ބުދަ20200701

އާކުރެވުނީ: 08:43:52

ޓޫބާކުލޯސިސް (ޓީބީ)

tee-beeޓީބީ އަކީ ކޮބާ؟
ޓީބީ ޖެހެނީ ކީއްވެ؟ އަދި ޓީބީ ޖެހެނީ ކިހިނެއް؟
ޓީބީ ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟
ޓީބީ ޖެހުމުން ވަނީ ކިހެނެއް؟
ޓީބީ އަށް ހުށަހެޅުމުގެ މަގުފަހިކުރާ ކަންތައްތަކަކީ ކޮބާ؟
ޓީބީ ޖެހިފައި ހުރިތޯ ބަލައި ދެނެގަންނަނީ ކިހެނެއް؟
ޓީބީ އަށް ދެވޭ ފަރުވާއަކީ ކޮބާ؟
ޓީބީ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ޓީބީ އަކީ ކޮބާ؟

ޓީބީ އަކީ ޖަރާސީމެއްގެ ސަބަބުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. އާންމުގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެއެވެ. ފުއްޕާމެޔަށް ޖެހޭ ޓީބީ ވަރަށް ފަސޭހައިން އެހެންމީހުންގެ ގަޔަށް އަރާގޮތް ވެއެވެ. އެއީ ކެއްސުމާއި، ކިބިއެޅުން، ވާހަކަ ދެއްކުން، ކުޅުޖެހުން، އަދި ހުނުން ފަދަ ކަންތައްތައް ކުރުމުގެ ތެރޭގައި ބަލީގެ އަހުލުވެރިޔާގެ ފަރާތުން ވައިގެ ތެރެއަށް ޖަރާސީމް ބޭރުވެ، ކައިރީގައި އުޅޭ މީހުންގެ ގަޔަށް ނޭވާލުމުގެ ޒަރީއާއިން ބަލި ޖައްސާ ޖަރާސީމް ވާސިލްވުމުންނެވެ. ދިގުމުއްދަތަކަށް ފަރުވާކޮށްގެން ޓީބީ މުޅިން ރަގަޅު ކުރެވެއެވެ. އާންމުގޮތެއްގައި ޓީބީ އަށް ދެވޭ ފަރުވާ 6 މަސް ނުވަތަ 9 މަސް ދުވަހުގެ މުއްދަތަށް ދިގުދެމިގެން ދެއެވެ.

ޓީބީ ގެ ދެވައްތަރެއް ވެއެވެ. އެއީ ''ލޭޓެންޓް ޓީބީ'' އަދި '' އެކްޓިވް ޓީބީ'' އެވެ. ''ލޭޓެންޓް ޓީބީ'' ނުވަތަ ''މައިތިރި / ހިމޭން ޓީބީ'' ގެ މާނައަކީ ހަށިގަނޑުގައި ޓީބީ ޖައްސާ ޖަރާސީމް ހުރެ، އޭގެ އަލާމާތްތައް ނުފެނުމެވެ. އަދި އެހެން މީހުންނަށް އެމީހާގެ ފަރާތުން ޓީބީ ނުޖެހުމެވެ. މާނައަކީ މިހާލަތުގައި ޓީބީ ޖައްސާ ޖަރާސީމް ހަށިގަނޑުގައި ހުރީ '' މައިތިރި'' ނުވަތަ ''ހިމޭން'' ކަންމަތީ ''ފޮރުވިފައިވާ'' ހާލަތެއް ގައެވެ. ނަމަވެސް މިފަދަ މީހުންނަށް ''އެކްޓިވް ޓީބީ'' ކުރިމަތި ވުމުގެ ފުރުސަތު އެބައޮތެވެ. ގިނަފަހަރު ހަށިގަނޑު ދިފާޢީ ބާރު ދަށްވާ ހާލަތްތަކުގައި ޓީބީގެ އަލާމާތްތައް ފެނި ''އެކްޓިވް ޓީބީ'' އޭ ކިޔޭ ހާލަތް ކުރިމަތި ކުރުވައެވެ. ''އެކްޓިވް ޓީބީ'' ގެ މާނައަކީ ޓީބީ ހަށިގަނޑުގައި ފެތުރެމުން ދިއުމެވެ. އަދި މިގޮތުން ފުއްޕާމެޔަށް ޓީބީ ޖެހިއްޖެ ނަމަ އެހެންމީހުންގެ ގަޔަށް އެމީހެއްގެ ކިބައިން ޓީބީގެ ޖަރާސީމް ވާސިލްވެ، ޓީބީ ޖެހޭގޮތް ވެއެވެ.

