ހޮނިހިރު20201017

އާކުރެވުނީ: 08:43:52

ޗިސްމޭ

chiss-mey-1* ޗިސްމޭ އުފެދިފައިވާގޮތް
* ޗިސްމޭ އަށް ލޭފޯރުކޮށްދިނުން
* ޗިސްމޭގެ ވަޒީފާ
* ޗިސްމޭގެ ބަލިތަކާއި ޗިސްމެޔާއި ގުޅުންހުރި ބަލިތައް

ޗިސްމޭ (Pancreas) އަކީ ހަޖަމުކުރާ ނިޒާމުގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.

ޗިސްމޭ ގެ އެންޑަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ "އައިލިޓްސް އޮފް ލޭންގަރހޭންސް" (Islets of langerhans) ކިޔާ ސެލްތަކުންނެވެ. މިސެލްތަކުން އިންސުލިން އަދި ގްލޫކަގޮން އުފައްދައެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ "ކަމްޕައުންޑް އެސިނަރ ގްލޭންޑް" (Compound acinar gland) ތަކުންނެވެ. މިގްލޭންޑް ތަކުން ޗިސްމޭ ޖޫސް އުފައްދައެވެ. ޗިސްމޭގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު (Vagus nerve) އަދި މައި ސްޕްލެންކްނިކް ނާރު (Splanchnic nerve) ތަކުންނެވެ.

ޗިސްމޭ އުފެދިފައިވާގޮތް

އިންސާނާގެ ޗިސްމޭގެ ދިގުމިނަކީ 10-6 އިންޗި އެވެ. އެވްރެޖް ދިގުމިނަކީ 7 އިންޗި އެވެ. އެވްރެޖް ފުޅާމިނަކީ 1.5 އިންޗި އެވެ. ޗިސްމޭ އޮންނަނީ މައިދާގެ ތިރިން ހިމަ ގޮހޮރުގެ ފުރަތަމަ ބައި "ޑޫއަޑިނަމް"ގެ ފެށޭތަނުގައި "ސީ" އަކުރުގެ ބައްޓަމަށް އިންނަ ބަޔަށް ޗިސްމޭ ގެ ބޯކޮޅު ވަދެފައި އިންނަ ކަހަލަ ގޮތަކަށެވެ. ޗިސްމޭ ގައި މައިގަނޑު 3 ބައެއް ވެއެވެ. އެއީ :-

• ޗިސްމޭގެ ބޯ: މިބައި އިންނަނީ ކުރިން ބުނިހެން ޑޫއަޑިނަމްގެ އެތެރެއަށް ވަދެ ފައްތަރުވެފައެވެ.

• ޗިސްމޭގެ ޖިސްމު: މައިބަދައިގެ އުނަގަނޑަށްވުރެ މަތިން ހިމެނޭ ކަށިތަކުގެ ދެވަނަ ކަށިކޮޅާއި އެއް ހަމައެއްހަމައެއްގައި މިބައި އޮވެއެވެ.

• ޗިސްމޭގެ ނިގޫ: ނިގޫ އިންނަނީ ހަށިގަނޑޫ ހުރަސްކޮށް ކަނާތުން ވާތަށް ހުންކޮށްޓާއި ދިމާލަށް ގޮސްފައެވެ.

ޗިސްމޭގެ ތެރޭގައިވާ "ޕެންކްރިއެޓިކް ޑަކްޓް"(Pancreatic duct) ހުޅުވިފައިވަނީ ޑުއަޑީނަމްގެ ތެރެއަށެވެ. "ކޮމަން ބައިލް ޑަކްޓް" (Common bile duct)"ޕެންކްރިއެޓިކް ޑަކްޓް" އާއި ގުޅިފައިވަނީ ޕެންކްރިއެޓިކް ޑަކްޓް ހިމަ ގޮހޮރުގެ ފުރަތަމަ ބަޔާއި، ގުޅުމުގެ ކުރިންނެވެ. ނުވަތަ މިދެޑަކްޓް ގުޅިގެން އުފެދިފައިވާ ޑަކްޓަކުންނެވެ. އެތަނަށް ކިޔަނީ ''އެމްޕިއުލާ އޮފް ވަޓަރ'' އެވެ.

ޗިސްމޭ އަކީ ދިގުކޮށް އޮންނަ ގްލޭންޑް އެކެވެ. ޗިސްމޭ އޮންނަނީ މައިދާގެ ފުރަގަހުން ހަށިގަނޑުގެ ތެރޭގައި ހުރަހަށް ހިމަ ގޮހޮރުގެ ުރަތަމަ ބައިން ފެށިގެން ހުންކޮށްޓާއި ދެމެދުގައެވެ. ޗިސްމޭ އެކުލެވިގެންވަނީ ޗިސްމޭގެ ބޯ، ޗިސްމޭގެ ކަރު، ޗިސްމޭގެ ޖިސްމު، އަދި ޗިސްމޭގެ ނިގޫ މި 4 ބައިގެ މައްޗަށެވެ.

(ހ) - ޗިސްމޭގެ ބޯ : ޗިސްމޭގެ ބޯ (Head of pancreas) އޮންނަނީ ހިމަ ގޮހޮރުގެ ފުރަތަމަބައި ނުވަތަ ޑޫއަޑިނަމް ''ސީ'' އަކުރެއްގެ ބައްޓަމަށް އޮންނައިރު ތަބީޢީ ގޮތުން އުފެދިފައި އިންނަ ޖާގައިގެ ތެރޭގައެވެ. ނުވަތަ އެޖާގައިގެ ތެރެއަށް ރީތިކޮށް ޗިސްމޭގެ ބޯ އިންނަނީ ފެތިފައެވެ. ޗިސްމޭގެ ބޯ ގެ ކުރިމަތީ ފަރާތް އިންނަނީ ފަލަގޮހޮރުން ހުރަހަށްވާގޮތަށް އޮންނަ ބައިގައި ޖެހިފައެވެ. ޗިސްމޭގެ ބޮލުގެ ތިރީބައި އިންނަނީ "ޕެރިޓޯނިއަމް" (Peritoneum) އިން ނިވާކުރެވިފައެވެ. އަދި މިތަން ޖެހިފައި އިންނަނީ ހިމަ ގޮހޮރުގެ މެދުބައިގެ ކޮއިލް ތަކުގައެވެ. ޗިސްމޭގެ ބޮލުގެ ފަހަތް ނުވަތަ ފުރަގަސް ޖެހިފައި އިންނަނީ "އިންފީރިއާ ވީނާ ކޭވާ (Inferior vena cava) އަދި ރީނަލް ވެއިން (Renal vein) ނިމޭ ހިސާބުގައެވެ. ޗިސްމޭ ބޮލުގެ ފަހަތުން މަތީ އަރިމަތީ ފަރާތުގައި ބައިލް ޑަކްޓް ނުވަތަ (Bile duct) އަށް ޚާއްޞަ ވަޅުކޮޅެއް ނުވަތަ އަޑިކޮޅެއް ހެދިފައި އިދެއެވެ.

