ހޯމަ20180514

އާކުރެވުނީ: 08:43:52

ނޭވާހިއްލުން

Asthma 2ނޭވާހިއްލުމޭ ބުނާ ބަހަށް، ޑޮކްޓަރީ ބަހުގައި ކިޔަނީ ބްރޮންކިއަލް އެސްމާއެވެ. އެސްމާ ނުވަތަ އެޒްމާ ވެސް ކިޔައެވެ. ނޭވާހިއްލުންކުޑަކުދިންނަށް ކުރިމަތިވާ ފަދައިން ބޮޑެތިމީހުންނަށް ވެސް ކުރިމަތިވެއެވެ. އަދި ހަމައެހެންމެ ޢާންމު ކޮށް މިކަން ކުރިމަތިވަނީ ބޮޑެތި މީހުންނަށްވުރެ ބޮޑަށް ކުޑަކުދީންނަށެވެ.

މައުޟޫއަށް ދިއުމުގެ ކުރިން ކުޑަ ކަސްރަތެއްކޮށްލުން ކިހިނެއްވާނެބާ؟

ލެވޭހާ އެންމެ ފުނަކަށް ނޭވާއެއްލުމަށެވެ. މަޑުމަޑުން އެތެރެއަށް ލެވޭނެ އެންމެ ފުނަށް ނޭވާއެއް ލާށެވެ. ދެން ހަމަ މަޑުމަޑުން ބޭރު ކުރަމުންގޮސް ނޭވާ ބޭރަށްލާށެވެ. އެއްވެސް މައްސަލައެއް ދިމާނުވެ އަރާމުކޮށް ނޭވާލެވިއްޖެ! އެހެންނު!! ހެހެހެ!!

އެހާ ފަސޭހަކޮށް ނޭވާލެވުނީ ނޭވާލުމުގެ ނިޒާމުގައި މައްސަލައެއް ނެތީމައެވެ. އިންސާނާގެ ނޭވާލުމުގެ ނިޒާމުގައި މައްސަލައެއް ދިމާވެފައި ނުވާނަމަ ނޭވާލުމަކީ ވަރަށް ފަސޭހަ ކަމަކެވެ.

ނޭވާހިއްލުމަކީ ކޮބާ؟

ނޭވާހިއްލުން ނުވަތަ އެސްމާއަކީ ފުއްޕާމެޔަށް (ލަންގް) ދިމާވާ ބައްޔެކެވެ. ނޭވާލުމަށް ފުއްޕާމެޔާއި ގުޅިފައިވާ ހޮޅި(ބްރޮންކަސް) ގައި އިންފްލެމޭޝަންއެއް އުފެދި، ދަވަހެދި، އެހޮޅީގެ އެތެރެފަރާތް ދުޅަވެ، އެހޮޅީގެ މަސްތަކަށް ވާންވެ ނަތީޖާއެއްގެ ގޮތުން އެހޮޅި ހިމަވެގެން ނޭވާލާން އުދަގޫވާ އުދަގޫވުމަށް ކިޔަނީ ނޭވާހިއްލުމެވެ.

އަދި މިހެންވުމުގެ ސަބަބުން މެޔަށް ބާރުކޮށް، ކެއްސާ، ނޭވާލާހޮޅި ހިމަވެ ވައި ދަތުރުކުރުމަށް އުދަގޫވުމުން ނޭވާލާއިރު އަޑުވެސް އިވެއެވެ. މިއަށް ކިޔަނީ 'ވީޒް" އެވެ. ނޭވާލާން މާބޮޑަށް އުދަގޫވެ އެކަށޭނެވަރަށް ނޭވާނުލެވިއްޖެނަމަ، ލޭގައި އޮކްސިޖަން ހުންނަންޖެހޭވަރު ދަށްވެގެންދެއެވެ. އެކިކުދީންނަށް މިކަން ކުރިމަތިވަނީ އެކިވަރުވަރަށެވެ. ނޭވާހިއްލުން ދިމާވަނީ އެޕިސޯޑްތަކަށް ކަމުން ބަލީގެ ޢަލާމާތްތައް ނުހުންނަ ދުވަސްވަރު ކުޑަކުދީން ހެލިފެލިވެ އުޅޭނެއެވެ.

ބައެއްމީހުން ނޭވާހިއްލުމަށް، ނޭވާލާން އުދަގޫވުމޭވެސް ކިޔައެވެ. އެހެންނަމަވެސް މިބަހާއި އެންމެ ގުޅޭ ބަހަކީ، ޑޮކްޓަރީބަހުން ކިޔާ "ޑިސްނިއާ"ކަމުން މިބަސް ނޭވާހިއްލުމުގެ މާނާއިގައި ބޭނުން ކުރަން އަޅުގަނޑަކަށް ނުފެނެއެވެ.