ޓީބީ ޖެހެނީ ކީއްވެ؟ އަދި ޓީބީ ޖެހެނީ ކިހިނެއް؟

ޓީބީ ޖެހެނީ ''މައިކޮބެކްޓީރިއަމް ޓޫބާކިއުލޯސިސް'' އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުންނެވެ. މި ޖަރާސީމް އަށަގަންނަނީ ހަށިގަނޑުގައި ފުއްޕާމޭ ފަދަ ލެޔާއި، އޮކްސިޖަން އިން މުއްސަދިވެފައިވާ ހިސާބުތަކުގައެވެ.

''ލޭޓެންޓް ޓީބީ'' ޖެހިފައިވާ މީހުންގެ ކިބައިން އެހެންމީހުންގެ ގަޔަށް ބައްޔެއް ނާރާނެ އެވެ. ފުއްޕާމެޔަށް ޖެހޭ ޓީބީ އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ޓީބީ ޖެހެނީ މިފަދަ މީހުން ކެއްސުން، ނޭވާލުން، ކުޅުޖެހުން، ކިބިހި އެޅުން، ލަވަކިޔުން، އަދި ހުނުން ފަދަ ކަންތައްތައް ފުރިހަމަ ކުރުމުގެ ތެރޭގައި ޓީބީ ޖައްސާ ޖަރާސީމް ވައިގެ ތެރެއަށް ބޭރުވެގެން ދެއެވެ. އެއަށްފަހު ވައިގެ ތެރޭގައި އަށަގެންފައި ހުރި ޖަރާސީމް ސަލާމަތުން ހުރި މީހެއްގެ ގަޔަށް ވާސިލްވެއްޖެ ނަމަ ޓީބީ އެމީހަކަށް ޖެހިދެއެވެ. ހަށިގަނޑު ގެ އެހެން ހިސާބުތަކަށް ޖެހޭ ޓީބީ ގައިން ގަޔަށް އެރުމުގެ ފުރުސަތު ކުޑައެވެ.

ޓީބީ ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

''ލޭޓެންޓް ޓީބީ'' ހުރި ނަމަ އޭގެ އަލާމާތްތަކެއް ނުފެންނާނެ އެވެ. އެހެންކަމުން މިފަދަ މީހުންނަށް ޓީބީގެ ޖަރާސީމް ހަށިގަނޑުގައި ހުރި ނަމަވެސް ނޭގި ހިގައިދާނެ އެވެ. އަލާމާތްތައް ފެންނަށް ފަށަނީ ''އެކްޓިވް ޓީބީ'' ގެ ހާލަތަށް ބަދަލުވުމުންނެވެ. ''އެކްޓިވް ޓީބީ'' ހުރިނަމަ އެހެންމީހުންނަށް ފަސޭހައިން ބަލި ފަތުރުވައެވެ. ޓީބީ ޖެހިފައިވާ ހިސާބު ނުވަތަ ގުނަވަނެއްގެ މައްޗަށް ރިއާޔަތްކޮށް ފެންނަ އަލާމާތްތައް ތަފާތު ވާނެއެވެ. މިސާލަކަށް މައިބަދަ އަށް ޓީބީ ގެ އަސަރު ކޮށްފައިވާނަމަ ބުރަކަށީގައި، އަދި އުނަގަނޑުގެ ފަހަތުގައި ރިއްސުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ.