(ށ) - ޗިސްމޭގެ ކަރު : ޗިސްމޭގެ ކަރު (Neck of pancreas) އަކީ ޗިސްމޭގެ ބޯ،ޗިސްމޭގެ ޖިސްމާއި ގުޅުވައިދޭ ހިމަ ބައެކެވެ. ކުރިމަތިން ޗިސްމޭގެ ކަރު އިންނަނީ ޕެރިޓޯނިއަމްގެ ފަށަލައަކުން ނިވާކުރެވިފައެވެ. އަދި މިބައި ޖެހިފައި އިންނަނީ މައިދާއާއި، ހިމަ ގޮހޮރުގެ ފުރަތަމަ ބަޔާއި، ދެމެދުގައިވާ "ޕައިލޯރަސް" (Pylorus)އޭ ކިޔޭ ބައިގައެވެ. ޗިސްމޭގެ ކަރު ފަހަތުން ޖެހިފައި އިންނަނީ "ސްޕީރިއާ މިސެންޓިރިކް ވެއިން" (Superior mesenteric vein) އަދި "ސްޕްލެނިކް ވެއިން" (Splenic vein) ގުޅިގެން "ޕޯޓަލް ވެއިން"(Portal vein)އުފެދިފައިވާ ހިސާބުގައެވެ.

(ނ) - ޗިސްމޭގެ ޖިސްމު : ޗިސްމޭގެ ޖިސްމު (Body of pancreas) އަކީ ކްރޮސް ސެކްޝަން ހެދުމުން ތިނެސްކަން ބައްޓަމަން ފެންނަ އެއްޗެކެވެ. މާނަައަކީ ޗިސްމޭގެ ޖިސްމުގައި 3 ބޯޑަރު އަދި 3 ސަތަޙަ އެކުލެވިގެން ވެއެވެ.

ޗިސްމޭގެ ޖިސްމުގެ ސަތަހަތައް

1- ކުރިމަތި ފަރާތް (މަތިފުށް) (Anterior surface): ޗިސްމޭގެ ޖިސްމު ގެ ކުރިމަތި ފަރާތް ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި މިއީ މައިދާގެ ތަންމަތީ (Stomach bed) ގެ ބައެކެވެ. މާނައަކީ މައިދާ ހަށިގަނޑުގެ ތެރޭގައި އޮންނައިރު އޭގެ ދަށްފުށް ޖެހިފައި އޮންނަ އެނދެއް ނުވަތަ ތަންމައްޗެއް ފަދަ ތަނެއްގެ ބައެކެވެ.

2- ތިރީ ފަރާތް (ދަށްފުށް) (Inferior surface): ޗިސްމޭގެ ޖިސްމު ގެ ތިރީ ފަރާތް ވެސް ވަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި މިބައި ޖެހިފައި ހުންނަނީ އަންނަނިވި ބައިތަކުގައި ކަނާތުން ފެށިގެން ވާތަށް ވާގޮތަށެވެ. އެންމެ ފުރަތަމަ ޖެހިފައި އިންނަނީ ހިމަ ގޮހޮރުގެ ފުރަތަމަ ބަޔާއި، ހިމަ ގޮހޮރުގެ މެދުބައި ގުޅޭކަން (Duodeno-jejunal flexure) ގައެވެ. ދެން ޖެހިފައި އިންނަނީ ހިމަ ގޮހޮރުގެ މެދުބައި ގެ ކޮއިލް ތަކުގައެވެ. އެންމެ ފަހުން ޖެހިފައި އިންނަނ ފަލަގޮހޮރުން ހުރަހަށްވާގޮތަށް އޮންނަ ބަޔާއި، ފަލަ ގޮހޮރުން މަތިން ތިރިއަށްގޮސްފައި އޮންނަ ބައި ގުޅޭކަނު (Colic flexure) ގައެވެ.

3- ފުރަގަހު ފަރާތް (ފަހަތް)(Posterior surface): ޗިސްމޭގެ ޖިސްމު ގެ ފުރަގަހު ފަރާތް ނުވަތަ ފަހަތް ވެސް ވަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި ފަހަތް ޖެހިފައި އޮންނަނީ ކަނާތުން ވާތަށް ވާގޮތަށް އަންނަނިވި ބައިތަކުގައެވެ. މާނައަކީ ޗިސްމޭ އޮންނާނީ މިދަންނަވާ ބައިތަކުގެ މަތީގައި ޖައްސާލައިގެން އޮންނަ ކަހަލަ ގޮތަކަށެވެ. އެންމެ ފުރަތަމަ ޖެހިފައި އިންނާނީ ހިތުން ހަށިގަނޑުގެ ބައިތަަކަށް ލޭފޮނުވައިދޭ މައި ލޭހޮޅި އެއޯޓާ އިން ބަނޑު ހިމެނޭ ހިސާބުގައިވާ ބައި(Abdominal Aorta) ގައެވެ. އެއަށްފަހު ޖެހިފައި އިންނާނީ "ސްޕީރިއާ މިސެންޓިރިކް އާޓަރީ" (Superior mesenteric artery) ފެށޭ ތާގައެވެ. ދެން ޖެހިފައި އިންނާނީ "ވާތު ސޯސް މޭޖަރ މަސްގަނޑު" (Psoas major muscle) ގައެވެ. އަދި އެއަށްފަހު ޖެހިފައި އިންނަނީ ވާތް ފަރާތުގެ "ސްޕްރަރީނަލް ގްލޭންޑް" އަދި ވާތް ފަރާތުގެ ގުރުދާ ގައެވެ. މިދެންނެވި ބައިތަކާއި ޗިސްމޭގެ ޖިސްމުގެ ފަހަތާއި ދެމެދުގައި ހުރަހެއްގެ ގޮތުގައި މަތިން ހުންކޮށިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި، "ސްޕްލެނިކް ވެއިން" (Splenic vein) އަދި ތިރިން ގުރުދާ އިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި "ރީނަލް ވެއިން" (Renal vein) ހުރަސްކޮށްފައި ވެއެވެ.

ޗިސްމޭގެ ޖިސްމުގެ ބޯޑަރުތައް

• މަތީ ބޯޑަރު: ޖެހިފައި އިންނަނީ ހުންކޮށްޓަށް ލޭ ފޮނުވައިދޭ ލޭހޮޅީ ގައެވެ.

• ކުރިމަތީ ބޯޑަރު: ކުރިމަތީ ބޯޑަރުގައި ހުރަސް މީސަ ކޯލޯން ތަތްވެފައި އިނދެއެވެ.

