އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް އިންސާނާގެ ހަށިގަނޑު ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް

ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް

biliary-system-1ބިލިއަރީ ނިޒާމް(Biliary system) ނުވަތަ ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގައި މޭގަނޑުން ބައިލް އުފައްދައި، ފިތުގައި ރައްކާކޮށް، ހިމަގޮހޮރަށް ދޫކޮށް، އަދި މޭގަނޑާއި ހިމަ ގޮހޮރާއި ދެމެދު ބައިލް ދައުރުކުރުން ދަމަހައްޓައިދޭ ނިޒާމެވެ. މިނިޒާމް ބިނާވެގެންވަނީ ގުޅި ލާމެހިފައިވާ ތަފާތު އެތަކެއް ކުދި ހޮޅިތަކެއްގެ މައްޗަށެވެ. މިނިޒާމްގައި ޝާމިލްވާ މައިގަނޑު ގުނަވަންތަކަކީ، މޭގަނޑު، ފިތް، ހިމަ ގޮހޮރު އަދި ޗިސްމޭ އެވެ.

ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް ގައި ހިމެނޭ ބައިތައް

ހެޕަޓިކް ޑަކްޓްތައް (Hepatic duct): މޭގަނޑުގެ ކޮންމެ ލޯބަކުން ހެޕަޓިކް ޑަކްޓްއެއް ނިކުމެފައި އިނދެއެވެ. މިއީ މޭގަނޑުގައި އުފައްދާ ބައިލް ބޭރުކޮށް ހޮޅި ތަކެކެވެ. އެހެންކަމުން މޭގަނޑުގެ ކަނާތް ފަރާތް އަދި ވާތް ފަރާތުން އައިސްފައިވާ ދެ ހެޕަޓިކް ޑަކްޓް ގުޅިގެން ކޮމަން ހެޕަޓިކް ޑަކްޓް އުފެދެއެވެ.

ކޮމަން ހެޕަޓިކް ޑަކްޓް (Common hepatic duct): ކޮމަން ހެޕަޓިކް ޑަކްޓް އަކީ ގާތްގަނޑަކަށް 1 އިންޗީގެ ދިގުމިން ހުންނަ ކުރު ޑަކްޓެކެވެ. މިޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން މޭގަނޑަށް ލޭފޯރުކޮށްދޭ ލޭހޮޅީ ގެ ކަނާތް ފަރާތުންނެވެ. އަދި ފިތުން ނިކުމެފައިވާ ސިސްޓިކް ޑަކްޓް(Cystic duct) އާއި އެކުވެގެން، ކޮމަން ބައިލް ޑަކްޓް(Bile duct) އުފެދެއެވެ.

ފިތް (Gall bladder): ފިތަކީ އިންސާނާގެ މޭގަނޑުގެ ތެރެއަށް ނާސްޕާތީ އެއްގެ ބައްޓަމަށް ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 12-7 ސެންޓި މީޓަރެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ މޭގަނޑު، އަދި އަދި ހިމަގޮހޮރު ގެ ފުރަތަމަ ބަޔާއި ގުޅިފައެވެ.

ފިތަކީ މޭގަނޑު ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ މޭގަނޑުގައި ޖެހިފައެވެ.

ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ފަލަ ގޮހޮރުން ހުރަހަށްވާގޮތަށް އޮންނަ ބައި އަދި ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ.

ސިސްޓިކް ޑަކްޓް (Cystic duct) : ސިސްޓިކް ޑަކްޓް އަކީ ½ 1 އިންޗީގެ ދިގުމިން ހުންނަ ޑަކްޓެކެވެ. ސިސްޓިކް ޑަކްޓް ނިކުމެފައި އިންނަނީ ފިތުގެ ކަރު ނިމޭ ހިސާބުންނެވެ. ސިސްޓިކް ޑަކްޓް ކޮމަން ހެޕަޓިކް ޑަކްޓް އާއި ގުޅިގެން ކޮމަން ބައިލް ޑަކްޓް އުފެދިގެން ދެއެވެ.

