ހޯމަ20180917

އާކުރެވުނީ: 08:43:52

އަރުތެރެ

aru-there-1އަރުތެރެ (Pharynx) އަކީ އަނގަ، އަދި ނޭފަތުގެ ހޮއިގެ ނުވަތަ ހިނދުރީގެ ފަހަތުން ކާތަކެތި ހިގާ ހޮޅިއާއި، އަޑު ފޮށި ނުވަތަ ލަގޮނޑި، އަދި ވައި ނޮޅީގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.

އަރުތެރެ އަކީ ހަޖަމުކުރާ ނިޒާމް، އަދި ނޭވާލާ ނިޒާމްގައި ވެސް ޝާމިލްވާ ޓިޝޫއެކެވެ. ކާނާ އަދި ވައި އަރުތެރެ ހުރަސްކޮށް ދައުރުވާތީ ކާތަކެތި ކާއިރު ވައި ނޮޅި ނިވާކޮށް ފޮރުވާލުމަށްޓަކައި (ކާތަކެތި ވައި ނޮޅި އަށް އެޅުން މަނާކުރުމަށްޓަކައި) ރައްކަލަކަށްޓަކައި ''އެޕިގްލޮޓިސް'' އޭ ކިޔޭ ކަނެކްޓިވް ޓިޝޫ ފޮއްޗެއް ވައި ނޮޅީގެ މަތިން އިދެއެވެ. މިގޮތަށް ނިވާކޮށް ފޮރުވާލުމުން ކާތަކެތި ނޭވާލާ ނިޒާމް އަަށް ދިއުން މަނާކޮށް ދެއެވެ. ސަބަބަކީ ނޭވާލާ ނިޒާމްގައި ހިމެނޭ ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅި އިންނަނީ އަޑުފޮށި ނުވަތަ ލަގޮނޑި ނިމިގެން ކަމަށްވާތީ އެވެ. އަދި މީގެ އިތުރުން ވާހަކަ ދެއްކުމުގައި ތަފާތު އަޑުތައް ލެއްވުމުގައި އަރުތެރެ މުހިއްމު ދައުރެއް އަދާކުރެއެވެ.

އަރުތެރެ މަތިން ޖެހިފައި (ވިދިފައި) އިންނަނީ ބޮލުގެ ނާށިގަނޑުގެ ބުނޑުގައެވެ. ތިރިން ގޮސް ކަރުހިމެނޭ ހިސާބުގެ މައިބަދައިގެ 6 ވަނަ ކަށިކޮޅު ހުންނަ ހިސާބުން އަރު އިންނަނީ ކާތަކެތި ހިގާ ހޮޅި އާއި ގުޅިފައެވެ. އަރަކީ ފައިބަރު އަދި މަހުން އުފެދިފައިވާ ހޮޅިއެކެވެ.

އަރުތެރޭގެ ވަޒީފާ

ކާތަކެތި ދިރުވުން :

އަރުތެރޭގައި ހިނގާ މަރުޙަލާ(Pharyngeal phase) : ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަރުތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަރުތެރޭގައި ހިގާ މަރުޙަލާ އަކީ އަހަރެމެންގެ ބާރަކާ ނުލައި، އޭގެ ޒާތުގައި އަމިއްލައަށް ހިގާ މަރުޙަލާއެކެވެ. ސަބަބަކީ މިމަރުހަލާ ހިގަން ފަށަނީ ކާތަކެތި ދިރުވުމަށް ސިކުނޑިން އަންގާ އެންގުމެއް(Swallowing reflex) ގެ ނަތީޖާއެއްގެ ގޮތުން ކަމަށްވާތީއެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެއަށް އައުމުން އަރުތެރޭގައި ހުންނަ ކާތަކެތި ދިރުވުމަށް އެހީތެރިވެދޭ ރިސެޕްޓަރު ތައް ހީވާގިވެ މުރާލިވެއެވެ. އަދި އެއާއި ގުޅިގެން އުފެދޭ ސިގްނަލްތައް 5 ވަނަ އަދި 9 ވަނަ ކްރެނިއަލް ނާރުގެ އެހީގައި، ސިކުނޑިގައިވާ މިޑައްލާ އޮބްލަންގޭޓާ(Medulla Oblongata) ގައި އިންނަ ކާތަކެތި ދިރުވުމަށް އެހީވެދޭ މަޒުކަޒަށް(Swallowing center) ފޮނުވާލައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 5،9،10،12 ވަނަ ކްރެނިއަލް ނާރުތަކުގެ އެހީގައި އަންނަނިވި ރިފްލެކްސް ތަކާއި ހަރަކާތްތައް އުފެދިގެން ދެއެވެ.