• ތިރީ ބޯޑަރު: ތިރީ ފަރާތް (ދަށްފުށް) ޖިސްމޭގެ ޖިސްމުގެ ފަތާއި ވަކިކޮށްދެނީ މިބޯޑަރެވެ.

chiss-mey-2(ރ) - ޗިސްމޭގެ ނިގޫ : ޗިސްމޭގެ ނިގޫ (Tail of pancreas) އަކީ ޗިސްމޭ ގެ ނިމޭ ހިސާބުގައިވާ ހިމަ ބައެވެ. ޗިސްމޭގެ ނިގުލުގެ ކޮޅު ގޮސް ޖެހިފައި އިންނަނީ ހުންކޮށީގައެވެ. އަދި އޭގެ ކުރިން ނިގޫ ގޮސްފައި އިންނަނީ ގުރުދާއާއި ހުންކޮށްޓާއި ދެމެދު އެގުނަވަނުގެ ސާބިތުކަމަށް ލެވިފައިވާ، ލިއެނޯ-ރީނަލް ލިގަމެންޓް (Lieno-renal ligament) ގެ ދެފަށަލަ ދޭތެރެއިންނެވެ.

ޕެންކްރިއެޓިކް ޑަކްޓް(Pancreatic duct) : ޕެންކްރިއެޓިކް ޑަކްޓް އަކީ ޗިސްމޭގެ އެތެރެއިން ވާތުން ކަނާތަށް ވާގޮތަށް ހުރަސްކޮށް ލެވިފައިވާ ކުޑަ ހޮޅިއެކެވެ. މިހޮޅި ޗިސްމޭގެ ބޮލުގެ ތެރޭގައި ތިރިއަށް، ފަހަތަށް އަދި ކަނާތަށް ގޮސް ހިމަ ގޮހޮރުގެ ފުރަތަމަބައި ބެހިފައިވާ ބައިތަކުގެ ތެރެއިން، ދެވަނަ ބައިގެ ފާރުގެ ތެރޭގައި ކޮމަން ބައިލް ޑަކްޓް އާއި ގުޅެއެވެ. އަދި އެހިސާބުގައި މިހޮޅި ތަންކޮޅެއް ބޮޑަށް ފުޅާވެގެން ގޮސް، އެމްޕިޔުލާ އޮފް ބައިލް ޑަކްޓް ނުވަތަ، ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ (Ampulla of vater) އުފެދެއެވެ.

ކުޑަ ޕެންކްރިއެޓިކް ޑަކްޓް (Accessory pancreatic duct): ކުޑަ ޕެންކްރިއެޓިކް ޑަކްޓް އަކީ ޗިސްމޭގެ ބޮލުގެ ތިރީ ބައިގެ ތެރޭގައި އުފެދިގެން މައްޗަށް ގޮސްފައި އިންނަ ކުޑަ ހޮޅިއެކެވެ. "ޕެންކްރިއެޓިކް ޑަކްޓް"އާއި މިހޮޅި ގުޅިފައި އިންނަނީ ވެސް ޗިސްމޭގެ ބޮލުގެ ތެރޭގައެވެ. އަދި ކުޑަ ޕެންކްރިއެޓިކް ޑަކްޓް އާއި ޕެންކްރިއެޓިކް ޑަކްޓް ގުޅިފައިވަނީ ކޮމިއުނިކޭޓިންގ ޑަކްޓް (Communicating duct) އޭ ކިޔާ ހޮޅިއަކުންނެވެ.

ޗިސްމޭ އަށް ލޭފޯރުކޮށްދިނުން

ޗިސްމޭއަށް ލޭފޯރުކޮށްދެނީ ތިރީގައި މިވާ 3 ލޭހޮޅިންނެވެ.
• ސްޕީރިއާ ޕެންކްރިއެޓިކޯ-ޑުއަޑީނަލް އާޓަރީ (Superior Pancreatico-duodenal Artery): މިއީ މޭގަނޑުގެ އާޓަރީ އިން އުފެދިގެން އައިސްފައިވާ ލޭހޮޅިއެކެވެ.

• އިންފީރިއާ ޕެންކްރިއެޓިކޯ-ޑުއަޑީނަލް އާޓަރީ (Inferior Pancreatico-duodenal Artery): މިއީ ސްޕީރިއާ މިސެންޓިރިކް އާޓަރީ އިން އުފެދިގެން އައިސްފައިވާ ލޭހޮޅި އެކެވެ.

• ހުންކޮށީގެ އާޓަރީ (Splenic Artery): މިލޭހޮޅިން ނިކުމެފައިވާ ޗިސްމޭ އަށް ލޭފޯރުކޮށްދޭ ގޮތްޕެއް ވެއެވެ. ޗިސްމޭގެ ކަރު، ޖިސްމު އަދި ނިގުލަށް ލޭ ފޯރުކޮށްދެނީ ހުންކޮށީގެ އާޓަރީ އިން ކުރިފަޅާފައިވާ ގޮތްޕަކުންނެވެ.

ހިތާއި ދިމާލަށް ޗިސްމޭ އިން ލޭ ގެންދަނީ ޕެންކްރިއެޓިކޯޑުއަޑީނަލް ވެއިން ތަކުގެ އެހީގައެވެ. މިބުނި ވެއިންތައް ހުސްވަނީ ޕޯޓަލް ވެއިން އަށެވެ. ޕޯޓަލް ވެއިން އޭ ކިޔާ ލޭހޮޅި އުފެދިގެން އަންނަނީ ސްޕީރިއޯ މިސެންޓިރިކް ވެއިން އަދި ސްޕްލެނިކް ވެއިން ގުޅިގެންނެވެ. މަދުބައެއްގެ ގާތްގަނޑަކަށް 40 އިންސައްތަ މިޙުންގެ ޕޯޓަލް ވެއިން އުފެދުމަށް އިންފީރިއޯ މިސެންޓިރިކް ވެއިން ވެސް ގުޅިފައި އިދެއެވެ.

ޗިސްމޭގެ މަސައްކަތާއި ގުޅުންހުރި ނާރުތައް

ޗިސްމޭގެ ހަރަކާތްތައް ކޮންޓްރޯލް ކުރަނީ ''ސިލިއެކް ނާރު ފުނި'' (Celiac nerve plexus)އިން އުފެދިފައިވާ ''ޕެންކްރިއެޓިކް ނާރު ފުނި'' (Pancreatic Nerve Plexus)ގެ އެހީގައެވެ.

ޗިސްމޭގެ ވަޒީފާ

ފުރިހަމަ ސްޓެއިން އެއް ކޮށްގެން މައިކްރޮސްކޯޕުން ބެލުމުން ދެވައްތަރެއްގެ ޓިޝޫ ޗިސްމޭ އިން ފެންނާނެއެވެ. އެއީ :-

• އެންޑަކްރިން ޗިސްމޭ: ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރާ ހޯރމޯން ދޫކުރެއެވެ.

• އެކްސަކްރިން ޗިސްމޭ: ހަޖަމު ކުރުމަށް އެހީވެދޭ އެންޒައިމް ތައް ދޫކުރެއެވެ.

