ހޮނިހިރު20200919

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އޮށާޅަ: ޒުވާންކަމުގެ ހަތުރެއް

އޮށާޅަ: ޒުވާންކަމުގެ ހަތުރެއް

oshaalhaއޮށާޅަ: ޒުވާންކަމުގެ ހަތުރެއް

ގައިގެ އެކި ހިސާބުތަކުގައި ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުމަކީ، ފުރާވަރުގެވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. އެކަމަކު މިއީވަކި ޢުމުރަކަށް ޚާއްޞަ ހަމުގެ ބައްޔެއްނޫނެވެ. ޓީން އޭޖްއަށް ވުރެމަތިން ، ޢުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށްވެސް މިކަމާއި ކުރިމަތިލާންޖެހެނީ މަދެއްކޮށެއް ނޫނެވެ.

ބައެއްފަހަރަށް މޫނުގައި ނުވަތަ ގައިގައި ބިހިނެގުމަކީ ވަކިޢުމުރަކަށް އެޅީމަ ކޮންމެހެން ދިމާވާން ޖެހޭކަމެއް ކަމަށް ހީކޮށް އެކަމަށް ފަރުވާނުކޮށް ދޫކޮށްލެވޭތަން އާދެއެވެ. މިކަމުގެ ނަތީޖާއަކަށްވަނީ ބަލިފަސޭހަނުވެ ، މޫނުގައި ވަޅުގަނޑު ހެދި ތިމާގެ ސޫރައަށްވެސް އެކަމުން އަސަރުކުރުމެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައްވެސް ވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވެއެވެ.

މިފަދަ ޞިއްޙީ ކޮންމެ ކަމެއްގައިވެސް އޮތް އެއްމެ ބުއްދިވެރި ގޮތަކީ، ކަމާއި ގުޅޭ ޑޮކްޓަރަކަށް ދައްކައި އޭނާގެ ލަފާގެ މަތިން ވީހާވެސް އަވަހަކަށް ފަރުވާ ލިބިގަތުމެވެ.

އޮށާޅަ ނަގަނީ ކީއްވެ؟

އޮށާޅަ ނެގުމަށް ވަރަށްގިނަ ބަހާތަކެއް ހިއްސާވެއެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ.

1- ފުރާވަރަށްއަރަމުން އަންނަ ދުވަސްވަރުގައި ހަށިގަނޑުގެ ހޯރމޯންގެ މިންވަރު އިތުރުވެއެވެ. މިހޯރމޯންތައް ހަމުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑްތަކުގެ ސައިޒާއި މަސައްކަތް އިތުރުކުރެއެވެ.

2- ތެޔޮ އުފައްދާ ގްލޭންޑްތަކުން ބޭރުކުރާ ތެޔޮ ހަމުގެފަށަލައާއި ހަމައަށް ގެނެސްދޭ ކެނަލްތައް ހަމުގަހުންނަ ޕްރޮޓިން މާއްދާއެއްކަމުގައިވާ ކެރަޓިން އިން ބެދެއެވެ.

3- ގްލޭންޑްތަކުގެ މަސައްކަތް އިތުރުވެ، ކެނަލްތައް ބެދުމުގެ ސަބަބުން ހަމުގައާއި ތެލުގައި އުޅޭ ބެކްޓީރިއާ އިތުރުވެއެވެ.މިކަމުގެ ސަބަބުން ހަމުގައި އިންފްލެމޭޝަން ( ދުޅަވެ ފުއްޕުން) އުފެދެއެވެ.

އޮށަޅައަށް ފަރުވާކުރަމުންދާއިރު، މޫނު ދޮވުމަށް އިރުޝާދު ދެވުނުކަމުގައިވިޔަސް އެއީ ހިރަފުހުން ނުވަތަ ހަޑިން ޖެހޭ ބައްޔެއްނޫނެވެ. ބައެއް ބިހީގައި ހުންނަ ކަޅުތަންކޮޅަކީ ހިރަފުސް ކަމަށް ބައެއްމީހުނަށް ހީވެއެވެ. އެކަމަކު އެއީ ތެޔޮ ކެނަލްތައް ހިކި އޮކްސިޑޭޓް ވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

މެދުމިނުގެ ނުވަތަ އާދައިގެ އެންޓިބެކްޓީރިއަލް ( ބެކްޓީރިއާއީ އިދިކޮޅަށް މަސައްކަތްކުރާ ) ސައިބޯންޏެއް ބޭނުންކޮށްގެން ، ދުވާލަކު ދެފަހަރު މޫނުދޮންނާށެވެ.މޫނުގެ ހަމަކީ ތެޔޮ ހަމެއްކަމުގައިވާނަމަ، އެއަށް ވުރެ ގިނައިން ދޮންނަންވާނެއެވެ.

