ހޯމަ20181112

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:17:50' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:17:50' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:17:50' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:17:50' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)

ސިފިލިސް (Syphilis)

std-syphilis

 ސިފިލިސް އަކީ ކޮބާ ؟

ސިފިލިސް ޖެހެނީ ސްޕައިރޯކީޓްގެ ވައްތަރެއްކަމުގައިވާ ''ޓްރެޕޮނީމާ ޕަލީޑަމް''(Treponema pallidum) އޭ ކިޔޭ އޯގަނިޒަމް އެއްގެ ސަބަބުންނެވެ. ސިފިލިސް އޭ ކިޔަނީ މިއޯގަނިޒަމް އިން ޖެހޭ އިންފެކްޝަން ހަށިގަނޑުގައި އަށަގަތުމަށެވެ.

މިއޯގަނިޒަމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތްދުލިފަށް ތައް ހުރަސްކޮށްގެންނެވެ. ހަށިގަނޑަށް މިއޯގަނިޒަމް ވަނުމާއި އެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެންދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާސިލްވެ، ލޭގެ އާރަށް އެ ވާސިލްވެއެވެ. އޯގަނިޒަމް ހަށިގަނޑަށް ވަތް ހިސާބުގައި ފުރަތަމަ ފާރުކޮޅު އުފެދުމުގެ ކުރިން ލޭގެ ޒަރީއާއިން މުޅިހަށިގަނޑުގައި އޯގަނިޒަމް ދައުރުވެ، ފެތުރިގެން ދެއެވެ.

މިބަލި ޖެހިދާނެ ގޮތްތަކަކީ ކޮބާ ؟

1- ބަލިޖެހިފައިވާ މީހަކާއި އެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން

2- ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭ އެޅުން

3- ނޭގުމެއްގެ ތެރޭގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް ބަލިޖައްސާ އޯގަނިޒަމް ހުރި ފާރުކޮޅެއް ނުވަތަ ދިޔައެއް ގައި ބީހުން

4- ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ( އުފަންވިއިރު ސިފިލިސް ޖެހިފައިވުން)

 ސިފިލިސް ގެ ވައްތަރުތަކާއި އަދި އެބަލީގައި ކަނޑައްތުކުރާ މަރުހަލާތަކަކީ ކޮބާ؟

ސިފިލިސްގެ 2 ވައްތަރެއް ވެއެވެ. އެއީ އަމިއްލަ އަށް ކުރާ ކަމަކުން ސިފިލިސް ޖެހުން ނުވަތަ އަމިއްލަ އަށް ލިބިގަންނަ ސިފިލިސް އާއި، އަދި އުފެދުމުގައި މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ސިފިލިސް ޖެހުމެވެ.

 އަމިއްލަ އަށް ލިބިގަންނަ ސިފިލިސް(Aquired Syphilis)

މިއީ މަތީގައި ބަޔާންކުރެވުނު ބަލި ޖެހިދާނެ ގޮތްތަކުގެ ތެރެއިން ފުރަތަމަ 3 ގޮތަކުން ކުރެ ގޮތަކުން ސިފިލިސް ޖެހުން މެދުވެރިވުމެވެ. މިވައްތަރު 4 މަރުހަލާއަކަށް ބަހާލެވިފައި ވެއެވެ.