(ހ) – ހޯރމޯން އުފައްދައި ދޫކުރުމުގެ ވަޒީފާ : ޗިސްމޭގައި ހިމެނޭ ''އައިލިޓްސް އޮފް ލޭންގަރހޭންސް'' ގައި ތަފާތު 4 ވައްތަރެއްގެ ސެލްތައް ހުރެއެވެ. މައިކްރޮސްކޯޕަކުން ސެލްތައް ވަކިކުރަން ބަލާއިރު، ކޮންމެ ސެލް އަކަށް ޚާއްޞަ ސްޓެއިން އެއްގެ އެހީގައި ނޫނީ އެއް ސެލް އަނެއް ސެލް އާއި ވަކިކުރަން އުދަގޫ ވެއެވެ. މިގޮތުން ހިމެނޭ 4 ވައްތަރުގެ ސެލް ތިރީގައި މިވަނީ އެވެ.

• ބީޓާ ސެލްތައް (Beta cells): 80-50 އިންސައްތަ، އިންސޫލިން ދޫކުރެއެވެ. އަދި "އަމައިލިން" ބޭރު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ހަކުރުގެ މިންވަރު ދަށްކުރުވައެވެ.

• އަލްފާ ސެލްތައް (Alpha cells): 20-15 އިންސައްތަ، ގްލޫކަގޮން ދޫކުރެއެވެ. ލޭގެ ހަކުރުގެ މިންވަރު މަތިކުރުވައެވެ.

• ޑެލްޓާ ސެލްތައް (Delta cells): 10-3 އިންސައްތަ، ސޯމަޓަސްޓެޓިން ދޫކުރެއެވެ. ޗިސްމޭގެ އެންޑަކްރިން ވަޒީފާ އަށް ހުރަސް އަޅައެވެ.

• ޕީޕީ ސެލްތައް (PP cells): 1 އިންސައްތަ، ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ދޫކުރެއެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަށް ހުރަސް އަޅައެވެ.

(ށ) - އެކްސަކްރިން ވަޒީފާ: ޗިސްމޭ ގައި އެކްސަކްރިން ވަޒީފާ އަދާކުރާ ދެވައްތަރެއްގެ ސެލް ހުރެއެވެ.

• ސެންޓްރޯއެސިނަރ ސެލް (Centroacinar cells): ބައިކާބޮނޭޓް ދޫކުރެއެވެ.

• ބޭސަފިލިކް ސެލް (Basophilic cells): ހަޖަމު ކުރުމަށް އެހީވެދޭ އެންޒައިމްތައް ބޭރު ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެންކްރިއެޓިކް އަމައިލޭސް، ޕެންކްރިއެޓިކް ލިޕޭސް، ޓްރީޕްސިނަޖަން، ކީމަޓްރީޕްސިނަޖަން، ފަދަ އެންޒައިމްތަކެވެ.

(ނ) - ޗިސްމޭ ޖޫސް އުފައްދައި ދޫކުރުން : ޗިސްމޭ ޖޫސް (Pancreatic Juice) އަކީ ހިމަ ގޮހޮރުގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް "ބައިލް" އަދި "ކުޑަ ގޮހޮރު ޖޫސް"(Intestinal Juice) އެކޭ އެއްފަދައިން ބޭނުންވާ ދިޔައެކެވެ. ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު އަދި ބޭނުންތެރި ދިޔައަކީ ވެސް ޗިސްމޭ އިން އުފައްދާ ޖޫހެވެ. ދުވާލަކު 1500 މިލިލީޓަރުގެ ޗިސްމޭ ޖޫސް ޗިސްމޭ އިން އުފައްދައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތަކީ އަލްކަލީން އެވެ. އޭގެ ޕީއެޗް ހުންނަނީ ގާތްގަނޑަކަށް 8 ގައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތް އަލްކަލީން ގެ ގޮތުގައި ހުންނަނީ އޭގައި މަތީ އަދަދަކަށް ބައިކާބޮނޭޓް ހިމެނޭތީ އެވެ.

ޗިސްމޭ ޖޫސް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ދިޔާ ޖޫހުގެ ބަޔާއި، އެންޒައިމްތަކުގެ ބައެވެ.

• ދިޔާ ޖޫހުގެ ބައި: މިއީ ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ދިޔާ ޖޫހެކެވެ. މިޖޫސް ނުވަތަ ދިޔަ ދޫކުރަނީ ކުދިކުދި ޑަކްޓްތަކުގެ ސެލްތަކުންނެވެ. މިދިޔައިގައި ހިމެނޭ އެހެން މާއްދާތަކުގެ ތެރޭގައި ކްލޮރައިޑް، ސަލްފަރ، ފަދަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، އަދި މެގްނީޒިއަމް ވެސް ހުރެއެވެ.

ކުޑަ ގޮހޮރު ޖޫސް އަދި ބައިލް އާއި ގުޅިގެން ބައިކާބޮނޭޓް މައިދާއިން ކުޑަ ގޮހޮރަށް އަންނަ "އެސިޑިކް ކައިމް" ނިއުޓްރަލައިޒް ކުރެއެވެ. ނުވަތަ އޭގެ ތަބީޢަތު އަލްކަލީން އަދި އެސިޑް އަށްވެސް ނުވާ ހަމަހަމަ ތަބީޢަތަކަށް ބަދަލުކުރުވައެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކުޑަ ގޮހޮރުގެ ޕީއެޗް ހަމަހަމަ ވުމުން ޗިސްމޭ ގެ އެންޒައިމް ތަކާއި ކުޑަ ގޮހޮރުން ބޭރުކުރާ އެންޒައިމް ތައް މުރާލިކަމާއެކު ހަރަކާތްތެރިވުމަށް އެކަށޭނަ ވެއްޓަކަށް ކުޑަ ގޮހޮރުގެ އެތެރެ ވެގެންދެއެވެ. ހަމަމިހެން އެކަމުގެ ސަބަބުން އެސިޑް ގިނަވުމުން ލިބޭގެއްލުމުން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމްގެ އެތެރޭގެ ދުލިފަށް ހިމާޔަތް ކޮށްދެއެވެ.

• އެންޒައިމް އެކުލެވޭ ބައި: މިއީ ޗިސްމޭގެ އެސިނަރ ގްލޭންޑް ތަކުން ބޭރުކުރާ އޮލަ ޖޫހެކެވެ. އަދި މިޖޫހަކީ ހަޖަމު ކުރުމަށް ބޭނުންވާ އެންޒައިމް ތަކުން މުއްސަދިވެފައިވާ ދިޔައެކެވެ.

(ރ) - ޗިސްމޭ އިން ތަފާތު އެންޒައިމްތައް އުފައްދައި ދޫކުރުން : ޗިސްމޭ އިން އުފައްދައި ދޫކުރާ އެންޒައިމްތަކުގެ ތެރޭގައި އެކި ކަހަލަ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ ތަފާތު އެންޒައިމްތައް ހިމެނެއެވެ.