ހަމައެފަދައިން ބޮލުގައި ޤަވާޢިދުން ޝޭމްޕޫލުމަކީވެސް އޮށަޅައަށް ފަރުވާކުރުމުގައި ވިސްނަންޖެހޭކަމެކެވެ. އިސްތަށިގަނޑު ބޮޑަށް ތެޔޮވިވަރަކަށް ، ދޮންނަންޖެހޭ މިންވަރު އިތުރުކުރަންޖެހޭނެއެވެ. ހަމަ އެފަދައިން މޫނަށް ތެޔޮ ފޭބިޔަނުދިނުމަށްޓަކައި، އިސްތަށިގަނޑު މޫނުމައްޗަށް ނުވެއްޓޭގޮތަށް ފުނާއެޅުން ރަނގަޅުވާނެއެވެ.

އަބަދުވެސް ބޭނުންކުރާ ކޮސްމެޓިކްސްއަކީ ވޯޓަރ ބޭސްޑް ނުވަތަ ފެނުން ހެދިފައިވާ ( އިންގްރޭޑިއެންޓްސް ބަލާއިރު އެއްމެފުރަތަމަ ފެން ހިމެނިފައިވާ) އެއްޗެއްކަމަށް ހަދާށެވެ.

ވެސްލިންއާ، ކޮކޯ ބަޓަރއާ، ކޯލްޑް ކްރީމްއާ، ވިޓަމިން އީ ތެޔޮ ފަދަ ގްރީސް ހިމެނިފައިވާ ތަކެތި ބޭނުންކުރުމަކީ ރަނގަޅުކަމެއްނޫނެވެ. މޫނުގެ ހަމަކީ ހިކި ނުވަތަ ހަރު ހަމެއްކަމުގައިވާނަމަ، ޑޮކްޓަރގެ ލަފާގެ ދަށުން ހަމާއި ގުޅޭކަހަލަ މޮއިސްޗަރައިޒަރ އެއްބޭނުންކުރާށެވެ.

ކާނާ

ކުރިން ބެލެވިފައިވާގޮތުގައި ގްރީސް ހިމެނޭ ކާނާ ކެއުމުން މޫނުގައި ބިހިނެގުން އިތުރުކޮށްދެއެވެ. ނަމަވެސް މިޒަމާނުގެ ހޯދުންތަކުން، މިއީ ކުށް ހީއެއްކަން ވަނީ ހާމަކޮށްދީފައެވެ. އެހެން ކަމުން އޮށާޅައާއި ދުރުވުމަށްޓަކައި ވަކިބާވަތެއްގެ ކާނާއަކުން ދުރުވެހުރުމަކީ އެހާމުހިއްމުކަމެއްނޫނެވެ. އެހެންކަމުން އާދައިގެ ބެލެންސް ޑައެޓަކާއިއެކު، ޕިއްޒާއާ، ފްރައިޑް ފުޑްސްއާ، ޗޮކޮލެޓްއާ، ޕޮޓޭޓޯ ޗިޕްސްއާ، ލުއި ބުއިންތައް ބޭނުންކުރުމަކުން މައްސަލައެއްނެތެވެ. އެކަމަކު، އެލަރޖިކްވާކަމުގައިވާނަމަ، މިބާވަތުގެ ކާނާއާއި ދުރުހެލިވާންވާނެއެވެ.