1- ފުރަތަމަ މަރުހަލާ: މިމަރުހަލާގައި ތަދު އިހްސާސް ނުވާ، ވަށްކޮށް ހުންނަ، ރަތްކުލައިގެ ފާރުކޮޅުތަކެއް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ބައިތަކުގައި ( ފަރުޖު، ވެޖައިނާ، ރަހިމުގެ ދޮރު، ފިރިހެނާގެ ޖިންސީ ގުނަވަން) އުފެދެއެވެ. ބައެއް ފަހަރު ފުރަގަސްފަރާތް އިގިލިތައް، ވަށްގަނޑު، ދޫ،ތުންފަތް، އަދި ކަރުތެރޭގައި މިފަދަ ފާރުކޮޅު އުފެދިދާނެއެވެ. މިފާރުކޮޅުތަކަށް ކިޔަނީ ''ޝަންކަރ''(Chancre)އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ކުރިން ބުނި އޯގަނިޒަމް ހަށިގަނޑަށް ވާސިލްވާތާ 6-2ހަފްތާގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް ފާޅުވާން ފަށައެވެ.އާންމުގޮތެއްގައި 8-2ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި މިފާރުކޮޅުތައް ލަކުނު އުފެދުމާއި އެކު ރަގަޅުވެގެން ދެއެވެ. މީގެ އިތުރުން މިމަރުހަލާގައި އުކުޅުވަޅު އަދި ކަރު ފަދަ ތަންތާގައި ގޮށްލުން ކުރިމަތި ކުރުވައެވެ. ދެތިންހަފްތާގެ ފަހުން ( ދެމަސްވަރު) ދެވަނަ މަރުހަލާގެ އަލާމާތްތައް ފެންނަށް ފަށައެވެ.

2- ދެވަނަ މަރުހަލާ: މިމަރުހަލާގައި ހުންއައުން، ބޮލުގައި ރިހުން، ހިތް ނުތަނަވަސްވުން، އަދި ގައިގައި ރިހުން ނުވަތަ ހުޅުތަކުގައި ރިހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. އަތްތިލަ އަދި ފައިތިލައިގައި މަޑު ރަތްކުލަ ައަކަށް ފޮޅުތަކެއްގެ ސިފަޔަށް ހުންނަ އެކިވަރުވަރުގެ ބިހިތަކެއް ނަގައެވެ.ބައެއް ފަހަރު މުޅި ހަށިގަނޑުގައި ވެސް މިބިހިތައް ނެގުމަކީ ވެދާނެ ކަމެކެވެ. ހަމަމިހެން ތެތް ހަން ހުންނަ ހިސާބުގައި ތަކުގައި މިސާލަކަށް ފަރުޖު ހިމެނޭ ހިސާބު، ކިހިލިފަތްދަށް، އަދި އުރަމަތީގެ ދަށްފަށުގައި ވެސް '' ކޮންޑައިލޯމާ ލޭޓަމް'' (Condyloma latum)އޭ ކިޔާ ފޮޅު ނުވަތަ ބިހިތަކެއް ފާޅުވެއެވެ. އަތްތިލައާއި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތްވެއެވެ. ހަންގަނޑު ހުދުވުން، އަދި ބޮލުގެވަކި ހިސާބަކުން ފަތްފޭބުން ނުވަތަ ތަލަވުން، ކުރިމަތި ކުރުވައެވެ. ތެތްދުލިން (މިއުކަސް) އިން އުފެދިފައިވާ ޕެޗް ތަކެއް ފާޅުވެއެވެ. ހަންގަނޑުގެ ސަތަހައަށް ވުރެ މައްޗަށް އުފުލިފައި، ވަށް ނުވަތަ ކުކުޅު ބިސްބުރުގެ ބައްޓަމަށް ހުންނަ މިޕެޗްތައް ހުދު ނުވަތަ އަޅި ފަށަލައަކުން ނިވާކުރެވިފައި ވާއިރު، ވަށައިގެން ރަތްކުލައިގެ ރޮގެއް ނުވަތަ ބޯޑަރެއް ލެވިފައި ވެއެވެ. ބައެއް ފަހަރު މިޕެޗްތައް ފެޅި ފާރުކޮޅަކަށް ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. މިބުނި ޕެޗްތަކާއި ފާރުކޮޅުތައް އުފެދެނީ އަގަ، ނޭފަތް، އަދި ޖިންސީ ގުނަވަން އެކުލެވޭ ހިސާބުގައިވާ ތެތް ދުލިފަށް ތަކުގައެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް ދުޅަވުމަކީ ނުވަތަ ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ފުރަމޭ ދުޅަވުން، ސިކުނޑި ދުޅަވުން، ގުރުދާ ދުޅަވުން އަދި އަޑުކުރަކިވުން ފަދަ ކަންކަމަކީ ވެސް މިމަރުހަލާގައި ކުރިމަތިވެދާނެ ކަންކަމެކެވެ. ހަމަމިހެން ހުންކޮށި ބޮޑުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