ފުއްޕާމެޔަށް ޓީބީ ޖެހުމުން ފެނިދާނެ އަލާމާތްތައް

''އެކްޓިވް ޓީބީ'' ފުއްޕާމެޔަށް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އާދަޔާޚިލާފަށް ދިގުމުއްދަތަކަށް ( 3 ހަފްތާ އަށްވުރެ ގިނަ ދުވަސް ވަންދެން ) ކެއްސުން، މާބޮޑަށް ވަރުބަލިވެ ވަރުދެރަވުން، ކާހިތް ނުވުން، ބަރުދަން ލުއިވުން، ރޭގަނޑު ހުންއައިސް ދާހިއްލުން، ވިންދު ޖެހުން އިތުރުވުން، ކަރުގައި ގޮށްލުން، ނޭވާކުރުވެ، މޭގައި ރިހުން އަދި މިނޫނަސް ބައެއް އަލާމާތްތައް ހިމެނެއެވެ. ކެއްސުމާއި، އެކު ގަނޑުގަނޑަށް ހުންނަ ދަވަ ނުވަތަ އަރިދަފުސް ބޭރުވާނެ އެވެ. ބައެއް ފަހަރު މި އަރިދަފުސް ގަނޑުގެ ތެރޭގައި ލޭ ވެސް ހުރެދާނެ އެވެ.

ފުއްޕާމެޔަށް ކުރިމަތިވާ ބައްޔެއް ކަމުގައިވާ ''ނިއުމޯނިއާ'' އަދި ފުއްޕާމޭގެ ކެންސަރު ޖެހުމުން ކުރިމަތިވާ އަލާމާތްތަކާއި، ޓީބީ ޖެހުމުން ކުރިމަތިވާ އަލާމާތްތަކުގައި އެއްގޮތްކަމެއް ކަމެން ހުރެއެވެ. އެހެން ކަމުން މިބަލިތަކުގެ ތަފާތު ދެނެގަނެވެނީ ކުރެވޭ ޓެސްޓްތަކުގެ އެހީގައެވެ.

ޓީބީ ޖެހުމުން ވަނީ ކިހެނެއް؟

ޓީބީ ޖެހެނީ ''މައިކޮބެކްޓީރިއަމް ޓޫބާކިއުލޯސިސް'' އޭ ކިޔޭ ޖަރާސީމެއް ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށް ވާސިލްވުމުންނެވެ. ޖަރާސީމް ހަށިގަނޑަށް ވާސިލްވުމަށް ފަހު އޭގެ ސަބަބުން އުފެދޭ ޓީބީ އިންފެކްޝަން އާންމު ގޮތެއްގައި އަށަގެންފައި ހުންނަނީ ފުއްޕާމޭ ގައެވެ. ނަމަވެސް ފަހުން ޖަރާސީމްތައް ލޭގެ ޒަރީއާއިން ހަށިގަނޑުގެ ހިސާބުތަކަށް ވާސިލްވެ، އެހެންބައިތަކަށް ޓީބީގެ އަސަރު ފޯރުވައެވެ.

ޓީބީ އިންފެކްޝަން އަށަގަންނަތާ ކުރީކޮޅު އޭގެ އަސަރު ނުފެނި ހިގައިދާނެ އެވެ. ހަށިގަނޑު ގެ ދިފާޢީ ނިޒާމް ރަގަޅު ނަމަ އިންފެކްޝަންއާއި އިދިކޮޅަށް ހަށިގަނޑު ހަގުރާމަ ކުރެއެވެ. އެގޮތުން ޖަރާސީމްގެ ވަށައިގެން ދިފާޢީ މަސައްކަތުގައި ބައިވެރިވާ ސެލްތައް ފާރެއް އެކުލަވައިލައެވެ. މިގޮތަށް ވުމުން ޖަރާސީމް ދިރިހުރި ނަމަވެސް އެހެން ހިސާބުތަކަށް ނުވަތަ އެހެން މީހުންގެ ގަޔަށް ބަލީގެ އަސަރު ނުފޯރާނެ އެވެ. މިއީ ކުރިން ބުނެވުނު '' ލޭޓެންޓް ޓީބީ''އޭ ކިޔޭ މަރުހަލާ އެވެ. ކުރިން ވެސް ބުނެވުނު ހެން ''ލޭޓެންޓް ޓީބީ'' ހުރިކަން ދެނެގަނެވެނީ ހަމުގެ ޓެސްޓަކާއި، ލޭގެ ޓެސްޓެއްގެ އެހީގައެވެ.