މޫނުގައި އޮށާޅަ ނަގަންފެށުމުން ވީހާވެސް އަަވަހަކަށް ފަރުވާކުރަން ފަށަންވާނެއެވެ. މިޒަމާނުގައި އޮށާޅައަށް ވަނީ ވަރަށްގިނަ ވައްތަރުގެ ބޭހާއި ތެރެޕީއުފެއްދިފައެވެ. ނަމަވެސް މިކަމަމުގެ ފަރުވާއަކީ ގިނަ ދުވަސްނަގާކަމެކެވެ. އެހެންކަމުން ބަލިމީހާގެ ކެތްތެރިކަމާއި، ސަމާލުކަން، ފަރުވާލިބިގަތުމުގައި ވަރަށްބޮޑަށް ބޭނުންވެއެވެ. ބޭސްނުކޮށް ގިނަދުވަސް ވާކަމުގައިވާނަމަ، މޫނުގައި ލައްގަނޑުހެދި، ބިހިތަކުގެ އަސަރު ޢުމުރަށް ދެމިގެންދިއުމަކީ ވަރަށްގާތްކަމެކެވެ.

ހިރުވާތީ ނުވަތަ އެނޫންވެސް ސަބަބުތަކާއި ހުރެ ބައެއްމީހުން، ބިހިފަޅާ ، ކޮށްޓާހަދައެވެ. އެކަމަކު، މިހެންކަންތައްކުރުމުން، އިންފެކްޝަން އިތުރަށްފެތުރި، ކުރިން ސަލާމަތުންހުރި ހިސާބުތަކުގައިވެސް ބިހިނަގަންފަށައެވެ.

އާދައިގެ އޮށާޅައަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ކްރީމް ނުވަތަ ސޮލިއުޝަންގެ ބޭނުމަކީ، އިތުރަށް ބިހިނެގުން ހުއްޓުވުމެވެ. ކްރީމްހާކަމުންދާއިރު ބައެއް ފަހަރަށް މޫނުގެ ހަން ހިކި، ފިޔާތޮށި ކުލައަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެއީ އާދައިގެކަމެކެވެ. މިގޮތަށް ކަންތައް ދިމާވިޔަސް ބޭސްހޭކުން ހުއްޓާނުލާށެވެ. އެކަމަކު ބޭހުގެ ސަބަބުން މޫނުކަހާ ހިރުވާގޮތްވާކަމުގައިވާނަމަ، ބޭސް ބޭނުންކުރާ ދޭތެރެ ދުރުކޮށްލާށެވެ.

މާގިނައިން އޮށާޅަނަގާފައިވާކަމުގައިވާނަމަ، ބޭނުންކުރާ ޓްރޮޕިކަލް ބޭހާއި އެކު އެންޓި ބައޮޓިކްސް ގުޅަ ބޭނުންކުރެވިދާނެއެވެ. ބޭހުގެ އަސަރު އެކިމީހުނަށް ކުރަނީ އެކިވަރަށް ކަމުގައިވާތީ ޢާއްމު ގޮތެއްގައި ކޮންމެ 4 ނުވަތަ 5 ހަފުތާއަކުން، ބިހިތައް ރަނގަޅަށް ކޮންޓްރޯލްވަންދެން، ބޭހުގެ ބާރުގަދަ ކުރެވިދާނެއެވެ.

އެކްނި ސަރޖަރީ :

ސާރޖެރީހަދައިގެން މޫނުގައި ހުންނަ އޮށާޅަތައް ތަންކޮޅެއް އަވަސް މުއްދަތެއްގެ ތެރޭގައި ސާފުކުރެވިދާނެއެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިޚިދްމަތް ލިބޭނެމަގުވަނީ ތަނަވަސް ވެފައެވެ.

އިންޓްރާ ލީސަނަލް ކޯރޓީކޯސްޓީރޮއިޑް ތެރަޕީ :

މިއީ ، ވަރަށް ހިމަ ކައްޓެއް ބޭނުންކޮށްގެން ކޮންމެ ބިއްސަކަށް (ސިސްޓް) ވަކިން ދެވޭ ފަރުވާއެކެވެ. ނިސްބަތުން ބަލާއިރު، ތަދުކަމެއް އިޙްސާސްކުރަން ނުޖެހޭ މިފަރުވާގައި ކޮންމެ ބިއްސަކަށްވެސް ވަކި ވަކިން ޑިލިއުޓް ކޯރޓިޒޯން އެޅުމުން ބިހިތައް ސާފުވެ ރަނގަޅުވާލެއް އަވަހެވެ.