3- ހިމޭން މަރުހަލާ: މިމުއްދަތުގައި އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. ކުރިން ފެނިދިޔަ އަލާމާތްތައް ފިލައިދިއުމަށް ފަހުވެސް ބަލިޖައްސާ އޯގަނިޒަމް ހަށީގަނޑުގައި ހިމޭން ވެފައި ނުވަތަ ހަރަކާތެއް ނެތް އެއްޗެއް ހެން ތިބެއެވެ.

4- ފަހު މަރުހަލާ: މިއީ ބަލީގެ އަލާމާތްތައް ފިލާދިއުމަށްފަހު އަހަރުތަކެއް ފަހުން އަލުން ބަލީގެ އަލާމާތްތައް ފެންނަށް ފެށުމެވެ. އެއީ ހިމޭންކަންމަތީ ދެމިހުރި ބަލިޖައްސުވާ އޯގަނިޒަމް އަލުން ހަރަކާތްތެރި ވާން ފެށުމުންނެވެ. 2- 10 އަހަރުގެ މުއްދަތަކަށް ދެމިގެންދާ މިމަރުހަލާ 2 ވައްތަރަކަށް ބެހިގެންވެއެވެ.

(ހ) ޑިފިއުޒް ސިފިލިޓިކް އިންފްލެމޭޝަން:

މިއީ ދެވަނަ ވައްތަރު ''ގަމާ''އަށް ވުރެ އާންމުކޮށް ކުރިމަތިވާ ވައްތަރެކެވެ. މިވައްތަރު ގައި ''ކަސިއޭޝަން'' އުފެދޭ މިންވަރު މަދުވެފައި ލަސްވެސް މެއެވެ. މިވައްތަރު ކުރިމަތިވަނީ އަޑުފޮށި، އުރަވަޅި، ކަށިތައް، އަދި ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތަކަށެވެ.

(ށ) ގަމާ: މިއީ ވަކިވަކި ތަންތާގައި ސިފިލިސްއާއި ގުޅިގެން ގްރެނިއުލޭޝަން ޓިޝޫ އުފެދުމަށްފަހު ލަސްލަހުން އެތާގައި ''ކަސިއޭޝަން'' (Caseation) އުފެދުމާއިއެކު ޓިޝޫތައް ނުވަތަ ސެލްތައް މަރުވެ ފާރު ގަނޑެއްގެ ސިފަޔަށް ބޮޑުވުމެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވެސް ''ގަމާ''(Gumma) އުފެދުމަކީ ވެދާނެ ގޮތެކެވެ. އެންމެ އާންމުކޮށް އުފެދެނީ ފުރަމޭ، ސިކުނޑީގެ ވަށައިގެންވާ ދުލިތައް، ކަށިތައް، ދޫ، އުރަވަޅި، ހިތް، އަދި ފުއްޕާމޭ ގައެވެ.

ނޯޓް: ކަސިއޭޝަން: މިއީ ސެލްތައް މަރުވުމުގެ ސަބަބުން ޗީޒް ގަނޑެއްފަދަ އެއްޗަކަށް އެހިސާބުގެ ޓިޝޫތައް ބަދަލުވުމެވެ. މިބަސް ނެގިފައިވަނީ ''ކަސީން''އިންނެވެ. ކަސީން އަކީ ކިރު އަދި ޗީޒް ފަދަ ތަކެތީގައި ހިމެނޭ މައިގަނޑު ޕްރޮޓީން އެވެ.