- ޕްރޮޓީން ބައިކުރާ އެންޒައިމްތައް : ޕްރޮޓީން ބައިކުރާ އެންޒައިމްތައް (Proteolytic enzymes) އާންމު ގޮތެއްގައި ދޫކުރަނީ ހީވާގިކަމެއްނެތް ޕްރޯއެންޒައިމް (Inactive Pro-enzymes) ތަކެއްގެ ގޮތުގައެވެ. އަދި މިއެންޒައިމްތައް މުރާލިވެ، ހަރަކާތްތެރިވަނީ ހަމައެކަނި ކުޑަ ގޮހޮރުގެ ތެރޭގައެވެ. މިގޮތުން ޕްރޮޓީން ބައިކުރާ ނުވަތަ ވަކިކުރާ އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.

• ޓްރީޕްސިނަޖަން: ޓްރީޕްސިނަޖަން (Trypsinogen) ކުޑަ ގޮހޮރުގެ ތެރޭގައި ހީވާގިވެ، ޓްރީޕްސިން (Trypsin) އަށް ބަދަލުވެއެވެ. ޓްރީޕްސިނަޖަން ހީވާގިވަނީ ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ އެތެރޭގެ ދުލިފަށް އިން ދޫކުރާ އެންޓިރަކައިނޭސް (Enterokinase) ކިޔާ އެންޒައިމެއްގެ އެހީގައެވެ. ޓްރީޕްސިން އަކީ ޓްރީޕްސިނަޖަން އާއި، އެހެނިހެން އެންޒައިމްތައް ވެސް ހީވާގީކޮށް މުރާލިކުރުވާ އެންޒައިމް އެކެވެ.

• ކީމަޓްރީޕްސިނަޖަން: ކީމަޓްރީޕްސިނަޖަން (Chymotrypsinogen) ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކީމަޓްރީޕްސިން( Chymotrypsin) އަށް ބަދަލުވެއެވެ.

• ޕްރޯއިލަސްޓޭސް: ޕްރޯއިލަސްޓޭސް(Proelastase) ޓްރީޕްސިންގެ އެހީގައި ހީވާގިވެ، އިލަސްޓޭސް(Elastase) އަށް ބަދަލުވެއެވެ.

• ޕްރޯކާބޮކްސީޕެޕްޓައިޑޭސް:ޕްރޯކާބޮކްސީޕެޕްޓައިޑޭސް(Procarboxypeptidase)ޓްރީޕްސިންގެ އެހީގައި ހީވާގިވެ، ކާބޮކްސީޕެޕްޓައިޑޭސް(Carboxypeptidase) އަށް ބަދަލުވެއެވެ. ކާބޮކްސީޕެޕްޓައިޑޭސް އަކީ ޕޮލިޕެޕްޓައިޑް މޮލިކިޔޫލް ތަކުން އެމީނޯ އެސިޑް ވަކިކުރުމަށް އެހީވެދޭ އެންޒައިމް އެކެވެ.

- ފެޓް ބައިކުރާ އެންޒައިމްތައް : މީގެ ތެރޭގައި އަންނަނިވި އެންޒައިމްތައް ހިމެނެއެވެ.
• ޕެންކްރީއެޓިކް ލައިޕޭސް: ޕެންކްރީއެޓިކް ލައިޕޭސް(Pancreatic lipase) އަކީ ޓްރައިގްލިސެރައިޑް، މޮނަގްލިސެރައިޑް އަދި ފެޓީ އެސިޑް އަށް ބަދަލުކުރުވާ މުރާލި ހީވާގި އެންޒައިމް އެކެވެ. ބައިލް ސޯލްޓް ހުރުމަކީ މިއެންޒައިމްގެ މަސައްކަތް ހަލުވިކުރުވާ ކަމެކެވެ.

• ޕްރޯފޮސްފަލައިޕޭސްއޭ-2: ޕްރޯފޮސްފަލައިޕޭސްއޭ-2 (Prophospholipase-A2) ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ފޮސްފަލައިޕޭސް އޭ-2 (Phospholipase -A2)އަށް ބަދަލުވެއެވެ. ފޮސްފަލައިޕޭސް އޭ-2، ފޮސްފަލިލިޕިޑް ތައް ފެޓީ އެސިޑް އަދި ލައިސޯފޮސްފަލިޕިޑް ތަކަށް ބަދަލު ކުރުވުމަށް އެހީތެރިވެދެއެވެ.

• ކޮލެސްޓިރައިލް އެސްޓަރ ހައިޑްރަލޭސް: ކޮލެސްޓިރައިލް އެސްޓަރ ހައިޑްރަލޭސް( Cholesteryl ester hydrolase) އަކީ ކުޑަ ގޮހޮރުގައި ކޮލެސްޓީރޯލް އިން އެސްޓަރ (Ester) ތައް ވަކިކޮށް ކޮލެސްޓިރޯލް(Cholesterol) މިނިވަންކޮށްދޭ އެންޒައިމް އެކެވެ.

• ޕެންކްރީއެޓިކް އަލްފާ އެމިލޭސް: ޕެންކްރީއެޓިކް އަލްފާ އަމިލޭސް (Pancreatic alpha amylase) އަކީ ހީވާގި، އަދި ހަރަކާތްތެރި އެންޒައިމް އެކެވެ. މިއެންޒައިމްގެ މަސައްކަތަށް ކްލޮރައިޑްގެ އެހީ ބޭނުންވެއެވެ. އެގޮތުން ކްލޮރައިޑްގެ އެހީގައި ސްޓާރޗް މޮލްޓޯސް(Maltose)، މޮލްޓޯޓްރިއޯސް(Maltriose) އަދި އަލްފާ-ލިމިޓް ޑެކްސްޓްރިން އަށް ބަދަލުކުރުވައެވެ.

• ޕެންކްރީއެޓިކް ނޫކްލީއޭސް ތައް: ޕެންކްރީއެޓިކް ނޫކްލީއޭސް (Pancreatic nuclease) ތަކުގެ ތެރޭގައި ހިމެނެނީ ރައިބަނޫކްލީއޭސް، އަދި ޑިއޮކްސީ ރައިބަނޫކްލީއޭސް އެންޒައިމް އެވެ. މިއެންޒައިމް ތަކަކީ ނޫކްލީއަޓައިޑް ތައް އުފެއްދުމަށް މުހިއްމު އެންޒައިމް ތަކެކެވެ.