ޕްރޮޓެކްޓިވް ރިފްލެކްސްތައް

ހ- މަޑު ޕެލޭޓް(Soft palate) އުފުލުން : މަޑު ޕެލޭޓް ނުވަތަ މަޑު ތަލި (މަތީ ތަލީގެ ބައެއް) އުފުލެނީ ނޭފަތުން އަރުތެރެއަށް ހުޅުވިފައިވާ ހޮއި ނުވަތަ ހުޅުވުން ބައްދާލުމަށް ޓަކައެވެ. އެއީ ދިރުވުމުގެ ތެރޭގައި ކާތަކެތި ނޭފަތުގެ ހިނދުރީގެ ތެރެއަށް ވަނަނުދީ ހިފެހެއްޓުމަށްޓަކައެވެ.

ށ- އެޕިގްލަޓިސް(Epiglottis) އާއި ދިމާލަށް ލަގޮނޑި(Larynx) އުފުލުން : އެޕިގްލަޓިސް އާއި ދިމާލަށް ލަގޮނޑި އުފުލެނީ ލަގޮނޑީގެ މަތިން އިންނަ ހުޅުވުން(Glottis) ބަންދުކޮށްލުމަށްޓަކައެވެ. މިހެން ހެދުމުން ކާތަކެތި ލަގޮނޑި ހުރަސްކޮށް ވައި ނޮޅިއަށް ދިއުމަށް ހުރަސް އަޅައެވެ.

ނ- އަޑުއުފައްދާ ވާފަށްތައް(Vocal cords) ކައިރިވުން : ލަގޮނޑީގައިވާ އަޑުއުފައްދާ ވާފަށްތައް ކައިރިވުމުން ވެސް ގްލަޓިސް ބައްދާލައެވެ. އަޑުއުފައްދާ ވާފަށްތަކަށް ގެއްލުން ލިބިއްޖެނަމަ ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭވާތާށިވުން ނުވަތަ ކޮށިއެރުން ކުރިމަތިވެދާނެއެވެ. މިގޮތަށް ވާނީ ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭވާ ދައުރުވާ މަގަށް ކާތަކެތި ވާޞިލްވެއްޖެނަމައެވެ.

ރ- ވަގުތީގޮތުން ނޭވާލުން ހުއްޓުން : ކާތަކެތި ދިރުވުމަށް އެހީވެދޭ މަރުކަޒުން ބައެއް ފަހަރު ނޭވާލުމަށް އެހީވެދޭ މަރުކަޒު(Respiratory center) ބަންދުކޮށްލާ ސިގްނަލްތައް ވެސް ފޮނުވައެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ވަގުތީ ގޮތުން މަދު ސިކުންތު ކޮޅަކަށް، ނޭވާލުން ހުއްޓުން މެދުވެރިކުރުވައެވެ. މިއީ ވެސް ކާތަކެތި ވައި ނޮޅީގެ ތެރެއަށް ވަނުމަށް ހުރަސްއަޅާނެ ކަމެކެވެ.

ބ- ޕެލޭޓޯފެރިންޖީއަލް ފޯލްޑް ތައް ކައިރިވުން : ޕެލޭޓޯފެރިންޖީއަލް ފޯލްޑް ތައް ކައިރިވުމުން ބޮޑެތި ކާއެތިކޮޅުތައް އަރުތެރެއަށް ވަނުމަށް ހުރަސް އަޅައެވެ. މާނައަކީ އަރުގެ ތެރެއަށް ދާނީ ރަގަޅަށް ހެފިފައި ހުންނަ ކާތަކެއްޗެވެ.