4ވަނަ މަރުހަލާގައި ސިފިލިސްގެ އަސަރު އެކިބައިތަކަށް ފޯރުން

1- ހިތާއި ލޭހޮޅިތަކުގެ ނިޒާމް: ސިފިލިސްގެ ސަބަބުން ހިތުގެ އެއްބައި އަނެއްބައި ވަކިކުރުމަށް ލެވިފައިވާ ހުރަސް ނުވަތަ ފާރު (Septum) ގައި ''ގަމާ'' އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. މީގެ އިތުރުން ހިތުގެ ބޭރުން ލެވިފައިވާ ދުލިފަށް (Pericardium)، އަދި އޭގެ އެތެރެން ވާ މަސް ފަށަލަ(Myocardium)ދުޅަވުން ފަދަ ކަންތައް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ. އަދި ހަށިގަނޑުގެ ކޮންމެ ހިސާބެއްގައިވާ ލޭހޮޅި އެއް ވެސް ސިފިލިސްގެ ސަބަބުން ހަލާކުވުމަކީ ވަރަށް ގާތް ކަމެކެވެ.

ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ މައިލޭހޮޅި(Aorta)ހަލާކުވުމަކީ ވެސް ދިމާވާ ގޮތެކެވެ. މިކަން ކުރިމަތިވަނީ ސިފިލިސް ގެ އަސަރު ފުަރަތަމަ ފެންނަތާ 5-20އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ސިފިލިސްގެ ސަބަބުން އެންމެ އާންމުކޮށް އަސަރު ފޯރަނީ މޭމަތި އެކުލެވޭ ހިސާބުގައިވާ މިބުނި ލޭހޮޅީގެ ބަޔަށެވެ.

2- ސިކުނޑިއާއި ނާރުތަކުގެ ނިޒާމް: މިބަޔަށް ސިފިލިސްގެ އަސަރު ފޯރަނީ ސިފިލިސްގެ އަސަރު ފުރަތަމަ ފަހަރަށް ފެންނަތާ 10 އަހަރު ފަހުން ސިފިލިސް ގެ ޖެހޭމީހުންގެ އެންމެ 2އިންސައްތަ މީހުންނަށެވެ. ސިކުނޑިއާއި ސްޕައިނަލް ކޯޑް އަށް ލޭފޮނުވާދޭ ލޭހޮޅިތައް ދުޅަވުން، އަދި ސިކުނޑި އަދި ސްޕައިނަލް ކޯޑްގެ ވަށައިގެންވާ ދުލިތައް ވެސް ދުޅަވެ، ސްޕައިނަލް ކޯޑްއިން ކުރިފަޅައި(ނިކުމެފައި)ވާ ނާރުތަކަށް ފިތުމުގެ ސަބަބުން ބައެއް ފަހަރު އައްސިވުމާއި، ވާގިނެތުން ކުރިމަތި ކުރުވައެވެ.

- ޓޭބްޒް ޑޯސަލިސް: މިއީ ސިފިލިސްގެ ސަބަބުން ސްޕައިނަލް ކޯޑްގެ ފަހަތު ކޮލަމްގެ ނާރު ފައިބަރތައް، އަދި އެހިސާބުން ނިކުމެފައިވާ ނާރުގެ ބުޑުތައް، އަދި ކްރެނިއަލް ނާރުތައް ހަލާކުވުމެވެ. ޚާއްޞަ ކޮށް ކަރާއި، އުނަގަނޑު ހިމެނޭ ހިސާބުގެ ސްޕައިނަލް ކޯޑްގެ ފަހަތު ކޮލަމް އަދި އެހިސާބުން ނިކުމެފައިވާ ނާރުގެ ބުޑުތަކުގައި ނާރު އުފެދިފައިވާ ވާއިރު ވަށައިގެން ލެވިފައި ހުންނަ ''މައެލިން'' ފަށަލަ ނެތިގޮސް، އެބައިތައް ބައިބައިވާ ގޮތް ވެއެވެ. މިހެންވުމުން އެހިސާބުގައި ''އެސްޓްރޯސައިޓް''ތައް ގިނަ އަދަދަކަށް ޖަމާވާގޮތް ވެއެވެ.

