އާދީއްތަ20180909

އާކުރެވުނީ: 08:43:52

ކިހުނުވުން (Gonorrhoea)

std-kihunu

 ކިހުނުވުމަކީ ކޮބާ؟

ކިހުނުވުން ކުރިމަތިވަނީ ބެކްޓީރިއާގެ ވައްތަރެއްކަމުގައިވާ ''ނިޒީރިއާ ގޮނޯކޯކަސް''(Neisseria gonorrhoea) އޭ ކިޔޭ އޯގަނިޒަމް އެއްގެ ސަބަބުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ''ގޮނޯރިއާ''(Gonorrhoea)ގެ މާނަ ލަފްޒީ ގޮތުން ކުރާނަމަ ބުނެވޭނީ ''ދަރިފަނިތައް ބޭރުވުން'' މިއެވެ. ''ގޮނޯ''(Gono)މިބަސް ނެގިފައިވަނީ ''ގޮނޯސައިޓްސް''(Gonocytes) މިބަހުންނެވެ. މާނައަކީ ''ދަރިފަނި'' އެވެ. ''ރިއާ''(Rrhoea)މިބަހުގެ މާނައަކީ ''އެއްޗެއް ބޭރުވުން'' މިއެވެ.

މިބަލި އޯގަނިޒަމް ހޯދުމުގެ ކުރިން ގަބޫލުކުރެވިފައިވާ ގޮތުގައި ބައްޔާއި ގުޅިގެން ކުރިމަތި ފަރާތުން ނިކުންނަ ދޮސް އެކުލެވިގެންވަނީ ''ދަރިފަނި'' ނުވަތަ ''މަނި''އިންނެވެ. އެހެންކަމުން މިނަމަކީ އެއާއި އެންމެ ގުޅޭގޮތަށް ދެވިފައިވާ ނަމެއް ނޫނެވެ. ކިހުނުވުމޭ ކިޔަނީ މިއޯގަނިޒަމް އިން ޖެހޭ އިންފެކްޝަން ހަށިގަނޑުގައި އަށަގަތުމަށެވެ. ޖިންސީ ގުޅުމުން އަރާ އެންމެ އާންމު އެއްބައްޔަކީ ކިހުނުވުމެވެ.

ކިހުނުވުން ޖެހެނީ ކިހިނެއް؟

ކިހުނުވުން ޖެހެނީ ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގުމުގެ ސަބަބުންނެވެ. ކުރިމަތިފަރާތުން ވިޔަސް، ފުރަގަސް ފަރާތުން ވިޔަސް ނުވަތަ އަގައިގެ ޒަރީއާއިން ކަމަށް ވިޔަސް ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގުމަކީ ކިހުނުވުން މެދުވެރިވާނެ ކަމެކެވެ. ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުން، ނުވަތަ އާންމު ފާޚާނާ ބަރިތަކުން ފާކާނާ ކުރުން ފަދަ ކަމަކުން ބަލި ޖައްސާ ބެކްޓީރިއާ ހަށިގަނޑަށް ވާސިލްވެދާނެއެވެ. ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ކުޑަދަރިފުޅަށް ވެސް ބަލީގެ އަސަރު ފޯރާފާނެއެވެ. ބަލިޖެހިފައިވާ މީހަކު ކުޑަކުއްޖަކު ނަހަމަގޮތުގައި ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގައިފިނަމަ އެކުއްޖާ އަށް ކިހުވުން ޖެހިދާނެއެވެ.

ހަށިގަނޑުގައިވާ ތެތްދުލިފަށްތައް ހުރަސް ކޮށް ހަށިގަނޑަށް ވަންނަ މިއޯގަނިޒަމްގެ ސަބަބުން ކިހުނުވުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ކުރިމަތި ކުރުވައެވެ.

މިއޯގަނިޒަމް ނަސްލު އުފެއްދުމާއި ބެހޭ ނިޒާމްގެ ތެތް ހޫނު ހިސާބުތަކުގައި ފަސޭހަކަމާއި އެކު ބޮޑުވެ، އިތުރު ވެއެވެ. ރަހިމުގެ ކަރު، ރަހިމް، ބިސްދަތުރުކުރާ ހޮޅި އަދި ކުޑަކަމުދާތަކެތި ހިގާހޮޅި، ފުރަގަސްފަރާތް، އަގަ، ކަރުތެރެ، އަދި ލޮލުގައި މިއޯގަނިޒަމް ހެދި ބޮޑުވެއެވެ.