އިންފެކްޝަން އަށަގަތުމަށް ފަހު ޖަރާސީމްތައް ބޮޑުވެ، އިތުރުވުން ހުއްޓުވުމަށް ދިފާޢީ ނިޒާމް ނުކުޅެދިއްޖެ ނަމަ ''އެކްޓިވް ޓީބީ''ގެ ހާލަތަށް ބަލި ބަދަލުވެގެން ދެއެވެ. ފުރަތަމަ ފަހަރަށް އިންފެކްޝަން އަށަގަންނަތާ 2 އަހަރުގެ ތެރޭގައި ''ލޭޓެންޓް ޓީބީ'' ހުރި، 5 އިންސައްތަ މީހުން ''އެކްޓިވް ޓީބީ''ގެ ހާލަތަށް ބަދަލުވާކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި އަނެއް 5 އިންސައްތަ މީހުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ''އެކްޓިވް ޓީބީ''ގެ އުދަގޫތައް ކުރިމަތިކުރުވާ ކަން ފާހަގަކުރެވިފައި ވެއެވެ.

ޓީބީ އަށް ހުށަހެޅުމުގެ މަގުފަހިކުރާ ކަންތައްތަކަކީ ކޮބާ؟

- ޓީބީ ޖެހިފައިވާ މީހަކާއި ގާތްގުޅުމެއް އޮތުން: މިސާލަކަށް އެއްގެއެއްގައި އުޅޭނަމަވެސް ސަލާމަތުން ހުރިމީހާގެ ގަޔަށް ޓީބީ ވާސިލްވެދާނެ އެވެ. އެއީ އެފަދަ މީހުން ކެއްސައި ކިބިއެޅުމުގެ ތެރޭގައި ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ޓީބީ ޖައްސާ ޖަރާސީމް ވާސިލްވެދާނެ ތީ އެވެ.

- ޓީބީ ޖެހިފައިވާ މީހުންނާއި، އަޅާލުން: މިގޮތުން ޑޮކްޓަރުންނާއި، ނަރުހުން، އަދި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބައެއް ފަހަރު ބަލިމީހާގެ ފުށުން ޓީބީ ވާސިލްވާގޮތް ވެއެވެ.

- މީހުން ގިނަ ތަނެއްގައި އުޅެން ޖެހިފައިވުން ނުވަތަ މަސައްކަތް ކުރުން: މިފަދަ ތަންތަނުގައި އުޅޭއިރު ޓީބީ ޖެހިފައިވާ މީހަކު އުޅޭނަމަ އެމީހެއްގެ ކިބައިން ދެންތިބި މީހުންނަށް ވަރަށް ފަސޭހައިން ޓީބީ ވާސިލްވާގޮތް ވެއެވެ. މިސާލަކަށް ޖަލުތަކާއި، ހޮސްޕިޓަލް، ސުކޫލް، މަދަރުސާ ފަދަ މީހުން އެއްވާތަންތަން ފާހަގަ ކުރެވެއެވެ.

- އެކަށޭނަ ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިފައި ނެތުން، ނުވަތަ ޞިއްޙަތާއި މެދު ފަރުވާކުޑަކުރުން.

- މަސްތުވާ ތަކެއްޗާއި، ބަނގުއާވި ބޭނުންކުރުން.

- ޓީބީ އާންމު ހިސާބުތަކަށް ދަތުރުކުރުން ނުވަތަ އެއިން ހިސާބަކުން އަންނަ ފަތުރުވެރިއެއްގެ ކިބައިން ޓީބީ ފެތުރޭގޮތް ވެއެވެ. ޓީބީ އާންމު ހިސާބުތަކުގެ ތެރޭގައި ކެރީބިއަން، ލެޓިން އެމެރިކާ، އިރުމަތީ ޔޫރަޕް، އެފްރިކާ، އޭޝިއާ، އަދި ރަޝިޔާ ފަދަ ގައުމުތައް ހިމެނެއެވެ.

''ލޭޓެންޓް ޓީބީ''، ''އެކްޓިވް ޓީބީ'' ގެ ހާލަތަށް ބަދަލުވުމުގެ ފުރުސަތު އަންނަނިވި ހާލަތްތަކުގައި އިތުރު ކުރުވައެވެ.