ކޮމަން ބައިލް ޑަކްޓް (Common bile duct): ކޮމަން ބައިލް ޑަކްޓް އުފެދެނީ ސިސްޓިކް ޑަކްޓް އަދި ކޮމަން ހެޕަޓިކް ޑަކްޓް ގުޅިގެންނެވެ. މިޑަކްޓްގެ ދިގުމިނަކީ 3 އިންޗި އެވެ. ބައިލް ޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން މޭގަނޑަށް ލޭފޯރުކޮށްދޭ ލޭހޮޅީ ގެ ކަނާތް ފަރާތުންނެވެ. އެއަށްފަހު ހިމަ ގޮހޮރުގެ ފުރަތަމަބައިގެ ފުރަގަހުން ގެސްޓްރޯޑުއަޑީނަލް އާޓަރީގެ ކަނާތް ފަރާތުން ތިރިއަށް ދެއެވެ. އެއަށްފަހު ޗިސްމޭގެ ބޮލުގެ ފުރަގަހުގައި އިންނަ ކުޑަ އަޑިކޮޅެއްގެ ތެރެއިން ގޮސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ވަދެއެވެ. އަދި އެތަނުގައި ޕެންކްރީއެޓިކް ޑަކްޓް އާއި ގުޅި، ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ (Ampulla of vater) އުފެދެއެވެ.

ޕެންކްރިއެޓިކް ޑަކްޓް(Pancreatic duct) : ޕެންކްރިއެޓިކް ޑަކްޓް އަކީ ޗިސްމޭގެ އެތެރެއިން ވާތުން ކަނާތަށް ވާގޮތަށް ހުރަސްކޮށް ލެވިފައިވާ ކުޑަ ހޮޅިއެކެވެ. މިހޮޅި ޗިސްމޭގެ ބޮލުގެ ތެރޭގައި ތިރިއަށް، ފަހަތަށް އަދި ކަނާތަށް ގޮސް ހިމަ ގޮހޮރުގެ ފުރަތަމަބައި ބެހިފައިވާ ބައިތަކުގެ ތެރެއިން، ދެވަނަ ބައިގެ ފާރުގެ ތެރޭގައި ކޮމަން ބައިލް ޑަކްޓް އާއި ގުޅެއެވެ. އަދި އެހިސާބުގައި މިހޮޅި ތަންކޮޅެއް ބޮޑަށް ފުޅާވެގެން ގޮސް ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ (Ampulla of vater) އުފެދެއެވެ.

ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމާއި ގުޅުންހުރި މާއްދާތައް

ބައިލް

ބައިލް(Bile) އަކީ މޭގައި ނުވަތަ މޭގަނޑުގައި ހުންނަ ހެޕަޓަސައިޓް ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން ތަބީޢަތް އެކުލެވޭ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި، ދޭތެރޭގައި ބައިލް ހުންނަނީ ފިތުގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ހިމަގޮހޮރުގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.

ބައިލް އުފެއްދުން

ބައިލް އުފައްދަނީ މޭގައި ހުންނަ ހެޕަޓަސައިޓް(Hepatocyte) ތަކުންނެވެ. އެއަށްފަހު ބިލިއަރީ ނިޒާމް ގެ އެހީގައި ބައިލް ހިމަ ގޮހޮރު ގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ވާޞިލް ވެއެވެ. މިމަސައްކަތުގެ ތެރޭގައި ހެޕަޓަސައިޓްގެ ފާރުގައި ހުންނަ އެޕިތީލީއަމް ސެލް ތަކުން ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ފެން ދިޔައެއް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. އަދި މިދިޔަ ބައިލްގެ ތެރެއަށް ގިރުމުން ބައިލްގެ އަލްކަލައިން ހުރި މިންވަރު މަތިވެގެން ދެއެވެ.