(ބ) – ޗިސްމޭއިން ތަފާތު ހޯރމޯންތައް އުފައްދައި ދޫކުރުން : މީގެ ތެރޭގައި އަންނަނިވި ހޯރމޯންތައް ހިމެނެއެވެ.
• އިންސުލިން : އިންސުލިން (Insulin) އަކީ ޗިސްމޭގައި ހުންނަ ''ބީޓާ އައިލިޓް ސެލް''(β islet cell) ތަކުން އުފައްދައި ދޫކުރާ، ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ކޮންޓްރޯލްކުރާ އެނަބޮލިކް ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މީގެ އިތުރުން ފެޓް މެޓަބޮލިޒަމް ކޮންޓްރޯލް ކުރުމުގައިވެސް އިންސުލިން ބައިވެރި ވެއެވެ. މޭގަނޑުގައި ގުލްކޯޒް ރައްކާކޮށް ބޭރުކުރުމުގެ މަސައްކަތަށް ބަދަލު ގެނުވުމުގައި ވެސް މިހޯރމޯން ބައިވެރި ވެއެވެ. އޮނިގަނޑުގައި 51 އެމިނޯ އެސިޑް އެކުލެވޭ އިންސުލިންގެ މޮލިކިއުލަރ ބަރުދަން ގައި 5808 ޑެލްޓޯން ހުރެއެވެ. ހަކުރު ބަލީގެ ބައެއް ވައްތަރުތަކަށް ފަރުވާކުރުމަށް އިންސުލިން ބޭނުންކުރެއެވެ. މިފަދަ މީހުންނަށް އިންސުލިން އެމީހުންގެ ހަށިގަނޑުގައި ނުހުންނާތީ އަބަދުވެސް ފަރުވާގެ ގޮތުގައި އިންޖެކްޝަންގެ ސިފައިގައި އިންސުލިން ނަގަން ޖެހެއެވެ.

• ގްލޫކަގޮން: ގްލޫކަގޮން (Glucagon) އަކީ ޗިސްމޭގެ ''އަލްފާ އައިލިޓް ސެލް''(α islet cell) ތަކުން އުފައްދައި ދޫކޮށް ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ގައި ޝާމިލްވާ ވަރަށް މުހިއްމު ހޯރމޯން އެކެވެ. ޗިސްމޭ އިން ގްލޫކަގޮން ދޫކުރަން ފަށަނީ ލޭގައި ގުލްކޯޒްގެ މިންވަރު ދަށްވުމުންނެވެ. އަދި ގްލޫކަގޮން ދޫކުރަން ފެށުމުން މޭގަނޑުގައި ރައްކާކޮށްފައި ހުންނަ ''ގްލައިކަޖަން''(Glycogen) ގުލްކޯޒް އަށް ބަދަލުވުން މެދުވެރި ކުރުވައެވެ. އަދި މިގޮތުން ބަދަލުކުރެވުނު ގުލްކޯޒް ލޭގެ ތެރެއަށް ފޮނުވާލައެވެ.

• ސޯމަޓަސްޓެޓިން:ސޯމަޓަސްޓެޓިން(Somatostatin) އަކީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައިވާ''ޕެރިވެންޓްރިކިއުލާ ނިއުކްލިއަސް''(Periventricular nucleus) ، މައިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.މައިދާގައި މިހޯރމޯން ދޫކުރަނީ ''ޑެލްޓާ ސެލް''(D Cell) ތަކުންނެވެ. ޗިސްމޭގައި މިހޯރމޯން ދޫކުރަނީ ''ޑެލްޓާ އައިލިޓް ސެލް''(δ islet cell) ތަކުންނެވެ. މިހޯރމޯންގެ ހަރަކާތްތެރި ދެވައްތަރެއް ވެއެވެ. އެއީ 14 އެމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28 އެމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔާ އުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ގްރޯތު ހޯރމޯން އިންހިބިޓިންގ ހޯރމޯން''(GHIH) ،''ސޯމަޓަޓްރޮޕިން ރިލީސް އިންހިބިޓިންގ ހޯރމޯން''(SRIH) ފަދަ ނަންތައް ހިމެނެއެވެ.

• ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް: ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް (Pancreatic polypeptide) އަކީ ޗިސްމޭގައި ހުންނަ ''ޕެންކްރިއެކްޓިކް ޕޮލިޕެޕްޓައިޑް ސެލް"(PP Cells) ތަކުން އުފައްދައި ދޫކުރާ، ޕޮލިޕެޕްޓައިޑް އެކެވެ. އާއްމު ގޮތެއްގައި ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ދޫކުރަނީ ޗިސްމޭގެ ބޮލުންނެވެ. އޮނިގަނޑުގައި 36 އެމިނޯ އެސިޑް އެކުލެވޭ ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ގެ މޮލިކިއުލަރ ބަރުދަނުގައި 4200 ޑެލްޓޯން ހުރެއެވެ.

ޗިސްމޭގެ ބަލިތައް ދެނެގަތުމާއި، ޗިސްމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ކުރެވޭ ބައެއް ޓެސްޓްތައް

chiss-mey-3(1) - ބޮޑުކަމުދާ ތަކެތި ތަޙްލީލުކުރުން : ޗިސްމޭ ރަގަޅަށް މަސައްކަތް ނުކުރާނަމަ ބޮޑުކަމުދާ ތަކެތީގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފެޓް ހުންނާނެއެވެ. އަދި ބޮޑުކަމުދާ ތަކެތީގެ މިންވަރު ގިނަވެ، ކުލަ މަޑުވެ، ދިޔާކަމާއި ތެޔޮކަން އިތުރުކަން ފާހަގަ ވާނެއެވެ. އަދި ބޮޑުކަމުދާ ތަކެތިން އާދަޔާ ޚިލާފަށް ނުބައި ވަސް ދުވާނެއެވެ.

(2) – ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހުރި ތަކެތި ނަގައިގެން ތަޙްލީލުކުރުން : ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހުރިތަކެތި ތަޙްލީލު ކުރުމަށް އެންމެ ފުރަތަމަ ސިކްރީޓިން ގެ ޑޯޒެއް ލޭގެ ތެރެއަށް ފޮނުވާލާނީއެވެ. އެއަށްފަހު "މިލަރ އެބަޓް ޓިއުބް" ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހުރި ތަކެތި ނަގާނީ އެވެ. އަދި ނެގުނު ތަކެތީގެ އެހީގައި ޗިސްމޭ ޖޫސްގައި ހިމެނޭ މާއްދާތަކުގެ މިންވަރު ބަލައިގެން ޗިސްމޭގެ މަސައްކަތް ހުރިނެތްގޮތް ދެނެގަނެވިދާނެއެވެ.

(3) - ލޭގައި ލައިޕޭސް،އަދި އަމިލޭސް ހުރި މިންވަރު ބެލުން : އާންމު ގޮތެއްގައި މިއެންޒައިމްތައް ލޭގައި ހުންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ނަމަވެސް ޗިސްމޭގެ ބައެއް ބަލިތަކުގައި މިސާލަކަށް ޕެންކްރީއެޓިކް ޑަކްޓް ބެދުން، އަދި ޗިސްމޭ ދުޅަވުން ފަދަ ޙާލަތްތަކުގައި މިއެންޒައިމްތައް ލޭގެ ތެރޭގައި އާދަޔާ ޚިލާފަށް އިތުރުވެގެން ދެއެވެ.