ފިރިހެނުންނަށް ކިހުނުވުން ޖެހުން

އިންފެކްޝަން އަށަގަންނަތާ 2-14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށައެވެ. މިގޮތުން ކުޑަކަމުދާހޮޅީ(Urethra)ގައި އިންފްލެމޭޝަން އުފެދި، ކުރިމަތި ފަރާތުން ރީދޫ ކުލައަށް ހުންނަ، ދޮސްފާޑުގެ ދިޔައެއް އާދެއެވެ. ކުޑަކަމުދާއިރު ދިލަނަގައި ތަދުވުން، އަދި ކުރިމަތި ފަރާތް ފާރުވެފައި ހުރުން ފަދަ ކަންތައް ތައް ވެސް މެދުވެރި ކުރުވައެވެ.

ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ބަލި ކުޑަކަމުދާހޮޅީގެ ފަހަތުބައި އަދި މަސާނާގެ ތިރީބަޔާއި ހަމައަށް ފެތުރޭގޮތް ވެއެވެ. މިހެން ވެދާވެއްޖެ ނަމަ އަވަސް އަވަހަށް ގިނަގިނައިން ކުޑަކަމުދާންޖެހުން، ކުޑަކަމުދާއިރު ދިލަނަގައި ރިއްސުން، އަދިިކުރިން ބުނި ހެން ދޮސްފާޑުގެ ދިޔައެއް ބޭރުވާގޮތް ވެއެވެ. ބައެއް ފަހަރު އެއްޖިންސުން ޖިންސީގުޅުން ހިންގާ މީހުންގެ ފުރަގަސްފަރާތަށް ވެސް ކިހުނު ބަލީގެ އަސަރު ފޯރާގޮތްވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ނުކޮށް ހުރެއްޖެނަމަ ދާއިމީ ބައްޔަކަށް ވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ހެދުނުގެ ތިކި( ހެދުނު ހޭލާއިރު ކުރިމަތިފަރާތުން ގިނައަދަދަކަށް ދޮސްއައުން) (Morning drop) ފަދަ ކަންތައް މެދުވެރިވެރި ކުރުވައެވެ. ހަމަމިހެން ކުޑަކަމުދާހޮޅި ބެދުން، އަދި އެހޮޅީގެ ވަށައިގެން އެބްސެސް އުފެދުން، އޮށާއި، ދަރިފަނި ދަތުރުކުރާހޮޅި ބެދި ހަލާކުވުން، ދަރިފަނި ރައްކާކުރާ ތަން ހަލާކުވުން، ޖިންސީގުނަވަނުގައިވާ ކައުޕަރ ގްލޭންޑް ހަލާކުވުން، ކުޑަކަމުދާހޮޅީގައިވާ ލިޓްރީ ގްލޭންޑް ހަލާކުވުން، އަދި ޖިންސީގުވަނުވަނުގެ ބޯ ނިވާކުރެވިފައިވާ ހަންގަނޑު(ޚިތާނުނުކުރާމީހުންގެ)ގެ ދަށުގައިވާ ޓައިސަން ގްލޭންޑްހަލާކުވުން، މަސާނާ ހަލާކުވުން، އަދި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ފަދަ ކަންތައްތައް ވެސް ކުރިމަތި ކުރުވައެވެ. އާޚިރު ނަތީޖާ އެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ލޭގެ ތެރެއަށް ޖަރާސީމް ވާސިލްވުމަކީ ވެސް މަދުން ނަމަވެސް ދިމާވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެއްނަމަ ހުންއައުން، އަތްފައިގެ ހަންގަނޑުގައި ބިހިތަކެއް ނެގުން، ހުޅުތައް ދުޅަވެ، ރިއްސުން، ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް ދުޅަވުން، ފުރަމޭ ދުޅަވުން، އަދި ހިތުގެ ބޭރުންލެވިފައިވާ ދުލިފަށަލަ ހަލާކުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

އަންހެނުންނަށް ކިހުނުވުން ޖެހުން

ކުޑަކަމުދާހޮޅި އަދި ރަހިމުގެ ކަރުގައި އިންފްލެމޭޝަން އުފެދެއެވެ. ކުރިމަތި ފަރާތުން އާންމުކޮށް އަންނަ ދިޔަ ފިޔަވައި، ހުދު، ނުވަތަ ރީދޫ، ނުވަތަ ފެހި ކުލައިގެ އެއްޗެއް އައުން، ކުޑަކަމުދާއިރު ދިލަނަގައި ތަދުވެ، ރިއްސުން، ފަދަ ކަންތައްތައް ވެސް މެދުވެރިވެއެވެ. މީގެ އިތުރުން ބަނޑުގައި ރިއްސުން، އަދި ހުންއައުން މެދުވެރި ކުރުވައެވެ.