- ދިފާޢީ ނިޒާމްގެ ބާރު ދެރަކޮށްލާ ބަލިތަކަށް ހުށަހެޅުން: މިސާލަކަށް ކެންސަރު، ކޮންޓްރޯލް ނުކުރެވޭ ހަކުރުބަލި އަދި އެއިޑްސް ފަދަ ބަލިތަކަށް ހުށަހެޅުން.

- އެކަށޭނަ ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިފައި ނެތުން، ނުވަތަ ޞިއްޙަތާއި މެދު ފަރުވާކުޑަކުރުން.

- މަސްތުވާ ތަކެއްޗާއި، ބަނގުއާވި ބޭނުންކުރުން.

- ދިގުމުއްދަތަކަށް ''ކޮޓިކޯސްޓީރޮއިޑް'' އެކުލެވޭ ބޭސްތައް ބޭނުންކުރުން.

- މާބޮޑަށް ހަށިގަނޑު ނިކަމެތިވެ، އަނަރޫފަވެފައިވުން.

- ސިލިކޯސިސް ފަދަ ދާއިމީ ބައްޔެއް ފުއްޕާމެޔަށް ޖެހިފައިވުން

- ދިފާޢީ ނިޒާމްގެ މަސައްކަތަށް ބުރޫއަރާ ފަދަ ބައްޔެއް ނުވަތަ ކަމެއް ކުރިމަތިވުން: މިސާލަކަށް ގުނަވަނެއް ބަދަލުކުރުން، އުމުރުން ދުވަސްވުން، ވިހެއުން.

ޓީބީ ޖެހިފައި ހުރިތޯ ބަލައި ދެނެގަންނަނީ ކިހެނެއް؟

''އެކްޓިވް ޓީބީ'' ގެ އަސަރު ހުރިކަން ދެނެގަންނަނީ ކުރިން ބުނެވުނު ޓީބީ އާއި ގުޅިގެން ކުރިމަތިވާ ޢަލާމާތްތަކާއި، އަދި ޑަކްޓަރުން ހަށިގަނޑު ޗެކްކޮށް ބަލާ ބެލުމުގެ ތެރެއިންނެވެ. ''ލޭޓެންޓް ޓީބީ'' ޖެހިފައިވާ ކަން އެގެނީ ''ޓޫބާކިއުލިން ސްކިން ޓެސްޓް '' އޭ ކިޔޭ ހަމުގެ ޓެސްޓަކަށް ، ނުވަތަ ލޭގެ ޓެސްޓްތައް ޓީބީ އަށް ޕޮޒިޓިވްކޮށް ދެއްކުމުންނެވެ. ''އެކްޓިވް ޓީބީ'' ޓީބީ ޖެހިފައިވާ ކަން އެގެނީ ކުޅާއި، އަރިދަފުސް ފަދަ ސާމްޕަލްތައް ޓެސްޓްކުރުމުގެ ތެރޭގައި އޭގައި ޓީބީ ޖައްސާ ޖަރާސީމް ފެނުމުންނެވެ. ބައެއް ފަހަރު ޓީބީ ގެ އަސަރު ފުއްޕާމޭގައި ހުރިތޯ ބެލުމަށް އެކްސްރޭ ވެސް ނަގައެވެ. ފުއްޕާމޭ ނޫން އެހެންބައިތަކަށް ޖެހޭ ޓީބީ ދެނެގަތުމަށް ޓަކައި އެކްސްރޭ ހެދުމުގެ އިތުރުން، ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުން، ހަށިގަނޑުގައި ޓީބީ އަށަގެންފައިވާ ކަމަށް ޝައްކު ކުރެވޭ ހިސާބު ސްކޭން ކުރުން، އަދި އެހިސާބުން އެތިކޮޅެއް ނަގައިގެން އޭތިކޮޅު ޓެސްޓް ކުރުން ފަދަ ކަންތައްތައް ކުރެވެއެވެ.