އެއަށްފަހު ދެން ބައިލް ވާޞިލްވަނީ ކޮމަން ހެޕަޓިކް ޑަކްޓް(Common Hepatic duct) ގެ ތެރެއަށެވެ. ކޮމަން ހެޕަޓިކް ޑަކްޓް، ފިތުން އައިސްފައިވާ ސިސްޓިކް ޑަކްޓް(Cystic duct) އާއި ގުޅުމުން ކޮމަން ބައިލް ޑަކްޓް (Common bile duct)އުފެދެއެވެ. އަދި ކޮމަން ބައިލް ޑަކްޓް އާއި، ޕެންކްރިއެޓިކް ޑަކްޓް(Pancreatic duct) އާއި ގުޅޭ ތަނުގައި އެމްޕިޔުލާ އޮފް ވަޓަރ(Ampulla of vater) އުފެދެއެވެ. މިތަން ހުޅުވިފައި އިންނަނީ ހިމަ ގޮހޮރުގެ ފުރަތަމަބައި ގެ ޕެޕިލާ އަށެވެ. މިހުޅުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓަރ އޮފް އޯޑި(Sphincter of Odi) އެވެ. އެހެންކަމުން ބައިލް ހިމަ ގޮހޮރު ގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ވާޞިލްވަނީ މިބުނި އުޞޫލުން، އެޑަކްޓްތައް ހުރަސްކޮށެވެ.

ބައިލް ހިމަ ގޮހޮރުގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ވަނުމުގެ ކުރިން އެތަނުގައިވާ ސްފިންކްޓަރ އޮފް އޯޑި ބަންދުވެފައި އިންނަމަ ހިމަ ގޮހޮރުގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ބައިލް ވަނުމުގެ ބަދަލުގައި އަނބުރާ ފިތުގެ ތެރެއަށް ބައިލް ދެއެވެ. އަދި ފިތުގެ ތެރޭގައި ބައިލް ރައްކާކޮށް ގުދަންކުރެވިފައި ވެއެވެ. އަދި އެތަނުގައި ބައިލް ކޮންސެންޓްރޭޓް ވެސް ވެއެވެ.

ކައިމް(Chyme) ގެ ގޮތުގައި ކާނާ މައިދާ އިން ހިމަ ގޮހޮރުގެ ފުރަތަމަ ބަޔަށް(Duodenum) ފޮނުވާލުމުން ފިތުގެ ތެރޭގައި ރައްކާކޮށްފައި ހުންނަ ބައިލް ވެސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ފޮނުވާލައެވެ. އެއީ ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ(Duodenum) ތެރޭގައި ހިނގާ ހަޖަމުކުރުމުގެ މަސައްކަތުގައި އެހީތެރިވެ، ބައިވެރިވުމަށްޓަކައެވެ.

އިންސާނާގެ މޭގައި ނުވަތަ މޭގަނޑުގައި ދުވާލަކު 1200-600 މިލިލީޓަރާއި ދެމެދުގެ މިންވަރަކަށް ބައިލް އުފައްދައެވެ. ބައިލް އުފައްދާ ގިނަ މަދުމިން ބަރޯސާވެފައި އޮންނަނީ އެމީހެއްގެ ހަށިގަނޑުގެ ސައިޒްގެ މައްޗަށެވެ. ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.

ބައިލް ދައުރުވުމަށް ބާރުފޯރުވާ ކަންތައްތައް

• މޭގަނޑު ތެރޭގައި ލޭދައުރުވުން : މޭގަނޑުގެ ލޭދައުރުވުން އިތުރުވާ ވަރަކަށް ބައިލް އުފައްދައި ދޫކުރުން އިތުރުވެގެން ދާނެއެވެ. އެކަމަކު މިއިތުރުވުން ހުންނަނީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ.

• ވޭގަސް ނާރު ހީވާގިކުރުން : ވޭގަސް ނާރު ހީވާގި ކުރުމުން ބައިލް އުފައްދައި ދޫކުރުން އިތުރުކުރުވައެވެ. މިކަން ކުރިމަތިވަނީ ވޭގަސް ނާރު ހީވާގިކުރުމުން އެސީޓައިލްކޯލީން މިނިވަންވެގެންދާތީ އެވެ. މިބުނިގޮތަށް ދިމާވަނީ ދެކަމެއްގެ ސަބަބުންނެވެ.
o ފުރަތަމަ ކަމަކީ އެސީޓައިލްކޯލީން އިން ވިޓަމިން ޑީ އުފައްދާތީ އެވެ. ވިޓަމިން ޑީ އަކީ މޭގަނޑުގެ ގެ ލޭދައުރުވުން އިތުރުކުރާ މާއްދާއެކެވެ.

o ދެވަނަ ކަމަކީ ވޭގަސް ނާރު އަކީ ފިތް ހުސްކުރުމުގައި (ފިތުގައި ހުރިތަކެތި) ހިއްސާވާ ނާރަކަށްވުމެވެ.