- ވާވުން ނުވަތަ ވާގިނެތުން ނުވަތަ ބާރު ދެރަވުން: މިއީ ސިކުނޑީގެ ބޭރަށް ފެންނަށް ހުންނަ ބައި (ކޯޓެކްސް) ސިފިލިސްގެ ސަބަބުން ހަލާކުވުމުން ކުރިމަތިވާ ކަމެކެވެ. ޚާއްޞަކޮށް ކުރިމަތި އަދި ދެ އަރިމަތީގައިވާ ސިކުނޑީގެ ލޯބްތަކުގެ ޓިޝޫތައްމަރުވެ، އެބައިތަކަށް ލޭހިލުން، އަދި އެސްޓްރޯސައިޓްތައް ގިނަ އަދަދަކަށް އެހިސާބުތަކުގައި ޖަމާވާގޮތް ވެއެވެ. ކޯޓެކްސްގައި ވާ ''އޮޅުން''ތައް (އޮޅި އުފުލިފައި ހުންނަ ތަންތަން) ފަތިވެ، އަދި އެ އޮޅުން ތަކުގެ ދެމެދުގައިވާ ''ހުސްތަން''(އަޑިގަނޑުތައް) ފުޅާވާގޮތް ވެއެވެ.

3- ނޭވާލުމުގެ ނިޒާމް: ސިފިލިސްގެ ސަބަބުން އަޑުފޮށީގައި ''ގަމާ'' ނުވަތަ ''ސިފިލިޓިކް އިންފްލެމޭޝަން'' ވެސް އުފެދިދާނެއެވެ. އޭގެ ސަބަބުން އަޑު ފޮށީގައި ފައިބަރަސް ޓިޝޫ އުފެދި، އަޑުފޮށި ހަނިވެ، ބެދޭގޮތް ވެއެވެ. ވައިނޮޅި އަދި ވައިނޮޅީގެ ކަފީ ގައި ވެސް ކުރިން ބުނި ދެކަން ކުރިމަތިވެ، އެދެތަން ވެސް ހަނިވުމަކީ ވެދާނެ ގޮތެކެވެ. ފުައްޕާމެޔަށް ވެސް ކުރިން ބުނި އުސޫލުން ސިފިލިސްގެ އަސަރު ފޯރައެވެ.

4- ހަޖަމުކުރުމުގެ ނިޒާމް: ދުލުގައި ފައިބަރަސް ޓިޝޫ އުފެދޭލެއް ގިނަވެ، ދުލުގައި ހުދު ޕެޗެއް ނުވަތަ ފަށަލައެއް ލެވެއެވެ. ދުލުގެ ދަށްފަށުގައި ''ގަމާ'' އުފެދުމުން ''ގޮށްގަނޑެއް'' ކަހަލަ އެއްޗެއް އުފެދެއެވެ. މިބުނި ''ގޮށްގަނޑު'' ފަހުން ފެޅި ފާރުކޮޅަކަށް ވުމަކީ ވެސް ވެދާނެ ކަމެކެވެ. ދުލުގައި ސިފިލިސް އާއި ގުޅިގެން އުފެދޭ މިބުނި ދެކަމަކީ ވެސް ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮތް ދެ ކަމެކެވެ. ފުރަމޭގައި ވެސް އެކެއް ނުވަތަ ބައިވަރު ''ގަމާ''ތައް ސިފިލިސް ގެ އަސަރު ފޯރުމުން އުފެދޭގޮތް ވެއެވެ.