ޅ- މައިލޯހައިއޮއިޑް މަސްކޮޅު ހުއްޓުމެއްނެތި ކޮންޓްރެކްޓްވުން : މައިލޯހައިއޮއިޑް މަސްކޮޅު ހުއްޓުމެއްނެތި ކޮންޓްރެކްޓްވުމަކީ ދޫ، މަތީ ތަލީގައި ޖައްސާފައި ބަހައްޓައިދޭނޭ ކަމެކެވެ. މިކަމުގެ ސަބަބުން ކާތަކެތި އަނބުރާ އަނގައިގެ ތެރެއަށް އައުން މަނާކޮށްދެއެވެ.

ފެރިންޖީއަލް ޕެރީސްޓަލްސިސް

ބަޔާންކުރެވުނު ޕްރޮޓެކްޓިވް ރިފްލެކްސް (Protective reflexes) ތަކާއި ގުޅިގެން ސްޕިރީއާ ފެރިންޖީއަލް މަސްކޮޅު (superior pharyngeal muscle) ކޮންޓްރެކްޓްވެއެވެ.ނަތީޖާއެއްގެ ގޮތުން ޕެރީސްޓަލްސިސް (Peristalsis)ގެ އެހީގައި ކާތަކެތި އަރުގެތެރެއިން ގޮސް ކާތަކެތި ހިނގާ ހޮޅިއަށް ވާޞިލް ވެއެވެ. އަރުގެ ތެރެއިން ކާތަކެތި ހިނގާހޮޅި އަށް ކާތަކެތި ދިއުމަށް ނަގަނީ އެންމެ 2-1 ސިކުންތު އެވެ.

އަރުތެރޭގެ ބައިތައް

އިންސާނާގެ އަރު މައިގަނޑު 3 ބަޔަކަށް ބަހާލެވެއެވެ. މިގޮތުން ބެހިފައިވާ ބައިތަކަށް ނަންދެވިފައިވަނީ އެބަޔަކާއި ކައިރި ގުނަވަނަކާއި ގުޅުވައިގެންނެވެ. މިއުޞޫލުގެ ދަށުން އަރު ބެހިފައިވާ ބައިތައް ތިރީގައި މިވަނީ އެވެ.
ނޭފަތާގުޅޭ އަރުތެރެ :
ނޭފަތާގުޅޭ އަރުތެރެ ހުންނަނީ ނޭފަތުގެ ހޮރު ނުވަތަ ހިނދުރީގެ ފަހަތުގައެވެ.

އަނގަޔާގުޅޭ އަރުތެރެ: އަނގަޔާގުޅޭ އަރުތެރެ ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައެވެ.

ލަގޮނޑިޔާގުޅޭ އަރުތެރެ: ލަގޮނޑިޔާގުޅޭ އަރުތެރެ ހުންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިކޮޅުތަކުގެ ތެރެއިން 6-3 ކަށިކޮޅާއި ދެމެދުގައެވެ.

ނޭފަތާގުޅޭ އަރުތެރެ

aru-there-2ނޭފަތާގުޅޭ އަރުތެރެ (Nasopharynx) ހުންނަނީ ނޭފަތުގެ މަގުގެ ފަހަތުގައެވެ. ނުވަތަ ނޭފަތުގެ ފަހަތުގައެވެ. މަޑު ތައްޔަށްވުރެ މަތީގައިވާ ނޭފަތާގުޅޭ އަރުތެރެ އިންނަނީ އަނގަޔާގުޅޭ އަރުތެރެ އަދި އަޑުފޮށްޓާގުޅޭ އަރުތެރެއާއި ޚިލާފަށް އަބަދުވެސް އޭގެ މަގު ހުޅުވިފައެވެ. ނޭފަތާގުޅޭ އަރުތެރެ ކުރިމަތިން ގުޅިފައިވަނީ ނޭފަތުގެ މަގު އަދި ނޭފަތުގެ ހިނދުރި އާއެވެ.