• ބައިލް ސޯލްޓް : ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.

• ހޯރމޯންތައް : ސިކްރީޓީން ބިލިއަރީ ޑަކްޓްތަކުގެ ސެލްތަކުން ފެން އަދި ބައިކާބޮނޭޓް ބޭރުކުރުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން ބައިލް އުފައްދައި ބޭރުކުރުން އިތުރުވެގެން ދެއެވެ.

• ފިތުގައި ހުރި ތަކެތި ހުސްކުރުން : ފިތުގައި ހުރި ތަކެތި ހިމަ ގޮހޮރުގެ ފުރަތަމަ ބައި ގެ ތެރެއަށް ފޮނުވައި ހުސްކޮށްލުމަކީ ބައިލް އުފައްދައި ދޫކުރުން އިތުރުވެގެންދާ ކަމެކެވެ. މިކަން ކޮންޓްރޯލް ކުރަނީ ތަފާތު ނާރު ތަކާއި، ހޯރމޯންތަކުގެ އެހީގައެވެ.

ބައިލްގެ ވަޒީފާ

• ބައިލް ގައި ހިމެނޭ އަލްކަަލައިން ބައި ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހިމެނޭ ހައިޑްރޯކްލޮރައިޑް ނިއުޓްރަލައިޒް ކުރުމުގައި ބައިވެރިވެއެވެ. ހައިޑްރޯކްލޮރައިޑް ނިއުޓްރަލައިޒް ކުރުމުގައި ހިމަ ގޮހޮރުން އުފައްދާ ދިޔަ ނުވަތަ ޖޫސް އަދި ޗިސްމޭ އިން އުފައްދާ ދިޔަ ނުވަތަ ޖޫސް ވެސް ބައިލް އާއެކު ބައިވެރިވެއެވެ.

• ހުދު ބައިލް ލުބްރިކެންޓް އެއްގެ ގޮތުގައި އަދި ހިމަ ގޮހޮރުގެ ތެރޭގައި ބަފަރ އެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވެއެވެ.

• ބައިލް އަކީ އަންނަނިވި މާއްދާތަކަށް ބޭރުކޮށްދޭ މަގެކެވެ.
o ބައިލް ޕިގްމެންޓް
o އަލްކަލައިން ފޮސްފަޓޭސް
o ތަފާތު ވިހަތަކާއި ބެކްޓީރިޔާ ތައް
o ކޮލެސްޓިރޯލް އަދި ލެސިތިން

ބައިލް އެކުލިވެގެންވާ ބައިތައް
• ކޮލެސްޓްރޯލް
• ލެސިތިން: މިއީ ފޮސްފަލިޕިޑް އެކެވެ.
• ބައިލް ޕިގްމެންޓް ތައް
• ބައިލް ސޯލްޓް ތައް
• ބައިކާބޮނޭޓް

ބައިލްގެ ތަބީޢަތަކީ އަލްކަލައިން އެވެ. ބައިލްގެ ޕީއެޗް ހުންނަނީ 8.6-7.8 އާއި ދެމެދުގައެވެ. ބައިލްގެ 97 އިންސައްތަ އަކީ ފެނެވެ. ބައިލްގައި ހިމެނޭ އޯގެނިކް މާއްދާތަކުގެ ތެރޭގައި ބައިލް ސޯލްޓް، ބައިލް ޕިގްމެންޓް، ކޮލެސްޓިރޯލް، ފެޓީ އެސިޑް، ލެސިތިން، އަދި ފެޓް ހިމެނެއެވެ. މީގެ އިތުރުން އަލްކަލައިން ފޮސްފަޓޭސް ވެސް ހުރެއެވެ. މީގެ އިތުރުން ތަފާތު މަޢުދަންތައް ވެސް ހުރެއެވެ. އޭގެތެރޭގައި ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ކްލޮރައިޑް، އަދި ބައިކާބޮނޭޓް ހިމެނެއެވެ.