(4) - ސިކްރީޓިން ޓެސްޓް: ސިކްރީޓިން ޓެސްޓް ހެދުމަށް އެންމެ ފުރަތަމަ ސިކްރީޓިން އާއި މޯރފިން ލޭގެ ތެރެއަށް އިންޖެކްޝަނުން ފޮނުވާލާނީ އެވެ. މޯރފިން ކުދި ޕެންކްރީއެޓިކް ޑަކްޓް ތައް ހަނިކޮށްލާއިރު، ސިކްރީޓިން އެޑަކްޓްތަކުން ޖޫސް ނުވަތަ ދިޔަ ބޭރުކުރުމަށް ބާރުއަޅައެވެ. އެހެން ކަމުން މިބުނި މާއްދާތައް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ތެރޭގައި ޗިސްމޭގެ އެންޒައިމްތަކުގެ މިންވަރު މަތިވާން ޖެހޭނެއެވެ. ނަމަވެސް އެގޮތަށް ލޭގެ ތެރޭގައި ޗިސްމޭ ގެ އެންޒައިމްތަކުގެ މިންވަރު އިންޖެކްޝަން ޖެހުމަށް ފަހު މަތި ނުވެއްޖެނަމަ ޗިސްމޭ މަސައްކަތް ރަގަޅު ނޫންކަމުގައި ތުހުމަތު ކުރެވިދާނެއެވެ.

(5) - އިންޑޯސްކޮޕިކް ރެޓްރޯގްރޭޑް ކޮލެއެންޖިއޯޕެންކްރިއެޓޯގްރަފީ : މިއީ އިންޑޯސްކޮޕީ ގެ އެހީގައި ހެދޭ ޓެސްޓެކެވެ. މިޓެސްޓްގެ އެހީގައި ޗިސްމޭ، ފިތް، މޭގަނޑު، އަދި ބައިލް އުފައްދައި ދޫކުރާ ނިޒާމްގައިވާ ހޮޅިތަކުގައި ހުންނަ މައްސަލަތައް ފަސޭހަ ކަމާއެކު ދެނެގަނެވޭނެ އެވެ. މިޓެސްޓްގެ އެހީގައި ދެނެގަނެވިދާނެ ބަލިތަކުގެ ތެރޭގައި، ޗިސްމޭ ދުޅަވުން، ފިތުގައި ހިލަ އުފެދުން، ޗިސްމޭގެ ކެންސަރު، ބައިލް އުފައްދައި ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިއެއް ބެދުން، ރީނދޫވުމުގެ ބައެއް ވައްތަރުތައް، ފަދަ ކަންތައްތައް ހިމެނެއެވެ.

(6) - ސްކޭން ކުރުން / ސީޓީ ސްކޭން ހެދުން / އެމްއާރުއައި ހެދުން : ސްކޭން ކުރުމާއި، ސީޓީ ސްކޭން އާއި އެމްއާރުއައި ގެ އެހީގައި ވެސް ޗިސްމޭ ގެ ތަފާތު ބަލިތައް ދެނެގަނެވެއެވެ.

(7) - ޖެނެޓިކް ޓެސްޓިންގ : ބައެއް ކަހަލަ ޗިސްމޭގެ ބަލިތަކާއި ގުޅިގެން ޖެނެޓިކް ޓެސްޓިންގ ހަދަން ޖެހެއެވެ. މިއީ ވަރަށް އަގުބޮޑު ޓެސްޓެކެވެ. އާންމު ގޮތެއްގައި ޖެނެޓިކް ޓެސްޓިންގ ހަދަންޖެހެނީ އުފެދުމުގައި މައިންބަފައިންގެ ފުށުން ވާރުތަވެފައި ހުންނަ ބަލިތަކަށެވެ. އެގޮތުން ފާހަގަކުރެވޭ ބަލިތަކުގެ ތެރޭގައި ވާރުތަވާ ޗިސްމޭދުޅަވުމާއި، އަދި "ސިސްޓިކް ފައިބްރޯސިސް" ކިޔާ ޗިސްމޭގެ ބައްޔެއް ހިމެނެއެވެ.

ޗިސްމޭގެ ބަލިތަކާއި ޗިސްމެޔާއި ގުޅުންހުރި ބަލިތައް

ޗިސްމޭ ދުޅަވުން (Pancreatitis): ޗިސްމޭ ދުޅަވުމަކީ ޗިސްމޭ އަށް ދިމާވާ އެންމެ އާންމު ބަލީގެ ޙާލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޗިސްމޭ ދުޅަވުމުގެ ދެވައްތަރެއް ހުރެއެވެ. އެއީ ކުއްލިއަކަށް ކުރުމުއްދަތަކަށް (ވަގުތީ ސިފައެއްގައި) ޗިސްމޭ ދުޅަވުން ކުރިމަތިވުން އަދި ދިގުމުއްދަތަކަށް ދެމިދާގޮތަށް ދާއިމީ ސިފައެއްގައި ޗިސްމޭ ދުޅަވުން ކުރިމަތިވުމެވެ. ޗިސްމޭ ދުޅަވުމަކީ އަވަހަށް ފަރުވާ ބޭނުންވާނެ ޙާލަތެކެވެ. ޗިސްމޭ ދުޅަވުމުން އެކަށޭނަ ފަރުވާ ނުލިބި ގިނައިރު ވެއްޖެނަމަ، ޗިސްމޭގެ ތެރޭގައި ފެންކޮތަޅު އުފެދުން، އަދި ޗިސްމޭގައި މުލިހި އުފެދުން ފަދަ ކަންތައް މެދުވެރިވުމުގެ ފުރުޞަތު އޮވެއެވެ. އަދި ބައެއް ޙާލަތުގައި މިބުނި ފެންކޮތަޅު ނުވަތަ މުލިހި ފަދަ ތަކެތި ފަޅައިގެން ގޮސް، އޭގެތެރޭގައި ހުންނަ ދިޔަތައް އެެތެރެހައްޓަށް އެޅޭގޮތް ވެއެވެ. މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ޗިސްމޭ ދުޅަވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފިތުގައި ހިލައުފެދުން، ދިގުމުއްދަތަކަށް ބަނގުރާ ބޭނުންކުރުން، ވައިރަސް އާއި ބެކްޓީރިޔާ ފަދަ ޖަރާސީމްތަކުން މެދުވެރިވާ ބަލިތައް ޖެހުން، ބައެއް ކަހަލަ ބޭސްތައް ދިގުމުއްދަތަކަށް ބޭނުންކުރުން، ޕެންކްރިއެޓިކް ޑަކްޓް ބެދުން، ލޭގައި ކެލްސިއަމްގެ މިންވަރު މަތިވުން، އަދި ލޭގައި ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލިސެރައިޑް" އާދަޔާޚިލާފަށް މަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހަކުރު ބަލީގެ ފުރަތަމަ ވައްތަރު (Diabetes type 1): ހަކުރު ބަލީގެ ފުރަތަމަ ވައްތަރު ކުރިމަތިވުމުގައި އިންސުލިން ނުހުރުމަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. އިންސުލިން އަކީ ހަށިގަނޑުގައި ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯރމޯން އެކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތަކުން ޗިސްމޭގައި ހިމެނޭ އިންސުލިން އުފައްދާ ސެލްތަކަށް ހަމަލާދީ ހަލާކުކޮށްލައެވެ. އަދި މިކަމުގެ ސަބަބުން އިންސުލިން އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގައި ހަކުރުގެ މިންވަރު މަތިވެގެން ދެއެވެ. މިހާލަތުގައި ފަރުވާގެ ގޮތުގައި ކޮންމެ ދުވަހަކު ގަވާޢިދުން އިންސުލިން އިންޖެކްޝަން ނަގަންޖެހެއެވެ.