އަނގަޔާގުޅޭ އަރުތެރެ

އަނގަޔާގުޅޭ އަރުތެރެ(Oropharynx) ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައެވެ. އަރުތެރޭގެ މިބައި އިންނަނީ މަޑު ތަލިން ފެށިގެން ގޮސް ހައިއޮއިޑް ކަށިގަނޑު(Hyoid bone) އާއި ހަމައަށެވެ. އެހެން ގޮތަކަށް ބުނާނަމަ އަނގަޔާގުޅޭ އަރުތެރެ އިންނަނީ މަޑު ޕަލޭޓް އާއި، އެޕިގްލަޓިސް ގެ މަތީ ބޯޑަރާއި ދެމެދުގައިވާ ހިސާބުގައެވެ. އަދި އަރުގެ މިބައި އިންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ 2 އަދި 3 ވަނަ ކަށިކޮޅާއި އެއްހަމައެއްގައެވެ.

ލަގޮނޑިޔާގުޅޭ އަރުތެރެ

ލަގޮނޑިޔާގުޅޭ އަރުތެރެ (Laryngopharynx) ހުންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިކޮޅުތަކުގެ ތެރެއިން 6-3 ކަށިކޮޅާއި ދެމެދުގައެވެ.މިއީ އަރުގެ ނުވަތަ އަރުތެރޭގެ އެންމެ ތިރީބައެވެ. އެހެންކަމުން އަރުތެރެ އާއި ކާތަކެތި ހިގާ ހޮޅި ގުޅުވައިދޭ ބަޔަކީ މިއީއެވެ. މިބައިގެ މަތީ ބޯޑަރު ހުންނަނީ ހައިއޮއިޑް ކަށިގަނޑު(Hyoid bone) އާއި އެއްހަމައެއްގައެވެ. އަޑުފޮށްޓާގުޅޭ އަރުތެރެ އިންނަނީ އެޕިގްލަޓިސްގެ މަތީ ބޯޑަރުން ފެށިގެން ތިރިއަށް ގޮސް ކްރިކޮއިޑް ކާޓިލޭޖް (Cricoid cartilage)ގެ ތިރިއާއި ހަމައަށެވެ. މިބުނި ހިސާބަކީ ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަ ހިސާބެވެ. އެހެންކަމުން އަޑުފޮށްޓާގުޅޭ އަރުތެރެ ނިމިގެން ދެން ހަޖަމުކުރާ ނިޒާމްގައި އިންނާނީ ކާތަކެތި ހިގާ ހޮޅި އެވެ.

އަރުތެރެ މައިކްރޮސްކޯޕަކުން ބެލުމުން ފެންނާނެގޮތް

އަރުތެރޭގެ ފާރު މައިކްރޮސްކޯޕަކުން ބެލުމުން އުފެދިފައި އިންނާނީ 4 ފަށަލައަކުންނެވެ.

އަރުތެރޭގެ ތެތް ދުލިފަށް: (Pharyngeal mucosa) ނޭފަތާގުޅޭ އަރުތެރެގެ ތެތް ދުލިފަށުގައި ހުންނަނީ ސިލިއޭޓެޑް ސޫޑޯސްޓްރެޓިފައިޑް އެޕިތީލިއަމް އެވެ. އަދި އަރުތެރޭގެ އެހެން ބައިތަކުގައި ހުންނަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް އެވެ.

ފެރިންގޯބެސިލަރ ފޭޝިއާ: (Pharyngobasillar fascia) މިއީ އަރުތެރޭގެ ތެތް ދުލިފަށް ހިފަހައްޓައިދޭ ފޭޝިއާ އެކެވެ.

މަސް ފަށަލަ: މަސް ފަށަލައިގައި ހިމެނެނީ އުފެދުމުގައި ވަށްކޮށް އެތުރިފައި ބޭރުން ހުންނަ މަސް ފަށަލަ (ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްކޮޅުތައް)އަކާއި، އުފެދުމުގައި ދިގަށް އެތުރިފައި އެތެރެއިން ހުންނަ މަސް ފަށަލަ އެކެވެ.

ބަކޯފެރިންޖީއަލް ފޭޝިއާ:(Buccopharyngeal fascia)މިއީ ފެރިންޖީއަލް ކޮންސްޓްރިކްޓަރ (pharyngeal constrictor)މަސްކޮޅުތަކުގެ ބޭރުން ލެވިފައިވާ ފޭޝިއާ އެކެވެ.