ޓީބީ އަށް ފަރުވާ ކުރަމުންދާ ދުވަސްވަރު ޓެސްޓް ކުރުން

ޓީބީ އަށް ފަރުވާ ލިބިގަންނަމުންދާ ދުވަސްވަރު ކުޅު އަދި އަރިދަފުސް މަހަކު 1 ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ވެސް ޓެސްޓްކުރެވެއެވެ. މީގެ ބޭނުމަކީ ޓީބީ އާއި ގުޅިގެން ނަގަމުންދާ ބޭސްތަކުން މަންފާއެއްވޭތޯ ނުވަތަ ނުވޭތޯ ޔަގީން ކުރުމެވެ. ފަރުވާކޮށް ނިމެން ކައިރިވުމުން ފުއްޕާމޭގެ އެކްސްރޭ ބައެއް ފަހަރު ނަގައެވެ. އޭގެ ބޭނުމަކީ މުސްތަގުބަލުގައި އެފަދަ ކަމެއް ދިމާވިޔަސް އަޅާކިޔުމަށްޓަކައި އެކްސްރޭ އެއް ނަގައިފައި ބޭއްވުމެވެ.

ޓީބީ އާއި ގުޅިގެން ދެވޭ ބޭސްތަކުން ހަށިގަނޑަށް ނުރައްކާތެރި އަސަރެއް ކުރޭތޯ ބެލުމަށް ވެސް މިދުވަސްވަރު ބައެއް ކަހަލަ ޓެސްޓްތައް ހެދެއެވެ. މިގޮތުން ''ފުރަމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓްތައް''، ''ލޮލުގެ ޓެސްޓްތައް''، އަދި ''އަޑުއެހުމުގެ ޓެސްޓްތައް'' ހެދެއެވެ. އެއީ ބޭނުންކުރެވޭ ބޭހުގެ ސަބަބުން ފުއްޕާމޭ، ލޯ، އަދި ކަންފަތް ފަދަ ގުނަވަނަކަށް ނޭދެވޭ އަސަރެއް ކޮށްފައިވޭތޯ ބެލުމަށްޓަކައެވެ.

ޓީބީ އަށް ދެވޭ ފަރުވާއަކީ ކޮބާ؟

ފުއްޕާމޭ ނުވަތަ އެހެން ހިސާބަކަށް ވެސް ''އެކްޓިވް ޓީބީ'' ކުރިމަތި ވެފައިވާނަމަ އޭގެ ފަރުވާ ގެ ގޮތުގައި އާންމުގޮތެއް ގައި ތަފާތު 4 އެންޓިބަޔޮޓިކް އެއްކޮށް ބޭނުންކުރެވެއެވެ. އެންޓިބަޔޮޓިކް އަކީ ތަފާތު ވައްތަރުގެ ޖަރާސީމްތައް ނުވަތަ ބެކްޓީރިއާ މަރާލައި ނައްތާލާ އެއްޗެކެވެ.

''ލޭޓެންޓް ޓީބީ'' އަށް ފަރުވާގެ ގޮތުގައި އެންމެ ''އައިޒޯނިއެޒައިޑް''9 މަސް ދުވަސް ވަންދެން ނުވަތަ ''ރިފަމްޕިސިން'' 4 ނުވަތަ 6 މަސް ދުވަސް ވަންދެން ނަގަން ޖެހެއެވެ.މިކަމުގެ ސަބަބުން ''އެކްޓިވް ޓީބީ'' އަށް އިންފެކްޝަން ބަދަލުވުން ކުޑަކޮށް، އެކަމުން ހިމާޔަތް ކޮށް ރައްކާތެރި ކޮށްދެއެވެ.

