އަޔަން ޑެފިސިއެންސީ އެނީމިއާ ( ދަނގަޑު އުނިވުމާއި ވިދިގެން ލޭމަދުވުން )
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 އޯގަސްޓު 2009
މިއީ ހަށިގަނޑުގައި ދަނގަޑުގެ މިންވަރު ދަށްވުމާއި ގުޅިގެން ލޭމަދުވާގޮތްމެދުވެރިވުމެވެ.
އެނީމިއާގެ އެންމެ އާންމުވައްތަރަކީ މިއީއެވެ. އާބާދީގެ ގާތްގަނޑަކަށް %20 އަންހެނުންނަށް އަދި %3 ފިރިހެނުންނަށް ދަނގަޑު މަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން އުފުލާ ''ހީމޯގްލޯބިން'' ގެ އުފެދުމަށް ދަގަނޑަކީ މުހިއްމު އެއްޗެކެވެ. ހަށިގަނޑަށް ދަނގަޑު ލިބެނީ ބޭނުންކުރާ ކާނާގެ ތެރެއިންނެވެ. ދަނގަޑާނުލައި އޮކްސިޖަން ޓިޝޫތަކަށް ވާސިލްވުމަށް ދަތިވެއެވެ. އޮކްސިޖަން އަކީ ހަށިގަނޑުގެ ހުރިހާ ހަތާތަކެއް ފުރިހަމަ ގޮތުގައި މަސައްކުރުމަށް ބޭނުންވާ މާއްދާއެކެވެ.
އަޔަން ޑެފިސިއެންސީ އެނީމިއާ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކާނާގައި ދަނގަޑު ހިމެނޭ މިންވަރު މާބޮޑަށް ދަށްވުމާއި،ހަށިގަނޑަށް ދަނގަޑު ދަމާމިންވަރު (އެބްސޯޕްޝަން ) މަދުވުމާއި، މާގިނައިން ހަށިގަނޑުން ލޭބޭރުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަންހެނުންނަށް މިވައްތަރުގެ އެނީމިއާ ޖެހުމުގެ މައިގަނޑު ސަބަބެއްކަމުގައި ބެލެވެނީ ހައިޟުގެލޭ އާދަޔާ ޚިލާފަށް ގިނައިން ފޭބުމެވެ. ކުޑަކުދިން ލީޑް އަށް ވިހަވުމަކީވެސް މިވައްތަރުގެ އެނީމިޔާ ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
އިއްދައިގެ އުމުރަށްވުރެ މައްޗަށް ގޮސްފައިވާ އަންހެނުން، އަދި އާންމުގޮތެއްގައި ފިރިހެނުންނަށް މިވައްތަރުގެ އެނީމިއާ ޖެހެން ދިމާވަނީ ގޮހޮރާއިބަނޑުގައި ފާރު އުފެދި ލޭބޭރުވުމާއި، އެސްޕިރިން ފަދަ ބޭސްތައް ބޭނުންކުރުމާއި، އަދި ބަނޑާއި،ބޮޑުގޮހޮރު، ކާތަކެތިހިގާހޮޅި އަށް ކެންސަރު ޖެހުމުގެ ސަބަބުންނެވެ.
އާންމުގޮތެއްގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ހަށިގަނޑުގައި ދަނގަޑު ރައްކާކޮށްފައި ހުންނަ މިންވަރު ދަށެވެ. އެއީ ހައިޟުގެލޭ ގެ ސަބަބުން އަންހެނުންގެ ހަށިގަނޑުން ދަނގަޑުގެ ބޮޑުބައެއް އުނިވެގެންދާތީއެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ އެނީމިއާ ހުށަހެޅުމުގެ ފުރުސަތު އަންހެނުންނަށް ބޮޑެވެ.
(ހ) ހަންގަޑުގެ ކުލަ ދޮންފޫޑުވުން ( ހުދުވުން )
(ށ) ވަރުބަލިވުން
(ނ) ހަށިގަނޑު ދެރަވުން ނުވަތަނިކަމެތި ވުން
(ރ) ނޭވާ ކުރުވުން
(ބ) ދޫ ފާރުވުން
(ޅ) ނިޔަފަތިތައް ދެރަވެ ފަސޭހައިން ބިދޭގޮތްވުން
(ކ) ކާހިތް ނުވުން ( ޚާއްސަކޮށް ކުޑަކުދިން )
(އ) ބޮލުގައި ރިހުން
(ވ) ލޮލުގެ ހުދުކަޅި މަޑުނޫކުލައަކަށް ބަދަލުވުން
ތަހުލީލުތަކުން އަންނަނިވި ކަންތައްތައް ފާހަގަކުރެވޭނެ އެވެ.