ހަކުރު ބަލީގެ ދެވަނަ ވައްތަރު (Diabetes type 2): މިއީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރެވެ. އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ގިނައިން ޖެހެނީ މިވައްތަރުކަން ފާހަގަ ކުރެވެއެވެ. މިވައްތަރުގެ ހަކުރު ބަލި ކުރިމަތިވަނީ ޗިސްމޭ އިން އެކަށޭނަ ގޮތެއްގައި އިންސުލިން އުފައްދައި، ދޫކުރުމަށް ނުކުޅެދުމުންނެވެ. ނުވަތަ ހަށިގަނޑު އިންސުލިން އަށް ރަގަޅަށް އިޖާބަ ނުދިނުމުންނެވެ. މާނައަކީ ހަށިގަނޑުން އިންސުލިންގެ ބޭނުން ރަގަޅަށް ނުހިފުމެވެ. މިހެންވުމުން ލޭގެ ތެރޭގައި ހުންނަ ހަކުރު ނުވަތަ ގުލްކޯޒު ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ނުގޮސް، ލޭގެ ތެރޭގައި ގިނަވެ، ހަކުރު ބަލީގެ އުދަގޫތައް ފެންމަތިވާން ފަށައެވެ.

ސިސްޓިކް ފައިބްރޯސިސް (Cystic fibrosis): ސިސްޓިކް ފައިބްރޯސިސް އަކީ ފުއްޕާމޭ އަދި ޗިސްމޭ، ނަސްލު އުފައްދާ ނިޒާމްގެ ބައިތައް، ފަދަ ގުނަވަންތަކަށްޖެހޭ މައިންބަފައިންގެ ފުށުން ވާރުތަވާ، އުފެދުމުގައި ވިރާސީ ބަހާގައި ހުންނަ އުނިކަމެ (Genetic defect) ކެވެ. ވިރާސީ ބަހާގައި ހުންނަ އުނިކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ހަށިގަނޑުގައި ބޯ،ތަތްކޮށް ހުންނަ ދަވަ(Abnormally thick mucus) އުފައްދައެވެ. ބޯތަތް ދަވައިގެ ސަބަބުން، ޗިސްމޭއިން ހިމަގޮހޮރަށް ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމްތައް ގެންގޮސްދޭ ހޮޅި ނުވަތަ ޕެންކްރިއެޓިކް ޑަކްޓް ބެދުމުން، މިބުނި އެންޒައިމްތައް ހިމަގޮހޮރަށް ވާޞިލެއް ނުވެއެވެ. މިސަބަބާހެދި، ސިސްޓިކް ފައިބްރޯސިސް ޖެހިފައިވާ ކުދިންނާއި މީހުންގެ ހަށިގަނޑުގައި ކާނާގެ ބައިތައް ހަށިގަނޑަށް ދެމުމުގައި ނުވަތަ ނެގުމުގައި ހުރަސްތަކާއި ކުރިމަތިވެއެވެ. އެހެންކަމުން ބޮޑުކަމުދެވޭއިރު އެއްފަހަރާ ވަރަށް ގިނައިން (ބައިވަރު)، ބޮޑުކަމުދެވި، އަދި ނަޖިހުގައި ވަރަށް ނުބައި ވަސް ހުންނާނެއެވެ. މިފަދަ ކުދިންގެ ހަށިގަނޑުގައި ކާތަކެތިން ހަށިގަނޑަށް ނަގަނީ ވަރަށް ކުޑަ މިންވަރެއްކަމަށްވާތީ ކިތައްމެ ފައިދާ ހުރި ތަކެތި ކާން ދިން ނަމަވެސް، ނުވަތަ ކިތައްމެ ރަގަޅަކަށް ކާން ދިން ނަމަވެސް، އެފަދަ ކުދިން ބޮޑެއް ނުވާނެއެވެ. ނުވަތަ އެކަށޭނަ ވަރަކަށް ބަރުދަން އިތުރެއް ނުވާނެއެވެ.

ފާހަގަ ކުރެވޭ އަނެއްކަމަކީ މިބަލި ޖެހިފައިވާ ކުދިންގެ ހަށިގަނޑުން ބޭރުވާ ދަލުގައި ނުވަތަ ހަށިގަނޑުން ދާހިއްލާއިރު ބޭރުވާ ފެނުގައި، މަތީ މިންވަރަކަށް ލޮނުގެ ބައިތައް (ސޯޑިއަމް އަދި ކްލޮރައިޑް) ހުރެއެވެ. އަދި މިފަދަ ކުދިންގެ ހަށިގަނޑުން ބޭރުވާ ދަލުގެ ރަހަ ބަލައިފިނަމަ، ލޮނު ރަހައެއް ހުންނާނެ އެވެ.

ޗިސްމޭގެ ކެންސަރު (Pancreatic cancer): ޗިސްމޭގެ ކެންސަރަކީ ޗިސްމޭގައި ޓިއުމަރު އުފެދުމެވެ. ޗިސްމޭގެ ކެންސަރުޖެހޭ ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ޗިސްމޭގެ ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބަނޑު މެދުން މަތީގައި ރިހުން، ބަރުދަން ލުއިވުން، ކާހިތްކެނޑުން، މޭނުބައިކޮށް ހޮނޑުލެވުން، ބަނޑުދިޔާވުން، ނަޖިހުގެ ވަސްނުބައިވުން، ހަކުރު ބަލިޖެހޭގޮތްވުން އަދި ބަލީގެ ފަހު މަރުހަލާގައި ރީނދޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. ޗިސްމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ފިރިހެނުން، ދުންފަތުގެ އިސްތިއުމާލުކުރުން، ހަކުރު ބަލިޖެހުން، ފަލަބަލި ޖެހުން، ދާއިމީ ސިފައެއްގައި ޗިސްމޭދުޅަވުން، ކެއުމުގައި ރަތްކުލައިގެ އެއްގަމު މަސް ގިނައިން ހިމެނުން، ކެއުމުގައި މޭވާއާއި ތަރުކާރީ ބޭނުންނުކުރުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.