5- އުރަވަޅި: ވަރަށް ނާދިރުކޮށް ނޫނީ ދިމާވާ މިހާލަތުގައި އޮށް ނުވަތަ ޓެސްޓިސް ބޮޑުވެ، ރިއްސާގޮތް ވެއެވެ. އަދި އޮށުގެ އިހްސާސް ގެއްލިގެންދާ ގޮތްވެއެވެ. ''ގަމާ'' އާންމުކޮށް އުފެދެނީ އުރަވަޅީގެ ކުރިމަތި ފަރާތު ގައެވެ.

6- ކަށިތައް: އެންމެ ކަށިގަނޑެއް ނުވަތަ އެއަށްވުރެ ގިނަ ކަށިތަކުގައި އެއްފަހަރާ ވެސް ސިފިލިސްގެ އަސަރު ފޯރައިފާނެ އެވެ. އެންމެ އާންމުކޮށް އަސަރު ފޯރަނީ ބޮލުގެ ނާށިގަނޑު، މޭމަތީގެ ކަށިތައް ކުރިމަތިން ގުޅިފައިވާ ''ސްޓާނަމް'' ކިޔޭ ކަށިގަނޑު، ފައިގެ ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ''ޓިބިއާ'' އަދި ''ފިބިއުލާ'' އޭ ކިޔޭ ދެކަށިގަނޑު، ފައިގެ ފަލަމަސްގަނޑާވީ ހިސާބުގައިވާ ކަށިގަނޑު، އަދި އަތުގެ މުލައްދަނޑީގެ ކަށިގަނޑަށެވެ.

ކަށިތަކުގެ ބޭރުފަށަލަ ދުޅަވުން، ކަށިތަކުގައި އިންފްލެމޭޝަން އުފެދި ހަލާކުވުން ކުރިމަތިކުރުވައެވެ. ކަށިތައް އޭގެ ސައިޒުން ބޯވެއެވެ. މިއީ ކަށީގެ އާ ޓިޝޫތައް އުފެދޭތީ ވާގޮތެކެވެ. ސިފިލިސް އަސަރު ފޯރަނީ ކަށީގެ ދެކޮޅަށްވުރެ ބޮޑަށް އޭގެ މެދުގައިވާ ބައި ނުވަތަ ''ޑައަފީސިސް'' (Diaphysis) އަށެވެ.

ކަށިތަކުގައި ''ގަމާ'' އުފެދެނީ ވަރަށް މަދުންނެވެ. އާންމު ގޮތެއްގައި އުފެދެނީ ސްޓާރނަމް އަދި ބޮލުގެ ނާށިގަނޑު ގައެވެ. ''ގަމާ'' އުފެދި ނާށިގަނޑު ގެ ސަތަޙަ ހަލާކުވުމުން ހުންނަނީ ''އެއްޗެއް ފަނި ކައިފައި ހުންނަ'' ސިފަޔަށެވެ. ނޭފަތުގެ ދެހިނދުރި ވަކިކުރާބައި ގައި ''ގަމާ'' އުފެދުމުން ނޭފަތުގެ ބްރިޖް އަޑިއަށް ގޮސް ''އަސްދާނު ގޮޑި''އެއްގެ ސިފަޔަށް(Saddle nose) ނޭފަތުގެ ބައްޓަން ބަދަލުވެއެވެ.

7- ހުޅުތައް: ވަރަށްމަދުން ނޫނީ ދިމާނުވާ މިހާލަތުގައި އެންމެ އާންމުކޮށް އަސަރު ފޯރަނީ ކަކޫ ހުޅު އަދި ކޮނޑު ހުޅަށެވެ. ހުޅުތައް ދުޅަވެ، ރިހި، ''ހުޅުތަކުގެ ތެރެއަށް ދިޔާއެއްޗެއް(ފެން) ފޭދުން''(Hydroarthrosis) ކުރިމަތި ކުރުވައެވެ.