(ހ) ހީމޯގްލޯބިން އަދި ރަތްހަތާތަކުގެ މިންވަރު ދަށްވުން
(ށ) ރަތްހަތާތަކުގެ ސައިޒު ކުޑަވުން
(ނ) ސީރަމްގައި ''ފެރިޓިން'' އަދި ދަނގަޑު މަދުވުން
(ރ) ލޭގައި ''އަޔަން ބައިންޑިންގ ކެޕޭސިޓީ'' މަތިވުން
(ބ) ބޮޑުކަމުދާތަކެތީގައި ލޭހުރުން
(ހ) ''ފިރަސް ސަލްފޭޓް'' ގުޅަބޭސް ބޭނުންކުރުން
(ށ) މަސްގަނޑަށް ނުވަތަ ލޭގެ ތެރެއަށް ޖަހާ އިންޖެކްޝަނެއްގެ ޒަރީއާއިން ހަށިގަނޑަށް ދަގަނޑު ފޯރުވައިދިނުން
(ނ) ދަނގަޑުން މުއްސަދި ވެފައިވާ ކާނާ ބޭނުންކުރުން
މިގޮތުން ހިކިމޭބިސްކަދުރު،އެއްގަމުމަސް،މޭ، ކަނޑުމަސް، ބިހުގެގޮބޮޅި، ޕާން އަދި ބަދަން ފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ.
ފިރިހެނުންނާއި، އުމުރުން ދުވަސްވީ އަންހެނުންނަށް އެނީމިއާ ކުރިމަތިވި ވަކި ސަބަބެއް ފަރުވާކުރަން ފެށުމުގެ ކުރިން ހޯދުމަކީ މުހިއްމު ކަމެކެވެ. މާބަނޑުދުވަސްވަރާއި، ގާތުންކިރުދޭ ދުވަސްވަރު ހަށިގަނޑަށް ދަނގަޑު ބޭނުންވާ މިންވަރު އިތުރުވެއެވެ. އެހެންކަމުން މިދުވަސްވަރު ވަކިން ޚާއްސަކޮށް ކާނާގައި ދަނގަޑު އެކުލެވޭ ބާވަތްތައް ހިމެނުމަކީ ފައިދާހުރިކަމެކެވެ.
ދަނގަޑު ގުޅަބޭހުގެ ގޮތުގައި ބޭނުންކުރަން އެންމެ ރަގަޅީ ހައިބަޑާއި ހުރެގެންނެވެ. އެއީ ހައިބަޑާއި ހުރެ ބޭނުންކުރުމުން ދަނގަޑު ހަށިގަނޑަށް ނެގުމަށް ނުވަތަ ހަށިގަނޑުގެތެރެއަށް ދެމުމަށް ( އެބްސޯޕްޝަން ) ފަސޭހަ ވާތީއެވެ. ނަމަވެސް ހައިބަޑާހުރެ މިގޮތަށް ބޭނުންކުރުމަކީ ގިނަބަޔަކަށް ތަހައްމަލުކުރަން އުދަގޫ ކަމަކަށް ވެއެވެ.އެހެންކަމުން ކޮންމެވެސް ކާނާއަކާއި އެކު ބޭނުންކުރުން ރަގަޅެވެ. ކިރުފަދަ ތަކެއްޗާއި އެކު ދަނގަޑު ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. އެއީ ކިރު ފަދަތަކެތި ދަނގަޑު ހަށިގަނޑަށް ނެގުމަށް ހުރަސް އަޅާތީއެވެ. އޭގެ ބަދަލުގައި ވިޓަމިން -ސީ ފަދަ އެއްޗަކާއި އެކު ދަނގަޑު ބޭނުންކުރެވިދާނެއެވެ. ވިޓަމިން-ސީ ދަނގަޑު އެތެރެއަށް ދެމުމަށް އެހީވެ،ހީމޯގްލޯބިން އުފެދުމަށް ބާރުއަޅައެވެ.