އެކިއުޓޭން ތެރަޕީ :

ކޮންވެންޝަނަލް ބޭސްތަކުން ރަނގަޅުނުވާ ވަރަށް އޮށާޅަ ނަގާފައިވާ މީހުނަށް ފަރުވާކުރުމަށްޓަކައި 1982 ގައި އަނގައިން ދެވޭ ބޭހެއްކަމުގައިވާ އައިޒޯޓްރިޓިނޮއިން (އެކިއުޓޭން) ތަޢާރަފްކުރެވުނެވެ. މިބޭހުން ދެވޭ ފަރުވާ ގާތްގަނޑަކަށް މެދުނުކެނޑި 5 މަސް ދުވަސްވަންދެން ކުރިއަށް ގެންދަންޖެހެއެވެ. އެކިއުޓޭން ބޭނުންކުރުމުން ޢާއްމުގޮތެއްގައި ބިހިތައް މުޅިންހެން ނައްތާލެވެއެވެ. ނަމަވެސް މިބޭސް ބޭނުންކުރަމުންދާއިރު އޭގެ ސަބަބުން ދިމާވާނެ ސައިޑް އިފެކްޓްސްތަކަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ.

ކުރީގެ ބިހިތަކުގެ ނިޝާންތައް ރަނގަޅުކުރުން

ބިހިރަނގަޅުވިޔަސް އޭގެ ލަކުނު މޫނުމަތީގައި ހުރެއެވެ. ލަކުނުތައް ދުއްވާލެވޭނެ ގޮތްތައް މިއަދުގެ ކުރިއަރާފައިވާ ބޭސްވެރިކަމުގައި ވަނީ ތަޢާރަފްކުރެވިފައެވެ.

ލަކުނުތައް ނައްތާލުމުގެ މަސައްކަތް ފެށޭނީ، ބިހިނެގުން ހުއްޓުވުމަށް ފަހުގައެވެ. ކޮސްމެޓިކް ސަރޖަރީ ހަދާ މީހަކަށް ދައްކައިގެން އޭގެ ފަހުން ، ކުރިން މޫނުހުރިގޮތަށް ބަދަލުކުރެވިދާނެއެވެ. އޭގެ އިތުރުން އެކިވައްތަރުގެ ކެމިކަލް އުނގުޅައިގެން ވެސް ހަމުގައި ހުންނަ އާދަޔާއި ޚިލާފު ކުލަތައް ފިލުވާލެވިދާނެއެވެ. މިވައްތަރުގެ ކެމިކަލްތަކުން ކުރާ މަސައްކަތުން ހަމުގެ މަތީފަށަލަ ދުއްވާލައެވެ. ވަރަށް މަތީ ހަކަތައެކުލެވިފައިވާ، ލޭޒަރ ދޯދި ބޭނުންކޮށްގެން ވެސް ލަކުނުފިލުވުމުގެ މަގުވަނީ މިއަދު ތަނަވަސް ވެފައެވެ. ލޭޒަރ ގެ ބޭނުން ކުރުމުން ހަމުގެ އެއްމެ މަތީ ފަށަލައިގެ އިތުރުން އެހެން ފަށަލަތައްވެސް އާކުރެވިދާނެއެވެ. އަދި ލޭޒަރއިން ދެވޭ ފަރުވާއިން ހަންގަނޑަށް އިތުރު އޮމާންކަން ގެނެސްދެއެވެ. ލޭޒަރ އިން ފަރުވާ ކުރެވޭ ހިސާބަށް ވުރެ އަޑީގައި ހުންނަ ކުލަތައް ދުއްވާލުމަށްޓަކައި ބޭނުންކުރެވެނީ ޕަންޗުކިޔާ ސަރޖިކަލް ހަތިޔާރެކެވެ.

އާދައިގެ ކުދި ސޮފްޓް ލަކުނު ހުންނަތަންތަން ރަނގަޅުކުރުމަށް، ބޭނުންކުރެވެނީ ތަބަޢީ ޕްރޯޓީންއެއްކަމުގައިވާ ކޮލާޖިން އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.