އުފެދުމުގައި ޖެހިފައި ހުރި ސިފިލިސް (Congenital Syphilis)

މިއީ ސިފިލިސް ޖެހިފައިވާ މީހަކު ބަލިވެ އިނުމުން ބަނޑުގައިވާ ދަރިފުޅަށް ސިފިލިސް ޖެހުމެވެ.ފަރުވާ ނުކޮށް ހުރިނަމަ ސިފިލިސް ޖެހޭތާ ފުރަތަމަ 2 އަހަރުގެ ތެރޭގައި ދަރިފުޅަށް މައިމީހާގެ ކިބައިން ސިފިލިސް ވާސިލްވެދާނެއެވެ. މިގޮތުން ސިފިލިސް ވާސިލްވަނީ ފުރަތަމަ 4 މަސް ފާއިތުވެދާފަހުންނެވެ. އެއީ ބަނޑުގައި އުފެދިފައިވާ މަހުގައިވާ '' ލެންގަހެންސް ސެލް ފަށަލަ'' ފޮރުވިދާ ފަހުންނެވެ. ބައިގެން ދިއުމަކީ މިހާލަތުގައި ވަރަށް އާންމު ކަމެކެވެ. ޖެހިފައިވަނިކޮށް އުފަންވި ނަމަވެސް މަރުވުމަކީ ވަރަށް ގާތް ކަމެކެވެ. ސަލާމަތްވާ ކުދިންނަށް އުމުރުގެ ކުރީކޮޅު ނުވަތަ ފަހުކޮޅު ސިފިލިސްގެ ސަބަބުން ކުރިމަތިވާ ތަފާތު އުދަގޫތައް ނުވަތަ އަލާމާތްތައް ފެންނަށް ފަށައެވެ.

އުމުރުގެ ކުރީކޮޅު ފެންނަ އަލާމާތްތައް

މިއަލާމާތްތައް ފެންނަނީ ވިހެއުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައެވެ. ނުވަތަ ފުރަތަމަ 2 އަހަރުގެ ތެރޭ ގައެވެ. ކުރީކޮޅު ފެންނަ އަލާމާތްތައް ކުރިން ބަޔާންކުރެވިފައިވާ ދެވަނަ މަރުހަލާއާއި ވަރަށް އެއްގޮތެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހިނެގުން، އަތްތިލަ އަދި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތްވުން، އަދި ތެތްހަން އެކުލެވޭ ހިސާބުތަކުގައި ވެސް ބިހި ނަގައެވެ.

އަގައިގެ ކަން އަދި ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ފެތުރެމުންދާ ލަކުނެއް އުފެދެއެވެ. މިއީ މިބުނި ހިސާބުތައް ފާރުވެ، ފެޅުމަށްފަހު ރަގަޅުވާއިރު ފައިބަރަސް ޓިޝޫ އުފެދުމުން ދިމާވާ ކަމެކެވެ. މިބުނި އުސޫލުން ފެތުރެމުންދާ ލަކުނަށް ކިޔަނީ ''ރަގާދީޒް''(Rhagades) އެވެ.

އަގަ، ދޫ، ނޭފަތް، ކަރުތެރެ، އަޑުފޮށި، ފަދަ ގުނަވަންތަކުގެ ތެތްދުލިފަށްތަކުގައި ޕެޗް އުފެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ނޭފަތުގެ ހިދުރި ތެރެ ބެދޭގޮތް ވުމަކީ ވެދާނެ ގޮތެކެވެ. ނޭފަތް ކުރިން ބަޔާންކުރެވުނު ހެން ''އަސްދާނު ގޮޑި''އެއްގެ ސިފަޔަށް ބަދަލުވުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.

ކަށި، އަދި ހުޅުތަކާއި އޭގެ ވަށައިގެންވާ ކާޓިލޭޖްތަކަށް ސިފިލިސްގެ އަސަރު ފޯރުމުން އަތް ފައި ހަރަކާތް ކުރުމަށް އުދަގޫވެ، ކަށިތައް ބޮޑުވުން ލަސްވުން ކުރިމަތިވާގޮތް ވެސް ވެއެވެ. މީގެ އިތުރުން އެތެރޭ ހަށީގެ ވަރަށް ގިނަ ގުނަވަންތަކުގައި ސިފިލިސް ގެ ސަބަބުން އިންފްލެމޭޝަން އުފެދި ގެއްލުންތަކާއި ކުރިމަތި ކުރުވައެވެ.