ބައިލް ސޯލްޓް

ބައިލް ސޯލްޓް(Bile salt) އަކީ ބައިލް އެސިޑް ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. ސޯޑިއަމް އަދި ޕޮޓޭސިއަމް، ގްލައިސީން(Glycine) އަދި ޓޯރީން(Taurine) އާއި އެއްވެއެވެ. އިންސާނާގެ ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު އުފެދެނީ މޭގަނޑުގެ ތެރޭގައި ކޮލެސްޓިރޯލް އިންނެވެ. އެއީ ކޯލިކް އެސިޑް(Cholic acid) އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(Cheno dexoy cholic acid) އެވެ. މިއެސިޑްތައް މޭގަނޑުގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް ޕްރައިމަރީ ބައިލް އެސިޑް(Primary bile acid) އޭ ކިޔައެވެ.

އަނެއް ދެވައްތަރުގެ ބައިލް އެސިޑް އުފެދެނީ ބޮޑު ގޮހޮރު ގެ ތެރޭގައެވެ. ބޮޑު ގޮހޮރުގެ ތެރޭގައި މި ދެވައްތަރުގެ އެސިޑް އުފެދެނީ ބެކްޓީރިޔަލް އެކްޝަންގެ ސަބަބުން ޕްރައިމަރީ ބައިލް އެސިޑް އިންނެވެ. އެހެން ކަމުން ބޮޑު ގޮހޮރުގެ ތެރޭގައި އުފެދޭ ބައިލް އެސިޑް ތަކަށް ސެކަންޑަރީ ބައިލް އެސިޑް(Secondary bile acid) އޭ ކިޔައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ދެއެސިޑަކީ ޑިއޮކްސީކޯލިކް އެސިޑް(Dexoycholic acid) އަދި ލިތޯކޯލިކް އެސިޑް(Lithocholic acid) އެވެ. ޕްރައިމަރީ ބައިލް އެސިޑް ތައް ގްލައިސީން އަދި ޓޯރީން އާއި އެކުވަނީ މޭގަނޑު ގެ ތެރޭގައެވެ. މިއެއްވުމުގެ ސަބަބުން އުފެދެނީ ގްލައިކަކޯލިކް އެސިޑް(Glycocholic acid) އަދި ޓޯރަކޯލިކް އެސިޑް(Taurocholic acid) އެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް ތައް ކަމުގައި ވާ ސޯޑިއަމް ގްލައިކަކޮލޭޓް(Na Glycocholate) އަދި ޕޮޓޭސިއަމް ޓޯރަކޮލޭޓް(K Taurocholate) އުފެދިގެންދެއެވެ.

ފުރަމޭ އާއި ކުޑަ ގޮހޮރު އާއި ދެމެދު ބައިލް ސޯލްޓް ދައުރުވުން

ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. ބާކީ 10-5 އިންސައްތަ ބޮޑު ގޮހޮރަށް ވާޞިލްވެ، ޑިއޮކްސީކޯލިކް އެސިޑް އަދި ލިތޯކޯލިކް އެސިޑް އުފެއްދުމުގައި ބޭނުން ކުރެވިގެން ދެއެވެ.

ހަށިގަނޑުގައި އާއްމު ގޮތެއްގައި 3.5 ގްރާމްގެ ބައިލް ސޯލްޓް ހުރެއެވެ. މިމިންވަރު މޭގަނޑާއި، ހިމަ ގޮހޮރާއި، ދެމެދު ދުވާލަކު 8-6 ފަހަރު ދައުރުވެ ދައުރުވެ ހުރެއެވެ. ބޮޑުކަމުދާ ތަކެތީގެ ތެރެއިން ހަށިގަނޑަށް ބޭރުވަނީ ދުވާލަކު 0.4-0.2 ގްރާމާއި ދެމެދުގެ މިންވަރެކެވެ. އަދި ގެއްލިގެންދާ ބައި މޭގަނޑުގެ ތެރޭގައި އަލުން އުފައްދައެވެ.

މޭގަނޑާއި، ހިމަގޮހޮރާއި، ދެމެދު ބައިލް ސޯލްޓް ދައުރުވާ ދައުރުވުމަށް ބުރުލެއް އަރައިފިނަމަ ބައިލް ސޯލްޓް ގެ ބޮޑު މިންވަރެއް ބޮޑުކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ. އަދި މިހާލަތުގައި ގެއްލިގެން ދިޔަބައި ފޫބެއްދޭނެ ވަރަށް ބައިލް ސޯލްޓް މޭގަނޑަކުން އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް މަދުވުމުން ފެންނަ އަލާމާތްތައް ފެންނަށް ފަށައެވެ.