އަރުތެރޭގެ މަސްކޮޅުތައް

އަރުތެރޭގައި ހިމެނެނީ ބޭރުން ވަށްކޮށް އެތުރިފައި ހުންނަ 3 ޖޯޑު މަސްކޮޅާއި، އަދި އެތެރެއިން ދިގަށް އެތުރިފައި ހުންނަ 3 ޖޯޑުގެ މަސްކޮޅެވެ.

ވަށްކޮށް އެތުރިފައި ހުންނަ މަސްކޮޅުތައް
- ސްޕިރީއާ ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްގަނޑު
- މިޑްލް ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްގަނޑު
- އިންފިރީއާ ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްގަނޑު

ދިގަށް އެތުރިފައި ހުންނަ މަސްކޮޅުތައް
- ސަލްޕިންގޯ ފެރިންޖީއަސް މަސްގަނޑު
- ޕަލަޓޯ ފެރިންޖީއަސް މަސްގަނޑު
- ސްޓައިލޯ ފެރިންޖީއަސް މަސްގަނޑު

އަރުތެރެއަށް ލޭފޯރުކޮށްދިނުން

އަރުތެރެ އަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅިތަކުންނެވެ.

އެސެންޑިންގ ފެރިންޖީއަލް އާޓަރީ: މިއީ އެކްސްޓަރނަލް ކެރަޓިޑް އާޓަރީ އިން ނިކުމެފައިވާ ލޭނާރެކެވެ. މިލޭނާރު މައްޗަށް ގޮސްފައިވަނީ އަރުތެރެއާއި، އިންޓަރނަލް ކެރަޓިޑް އާޓަރީ އާއި ދެމެދުންނެވެ. އަރުތެރޭގެ ބޮޑު ބަޔަށް ލޭފޯރުކޮށްދެނީ މިލޭނާރުންނެވެ.

އެސެންޑިންގ ޕަލަޓައިން އާޓަރީ: މިއީ ފޭޝަލް އާޓަރީ އިން އައިސްފައިވާ ލޭނާރެކެވެ.

ސްޕިރީއާ ތައިރޮއިޑް އާޓަރީ

އިންފިރީއާ ތައިރޮއިޑް އާޓަރީ

އަރުތެރޭގެ މަސައްކަތް ކޮންޓްރޯލްކުރާ ނާރުތައް

އަރުތެރޭގެ މަސައްކަތް ކޮންޓްރޯލް ކުރަނީ އަރުތެރޭގެ ނާރު ފުނި(Pharyngeal nerve plexus) އިންނެވެ. މި ނާރު ފުނި އުފެދިފައިވަނީ މައިގަނޑު 3 ބަޔަކުން އައިސްފައިވާ ނާރުތަކުންނެވެ. އެއީ ވޭގަސް ނާރު، ގްލަސޯފެރިންޖީއަލް ނާރު، އަދި ސްޕިރީއާ ސާވިކަލް ސިމްޕަތެޓިކް ގެންގްލީއަން އިންނެވެ. އަރުތެރޭގެ ނާރު ފުނިން ލޭފޯރުކޮށްދޭ ބައިތައް ތިރީގައި މިވަނީއެވެ.

އަރުތެރޭގެ މަސްކޮޅުތަކުގެ ތެރެއިން ސްޓައިލޯފެރިންޖީއަސް ފިޔަވައި ދެންހުރި ހުރިހާ މަސްކޮޅުތައް

ޕަލޭޓްގެ މަސްތަކޮޅުތަކުގެ ތެރެއިން ޓެންސަރ ވެލި ޕަލަޓިނި ފިޔަވައި ދެންހުރި ހުރިހާ މަސްކޮޅުތައް

އަރުތެރޭގެ ތެތްދުލިފަށް، އަދި ކަންފަތާއި އަރުތެރެ ގުޅުވައިދޭ ހޮޅީގެ މަޑުކަށި ހިމެނޭ ބައިގެ، މަސައްކަތް ވެސް ބަލަހައްޓަނީ މިނާރު ފުނިންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.