''އެކްޓިވް ޓީބީ'' އަށް 6 މަސް ދުވަސް ވަންދެން ފަރުވާ ކުރަން ޖެހެއެވެ. ބައެއް ފަހަރު 6 މަސް ފަހުން އަނެއްކާ ޓީބީ ހާލަތު ދެނެގަތުމަށް ޓެސްޓްތައް ހަދާއިރު ޕޮޒިޓިވްކޮށް ދައްކައިފިނަމަ މިމުއްދަތު 8 މަސް ނުވަތަ 9 މަހަށް އިތުރު ކުރަންޖެހެއެވެ. އެންމެ އާންމުކޮށް ދެވޭ ބޭސްތަކަކީ ''އައިޒޯނިއެޒައިޑް''، ''ރިފަމްޕިސިން''، ''ޕައިރަޒިނަމައިޑް''، އަދި ''އީތަމްބިއުޓޯލް'' އެވެ. މީގެ އިތުރުން ބައެއް ފަހަރު ''ސްޓްރެޕްޓޮމިސިން''، ''އިތިއޮނަމައިޑް''، ''ސައިކްލޯސިރިން'' އަދި ''ކެޕްރިއޯމިސިން'' ފަދަ ބޭސްތައް ބޭނުންކުރެވެއެވެ.

ޓީބީ އަށް ފަރުވާ ލިބިގަންނަ އިރު ސަމާލުވާން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ ބަރާބަރަށް ބޭސްތައް ބޭނުންކުރުމެވެ. ބޭސްތައް ބޭނުންކުރުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުއްޓާލައިފިނަމަ ބައެއް ފަހަރު ފަރުވާ ލިބިގަންނަން ޖެހޭ މުއްދަތު އިތުރުވެ، އަދި އަލުން ފަރުވާ ކުރަން ފަށަން ޖެހިދާނެ އެވެ. މާނައަކީ އަލުން އާފެށުމަކުން ފަށަން ވެސް ޖެހިދާނެ އެވެ. ''އެކްޓިވް ޓީބީ'' އަށް އެކަށޭނަ ގޮތެއްގައި ފަރުވާ ނުދެވިއްޖެ ނަމަ ފުއްޕާމެޔާއި، އެހެން ގުނަވަންތަކަށް ޓީބީ ގެ އަސަރު ފޯރައި، އާޚިރު ނަތީޖާއެއްގެ ގޮތުން މަރާއި ކުރިމަތިލާން ޖެހެއެވެ.

ޓީބީ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ޓީބީ އިން ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލު ވާށެވެ.

- ޓީބީ އިން ރައްކާތެރިވުމަށް ދެވޭ ''ބީސީޖީ'' ވެކްސިން ކުޑަދަރިފުޅަށް ދިނުން.

- ކެއްސާ، ކިބިހި އަޅާއިރު އަނގަޔާއި، ނޭފަތް ނިވާކުރުން.

- ޓީބީ ޖެހިފައިވާ މީހުންނާއި ގައިގޯޅިވެ ނޫޅުން

- ޓީބީ ޖެހިފައިވާ މީހާ ގަވާއިދުން ފަރުވާކުރުން

- ޓީބީ ޖެހިފައިވާ މީހަކާއި އެއްގެޔަކު އުޅޭނަމަ ދޭތެރެއަކުން ޓީބީ އަށް ހަށިގަނޑު ޓެސްޓް ކުރުން

- މީހުން އެއްވެ އުޅޭތަންތަނަށް ކުޅުޖެހުން، އަދި މީހުންގެ ގަނޑުގެ ތެރެއަށް ކެއްސުން ، ކިބިހި އެޅުން ފަދަ އާދަތަކާއި ދުރުހެލިވުން

- ހަށިގަނޑަށް ފައިދާހުރި ކާނާ އަބަދުވެސް ބޭނުންކުރުން

- ޢާންމު ޞިއްޙަތަށް ރައްކާތެރިވެ، ފަރުވާތެރިވުން

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުމެކެވެ.

 

ޓީބީ އަކީ ކޮބާ؟
ޓީބީ ޖެހެނީ ކީއްވެ؟ އަދި ޓީބީ ޖެހެނީ ކިހިނެއް؟
ޓީބީ ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟
ޓީބީ ޖެހުމުން ވަނީ ކިހެނެއް؟
ޓީބީ އަށް ހުށަހެޅުމުގެ މަގުފަހިކުރާ ކަންތައްތަކަކީ ކޮބާ؟
ޓީބީ ޖެހިފައި ހުރިތޯ ބަލައި ދެނެގަންނަނީ ކިހެނެއް؟
ޓީބީ އަށް ދެވޭ ފަރުވާއަކީ ކޮބާ؟
ޓީބީ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.