާ ބޯމީހުންނާއި، ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނާއި، އާދަޔާ ޚިލާފަށް ފަލަ މީހުންނަށް ފިތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. އާންމުގޮތެއްގައި ފިތުގެ ކެންސަރު ދެނެގަނެވެނީ އޭގެ ފަހު މަރުހަލާއަށް ވާޞިލްވާ ފަހުންނެވެ.

އޮޕަރޭޝަންކޮށްގެން ފިތްނެގުން

އޮޕަރޭޝަންކޮށްގެން ފިތްނެގުމަކީ ފިތުގެ ބައެއް ބަލިތަކާއި ގުޅިގެން ކުރެވޭ އޮޕަރޭޝަނެކެވެ. އެންމެ އާންމުކޮށް މިއޮޕަރޭޝަން ކުރަންޖެހެނީ ފިތުގައި ހިލަ އުފެދުމުންނެވެ. އޮޕަރޭޝަންކޮށްގެން ފިތް ނެގުމުން މޭގަނޑުގައި އުފައްދައި، ދޫކުރާ ބައިލް ފުރަތަމަ ވެސް ވާޞިލްވާނީ ހިމަ ގޮހޮރުގެ ތެރެއަށެވެ. މިއޮޕަރޭޝަނާއި ގުޅިގެން ނުރައްކަލެއް ކުރިމަތިވުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އާންމުކޮށް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި، އޮޕަރޭޝަންގެ ތެރޭގައި ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިތަކަށް އަނިޔާވުން، ޖަރާސީމްއެޅުން، އަދި އެތެރެހައްޓަށް ލޭއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.