ނޭވާހިއްލަން މެދުވެރިވަނީ ކީއްވެ؟

ޑޮކްޓަރީ ޢިލްމުވެރިން ވިދާޅުވާގޮތުގައި މިބައްޔަކީ ވާރުތަކުރާބައްޔެކެވެ. މަންމަ ނުވަތަ ބައްޕައަކީ ނޭވާހިއްލާ މީހެއްކަމުގައިވާނަމަ އެމީހުންގެ ދަރިއަށް ނޭވާހިއްލުން ޖެހުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. އެހެންވެ މިބައްޔަކީ ޖީން އާއި ގުޅިފައިވާ ބައްޔެއްކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް މިފަދަ ކުދީންނަށް ނޭވާހިއްލުންޖެހޭނީ އަދި އެއްކަމަކަށް އެކުދިން ހުށައެޅިގެންނެވެ. އެއީ އެކުދީން ދިރިއުޅޭ ވެއްޓާއި ގުޅިފައިވާ ކަންކަމެވެ. މި ބުނެވުނު ކަހަލަ ކުއްޖަކު ތިރީގައި މި ބަޔާންކުރާ ކަމަކުންކުރެ ކަމަކަށް ހުށައެޅިއްޖެނަމަ ނޭވާހިއްލުން ޖެހޭނެކަމީ މާ ދުރުގައިވާ ކަމެއްނޫނެވެ.

- އަރިދަފުސް ރޯގާ ޖެހުން، ސައިނަސައިޓިސް (ސައިނަސްގައި އިންފްލެމޭޝަންއެއް އުފެދުން) އަކީ އެސްމާ އިތުރަށް ގޯސްކުރާ ކަމެކެވެ.

- ސެއްޅިއާއި މަކުނުފަދަ އެކި ވައްތަރުގެ ސޫފިތައް.

- ހިރަފުހާއި މާތައް ފޮޅޭ މޫސުމުގައި ގަސްގަހުން އަންނަ ކުނޑިތައް.

- އެލާރޖީ. ބައެއް ކާނާ؛ ބިސް، މަސް.

- އެކި ޒާތްޒާތުގެ ދުންތައް، ސިގަރޭޓް ދުމަކީ މީގެ ތެރޭން ފާހަގަކޮށްލެވޭ ދުމެކެވެ.

- ޖަނަވާރުގެ ކެހެރި ނުވަތަ ދޫނިސޫފާސޫފީގެ ފަތްތައް.

- ވައި ނުސާފުވުން. އެކިވައްތަރުގެ ވަސްތައް.

- މޫސުން ބަދަލުވުން. ޢާންމުކޮށް ފިނިމޫސުން.

- ކަސްރަތު. މާގިނައިން ދުވުން ފަދަ ކަންކަން.

- ދެރަވުމާއި ރޮވުން، އަދި މާގިނައިން ހުނުމާއި ރުޅިއައުންފަދަ އިމޯޝަނަލް ކަންތައްތައް.

ބަލީގެ ޢަލާމާތްތައް

1. ނޭވާހިއްލާނީ ޢާންމުކޮށް ރޭގަނޑު ނުވަތަ ރޭގަނޑު ނިދާފައިވަނިކޮށެވެ. އަދި ހެދުނުގެ ވަގުތުގައިވެސް ނޭވާލާން އުނދަގޫވެ ނޭވާހިއްލަފާނެއެވެ.

2. ނޭވާލާން އުނދަގޫވުމާއެކު، މެޔަށް ބާރުވެ، ކެއްސާ، ހިތްނުތަނަވަސްވާގޮތް ވާނެއެވެ. އަދި ބޭރަށް ނޭވާލާއިރު އުނދަގޫކަން އިޙުސާސްކުރެވޭނެއެވެ. އަދި ނޭވާލާ ހޮޅި ހިމަވުމުން ބޭރަށް ނެވާލާއިރު ވީޒް ކުރާ އަޑު އިވޭނެއެވެ. ( ކުޑަކުދީންގެ ނޭވާލާ ހޮޅި ބޮޑެތިމީހުންނަށްވުރެ ހިމަވާނެއެވެ. އަދި އާދައިގެ ރޯގާއެއްޖެހިގެން މިހޮޅި ހިމަވުމުގެ ފުރުސަތު މާބޮޑުވާނެއެވެ. ވުމާއެކު ކުޑަދީންގެ މެއިން ވީޒްގެ އަޑު މާބޮޑަށްއިވޭނެއެވެ.)

3. ކެއްސުމާއެކު ކަރުތެރޭން މަދުމަދުން އަރިދަފުސް ރޯގާ ވެސް އައިސްފާނެއެވެ.

4. މާ ސީރިއަސް ޙާލަތްތަކުގައި ހިތުގެ ވިންދު އަވަސްވުމާއި، މީހާގެ ހޭވެރިކަމަށް އުނދަގޫވުމާއި، ވާހަކަ ދައްކާން އުނދަގުވެ، މީހާ ނޫވުން ކަހަލަ ކަންކަންވެސް ހިމެނެއެވެ.