ކިހުނުވުން ކުރިމަތި ނަމަ ވެސް އެކަން ނޭގިހުރުމަކީ އަންހެނުންނަށް ވެދާނެ ގޮތެކެވެ. އާންމުގޮތެއްގައި 60އިންސައްތަ އަންހެނުންނަށް މިކަމުގެ އަލާމާތްތައް ނުފެނިދެއެވެ. މިފަދަ މީހުން ކިހުނުވެފައިވާކަން އެގެނީ އޭނާގެ ފިރިމީހާ ނުވަތަ އެމީހަކާއި އެކު ޖިންސީގުޅުން ހިންގައިފައިވާ މީހާއަށް ކިހުނުވުން ޖެހިފައިވާކަން އެގޭ ހިނދުގައެވެ. މިފަދަ މީހުންނަށް ބައެއް ފަހަރު ކުޑަކަމުދާން އުދަގޫވުން ފަދަ ކަންތަކާއި ކުރިމަތިލާން ޖެހެއެވެ. ހައިޟުގެ މުއްދަތު ދިގު ދެމިގެންދިއުން، އަދި މާގިނައިން ލޭ އައުން މިއީ ވެސް ކިހުނުވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކެވެ. އާންމުގޮތެއްގައި އަލާމާތްތައް ފެންނާނީ ޖަރާސީމް އަށަގަންނަތާ 7-21 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ބައެއް ފަހަރު ބަލި ބިސްދަތުރުކުރާ ހޮޅި(Fallopian tube)އާއި ހަމައަށް ފެތުރި، ހޮޅި ބެދޭގޮތް ވެއެވެ. ނަތީޖާ އެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ޕަރަޔުރެތްރަލް އަދި ބާރތޮލިން ގްލޭންޑްތައް ހަލާކުވުން، ރަހިމުގެ ވަށައިގެން ލެވިފައިވާ ތެތްދުލިފަށް ހަލާކުވުން، އަދި ޖިންސީގުނަވަން ނުވަތަ ވެޖައިނާ ހަލާކުވުން ފަދަ ކަންތައްތައް ވެސް ކުރިމަތި ކުރުވައެވެ. ބިސްދަތުރުކުރާ ހޮޅީގައި ފެން ނުވަތަ ދޮސް ފަދަ އެއްޗެއް ޖަމާވުމަކީ ވެސް ނުރައްކާތެރި ހާލަތަކަށް ބަލި ވާސިލްވެއްޖެ ނަމަ ވެދާނެ ގޮތެކެވެ.

* ކުޑަދަރިފުޅު އުފަންވާއިރު ލޯއަދިރިވެފައި ހުރުމަކީ ވެދާނެ ގޮތެކެވެ. މިކަން ދިމާވަނީ ކިހުނުވުން ޖެހިފައިވާ މައިމީހާގެ ފަރާތުން ބަނޑުގައިވާ ކުޑަދަރިފުޅުގެ ލޮލަށް ވިހެއުމުގެ އިންފެކްޝަން ވާސިލްވުމުންނެވެ.

* އަގަ އަދި ކަރުތެރެ ފާރުވެ ހަލާކުވުމަކީ ވެސް ވެދާނެގޮތެކެވެ. މިކަން ދިމާވަނީ ކިހުނުވުން ކުރިމަތިވެފައިވާ މީހަކާއި އެކު އަގައިގެ ޒަރީއާއިން ޖިންސީ ގުޅުން ހިންގައިފިނަމަ އެވެ.

* ފުރަގަސްފަރާތު ދޮރާއި ވަށައިގެންވާ ހިސާބު ފާރުވެ ހަލާކުވުން، ފުރަގަސްފަރާތު ދޮސްފަދަ އެއްޗެއް އައުން ، ލޭއައުން، ބޮޑުކަމުދާއިރު ރިއްސުމަކީ ވެސް ވެދާނެގޮތެކެވެ. މިކަން ދިމާވަނީ ކިހުނުވުން ޖެހިފައިވާ ފިރިހެނާގެ ފުރަގަސްފަރާތް ބޭނުންކޮށްގެން ޖިންސީގުޅުން ހިންގުމުން (ފިރިހެނުންގެ ތެރެއިން އެއްޖިންސުން ޖިންސީ ގުޅުން ހިންގާމީހުން) ނުވަތަ އަންހެނާގެ ފަރުޖުން ބޭރުވާ ދިޔަ ފުރަގަސް ފަރާތު ދޮރާއި ހަމައަށް ވާސިލްވުމުންނެވެ.

ކިހުނުވުމުން ރައްކާތެރިވާނީ ކިހިނެއް؟

އަންނަނިވި ކަންތައްތަކަކީ ކިހުނުވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.

- މާބަނޑު ދުވަސްވަރު ކިހުވުން ކުރިމަތިވިނަމަ ލަސްނުކޮށް ފަރުވާކުރުން

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.