އުމުރުގެ ފަހުކޮޅު ފެންނަ އަލާމާތްތައް

މިއަލާމާތްތައް ފެންނަނީ އުމުރުން 2-30އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ. ފަހުކޮޅު ފެންނަ އަލާމާތްތައް ކުރިން ބަޔާންކުރެވިފައިވާ 3ވަނަ މަރުހަލާއާއި ވަރަށް އެއްގޮތެވެ. ބޮލުގެ ނާށިގަނޑި، ނޭފަތުގެ ދެހިނދުރި ވަކިކުރާބައި، އަދި ދިގުކަށިތައް ފަދަ ބައިތަކުގައި ''ގަމާ'' އުފެދޭގޮތް ވެއެވެ. ފައިގެ ތިރީގައިވާ ދެކަށިގަނޑުގެ ތެރެއިން ''ޓިބިއާ'' އޭ ކިޔޭ ކަށިގަނޑުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލައިގައި އިންފްލެމޭޝަން އުފެދި، އެކަށިގަނޑުގެ ކުރިމަތީބައިގައި ކަށީގެ އާ ޓިޝޫތައް ޖަމާވުމުން ''ކަނޑިއެއްގެ ސިފަޔަށް'' (Saber tibia)''ޓިބިއާ''ގެ ބައްޓަން ބަދަލު ވެއެވެ. ހަމަމިހެން ބޮލުގެ ނާށިގަނޑުގެ ސިފަ ހަތަރެސްކަން ބައްޓަމަށް ބަދަލުވެގެން ދެއެވެ.

ލޮލުގެ ކަޅުކަޅި އަދި ރެޓިނާ ފަދަ ބައިތަކަށް އަސަރު ފޯރުމުން ލޯއަދިރިވުން ފަދަ ކަންތައް ކުރިމަތި ވެއެވެ. ހުޅުތައް ފުފިބޮޑުވެ، އޭގެތެރެއަށް ދިޔާއެއްޗެއް ފޭދުން ފަދަ ކަންތައްތައް ވެސް ކުރިމަތިވާގޮތް ވެއެވެ. ހީކެރުވުމާއި އެކު ގައިގައި ރިހުން ، އަދި ގަދަ ފިންޏަށް ހުށަހެޅޭހިނދު ކުޑަކަމުދާ ތަކެތީގެ ކުލަ އަދިރިވުން ނުވަތަ ގަދަވުމަކީ ވެސް މިމަރުހަލާގައި ވެދާނެ ގޮތެކެވެ. އަޑުއެހުމަށް އެހީވެދޭ ނާރު ނުވަތަ ކަންފަތާއި ސިކުނޑި ގުޅުވައިދޭނާރު އަށް ސިފިލިސްގެ އަސަރު ފޯރައިފި ނަމަ ބީރުވުން ކުރިމަތި ވެއެވެ.

މަތީ މެދު ދެދަތް ކުރުވެ، ދޭތެރެދުރުވެފައި ހުރުމާއި އެކު، ފޭރަތް ދަތް ހުންނަހެން އެދެދަތް ހުރުމަކީ ވެސް ވެދާނެގޮތެކެވެ. މިގޮތަށް ހުރުމަށް ކިޔަނީ ''ހަޓްކިންސަން ދަތް''(Hutchinson's teeth)އެވެ.

ސިފިލިސް އިން ރައްކާތެރިވާނީ ކިހިނެއް؟

އަންނަނިވި ކަންތައްތަކަކީ ސިފިލިސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.

- މާބަނޑު ދުވަސްވަރު ސިފިލިސް ހުރިތޯ ދެނެގަނެ ފަރުވާކުރުން

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.