5. ޢާންމުކޮށް މިކަންތައް ހުންނާނީ ކުޑަ އިރުކޮޅަކަށް ނުވަތަ ގަޑިއިރަކަށެވެ. ބައެއްފަހަރު ގަޑިއިރުތަކަކަށް އަދި ދުވަސްތަކަކަށްވެސް ދެމިގެންދެއެވެ.

6. ކުރިންވެސް ބުނެވުނުހެން ނޭވާހިއްލުން އަންނަނީ ދުވަސްވަރުތަކަކަށް ކަމުން، ދެ އެޓެކް ދޭތެރޭގައި ބަލީގެ ޢަލާމާތެއް ފެންނާކަށް ނުހުންނާނެއެވެ. އެހެންނަމަވެސް އެއީ މިބައްޔާއެކު ނޭވާލުމުގެ ނިޒާމުގެ އެހެން ބައްޔެއް ނުވާނަމައެވެ.

ސަލާމަތުން ހުރުމަށް ކުރެވިދާނެ ބައެއް ކަންތައް؟

ނޭވާހިއްލުމަކީ ކޮންޓްރޯލް ކުރެވޭ ބައްޔެއްކަމުން ބަލީގެ ޢަލާމާތްތަކާއި ބަލިޖެހޭގޮތް ދަނެގަނެ އެކަންކަމަށް ތިމާގެ އަމިއްލަ ނަފުސާއި ދަރިން ސަލާމަތްކޮށްގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައް:-

1. އަރިދަފުސް ރޯގާ ފަދަ ނޭވާލުމުގެ ނިޒާމަށް ޖެހޭ އާދައިގެ ބަލިތަކުން ސަލާމަތްވުމަށް ޑޮކްޓަރެއްގެ މަޝްވަރާހޯދުން. ސައިނަސްގެ މައްސަލަތަކަކީ އެސްމާ އިތުރަށް ގޯސްކޮށް ބަލިބޮޑުކުރާ ކަމެއްކަމުން މިފަދަ ކަންކަމަށް ސަމާލުވުން.

2. ކުޑަދަރިފުޅު ނިދާ އެނދާއި، ކޮޓަރިއާއި މާހައުލު އަދި ހިފައިގެންގުޅޭ ތަކެތި ހިރަފުހުން ސަލާމަތްކުރުން. އެނދުގެ ބެޑްޝީޓާއި ބާލީސްއުރަ އަވަސް އަވަހަށް ބަދަލުކުރުން. ސެއްޅިފަދަ ލޮލަށް ނުފެންނަ ޒާތުގެގެ ސޫފިތަކަކީ ނޭވާހިއްލުން ޖައްސުވާ އެއްޗިއްސެވެ. މިބާވަތުގެ އެއްޗިއްސަކީ އެނދުގައި ވަރަށް ގިނައިން އުޅޭ އެއްޗިއްސެވެ.

3. މާ ފޮޅޭ މޫސުމުގައި ޖައްވުގައި ހުންނަ ކުނޑިތަކުން ސަލާމަތްވެ ހުރުން. އަދި ބޭރަށް ނިކުންނައިރު، މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނައިގެން ނިކުތުން.

4. ތަފާތު ދުންތަކުން ސަލާމަތްވެހުރުން. ސިގަރޭޓް ގެ ދުމުން ދަރިފުޅު ސަލާމަތްކުރުން. ( ސިގަރޭޓް ބޯމީހެއްނަމަ ދަރިފުޅަށް އަސަރު ނުކުރާފަދަ އެކަހެރިތަނެއްގައި ހުރެގެން އެކަންކުރުން ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުންހުއްޓާލުން)

5. އެލާރޖީވާ އެއްވެސް ކަހަލަ އެއްޗެއްވާނަމަ އެއިން ދުރުވެގަތުމާއި އެއިން ދަރިފުޅު ދުރުކުރުން. ކާނާ؛ ބިސް، މަސް... ބުޅާގެ ކެހެރި، ދޫނިތައް، މާތައް.... ބައެއް ބޭސްތައް ( ޕެނިސިއްލިން)

6. ސާފުވައި ލިބޭގޮތަށް، އުޅޭތަން ބައްޓަންކުރުމާއި ހިތް ނުތަނަވަސްވާ ކަހަލަ ކަންތައްތަކުން ދަރިފުޅު ސަލާމަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.

-ނިމުނީ-

ނޯޓް: ނޭވާހިއްލުމަކީ މިހާރު ދުނިޔޭގައި ކުޑަކުދީންނާއި ބޮޑެތި މީހުންނަށްވެސް ދިމާވާ ކަމެއްކަމުން ޑޮކްޓަރަށް ދައްކައިން، އެ ދެއްވާ ބޭސް ގަވާއިދުން ބޭނުންކޮށް މި ބައްޔާއިބެހޭ މަޢުލުމާތު އެނގި އެގޮތަށް ޢަމަލުތައް ބެހެއްޓުމަކީ މިކަމުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.