ބައިލް ސޯލްޓްގެ ވަޒީފާ

ސަރުބީ ހަޖަމުކުރުމުގައި އެހީތެރިވުން : މިގޮތުން ސަރުބީ ނުވަތަ ފެޓްގެ ސާރފޭސް ޓެންޝަން ކުޑަކޮށް، ފޮސްޕަލިޕިޑް އަދި މޮނަގްލިސެރައިޑް އާއި ގުޅިގެން ފެޓް އިމަލްސިފިކޭޝަން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ހިމަ ގޮހޮރުގެ ތެރޭގައި ލައިޕޭސް ހީވާގިކޮށް މުރާލި ކުރުވައެވެ.

ސަރުބީ ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން : ބައިލް ސޯލްޓް އަކީ ފެޓް ނުވަތަ ސަރުބީ ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. އެގޮތުން ބައިލް ސޯލްޓް ފެޓް އާއި ތަތްވެ ފެނަށް ގިރޭ އެކުވެންޏެއް އުފައްދައެވެ. މިއެކުވެނި އަށް ކިޔަނީ މައިސެލް(Micelle) އެވެ. މައިސެލް އިން ފެޓް ހަށިގަނޑަށް ފަސޭހަ ކަމާއެކު ނަގައެވެ.

ވިޓަމިން ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން : ބައިލް ސޯލްޓް އަކީ ސަރުބީއަށް ގިރޭ ވިޓަމިން ތައް ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. މިވިޓަމިން ތަކުގެ ތެރޭގައި ހިމެނެނީ ވިޓަމިން އޭ، ވިޓަމިން ޑީ، ވިޓަމިން އީ، އަދި ވިޓަމިން ކޭ އެވެ.

ބައިލް ދައުރުވުން އިތުރުކުރުން : ބައިލް ސޯލްޓް އަކީ ބައިލް ދައުރުވުން އިތުރުކޮށްދޭ ވަރުގަދަ މާއްދާއެކެވެ.

ކޮލެސްޓިރޯލް ބައިލްގެ ތެރޭގައި ހިފެހެއްޓުން : ބައިލް ސޯލްޓް އަކީ ކޮލެސްޓިރޯލް ބައިލް ގެތެރޭގައި ހިފަހައްޓައި ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. މިގޮތަށް ވުމުން ކޮލެސްޓިރޯލް ޖަމާވުން ކުޑަކޮށްދީ، ކޮލެސްޓިރޯލް ހިލަ އުފެދުން ހިމާޔަތްކޮށްދެއެވެ.

ބައިލް ޕިގްމެންޓް

ބައިލް ޕިގްމެންޓް(Bile pigment) ތަކަކީ ހިމަގްލޯބިން(Haemglobin) މެޓަބޮލިޒަމްގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އުފެދުންތަކެކެވެ. ލޭގެ ތެރޭގައި ގިނަދުވަސްވެފައިވާ ލޭގެ ރަތް ސެލްތައް ފަޅައިގެން ދިއުމުން އެއިން ބޭރުވާ ހިމަގްލޯބިން ރެޓިކިޔުލޯއިންޑޯތީލިއަލް ސެލް ތަކުން(މެކްރަފޭޖް) ދިރުވާލައެވެ. މެކްރަފޭޖްގެ ތެރޭގައި ހިމަގްލޯބިން ހީމް(Haem) އަދި ގްލޯބިން(Globin) އަށް ބައިވެގެން ދެއެވެ. އެއަށްފަހު ހީމް ގައި ހިމެނޭ ދަގަނޑުގެ ބައި ވަކިކޮށް މޭގަނޑު، އަދި ކަށީގެ މަދު ގެ ތެރޭގައި ރައްކާކުރެއެވެ. ދަގަނޑު ފިޔަވައި، ހީމް ގައި ދެންހިމެނޭ ބައި ބިލިވާޑިން(Biliverdin) ކިޔާ ފެހި ޕިގްމެންޓް އަކަށް ބަދަލުވެއެވެ.

ދެން ބިލިވާޑިން ބަދަލުވަނީ ބިލިރޫބިން(Bilirubin) ކިޔާ ރީނދޫ ޕިގްމެންޓް އަކަށެވެ. ބިލިރޫބިން ލޭގެ ތެރެއަށް ގޮސް އަލްބިޔޫމިން އާއި އެކުވެ، ހީމަބިލިރޫބިން(Haemabilirubin) އުފެދެއެވެ. ލޭގައި ހިމެނޭ މައި ބިލިރޫބިން އަކީ މިއީއެވެ. މިވައްތަރުގެ ބިލިރޫބިން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުން ފުރާނައެއް ނުދެއެވެ. އެހެންކަމުން މިވައްތަރުގެ ބިލިރޫބިން ކުޑަކަމުދާ ތަކެތީގެ ތެރޭގައެއް ނުހުންނާނެއެވެ.

މޭގަނޑުގެ ތެރޭގައި ހީމަބިލިރޫބިން އިން އަލްބިޔޫމިން ވަކިކޮށް، ބިލިރޫބިން އެހެން މާއްދާތަކަކާއި އެކުވެއެވެ. މިގޮތުން ބިލިރޫބިން ގެ 80 އިންސައްތަ އެކުވަނީ ގުލޫކިޔުރޮނިކް އެސިޑް(Glucuronic acid) އާއެެވެ. 10 އިންސައްތަ ސަލްފޭޓް އާއި އެކުވާއިރު ބާކީ އިންނަ 10 އިންސައްތަ އެކުވަނީ އެހެނިހެން މާއްދާތަކާއެވެ. އަދި މިގޮތަށް ބިލިރޫބިން މިބުނި މާއްދާތަކާ އެކުވެގެން އުފެދެނީ ކޮލެބިލިރޫބިން(Cholebilirubin) އެވެ. އަދި މިވައްތަރުގެ ބިލިރޫބިން ބައިލް ކެނަލިކިޔުލައި ތަކަށް ގޮސް ބައިލްގެ ތެރޭގައި ހިމެނިގެން ހިމަ ގޮހޮރަށް ވާޞިލް ވެއެވެ. ބައިލްއަށް އޭގެ އެކުލެވޭ ރީނދޫ ކަން ގެނެސްދެނީ މިވައްތަރުގެ ބިލިރޫބިން ގެ ސަބަބުންނެވެ. ނަމަވެސް ކޮލެބިލިރޫބިން ގެ ކުޑަ މިންވަރެއް ލޭގެ ތެރެއަށް ގޮސް، ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.

ބޮޑު ގޮހޮރުގެ ތެރޭގައި ކޮލެބިލިރޫބިން ގެ މިންވަރެއް ބެކްޓީރިޔާގެ ސަބަބުން ޔޫރޯބިލިނަޖަން(Urobilinogen) ކިޔާ ކުލައެއް ނުހުންނަ މާއްދާއަކަށް ބަދަލުވެއެވެ. ޔޫރޯބިލިނަޖަންގެ ބޮޑުބައި ބޮޑު ކަމުދާ ތަކެއްޗާއެކު ސްޓާކޯބިލިނަޖަން(Stercobilinogen) ގެ ގޮތުގައި ބޭރުވެގެން ދެއެވެ. ސްޓާކޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ސްޓާކޯބިލިން(Stercobilin) އަށް ބަދަލުވެއެވެ. ބޮޑުކަމުދާ ތަކެތި ބޭރުވެ ގިނައިރުވުމުން އޭގައި ޖެހޭ މުށި ކުލައިގެ އަސްލަކީ ސްޓާކޯބިލިން އެވެ. ޔޫރޯބިލިނަޖަން 5 އިންސައްތަ ލޭގެ ތެރެއަށް ގޮސް ގުރުދާއަށް ވާޞިލްވެ، ކުޑަކަމުދާ ތަކެތިއާއެކު ބޭރުވެގެން ދެއެވެ. ޔޫރޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ޔޫރޯބިލިން(Urobilin) އަށް ބަދަލުވެއެވެ.

ކޮލެސްޓްރޯލް

ކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ މާއްދާ އެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ.

އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. ކޮލެސްޓްރޯލް އުފައްދަނީ މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.

އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ. ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ '''ލިޕޯޕްރޮޓީން''(Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.

ލޭގައި ކޮލެސްޓްރޯލް ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން،ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.